ad_banner
އުޑުގެ ފަރުބަދަތައް (1)

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

14 މޭ 2025

އުޑުގެ ވިލާތައް ފަރުބަދަތަކާ އެއް ފަދައެވެ.

ރުކާމު ވިލާތައް

މިއީ ވިލާގެ ބާވަތެކެވެ. މި ވިލާތައް ފުނިޖެހުމުން ވިއްސާރަ ވިލައަށް ބަދަލުވެގެންދެއެވެ. 

ވިލާގެ ބާވަތްތަކުގެ ތެރެއިން އެއިގައި ގަނޑުފެނާއި ވިދުމާއި ގުގުރި ހިމެނެނީ ހަމައެކަނި މި ބާވަތުގެ ވިލާގައެވެ.

މި ބާވަތުގެ ވިލާ ބައެއް ފަހަރަށް 15 ކީލޯމީޓަރަށް ބޯވެގެން ދެއެވެ.

އެހެންކަމުން އެއީ ފަރުބަދައަކާ އެއް ފަދަ އެއްޗެކެވެ.

ސައެންސީންނަށް ވަރަށް ފަހުން ދެނެގަނެވުނު ޙަޤީޤަތްތަކެއް

މި ޙަޤީޤަތްތައް ކީރިތި ޤުރްއާނުގައި އައިސްފައިވެއެވެ. އެއީ ޙައްޤުވަންތަ އިލާހުގެ ޙައްޤުވަންތަ ބަސްފުޅުކަމުގައި ވާތީއެވެ.

ކީރިތި ޤުރްއާނުގައި މި ބާވަތުގެ ވިލާ އުފެދެމުންދާ ތަފާތު ފިޔަވަހިތަކުގެ ވާހަކަ ވެސް އައިސްފައި ވެއެވެ.

ވިލާތައް ގެނައުމާއި އެއްކުރުމާއި އެއަށް ފަހު ފުނިޖެހުމެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ((أَلَمْ تَرَ أَنَّ ٱللَّهَ يُزْجِى سَحَابًا ثُمَّ يُؤَلِّفُ بَيْنَهُۥ ثُمَّ يَجْعَلُهُۥ رُكَامًا[1]  - ހަމަކަށަވަރުން، اللَّه، ވިލާ ހިންގަވާތީ ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ؟ ދެން އެ ވިލާތައް އެއްކުރައްވަތެވެ. ދެން މަތިމައްޗަށް ހުންނަ ވިލާތަކެއްކަމުގައި ލައްވަތެވެ.))

އެއަށްފަހު ވާރޭވެހެއެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ((فَتَرَى الْوَدْقَ يَخْرُجُ مِنْ خِلَالِهِ  - ފަހެ، އެ ވިލާތަކުގެ ތެރެއިން، ވާރޭ ނުކުމެގެން އަންނާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ.))

سبحان الله! މަތިންދާބޯޓުގައި ދަތުރުކުރަމުންދާ އިރު ވިލާތަކުގެ މައްޗަށް އެރުމުން ނުވަތަ ވިލާތަކުގެ ތެރެއިން އުދުހެމުންދާ އިރު، ތިބާއަށް ވިލާތައް ފެންނާނީ ކީރިތި ޤުރްއާނުގައި ސިފަކުރައްވައިފައިވާ ފަދައިން ފަރުބަދައެއް ގޮތަށެވެ. އޭގެ ބިޔަކަމާއި އުސްކަމާއި ފެތުރިފައިވާލެއް ބޮޑުކަމުންނެވެ. 

الله عزوجل އެކަލާނގެ ކީރިތި ފޮތުގައި ކައުނީ ވަރަށް ގިނަ ޒާހިރާތަކުގެ ޚަބަރު ދެއްވައިފައިވެއެވެ. އިންސާނާއަށް މި ޙަޤީޤަތްތަކާ ހަމައަށް ދެވުނީ ސައެންސީ ކުރިއެރުންތަކުގެ ސަބަބުންނެވެ. ފަންނިއްޔަތުގެ މައިދާނުގައި ޙާޞިލުކުރެވުނު އަރުތަތަކާއި އީޖާދުކުރެވުނު އާލަތްތަކުގެ ސަބަބުންނެވެ.

ކީރިތި ޤުރްއާނުގެ ވަރަށް ގިނަ އާޔަތްތަކެއްގައި ވިއްސާރަވިލާގެ ވާހަކަތައް އައިސްފައިވެއެވެ. މީގެ ތެރެއިން އެއް އާޔަތަކީ ނޫރު ސޫރަތުގެ 43ވަނަ އާޔަތެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ((أَلَمْ تَرَ أَنَّ ٱللَّهَ يُزْجِى سَحَابًا ثُمَّ يُؤَلِّفُ بَيْنَهُۥ ثُمَّ يَجْعَلُهُۥ رُكَامًا فَتَرَى ٱلْوَدْقَ يَخْرُجُ مِنْ خِلَٰلِهِۦ وَيُنَزِّلُ مِنَ ٱلسَّمَآءِ مِن جِبَالٍ فِيهَا مِنۢ بَرَدٍ فَيُصِيبُ بِهِۦ مَن يَشَآءُ وَيَصْرِفُهُۥ عَن مَّن يَشَآءُ ۖ يَكَادُ سَنَا بَرْقِهِۦ يَذْهَبُ بِٱلْأَبْصَٰرِ  - ހަމަކަށަވަރުން، اللَّه، ވިލާ ހިންގަވާތީ ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ؟ ދެން އެ ވިލާތައް އެއްކުރައްވަތެވެ. ދެން މަތިމައްޗަށް ހުންނަ ވިލާތަކެއްކަމުގައި ލައްވަތެވެ. ފަހެ، އެ ވިލާތަކުގެ ތެރެއިން، ވާރޭ ނުކުމެގެން އަންނާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އަދި އުޑުގައިވާ، ފަރުބަދަތައް ފަދަ ބިޔަ ވިލާތަކުން، އެކަލާނގެ ގަނޑުފެން ވެއްސަވަތެވެ. ފަހެ، އެކަލާނގެ އިރާދަކުރައްވާ މީހެއްގައި އެ ޖައްސަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހެއްގެ ކިބައިން އެ، ދުރުކުރައްވަތެވެ. އޭގެ ވިދުވަރުގެ އަލިގަދަކަމުން، ލޯތަކުގެ ފެނުން ގެންދިޔުމާ ގާތްކުރެތެވެ.))

މި އާޔަތުގައި ﷲ ތަޢާލާ މި ވަނީ ވާރޭ އުފެދޭ ގޮތް ބަޔާންކުރައްވައިފައެވެ. އޭގެ ވައްތަރުތަކާއި ބާވަތްތަކާއި އިންސާނުންގެ މެދުގައި އެ ބައްސަވާ ގޮތް ބަޔާންކުރެއްވިއެވެ. ވިލާތައް އުފެދެނީ إزجاءއިންނެވެ. މުފައްސިރުން ވިދާޅުވާ ގޮތުގައި إزجاء އަކީ ވައިން ވިލާތައް މަޑުމަޑުން ލަފައި ގެނައުމެވެ. إزجاءގެ ފިޔަވައްސަށް ފަހު ދެން އަންނަނީ تأليفގެ ފިޔަވައްސެވެ. މި ދެ މަރުޙަލާ ގުޅުއްވައިފައި ވަނީ (ثم – އެއަށް ފަހު)  މި އަކުރުންނެވެ. އެއިން ދޭހަވަނީ އެ ދެ ކަމަކީ ތަރުތީބުން އަންނަ ދެ ފިޔަވަހިކަމެވެ. އެހެނަސް އެ ދެ ފިޔަވަހީގެ ދެމެދުގައި ކަޑައްތުކުރާން ޖެހޭ ވަގުތުކޮޅެއް ވެއެވެ. އެއީ ފުލުފުލުގައި އަންނަ ދެ ކަމެއްނޫނެވެ. ﷲ ތައާލާގެ މި ބަސްފުޅުގެ މުރާދަކީ ﷲ ތަޢާލާ މި ވިލާކޮޅުތައް އެއް ތަނަކަށް ޖަމާކުރައްވައި ވިލާގަނޑަކަށް ހައްދަވައެވެ. ވިލާތައް تأليف ކުރެއްވުމަށް ފަހު، ދެ އަންނާނީ رُكَامގެ (މަތިމައްޗަށް އެ ވިލާތައް ފުނިޖެއްސެވުން) މަރުޙަލާއެވެ. ވިލާތައް تأليفކުރެއްވުމާއި  رُكَامގެ މަރުޙަލާއަކީ ވެސް ތަރުތީބުން އަންނަ ދެ ފިޔަވައްސެކެވެ. މި ދެ ފިޔަވަހީގެ ދެމެދުގައި ވެސް ވަގުތުތަކެއް ހޭދަވާނެއެވެ. އެއީ ފުލުފުލުގައި އަންނަ ދެ ކަމެއްނޫނެވެ.  

ވާރޭއަކީ ﷲ އެކަލާނގެ އަޅުންނަށް ބާވައިލައްވާ ނިޢުމަތެކެވެ. رُكَامގެ މަރުޙަލާއަށް ފަހު، އަންނާނީ ވާރޭވެހުމުގެ މަރުޙަލާއެވެ. މާތް ﷲގެ ބަސްފުޅަކީ  (فَتَرَى الْوَدْقَ يَخْرُجُ مِنْ خِلَالِهِ - ފަހެ، އެ ވިލާތަކުގެ ތެރެއިން، ވާރޭ ނުކުމެގެން އަންނާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ.) ކުރީގެ މަރުޙަލާތަކާ ޚިލާފަށް رُكَامގެ މަރުޙަލާއާ ވާރޭވެހުމާ ދެމެދުގައިވާ ގުޅުން ބަޔާންކުރެއްވުމަށް ބޭނުންފުޅުކުރައްވައިފައިވަނީ  ثم (ދެން)ގެ ބަދަލުގައި   فَ (ފަހެ)އެވެ. މިއިން އެނގެނީ رُكَامގެ މަރުޙަލާއާ ވިދިގެން ވާރޭ ވެހޭންފަށާނެއެވެ. އެ ދެމެދުގައި އިތުރު ވަގުތަކަށް ބޭނުމެއްނުވާނެއެވެ.

سبحان اللهއެވެ!  މާތް ﷲ މި ވަނީ މި ހުރިހައި ޙަޤީޤަތްތަކެއް މީގެ ސާދަ ސައްތަ އަހަރު ކުރީން ކީރިތި ޤުރްއާނުގައި ބަޔާންކުރައްވައިފައެވެ. އިންސާނުންނަށް މި ޙަޤީޤަތްތަކާ ހަމައަށް ދެވުނީ ސައެންސުގެ ކުރިއެރުމާއި ފަންނިއްޔަތުގެ މައިދާނުގައި ޙާޞިލުކުރެވުނު ތަރައްޤީގެ ސަބަބުންނެވެ. މަތިންދާބޯޓާއި ރާޑަރާއި ޖައްވީ އުޅަނދުތަކާއި އިޞްތިނާއީ ހަނދުތަކުގެ ވަސީލަތުންނެވެ. މި ވަސީލަތްތައް ބޭނުންކޮށްގެން ކުރި ޖައްވާއި ހަވާއާ ބެހޭ ދިރާސާތަކުންނެވެ.

ޒަމާނީ މި އަދާތުތައް ބޭނުންކޮށް ކޮށްފައިވާ ދިރާސަތަކުން އެނގުނު ދިރާސާތަކުގެ  އަލީގައި ވިލާތައް ވަނީ ގިންތިތަކަށް ބަހައިފައެވެ. ވިލާ ގިންތިކޮށްފައި ވަނީ ވިލާގެ ބޯމިނަށާއި އުފެދޭ ގޮތުގެ މައްޗަށް ބަލައިގެންނެވެ. އޭގެ ތެރޭގައި ކީރިތި ޤުރްއާނުގައި ވާރިދުވެފައިވާ  رُكَام ވިލާ ވެއެވެ. ވާރޭ އުފެދެނީ މި ބާވަތުގެ ވިލާގައި އެކަނި ކަމަށް މިއަދު ސައެންސް ކަށަވަރުކޮށްދެއެވެ. މި رُكَام  ވިލާ ބަދަލުވަނީ رُكَام مزن ( ވާރޭ رُكَام ) އަށެވެ. ގަނޑުފެނާއި ގުގުރިއާއި ވިދުން ހުންނަނީ ހަމަ އެކަނި މި ބާވަތުގެ ވިލާގައެވެ. رُكَام ވިލާއަކީ ވަރަށް ބޯ ވިލައެކެވެ. ބައެއްފަހަރަށް  ބޯމިން 15 ކީލޯމީޓަރަށް ވުރެ ބޮޑުވެދާނެއެވެ. ކީރިތި ޤުރްއާނުގެ މި އާޔަތުގައި މި ވިލާގަނޑު ސިފަކުރައްވައިފައި މި ވަނީ ފަރުބަދައެއް ފަދަ އެއްޗެއް ކަމަށެވެ.

ފަލަކާއި މޫސުމާބެހޭ ދިރާސާތައް ކަށަވަރުކޮށްދޭ ގޮތުގައި ވިއްސާރަ ވިލާތައް މި އާޔަތުގައިވާ މަރްޙަލާތައް  ކަޑައްތުކުރެއެވެ. ފުރަތަމަ މަރްޙަލާއަކީ إزجاء ފިޔަވައްސެވެ. ވައިގެ ސަބަބުން ކުދިކުދި ވިލާކޮޅުތައް ވަކި ތަނަކަށް ( ފުނިޖެހޭ ތަނަށް ) އެއްކޮށްދެނީއެވެ.

ދެވަނަ މަރްޙަލާއަކީ تأليف ފިޔަވައްސެވެ. ވިލާތަކުގެ ބާރުމިން އޮންނާނީ ވައިގެ ބާރުމިނުގެ މަތީގައެވެ. ވިލާގަނޑު ބޮޑުވި ވަރަކަށް ދުވެލީގެ ބާރުމިން ކުޑަވާނެއެވެ.އަދި ވިލާތައް ޖަމާވާން ޖެހޭ ހިސާބާ ކައިރިވި ވަރަކަށް ވެސް ވިލާގަނޑުގެ ދުވެލި މަޑުވާނެއެވެ.

ތިންވަނަ މަރުޙަލާއަކީ رُكَام ފިޔަވައްސެވެ. ވިލާތައް އެއްވެ ޖަމާވުމުގެ ސަބަބުން ވިލާގަނޑުގެ ބޯމިން އިތުރުވާން ފަށައެވެ. ކެރީގެ މިންވަރާއި ގުގުރީގެ އަޑުގެ ގަދަކަމާއި ވިދުމުގެ އަލިކަން އޮންނާނީ ވިލާގަނޑުގެ ބޯމިނާ ގުޅިފައެވެ.

ވިލާތައް إزجاءވުމުގެ ފިޔަވަހި އެތައް ގަޑިއިރަކަށް ދެމިގެން ހިނގައިދާނެއެވެ. އެހެނަސް އަނެއް ދެ މަރުޙަލާ (تأليف ފިޔަވައްސާއި رُكَام ފިޔަވަހީގައި) ގައި ހޭދަވާނީ ގަޑިއެއް ނުވަތަ ބައިގަޑިއެއްހާ އިރެވެ. 

رُكَام ވިލާގެ ސައިޒަށް ބަލާއިރު ފުރަތަމަ ބާވަތަކީ ހޫނު رُكَام ވެއެވެ. މި ވިލާގަނޑުގެ ބޯމިން ނިސްބަތުން ކުޑަވާނެއެވެ. މި ވިލާގަނޑުގެ ފިނިހޫނުކަމުގެ ދަރަޖަ ހުންނާނީ ފެން ގަނޑުވާ ދަރަޖައިގައެވެ. މި ވިލާގަނޑުގެ ބޯކަން ކުޑަކަމުން، އެ ވައްތަރު ވާނީ ކުޑަފަރުބަދައަކާއެވެ. މި ބާވަތުގެ ވިލާގަނޑުގައި ގަނޑުފެނެއް ނުހުންނާނެއެވެ. އަދި ވިދުމެއް ވެސް ގުގުރިއެއް ވެސް ނުހުންނާނެއެވެ. މި ވިލާގަނޑުގައި ހުންނާނީ ކެރީގެ ތިކިތަކެވެ.

رُكَام ވިލާގެ ސައިޒަށް ބަލާއިރު ދެވަނަ ބާވަތަކީ مزني رُكَامއެވެ. މި ބާވަތުގެ ވިލާގަނޑުތަކުގެ ބޯމިން ވަރަށް ބޮޑުވާނެއެވެ. ވައްތަރު ވާނީ ބޮޑު ފަރުބަދައަކާއެވެ. މި ފަދަ ވިލާގަނޑުތައް އުފެދެނީ ވަރަށް އުހުގައެވެ. މި ވިލާގަނޑުގެ އެންމެ ތިރީ ފަށަލައިގައި ހުންނާނީ ފެންތިކިތަކެވެ. މެދުތެރޭ ފަށަލައިގައި ހުންނާނީ ގަނޑުފެންކޮޅުކޮޅެވެ. އެއަށް ބަރަދުއޭ ކިޔެއެވެ.  އެންމެ މަތީ ފަށަލައިގައި ހުންނާނީ ގަނޑުފެނުގެ ފުއްތަކެވެ. ނުވަތަ ސުނޯއެވެ.

ވާރޭ ވެހުމުގައި ވައި މުހިންމު ދައުރެއް އަދާކުރެއެވެ. ކީރިތި ޤުރްއާނުގައި މި ކަމަށް އިޝާރަތްކޮށްފައިވާ ބަސްފުޅުގެ ޙަޤީޤަތް މި ޒަމާނުގެ ސައެންސީންނަށް އެނގުނީ ވަރަށް ފަހުންނެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ((ٱللَّهُ ٱلَّذِى يُرْسِلُ ٱلرِّيَٰحَ فَتُثِيرُ سَحَابًا فَيَبْسُطُهُۥ فِى ٱلسَّمَآءِ كَيْفَ يَشَآءُ وَيَجْعَلُهُۥ كِسَفًا فَتَرَى ٱلْوَدْقَ يَخْرُجُ مِنْ خِلَٰلِهِۦ ۖ فَإِذَآ أَصَابَ بِهِۦ مَن يَشَآءُ مِنْ عِبَادِهِۦٓ إِذَا هُمْ يَسْتَبْشِرُونَ  - الروم: 48 - اللَّه އީ، ވައިރޯޅިތައް ފޮނުއްވައި، އަދި އެ ވައިރޯޅިތައް ވިލާތައް އުފުލައި، އަދި އެކަލާނގެ އިރާދަކުރައްވާ ފަދައަކުން އުޑުގައި އެ ވިލާތައް ފަތުރުއްވައި، އަދި އެ ވިލާތައް ވަކިވަކިވެގެންދާ އެތިކޮޅުތަކެއް ކަމުގައި ލައްވާ ރަސްކަލާނގެއެވެ. ފަހެ، އެ ވިލާތަކުގެ ތެރެއިން ކެރި ނުކުންނާތީ ތިބާޔަށް ފެންނާނެތެވެ. ފަހެ، އެކަލާނގެ އަޅުތަކުންގެ ތެރެއިން އެކަލާނގެ އިރާދަކުރައްވާ ބަޔަކަށް އޭގެ نعمة ދެއްވައިފި ނަމަ، އެހިނދު ކުއްލިޔަކަށް އެއުރެން އުފާ حاصل ކޮށްގަނެތެވެ.))

ކީރިތި ޤުރްއާން ބާވައިލެއްވި ދުވަސްވަރު ކައުނީ މި ޙަޤީޤަތްތައް ދަންނަ ހަމަ އެކަކު ވެސް ދުނިޔެއަކު ނުވެއެވެ. ވިލާ އުފެދޭ ގޮތާއި ވިއްސާރަ ވިލާ އުފެއްދުމުގައި ވައި ކުޅޭ ދައުރު އިންސާނުންނަށް އެނގުނީ މިދާކަށް ދުވަހުއެވެ.

ކައުރަސޫލާ eއަށް މި ޙަޤީޤަތްތައް އެނގިވަޑައިގެންނެވީ ކިހިނެއްހެއްޔެވެ؟

ދެން ބަލައިލާނީ މި އާޔަތްތަކުގެ ޢަދަދީ މުޢުޖިޒާތަށެވެ.

މާތް ﷲ ނޫރު ސޫރަތުގެ 43ވަނަ އާޔަތުގައި ވަޙީކުރެއްވިއެވެ.((أَلَمْ تَرَ أَنَّ ٱللَّهَ يُزْجِى سَحَابًا ثُمَّ يُؤَلِّفُ بَيْنَهُۥ ثُمَّ يَجْعَلُهُۥ رُكَامًا فَتَرَى ٱلْوَدْقَ يَخْرُجُ مِنْ خِلَٰلِهِۦ وَيُنَزِّلُ مِنَ ٱلسَّمَآءِ مِن جِبَالٍ فِيهَا مِنۢ بَرَدٍ فَيُصِيبُ بِهِۦ مَن يَشَآءُ وَيَصْرِفُهُۥ عَن مَّن يَشَآءُ ۖ يَكَادُ سَنَا بَرْقِهِۦ يَذْهَبُ بِٱلْأَبْصَٰرِ  - ހަމަކަށަވަރުން، اللَّه، ވިލާ ހިންގަވާތީ ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ ދެން އެ ވިލާތައް އެއްކުރައްވަތެވެ. ދެން މަތިމައްޗަށް ހުންނަ ވިލާތަކެއްކަމުގައި ލައްވަތެވެ. ފަހެ، އެ ވިލާތަކުގެ ތެރެއިން، ވާރޭ ނުކުމެގެން އަންނާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އަދި އުޑުގައިވާ، ފަރުބަދަތައް ފަދަ ބިޔަ ވިލާތަކުން، އެކަލާނގެ ގަނޑުފެން ވެއްސަވަތެވެ. ފަހެ، އެކަލާނގެ އިރާދަކުރައްވާ މީހެއްގައި އެ ޖައްސަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހެއްގެ ކިބައިން އެ، ދުރުކުރައްވަތެވެ. އޭގެ ވިދުވަރުގެ އަލިގަދަކަމުން، ލޯތަކުގެ ފެނުން ގެންދިޔުމާ ގާތްކުރެތެވެ.))

                     (ނުނިމޭ)

ބައެއް ލަފުޒުގެ މާނަ:

އަދާތު      ނ.    މަސައްކަތެއް ކުރަން ބޭނުންކުރާ ސާމާނު ނުވަތަ އާލަތް.

އީޖާދު      ނ.    (1) އެއްޗެއް ނުވަތަ ކަމެއް އަމިއްލަ ޚިޔާލާއި ފިކުރުން އަލަށް އުފައްދާ އުފެއްދުން. (2) އަމިއްލަ ޚިޔާލާއި ފިކުރުން އަލަށް އުފައްދާ ކަމެއް ނުވަތަ އެއްޗެއް.

ވަށަލަ      ނ.    ތަރިއެއްގެ ނުވަތަ ގުރަހައެއްގެ ވަށައިގެން ދައުރުކުރާ ފަލަކު ނުވަތަ ރާސްތާ.

ފަންނިއްޔަތު  ނ.    ސައިންސާއި ފަންނާއި ސިނާއަތު ފަދަ ރޮނގުރޮނގުން އަމަލީ ބޭނުންތަކަށް އުފައްދާ އާލަތްތައް.

ފަލަކު      ނ.    (1) ނަކަތްތަކާއި ތަރިތަކާއި ގުރަހަތަކުގެ މަޖާލު. (2) ތަރިއެއްގެ ނުވަތަ ގުރަހައެއްގެ ވަށައިގެން ދައުރުކުރާ ވަށަލަ.

ފިޔަވަހި     ނ.    (1) ކުރެވޭ މަސައްކަތެއްގެ ތަފާތު ބައިތަކުގެ ތެރެއިން ބައެއް. (2) މަޝްރޫޢެއްގެ ނުވަތަ ކަމެއްގެ ފާހަގަ ކުރެވޭފަދަ ބައިބައި.

ސައެންސީ    ނއ.   (1) އެއްޗިއްސާއި ކަންކަމުގެ ޠަބީޢީ ޙަޤީޤަތާ ގުޅޭ. (2) ކަނޑައެޅިފައިވާ ހަމަތަކަކާއި ތަރުތީބެއް އެކުލެވޭ. (3) ޢިލްމީ

 

މަރުޖާ:

[1]  -  النور : 43

 

 

ކޮމެންޓު