ad_banner
ކޮން މީހެއް؟ (12)

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

14 މޭ 2025

ކޮން މީހެއް (12)

(2025 މޭ 7ވަނަ ދުވަހުގެ ނޫހާ ގުޅޭ)

ނީނާ ކުއްލިއަކަށް ލޯ ހުޅުވައިލައިފިއެވެ. އަދި ބިރުވެރި ފާޑަކަށް މީހުންނާ ދިމާއަށް ބަލައިލައިފައި "ނޫން ނޫން"އޭ ގޮވައިލައިފައި އެނދުގެ ބިއްދޮށަށް ޖެހެމުން ހަޅޭއްލަވައިގަތުމާ އެކު އަނެއްކާ ހޭނެތިއްޖެއެވެ.

މި މަންޒަރު ފެނިގެން ނީނާގެ މަންމަ އަޑުން އަޑުނަގައި ރޯން ފަށައިފިއެވެ. އިދުރީސް ތައްޚާނު ހުރިހައި މީހުންނަށް ވިސްނައިދެމުން "ނުރޮއި، ކަމެއްކުރެވޭތޯ ބަލަމާ ހިނގާށޭ، އިރާދަކުރެއްވިއްޔާ ރަނގަޅުވާނެޔޭ" ބުނެފިއެވެ.

[ހިނގާ އަވަހަށް ގަމަށް ގެންދާން.] ނީނާގެ މަންމައަށް ފެންނަ ގޮތް ހާމަކުރިއެވެ. [މިރަށަކުން ހިޔެއް ނުވޭ ފަރުވާއެއް ދެވޭނެހެނެއް.]

އިދްރީސް ތައްޚާނު، ވަރަށް މަޑުމަޑުން އަތުގެ އިޝާރާތަކާއެކު، ނީނާގެ މަންމައާއި ބައްޕައަށް ގޮވައިގެން އެއް ފަރާތަކަށް ގެންގޮސް މަޑުމަޑުން ބުނެފިއެވެ. [މިއީ ބޭސްފަރުވާގެ ކަމެއް ނޫން. އިދްރީސްބެއަށް މިއަދު މި ރަށުގައި ހުރެވުނުކަން އެއީ އެ މަންޖެގެ ނަސީބު.]

[އިދުރީސްބޭ، ދެން އެހެންވިއްޔާ ކިހިނެއް ހަދާންވީ؟] ނީނާގެ މަންމަ ކެތްތެރިކަމެއް ނެތި ސުވާލުކޮށްލިއެވެ. [އެ މަންޖެ ރަނގަޅުވާނެތަ؟]

[އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ. މިއީ ޖިންނީގެ ކަމެއް. މި ކަން ރަނގަޅުވާނީ ވަރުގަދަ ކިޔެވިއްޔެއް ކިޔަވައިގެން.] އިދްރީސް ތައްޚާނުގެ ޚިޔާލު ދީފިއެވެ. [އެކަމަކު ކިޔެވުން ފެށޭނީ، ޢިޝާ ނަމާދުން ފައިބައިގެން އައިސް. އޭގެ ކުރީން މެދު ކެނޑުމެއް ނެތި ޤުރުއާން ކިޔަވާން މީހަކު އިންނާންވާނެ. އަދި ޚަތިމެއް ވެސް އެ ކޮޓަރިއަށް ލާތި! ހީވަނީ ޖިންނި އެ މަންޖެ ފެންނަ ފަށުން ދުރަށް ދާނީ މިހެން ހަދައިގެންހެން.]

[ކާކު ކިޔަވާނީ؟] ނީނާގެ މަންމަ ސުވާލުއުފެއްދިއެވެ. [ރީތިކޮށް ކިޔަވާ މީހުން ވެސް މިހާރު ވަރަށް ނޫޅޭ. މުދިންބެ އައިސްދޭތޯ ގޮސް ބަލަ މީހަކު!]

[ކަންބޮޑު ނުވޭ! މާދުރުން އުނދަގުލުން މީހަކު ހޯދާނެ ކަމެއް ނެތް. މަގޭ ނިޝާން ތިޔަ ކަން ކޮށްފާނެ. އެއީ ޤާރީ ކޯސް ހަދައިގެން ހުރި ކުއްޖެއް.] މިހެން ބުނެފައި ނިޝާނަށް ގޮވައިލިއެވެ. [ދަރިފުޅު ޢަޞްރު ނަމާދުކޮށްގެން ހުރިއްޔާ ކޮޓަރީގައި އިނދޭ ޤުރުއާން ކިޔަވާން! ބައްޕަ އަންނާނަން މިސްކިތަށް ގޮސްފައި. މަޣުރިބު ނަމާދުކޮށްގެން ބައްޕަ އަންނާނަން. ކޮޓަރި ހުޅުވައިފައި ބަހައްޓާތި! ޤުރުއާން ކިޔެވުން މެދުކަނޑައިނުލާތި! ނީނާ ހޭއަރައިގެން ވާހަކަދައްކާން އުޅެފާނެ. އެހެންވީމާ އިތުރު މީހަކު ކޮޓަރީގައި އަބަދު ވެސް މަޑުކޮށްލާންވާނެ. ދަރިފުޅު، ޤުރުއާން ކިޔެވުން މެދުކަނޑައިނުލާތި ބައްޕަ ނާންނަނީސް. ލަހެއް ނުވެ އަންނާނަން. ބައްޕަ އައިމާ ދަރިފުޅު މިސްކިތަށް ގޮސް ދެ ނަމާދު ޖަމްޢުކޮށް ކޮށްގެން އަންނާނީ. ޢިޝާ ނަމާދުން ފައިބައިގެން ކިޔެވުން ފަށާނީ.]

އިދްރީސް ތައްޚާނުގެ އިރުޝާދާ އެއް ގޮތަށް ކަންތައް ހިނގައިގެންފިއެވެ. ނިޝާން ޤުރުއާންކިޔަވަނީ އަޑުހަރުކޮށް ވަރަށް ރީތި ރާގަކަށެވެ. އެ ވަރުގެ ޅަ ޒުވާނަކު އެހާ ރީތިކޮށް ޤުރުއާން ކިޔަވާތީ ނީނާގެ ބައްޕަމެން ތިބީ ޙައިރާންވެފައެވެ.

އިދްރީސްބެ ޢިޝާ ނަމާދުން ފައިބައިގެން އައީ މުދިންބެ ވެސް ގޮވައިގެންނެވެ. އެއީ ކުރީއްސުރެ ދެ ރަޙުމަތްތެރީންކަމަށް ވާތީ، މުދިންބެ ވެސް އުފަލުން އަތުވެއްޖެއެވެ. އަދި މުދިންބެއާއި ނިޝާން އަތަށް ޚަތިމުދީފައި ކިޔަވާންވީ ތަންތަން ދެއްކުމަށްފަހު ކުރީއްސުރެ ތައްޔާރުކޮށްފައި ހުރި ދުންމުށި ގެނުވައިފިއެވެ.

މުދިންބެ، ކިޔެވުން ފެށުމުގެ ކުރީން ނީނާގެ މައިން ބަފައިންނަށް ކެތްތެރިވުމަށާއި ރަށު ތެރެއިން ކިތަންމެ އާދަޔާ ޚިލާފު ޚަބަރެއް ލިބުނަސް އެ ދިމާއަށް ނުދާން އިންޒާރުކޮށްފިއެވެ. މިރޭ މި ކިޔަވަނީ ވަރަށް ވަރުގަދަ ކިޔެވުމެއްކަމަށާއި ނީނާއާ އަޅައިގެންފައި ހުރި ޖިންނި ދުނިޔޭގައި ހުރެގެން ނީނާ ދޫކޮށް ނުދާނެކަމަށް ބުނެފިއެވެ. އަދި ނީނާއާ އަވަލައިފައިވާ ޖިންނިއާއި އޭނާ ހުރި ސަރަހައްދެއް އަންދައިލައިގެން ނޫނީ ސަލާމަތެއް ނެތްކަމަށް ވެސް ބުނެފިއެވެ. އިދްރީސްބެ ކިޔެވެލި ކިޔަވާން ފެށީމާ ޖިންނިއަށް މި ގޭ ސަރަހައްދުގައި ހުންނާކަށް ނުކެރޭނެކަމަށާއި އަންދައިނުލެވިއްޖެ ނަމަ، ކިޔެވުން ހަމަ ނިންމައިލާއިރަށް މި ސަރަހައްދަށް އަންނާނެކަމަށް ވެސް ބުންޏެވެ. އެ ޖިންނި މިހާރު ކުރީ ކޮން ތަނެއްގައިކަން ނޭނގުނަސް ހުރި ތަނެއްގައި ހުއްޓައި އަންދައިލެވޭތޯ އިދްރީސްބެ މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދިނެވެ. އަދި އާދަޔާ ޚިލާފު ކަންތައްގަނޑެއް މި އަތޮޅުގެ، މި ސަރަހައްދުގެ ކޮންމެވެސް ހިސާބެއްގައި ހިނގާނެކަމަށް ވެސް އިދްރީސްބެ ބުންޏެވެ. ކޮންމެއަކަސް ރޭގަނޑުގެ ކެއުމަށް ފަހު، އިދުރީސްބެގެ ރޭވުމާ އެއް ގޮތަށް ކިޔެވެލީގެ ހަރަކާތްތައް ކުރިޔަށް ދާން ފަށައިފިއެވެ.

***

[އަލިފާން... އަލިފާން.... އަލިފާނޯތް!] މަގުމަތީން ހަޅޭކެއްގެ އަޑެއް އިވިއްޖެއެވެ. ނީނާމެންގެ ގެއިން މީހަކު ނުނިކުތަސް ރަށުގެ އެންމެންގަނޑު ހޯބޯލަވަމުން އެ [އަލިފާނޯތް] ގޮވާ ސަރަހައްދާ ދިމާއަށް މިޞްރާބުޖަހައިފިއެވެ.

އެންމެންނަށް ނުކުމެވުނީ [ކަންމަތީގޭ] ސަރަހައްދަށެވެ. އޭރު އެގޭ ފުރާޅުމަތީން އަލިފާންގަނޑު ފަޅައިއަރައިފިއެވެ. ކަންމަތީ ފިހާރައިގެ ތެރެއަށް ވެސް އަލިފާންގަނޑު ވަދެއްޖެއެވެ. އެއްބަޔަކު ކައްދޫ 'ފަޔަރފައިޓާރސް'އަށް ގުޅައި ޚަބަރުދިން އިރު، އަނެއް ބަޔަކު ބާލިދީތަކުންނާއި ފެންހޮޅިތަކުން އެ ދިމާއަށް ފެންޖަހާން ފަށައިފިއެވެ. ޖަހާ ފެނަކުން އުކާ ވެއްޔަކުން އަލިފާންގަނޑަކަށް އަސަރެއްނުކުރެއެވެ.

ކުއްލިއަކަސް މީހުންގެ ލޮލުގައި އަޅައިގަތީ ދާއޫދު، ގޭގެ މަތީބުރީގައި ކުޑަދޮރަކުން ބޭރުބަލާން ހުއްޓައެވެ.

"ދާއޫދު ފުންމައިލާ!" އެންމެން ހަޅޭއްލަވައިގަތެވެ. "ފުންމައިލައިގެން ފުރާނަ ސަލާމަތްކުރޭ!" 

ދާއޫދަށް އަޑުއިވުނުކަމެއް ވެސް ނޭނގެއެވެ. އަލިފާންގަނޑު ބޮޑުވެ އަލިފާންގަނޑުގެ ތެރެއަށް ދާއޫދު ގެއްލިއްޖެއެވެ.

ކައްދޫ ފަޔަރ ލޮރީތަކަށް އާދެވުނީ މުޅި [ކަންމަތީގޭ ގޯތީގައި އެކީ އެކައްޗަކަށް އަލިފާން ހިފައި އަނދަމުންދަނިކޮށެވެ. ފަޔަރ ލޮރީތައް އައިސް ގަޑިއެއްހައި އިރު ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވައިލައިފިއެވެ. ނަމަވެސް އެ ގޯތީގައި ހުރި ގެޔާއި ޝޯރޫމާއެކު އަދައި ހުލިވިއިރު ހަމަ އެއްވެސް އެއްޗެއް ސަލާމަތެއް ނުކުރެވުނެވެ. ނަސީބަކުން އަލިފާނުގެ ދުމުގެ އަސަރު ހިސާބަކަށް ފޯރުން ފިޔަވައި އެހެން ގެއްލުމެއް އެހެން ގެޔަކަށް ނުލިބެއެވެ. ދާއޫދަށް ވެސް ސަލާމަތް ނުވެވޭނެކަން އެނގޭތީ އަލިފާންގަނޑު އެކީ އެކައްޗަކަށް ނިވުމުން  ދާއޫދުގެ މަރުވެފައި އޮތް ހަށިގަނޑު ނަމަވެސް ފެނޭތޯ ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވިއެވެ. ދާއޫދުގެ ހަށިގަނޑާ އެކު މުޅި ގޯތި އަނދައި އަޅިއަށްވީއެވެ. ނަމަވެސް ތަންކޮޅެއް ދުރުގައި ހުރި، ކަންމަތީ ފިހާރައިގެ ގުދަނަކަށް ނަސީބަކުން ހަމަ އެއްވެސް ގެއްލުމެއް ނުވެއެވެ.

ރަށުތެރޭގައި ކަންތައްގަނޑެއް ހިނގިކަން އެނގުނަސް މި ހިނގައި ދިޔަ ކަންތަކުގެ ޚަބަރެއް ނީނާމެންގެ މީހަކަށް ނޭނގެއެވެ. ބަޔަކު އައިސް އެގޭ ދޮރުގައި ތަޅައި ނީނާއަށް ގޮވި އަޑު ވެސް އިވުނެވެ. ނަމަވެސް ދޮރު ނުހުޅުވާން އިދްރީސް ތައްޚާނު އިރުޝާދުދީފައިވާތީ،  އެގޭ ދޮރެއްނުހުޅުވައެވެ.

މެންދަމުން އަލިވެ އެކެއް ޖަހައިލިތަނާ ނީނާ ދެލޯ ހުޅުވައި ލޯބޮޑޮކޮށް ބަލައިލުމުން، އިދްރީސްބެ ގޮވައިލިއެވެ. [ނީނާ! ކޮބައި ކިހިނެއް؟]

ނީނާ އަނގައިން ވެސް ނުބުނެ ވަށައިގެން ބަލައިލުމުން ނީނާގެ މަންމަ ދުވެފައި އައިސް ނީނާއާ އޮޅުލައިގެންފައި އަހައިފިއެވެ! [ދަރިފުޅާ! ތަނަކަށް ތަދުވޭތަ!]

[ނޫން މަންމާ! މަށަށް ކިހިނެއްވީ؟ މިއީ ކޮން ބަޔެއް؟ އެންމެން ކީއްކުރަނީ މި ކޮޓަރީގައި؟ ކާކު ކޮޓަރި ހުޅުވީ؟] އެތައް ސުވާލެއް އެއް ފަހަރާ ނީނާ މަންމައާ ކޮށްލިއެވެ. [ހާދަ ބަނޑުހައޭ މަންމާ!]

[ދަރިފުޅާ! އެހައި ގިނަ ސުވާލު ނުކުރޭ! މަންމަ ކާން މި ގެންނަނީ. މިއީ މުދިންބެ. މީނީ ބައްޕަގެ ރައްޓެހި އިދްރީސްބެ. މާވަށު އިދްރީސް ތައްޚާނު. ދެން މީނީ އިދްރީސްބެގެ ހަގު ދަރިފުޅު ނިޝާން. އޭނާ ކޮޓަރި ހުޅުވައިދިނީ.] ހުރިހައި ސުވާލަކަށް ނީނާގެ މަންމަ އެއްފަހަރާ ޖަވާބު ދީފިއެވެ. [އެ ދެބަފައިން މިއަދު މި ރަށުގައި ތިބިކަމުން ދަރިފުޅު ތިޔަ ސަލާމަތްވީ.]

ނީނާ ވިސްނުންތެރިކަމާ އެކު އެންމެނާ ދިމާއަށް ބަލައިލިއެވެ. އަދި ނިޝާންގެ ޒުވާން ހަށިގަނޑު ލޮލާ އަމާޒުވުމުން ހިނިތުންވެލިއެވެ. އެ ވަގުތު ނިޝާން ވެސް އަސަރުގަދަ ހިނިތުންވުމަކުން ނީނާގެ ހިނިތުންވުމަށް ޖަވާބުދިނެވެ.

***

އިރުއެރުމާ އެކު، ރޭގައި ރަށުގައި ހިނގައި ދިޔަ ބިރުވެރި ހާދިސާގެ ވާހަކަ ނީނާއަށް ވެސް ލިބިއްޖެއެވެ. އަދި ކަންމަތީގެއާއި ކަންމަތީފިހާރަ ދާއޫދާ އެކު އަނދައި އަޅިޔަށްވީ ޚަބަރު ނީނާއަށް ވީ ވަރަށް ހައިރާންކުރަނިވި ޚަބަރަކަށެވެ. އަދި އަލޫފު ކުއްލި އެކްސިޑެންޓެއްގައި އިއްޔެ ހަވީރު ނިޔާވި ޚަބަރުން ނީނާއަށް ވަރަށް އަސަރުކޮށްފިއެވެ. ނަމަވެސް އޭނާގެ ބޭރުފުށުން މާ ބޮޑަށް ދެރަވިކަމެއް ފާޅެއް ނުކުރެއެވެ.

ބޮޑު މާސިންގާ ވިޔަފާރިއެއްގެ އެންމެ އިސް ޒިންމާ އަދާކުރާން އެއްވެސް އަރާމެއް ނެތި އުޅެއުޅެ ނީނާ ހުރީ ވަރުބަލިވެފައެވެ. ދާއޫދު ނިޔާވިޔަސް ދާއޫދުގެ ހުރިހައި މުދަލެއްގެ ދެބައިކުޅައެއްބައިގެ ވެރިޔަކީ ނީނާއެވެ. އެހެންކަމުން ވިޔަފާރީގެ ޒިންމާ އޭނާގެ ކިބަޔަކުން ނުއެއް ނެގެއެވެ. ނަމަވެސް ރޭގައި ދިމާވި ނުރައްކާތެރި ކަންތަކާއި ދާއޫދުގެ ފަރާތުން ނީނާއަށް އެންމެ ފަހު ދުވަހު ލިބުނު ގޯނާއަކީ އެހެން މީހަކަށް ކިޔައިދޭން ލަދުވެތި ކަމެއް ނަމަވެސް އެއީ ހިތުގައި ބިންވަޅު ނެގިފައިވާ ހިތްދަތި ހަގީގަތެކެވެ. އެހެންކަމުން ދުވަސްކޮޅަކު އަރާމުކޮށްލުމަށް ޓަކައި އެއަރޕޯޓް ގާޑްން ހޮޓެލްގައި މަޑުކޮށްލާން މާވަށަށް ދާ ހިތް ނީނާ ވެއްޖެއެވެ.

[މަންމާ، އަޅުގަނޑު މި ހިރީ މަސައްކަތުގައި އުޅެއުޅެ ވަރަށް ބޮޑަށް ލޮޑުވެފައި. އެހެންވީމާ ދުވަސްކޮޅަކު އަރާމުކޮށްލާން ރަށުން ބޭރަށް ދާން ބޭނުންވޭ. މާވަށަށް ދާން ބޭނުންވަނީ. ވަރަށް ހިތްގައިމު އެ ރަށް.] ނީނާ ޚިޔާލުކުރާ ގޮތް މަންމައަށް އޮޅުންފިލުވައިދިނެވެ.

"އަޅުގަނޑާއި ދާއޫދާ މާވަށުން އައި ދުވަހު މުދާ ހުންނާނީ ދެބައިކޮށް އެގްރީމެންޓްކޮށްފައި." ނީނާ އިތުރު ތަފުސީލުދިނެވެ. "ކަންމަތީގެއާއި ޝޯރޫމް އެއީ ދާއޫދުގެ. ދެން ދިޔަދޫ ޓްރިސްޓް ލޮޖް އޭނަޔަށް ހުންނާނީ. ފިހާރައިގެ ގުދަނާއި މާވަށު އެއަރޕޯޓ ގާޑްން ހޮޓެލް އެއީ އަޅުގަނޑުގެ. މި ގޮތަށް އެގްރީމެންޓަކޮށް ކޯޓްގައި އޮންނާނީ ރަޖިސްޓަރީވެސްކޮށްފައި. އެހެންވީމާ ސީދާ ގުދަނުގައި ވިޔަފާރި ކުރާ ގޮތަށް ހަމަޖައްސައި އެއީ މަންމައާއި ބައްޕަގެ ތަނެއްގެ ގޮތުގައި ހިންގާ! މޫސާފުޅުބެ ހުންނާނެ އެހީވާން. އެއްވެސް މުއައްޒިފެއް ކަނޑައިނުލާން ބައްޕައަށް ނަންގަނޭ! އަޅުގަނޑު ބަރާބަރަށް މުސާރަ ދޭނަން." 

"ދަރިފުޅު ތިޔަ ވާހަ ބައްޕައާ ދައްކާ!"

"އެންމެ ރަނގަޅު!" ނީނާ ޖަވާބުދިނެވެ. "އެކަމަކު މަންމަ ވާނެ ނޫންތޯ އަޅުގަނޑާ އެކު މާވަށަށް ދުރުވާން."

"މަންމަ ހިނގައިދާނަން ދަރިފުޅާ އެކު. އެކަމަކު އެހައި ގިނަ ދުވަހަކު ނުއެއް ހުރެވޭނެނު ބައްޕަ އެކަނި ބަހައްޓައިފައެއް. ކޮއްކޮމެން އަދި ކިޔަވައި ނުއެއް ނިމޭ. އެ މީހުން ޗުއްޓީއަށް އަންނާނެ މި މަހު. އިދްރީސްބެގެ މީހުން ދަރިފުޅަށް އެހީވާނެ."

"މަންމާ! މީހެއްގެ އެހީއެއް ބޭނުމެއް ނުވާނެ. ރިސޯޓުގައި ނީނާ ހުންނާނީ! އެކަމަކު އަޅުގަނޑާއެކު ދުރުވެލައްވާންވާނެ. މަންމަ ފޫހިވެލެއްވީމާ ދުރުވާން އޮންނާނެ ނޫންތޯ؟"

އިދްރީސް ތައްޚާނު، ގަންނާން އައި ތަކެތީގެ ލިސްޓް ހޯދައިގެން ލިސްޓަށް ތަކެތި ހަމަކުރާން އުޅޭން ނީނާގެ ބައްޕަ ނީނާއާ ވާހަކަދެއްކީމާ، މޫސާފުޅުބެއަށް ގޮވައިގެން ގެނެސް ތަކެތި ހަމަކޮށްފައި ބިލް ހަދައިގެން ގެނެސްދޭން އަންގައިފިއެވެ. މޫސާފުޅުބެ، އަދި ގުދަނުގައި އުޅޭ ކުދީން ގާތުގައި ބުނެގެން މި ތަކެތި ހަމައަށް ނަގައި ލޮރީއަށް އަރުވައި ބިލު ހަދައިގެން ގެންނާން ބުނެފިއެވެ.

"މިއަދު ރަށަށް ދާންކަމަށް މި އުޅެނީ. ތަކެތި ގެންދާ އިރު، ރަށުގައި ހުންނާން ޖެހޭނެތާ." އިދްރީސް ތައްޚާނު ރަށަށް ދާ ޚިޔާލު ފާޅުކޮށްފިއެވެ. "ގުދަނަށްތަ ފައިސާ ދައްކާންވީ؟"

"އިދްރީސްބެމެން ރަށަށް ދިޔައިމާ ފޮނުވައިދޭނަން. މާދަމާ ފޮނުވީމާ ރަނގަޅުވާނެނު." ނީނާ އިދްރީސްބެއާ ސުވާލުކޮށްފިއެވެ. "ބިލު ގެނައިމާތާ ފައިސާއަކީ."

"ކިހާ ވަރެއް އަރާނެބާ އަނެއްކާ؟"

އިރުކޮޅަކުން ބިލު ހިފައިގެން މޫސާފުޅުބެ އަތުވެއްޖެއެވެ. ބިލު ގެނައި އިރު، ޑިސްކައުންޓާ އެކު، ޖުމުލަ އަގަށް އަރަނީ 47313.47 ރ. (ސާޅީސް ހަތް ހާސް ތިން ސަތޭކަ ތޭރަ ރުފިޔާ ސަތާޅީސް ލާރި) އެވެ.

"ހުރިހައި އެއްޗެއް ލޮރީއަށް އަރުވައިފި. މި އޮތީ ބިލު." މުސާފުޅުބެ ނީނާއާ ބިލު ހަވާލުކޮށްފިއެވެ. "ލޮރީ މާވަށަށް ފޮނުވައިލާންވީތަ؟"

"ނޫން. ލޮރީގައި ސަތަރިއަޅައި ހިޔާކޮށްލައިފައި ބާއްވާ!" ނީނާ ބުނެލިއެވެ. "މާދަމާ ހަވީރު ފޮނުވާނީ."

ނީނާ ބިލުހިފައިގެން ގުދަނަށް ގޮސް، ފައިސާ ލިބިއްޖެކަމަށް (ޕެއިޑް) ތައްގަނޑު ޖަހައިގެން ގެނެސް އިދްރީސް ތައްޚާނު އަތަށް ދީފިއެވެ. އިދްރީސް ތައްޚާނު، ނިޝާން އަތަށް ދިއްކޮށްލަމުން ބުނެލިއެވެ. "ދަރިފުޅާ މީގައި އޮތްވަރެއް ބަލައިފައި ފައިސާދައްކައިފައި އަންނާން ދާންވީނު."

"ބައްޕާ ޕޭކޮށްފައި މި އޮތީ. ބައްޕަ ކޮން އިރަކު ފައިސާ ދެއްކީ؟"

"ތިޔަ ބިލަށް ފައިސާ ދެއްކީ އަހަރެން. އެއީ އިދުރީސްބެއަށް އަހަރެން ދިން ކުޑަކުޑަ ހަދިޔާއެއް." ނީނާ ފުރަތަމަ ފަހަރަށް ނިޝާނާ މުޚާޠަބުކޮށް ވާހަކަދެއްކިއެވެ. "ދެން ތިޔަ ނިމުނީނު. ހިނގާ އެންމެން ސައިބޯން ދަމާ!"

[އެކަމަކު، ހަދިޔާއަކަށް އެހައި ބައިވަރު ފައިސާ؟ އަޅުގަނޑުމެން އައީ ނަގުދު ފައިސާ ހިފައިގެން.] ނިޝާން ވެސް ފުރަތަމަ ފަހަރަށް ނީނާއާ ސީދާ މުޚާޠަބުކޮށް ވާހަދެއްކިއެވެ. [ގާތްގަނޑަކަށް ބައިލައްކަ ރުފިޔާ ނޫންތޯ އެއީ؟]

"ދެން އެކަންތައް އެ ނިމުނީއްޔޭ. ދެން ފައިސާ ވާހާކަދައްކާނީ އެހެން ފަހަރަކު.] ނީނާ ވަރަށް އަސަރުގަދަކޮށް ނިޝާނާ މުޚާޠަބުކޮށް ވާހަކަދެއްކިއެވެ. [ހިނގާބަލަ ދެން ސައިބޯން ދަމާ! ނިޝާން ބަނޑުހައެއް ނުވޭތަ؟]

ނީނާގެ އަޑުގެ ރީތިކަމާއި، ނިޝާންގެ ނަން ސީދާ ބޭނުންކޮށްލި ގޮތުން ނިޝާންގެ ހިތުގައި ވިންދުޖަހައިލިއެވެ. އަދި ނިޝާނަށް ނޭނގި އޭނާގެ ހިތުން ޚާއްޞަ މަގާމެއް ނީނާއަށް ދެވިއްޖެއެވެ. (އަދިވެސް ނުނިމޭ)

ކޮމެންޓު