އިސްމާޢީލު މުބާރަކު
13 މޭ 2025
އިތުބާރު ކުރާންވީ ކޮންކޮން ޢިލްމުވެރީންނަކަށްތޯއެވެ؟
ކުޑަކަމުދާ އިރު، ގަޔަށް ބުރާ ހީސް ތިކި އެއީ ކަށްވަޅުގެ ޢަޒާބު އެންމެ ބޮޑަށް ލިބޭ އެއް ކަމެއްކަމުގައި ސާފުކޮށްދިނުމަށް الخبث والخبائثގެ ބާބުން އަޅުގަނޑުމެން އެ ކަމަށް ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދީގެން އުޅެމުއެވެ. ހަމަ އެއާ އެކު، އެއަށް ވުރެ މާ އަސާސީ ކަންކަން މި އޮންނަނީ މީސްތަކުންނަށް ވަންހަނާވެފައެވެ. އަޅުގަނޑުމެން ފަދަ، ނުދަންނަ މީހުނަށް ބިރުވެރިކަމާއި ޝައްކުބަލި އުފެދޭ ކަންކަން މާ ބޮޑުކޮށްލައިގެން ކިޔައިދެއްވުމުން ވަރަށް ދެރަ ގޮތްގޮތްވަމުން އެބަދެއެވެ.
އެންމެންނަކީ ނަފުސާނީ ގޮތުން އެހައި ވަރުގަދަ ބަޔެއް ނޫނެވެ. އިތުބާރު ހުރި ސަނަދު ލިބިފައިވާ ބޮޑެތި ދީނީ ޢިލްމުވެރީން މި ފަދަ ކަންކަމުން އެއްކިބާވާން ޖެހެއެވެ. رسول الله صلي الله عليه وسلمގެ ބަސްފުޅެއްގައިވެއެވެ. [މީހުންނަށް އުފާވެރިކަމުގެ ޚަބަރުދީ، ދީން ފަސޭހަކޮށްދޭށެވެ! އުނދަގޫވާ ގޮތަށް ދީނީ ކަންކަން ނުބުނެދޭށެވެ!] رسول الله صلي الله عليه وسلم ޙަދީޘްކުރެއްވިކަމަށް އޮތީ ވެސް ހަމަ ޢިލްމުވެރީން އެ الخبث والخبائثގެ ބާބުން ޙަދީޘް ނެންގެވި އެ ކޮށާރުން ފެންނާން އޮތް ޙަދީޘްތަކުގައެވެ. ކަންކަމާ މެދު، ފިކުރުކުރާ މީހުން ޢިލްމުވެރީންގެ ސަރަޙައްދަށް މި ވަންނާން ޖެހެނީ މިހެންވެގެންނެވެ. މި ޙަދީޘް ބައްލަވާށެވެ!
قال البخاري بسنده، بعث النبي صلى الله تعالى عليه وسلم معاذ بن جبل إلى اليمن وأبا موسي الأشعري، وبعث كل واحد علي مخلاف، واليمن مخلافان ثم قال: يسروا ولا تعسروا، وبشروا، ولا تنفروا.
ބުޚާރީގައި ސައްޙަ ސަނަދާ އެކު، ނަންގަނެވިފައިވެއެވެ.
معاذ بن جبل، ޔަމަނުގެ މީހުންނަށް ދީނަށް ގޮވައިލެއްވުމަށް ފޮނުއްވުނެވެ. އަދި ابو موسي الاشعري ވެސް މެއެވެ. އެ ބޭކަލުންނަށް ރަސޫލާ އަމުރުކުރެއްވިއެވެ. މީސްތަކުންނަށް އުނދަގޫ ނުވާ ގޮތަށް ދީން ބުނެދޭށެވެ! މީސްތަކުންނަށް އުފާވެރިކަމުގެ ޚަބަރު ދޭށެވެ! ފުރަގަސްނުދޭށެވެ!
ކީރިތި قرآنގައި ނަބިއްޔުންނާއި رسولންނަށް ވެސް މާތް ﷲ ޙައްދެއް، އިމެއް، ކަނޑައަޅުއްވައިފައިވާކަން އުނގެނުމުގެ ބޭނުމުގައި، ކީރިތި قرآن ކިޔަވައިވިދާޅުވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެއެވެ. އަޅުގަނޑުމެން އެންމެނަށް ވެސް އޮތީ އެ ޙައްދެވެ. އެ ޙައްދަކީ ކޮބައިތޯއެވެ؟ އެއީ آل عمران سورةގެ 79ވަނަ އާޔަތުގައިވާ ޙައްދެވެ.
)مَا كَانَ لِبَشَرٍ أَن يُؤْتِيَهُ اللَّهُ الْكِتَابَ وَالْحُكْمَ وَالنُّبُوَّةَ ثُمَّ يَقُولَ لِلنَّاسِ كُونُوا عِبَادًا لِّي مِن دُونِ اللَّهِ وَلَٰكِن كُونُوا رَبَّانِيِّينَ بِمَا كُنتُمْ تُعَلِّمُونَ الْكِتَابَ وَبِمَا كُنتُمْ تَدْرُسُونَ.( ([ﷲ، އެ މީހަކަށް ފޮތާއި، ޙިކުމަތާއި، ނަބީކަން ދެއްވީމާ، ދެން، ﷲ ފިޔަވައި ތިމަންނާއަށް އަޅުކަންކުރާ މީހުންކަމުގައި ތިޔަބައިމީހުން، ވާށޭ މީސްތަކުންނަށް ބުނުމަކީ، (އެ ކަންތައްތައް ދެއްވި) އެއްވެސް އިންސާނަކަށް އެކަށީގެންވާ ކަމެއް ނޫނެވެ. އެހެނެއްކަމަކު (އެ މީހަކު ބުނާހުށީ) ތިޔަބައިމީހުން ފޮތުން އުނގަންނައިދީ އުޅުނު ތަކެތީގެ ސަބަބުންނާއި، ތިޔަބައިމީހުން އުނގެނި ދަސްކޮށް އުޅުނު ތަކެތީގެ ސަބަބުން، ތިޔަބައިމީހުން ރައްބާނީންނަށް (އެބަހީ: ދީންވެރި ޢިލްމުވެރީންނަށް) ވާށޭއެވެ!]) (سورة آل عمران: 79)
އެނގިވަޑައިގަންނަވާނޭ ފަދައިން [ފޮތަކީ] ކީރިތި قرأنއެވެ. ﷲ އެ އަންގަވަނީ ކީރިތި قرآنން އުނގަންނައިދީ އަދި އުނގެނި ދަސްކޮށް އުޅުނު ތަކެތީގެ ތެރޭން ތިޔަބައިމީހުން ރައްބާނީންނަށް ނުވަތަ ދީނީ علمވެރީންނަށް ވުމަށެވެ.
މި އާޔަތް ބާވައިލެއްވުނު ސަބަބާ މެދު، ތާރީޚީ ޙާދިސާއެއް ޙަދީޘް ފޮތްތަކުގައި ބަޔާންވެފައިވެއެވެ. ނަޖުރާން ވަންހައިގެ ބަޔަކަށް رسول الله صلي الله عليه وسلم ދީނަށް ގޮވައިލެއްވުމުން އެ މީހުން ބުނިކަމަށް ވެއެވެ. އޭ މުޙަންމަދުގެފާނެވެ! ކަލޭގެފާނު ތިޔަ ގޮވައިލައްވަނީ ސަލާމްލެއްވި އީސާގެފާނަށް ބަޔަކު އަޅުކަން ކުރިހެން ކަލޭގެފާނަށް ވެސް އަޅުކަން ކުރުމަށްހެއްޔެވެ؟ رسول الله صلي الله عليه وسلمގެ ޙަދީޘްކުރެއްވިކަމަށްވެއެވެ. اعوذ بالله އެވެ! ދެން އެ މީހުންނަށާއި އެ ގޮތަށް ހީކުރާ އެންމެނަށް ޖަވާބެއްގެ ގޮތުގައި الله تعلي އެ އާޔަތް ބާވައިލެއްވިއެވެ. ވީ އިރު ﷲ ދީނުގެ ކަމެއްގައި ފޮތުގެ ބޭރަށް ދެވޭކަށް ނެތެއް ނޫންތޯއެވެ!
އެ ފޮތުން ބޭރުވެގެން ގޮސް އިސްލާމީ عرب قومތައް މިއަދު ތިބި ޙާލު، ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެއެވެ. އެންމެ ބޮޑެތި އިސްލާމީ ޔުނިވަސިޓީތައް ހުރީ އެ ޤައުމުތަކުގައެވެ. އިސްލާމީ ޝަރީޢާއިން އެންމެ ބޮޑެތި ފާސްތައް ނެގެނީ އެ ތަންތަނުންނެވެ. އައިސިސްގެ ލީޑަރު ابو بكر البغدادي އިސްލާމީ ޝަރީޢާއިން ޕީ.އެޗް.ޑީ. ޙާޞިލުކުރައްވައިފައިވާ ބޭކަލެކެވެ. މިއީ ދޮގެއްކަމަށް ހީކުރައްވަންޏާ ޢަރަބި މި ލިންކުން ނުވަތަ އެހެން މަސްދަރުތަކުން ވެސް މީ ދޮގެއްތޯ ބައްލަވާށެވެ!
https://ar.m.wikipedia.org/wiki/
ޔަމަނަށް ބޮން އެޅުމަށްޓަކައި އިޒްރޭލުން ޢަރަބި ޤައުމުތަކުގައި ހުރި ބޭސްތައް ބޭނުންކުރެއެވެ. އިސްރާއީލު ޙިމާޔަތްކުރުމަށް ޓަކައި، އެމެރިކާގެ ޓްވިން ޓަވަރު ގޮއްވައިލައިފައި އެއީ ބަހަނާއެއްކަމަށް ހަދައިގެން މެދުއިރުމަތީގެ ޤައުމުތަކަށް އަރައި ނިރުބަވެރިކަމާ ދެކޮޅަށްކަމަށް ބުނެ އެމެރިކާއިން ފެށި ހަނގުރާމައިގައި މުއްސަނދި ބޮޑެތި އިސްލާމީ ޔުނިވަސިޓީތައް ހުރި، ހުރިހައި ޤައުމެއް ބައިވެރިވިއެވެ. ޓްވިން ޓަވަރު ޙާދިސާގައި ގިނައިން ތިބީ ސުޢޫދީ ޢަރަބިއްޔާގެ ރައްޔިތުންނެވެ. އެ ތަނުގައި މަސައްކަތްކުރާން އުޅުނު އެއްވެސް އިޒުރޭލު މީހަކު އެ ދުވަހު އެ ތަނަށް ދިޔަކަމަކަށްނުވެއެވެ.
އުސާމާ ބިން ލާދިނަކީ އެމެރިކާގެ ސީއައިއޭގެ އުފެއްދުމެކެވެ. އަބޫބަކްރުލްބަޣުދާދީއަކީ ހަމަ އެ ފަދަ އެމެރިކާގެ ސީއައިއޭގެ އުފެއްދުމެކެވެ. އަބޫބަކްރުލްބަޣުދާދީ ޕީއެޗްޑީ ނެންގެވީ ޢަރަބި ގައުމުތަކުގައި ހުރި މި ދެންނެވި ބޮޑެތި ޔުނިވަސިޓީތަކުގެ ތެރެއިން ޔުނިވަރސިޓީއަކުންނެވެ. [ނިރުބަވެރިކަމާ ދެކޮޅަށް] އެމެރިކާއިން ފެށި ހަނގުރާމައިގައި އިސްލާމީ ޝަރީޢާއާ އެއް ގޮތަށް ވަކި ވައްތަރެއްގެ ޔުނިފޯމެއް ލައްވައިފައި ތުނބުޅިއާއި މަތިމަސް ވަކިގޮތަކަށް ބަހައްޓުވައިގެން އެމެރިކާ މީހުންނަށް ފާހަގަކުރާން ފަސޭހަވާ ގޮތަށް މުސްލިމު ޒުވާނުންތައް ގެންގޮސް، އެ މަޅީގައި ޖައްސަމުން ގެންދިޔައީ މި ދެންނެވި ޔުނިވަރސިޓީތަކުން ކިޔަވައިވިދާޅުވެގެން ނުކުމެވަޑައިގެން ތިއްބެވި ދީނީ ޢިލްމުވެރީންނެވެ.
އުސާމާ ބިން ލާދިނާއި އައިމަނުލްޒަވާހިރީއާއި، ސައްޔިދު ޤުތުބާއި އަބޫބަކުރުލްބަޣުދާދީއަކީ ހައްތާ ވެސް މި ދެންނެވި ޔުނިވަރުސިޓީތަކުން ބޮޑެތި ސަނަދު ނަންގަވައިގެން ތިއްބެވި ބޭބޭފުޅުންނެވެ. މި ބޭބޭފުޅުންގެ ސަނަދަށް އިތުބާރު ކޮށްގެން އެތައް ހާސް މުސްލިމުންނެއް ވަނީ ދުނިޔެއަޅައި ގޮސްފައެވެ. އަޅުގަނޑުމެންގެ ބައެއް އުސްތާޒުން އެ ވިދާޅުވާހެން ގޫގްލް ސާޗް ކޮށްގެން ގޫގްލް ޝޭޚުން ކައިރިން ހޯދާ މަޢުލޫމާތަށް ޢިތުބާރުކުރާކަށް ނުވާނެއެވެ. ދެން ޢިތުބާރުކުރާންވީ ކޮންކޮން ޢިލްމުވެރީންނަކަށްތޯއެވެ؟ ބައެއް ބޭފުޅުން އަޅުގަނޑާ ވެސް އެބަ ސުވާލުކުރެވެއެވެ. ބޮޑެތި ޔުނިވަރސިޓީތަކުން ޕީއެޗްޑީ ނަގައިގެން ތިއްބަވާ ބޭފުޅުން ދައްކަވާ ވާހަކަ ވެސް މީހުންގެ ބޯމަތީން ގޮސް ގުޅެނީ އައިސިސްއާ އަލްޤައިދާއަށޭ އެބަ ބުނެއެވެ .
މި ގޮތަށް ސުވާލުކުރާ މީހުން ގާތު އަޅުގަނޑު ބުނަމެވެ. އެއީ ކީރިތި ޤުރުއާނުގެ ތަރަހައިގެ ތެރޭން ޢިލްމުވެރީން ދައްކަވާ ވާހަކަފުޅެއްތޯ ބައްލަވާން ވާނެއެވެ. ސަބަބަކީ آل عمران ސޫރަތުގެ 70ވަނަ އާޔަތުގައި އެ ގޮތަށް އެ ކަން ބަޔާން ކުރައްވާފައި ވާތީއެވެ. رسول الله صلي الله عليه وسلمގެ ސުއްނަތަކީ ވެސް އޭގެ އަސްލު، އެ ފޮތުގެ އެތެރޭގައިވާ އެއްޗެއްކަން އެ އާޔަތުން ވަރަށް ސާފުކޮށް އެނގޭތީއެވެ. އަދިވެސް އަޅުގަނޑު އެ މީހުން ގާތު ބުނަމެވެ. سورة الزمرގެ 18ވަނަ އާޔަތް ބަލާށެވެ!
)الَّذِينَ يَسْتَمِعُونَ الْقَوْلَ فَيَتَّبِعُونَ أَحْسَنَهُ ۚ أُولَٰئِكَ الَّذِينَ هَدَاهُمُ اللَّهُ ۖ وَأُولَٰئِكَ هُمْ أُولُو الْأَلْبَابِ( ([އެއުރެންނީ، ބުނެވޭބަސް އަޑުއަހާ، އޭގެތެރެއިން އެންމެ ރަނގަޅު ތަކެއްޗަށް تبعވާ މީހުންނެވެ. އެއުރެންނަށް اللَّه ތެދުމަގު ދެއްކެވި މީހުންނީ އެއީއެވެ. އަދި ބުއްދީގެ أهلވެރީންނީ ވެސް، ހަމަ އެއުރެންނެވެ.]) (سورة الزّمر:18)
އުސާމާ ބިން ލާދިނާއި އައިމަނުލް ޒަވާހިރީއާއި ސައްޔިދު ޤުތުބާއި އަބޫބަކުރުލްބަޣްދާދީ ފަދަ ބޭބޭފުޅުންގެ ފިކުރުގެ ބޭބޭފުޅުން، މި ބޭބޭފުޅުންގެ تعليمގެ ސަބަބުން ދުނިޔެއަޅައީ ދިޔަ ޒުވާނުން މަދެއްނޫނެވެ. އެއީ ޝަހީދުންކަމުގައި، އެ ފިކުރުގެ މީހުން ބުނެއެވެ. އަނެއް ބަޔަކު ބުނަނީ އެއީ ނިރުބަވެރީންކަމަށެވެ. އަޅުގަނޑު ޙުކުމެއް ކަނޑައެއްނާޅަމެވެ. އަޅުގަނޑަކަށް އެ ކަމެއް ނުވެސް ކުރެވޭނެއެވެ.
ނަމަވެސް އެނގޭ ކަމަކީ ގިނަ عرب قوم ތަކުގެ ޔުނިވަރުސިޓީތަކުން ސަނަދު ނަންގަވައިގެން ނުކުންނަވާ ބައެއް ބޭބޭފުޅުން ގޮވައިލައްވަނީ، ފުރަތަމަ ތިމާގެ ޤައުމު [طاغوت ންގެ ކިބައިން] ސަލާމަތްކުރުމަށެވެ.
ކޮންމެއަކަސް އިސްރާއީލުން ފަލަސްތީނު ރައްޔިތުން ހަނާކޮށް ފަނާކުރުމުގައި މަޝްޣޫލުވެގެން ފަލަސްޠީނުގެ ނަސްލުނައްތައުލުމަށް ޓަކައި ހިންގާ ޖަރީމާ އޮތް ގޮތަށް އޮއްވައި، ބޮޑެތި ޢަރަބި ޔުނިވަރސިޓީތަކުގެ އިސްލާމީ ތަޢުލީމުގެ އެސެންސުން ރަހަ ލިބިގެން، ގައިގައި ބޮން ބަނދެގެން ގޮސް، ޖާނުގޮއްވައިލައިގެން، ޖާނުން ފިދާވެގެން، ޙަމަލާދޭން ފަށަނީ އަމިއްލަ ޤައުމުގެ ރައްޔިތުންނަށެވެ. ސައޫދީން 1970ވަނަ އަހަރު އިސްލާމީ މަންހަޖަށް ކިޔަވައިދޭން އެތައް ބިލިއަން ޑޮލަރެއް ޚަރަދުކޮށްގެން ދުނިޔޭގެ އިސްލާމީ ޤައުމުތަކުގައި جامعة ތަކާއި މަދަރުސާތައް އެޅިއެވެ. ތާލިބާނުންނަކީ އެ ތަންތަނުން ކިޔަވައިގެން ނުކުތް ދަރިވަރުންގެ ތެރެއިން ބަޔަކަށް ކިޔާ ނަމެކެވެ. ޕާކިސްތާނުގެ جامعة سلفية އަދިވެސް ހުރީ އެ މަންހަޖުގެ މަތީގައެވެ.
މިއީ އެމެރިކާގެ އެދުމަށް އަފުޣާނިސްތާނުގައި ސޯވިއެޓް ޔުނިއަން ބަލިކުރުމަށް ޓަކައި، ސުޢޫދީ ޢަރަބިއްޔާއިން، އެމެރިކާގެ އެހީއާ އެކު، އިސްލާމީ ޒުވާނުންނަށް ޓަކައި އެކުލަވައިލި ޖިހާދުގެ މަންހަޖެކެވެ. އެ މަންހަޖުގެ ތެރެއަށް ރަނގަޅަށް ވަދެވިއްޖެ މީހަކަށް ބޮން ބަނދެގެން ގޮސް، ޖާނު ގޮއްވައިލުން އެއީ ފެންތަށްޓެއް ބޮއިލުންހައި ފަސޭހަކަމެކެވެ. އަފުޣާނިސްތާނުގައި ސުޢޫދީ ޢަރަބިއްޔާއާ އެމެރިކާ ބައިވެރިވެގެން މި ވެރީން ކުޅުނު ޑްރާމާ ނިމުނީ އީރާނުގެ ޤާސިމް ސުލައިމާނީ އޭގެ ތެރެއަށް ވަދެގެންނެވެ. ސީރިޔާގައި ވެސް ހަމަ ވީ އެހެންނެވެ. ޢިރާޤުގައި ވެސް ވީ އެހެންނެވެ.
ޢަރަބީންގެ އެހީތެރިކަމާ އެކު މެދު އިރުމަތީގައި އައިސިސް އިންދައިގެން އެމެރިކާއިން ވަރަށް ބޮޑު ގެއްލުންތަކެއް މުސްލިމުންނަށް ދިނެވެ. އެތައް މިލިޔަން މުސްލިމުންނެއް މަރުވިއެވެ. ޤަތަރާއި، ސަޢުދީ ޢަރަބިއްޔާއާއި ބަޙުރައިނާއި، ތުރުކީ ފަދަ ސުންނީ ޤައުމުތަކުން އެމެރިކާއާ ގުޅިގެން ރަސޫލާގެ ސުއްނަތުގެ ނަމުގައި ކުރިއަށް ގެންދިޔަ މި ޖިހާދުން ޙާޞިލްކޮށްދިން އެންމެ ބޮޑު، އެއް ކަމަކީ އިސްރާއީލާ ދެކޮޅަށް ހަނގުރާމަކުރާން ތިބި، އެތައް މިލިޔަން މުސްލިމު ޒުވާނުންނެއް އެއްކޮޅު ޓިކެޓު ދީފައި ސުވަރުގެޔަށް ފޮނުވައިލަދިނުމެވެ. މިއީ އެމެރިކާއަށާއި އެ ޤައުމުތަކަށް [ޝުކުރުވެރިވާން] ޖެހޭ ކަމެކެވެ. އެ ނޫން އެއްވެސް ކަމެއް އެ ކަމުން ޙާޞިލެއްނުވިއެވެ.
ލީބިޔާގެ ޝަހީދުވެފައިވާ ލީޑަރ ކާނަލް މުޢައްމަރުލްޤައްޛާފީ، އެފުރިކާގައި އެއް ފައިސާއެއް ހަދާން ޖަމާކޮށްފައި ހުރި، 500 ޓަނުގެ ރަނަށް ވީ ގޮތެއް ނޭނގެއެވެ. އެމެރިކާއިން ޢަރަބީންނަށް ގެނެސްދިން ސުންނީ عرب ރަބީޢު މޫސުމް ނިމުނީ އެ ޤައުމު ސުންނާފަތިކުރުމަށް ފަހުގައެވެ. ލީބިޔާގެ ރައްޔިތުންނަށް ސުންނަތަށް އުޅުމަށް ވަސިއްޔަތްކުރަމުންނެވެ. އެ ރަންކޮޅުގެ ވާހަކައެއް ނުދައްކައެވެ. ޤައްޒާފީ ޝަހީދުކޮށްލި ރޭ، ހިލަރީ ކްލިންޓަން އުފަލުން ޝުކުރުގެ ސަޖިދައެއްނުޖެހީ ހަމަ ކިރިޔާއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕު، ސުންނަތް ދިފާއުކުރުމަށް ޓަކައި ޑުރޯނު ޙަމަލާއެއްދީ އީރާނުގެ ޤާސިމް ސުލައިމާނީ މަރައިލަދިނެވެ. ޤާސިމް ސުލައިމާނީއާ ހެދި، ސުންނީ ތުރުކީޔާއި ޤަތަރާ ސުޢޫދީ ޢަރަބިއްޔާއާއި ބަޙުރައިންގެ ޔުނިވަސިޓީތަކުން ކިޔަވައިގެން ނުކުމެ، ޖިހާދަށް ހިތްވަރުދީ، އިސްލާމީ ޤައުމުތަކުގެ ސަރުކާރުތަކާ ދެކޮޅަށް ޖިހާދުކުރަމުން ދިޔަ ސުންނީ ޖަމާޢަތްތައް ބޭނުންވި މަގުސަދު ހާސިލެއްނުވިއެވެ.
ޤާސިމް ސުލައިމާނީ އަވަހާރަކޮށްލި ފަހުން ސުންނަތް ދިފާއުކުރުމަށް އެމެރިކާގެ ސީ.އައި.އޭ.އިން ތުރުކީ މެދުވެރިކޮށް ސޫރިޔާގެ އިދްލިބްގައި ތިބި އަލްޤައިދާގެ ހަނގުރާމަވެރީންނަށް މުސާރަޔާއި ހަނގުރާމައިގެ ފަހުގެ ޑުރޯނު ބޭނުންކޮށްގެން ބިމާއި ވައިގެ ބާރު އެކުލަވައިލައިގެން ޙަމަލާދޭނެ ގޮތުގެ ތަމްރީނާއި ހަތިޔާރު ފޯރުކޮށްދެމުން ގެންދިޔައެވެ. 2024ވަނަ އަހަރު ޑިސެމްބަރު މަހު 24ވަނަ ދުވަހާ ހަމަޔަށް އިޒްރޭލު ޤައުމެއްކަމަށް ގަބޫލުނުކޮށް އޮތް ހަމަ އެކަނި ޤައުމަކީ ސީރިޔާއެވެ. އެހެންވެ އޭރު ސީއެންއެންއާއި ބީބީސީއާއި ބައެއް މީޑިއާތަކުން ބައްޝާރުލްއަސަދު، އިފުރިތަކަށް ވުރެ ނުބައި ކޮށްފައި ހުންނަތާ އެތައް އަހަރެއް ވެއްޖެއެވެ. އިސްރާއީލުން ޙިޒްބުﷲގެ ލީޑަރ ޙަސަން نصر الله އާއި އަދި އޭގެ ދަށަށް ތިބި، އެތައް ލީޑަރުންނެއް ޝަހީދުކޮށްލުމަށް ފަހު، ޙިޒްބުﷲއަށް ވަރަށް ބޮޑެތި ގެއްލުންތައް ދީ، ސީރިޔާގެ ތެރެއަށް ޙިޒްބުﷲއަށް ނުވަދެވޭ ވަރަށް ފިޔަ ކޮށައިލިއެވެ.
އަދި ބައްޝާރުލްއަސަދުގެ ދިފާޢުގައި ޢިރާޤުގެ ތެރޭން ވަންނާން އޮތް ޖަމާޢަތަކަށް އިސްރާއީލުގެ ވައިގެ ޙަމަލާތައްދީ ވިއްސިވިހާލިކޮށްލުމަށް ފަހު، ސުއްނަތުގެ ދިފާޢުގައި، ތުރުކީން އަލްޤައިދާ ސީރިޔާގެ ތެރެއަށް ވެއްދުމަށް އެންގިއެވެ. ނޭޓޯއާއި ތުރުކީގެ އިންޓެލިޖެންސާ އެކު، އަލްޤައިދާގެ ހަނގުރާމަވެރީން ދެތިން ދުވަހުގެ ތެރޭގައި ސީރިޔާ ފަތަޙަކޮށްލިއެވެ. އޭރު، އެމެރިކާއިން ސީރިޔާގެ ބިންތައް ހިފައިގެން ތިބެ، އެ ގައުމަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފައި އޮންނަތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. އިގުތިސާދީ ގޮތުން ޤައުމު އޮތީ ސިފައިންނަށް މުސާރަ ވެސް ކިރިޔަކިރިޔާ ދެވޭ ހިސާބުގައެވެ. އެއާ ޚިލާފަށް، އަލްޤައިދާ ހަނގުރާމަވެރީންނަށް މުސާރަ ލިބެނީ ޑޮލަރުންނެވެ. ކޮންމެއަކަސް އެ ހިސާބުން ސީރިޔާގައި އިސްލާމީ ޝަރީޢަތް ޤާއިމުވީކަމަށް ބުނެ، ސުންނީ ޖަމާޢަތްތަކުން އުފާފާޅުކުރާން ފެށިއެވެ. ވީ ވެސް އެހެންނެވެ. ނަމަވެސް، ސީރިޔާގައި ވެސް އިސްލާމީ ޝަރީޢަތް ޤާއިމުވީ ލީބިޔާގައި އިސްލާމީ ޝަރީޢަތް ޤާއިމްވިހެންނެވެ. އަލްޤައިދާއިން ސީރިޔާ ހިފިތާ ހިނދުކޮޅެއްގެ ތެރޭގައި ސީރިޔާގައި ރަޝިޔާއިން ގަނެފައި އޮތް ވަރުގަދަ އެސް 400 މަރުކާގެ ވައިގެ ދިފާޢީ ނިޒާމު އިޒްރޭލުން ބޮންއަޅައި އަންދައި އަޅިއަށް ހަދައިލިއެވެ. އަދި ތިން ދުވަސް ވަންދެން ހުއްޓައިނުލައި، ބޮންއަޅައި ވައިގެ މަރުކަޒުތަކާއި ކަނޑުގެ މަރުކަޒުތަކާއި ހަތިޔާރު ރައްކާކޮށްފައި ހުރި ގުދަންތައް ނެތިކޮށްލިއެވެ. ސީރިޔާގެ ރައްޔިތުންނަށް ސުންނަތަށް އުޅުމަށް ޓަކައި، އެމެރިކާއާއި އިސްރާއީލުން ވަސިއްޔަތްކުރިއެވެ. ބައްޝާރުލްއަސަދުވީ ކާފަރަކަށެވެ. ނަތަންޔާހޫ ހެދީ ވަލީވެރިއަކަށެވެ. ސުންނަތުގެ ދިފާޢުގައި ސުންނީންގެ ދިފާއުގައި ނަތަންޔާހޫ މި ކޮށްދިން ހެޔޮކަން، ބައެއް ސުންނީ ޢިލްމުވެރީންގެ ހިތްތަކުން ދުވަހަކު ވެސް ފިލައިގެނެއްނުދާނެއެވެ. އެމެރިކާއިން ޤާސިމް ސުލައިމާނީ އަވަހާރަކޮށްލައިދިނީ ވެސް މި އަމާޒަށް ވާޞިލުވުމަށް ޓަކައެވެ.
އެހެންނަމަވެސް، އޭނާ ޝަހީދުކޮށްލި އިރު، އޭނާ އޮތީ ހަމަ އެމެރިކާ އަޑީގައި އޮވެގެން އުފެއްދި ސުންނީ ސަނަދުގެ މަންހަޖާ އެއް ގޮތް ހަތިޔާރުއެޅި ޝީޢީ ސަނަދުގެ މަންހަޖެއް އުފައްދައިފައެވެ. ސުންނީ މަންހަޖުގެ އެންމެ ބޮޑެތި ޖަމާޢަތްތަކަކީ އައިސިސްއާއި އަލްޤައިދާއެވެ. ޝީޢީ މަންހަޖުގެ ޖަމާޢަތްތަކަކީ، ލުބަނާންގެ حزب الله އާއި ޔަމަންގެ انصارالله އެވެ. ޔަމަނުގެ ޙޫޘީންނޭ ވެސް މީހުން ކިޔައެވެ. މި ދެ މަންހަޖުގެ އެންމެ ބޮޑު ތަފާތަކީ، ސުންނީ جماعة ތަކުގެ ބިންގާ އެޅިފައި އޮންނަނީ ދީނުގެ ނަމުގައި، އެ ޤައުމެއްގެ ގިނަ ރައްޔިތުން ކޮންޓްރޯލުކުރުމާއި ވެރިކަމުގެ ބާރު ހޯދުމުގެ މައްޗަށެވެ. އަބޫބަކްރުލްބަޣްދާދީ މެން ކުރީ، އެ ކަމެވެ.
ޝީއީ ޖަމާއަތްތަކުގެ ބިންގާއެޅިފައި އޮންނަނީ، ޙައްޤު ތެދު ދެމެހެއްޓުމާއި އިސްލާމްދީނާއި މުސްލިމުން ޙިމާޔަތްކުރުމަށެވެ. حزب الله އާއި ޔަމަނުގެ ޙޫޘީން އެ ކުރަނީ އެ ކަމެވެ.
ސުޢޫދީ ޢަރަބިއްޔާއިން، ސުންނީ ޖަމާޢަތްތަކަށް ފަންޑުކުރުން ހުއްޓައިލީ ޔަމަނުގެ ޝީޢީ انصارالله ޙަރަކާތުން ސީދާ ސަޢޫ އެރެބިޔާގެ އެންމެ ފުނަށް ޑުރޯނު ޙަމަލާތައް ދޭން ފެށުމުންނެވެ. ބޭރު ފުށް ކޮންމެ ގޮތަކަށް ދެއްކިޔަސް، މެދުއިރުމަތީގެ ސުންނީ ޤައުމުތަކަކީ ޔަހޫދީންނާ އެއްބަނޑު އެއްބަފައި ބަޔެއްކަން އެމެރިކާއަށް އެނގެއެވެ. އެ މީހުންގެ ވައިގެ ބޭސްތައް ބޭނުންނުކޮށް އިސްރާއީލުން ޔަމަނަށް ޙަމަލާ ނުދެވޭނެކަން ވެސް އެމެރިކާޔަށް އެނގެއެވެ. ޢަރަބީންނަކީ އިސްރާއީލަށް ނުރައްކަލެއްނޫނެވެ. ނުރައްކަލަކީ ބައެއް ސުންނީ ޢިލްމުވެރީން، ޝީޢީ ކާފަރުންކަމުގައި ބުނާ އީރާނެވެ. އެމެރިކާއިން ނިއުކްލިޔަރު ހަތިޔާރޭ ކިޔައިގެން އީރާނަށް ޙަމަލާދޭން އުޅެނީ އިސްރާއީލު ސަލާމަތްކުރުމަށެވެ. އެމެރިކާއާއި ޔޫރަޕުގެ [ސުންނީ] ޤައުމުތަކުން ސުޢޫދީ ޢަރަބިއްޔާއާއި ޤަތަރާއި ބަޙްރައިނާއި މިސްރު ގުޅިގެން ކޯލިޝަނެއް ހަދައިގެން ފަޤީރު ޔަމަނަށް ވަރުގަދަ ޙަމަލާތަކެއް ތިން މަސް ދުވަހަށް ވުރެ ގިނަ މުއްދަތަކަށް ދިނެވެ. ފޮތުގައި އޮތީ ކީކޭތޯއެވެ؟ ވިދާޅުވާށެވެ!
)يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَىٰ أَوْلِيَاءَ ۘ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ وَمَن يَتَوَلَّهُم مِّنكُمْ فَإِنَّهُ مِنْهُمْ ۗ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ ۞( ("އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ޔަހޫދީންނާއި، ނަޞާރާއިން (އެއީ) އެކުވެރިން ކަމުގައި ނުބަލާށެވެ! އެއުރެންގެ ތެރެއިން އެއްބަޔަކީ އަނެއްބަޔެއްގެ އެކުވެރިންނެވެ. ތިޔަބައިމީހުންގެ ތެރެއިން އެއުރެން އެކުވެރިން ކަމުގައި ބަލައިފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެއީ، އެއުރެންގެ ތެރެއިންވާ މީހެކެވެ. ހަމަކަށަވަރުން، އަނިޔާވެރި ބަޔަކަށް ﷲ ތެދުމަގެއް ނުދައްކަވާނެތެވެ.") (سورة المأئدة: 51)
ކޯލިޝަން ހެދީ ކޮންބަޔަކާއެކީތޯއެވެ؟! (އަދި ނުނިމޭ)