ad_banner
އެފުރިކާ ބައްރުން ބައެއް ވަކިވެ މުޅީން އައު ކަނޑެއް އުފެދެނީ!

ޒައުޖަތު އަޙުމަދު

13 މޭ 2025

އެފުރިކާ ބައްރުގައި ރެނދުލައި ހެދިފައިވާ ބާގނަޑު: މި ކެނޑުމަކީ ކުރިމަގުގައި ބޮޑު ކަނޑަކަށްވާނެކަމަށް ސައެންސްވެރީން ބުނެއެވެ.

އިރުމަތީ އެފުރިކާ ބައްރުގެ ބިމުގައި ރެނދުލައި، އުފެދެމުން އަންނަ ބާގަނޑުގެ ސަބަބުން އެ ސަރަހައްދުގައި އިތުރު ކަނޑެއް އުފެދި އެފުރިކާ ބައްރު ދެ ބައިވެ އިތުރު ބައްރެއް އުފެދިދާނެކަމަށް ސައިންސްވެރީން ބުނަމުން އެބަ ގެންދެއެވެ.

އެފުރިކާ ބައްރު ހިމެނޭ "ފޯލްޓް ޒޯން"ގެ ނަމުން ނަންދީފައިވާ މި ސަރަޙައްދު، ރަތްކަނޑުން ފެށިގެން އެފުރިކާގެ މޮޒަންބީކާ ހަމައަށް ދެމިގެންވެއެވެ. މި ރެނދު ހުރި ސަރަޙައްދަކީ ފޯލްޓް ޒޯންގައި ހިމެނޭ މައި ތިން ޕްލޭޓް (ބިމު އަޑީގެ ފޮތިފޮތި) ބައްދަލުވާ ސަރަޙައްދެއްކަން ފާހަގަކުރެވެއެވެ. އެ ތިން ޕްލޭޓުގައި ހިމެނެނީ ސޯމާލިއާއާއި އެފުރިކާއާއި އަރަބި ޕްލޭޓެވެ.

ޕްލޭޓްތަކުގައި ހުންނަ ޓެކްޓޯނިކް ބާރުގެ ސަބަބުން ބިންގަނޑު ދެފަޅިވެފައިވާ ތަން މިހާރު ހަމަ ލޮލަށް ވެސް ފެންނާން އެބަހުއްޓެވެ. އެ ސަރަޙައްދުގެ ބިމުގައި ލައިފައި ހުރި ރެނދު ބޮޑުވެ، ދެފަޅިވެ ބިންގަނޑު ދެ ފަރާތަށް ކެހިފައިވާ ތަން ފެނެއެވެ. މިހާރު އެ ބަދަލު ފެންނާންހުރި ނަމަވެސް ބިމުގެ ފަށަލަތަކުގެ މި ޙަރަކާތަކީ ވަރަށް ލަސް ޙަރަކާތެކެވެ. ސައިންސްވެރީން ބުނާ ގޮތުގައި އެފުރިކާ ބައްރުގައި ހުރި މި ރެނދު އުފެދި ބޮޑުވަމުން އަންނަތާ 25 މިލިއަން އަހަރު ވަނީ ވެފައެވެ.

ބިމާ ބެހޭ ޢިލްމުވެރީން (ޖިއޮލޮޖިސްޓުން) ބުނާ ގޮތުގައި އެފުރިކާ ބައްރުގެ އެންމެ އިރުމަތީގައި ހިމެނޭ ސޯމާލިއާއާއި، އިތިއޯޕިއާއާއި ކެންޔާ ހިމެނޭ ފޮތި (ޕްލޭޓް) ދަނީ، އަހަރަކު އެތައް މިލިމީޓަރެއް އެފުރިކާގެ މައި ބައްރާ ފެއަށް ޖެހެމުންނެވެ.

ގިނަ ސައިންސްވެރީން އެއްބަސްވާ ގޮތުގައި މި ބަދަލުގެ ސަބަބުން މުޅިން އައު ކަނޑެއް، އެ ސަރަޙައްދުގައި އުފެދޭނެއެވެ. އައު ކަނޑެއް އުފެދެނީ ބައްރެއް ދެބައިވެ އެއް ބައްރު އަނެއް ބައްރާ ވަކިވެގެންކަމަށް ސައިންސްވެރީން ބުނެއެވެ. އެފުރިކާއާއި އެމެރިކާއަކީ މީގެ އެތައް މިލިއަން އަހަރެއްގެ ކުރީގައި އެއްކޮށް އޮތް އެއް ބައްރެކެވެ. ނަމަވެސް އެ ބައްރު ވެސް ޕްލޭޓް ޓެކްޓޯނިކް ބާރުގެ ސަބަބުން ރެނދު އަޅައި މަޑުމަޑުން ފޭވެ ދެ ބައްރަކަށް ބައިވީއެވެ. އަދި އެ ދެ ބައްރުގެ ދެމެދުގައި އުފެދުނު ކަނޑަށް ކިޔަނީ އެޓްލާންޓިކް ކަނޑެވެ.

މި ބަދަލަކީ ބިމު އަޑީގެ ޙަރަކާތްތައް ދިރާސާކޮށް ހަދަމުން އަންނަ ޖިއޮލޮޖިސްޓުންނާއި ސައިންސްވެރީންނަށް މުހިންމު ގިނަ ފުރުޞަތުތަކެއް ފަހިވެގެންދިޔަ ކަމެކެވެ. އިތިއޯޕިއާގެ ބިމުގެ ސަޠަޙައިން މި ރޮނގު (ބިންގަނޑު ކަނޑައިގެން ގޮސްފައިވާ ތަން) ފާހަގަވެފައި ވަނީ އެ ސަރަޙައްދުގައި ހިމެނޭ ޑައްބަހު ނަމަކަށް ކިޔާ އަލިފާން ފަރުބަދައެއް 2005ވަނަ އަހަރު ގޮވުމުގެ ސަބަބުންނެވެ. މި ގޮވުމަކީ މި ފަރުބަދަ ފުރަތަމަ ފަހަރަށް ގޮވި ގޮވުންކަމަށް ވެސް ރެކޯޑް ކުރެވިފައިވެއެވެ. މި ގޮވުމުގެ ސަބަބުން ބިމުގެ 14 ކިލޯ މީޓަރު އަޑީން އައި ބާރުގަދަ ބިންހެލުމަކާ އެކު، ބިންގަނޑު ކަނޑައިގެން ގޮސްފައި ހުރީ އިތިއޯޕިޔާގެ އިރުއުތުރު ސަރަޙައްދުގެ ބިމުންނެވެ. މި ސަރަޙައްދަކީ ސަހަރުން ބޭރު ސަރަޙައްދެކެވެ. ވާރޭ ވެހުން ދުރު ހަނަފަސް މި ސަރަޙައްދުގައި މީހުން ވަޒަންވެރިވެ ދިރިއެއްނޫޅެއެވެ.

އިތިއޯޕިއާގެ ބިމުގައި ހުރި މި ރެނދު 60 ކިލޯ މީޓަރަށް ދެމިގެން ގޮސްފައިވާ އިރު، ބައެއް ސަރަޙައްދުތަކުގައި މި ރޮނގު ވަރަށް ފުޅާކޮށް ހުންނަކަމަށް ސައިންސްވެރީންގެ ހޯދުންތަކުން ހާމަވެފައިވެއެވެ. އަދި މި ފަދަ ރެނދެއް ފޭވެ، ދެބަޔަކަށް ބެހި މުޅީން ވަކިވުމަށް އެތައް މިލިއަން އަހަރެއް ހެދަވާނެކަމަށް ސައިންސްވެރީން ގަބޫލުކުރަމުން އަންނަތާ އެތައް ޒަމާނެއްވެއްޖެއެވެ. ނަމަވެސް ބިންގަނޑު ކަނޑައިގެން ގޮސްފައިވާ މި ރޮނގު، ފުޅާ މިނުގައި ދެ މީޓަރަށް ކުއްލިއަކަށް ފޭވެފައި ހުރި މަންޒަރު ފެނުން ވެފައިވަނީ ސައިންސްވެރީން ހައިރާންކުރުވި ކަމަކަށެވެ. ޖިއޮލޮޖިސްޓުންނާ ސައިންސްވެރީން ދަނީ މި ކަމާ މެދު ބަހުސްކޮށް ސުވާލު އުފައްދަމުންނެވެ. ކުރީން ގަބޫލުކުރާ ގޮތާއި ޚިލާފަށް މާ ހަލިކޮށް މި ކަން ހިނގައި، ބިންގަނޑު އެއްކޮށް ވަކިވެދާނެތޯ ނުވަތަ މި ކަން ފުރިހަމަވާން، އެތައް މިލިއަން އަހަރެއް ވާނެތޯ އެ މީހުން ގެންދަނީ ސުވާލުއުފައްދަމުންނެވެ. ބިމާ ބެހޭ ބައެއް ޢިލްމުވެރީން ގަބޫލުކުރާ ގޮތުގައި ބިންގަނޑުގައި ރެނދުލައި މި ބާގަނޑު އުފެދުމަކީ ބިމުގެ މި ފަދަ ޙަރަކާތްތައް ބައެއް ފަހަރު ސައިންސްވެރީން ގަބޫލުކުރާ ގޮތަށް ވުރެ މާ އަވަހަށް ވެސް ހިނގުން އެކަށީގެންވާކަމުގެ ދަލީލެކެވެ.

އިތުރު ކަނޑެއް އަދި އިތުރު ބައްރެއް އުފެދުމަކީ ދުނިޔޭގެ ޗާޓަށް ވެސް ބޮޑު ބަދަލެއް އަންނާނެ ކަމެކެވެ. މީގެ އިތުރަށް މި ސަރަޙައްދަކީ މުދާ އުފުލާ ބޯޓުފަހަރާ ތެޔޮ ޓޭންކަރުތައް ގިނަ އަދަދަކަށް ދަތުރުކުރާ ރަތް ކަނޑާއި ސުއޭޒު ކެނެލު ވެސް ހިމެނޭ ސަރަޙައްދުކަމަށް ވާތީ ބިމަށް އަންނަ މި ބަދަލުގެ ސަބަބުން ދުނިޔޭގެ ވިޔަފާރީގެ މަގުތަކަށް ވެސް ބޮޑު ބަދަލެއް އަންނާނެއެވެ. އަދި މީގެ އިތުރަށް އެ ސަރަޙައްދުގެ ދިރުންތަކަށް އަންނާނެ ބަދަލުތައް ވެސް ދެނެގަތުމުގެ މަސައްކަތް ސައިންސްވެރީން އަންނަނީ ކުރަމުންނެވެ.

ކޮންމެއަކަސް އެފުރިކާ ބައްރު ދެބައަށް ބެހި ނިމޭނެ ހިސާބަކާއި ދުވަހެއް ޔަގީން ނުކުރެވުނަސް އެ ކަން ހިނގަމުންދާ މަންޒަރު މިހާރު އެ ދަނީ ދުނިޔޭގެ ލޮލަށް ފެންނަމުންނެވެ. އެފުރިކާ ބައްރުގެ ބިންގަނޑު ކަނޑައިގެން ގޮސް ބާގަނޑެއް އުފެދި، އަންނަމުންދާ މި ބަދަލަކީ ދުނިޔޭގެ ބިމަށް އަންނަ ބަދަލުތަކުގެ ތެރެއިން އިންސާނުންގެ ލޮލަށް ފެނި ދިރާސާކުރާން ލިބުނު އެންމެ ފާޅުކަން ބޮޑު ބަދަލެވެ.

ކޮމެންޓު