އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
8 މޭ 2025
ބަލާޣާތްތެރިކަމަކީ އަދަބިއްޔާތުގައި ވަރަށް މުހިންމު ހުނަރެކެވެ. ބަލާޣާއަކީ އަދަބިއްޔާތުގައި ހިމެނޭ ވަކި ގޮތްޕެކެވެ. އެއީ ޚާއްޞަ ޢިލްމެކެވެ. ޢިލްމުލްބަލާޣާގެ ބޮޑެތި ފޮތްތައް ވެސް ހުރެއެވެ. އެހެންނަމަވެސް ދިވެހި ސިޔާގުގައި ބަލާޣާތްތެރިކަމަކީ "އަދަބީ ކަންތައްތަކުގައި ކުޅަދާނަކަން" ލިބިފައިވުންކަމަށް ދިވެހިބަހުގެ ރަދީފުގައި އޮވެއެވެ. ބަހަވީ ޢިލްމުވެރީންގެ އަރިހުގައި ބަލާޣާތްތެރިކަމަކީ މުޚާޠަބު ކުރެވޭ ފަރާތުގެ ޙާލަތާ އެއް ގޮތްވާ ގޮތުގެ މަތީން، ދައްކާ ވާހަކައިގެ ލަފުޒުތަކާއި ޖުމްލަތަކުގެ ފަޞާޙަތްތެރިކަމާ އެކު، މީސްތަކުންގެ ހިތްތަކަށް އޭގެ އަސަރުކުރުވާ ފަދަ ގޮތަކަށް ބަސްމޮށުމެވެ.
އެހެން ގޮތަކަށް ދަންނަވާ ނަމަ، "ބަލާޣާތްތެރިކަމަކީ، ފުންކޮށް، ރިވެތިކޮށް، ނަފުސަށް އަސަރު ފޯރުވާ ފަދަ ގޮތަކަށް، ހެޔޮ، ރަނގަޅު، ފަޞާޙާތްތެރި ޢިބާރަތަކުން، މާނައެއް ސާފުކޮށް" އޮޅުންފިލުވައިދިނުމެވެ. އެ ޢިބާރާތަކުން މުޚާޠަބުކުރެވޭ މީހުންގެ ޙާލަތާއި ވާހަކަ ދެކެވޭ މުނާސަބަތާ ގުޅޭ ފަދަ ޢިބާރާތެއް ބޭނުންކޮށްގެންނެވެ. ޖުމުލަ ގޮތެއްގައި ބަލާ އިރު ބަލާޣާތްތެރިކަމަކީ "އަދަބީ ޢަމަލެއް އުފަންކުރުވާ އިރު، އަދީބުގެ ހިތުގައިވާ ޝުޢޫރުތަކާއި އިޙުސާސުތައް، ކިޔާމީހާގެ ނުވަތަ އަޑުއަހާ މީހާގެ ޝުޢޫރުތަކަށާއި އިޙުސާސްތަކަށް އަސަރުކުރުވާ ގޮތަށް، އޭގެ ފޮނިކަމާއި މީރުކަން" އަހާ މީހުންނަށް ނުވަތަ ކިޔާ މީހުންނަށް ލިބިދޭ ފަދަ ގޮތަކަށް ހުށަހަޅައިދިނުމުގެ ކުޅަދާނަކަން ލިބިފައިވުމެވެ. ބަލާޣާތްތެރި ދޫތަކާއި ގަލަންތަކަކީ އެހައި ގިނަ އެއްޗެއް ނޫނެވެ. ނަމަވެސް ދިވެހި އަދަބުގައި ވެސް މި ސިފަ ލިބިވަޑައިގެން ތިއްބެވި އަދީބުންނާއި މުޤައްރިރުން އުފެދިފައިވެއެވެ. މި ފަދަ އެއް އަދީބަކީ 2015ވަނަ އަހަރު އޮގަސްޓު މަހު، ދެމި އޮތުމުގެ ޢާލަމަށް ދަތުރުފުޅުކުރައްވައިފައިވާ، އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ރަޙިމަހުﷲ)އެވެ. އެ މަނިކުފާނުގެ ކޮންމެ ތަޤުރީރަކީ ބަލާޣާތުން ފުރިގެންވާ ތަޤުރީރެކެވެ. އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ ބަލާޣާތްތެރިކަމުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ދައްކަވާ ވާހަކަފުޅު އަމާޒުކުރައްވާ ބަޔަކާ، ހާޒިރީންނާ ގުޅޭ ފަދަ ބަސްކޮށާރެއް ގެންގުޅުއްވާ ކަމެވެ. މިއަދު އަޅުގަނޑު ގަލަން ނަގައިގެން މި އުޅެނީ އުސްތާޛު ޙަމީދުގެ ތަޤުރީރުތަކުގެ ބަލާޣާތްތެރިކަމުގެ ވާހަކަދައްކާކަށް ނޫނެވެ. އެއީ އެއަށް ވުރެ މާ ޞަރީޙަ ބަލާޣާތްތެރިކަމެކެވެ.
އަޅުގަނޑު މިއަދު މި މަސައްކަތްކުރަނީ އެ މަނިކުފާނުގެ ބަލާޣާތްތެރި ވާހަކަފުޅުދެއްކެވުމުގެތެރެއިން ދިވެހި އަދަބިއްޔާތަށް ތަޢާރުފުވެގެން އައި ދެ ލަފުޒެއް ނުރަނގަޅު ގޮތުގައި ބައެއް މީހުން ބޭނުންކުރާތީ އެ ކަން ކިޔުންތެރީންގެ ސަމާލުކަމަށް ގެނެވޭތޯއެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން ބަލާޣާތްތެރިކަމުގެ އެއް ކަމަކީ ފަށުވިކުރުމެވެ. ފަށުވިކުރުމުގައި ބޭނުންކުރާ ބައިވަރު އުކުޅުތައް ހުރެއެވެ. މީގެ ތެރޭގައި އަޑު ތަކުރާރުވާ ގޮތަށް (ރައިމްވާ ގޮތަށް) ލަފުޒު ބޭނުންކުރުމަކީ ކުޅަދާނަ އަދީބުންނާއި މުޤައްރިރުން ކޮށް އުޅޭ ކަމެކެވެ. މި ގޮތަށް ބޭނުންކުރާ ލަފުޒުތަކަކީ ވެސް މާނަހުރި އަސަރުގަދަ ލަފުޒުތަކަކަށް ވާންޖެހެއެވެ. މީގެ އެއް މިސާލަކީ އުސްތާޛު ޙަމީދު ތަޢާރުފުކުރެއްވި "އިތުރު އާލުންނާއި މިތުރު އަޞްޙާބުން"ނެވެ. މިއީ އުސްތާޛު ޙަމީދު، ތަޤުރީރުކުރައްވާ އިރު، ޙަމްދު ޞަލަވާތުގެ ބައިގައި ބޭނުންފުޅުކުރެއްވި ޢިބާރާތެކެވެ. މި ތަނުގައި މި ރައިމްވަނީ "އިތުރު"، "މިތުރު" މި ދެ ލަފުޒެވެ. މި ދެ ލަފުޒު ބޭނުންފުޅުކުރައްވަނީ ފުރިހަމަ ބަދަހި މާނައިގައެވެ. "އިތުރު" މި ލަފުޒުގެ އެއް މާނައަކީ "ދީނީ ގޮތުން މާތް"ކަމެވެ. އެހެންވީމާ އިތުރު އެ ބޭނުންފުޅުކުރައްވަނީ އާލުވެރީންނަށެވެ. ރަސޫލާގެ އަހުލުބައިތުންނަށެވެ. ރަސޫލާގެ އާލުންނަކީ އެކަލޭގެފާނުގެ ޢާއިލާގެ، ގާތްތިމާގެ ބޭފުޅުންނެވެ. އެންމެ މާތް އިންސާނުންނެވެ. އެހެންކަމުން "އިތުރު" މި ލަފުޒު ބޭނުންފުޅުކުރައްވައިފައި މިވަނީ ފުރިހަމަ ބަދަހި މާނައިގައެވެ. މި ލަފުޒުގެ އަޑު ތަކުރާރުވާ ގޮތަށް ދެން ބޭނުންފުޅުކުރައްވަނީ "މިތުރު" މި ލަފުޒެވެ. މި ލަފުޒުގެ އެއް މާނައަކީ "އެކުވެރި"އެވެ. އެނގިވަޑައިގަނަނަވާނޭ ފަދައިން އަޞްޙާބުންނަކީ ކީރިތި ރަސޫލާގެ އަރިހުގައި އުޅުއްވި، އެކަލޭގެފާނުގެ އެކުވެރި ބޭބޭފުޅުންނެވެ. އެކަލޭގެފާނުންގެ "މިތުރުން"ނެވެ. ވީމާ، "އިތުރު އާލުންނާއި މިތުރު އަޞްޙާބުން" އެ ބޭނުންފުޅުކުރައްވަނީ ޢިބާރާތް ފަށުވިކުރެއްވުމަށް ޓަކައި އޭގެ ފުރިހަމަ ބަލާޣާތްތެރިކަމާ އެކުގައިކަން ވެސް ފާހަގަކުރެވެއެވެ.
ފަށުވި ޢިބާރާތުން ވާހަކަދެއްކެވުމަށް ޓަކައި ހެޔޮ ގޮތުގައި "ނަކަލުކުރުމަކީ" މީހުންކޮށް އުޅޭ ކަމެކެވެ. ރަނގަޅުކަމެއްމެއެވެ. ނަމަވެސް ހެޔޮ ގޮތުގައެވެ. ރަނގަޅު، ހަމަ ގޮތުގައެވެ. މި ފަހަކަށް އައިސް އުސްތާޛު ޢަބްދުﷲ ޙަމީދުގެ އިސްވެ ދެންނެވި ޢިބާރާތް ބައެއް މީހުން ނުރަނގަޅު ގޮތުގައި ބޭނުންކުރާތީ އަޑުއިވިއެވެ. ވިސްނުމެއް ނެތި "އިތުރު އެކަލޭގެފާނުންގެ މިތުރު އާލުންނާއި އިތުރު އަޞްޙާބުން"ނޭ ކިޔައިގެން ބައެއް މީހުން ވާހަކަދައްކާ އަޑު އިވެއެވެ. މިއީ އަޑު {ރައިމް ވިޔަސް" މާނައިގެ ގޮތުން ހަމަ ގޮތެއް ނޫނެވެ. ސަބަބަކީ އާލުވެރި ބޭކަލުންނަކީ ކީރިތި ރަސޫލާގެ އެކުވެރީންނެއް ނޫނެވެ. އެއީ އެކަލޭގެފާނުގެ ޢާއިލާގެ ގާތްތިމާގެ ބޭފުޅުންނެވެ. އެހެންވީމާ ރަނގަޅު ގޮތަކީ، "އިތުރު އާލުންނާއި މިތުރު އަޞްޙާބުން" ނެވެ. "މިތުރު އާލުންނާއި އިތުރު އަޞްޙާބުން" ނެއް ނޫނެވެ.
ވީމާ، ބަލާޣާތްތެރިކަމާ އެކު، ވާހަކަދެއްކުމަށް ޓަކައި މީހެއްގެ ޢިބާރާތް ނަކަލުކުރާ އިރު، ހެޔޮ، ހަމަ ގޮތުގައި އެ ޢިބާރާތެއް ނަކަލުކުރުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ގަބޫލުކުރާން ޖެހެއެވެ. އެހެންނޫނީ އެ ފަދަ ނަކަލުކުރުމުން ބަލާޣާތްތެރިކަން އުފެދުމުގެ ބަދަލުގައި ޢިބާރާތް ދޯދިޔާވެ، އަޑުއަހާ މީހުންނަށް ހެއްވާ އެއްޗަކަށް ވެދާނެއެވެ. އެހެންކަމުން ލަފުޒުތައް ނަކަލުކޮށްގެން ބޭނުންކުރިޔަސް އެ ބޭނުންކުރާ ލަފުޒުތަކުން ދޭހަވާ މާނައާ މެދު، ވިސްނައިގެން ބޭނުންކުރުމަކީ މުހިންމު ކަމެއްކަމުގައި ދަންނަވާން ޖެހެއެވެ.