ޑރ. މޫސާ އަންވަރު ޙަސަން
20 އޭޕްރިލް 2025
ބަނީ އިސްރާއީލުންގެ ވާހަކާ ކީރިތި ޤުރުއާނުގެ ވަރަށް ގިނަ ތަންތާނގައި ބަޔާންކުރައްވައިފައިވެއެވެ.
سورة الإسراء ނިމޭ އާޔަތްތަކުގައި ބަނީއިސްރާއީލުންގެ ވާހަކަ ބަޔާންކުރައްވައިފައިވެއެވެ. އެ މީހުން ބިމުގައި ދެ ފަހަރު ފަސާދަކުރޭނެ ވަހަކަޔާ އަދި ކޮންމެ ފަހަރަކު ވެސް މީހުންގެ މައްޗަށް ބަޔަކު ފާކުރައްވައި އަދަބު ދެއްވާ ވާހަކަ ކީރިތި ޤުރްއަނުގައި ބަޔާންކުރައްވައިފައި ވެއެވެ. ނުވަތަ އެކަލާނގެ އެދިވޮޑިގަންނަވާ ބަޔަކު މެދުވެރިކުރައްވައި އެ މީހުންނަށް އަދަބު ދެއްވާ ވާހަކަ ބަޔާން ކުރައްވައިފައިއެވެ. މި މައްސަލައަށް އަލިއަޅުވައިލަދެއްވުން އެދެމެވެ!
ޖަވާބު: މާތް ﷲ އަށް ޙަމްދުކުރަމެވެ. މާތް ﷲގެ ރަސޫލާގެ މައްޗަށް ޞަލަވާތާއި ސަލާމްލެއްވުން އެދެމެވެ. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނާއި އެކަލޭގެފާނަށް ތަބަޢަވީހައި ބަޔަކު ޝާމިލުކުރައްވާށިއެވެ!
﴿وَقَضَيْنَا إِلَى بَنِي إِسْرَائِيلَ فِي الْكِتَابِ لَتُفْسِدُنَّ فِي الْأَرْضِ مَرَّتَيْنِ وَلَتَعْلُنَّ عُلُوًّا كَبِيرًا * فَإِذَا جَاءَ وَعْدُ أُولَاهُمَا بَعَثْنَا عَلَيْكُمْ عِبَادًا لَنَا أُولِي بَأْسٍ شَدِيدٍ فَجَاسُوا خِلَالَ الدِّيَارِ وَكَانَ وَعْدًا مَفْعُولًا * ثُمَّ رَدَدْنَا لَكُمُ الْكَرَّةَ عَلَيْهِمْ وَأَمْدَدْنَاكُمْ بِأَمْوَالٍ وَبَنِينَ وَجَعَلْنَاكُمْ أَكْثَرَ نَفِيرًا * إِنْ أَحْسَنْتُمْ أَحْسَنْتُمْ لِأَنْفُسِكُمْ وَإِنْ أَسَأْتُمْ فَلَهَا فَإِذَا جَاءَ وَعْدُ الْآخِرَةِ لِيَسُوءُوا وُجُوهَكُمْ وَلِيَدْخُلُوا الْمَسْجِدَ كَمَا دَخَلُوهُ أَوَّلَ مَرَّةٍ وَلِيُتَبِّرُوا مَا عَلَوْا تَتْبِيرًا * عَسَى رَبُّكُمْ أَنْ يَرْحَمَكُمْ وَإِنْ عُدْتُمْ عُدْنَا وَجَعَلْنَا جَهَنَّمَ لِلْكَافِرِينَ حَصِيرًا ﴾ (الإسراء:4 – 8) މާނައީ:"އަދި ތިމަންރަސްކަލާނގެ، إسرآءيل ގެ ދަރީންނަށް، ފޮތުގައި (އެބަހީ: توراة ގައި) ކަނޑައަޅުއްވައި އެންގެވީމެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ދެ ފަހަރެއްގެ މަތީން ބިމުގައި ފަސާދަކުރާނޫއެވެ. އަދި ހަމަކަށަވަރުން، ބޮޑުވެގެންވާ ބޮޑާވުމަކުން ތިޔަބައިމީހުން ބޮޑާވާނޫއެވެ. ފަހެ، އެ ދެފަހަރުން ކުރެ ފުރަތަމަ ފަހަރުގެ وعد ފުޅު އައި ހިނދު، ގަދަފަދަވެގެންވާ ބާރެއްގެ ވެރި އަޅުންތަކެއް، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ފޮނުއްވީމެވެ. ފަހެ، އެއުރެން (ތިޔަބައިމީހުންގެ ރަށުގެ) ގޯތިގެދޮރުގެ ތެރެޔަށް ވަދެގެންދިޔައޫއެވެ. އަދި ފުރިހަމަވެގެންވާ وعد ފުޅެއްކަމުގައި، އެ وعد ފުޅު ވިއެވެ. ދެން އެއުރެންގެ މައްޗަށް، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ އެނބުރި އައުމެއް (އެބަހީ: ވެރިކަމާއި ބާރު އަލުން) ދެއްވީމެވެ. އަދި ދަރީންނާއި، މުދާތަކުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް މަދަދު ދެއްވީމެވެ. އަދި މީހުންގެ ގޮތުން، ގިނަ ބަޔަކުކަމުގައި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ލެއްވީމެވެ. ތިޔަބައިމީހުން ހެޔޮކޮށް ކަންތައްކުޅަ ނަމަ، އެ ހެޔޮކަންތައް ކުޅައީ، ހަމަ ތިޔަބައިމީހުންގެ އަމިއްލަ نفسތަކަށެވެ. އަދި ނުބައިކޮށް ކަންތައް ކުޅަނަމަވެސް، (އެ ނުބައިކަންތައް ކުޅައީ) ހަމަ އެ نفسތަކަށެވެ. ފަހެ، ދެވަނަ ފަހަރަށް وعد ފުޅު އައި ހިނދު (ތިޔަބައިމީހުންގެ عداوة ތެރީން ފޮނުއްވީމެވެ.) އެއުރެންގެ ސަބަބުން ތިޔަބައިމީހުންގެ މޫނުމަތީން ހިތާމައިގެ އަސަރުތައް ފާޅުވުމަށް ޓަކައެވެ. އަދި ފުރަތަމަ ފަހަރު އެއުރެން އެ ތަނަށް ވަންފަދައިން، މިސްކިތަށް (އެބަހީ: المسجد الأقصى އަށް) ވަނުމަށް ޓަކައެވެ. އަދި އެއުރެން ވެރިވެގަތް ތަންތަން ހަލާކުކޮށް، ސުންނާފަތިކުރުމަށް ޓަކައެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ، ތިޔަބައިމީހުންނަށް (عفو ކުރައްވައި) رحمة ލެއްވުން ގާތްވެގެންވެއެވެ. އަދި ތިޔަބައިމީހުން (ފަސާދަކުރުމަށް) އެނބުރި އަތުވެއްޖެ ނަމަ، ތިމަންރަސްކަލާނގެ (عقوبات ދެއްވުމަށް) އެނބުރި ވޮޑިގެންފާހުށީމެވެ. އަދި كافر ންނަށް ހުރަގެއެއްކަމުގައި، ތިމަންރަސްކަލާނގެ ނަރަކަ ލެއްވީމެވެ."
ޢިލްމުވެރިންގެ މެދުގައި މިއާޔަތުގެ މާނައާ، މަޤްޞަދަ އަދި އެ ޙާދިޘާތައް ހިނގައިގެން ދިޔަ ދުވަސްވަރާ މެދު ޚިޔާލު ތަފާތުވެފައިވެއެވެ. އެ ބޭކަލުންގެ ތެރެއިން ބައެއް ބޭކަލުން ވިދާޅުވެފައިވަނީ، އެ ފަސާދަކުރުންތައް ވަނީ އިސްލާމްދީން އައުމުގެ ކުރީން ހިނގައި ގޮސްފައެވެ. ބަނޫ އިސްރާއީލުންނަށް ނުވަތަ ޔަހޫދީންނަށް މާތް ﷲ ޢުޤޫބާތް ދެއްވިއެވެ.
ޢިލްމުވެރިންގެ މެދުގައި އެ މީހުންގެ ތެރޭގައި ހިނގައިގެން ދިޔަ ފަސާދައިގެ ވައްތަރާއި ހިނގައި ދިޔަ ޒަމާނާ މެދު ޚިޔާލު ތަފާތުވުން އުފެދިފައިވެއެވެ. ޢާންމު ގޮތެއްގައި އެ މީހުން ޙަރާމްކަންކަން ހުއްދަކުރިއެވެ. ޢަހުދުތައް އުވައިލިއެވެ. އެއް ބަޔަކު އަނެއް ބައެއްގެ ޙުރުމަތަށް އަރައިގަތެވެ. ފޮތުން ބަޔަކަށް އީމާންވިއެވެ. ހަމަ އެފޮތުން ބަޔަކަށް ކާފަރުވިއެވެ. ނަބީބޭކަލުންނަށް އުރެދުނެވެ. އަދި ބައެއް ނަބީބޭކަލުން ޤަތުލުކުރިއެވެ. އެކަލާނގެ ވަޙީކުރައްވައިފައިވާ ފަދައިންނެވެ. ﴿أَفَكُلَّمَا جَاءَكُمْ رَسُولٌ بِمَا لَا تَهْوَى أَنْفُسُكُمُ اسْتَكْبَرْتُمْ فَفَرِيقًا كَذَّبْتُمْ وَفَرِيقًا تَقْتُلُونَ﴾ (سورة البقرة:87) މާނައި:"ފަހެ، ތިޔަބައިމީހުންގެ نفسތައް ނޭދޭކަމަކާއިގެން ތިޔަބައިމީހުންގެ ގާތަށް رسول އަކު ވަޑައިގެންފި ކޮންމެ ހިނދެއްގައި (އެ ކަމަށް އިޖާބަނުދީ) ތިޔަބައިމީހުން ބޮޑާވެގަންނަނީހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އޭގެ ބަޔެއް رسولން ދޮގުކުޅައީމުއެވެ. އަނެއްބައި رسول ން قتل ކުޅައީމުއެވެ." ޒަކަރިއްޔާގެފާނާ ޔަޙްޔާގެފާނު ޤަތުލުކޮށް ޢީސާގެފާނު ޤަތުލުކުރުމަށް ރޭވުންތައް ރޭވިއެވެ.
މީގެ އިތުރަށް ވެސް ކީރިތި ޤުރްއާނުގައި އެ މީހުންގެ އިން ފަހަނައެޅުމާއި މަގުން ކަސިޔާރުވުންތަކުގެ ވާހަކަތައް ބަޔާންކުރައްވައިފައި ވެއެވެ. އެ ވާހަކަތައް ބަޤަރާ ސޫރަތާއި، މި ނޫން ވެސް ސޫރަތްތަކުގައި ބަޔާންކުރައްވައިފައިވެއެވެ.
އެ މީހުންގެ އަތްތަކުން ކުރި ޢަމަލުތަކުގެ ސަބަބުން، އެ މީހުންގެ މައްޗަށް ބާވައިލެއްވި ޢުޤޫބާތާއި އަދި އެ މީހުންގެ މައްޗަށް ބާރުވެރިކުރެއްވި ބަޔަކާ މެދު މުފައްސިރުން ޚިޔާލު ތަފާތުވެފައި ވެއެވެ.
މުފައްސިރުންގެ ތެރެއިން ގިނަ ބޭކަލުންގެ ބަސްފުޅަކީ، ބަނީ އިސްރާއިލުންނަށް ކުރިމަތިކުރެއްވި ދެ ޢުޤޫބާތަކީ އެ މީހުންގެ މައްޗަށް ބާބިލީން ބާރުވެކުރައްވައި ނިކަމެތި ގޮތެއްގައި އެ މީހުން ބަލިކުރެއްވުމެވެ. ބަނީ އިސްރާއީލު ދައުލަތް ނެތިގެން ދިއުމެވެ. ގޯތި ގެދޮރު ޚަރާބުވެ އަނދައި އަސީރުންގެ ގޮތުގައި ބާބިލަށް ގެންދިއުމެވެ. ހަތްދިހަ އަހަރުވަންދެން ނިކަމެތިކަމާއި، އަރުވައިލެއްވިފައިވާ ބަޔެއްގެ ގޮތުގައި ގަދަ ޢަޒާބުގައި އެތަންމިތާނގައި ގަނަތެޅޭށް ޖެހުމެވެ.
ދެވަނަ ޢުޤޫބާތަކީ ރޯމަނުން އަތުން ބަނީ އިސްރާއީލުން ބަލިވެގެން ދިއުމެވެ. އެ ޙަމަލާގެ ސަބަބުން ފަލަސްޠީނުގައި އިސްރާއީލުން ނުވަތަ ޔަހޫދީންގެ ވުޖޫދު ނެތިގެން ދިޔައެވެ. ބިމުގެ އެތަންމިތަނަށް އެ މީހުން ބެހިގެން ދިޔައެވެ. އެއަށް ފަހު އެ މީހުންނަށް އެއްތަނެއްގައި ޤާއިމުވެއެއް ނުތިބެވުނެވެ. އެއީ މި ޒަމާނުގައި މި އޮތް ޞަޙުޔޫނީއަން އައުމާ ހަމަޔަށެވެ.
އަދި އަނެއް ބައި ބޭކަލުން ވިދާޅުވެފައިވަނީ، އެ ކަން ދެ ފަހަރެއްގެ މަތީން ހިނގައިގެން ގޮސްފައިވާކަމުގައެވެ. އެއީ ކީރިތި ނަބިއްޔާ صلى الله عليه وسلمގެ ބިޢުޘަގެ ފަހުންނެވެ. އެކަލޭގެފާނުގެ މަދީނާގައި ދިރިއުޅެމުން ދިޔަ ބަނީއިސްރާއިލުންނާ އެކު އެއްބަސްވުންތަކެއް އެކުލަވައިލެއްވިއެވެ. އެހެން ނަމަވެސް އެމީހުން އެ އެއްބަސްތަކަށް ޣަދަރުވެރިވެ ކީރިތި ނަބިއްޔާ صلى الله عليه وسلمއާ ދެކޮޅަށް ހަނގުރާމަކުރިއެވެ. މިއީ އެމީހުން ބިމުގައި ކުރި ފުރަތަ ފަސާދައެވެ. މާތް ﷲ އެ ކަމުގެ މައްޗަށް އެކަލާނގެ އަޅުތަކުންގެ ތެރެއިން ގަދަފަދަ ބަޔަކު މެދުވެރިކުރައްވައި އަދަބުދެއްވިއެވެ. އެއީ ކީރިތި ނަބިއްޔާ صلى الله عليه وسلمއާއި އެކަލޭގެފާނުގެ އަޞްޙާބުންނެވެ. ކީރިތި ނަބިއްޔާ صلى الله عليه وسلم އެ މީހުންނާ ހަނގުރާމަކުރައްވައި ނަޞްރު ހޯއްދެވިއެވެ.
ދެވަނަ ފަހަރަކީ ފަލަސްޠީނުގައި މިހާރު ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދޭ ޤަތުލު ޢަންމުތަކާއި އިންސާނީ ޙުރުތަމަށް އަރައިގަތުމާއި ގޯތިގެދޮރު ހަލާކުކުރުމެވެ. ފަލަސްޠީނުގެ ރައްޔިތުން އެއްވެސް ޙަޢްޤަކާ ނުލައި އެމީހުންގެ ގޯތި ގެދޮރުން ބޭރުކޮށް މަގުމަތިކޮށް، ނަސްލު ނައްތައިލުމަށް ޓަކައި ހިންގާ ޙަރަކާތްތަކެވެ. އެ މީހުން އެ ތަނުގައި ޤާއިމުވެތިބުމަށް ޓަކައި ލޭއޮހުރުވުމާއި ވަޒަން ބޭނުން ކޮށްގެން ހިންގާ ގަދަބަދަވިކަމުގެ ޢަމަލުތަކެވެ.
އެމީހުން އިންތިޒާރު ކުރަމުންދާނީ އިލާހީ ޢުޤޫބާތަށެވެ. އަލުން އެ މީހުންގެ މައްޗަށް މުސްލިމުން ބާރުވެރިކުރެއްވުމަށެވެ. އެއީ ޞަޙާބީން އެމީހުންގެ މައްޗަށް ބާރުވެރިކުރެއްވި ފަދައިންނެވެ. މިއީ މިޒަމާނުގެ ޢިލްމުވެރިންގެ ތެރެއިން އައްޝައިޚް އައްޝަޢަރާވީއާއި އައްޝައިޚް ޢަބުދުލްމުޢިއްޒު ޢައްބުދުއްސައްތާރާއި މިނޫނަސް މި ފަދަ އެހެން ޢިލްމުވެރީން ދެކެވަޑައިގަންނަވާ ގޮތެވެ. އެ ޢިލްމުވެރިން ބަޔާންކުރައްވައިފައިވާ ގޮތުގައި، ބަނީއިސްރާއީލުން ބިމުގައި ފުރަތަމަ ފަސާދަކުރީ ކީރިތި ނަބިއްޔާ صلى الله عليه وسلم ގެ ބިޢުޘާގެ ފަހުންނެވެ. އެއީ ބަނޫ ޤައިނުޤާއު ދަރިކޮޅާއި، ބަނުއްނަޟީރު ދަރިކޮޅާއި، ބަނޫ ޤުރައިޟާ ދަރިކޮޅާއި، ޚައިބަރުގެ ޔަހޫދީން ކީރިތި ރަސޫލާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ އަޞްޙާބުންނަށް މަކަރުހެދި ހެދުމެވެ. މާތް ﷲ އެބައި މީހުންގެ މައްޗަށް ކީރިތި ރަސޫލާ صلى الله عليه وسلمއަށް ނަޞްރު ދެއްވިއެވެ. އެކަލާނގެ އަޅުތަކުންގެ ތެރެއިން އެމީހުންގެ މައްޗަށް ބާރުވެރިކުރެއްވީ ކީރިތި ރަސޫލާ صلى الله عليه وسلمއާއި އެކަލޭގެފާނުގެ އަޞްޙާބުންނެވެ. މާތް ﷲ ވަނީ މި ބައިމީހުންނަށް މަދަޙަ ވަހީކުރައްވައިފައިފައެވެ. އަދި އެކަލާނގެ އިތުރަށް ވަޙީކުރައްވައިފައިވަނީ }عِبَادًا لَنَا {މާނައީ:" "އަޅުންތަކެއް" މި ފަދައިންނެވެ.
ދެވަނަ ފަހަރަށް ފަސާދަކުރުމަކީ ޤަތުލުޢާންމުތަކާއި އިންސާނީ ޙުރުތަމަށް އަރައިގަތުމާއި ގޯތިގެދޮރު ހަލާކުކުރުމެވެ. ފަލަސްޠީނުގެ ރައްޔިތުން އެއްވެސް ޙަޢްޤަކާ ނުލައި އެމީހުންގެ ގޯތިގެދޮރުން ބޭރުކޮށް މަގުމަތިކޮށް، ނަސްލު ނައްތައިލުމަށް ޓަކައި ހިންގާ ޙަރަކާތްތަކެވެ. އަދި މި ނޫނަސް މި ފަދަ ޙަރަކާތްތަކެވެ. މި ކަމުގެ ނަތީޖާއެއްގެ ގޮތުގައި ފަލަސްޠީނުގެ ބިމުގެ ބޮޑު ބައެއް އޮތީ އެ މީހުންގެ ބާރުގެ ދަށުގައެވެ. އެއީ އެ މީހުންނަށް ލިބިފައިވާ އިޢުލާމީ ވަޞީލަތްތަކާ ދުނިޔެއަށް ބާރުވެރިކަމުގެ ތެރެއިންނެވެ.
މާތް ﷲ އެކަލާނގެ ވަޢުދު ފުރިހަމަ ކުރައްވައި އެމީހުންގެ މައްޗަށް އަލުން މުސްލިމުން ބާރުވެރި ކުރައްވާނެއެވެ. އެއީ ޞަޙާބީން އެ މީހުންގެ މައްޗަށް ބާރުވެރި ކުރެއްވި ފަދައިންނެވެ.
އެތައް ރޮނގަކުން ބަލާ އިރު، އަޅުގަނޑުގެ ރައުޔުގައި މި ވަރަށް ބަލިކަށި ތަފުސީރެކެވެ. ފުރަތަމަ ކަމަކީ މާތް ﷲ ވަޙީ ކުރައްވައިފައިވާ ﴿وَقَضَيْنَا إِلَى بَنِي إِسْرَائِيلَ فِي الْكِتَابِ﴾ މާނައަކީ އެމީހުންނަށް މަނަޢަކުރެއްވީމެވެ. އަދި އެ މީހުންނަށް ފޮތް އެބަހީ ތައުރާތު އުނގަނައިދެއްވީމެވެ. އެއީ ކުރިން ބަޔާން ކުރައްވައިފައިވާ ފަދައިންނެވެ. ﴿وَآتَيْنَا مُوسَى الْكِتَابَ﴾ ފޮތުގައި ބަޔާންކުރައްވައިފައިވާ ކަންކަމެވެ. މާނައަކީ ތައުރާތުގެ އަސްފާރުތަކުގައެވެ. މިއިން ދަލީލު ކޮށްދެނީ ކުރީން އިޝާރަތްކުރި ކަންކަން ދެ ފަހަރު ހިނގައި ގޮސްފައިވާ ކަމެވެ. އެއީ ސަފަރުއްތަސްނިޔާގެ އިޝްތިރުޢާގައި ބަޔާންވެފައިވާ ފަދައިންނެވެ.
ދެވަނަ ކަމަކީ ބަނީ ޤައިނުޤާޢު ޤަބީލާއާއި ބަނުއްނަޟީރު ޤަބީލާއާއި ބަނޫ ޤުރައިޟާ މީހުން ބަނީއިސްރާއީލުންގެ ރަސްކަމާއި ބާރުވެރިކަމުގައި ނުހިމެނެއެވެ. މިބައިމީހުންނަކީ ބަނީއިސްރާއީލުންގެ ތެރެއިން ބެހިގެން ދިޔަ ކުޑަކުޑަ ޖަމާޢަތެކެވެ.
ތިންވަނަ ކަމަކީ ކީރިތި ރަސޫލާއާއި އެކަލޭގެފާނުގެ ޞަޙާބީން ބަނީއިސްރާއީލުންގެ ގޯތި ގެދޮރަކަށް ވެދެވަޑައެއްނުގަންނަވައެވެ. އެއީ އެމީހުންނަށް ގޯތި ގެދޮރުތަކެއް ލިބިފައިނެތަތީއެވެ. އެއީ ޢަރަބީންގެ ގޯތި ގެދޮރެވެ. ޢަރަބިންގެ ބިމެވެ.
ހަތަރުވަނައީ އެކަލާނގެ ވަޙީ ކުރައްވައިފައިވާ }عِبَادًا لَنَا {މާނައީ:" "އަޅުންތަކެއް" މި ޢިބާރާތުން އެއީ ޞާލިޙު އަޅުތަކެއްކަން ދޭހައެއް ނުވެއެވެ. އެކަލާނގެ ޒާތުފުޅުގެ މުޤައްދަސްކަމުގެ ތެރެއިން ކާފަރުންގެ ތެރެއިން އުރެދޭ މީހުންނަށް ވެސް "އަޅުންތަކެއް" މި ގޮތަށް ގެންނަވައިފައިވެއެވެ. އެއީ އަންނަނިވި އާޔަތުގައި އިޝާރަތް ކުރައްވައިފައިވާ ފަދައިންނެވެ. ﴿أَأَنتُمْ أَضْلَلْتُمْ عِبَادِي هَٰؤُلَاءِ أَمْ هُمْ ضَلُّوا السَّبِيلَ﴾ (سورة الفرقان ١٧) މާނައީ:" ތިމަންރަސްކަލާނގެ މިތިބަ އަޅުން މަގުފުރެއްދީ، ތިޔަބައިމީހުންހެއްޔެވެ؟ ނުވަތަ އެއުރެން (އަމިއްލައަށް) މަގުފުރެދުނީހެއްޔެވެ؟" އަދިވެސް ވަޙީކުރައްވައިފައި ވެއެވެ. ﴿قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّهِ﴾ (سورة الزمر ٥٣) މާނައީ:"ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفسތަކުގެ މައްޗަށް ފާފައިން إسراف ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ رحمة ން އުންމީދު ކަނޑައިނުލާށެވެ!"
ފަސްވަނައީ އެކަލާނގެ ވަޙީކުރައްވައިފައިވާ ﴿ثُمَّ رَدَدْنَا لَكُمُ الْكَرَّةَ عَلَيْهِمْ وَأَمْدَدْنَاكُم بِأَمْوَالٍ وَبَنِينَ وَجَعَلْنَاكُمْ أَكْثَرَ نَفِيرًا﴾ (سورة الإسراء: ٦) މާނައީ:" ދެން އެއުރެންގެ މައްޗަށް، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ އެނބުރި އައުމެއް (އެބަހީ: ވެރިކަމާއި ބާރު އަލުން) ދެއްވީމެވެ. އަދި ދަރީންނާއި، މުދާތަކުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް މަދަދު ދެއްވީމެވެ. އަދި މީހުންގެ ގޮތުން، ގިނަ ބަޔަކުކަމުގައި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ލެއްވީމެވެ." މި ތަނުގައި މި އިޝާރަތްކުރަނީ އެކަލާނގެ ދެއްވަވައިފައިވާ ނިޢުމަތުގެ ވާހަކައެވެ. ބިމުގައި ފަސާދަކުރަމުންދާ ބަނީ އިސްރާއީލުންކަމަށް، މުސްލިމުންގެ މައްޗަށް ބިމުގެ ވެރިކަމުގެ ނިޢުމަތެއް މާތް ﷲ ނުދެއްވާނެއެވެ.
ހަވަނަ ކަމަކީ، މާތް ﷲ ބިމުގެ ވެރިކަން ބަނީ އިސްރާއީލުންނަށް ދެއްވީ އެ މީހުންގެ ޢަދުއްވުން މެދުވެރިކުރައްވައި އެ މީހުންނަށް ޢިޤާބު ދެއްވުމަށް ފަހު، އެމީހުން ރަނގަޅުވެ އިޞްލާޙުވުމުންނެވެ. އެއީ އަންނަނިވި އާޔަތުގައި އިޝާރަތް ކުރައްވައިފައިވާ ފަދައިންނެވެ. ﴿إِنْ أَحْسَنتُمْ أَحْسَنتُمْ لِأَنفُسِكُمْ﴾ (سورة الإسراء: ٧) މާނައީ:"ތިޔަބައިމީހުން ހެޔޮކޮށް ކަންތައްކުޅަ ނަމަ، އެ ހެޔޮކަންތައް ކުޅައީ، ހަމަ ތިޔަބައިމީހުންގެ އަމިއްލަ نفسތަކަށެވެ." އަހަރެމެންނަށް އެނގިފެނިފައިވާ ފަދައިން ޔަހޫދީންނަކީ އިޞްލާޙުވެ ރަނގަޅުވާނެ ބަޔެއް ނޫނެވެ. މާތް ﷲ އެ މީހުންގެ މައްޗަށް ހިޓްލަރ ފާކުރެއްވިއެވެ. އެއީ އަނިޔާވެރީންނަށް އަނިޔާވެރީން މެދުވެރިކުރެއްވުމުގެ ގޮތުންނެވެ. ގާތްގަނޑަށް އެތައް ސަތޭކަ އަހަރު ކުރީން އެ މީހުން ދަނީ މުސްލިމުންނާ މެދު މަކަރުވެރި ރޭވުންތައް ރާވަމުންނެވެ. މުސްލިމުންގެ ބިންތައް ވަގަށް ނަގަމުންނެވެ. މާތް ﷲ އެ މީހުންނަށް ބިމުގެ ވެރިކަން ދެއްވުމަށް ޓަކައި، އެ މީހުން ހެޔޮކޮށް ކަންކަން ކުރީ ކޮން އިރަކުހެއްޔެވެ؟
ހަތްވަނައީ އެންމެ ފަހުން އެކަލާނގެ ވަޙީ ކުރައްވައިފައިވާ ﴿وَلِيَدْخُلُوا الْمَسْجِدَ كَمَا دَخَلُوهُ أَوَّلَ مَرَّةٍ وَلِيُتَبِّرُوا مَا عَلَوْا تَتْبِيرًا﴾ (سورة الإسراء: ٧) މާނައީ:"އަދި ފުރަތަމަ ފަހަރު އެއުރެން އެތަނަށް ވަން ފަދައިން، މިސްކިތަށް (އެބަހީ: المسجد الأقصى އަށް) ވަނުމަށް ޓަކައެވެ. އަދި އެއުރެން ވެރިވެގަތް ތަންތަން ހަލާކުކޮށް، ސުންނާފަތި ކުރުމަށްޓަކައެވެ." މުސްލިމުން ގަދަބަދަވިކަމާއި ކަނޑީގެ ބާރުގައި އެ މީހުންގެ މިސްކިތަކަށް ނުވަދެއެވެ. އަދި ހަލާކުކޮށް ސުންނާފަތިކޮށެއް ނުހަދައެވެ. އަދި ފުތޫޙާތުތަކުގައި ހަނގުރާމަތަކުގައި، ތަންތަން ހަލާކުކޮށް ސުންނާފަތިކުރުމަކީ މުސްލިމުންގެ ޠަބީޢަތެއްނޫނެވެ. އެހެން ނަމަވެސް އެއީ އެ މީހުންގެ މައްޗަށް ބާރުވެރި ކުރެއްވި ބާބިލީންނާއި ރޯމަނުންގެ ޠަބީޢަތެވެ.
އަށްވަނަ ކަމަކީ އިހުގެ މުފައްސިރުން ބަޔާންކުރައްވައިފައިވާ ފަސާދަކުރުން މާޒީގައި ހިގައިގޮސްފައިވެއެވެ. އެ ދެ ފަހަރު ވެސް މާތް ﷲ ވަނީ އެ މީހުންނަށް ޢަޒާބު ދެއްވައިފައެވެ. އަސީރުންނަށްވެ، ނިކަމެތިކަން ލިބުމަށް ވުރެ ވަކީން ބޮޑު ޢުޤޫބާތެއް އޮނާނެހެއްޔެވެ! ނިކަމެތިކަމާއި ސުންނާފަތިކުރުން ވަނީ ބާބިލީންގެ ފަރާތުން ކުރިމަތިވެއެވެ. ބާބިލިން އެ މިހުންގެ ދައުލަތް ވުޖޫދުން ފޮހެލިއެވެ. އެ މީހުންގެ މުޤައްސް ފޮތް އަންދައިލިއެވެ. އެ މީހުން ހައިކަލް ސުންނާފަތިކޮށްލިއެވެ. ހަމަ އެ ފަދައިން ރޯމަމުން އެ މީހުން ފަލަސްޠީނުގެ ބިމުން ނެރެލިއެވެ. ބިމުގެ ތެރެއަށް ނިކަމެތިކަމާ އެކު ވިއްސިވިހާލިކޮށްލިއެވެ. އެއީ އަންނިވި އާޔަތުގައި އިޝާރަތްކުރައްވައިފައިވާ ފަދައިންނެވެ. ﴿وَقَطَّعْنَاهُمْ فِي الْأَرْضِ﴾ (سورة الأعراف: ١٦٨) މާނައީ: "އަދި ބިމުގައި ތިމަންރަސްކަލާނގެ އެއުރެން أمّة ތަކަކަށް ބައިބައިކުރެއްވީމެވެ."
ފައުޅުކަން ބޮޑު ގޮތެއްގައި ހާމަވާން އޮތީ މިއަދު އެމީހުން އެތިބި އިލާހީ ޤާނޫނުގެ ދަށުގައިކަމެވެ. އެކަލާނގެ އިޝާރަތް ކުރައްވައިފައިވަނީ ﴿وَإِنْ عُدتُّمْ عُدْنَا﴾ (سورة الإسراء: ٧) މާނައީ:" އަދި ތިޔަބައިމީހުން (ފަސާދަކުރުމަށް) އެނބުރި އަތުވެއްޖެ ނަމަ، ތިމަންރަސްކަލާނގެ (عقوبات ދެއްވުމަށް) އެނބުރި ވޮޑިގެންފާހުށީމެވެ." މިއަދު އެ މީހުން އެ ތިބީ ފަސާދަޔާ ނުބައިކަމަށް އެނބުރި އައިހެވެ. އެކަލާނގެ ސުންނަތުގައި ލައްވައިފައިވަނީ އެ މީހުންގެ ދަރަޖަ ހާމަކޮށްދެއްވައި، އެމީހުން އަދަބުވެރިކުރެއްވުމަށް ޢުޤޫބާތް ފޮނުއްވުމެވެ. އެއީ ޝާޢިރު ވިދާޅުވެފައިވާ ފަދައިންނެވެ. "އަލުން ނަގުލަންދާށި އަތުވެއްޖެ ނަމަ އަހަރެމެން އެ ސޮރާ ކުރިމަތިލާނީ ފައިވާންކިބަ ހިފައިގެންނެވެ. އަބަދުވެސް ފައިވާންކިބަ އޮންނާނީ ކުރިމަތީގައެވެ."
އެކަން ތައުކީދު ކޮށްދެނީ އަންނަނިވި އާޔަތެވެ. ﴿وَإِذْ تَأَذَّنَ رَبُّكَ لَيَبْعَثَنَّ عَلَيْهِمْ إِلَىٰ يَوْمِ الْقِيَامَةِ مَن يَسُومُهُمْ سُوءَ الْعَذَابِ﴾ (سورة الأعراف: ١٦٧) މާނައީ:"އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެންގެވި ހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، އެއުރެންނަށް ނުބައިވެގެންވާ عذابގެ ރަހަ ދައްކާނޭ ބަޔަކު قيامة ދުވަހަށް ދާނދެން އެކަލާނގެ އެއުރެންގެ މައްޗަށް ފޮނުއްވާހުށްޓެވެ.
(މަރުޖާ: الشيخ الدكتور يوسف القرضاوي، من كتابه: فتاوى معاصرة)