ad_banner
މިއުޒިކް، އޭގެ ޒާތުގައި (މުޠުލަޤަށް) ޙަރާމްވާނެތޯއެވެ؟

އިސްމާޢީލު މުބާރަކު

19 އޭޕްރިލް 2025

މިޔުޒިކު: އުނދަގޫވާ މީހުން އަޑު ނޭހުން ހުއްޓެވެ!

މިއުޒިކާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ބޭފުޅުން ތިއްބަވާނެއެވެ. އެ ބޭފުޅުންނަށް މިއުޒިކުން އުނދަގޫކޮށްގެން ނުވާނެއެވެ. ފުޓްބޯޅަ ދެކެ ފޫހިވާ މީހުން ވެސް ތިބެއެވެ. ފިނިފެންމާ ފެނުނީމާ ހޮޑުލަވާ މީހުން ވެސް ތިބެއެވެ. ރަތް މަލަށް ބިރުގަންނަ މީހުން ތިބެއެވެ. އެކަމަކު ފުޓްބޯޅަ ވެސް މިއުޒިކް ވެސް ކުޅޭ ހިތްވާ މީހުންގެ އިޙުސާސަށް ވެސް އަނެއްކޮޅުން ޖާގަދޭން ޖެހެއެވެ. އެ ބޭފުޅުން ބިރުފުޅުގަންނަ ތަންތަން ނުބައްލަވާށެޥެ! ހޮޑުލަވާ އެއްޗިއްސަށް ނުބައްލަވާށެވެ! އަޑުނާއްސަވާށެވެ! އެކަމަކު މާތް ﷲ، މުޠުލަގަށް ޙަރާމްކަމަށް ނުވަތަ ޙަލާލުކަމަށް ކަނޑައަޅުއްވައިފައި ނެތް ކަންކަމުގެ ޙަރާމް، ޙަލާލް އަމިއްލަފުޅަށް ކަނޑަނާޅުއްވާށެވެ!

ޤުރްއާނުގައި ކަންކަން ޙަރާމްވާ މައިގަނޑު އުސޫލު (Principle) އެއް،  މާތް ﷲ ކަނޑައަޅުއްވައިފައިވެއެވެ. سورة الأعرافގެ 33ވަނަ އާޔަތުގައި ވަނީ، އެއްޗެއްގެ ބޭރު ފުށުގައި ނުވަތަ އެތެރެފުށުގައި ފާޙިޝް ކަމެއް ހުރި ނަމަ އެ އެއްޗެއް ޙަރާމްވާނެކަމަށެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ." قُلْ إِنَّمَا حَرَّمَ رَبِّيَ الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَالإِثْمَ وَالْبَغْيَ بِغَيْرِ الْحَقِّ وَأَن تُشْرِكُواْ بِاللّهِ مَا لَمْ يُنَزِّلْ بِهِ سُلْطَانًا وَأَن تَقُولُواْ عَلَى اللّهِ مَا لاَ تَعْلَمُونَ." ("ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ حرامކުރެއްވިކަން ކަށަވަރީ، فاحش ކަންތައްތަކެވެ. އޭގެ ތެރެއިން ފާޅުވެގެންވާ ކަންތަކާއި ވަންހަނާވެގެންވާ ކަންތަކެވެ. އަދި ފާފަކުރުމާއި، حقއަކާ ނުލައި (މީސްތަކުންނަށް) އަނިޔާވެރިވުމެވެ. އަދި އެ އެއްޗަކަށް އެއްވެސް حجّةއެއް ދެއްވައިފައި ނުވާ އެއްޗެއް، ތިޔަބައިމީހުން، اللَّهއަށް شريكކުރުމެވެ. އަދި ތިޔަބައިމީހުންނަށް އެނގިގެންނުވާ އެއްޗެއް، اللَّهއާ މެދު، ތިޔަބައިމީހުން ބުނުމެވެ.")  (سورة الأعراف:33)

އަދި ވެސް އެކަލާނގެ ވަޙީކުރައްވައިފައިވެއެވެ. "قُلْ مَنْ حَرَّمَ زِينَةَ اللّهِ الَّتِيَ أَخْرَجَ لِعِبَادِهِ وَالْطَّيِّبَاتِ مِنَ الرِّزْقِ قُلْ هِي لِلَّذِينَ آمَنُواْ فِي الْحَيَاةِ الدُّنْيَا خَالِصَةً يَوْمَ الْقِيَامَةِ كَذَلِكَ نُفَصِّلُ الآيَاتِ لِقَوْمٍ يَعْلَمُونَ." ("ކަލޭގެފާނު ވިދާޅުވާށެވެ! اللَّه، އެކަލާނގެ އަޅުތަކުންނަށް ނެރުއްވައިދެއްވި، اللَّهގެ ޒީނަތާއި، رزقގެ ތެރެއިން ރަނގަޅު ތަކެތި حرامކުޅައީ ކާކުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! އެތަކެތި ވަނީ إيمانވީ، މީހުންނަށް ދުންޔަވީ حياةގައި ދެއްވާފައެވެ. قيامةދުވަހުން އެތަކެތި (مؤمنންނަށް) خالصވެގެންވާ حالގައެވެ. އެނގޭބަޔަކަށް އެފަދައިން ތިމަންރަސްކަލާނގެ آيةތައް تفصيلކޮށްދެއްވަމެވެ.") (سورة الأعراف:32)

"މިއުޒިކް" އެއީ އޭގެ ޒާތުގައި ހިސާބު ޢިލްމު ކަހަލަ އެއްޗެކެވެ. މިއުޒިކް ކުޅޭ މީހަކު ކުރާ ފާޙިޝް ޢަމަލު އެއީ މިއުޒިކެއް ނޫނެވެ. އޮފީސްތަކުގައި ވެސް  ފާޙިޝް ޢަމަލު ހިނގައިފައި  އެބަހުއްޓެވެ. އޮފީހުގެ ވެރިޔާ ޕާރސަނަލް ސެކެޓްރީއަކަށް އުޅުނު އަންހެން ކުއްޖަކާ ގުޅުމެއް ހިންގީމާ އޮފީސް ޙަރާމްވާނެތޯއެވެ؟ ޓީޗަރުން ދަރިވަރުންނާ، އަދި ޤުރްއާން ކިޔަވައިދޭ އެދުރުން ވެސް، ނަރުހުން ވެސް ޑޮކްޓަރުން ވެސް، ފަނޑިޔާރުން ވެސް އަދި ހުރިހައި ދާއިރާ އެއްގައި ވެސް ފާޙިޝް ޢަމަލު ހިނގައެވެ. ހިނގައިފައި އެބަހުއްޓެވެ.  ކުރިއަށް އޮތް ތާނގައި ވެސް ހިގާނެއެވެ. އިންސާނުންނަށް ވީތީއެވެ.

އެހެންވުމުން އެ ދާއިރާ ޙަރާމްވާންވީތޯއެވެ؟ ކޮންމެ ދާއިރާއެއް ވެސް އޭގެ ޒާތުގައި  އެއީ އޭގެ އެތެރެ ފުށުގައި ނުވަތަ ބޭރުފުށުގައި ވެސް ފާޙިޝްކަން ހިމެނޭ ދާއިރާއެއް ނޫނެވެ. ފާޙިޝް ވަނީ އެ ކަމުގައި ނޫނީ އެ ތަނުގައި އުޅޭ ބަޔެއްގެ އަޚުލާޤެވެ. އުޅުމެވެ. ކޮންމެ ކަމަކީވެސް ނަފްސު ކޮންޓްރޯލް ނުވާ މީހަކު ނުބައިކަމުގެ ތެރެއަށް ވަންނާނެ ކަންކަމެވެ. ބޭންކް، އޮފީސް، މެންބަރުކަން، ފަނޑިޔާރުކަން، ޓީޗަރުކަން، މިހެން ގޮސް މީހުންނާ މުއާމަލާތްކުރާ ކޮންމެ ކަމެކެވެ.

މިއުޒިކުގެ ދާއިރާ  ތެރޭ މީހުން ތިބެ، ފާޙިޝް  ކަމެއް ކޮށްފައި އެ ފާފަ އެ ދާއިރާގައި އަޅުވައިފައި ތިމާއަކީ ކުށެއް ނެތް ބޯކިރު ކޮޅެއް ފަދަ ސާފު މީހެއްކަން ދައްކާން އުޅޭތީ ފެނެއެވެ. މިއުޒިކް ކުޅުނު ބައެއް މީހުން މިއުޒިކް ހުއްޓައިލައިފައި، އެ މީހުންނަށް ޙަރާމް ކަންކަން ކުރެވުނީ މިއުޒިކާ ހެދިކަމަށް ބުނެ، ގިޓާއާއި ކީބޯޑު ރޯކޮށްލައިފައި މަހާނަ މައްޗަށް މަޑިއަކަށް ޖެހި ވީޑިޔޯކޮށް ޔޫޓިއުބަށާއި ޓިކްޓޮކަށްލައި އުޅޭތީ ފެނެއެވެ. މި ނޫން އެހެން އެއްވެސް ދާއިރާއެއްގެ މީހަކު އެހެން އުޅޭ ތަނެއް ނުފެނެއެވެ. މި ހެން މި ކަން ވީ ޢިލްމުވެރީން ތެރޭން ބައެއް ބޭފުޅުންނަށް ވެސް މިއުޒިކަކީ ކޯއްޗެއްކަން އެނގިވަޑައި ނުގަންނާތީ، ޒުވާނުންނަށް ދެއްވުނު މެސެޖުންކަމަށް ވެދާނެއެވެ. އެހެންވެ މި ކަމުގައި ޢިލްމުވެރީންނަށް ވެސް މިއުޒިކާ މެދު ވިސްނި ވަޑައިގެންފައި އޮތްގޮތް ރަނގަޅު ނޫންކަން އަޅުގަނޑަށް ފެންނާތީ މި މަގާލު ލިއުނީއެވެ .

މިސާލަކަށް އައިޖީއެޗް ހޮސްޕިޓަލުގައި އުޅުނު އަންހެން ނަރުހެއް އެ ތަނުގައި އުޅުނު ފިލިޕީންސް  ފިރިހެން ނަރުހަކާ ރައްޓެހިވުމުގެ ސަބަބުން، އެ ފިރިހެން ނަރުހުގެ އަނބި މީހާ މަރައިލުމުގެ ކުށް ވަނީ އެ ދެ މީހުންގެ ބޮލުގައި ވެސް އެޅިފައެވެ. އެކަމަކު އެ ތަނުން އެކަކު ވެސް ނަރުސްކަން ޙަރާމެކޭ ނުބުނެއެވެ. އަދި އެ ކަން އެހެންވީ ނަރުހަކަށް އުޅެވުނީމައެކޭ ވެސް ނުބުނެއެވެ. އަދި މި ނޫނަސް އެހެން ދާއިރާ ތަކުގައިވެސް މިފަދަ ކަންކަން ހިނގައިފައި އެބަހުއްޓެވެ. މިއުޒިކް ނޫނީ ކުށްކުރި މީހާ ދުވަހަކު ވެސް އެ މީހާ ކުރި ކުށުގެ އިލްޒާމް މުޅި އެ ދާއިރާގެ ބޮލުގައި އަޅުވައިފައި ނެތެވެ.

ތެދެކެވެ! މިއުޒިކް ބޭނުންކޮށްގެން ފާޙިޝްކަންކަން ހިންގި ބައެއް ޙާދިސާތައް އިސްލާމީ ތާރީޚުގައި  އެބަ ހުއްޓެވެ.   މުޢާވިޔަތު ބުނު އަބޫ ސުފްޔާންގެ އުމަވީ ދައުލަތުގެ ދުވަސްވަރު "بيت الغني (Music house)އޭ ކިޔާ ތަނެއް ހަދައިގެން އެ ތަނުގައި ރާ ބޯ މީހުން ރާ ބުއިމާއި ބަދު އަޚުލާޤީ ޢަމަލު ހިންގި ހިންގުން އެއީ މިއުޒިކްތޯއެވެ؟ އެ މީހުން މިއުޒިކް އެ ބޭނުން ކުރީ އެ ކުރި ފާޙިޝް ޢަމަލުކުރުމަށް ބޭނުންކުރި ޙުއްޖަތެއްގެ ގޮތުގައެވެ. އެ ތަނުގައި ޤުރްއާން ކިޔަވައިފައި އެ ކަން ކުރި ނަމަވެސް އެ ތަނުގައި ޤުރްއާން ކިޔެވުން ވެސް ޙަރާމްވާނެއެވެ. މި މާލޭގައި ވެސް ޖޭޒް ކެފޭ ކިޔާ ކޮފީ ޝޮޕެއް ހުރެއެވެ. ބަޔަކު އެ ތާކު ފާޙިޝް ކަމެއް ނުކުރެއެވެ. ކޮފީ ބޯން އަންނަ މީހުން ކޮފީ ބޯން ތިބެ މިއުޒިކު އަޑު އަހައިލަނީއެވެ. މި ކަމުން އެނގެނީ އުމަވީން އުފެއްދި  (بيت الغني) އެއީ މިއުޒިކްގެ ނަން ބޭނުން ކުރިޔަސް މިއުޒިކް ކުޅޭން އުފެއްދި ތަނެއް ނޫންކަމާއި ޖާހިލިއްޔަ ޒަމާނުގެ  ޢަރަބީން ރޭގަނޑު ފޭލިގެތަކުގައި ރާ ބޮއިގެން އުޅުނުހެން އުޅޭން އުފެއްދި ތަނެއްކަމެވެ. އިސްލާމީ ތާރީޚްގެ ތެރެއިން އުމަވީންގެ އަސްލަށް ގޮސް ބައްލަވާށެވެ!

ބައެއް ޢިލްމުވެރީން މިއުޒިކް އުފެދުނު ގޮތާ މެދު، ވަރަށް ޝައުޤުވެރި "ކޮންސްޕިރޭސީ ނަޒަރިއްޔާތު"  ގެންނަވައިފައި އެބަހުއްޓޭ ވިދާޅުވެއެވެ. މިއުޒިކް އުފެދުނީ އާދަމުގެފާނުގެ ދެ ދަރިކަލުންކަމަށްވާ ގާބިލާއި ހާބީލު، އެއް އަންހެންކުއްޖަކާ ރައްޓެހި ވެގެންނޯ ކިޔައެވެ.  ދެން އެކަކު އޮނަކުން ރާގު ކުޅޭ ފްލޫޓެއް ހަދައިގެން އައިސް އެ ކުޅެގެން އެ އަންހެން މީހާ ޙާޞިލުކުރީމާ އަނެކަކު އައިސް އޭނާ މަރައިލީއްޔާއެވެ. މިއީ ކޮން މަސްދަރުން ކޮން ތާކުން ނުކުތް ވާހަކައެއް ކަމެއްވެސް ނޭނގެއެވެ. ކީރިތި އުރްއާނުގައި އޮތީ  އެ ދެބޭން ﷲ އަށް ޤުރްބާނެއްކުރެއްވިކަމަށާއި އެ ތަނުން އެކެއްގެ ޤުރްބާނީ ﷲ ޤަބޫލުކުރެއްވިކަމަށް އަނެކެއްގެ ޤަބޫލުނުކުރައްވާ ކަމަށެވެ.  ދެން އޭގެން އެކަކު އަނެކަކު މަރައިލާނެކަމަށް  ބުނި ކަމަށެވެ. އަންނަނިވި އާޔަތަށް ބައްލަވާށެވެ! " وَاتْلُ عَلَيْهِمْ نَبَأَ ابْنَيْ آدَمَ بِالْحَقِّ إِذْ قَرَّبَا قُرْبَانًا فَتُقُبِّلَ مِن أَحَدِهِمَا وَلَمْ يُتَقَبَّلْ مِنَ الآخَرِ قَالَ لَأَقْتُلَنَّكَ قَالَ إِنَّمَا يَتَقَبَّلُ اللّهُ مِنَ الْمُتَّقِينَ" ("آدمގެފާނުގެ ދެ ދަރިކަލުންގެ خبر، حق ގޮތުގައި ކަލޭގެފާނު އެއުރެންނަށް ކިޔައިދެއްވާށެވެ! އެއީ، އެ ދެ ދަރިކަލުން قربانއެއް ކުރިމަތިކުރެއްވި ހިނދު (ކަން ހިނގި ގޮތުގެ ވާހަކަ)އެވެ. ފަހެ، އެ ދެ ދަރިކަލުން ކުރެ އެއް ދަރިކަލެއްގެ ކިބައިން (قربان) قبولކުރެއްވިއެވެ. އަނެއް ދަރިކަލުންގެ ކިބައިން قبولއެއް ނުކުރެއްވިއެވެ. އެ ދަރިކަލުން ވިދާޅުވިއެވެ. ތިމަން، ކަށަވަރުންވެސް ކަލޭ قتلކުރާހުށީމެވެ. އަނެއް ދަރިކަލުން ވިދާޅުވިއެވެ. اللَّه قبولކުރައްވާކަން ކަށަވަރީ تقوىވެރިންގެ ކިބައިންނެވެ.") (سورة المائدة:27)

މިއުޒިކް ކުޅޭ ފުލޫޓް މި ތަނަށް މި ވެއްދީ ކޮން ގޮތަކުންކަމެއް ވިސްނައިވިސްނައި ވެސް އަޅުގަނޑަކަށް ނޭނގުނެވެ.  މި ބާވަތުގެ ދިރި ހުރި ކިތައް ކޮންސްޕިރޭސީ ތިއަރީ "އަޅުގަނޑު މެންނަށް ފައިސާ"އާ މެދު އުފައްދާން އުޅެފިއްޔާ އުފެއްދި ދާނެނޫންތޯއެވެ! ކިތައް މީހުން ފައިސާ ދީގެން ޤަތުލުކޮށްފިތޯއެވެ! ކިތައް ދެމަފިރީން ދުރުވެއްޖެތޯއެވެ! ކިތައް މީހުންގެ ޙައްޤު ފަނޑިޔާރުގޭން ޙައްޤު ނޫން ފަރާތްތަކަށް ދީފިތޯއެވެ! ހުރިހައި ނުބައިކަމެއް ކުރެވޭ މެދުވެރިއަކީ ފައިސާ ނޫންތޯއެވެ! އެހެންވީ އިރު، ފައިސާ ޙަރާމް ނުވަނީކީއްވެތޯއެވެ!

(ނުނިމޭ. ބާކީބައި މާދަމާ)

ކޮމެންޓު