އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
14 އޭޕްރިލް 2025
(2025 އެޕްރީލް 7ވަނަ ދުވަހުގެ ޢަދަދާ ގުޅޭ)
ހައްޔަރީންގެ ޙަޔާތް
ޖަލުގައި ހައްޔަރުކުރެވޭ މީހުންނަށް ކާބޯތަކެތި ލިބެނީ އެމީހުންގެ އަހްލުންގެ ފަރާތުންނެވެ. ދަރަންޏެއްގެ މަސްއަލައިގައި ޖަލަށްލެވުނު ޢަލީ ބުނު އަބީ ޙަސަނުލްޙަރީރީ އައްދިމަޝްޤީއާ ޙަވާލާދެއްވައި އިބްނުލް ޢިމާދުލްޙަންބަލީ ޖަލުގެ ބައެއް ވާހަކަތައް ލިޔުއްވައިފައިވެއެވެ. އޭނާ ލިޔުއްވި ފޮތެއްކަމުގައިވާ "شذرات الذهب"ގައި ވިދާޅުވިއެވެ. "ޙަރީރީ ބަންދުކޮށްފައި ވަނީ ރޭގަނޑު ކާން ނުދީއެވެ. އޭނާ ހައްޔަރީންނާ އެކު އިމާމުވެ ފަތިސްނަމާދުކުރެއްވުމަށް ފަހު ބަނޑުހައިފުޅުވެފައިވާ ކަމަށް ވިދާޅުވިއެވެ. އެއްވެސް ކާއެއްޗެއް ގެނެވިއްޖެ ނަމަ އެއް ތާކަށް ޖަމާކުރުމަށް ވިދާޅުވިއެވެ. މެންދުރުވުމުން ނަމާދުކޮށްގެން ހައްޔަރީން ކާއެއްޗެހިތައް ކައިރިއަށް އެއްވެ އެންމެން އެކުގައި ކެއެވެ. ބާކީ ހުރި އެއްޗެހި އެންމެންގެ މެދުގައި ބަހައިލިއެވެ. އެއަށްފަހު ނިދައިލީއެވެ. އެއަށްފަހު ޢަޞްރު ނަމާދުކޮށްގެން މަޣުރިބު ވަގުތާ ހަމައަށް އެ މީހުންނަށް ނެސޭހަތްދެއްވިއެވެ. މަޣުރިބު ނަމާަށް ފަހު އެންމެންގެ ކައިއެއްޗެހި ބަހައިގެން ކެއީއެވެ. މި ގޮތަށް ތިން ދުވަސް ފާއިތުވުމުން ހައްޔަރީންގެ ޙާލު ބަލާން އަމުރުކުރީމެވެ. ސަތޭކަ ދިރްހަމަށް ވުރެ ކުޑަ ދަރަންޏެއް އޮތް ކޮންމެ މީހަކު ދަރަނިވެރިޔާގެ ރުހުން ހޯދާން އަހުރެން ބުނީމެވެ. އެ ހިނދު ދަރަނިވެރީންގެ ރުހުންލިބިގެން ހައްޔަރީންގެ ބަޔަކު ބޭރަށް ނުކުމެ ޖަލުގައި ތިބި ދަރަނިވެރީން ސަލާމަތްކުރުމަށް ޓަކައި ފައިސާ ޖަމާކުރާން ފެށިއެވެ. ހަ މަސްދުވަހުގެ ތެރޭގައި ފައިސާ ޖަމާކޮށްގެން ހައްޔަރީންތައް މިނިވަންކުރިއެވެ." މި ވާހަކަތަކުން އެނގެނީ ޖަލުގެ ހައްޔަރީން މެދުގައި އޮތީ އެކަކު އަނެކަކަށް އަޅައިލުމުގެ ރޫޙެއް އޮތްކަމެވެ.
ޖަލުގައި ހައްޔަރުކުރެވޭ މީހުންނަށް ހޭދަކުރުމަށް ޓަކައި ބައެއް ރަސްރަސްކަލުންނާއި އަމީރުންނާއި ދަރުމަވެރީން ޞަދަޤާތާއި ވަޤްފު ދެއްވިއެވެ. މިޞްރުގައި ޤާއިމުކުރެވުނު ޠޫލޫނީ ވެރިކަމުގެ ބާނީ އަޙްމަދު ބުނު ޠޫލޫން (އަވަހާރަވީ ހިޖްރައިން 270ވަނަ އަހަރު) ޖަލުތަކުގެ ހައްޔަރީންނަށް ކޮންމެ މަހަކު 500 ދީނާރު ދެއްވިއެވެ.
ޢާއްބާސީ ޚިލާފަތުގެ ތަޚްތަށް 622ވަނަ އަހަރު އައްޡާހިރު ބިﷲ (އަވަހާރަވީ ހިޖްރައިން 623 ވަނަ އަހަރު) އިސްކުރުމުން އޭނާ ބަޣުދާދުގެ ޤާޟީއަށް ދިހަ ހާސް ދީނާރުދެއްވައި ޖަލުގައި ތިބި ފަޤީރު ދަރަނިވެރީންނަށް ހޭދަކުރުމަށް އެންގެވިއެވެ.
މަޝްހޫރު މުއައްރިޚެއް ކަމުގައިވާ އިބްނު ތަޣުރީ ބަރްދީ އޭނާގެ ފޮތް "المنهل الصافي"ގައި ވިދާޅުވެފައިވާ ގޮތުގައި މަމްލޫކީ ސުލްޠާން އައްޡާހިރު ބަރްޤޫޤު (އަވަހާރަވީ ހިޖްރައިން 801 ވަނަ އަހަރު) ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 25 ގެރި ކަތިލުއްވައި ކައްކުވައި ޖަލުތަކުގެ ހައްޔަރީންނަށް ޞަދަޤާތްކުރެއްވިއެވެ. މި ރަސްގެފާނު ކޮންމެ މީހަކަށް ތިން ރޮށްޓާއި މަސް ރާތަލެއް ދެއްވިއެވެ."
އިބްނު ޙަޖަރު އޭނާގެ މަޝްހޫރު ފޮތެއްކަމުގައިވާ "الدُّرَر الكامنة في أعيان المئة الثامنة"ގައި ވިދާޅުވެފައިވާ ގޮތުގައި ޙަލަބުގައި އޮތް މަމްލޫކީ ލަޝްކަރުގެ ވެރިޔާ ޢަބްދުﷲ ބުނު މަޝްކޫރުލް ޙަލަބީ (އަވަހާރަވީ ހިޖްރައިން 778 ވަނަ އަހަރު) ޖަލުގައި ހައްޔަރުކުރެވޭ މީހުންނަށް ހޭދަކުރުމަށް ޓަކައި މުދާތަކެއް ވަޤްފުކުރެއްވިއެވެ.
އިބްނު ބަޠޫޠާ (އަވަހާރަވީ ހިޖްރައިން 779 ވަނަ އަހަރު) އޭނާގެ ދަތުރުފުޅުތަކާ ބެހޭ ގޮތުން ލިޔުއްވި ފޮތް ބުނާ ގޮތުގައި މަޣުރިބު ކަރައިގެ ރަސްގެފާނު އަބޫ ޢިނާނުލްމަރީނީ (އަވަހާރަވީ 759 ވަނަ އަހަރު)ގެ ހެޔޮ ޢަމަލުފުޅުތަކުގެ ތެރޭގައި މުޅި ކަރައިގެ ޖަލުތަކުގެ ހައްޔަރީންނަށް ވަރަށް ދީލަތިކޮށް ޞަދަޤާތްކުރެއްވުން ވެއެވެ.
އިބްނު ތަޣުރީ ބަރްދީ އޭނާގެ ފޮތް "النجوم الزاهرة في ملوك مصر والقاهرة"ގައި ވިދާޅުވެފައި ވެއެވެ. "ޖަލަށްލެވޭ ކޮންމެ މީހަކު އަތުން ނެގެމުން ދިޔަ ސަތޭކަ ދިރްހަމު ނެގުން ހުއްޓައިލުމަށް އައްނާޞިރު މުޙައްމަދު ބުނު ޤަލާވޫން (އަވަހާރަވީ ހިޖްރައިން 741 ވަނަ އަހަރު) އަމުރުކުރެއްވިއެވެ. ޖަލުގެ ވެރިޔާ ނަގާ މި ފައިސާގެ ތެރެއިން ވަކި މިންވަރެއް ސަރުކާރަށް ދީފައި އަނެއް ބައި ލަނީ މީނާގެ ޖީބަށެވެ." ފިޤްހުޢިލްމުވެރީން ވިދާޅުވާ ގޮތުގައި މާލިކީ މަޒުހަބުގެ އިމާމެއްކަމުގައިވާ އައްޙައްޠާބު (އަވަހާރަވީ ހިޖްރައިން 954 ވަނަ އަހަރު) އެކަލޭގެފާނުގެ "مواهب الجليل" ފޮތުގައި ވިދާޅުވެފައިވާ ފަދައިން ޖަލު ބަލަހައްޓާ މީހުންގެ އުޖޫރަ ދޭންޖެހޭނީ ސަރުކާރުންނެވެ. ފަނޑިޔާރުންގެ އެހީތެރީންނަށް ބައިތުލްމާލުން އުޖޫރަ ދޭ ގޮތަށެވެ.
ހިތާމަ ފަންޑު
ޖަލުތަކުގައި ހައްޔަރުކުރެވޭ މީހުން ތަޙައްމުލުކޮށްފައި ވަނީ ހަމައެކަނި ހައިހޫނުކަމެއްނޫނެވެ. މީގެއިތުރަށް އެމީހުން އަތުން ތަފާތު ބާވަތްބާވަތުގެ ޖޫރިމަނާތައް ވެސް ނަގައިފައިވެއެވެ. ޖަލަށްލެވޭ ގިނަމީހުން ލައްވައި ބުރަ މަސައްކަތްކުރުވުމަކީ ވެސް އާންމު ކަމެކެވެ.
އިބްނު އަޔިބަކުއް ޞަފަދީ (އަވަހާރަވީ ހިޖްރައިން 270 ވަނަ އަހަރު)ގެ ފޮތް "الوافي بالوفيات"ގައި ވިދާޅުވެފައިވާ ގޮތުގައި މަޝްހޫރު ލިޔުންތެރިޔާ އަޙްމަދު ބުނުއްމުދައްބިރު )އަވަހާރަވީ ހިޖްރައިން 270ވަނަ އަހަރު) މިޞްރުގެ އަޙްމަދު ބުނު ޠޫލޫން ޖަލުގައި ދުވަސްތަކެއް ހޭދަކުރެއްވިއެވެ. އޭނާ ވިދާޅުވިއެވެ. މި ޖަލަކީ ވަރަށް ނުތަނަވަސްކަން ބޮޑު ޖަލެކެވެ. އަހުރެމެންނާ އެކު ރަށްފުށުގެ މީހަކު ޖަލަށް ލެވުނެވެ. އޭނާއަށް މި ޖަލުން އިށީންނާނެ ތަންކޮޅެއް ވެސް ނުލިބުނެވެ. އޭނާ ބުންޏެވެ. މީސްތަކުންނޭވެ! އަހުރެން ހައްޔަރުކޮށްފައި މިހުރި ތަނުގެ ބިންމަތީން އިށީނދެލައިލާނެ ތަންކޮޅެއް ނުލިބުނީތީ ވަރަށް ޙައިރާންވަމެވެ. އެއީ އަހުރެން ދުވަހަކު ވެސް ހީކުރި ކަމެއްނޫނެވެ. އަހުރެމެންގެ މި ނުބައި ޙާލަތުން ﷲ ރައްކައުތެރިކޮށްދެއްވާށިއެވެ!"
ޖަލުގައި މީހުންނަށް ދެވުނު ކުދި އަދަބުތައް ވަރަށް ސިންދަފާތެވެ. ޗާބޫކުން ތެޅުމާއި ދުއްރައިން ތެޅުމާއި ދަތް ބިންދައިލުމާއި ބޯކޮޅު ވަތަށް އެލުވައިފައި ބެހެއްޓުމާއި ކަސްތަޅުއެޅުވުމާއި އަނދަގޮނޑިޖެހުމާއި އަތަށް ފަޔަށް މޮހޮރުޖަހާފައި ޞަލީބެއް ފަދަ ލަކުޑިގަނޑެއް މަތީގައި ކޮޅަށް ބެހެއްޓުން ވެއެވެ. އަތަށް ފަޔަށް މޮހޮރުޖެހުމުގެ ސަބަބުން ލޭ އައިސްގެން ބައެއް މީހުން މަރުވެސް ވެއެވެ.
އިބްނުލް މަންޡޫރު ތައްޔާރުކުރެއްވި ބަސްފޮތް "لسان العرب" ގައި ޖަލުގައި މީހުންނަށް އަނިޔާކުރާން ބޭނުންކުރި ބައެއް އާލަތްތަކާއި އަދާތުތަކުގެ ނަންތައް ގެންނަވައިފައިވެއެވެ. އޭގެތެރެއިން އެއް އަދާތަކީ المِقْطَرَةއެވެ. އެއީ އަނދަގޮނޑިއެވެ. މިއީ ދެ ލޯވަޅު އަޅައިފައި އޮންނަ ބަރު ލަކުޑިގަނޑެކެވެ. މިއިން ކޮންމެ ލޯވަޅަކަށް ކުށްވެރިޔާ ފައި ގަދަކަމުން ވައްދައިފާ އެމީހާ ބާއްވަނީއެވެ. މި ލަކުޑިގަނޑު ބަރުކަމުން އޭނާއަކަށް ނުތެދުވެވޭނެއެވެ.
މިނިވަންވުމުގެ އުފާތައް
ޖަލުގައި ހޭދަކުރަންޖެހޭ ދުވަސްތައް ގިނަވުމާއި ގިލަންތައް ބޮޑުވުމާއި ތަޙައްމުލުކުރަންޖެހޭ އަނިޔާތަކާއި ކެކުޅުންތައް ދިގުލައިގެން ދިޔަސް، ޖަލުން ސަލާމަތްވާނެ ވަގުތަކަށް ހައްޔާރީން އަބަދުވެސް އުންމީދުކުރެއެވެ. ސިޔާސީ އިޤްތިޞާދީ ދީނީ މުނާސަބަތުތަކުގައި ހައްޔަރީންނަށް މާފުދެވި ދޫކޮށްލެވެއެވެ. ބައެއް ހައްޔަރީން ދޫކޮށްލެވެނީ ރަސްގެފާނުގެ ނުވަތަ ދައުލަތުގެ އިސް މުވައްޒަފެއްގެ ދީލަތިކަމުންނެވެ. އައްޛަހަބީ އެކަލޭގެފާނުގެ ތާރީޚު ފޮތެއް ކަމުގައިވާ "تاريخ الإسلام" ބުނާ ގޮތުގައި އުމަވީ ޚަލީފާ ސުލައިމާނު ބުނު ޢަބްދުލްމަލިކު (އަވަހާރަވީ ހިޖްރައިން 99 ވަނަ އަހަރު) އޭނާގެ ވެރިކަން ފެށްޓެވީ ވެސް އަދި ނިންމެވީ ވެސް ވަރަށް ހެޔޮފުޅުކޮށެވެ. އޭނާ ބަޞްރާގެ ޖަލުގައި ތިބި ހައްޔަރީންނަށް މާފުދެއްވައި މިނިވަންކުރެއްވިއެވެ. އޭނާ މަޒުލޫމުންނަށް އެމީހުންގެ ޙައްޤުތައް ރައްދުކުރެއްވިއެވެ.
ބައެއް އަމީރުން ކުށްވެރީންނަށް މާފުދެއްވައިފައިވަނީ ﷲގެ ޙަޟްރަތުން ހެޔޮ ދަރުމައަށް އެދިވަޑައިގެންނެވެ. ބައެއް ފަހަރަށް ޖެހިވަޑައިގެންނެވި އާލާސްކަންފުޅެއް ފިއްލަވައިދެއްވީމައެވެ. އަލްމަލިކުލް މުޢައްޡަމުލް އައްޔޫބީ (އަވަހާރަވީ ހިޖްރައިން 624ވަނަ އަހަރު)އަށް ބޮޑު އާލާސްކަންފުޅެއް ޖެހިވަޑައިގަތުމުން ދިމަޝްޤުގައި ޞަދަޤާތްކުރައްވައި ހުރިހައި ކުށްވެރީން ޖަލުން ދޫކޮށްލެއްވިއެވެ. އައްޛަހަބީ އެ ފޮތުގައި ވިދާޅުވެފައިވާ ގޮތުގައި އައްސުލްޠާން އައްނާޞިރު ޤަލާވޫންގެ އެންމެ އަރިސް އަމީރު ބަލްބުޣާ އަލްޔަޙްޔާވީ (އަވަހާރަވީ ހިޖްރައިން 748ވަނަ އަހަރު)އަށް ބޮޑު އާލާސްކަންފުޅެއް ޖެހިވަޑައިގަތުމުން ބޮޑު ޖާފަތްތަކެއް ބޭއްވެވިއެވެ. އަދި ބައިތުލްމާލުން 30 ހާސް ދިރްހަމު ފަޤީރުންނަށް ޞަދަޤާތްކުރައްވައި ހުރިހާ ކުށްވެރީން ޖަލުން ދޫކޮށްލެއްވިއެވެ.
ބައެއް ފަހަރަށް ކުށްވެރީންނަށް އުފާވެރި މުނާސަބަތުގައި ވެސް މާފުދެވި ހަދިޔާތައް ދެވެއެވެ. ސިބްޠު އިބްނުލްޖައުޒީ (އަވަހާރަވީ ހިޖްރައިން 654 ވަނަ އަހަރު) "مرآة الزمان في تواريخ الأعيان"ގައި ބަޔާންކުރައްވައިފައިވާ ގޮތުގައި ހިޖްރައިން 402ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަހު ބުވަހީ ވަޒީރު ފަޚްރުލް މަލިކު (އަވަހާރަވީ ހިޖްރައިން 407 ވަނަ އަހަރު) ފަޤީރުންނަށާއި މިސްކީނުންނަށް ހެދުމާއި ހިމަގޮދަނާއި ކަދުރާއި ދިރުހަމާއި ދީނާރު ބެއްސެވިއެވެ. އަދި ޢީދުނަމާދުކުރާ ބޮޑެތި މިސްކިތްތަކުގެ ޚަޠީބުންނަށާއި މުދިމުންނަށް ހެދުމާއި ދީނާރުތައް ދެއްވިއެވެ. އެއް ދީނާރާއި ދިހަ ދީނާރުގެ ދަރަންޏެއްގެ މައްސަލައިގައި ޖަލަށްލެވިފައި ތިބި އެންމެންގެ ދަރަނި އަދާކޮށްދެއްވައި ޖަލުން ދޫކޮށްލެއްވިއެވެ. އެއަށް ވުރެ ބޮޑު ދަރަންޏެއް އޮތް ނަމަ އޭނާގެ ދަރަންޏަށް މީހަކު ޖާމިނުކުރައްވައި ދޫކޮށްލެއްވިއެވެ. އަދި ކުދިކުދި ޖިނާޔަތްތަކުގެ ކުށްވެރީންނަށް ތައުބާވުމަށް އަންގަވައި ދޫކޮށްލެއްވިއެވެ. މި ކަމާ ހެދި މައިދާންތަކުގައްޔާއި މަގުތައް މަތީގައި ފަޚުރުލްމަލިކަށް ހެޔޮ ދުޢާކުރުން ގިނަވެގެން ދިޔައެވެ.
( ނުނިމޭ)