ad_banner
ކުރު ވާހަކަ: ކެހި

އަސްމާ އަބޫބަކުރު

6 އޭޕްރިލް 2025

ކެހި

މަތީންދާބޯޓުން ދަތުރުކުރާ އިރު، އަހަރެން އަބަދު ވެސް ބޭނުންވަނީ ބޭރު ފެންނަ ގޮތަށް އިންނާށެވެ. ނަސީބަކުން މި ފަހަރު ވެސް ބޭނުންވާ ވިންޑޯ ސީޓު ލިބުނެވެ. ދަތުރުކުރާ އިރު، އުޑުމަތީން ފެންނަ ހުދު ކުލައިގެ ކަފަތައް ކަހަލަ ރީތި ވިލާތަކުގެ މަންޒަރު ބަލައި ފޫއްސެއްނުވެއެވެ. އަމާން، ހަމަހިމޭން ދަތުރަކަށްފަހު ބޯޓު ޖެއްސުމުން ފައިބައިގެން ތެޅިތެޅި އޮތް ހިތަކާއިގެން އެއަރޕޯޓުން ނިކުމެއްޖައީމެވެ.

އަހަރެން ބޭނުންވީ އަހަރެންގެ ލަހޫ އެދުނު ގޮތަށް ވީހައި އަވަހަށް އޭނާޔާ ބައްދަލުކުރާށެވެ. ފޯނު ނަގައިފައި ލަހުފާގެ ނަންބަރަށް ގުޅާން އުޅެއުޅެ ގުޅޭ ގޮތެއްނުވިއެވެ. ޗޮކެއްކަނޑައިލުމަށް ފަހު އަނެއްކާ ވެސް ގުޅޭތޯ މަސައްކަތް ފެށީމެވެ. ހިތް އަވަސްވެފައި ހުރި ވަރުން ކަންނޭގެއެވެ. ފޯނު އޮތީ ފުލައިޓް މޯޑަށްލީ ގޮތަށެވެ. އެހެންވީމާ ނުއެއް ގުޅޭނެތާއެވެ. ފުލައިޓް މޯޑު އޮފުކޮށްލައިފައި ލަހޫގެ ނަންބަރަށް ގުޅައިލުމާ އެކު ފޯން ނަގައިފިއެވެ.

"ކެފޭ ނަވާރަސަތޭކަ ސާޅީހުގައި ލަހޫގެ އިންތިޒާރުގައި މި އިނީ." އަހަރެން ބުނީމެވެ.

"ފަރީދު ތިޔަ ހުރީ މި ރަށުގައި؟ އަންގައި ވެސް ނުލައި ތިޔަ އައީ.؟" ލަހޫ ހުރީ ހައިރާންވެފައެވެ.

"މިހާރު ދެން އެއް ތަނުން އަނެއް ތަނަށް ދާކަށް އުނދަގުލެއް ނޫނެއްނު. ލަހޫ އެދުނީ ބައްދަލުކޮށްލާން. އަހަރެން މިހުރީ އައިސް. އާދޭ އަވަހަށް." އަހަރެން އެހެން ބުނެފައި ފޯނު ކަނޑައިލީއެވެ. އަވަހަށް ލަހޫ ގެނައުމަށެވެ. އަހަރެމެންގެ ފުރަތަމަ ބައްދަލުވުމެވެ. އެހެން ނަމަވެސް ފޮޓޯއިންނާއި ވީޑިއޯ ކޯލުން އަހަރެމެން އެކަކު އަނެކަކު ދަސްކޮށްފީމެވެ. އެކަމަށް ނެގީ މަދު ދުވަސްކޮޅެކެވެ.

ލަހުފާ އަންނަންދެން އަހަރެން ކޮފީއަކަށް އޯޑަރުކޮށްގެން އިންދައި ލަހުފާ އަތުވެއްޖެއެވެ. މާގިނަ އިރުތަކެއް ނުވެއެވެ. އަހަރެން ފެނުމުން ލަހުފާއަށް ވެސް އަހަރެން ވަކިކުރާން އެނގިއްޖެއެވެ.

"އަސްލު ފެންނައިރު ހާދަ ސަޅިއޭ ލަހޫ." އަހަރެންގެ ތަޢުރީފުން ލަހުފާގެ މޫނުމަތި ފެނުނީ ލަދުވެތިކަމެވެ. އެހެން އަންހެން ކުދީންނާ އަޅައިބަލާ އިރު ތައްޔާރުވެގެން އެހާ އަވަހަށް އައުމުން އަހަރެން އުފާވިއެވެ. މާގިނަ އިރު އިންތިޒާރުގައި އިންނާން ނުޖެހުމުންނެވެ. ފުރަތަމަ ބައްދަލުވުމުގައި ވެސް އަހަރެން ދިޔައީ ސީދާ ޕޮއިންޓަށެވެ. ލަހުފާގެ އަވައިގައި ޖެހިފައި މި ވަނީ ދުރުނުވެވޭ ވަރަށެވެ.

"އަހަރެން ބޭނުން ވަނީ ލަހޫއާ އިންނާން. މާގިނަ ދުވަހު މިހެން ބައްދަލުކުރާކަށް ބޭނުމެއް ނުވޭ." ލަހުފާ ލަދުގަހެއް ފަދައިން ލަދުގަނެއްޖެއެވެ.

"ފަރީދުގެ އަންހެނުން ގަބޫލު ވާނެތަ؟ އަދި އެހާ ބޮޑު ދަރިއެއް ހުންނަ އިރު." ލަހުފާ ވިސްނުން ހުރީ އަހަރެންގެ ޢާއިލާގެ ހަމަޖެހުމަށެވެ. އެހެންނަމަވެސް އަހަރެން ބޭނުންވަނީ ކައިވެނިކުރުމަށްކަމުގައި ލަހުފާ ގާތު ބުނީމެވެ. ލަހުފާ ވެސް ހުރީ ކައިވެނިކުރާ ގޮތަށެވެ. އެ ދުވަހު އަހަރެން ތާރީޚެއް ކަނޑައެޅުމަށް ލަހުފާގެ ލަފައަކަށް އެދުމުން ލަހުފާ ދިން ތާރީޚަށް މި ރަށަށް އަންނާން ނިންމުމަށްފަހު ޖެހިގެން އައި ދުވަހު އެ ރަށުން ފުރައިގެން އައީ މާލެއަށެވެ.

އާދައިގެ މަތީން އަހަރެން ހެނދުނު ތެދުވެ އޮފީހަށް ދާންތައްޔާރުވާއިރު ނާދިޔާ ހުންނާނީ ސައި ތައްޔާރުކޮށްގެންނެވެ. އަހަރެން ގޮސް މޭޒުދޮށުގައި އިށީނުމާ އެކު ނާދިޔާ އައިސް ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ. އޭރު އޭނާގެ އަތުގައި ކޮފީތަށްޓެއް ހުއްޓެވެ.

"އަހަރެން މި އައީ ބެލްކަނީގައި އިނދެފައި އިރު އަރާ މަންޒަރު ބަލާން." ނާދިޔާގެ ރާގުގައި ވަނީ އުފާވެރިކަމެވެ. އެކަމަކު އަހަރެން މިހާރު ނާދިޔާ ފެނުމުން ފޫހިވެއެވެ. ނާދިޔާ ފެންނަ އިރު، ހިތަށް އުފާވެރިކަމެއް ނުލިބެއެވެ. އެހެންވެ ފޫހި ނަޒަރަކުން ބަލައިލައިފައި އަވަސްއަވަހަށް ސައިބޯން ފެށީމެވެ.

"މިރޭ އެބޮތް ރައްޓެއްސެއްގެ ޕާޓީއަކަށް ދާން. ނޫކުލައިގެ ގަމީސް ތައްޔާރުކޮށްލައްޗޭ." އަހަރެންގެ ވާހަކައަށް ނާދިޔާ ބޯޖަހައިލިއެވެ. އެ ވަގުތު އަހަރެމެންގެ ދަރިފުޅު ނައުފާ އައިސް ސައިމޭޒު ކައިރީގައި އިށީނެވެ. އަހަރެން ސައިތަށި ބޯލައިގެން ތެދުވާން ފެށުމުން ނައުފާ ގޮވައިލިއެވެ. ނައުފާއަށް ވެސް ސަމާލުކަން ނުދީ އަވަސްއަވަހަށް އަހަރެން ތެދުވީ ފޯނު ރިންގުވާން ފެށުމުންނެވެ. ލަހޫގެ ކޯލެއް ނޫނީ މި ގަޑީގައި ނާންނާނެކަން އެނގޭތީއެވެ.

އަހަރެން ޕާޓިއަށް ދާން ތައްޔާރުވަމުން ދިޔައިރު ނާދިޔާ ވެސް ހުރީ އަހަރެންގެ ގަމީހާ ގުޅުވައިގެން ނޫކުލައިގެ ހެދުމެއް ލައި ރީތިވެގެންނެވެ. އާންމުކޮށް ނާދިޔާ ހެދުން ތައްޔާރުކުރުމުގައި ގެންގުޅޭ އެ ސްޓައިލް މިހާރު އަހަންނަކަށް ކަމަކު ނުދެއެވެ. އަދި ނާދިޔާ ގޮވައިގެން ޕާޓިއަށް ދާން ވެސް އަހަރެން ބޭނުން ނުވެއެވެ. ކުރީ ޒަމާނުގެ ފެޝަނަށް ލޯބިކުރާ ނާދިޔާގެ ހެދުން ފެނުމުން އަހަރެން ހިތްހަމައެއް ނުޖެހުނެވެ.

"ތިޔަ ހެދުން ލައިގެން ދިޔައިމާ އަހަރެންގެ ރައްޓެހީން މަލާމަތްކުރާނެ." އަހަރެން ނާދިޔާ ނުގެންދާންވެގެން ބަހަނާދައްކާން ފެށުމުން ނާދިޔާ ފާޑަކަށް ދެރަވެއްޖެއެވެ.

"މިއީ ފަރީދު އެންމެ ފަހުން ދުބާއީއަށް ގޮސްފައި އަންނަމުން ގެނެސްދިން ހެދުން. ފަރީދަށް ކަމުނުދަންޏާ އަހަރެން ޕާޓީއަށް ނުގޮސް ހުރެދާނަން." އަހަރެން ހިތުން ވަރަށް އުފާވިއެވެ. ބޭނުމަކީ ވެސް އެ ގޮތެވެ. ނާދިޔާ އެޅި ގަހަނާތައް ބާލައިފައި ގޮސް އެނދުގައި ފޮތެއް ހިފައިގެން އިށީނެވެ. އަހަރެން ގެއިން ނިކުމެގެން ދިޔައިރު ނާދިޔާ ބަލަހައްޓައިގެން އިންކަން އެނގެއެވެ.

ކޮންމެ ދުވަހަކު ވެސް ގޭގެ ކާމޭޒު ތައްޔާރުކުރުމުގައި ނާދިޔާ ވަރަށް ސަމާލުކަން ދެއެވެ. ޚާއްޞަކޮށް ހުކުރު ދުވަހު އެންމެން އެކީގައި ކެއުމަށް ތައްޔާރުކުރާ ކާއެއްޗެހި ތަފާތުކުރެއެވެ. އެދުވަހު އަހަރެންގެ ބައްޕަ ވެސް ކެއުމުގައި ބައިވެރިވާނެއެއެވެ. ނާދިޔާގެ ކައްކާ އެއްޗެހި މީރުވެގެން އަބަދު ވެސް ބައްޕަގެ ތައުރީފުކުރުން އޮވެއެވެ. މިއަދު ވެސް ބައްޕަ އައިސް ކާމޭޒު ކައިރީ އިށީނުމާ އެކު، ނާދިޔާ އެކި ވައްތަރުގެ ކާއެއްޗެހި ބައްޕައަށް ކައިރިކޮށްދޭން ފެށިއެވެ.

"ނާދިޔާ ބަލީތަ؟ ބައްޕައަށް ނާދިޔާގެ މޫނުމަތި ފެނުމުން އަހައިލިއެވެ.

"މިހާރަކަށް އައިސް ވަރުބަލިވެފައި ހުންނަނީ. އަނެއްހެން ވަކި ބައްޔެއް ނޫން." ނާދިޔާ އެހެން ބުނުމުން ނައުފާ ވެސް އޭނާގެ މަންމަ ސިއްހަތަށް ނުބަލައި އަބަދު މަސައްކަތުގައި އުޅޭ ވާހަކަ ދައްކާން ފެށިއެވެ.

"ނައުފާ މާދަން މަންމަ ގޮވައިގެން ދޭބަލަ ޑޮކްޓަރަށް ދައްކާން. ބައްޕަ މާދަން ރަށަކު ނުހުންނާނެ." އަހަރެން ދަތުރު އޭރު އޮތީ ރާވައިފައެވެ. ނައުފާ ބޯޖަހައިލިއެވެ. އަހަރެންގެ ބައްޕަ އެ ކަމާ ހިތްހަމަ ނުޖެހުން ފާޅުކުރިއެވެ. އަހަރެން އެ ކަމާ އަޅައެއް ނުލަމެވެ.

އޭގެ ހަފުތާއެއްގެ ފަހުން އަހަރެން މާލެ އައީ ލަހުފާ ގޮވައިގެންނެވެ. ލަހުފާ އަހަރެންގެ ގެއަށް ގެންދާން އެއްބަސްކުރެވުނީ އެތައް ވަރަކުންނެވެ. އެ ގެއަށް ދިޔައިމާ މަސްލަހަތު އެހާ ރަނގަޅު ނުވާނެކަމަށް ލަހުފާ ބުނަމުން ދިޔައެވެ. އެކަމަކު އަހަރެންގެ ގޭގައި އުޅެވޭނެކަމަށްބުނެ ލަހުފާ ގޮވައިގެން ދިޔަ އިރު ގޭތެރެ އޮތީ ހަމަހިމޭން ވެފައެވެ.

އަހަރެމެން ގޮސް ގެއަށް ވަނުމާއެކު ސިޓިންގ ރޫމްގައި އިން ނައުފާ ތެދުވެއްޖެއެވެ. އަހަރެން ދަރިފުޅަށް ލަހުފާ ތަޢާރަފް ކޮށްދިނުމާ އެކު، ނައުފާ ހިތްހަމަ ނުޖެހުނުކަން އެނގުނެވެ. އެއްވެސް އެއްޗެއް ނުބުނެ ކޮޓަރިއަށް ދިޔަ ގޮތުން ވެސް އެ ކަން ދޭހަވެއެވެ.

"އަޅައިނުލާ! އެހެން މީހުން ރުއްސާކަށް އަހަރެން ކުރިކަމެއް ނޫން މީ. އެހެން މީހުން ޖެހޭނީ ތިޔައީ އަހަރެންގެ އަންހެނުންކަން ގަބޫލުކުރާން." އަހަރެން ގޮސް ގޭގެ ހުސްކޮޓަރިއަށް ލަހުފާގެ އެއްޗެހި ވައްދައިފައި ނިކުމެ ނާދިޔާ ކޮބައިތޯ ބަލައިލި އިރު ނާދިޔާ އޮތީ ކޮޓަރީގައި ނިދައިފައެވެ. ނާދިޔާގެ ޓެސްޓު ރިޕޯޓް ފެނުމުން އޭނާގެ ދެ ކިޑްނީ ފެއިލްވެފައިވާކަން އެނގުނެވެ. މޭޒުމަތީ އޮތް ރިޕޯޓް އޮތްގޮތަށް ބާއްވައިފައި އަހަރެން ނިކުތީއެވެ. ދެން ނާދިޔާގެ ބޭނުމެއް ނެތޭ އަހަރެންގެ ހިތަށް އެރިއެވެ.

އަނެއް ދުވަހު ނައުފާއާ ވާހަކަދެއްކޭތޯ މަސައްކަތްކުރި ނަމަވެސް އެކަންވީ ބޭކާރެވެ. އޭނާ ހުންނަނީ ލަހުފާ ދެކެ ރުޅިއައިސްފައެވެ. އާންމުކޮށް ހަވީރު ނައުފާ އިންނާނީ ބެލްކަނީގައި އިށީނދެގެންކަން އަހަރެންނަށް އެނގެއެވެ. އެ ގަޑީގައި ގޮސް ނައުފާއާ ވާހަކަދެއްކޭތޯ އުޅުނީމެވެ.

"ބައްޕަ ކަންތައް ތިޔަ ކުރަނީ ރަނގަޅަކަށް ނޫނެއްނު. މަންމައަށް އެންމެ އެހީތެރިކަން ބޭނުންވި ދުވަހު ބައްޕަ ދެވަނަ ކައިވެންޏެއް ތިޔަ ކުރީ." އަހަރެންގެ ދަރިފުޅު ހިތްހަމަ ނުޖެހުނީ އަހަރެން ދެކެއެވެ. އަހަރެން ވެސް ނައުފާ ކަންތައް ކުރި ގޮތުން ހިތްހަމައެއްނުޖެހުނެވެ. ލަހުފާ ކުރިމަތީގައި އަހަރެންގެ ދަރިއަކު އަހަންނާ ދިމާއަށް ނުރުހުމުގެ ބަހެއް ބުނާކަށް ވެސް ނޭދެމެވެ.

"ފަރީދުގެ ދަރިފުޅު އަހަންނާ މެދު ހިތްހަމަ ނުޖެހޭ ނަމަ، އަހަރެން މި ގޭގައި ހުންނާކަށް ބޭނުމެއް ނޫން." ލަހުފާ އެހެން ބުނުމުން އަހަރެން ކަންބޮޑުވިއެވެ. ކޮޓަރިއަށް ގޮސް ވިސްނާން އޮއްވައި ކުއްލިއަކަށް ހިތަށްއެރީ ކުއްޔަށް ދީފައި ހުރި އެޕާޓްމަންޓު ހިފި މީހާ މީގެ ދެ މަހެއްހައި ދުވަސް ފަހުން އެތަނުން ނިކުންނަ ވާހަކަ ބުނެފައިވާ ހަނދާނެކެވެ.

ލަހުފާ ކަހަލަ ރީތި އަންހެންކުއްޖަކު ލިބުނީމާ ލަހުފާ ރުހޭ ގޮތަށް ކަންތައް ކުރާން އަހަރެން ވެސް ބޭނުމެވެ. ޕާޓީތަކަށް ދާއިރު އަތުގައި ހިފައިގެން ޅަދޮނޅު ރީތި އަތްނބަކު ހުރުމަކީ އެހެން މީހުންގެ ކުރިމަތީގައި އިސްއުފުލައިލާން ކެރޭ ކަމެކެވެ. އަދި ރައްޓެހީންގެ ތަޢުރީފު ހޯދުމަކީ އަހަރެން އެހައި ކުރާހިތްވާ ކަމެކެވެ.

ނާދިޔާ ބަލިވުމުން ނާދިޔާގެ ކަންކަން ބަލަހައްޓަނީ ނައުފާއެވެ. ނައުފާ އޮފީހަކަށް ވަންނަން އުޅެފައި ވެސް މަންމަ ބަލާން ހުންނާން ޖެހޭތީ އޮފީހަކަށް އަދި ނުދެއެވެ. ނާދިޔާ ކުރީން މަސައްކަތްކުރި ގޮތަށް ގޭތެރޭގައި މިހާރު އުޅޭ ތަނެއް ނުފެނެއެވެ. ގިނަ ދުވަސް ދުވަހު އަހަރެން ނާދިޔާ ކޮބައިތޯ ވެސް ބަލައެއްނުލަމެވެ.

"މިއައީ ލަހޫއަށް ހަދިޔާއެއް ހިފައިގެން." ލަހުފާއަށް ސިޓީއުރައެއް ދިއްކޮށްލަމުން އަހަރެން ބުނީމެވެ. އެ ބަލައިފައި ލަހުފާ އުފަލުން ގޮސް އަހަރެން ގައިގައި ބައްދައިގަތެވެ.

"ތެންކިޔޫ. މީ ފަރީދުގެ އެޕާޓްމަންޓެއްތަ؟" ލަހުފާ ހުރީ ވަރަށް އުފާވެފައެވެ.

"އާން. ތީ އަހަރެންގެ އެޕާޓްމަންޓެއް. އަހަރެން ލަހޫއަށް ހަދިޔާއަކަށް މި ދިނީ." އޭރު ވެސް ލަހުފާ ހުރީ ރަޖިސްޓްރީއަށް ބަލަހައްޓައިގެންނެވެ. ޖެހިގެން އައި ދުވަހު އަހަރެމެން އެ ތަނަށް ބަދަލުވީއެވެ. އަހަރެން އެ އެޕާޓްމަންޓަށް ބަދަލުވިފަހުން ލަހުފާ ކޮންމެ ދުވަހަކު ވެސް ރުފިޔާ ދޭށޭ ބުނެއެވެ. އެ ހޯދާ ފައިސާއަށް ހަދާ ގޮތެއް އަހަރެން ނުބަލަމެވެ. އެއަށް ވުރެ ލަހުފާ ދެކެ އަހަރެން ވާ ލޯބި މާ ބޮޑެވެ.

އަހަރެން އޮފީހުން އައިސް ގެއަށް ވަން އިރު ލަހުފާ ހުރީ ބެލްކަނީގައި ފޯނެއްގައެވެ. މަޑުމަޑުން އަހަރެން ކައިރިއަށް ޖެހިލީމެވެ. ފޯނުން ދައްކާ ވާހަކަ އަޑުއިވޭ ހިސާބަށެވެ.

"ވަރަށް އަވަހަށް އަހަރެން ވަރިވާނަން. ޒަޔާނަށް ވެސް އެނގެއެއްނު އަހަރެން ލޯބިވަނީ ޒަޔާން ދެކެކަން. މި އެޕާޓްމަންޓް އަހަރެން ނަމުގައި ރަޖިސްޓްރީ އޮތީ. ދެން ޒަޔާނަށް ވެސް އެނގެއެންނު އަހަރެން ފަރީދު ދެކެ ލޯބި ނުވާކަން." އެ ހިސާބުން އަހަރެން މަޑުމަޑުން ފަހަތަށް ޖެހިގެން ކޮޓަރިން ނިކުމެ އަލުން ދޮރު ހުޅުވައިފައި އެތެރެއަށް ވަނީ ލަހުފާއަށް ގޮވަމުންނެވެ.

އަހަރެން އެ ދުވަހު ވީ ދެރައާއި އައިސްފައި ހުރި ރުޅީން ލަހުފާއާ އަނގަޔަކުން ނުބުނަމެވެ. އެންމެ ފަހުން ލަހުފާއާ ދިމާއަށް އަހަރެން ހިތުގައި ހުރި ވާހަކަތައް އިއްވީއެވެ.

"އަހަރެން ދެކެ ލޯބި ނުވާއިރު އިނީ ކީއްކުރާން." ލަހުފާއަށް ލިބުނީ ކުއްލި ސިހުމެކެވެ.

"ކާކު ބުނި އެއްޗެއް ތީ." ލަހުފާ އެހިއެވެ.

"އަހަރެން ލަހުފާ ދެއްކި ވާހަކަ އަޑުއެހިން. ޒަޔާނަކީ ކާކު؟ އަހަރެން ރުޅި އައިސްހުރެގެން އެހުމުން ލަހުފާ އެއަށް ވުރެ ރުޅިގަދަ ވެފައި އަޑު ވެސް ގަދައެވެ.

"އަހަރެން ފަރީދު ދެކެ ލޯބިވޭތޯ އެއްފަހަރު ވެސް އެހިންތަ؟ ނާހަމެއްނު. ފަރީދު އަހަރެން ފަހަތުން ދުވީމައި އަހަރެން ވެސް ޒުވާން ދުވަސްވަރު ތަނަވަސްކަން ބޭނުންވާތީ ފަރީދާ އިނީ. އަހަރެން ބޭނުންވާ ކަންތައް ވެއްޖެ. ދެން އަހަރެން ބޭނުމެއް ނޫން ފަރީދާ އެކު އުޅޭކަށް." ލަހުފާގެ ވާހަކަ ހުރީ އަހަރެން ހީކުރިގޮތަކަށް ނޫނެވެ.

ލަހުފާ އެދުނު ގޮތަށް އޭނާ ވަރިކޮށްދިނުމާ އެކު، އަހަރެން އަތުގައި އެއްވެސް އެއްޗެއް ނެތްކަމުގެ އިހްސާސްކުރެވިއްޖެއެވެ. ނާދިޔާ އަހަރެންނާ މެދު ކަންތައް ކުރީ ކިހާރަނގަޅަކަށްހެއްޔެވެ؟  އެކަމަކު އަހަރެން ނާދިޔާ މަތީން ހަނދާންނައްތައިލީއެވެ. ލަހުފާ އަހަންނަށް ދިނީ ކެއްސެވެ. ލަހުފާގެ އެޕާޓްމަންޓުން އަހަރެން ނެރުނެވެ. ނާދިޔާ ގާތަށް ދާން ކިތަންމެ ލަދުގަތަސް މިއަދު އެ ނޫން ގޮތެއް ނެތެވެ.

"ކޮންމެ ގޮތަކަށް ކަންތައް ވިއަސް މިއަދު ފަރީދަށް ވިސްނޫނީތީ އަހަރެން އުފާވެއްޖެ. ތިޔައީ އަހަރެންގެ ދަރިފުޅުގެ ބައްޕަ." ނާދިޔާ ހުރީ ދެ ގޮތެއް ނުވެ އަހަންނަށް ޓަކައެވެ. އަހަރެން ހީކުރީ ނާދިޔާ ވެސް އަހަރެން ބަލައި ނުގަންނާނެކަމަށެވެ. އެހެންނަމަވެސް ނާދިޔާ އަކީ ޖަވާހިރެކެވެ. ދެގޮތެއް ނުވެއެވެ. (ނިމުނީ)

ކޮމެންޓު