ad_banner
ފިޔޯޑޯރ ޑޮސްޓޮއެވްސްކީގެ ވާހަކަކޮޅެއް: ދޮގުހަދާން ފަސޭހަވާ ގޮތް

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

12 އޭޕްރިލް 2025

ފިޔޯޑރ ޑޮސްޓޮއެވްސްކީއަކީ ރޫސީ ލިޔުންތެރިއެކެވެ.

ފިޔޯޑރ ޑޮސްޓޮއެވްސްކީއަކީ ރަޝީޔާގެ ލިޔުންތެރިއެކެވެ. ދިގުވާހަކައާއި ކުރުވާހަކައިގެ ފަލްސަފާވެރި ލިޔުންތެރިއެކެވެ. މީލާދީ ސަނަތުން 19ވަނަ ގަރުނުގައި އުޅުނު އަދީބެކެވެ. އޭނާގެ މަޝްހޫރު ލިޔުންތަކުގެ ތެރޭގައި ކްރައިމް އެންޑް ޕަނިޝްމަންޓު (ކުށާއި ކުށުގެ އުގޫބާތް)، ދަ އިޑިއެޓް (ސޭކު މޮޔަ މީހާ)، ދަ ކަރަމަޒޯވެ ބުރަދާސް (ކަރަމަޒޯވްގެ އަޚުން) މި ވާހަކަތައް ހިމެނެއެވެ. އޭނާގެ ވާހަކަތަކުގެ މައިގަނޑު މައުޟޫއެއްގެ ގޮތުގައި އިންސާނީ ނަފުސާނިއްޔަތުގެ މައްޗަށް ބަލައިލެވިފައި ވެއެވެ. ސިޔާސީ ގޮތުންނާއި އިޖުތިމާއީ ގޮތުން، ހަލަބޮލިވެފައި އޮތް މުޖުތަމަޢެއްގައި އިންސާނާ އަމަލުތައްކުރާ ގޮތާ މެދު ވާހަކަދެއްކިފައި ވެއެވެ.

އޭނާގެ ކަރަމަޒޯވްގެ އަޚުން، މި ފޮތުގައި އޭނާ ލިޔެފައި އޮވެއެވެ. [ހުރިހައި ކަމަކަށް ވުރެ ބޮޑަށް ވެސް ބަލާން ޖެހޭނީ އިނބަގެ އަމިއްލަ ނަފްސުގެ މައްޗަށް ދޮގުނުހެދުމަށެވެ. އޭނާގެ އަމިއްލަ ނަފުސުގެ މައްޗަށް ދޮގު ހަދައި، އަދި އެ ދޮގުތަކުގެ ވާހަކަ އަމިއްލައަށް އަޑުއަހާން ވެއްޖެ ނަމަ، އޭނާގެ އަމިއްލަ ނަފުސުގެ ކިބައިގައި، ނުވަތަ އޭނާގެ ވަށައިގެން، ފެންނާން އޮންނަ ތެދު ވަކިކުރާން ނޭގޭ ހިސާބަށް އޭނާގެ ކަންތައްތައް ހިނގައިދާނެއެވެ. އަދި، އެހެންވެ، އޭނާއަށާއި އެހެން މީހުންނަށް ކުރާ އިހުތިރާމު ގެއްލޭނެއެވެ. އެ އިހުތިރާމު ގެއްލުމުން އޭނާގެ ކިބައިން މީހުންނަށް އަޅައިލައި ލޯބިކުރުމުގެ ސިފަ ނެތިގެން ދާނެއެވެ.]

އާދޭހެވެ! މި ތަނުގައި ޑޮސްޓޮއެވްސްކީ ބުނެފައިވަނީ ވަރަށް ވެސް މުހިންމު ވާހަކައެކެވެ. ދޮގު ހެދުމުގެ ނުރައްކަލެވެ. އެ ކަމުގެ ސަބަބުން ތެދާއި ދޮގު ވަކިކުރާން ނޭނގުމެވެ. މާނައަކީ ކޮންމެ އެއްޗެއް ވެސް ބުނާން ޖެހިލުން ނުވުމެވެ. ކިތަންމެ ބޮޑު ބުހުތާނެއް ވެސް ހަދައިލާކަށް ފަހެއް ނުޖެހޭނެއެވެ. މި ކަމުގެ ސަބަބުން އޭނާގެ އިންސާނީ ކަރާމާތް، އޭނާ އިންސާނަކަށްވާތީ ލިބޭން ޖެހޭ ގަދަރާއި އިހުތިރާމު ގެއްލެއެވެ. އަދި، މީހުންނަށް އަޅައިލުމާއި ލޯބިދިނުމުގެ އެކަށޭނަކަން ވެސް އޭނާގެ ކިބައިން ނެތިދެއެވެ.

ހުރިހައި ކަމަކަށް ވުރެ ބޮޑަށް ވެސް ބަލާން ޖެހޭނީ އިނބަގެ އަމިއްލަ ނަފްސުގެ މައްޗަށް ދޮގުނުހެދުމަށެވެ

މި ފަދަ މަންޒަރުތައް އަޅުގަނޑުމެންގެ ތެރެއިން ވެސް ފެނެއެވެ. އެއްވެސް ޖެހިލުމެއް ނެތި، އެންމެންގެ ކުރިމަތީގައި ކޮންމެ ފަދަ ބޮޑު ބުހުތާނު ދޮގެއް ވެސް ހަދައިލާން ކެރޭ މީހުންނެވެ. ނޫސްތައް ބަލައިލުމުން މީގެ މިސާލުތައް ފެންނާނެއެވެ. 

މި ތަނުގައި ފާހަގަކޮށްލުން މުހިންމީ ޑޮސްޓޮއެވެސްކީ އިޝާރަތްކުރާ ފަދައިން، ދޮގުހެދުމުގައި ހައްދުފަހަނައެޅުމުގެ ސަބަބުން، އެ ފަދަ މީހުންނަށް ވަނީ ނަފުސާނީ ބައްޔެއް ޖެހިފައެވެ. އެމީހުންނަށް އެމީހުންގެ ކުރިމަތީގައި އެމީހުންގެ އަމިއްލަ ނަފްސު ބޮޑުވުމުގެ ސަބަބުން، ކަންކަން އޮޅިދަނީއެވެ. އެހެން އެންމެން ކުޑަވެ، އެހެން އެންމެން ކުޑަކުދީން ހެން، އެ ފަދަ އެ މީހުން ބުނާ އެއްޗެއް، އެ ފަދަ މީހުންގެ އަނގައިން ނިކުންނާތީ ގަބޫލުކުރާނެކަމަށް ބެލެވެނީއެވެ. އެހެންވެ، ހަގީގަތަކަށް ބެލުމުގެ ބޭނުމެއް ނެތި، ތެދަކީ ދޮގު ކަމަށްވެ، ދޮގު ތެދަށް ވެގެން ދަނީއެވެ.

ނަފްސަނީ މި ބަލީން ސަލާމަތްވުމަށް ޓަކައި، ޑޮސްޓޮއެވްސްކީ ބުނެފައި އޮތް ފަދައިން އަމިއްލަ ނަފްސަށް އޮޅުވައިލައި ދޮގުހެދުން ދޫކޮށްލާން ޖެހެއެވެ. އެ ކަމުގެ ސަބަބުން ތިމާގެ ކިބައިގައި ހުންނާން ޖެހޭ އިންސާނީ މާތް ސިފަތަކުގެ އެންމެ ކުޑަ މިންވަރު ވެސް ގެއްލިގެންދާތީއެވެ.

ކޮމެންޓު