އަބާ މުޙަންމަދު
11 އޭޕްރިލް 2025
ކަނޑަށް ވެއްޓިގެން ނަމަވެސް ގެއްލި ނުފެނިފައިވާ މީހުންނާ މެދު ޢަމަލުކުރާންޖެހޭ ޢާއްމު އުޞޫލު އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، މީސްމީޑިއާގެ ތަފާތު މަންސަތަކުގައި ހާމަކުރައްވައިފައިވަނީ ވަރަށް ޢާންމު ގޮތެއްގައެވެ. ފިހުހީ އާންމު އުޞޫލެވެ. ވަކި ޚާއްޞަ މައްސަލައަކަށް އަމާޒުކުރައްވައިގެންނެއް ނޫނެވެ. އެ މަނިކުފާނުގެ އާންމު ރައުޔެއް އެ ކަމުގައި ދެއްވައިފައިވަނީ ވަކި ޚާއްޞަ މައްސަލައެއްގައިކަމަކަށް ވިދާޅުވެފައެއްނުވެއެވެ. ވިދާޅުވެފައިވަނީ ވަރަށް ޢާންމު ގޮތެއްގައެވެ. އެ ރައުޔު އެ މަނިކުފާނު ދެއްވައިފައިވަނީ [ކަނޑަށް ވެއްޓި ގެއްލިފައި ހޯދާން އުޅެ ނުފެނިފައިވާ މީހަކު މަރުވެފައިވާކަމަށް ބަލައި، ޣައިބަށް ކަށުނަމާދުކުރުމާ މެދު އަމަލުކުރާނެ ގޮތާ މެދު ސުވާލުކުރެވެމުންދާތީ]ކަމަށް ވަނީ ވިދާޅުވެފައެވެ.
އެ މަނިކުފާނު ވިދާޅުވީ [ކަނޑަށް ވެއްޓި ގެއްލިފައި ހޯދާން އުޅެ ނުފެނިފައިވާ މީހަކު މަރުވެފައިވާކަމަށް ބަލައި، ޣައިބަށް ކަށުނަމާދުކުރާން ޖެހޭ ޙާލަތުގައި އެ މީހާ ގެއްލުމާއި މަރާ މެދު އޮތް މައްސަލަ ހުށަހަޅަންވާނީ ޤާޟީއަށް]ކަމަށެވެ.
ވަޒީރު މިހެން ވިދާޅުވެފައިމިވަނީ ދާދި ފަހުން "ހޮޅުދޫ ބޯޓު" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއްގައި އަލިފާން ރޯވެ، ހިނގި ހާދިސާގައި ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން ގެއްލުނު ލ. މާވަށަށް ނިސްބަތްވާ ޢުމުރުން 25 އަހަރުގެ ޢަލީ މުޝްފިގް މުޙައްމަދު ޝަރީފުގެ މައްޗަށް މާދަމާ ހުކުރު ނަމާދަށްފަހު ޣައިބަށް ކަށުނަމާދުކުރަން އެރަށު ކައުންސިލުން އިއުލާންކޮށްފައި ވަނިކޮށެވެ. އެހެންކަމުން އެ ކަމަށްއިޝާރާތްކޮށް ވިދާޅުވި އެއްޗެއްކަމަށް ވަރަށް ގިނަ ބަޔަކު ހީކުރެއެވެ. ނަމަވެސް އެ މަނިކުފާނު ދެއްވައިފައިވަނީ ޢާންމު ރައުޔެވެ. ޢަލީ މުޝްފިޤު ގެއްލުނު ޙާދިސާގެ ވާހަކަ ތަފުޞީލުކޮށް ދަންނަވައިފި ނަމަ، އެ ޚާއްޞަ ޙާދިސާގެ ކަންތައް ތަފާތުވުމަކީ ވެސް އެކަށީގެން ނުވާ ކަމެއް ނޫނެވެ. ޢާއިލީ އަދި މާލީ ކަންކަމާ ގުޅޭ މައްސަލަތައް ގާނޫނީ ގޮތުން ނިންމުމަށް ޓަކައި ކޯޓަކުން މަރު ސާބިތުކުރާންޖެހޭނެކަމާ މެދަކު އެއްވެސް ޝައްކެއް ނެތެވެ. ނަމަވެސް މުޝްފިޤުގެ މަރުގެ ޙާދިސާ ތަފާތެވެ. މުޝްފިޤު ސީދާ އަޑިއަށް ގޮސްފައި މައްޗަށް ނާރާކަން ޔަގީންވަނީ އޭނާގެ އެއްބަނަޑު އެއްބަފައި ކޮއްކޮއަށެވެ. އެ ވަގުތުން ފެށިގެން ސިފައިންނާއި ފުލުހުންނާއި އާންމު ރައްޔިތުން، މުޅި އަތޮޅުގައި ކަޑުމަތީންނާއި ކަޑުގެ އަޑީން މުޝްފިގު ފެނޭތޯ ހޯދައި ނުފެނުނުކަން ރަސްމީކޮށް މުޝްރިފުގެ ބައްޕައަށް އަންގަވއިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ކުރީ ޒާމާނުގައި ބެހިގެން ފެތިގެން ގެއްލޭ މީހުން ހޯދާން މަސައްކަތްކުރެވޭން ނެތް ޒަމާނެއްގައި ނަމަ، ވަޒީރު ވިދާޅުވިގެން ހަތަރު އަހަރަކީ އެކަށީގެންވާ މުއްދަތެއްކަމަށް ވެދާނެއެވެ. ނަމަވެސް ވަޒީރު ވިދާޅުވެފައިވަނީ [ކަނޑަށް ވެއްޓި ގެއްލިފައިވާ މީހާ، މަރުވެފައިވާކަމަށް ބޮޑަށް ބުރަވެވޭ ނަމަ، ހަތަރު އަހަރު ނުވިޔަސް ޤާޟީއަށް ގޮތެއް ކަނޑައެޅިދާނެކަމަށް] ދެކެވަޑައިގަންނަވާކަމަށެވެ.
ކުރީ ޒަމާނުގެ ޙާލަތާއި، މި ޒަމާނުގެ ޙާލަތާއި، ޢަލީ މުޝްފިޤުގެ ޙާލަތާ ވެސް ތަފާތެވެ. ސަބަބަކީ، އޭނާ ފެނުމުގެ ފުރުޞަތު ނެތްކަން އޭނާގެ ޢާއިލާއަށް ޔަގީނެވެ. ސަލާމަތީ ބާރުތަކުން އުންމީދު ކަނޑައިލައިފިއެވެ. ވީމާ، މި ޙާލަތުގައި ޙުކުމުގެ މުއްދަތު އަވަސްކުރުމަކީ ވެސް އެކަށީގެންވާ ކަމަކަށް ވެދާނެއެވެ. ނަމަވެސް ވަޒީރު ވަކި ހާދިސާއަކަށް ސީދާ އަމާޒު ނުކުރައްވައި، ވަރަށް ޢާންމުކޮށް (ޖެނެރަލައިޒްކޮށް) ވިދާޅުވެފައިވަނީ ފިޤުހީ ގޮތުން ވަރަށް އަގުހުރި ޢިލްމީ ވާހަކަފުޅެކެވެ. އެ މަނިކުފާނު ވިދާޅުވެފައިވަނީ [މި ފަދަ ޙާލަތުގައި އެމީހާ ގެއްލުމާއި މަރާ މެދު އޮތް މައްސަލަ ހުށަހަޅާންވާނީ ޤާޟީއަށެވެ. ކަން ހިނގައި ދިޔަ ގޮތް ބަލައި އޭނާ މަރުވެއްޖެކަމަށް ޤާޟީ ކަނޑައަޅައިފި ނަމަ، އެހާރުން އޭނާގެ މައްޗަށް ކަށުނަމާދުކުރުމަކީ ހުއްދަކަމެއް]ކަމަށެވެ. އަދި އެ މަނިކުފާނު ވިދާޅުވެފައިވާ ގޮތުން [މި ކަމުގައި ޤާޟީގެ ޙުކުމެއް އޮންނާން ޖެހޭ ސަބަބަކީ މަރަކީ އޭގެ މައްޗަށް ޝަރުޢީ ވަރަށް ގިނަ ކަންކަން ތަރުތީބުވާކަމަކަށް ވުމެވެ. މިސާލަކަށް ގެއްލިފައިވާ މީހަކު ނަމަ، އެ މީހާއަކީ މީހަކާ އިނދެގެން އުޅޭ މީހަކުކަމުގައި ވެސް ވެދާނެއެވެ. ނުވަތަ ދަރީން ތިބި މީހަކުކަމުގައި ވެސް ވެދާނެއެވެ. ނުވަތަ މައިންބަފައިންނާއި އެއްބަނޑު މީހުން ތިބި މީހެއްކަމުގައި ވެދާނެއެވެ. އެ މީހުންނަކީ އޭނާގެ ވާރުތަވެރީންނެވެ. އޭނާއަކީ އެ މީހުންގެ ވާރުތަވެރިއެކެވެ. މަރުވެއްޖެކަމަށް ކަނޑައެޅިއްޖެ ނަމަ، މި ހުރިހައި ކަމެއްގެ ޙުކުންތަކަށް ޝަރުޢީ ގޮތުން އަސަރުކުރާނެއެވެ. ވަރަށް ބޮޑެތި ބަދަލުތައް އަންނާނެއެވެ. އޭނާގެ އަތްނބަކު ވާނަމަ، އެ ކަނބުލޭގެ ޢިއްދަހަމަކޮށް އެހެން މީހަކާ އިނުން ހުއްދަވީއެވެ. ގެއްލުނުމީހާ ވުޖޫދުގައި ނެތް މީހަކަށްވީއެވެ. ޤާޟީގެ މި ޙުކުމަށް ފަހު، ދުވަސްތަކެއް ފަހުން އޭނާ އެނބުރި އަތުވެއްޖެ ނަމަ އެ ދެމެދުގައި އޭނާގެ ކަންކަމާ މެދު ހިނގައިފައިވާ ކަންކަން ޞައްޙަވާނެއެވެ. އޭނާގެ އަނބިމީހާ ވެސް އެހެން މީހަކާ އިނދެގެން ހުރެއްޖެ ނަމަ، އަނބުރައި އޭނާގެ ގާތަށް ދިއުމެއް ނެތެވެ. ގެއްލުނު މީހަކީ، މީހަކާ އިނދެގެން ނެތް މީހަކު ކަމުގައި ވިޔަސް އޭނާގެ މަރާ މެދު ގޮތް ނިންމަންވާނީ ޤާޟީއެވެ. ވީމާ ކަނޑަށް ވެއްޓި ގެއްލި ހޯދައި ނުފެނިފައިވާ މީހާއާ މެދު ގޮތް ނިންމާންވާނީ ޤާޟީއެވެ. ޤާޟީ ގޮތް ނިންމާނީ ގެއްލުނު ޙާލަތުގެ މައްޗަށް ނަޒަރު ހިންގައި ހޯދަން ކުރި މަސައްކަތުގެ މައްޗަށް ބަލައި މުޅި މައްސަލައިގެ ހަފަރާތް ބެލުމަށް ފަހުގައެވެ.] ވަޒީރުގެ އިސްޓޭޓަސްގައި ވިދާޅުވެފައި ވެއެވެ. [ގެއްލުނު މީހާ މަރުވެފައިވާކަމަށް ޤާޟީ ކަނޑައަޅައިފި ނަމަ، އޭނާގެ މައްޗަށް ކަށުނަމާދުކުރެވިދާނެއެވެ. އަދި އޭނާގެ މުދާ ވާރިސުންގެ މެދުގައި ބެހޭނެއެވެ. ބައެއް އިލްމުވެރީން ބަޔާންކުރައްވައިފައިވާ ގޮތުގައި ގެއްލިފައިވާ މީހާ މެދު ޙުކުމެއް ކަނޑައަޅާންވާނީ ގެއްލުނުތާ ހަތަރު އަހަރު ފަހުންނެވެ.] އެހެންނަމަވެސް [ކަނޑަށް ވެއްޓި ގެއްލިފައިވާ މީހާ، މަރުވެފައިވާކަމަށް ބޮޑަށް ބުރަވެވޭ ނަމަ، ހަތަރު އަހަރު ނުވިޔަސް ޤާޟީއަށް ގޮތެއް ކަނޑައެޅިދާނެ ކަމަށް] ދެކެވަޑައިގަންނަވާކަމަށް ވެސް ވަޒީރު ވިދާޅުވެފައިވެއެވެ. އެ މަނިކުފާނުގެ ސްޓޭޓަސް ނިންމައިލައްވއިފައިވަނީ [والله أعلم]އޭ ވިދާޅުވަމުންނެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙަންމަދު ޝަހީމް ޢަލީ ސަޢީދުގެ ބަސް އަޅުގަނޑުމެން އަހައި ގަބޫލުކުރާން ޖެހެނީ އެ މަނިކުފާނަކީ ހަމަ އެކަނި ވަޒީރުކަމަށް ވާތީއެއްނޫނެވެ. މީގެ އިތުރަށް އެ މަނިކުފާނަކީ މުޅި ދުނިޔޭގައި ވެސް ފާހަގަކޮށްލެވޭ ފިޤުހުވެރިއަކަށްވާތީއެވެ. ޤުރުއާނުގެ ޢިލްމަށް އަރައި ހުންނެވި އަދި ޤުރުއާން ތަދައްބުރުކުރައްވާ ޙާފިޡަކަށް ވާތީއެވެ.