ad_banner
ކާފިރުކުރުމުގެ މުޞީބަތް

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

11 އޭޕްރިލް 2025

ކާފިރުކުރުން

ފަހަކަށް އައިސް އިސްލާމީ އުންމަތާ ކުރިމަތިވެފައިވާ ބޮޑެތި މުޞީބާތްތަކުގެ ތެރޭގައި އެއް މުސްލިމަކު އަނެއް މުސްލިމަކު  އެއް ޖަމާޢަތުން އަނެއް ޖަމާޢަތް ކާފިރުކުރުން ވެއެވެ. އެއްވެސް ޝައްކެއްނެތް ގޮތުގައި މިއީ އިސްލާންދީނުގެ މެދުމިންވަރާ ޚިލާފު ކަމެކެވެ. މިއީ ދީނީ ކަންތައްތަކުގައި ޙައްދުފަހަނަޅައި ދިޔުމުގެ ޢަލާމާތެކެވެ. ބައެއް ފަހަރަށް މި ކަން ކުރެވެނީ ޖާހިލުކަމުގެ ސަބަބުންނެވެ. ނުވަތަ ޙައްޤު މަގުން އެއްކިބާވުމުގެ ސަބަބުންނެވެ. ތިމާގެ ރައުޔާ އޭނާގެ ރައުޔު ޚިލާފުވިޔަސް އެއީ އޭނާ ކާފިރަކަށް ހަދާންޖެހޭވަރުގެ ކަމެއްނޫނެވެ. ތިމާ އުޅޭ ގޮތާ އޭނާ އުޅޭ ގޮތް ތަފާތުވުމަކީ އޭނާ އިސްލާންދީނުގެ ވެށީން ބޭރަށް ލާން ޖެހޭ ކަމެއްނޫނެވެ.  

ކާފިރުކުރުމުގެ ވަބާގެ ސަބަބުން އިސްލާމީ އުންމަތުގެ ހަށިގަނޑު ވަނީ ވީދައިގެން ގޮސްފައެވެ. އުންމަތުގެ އެއްބައިވަންތަކަމުގެ ފާރުގައި ވަނީ ރެނދުއަޅައިފައެވެ. އިސްލާމީ އުންމަތުގައި ފާޅުވި  ފުރަތަމަ ބިދުޢައަކީ، ފުރަތަމަ ފިތުނައަކީ މިއެވެ.  މި ފިތުނައިގެ ވޭންތަކާއި ކެކުޅުންތައް މި އުންމަތް ބަރުދާސްތުކުރަމުން ދާތާ  ފަނަރަ ސައްތަ އަހަރުވެއްޖެއެވެ.

މީހުން ކާފިރުކުރުމުގެ ބާރަކީ މާތް ﷲ އިސްލާމީ ޝަރީޢަތަށް ދެއްވައިފައިވާ ބާރެކެވެ. އިސްލާންކަން މަތީގައި ހުރި މީހަކު ކާފިރުކުރެވޭނީ އެފަދަ ޔަޤީންކަމަކުންނެވެ. ޝުބްހާއަކާ ހެދި ނުވަތަ ހީއަކަށް ބިނާކޮށް މުސްލިމަކު ކާފިރެއް ނުކުރެވޭނެއެވެ. މުސްލިމުންނަށް އެއްޗެހިކިޔުމާއި މުސްލިމުން ޤަޛްފުކުރުމާއި މުސްލިމުންނަށް ފުރައްސާރަކުރުމާއި މުސްލިމުންނާ ދިމާއަށް ތަފާތު ވަނަންތަކުންނާއި ލަޤަބުތަކުން ގޮވުން މާތް ﷲ ޙަރާންކުރައްވައިފައިވާ އިރު ، އެމީހުން މިއްލަތުން ބޭރަށްލުން ވާނީ އެއަށްވުރެ ބޮޑު ޙަރާން ކަމަކަށެވެ. އެއީ ﷲގެ ޙައްދުތަކުން ޙައްދަކަށް އަރައިގަތުން ފަދަ ކުށެކެވެ. މުސްލިމުންގެ ތެރެއިން ﷲއަށް އުރެދޭ މީހުން ވެސް ކާފިރެއް ނުކުރެވޭނެއެވެ.

މުސްލިމުން ކާފިރުކުރުމަކީ ޚަވާރިޖުންގެ ބިދްޢައެކެވެ. އެމީހުންގެ ޢަޤީދާގައި ބޮޑެތި ފާފަތަކަށް އަރައިގަންނަ މީހުންނަކީ ކާފިރުންނެވެ. އެމީހުން މާތް ﷲ ރުއްސުންލެއްވި ޢަލީގެފާނާއި މުޢާވިޔަތުގެފާނު ކާފިރުންނަށް ހެދިއެވެ. ނަބިއްޔާ  ބަޔާން ކުރައްވައިފައިވާ ފަދައިން އެމީހުންނަކީ ޝިކާރައިގެ ގައިން ދުނި ނުކުމެގެން ބޭރަށްދާ ގޮތަށް އިސްލާންދީނުން ބޭރަށްދާ ބައެކެވެ. އެމީހުންނަކީ ޙަބީބުނާ މުޙައްމަދު e ބަޔާންކޮށްދެއްވައިފައިވާ އިސްލާންދީނުގެ މަންހަޖުން ބޭރުވެފައިވާ ބައެކެވެ.  އެކަލޭގެފާނު ޙަދީސްކުރައްވައިފައިވާ ގޮތުގައި "لا إلهَ إلّا اللهُ، محمدٌ رسولُ اللهِ" ކިޔައި އީމާންވި މީހާ އިސްލާންދީނުގެ ދާއިރާ ތެރެއަށް ވަދެއްޖެއެވެ. އޭނާގެ ލެޔެއް ނުއޮހޮރުވޭނެތެވެ. އޭނާގެ މުދަލެއް ނުހިފޭނެތެވެ. މާތް ﷲ ރުއްސުންލެއްވި އުސާމަތު ބިން ޒައިދުގެފާނު ހަނގުރާމައިގެ މައިދާނުގައި ޝަހާދަތް ކީ މީހަކު ޤަތުލުކުރެއްވުމުން ރަސޫލުﷲގެފާނު އެ ޢަމަލު ކުށްވެރިކުރެއްވިއެވެ. އެކަލޭގެފާނު އެ ކަމާ އިންކާރުކުރައްވަމުން އުސާމަތުގެފާނަށް ވިދާޅުވިއެވެ. ((ޝަހާދަތް ކީ މީހަކު ތިބާ ޤަތުލުކުރީހެއްޔެވެ؟ އުސާމަތުގެފާނު ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެޥެ! އޭނާ ޝަހާދަތް ކީ އޭނާ ޤަތުލުކޮށްފާނެތީ ބިރުންނެވެ. އެހިނދު ޙަދީސްކުރެއްވިއެވެ. ތިބާ އޭނާގެ ހިތް ފަޅައިގެން ބެލީން ހެއްޔެވެ؟)) [1]

ޞަހާބީންތަކަކަށް ސަލާން ގޮވައިލި މީހަކު ޤަތުލުކުރެއްވުމުން ﷲ ތަޢާލާ ވަނީ އެ ކަމާ ބެހޭ ގޮތުން ރުހިވޮޑިނުގަތުމުގެ ބަސްފުޅު ވަޙީކުރައްވައިފައެވެ. އިބްނު ޢައްބާސުގެފާނު އަރިހުން ރިވާވެގެން ވެއެވެ. ((ބަނީ ސުލައިމުވަންހައިގެ މީހަކު އޭނާގެ ބަކަރިއެއް ގޮވައިގެން ދަނިކޮށް އަޞްޙާބުބޭކަލުންތަކަކާ ބައްދަލުވުމުން އޭނާ އެ ބޭކަލުންނަށް ސަލާންގޮވައިލިއެވެ. އެބޭކަލުން ވިދާޅުވިއެވެ. އޭނާ ތިމަން ބޭކަލުންނަށް ސަލާން އެ ގޮވައިލީ އޭނާ މަރައިލައިފާނެތީ ބިރުން އެ ކަމުން ސަލާމަތްވޭތޯއެވެ. މިހެންވެ އެބޭކަލުން އޭނާގެ ފަހަތުން ވަޑައިގެން އޭނާ ޤަތުލުކުރައްވައި އޭނާގެ ބަކަރި ޣަނީމާކުރެއްވިއެވެ. މި ބޭކަލުން ރަސޫލާ އަށް  މި ވާހަކަ ދެންނެވުމުން އެ ކަމާ ބެހޭ ގޮތުން މަތްﷲ ވަޙީގެ ބަސްފުޅު ބާވައިލެއްވިއެވެ. (( يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا ضَرَبْتُمْ فِى سَبِيلِ ٱللَّهِ فَتَبَيَّنُوا۟ وَلَا تَقُولُوا۟ لِمَنْ أَلْقَىٰٓ إِلَيْكُمُ ٱلسَّلَٰمَ لَسْتَ مُؤْمِنًا تَبْتَغُونَ عَرَضَ ٱلْحَيَوٰةِ ٱلدُّنْيَا فَعِندَ ٱللَّهِ مَغَانِمُ كَثِيرَةٌ ۚ كَذَٰلِكَ كُنتُم مِّن قَبْلُ فَمَنَّ ٱللَّهُ عَلَيْكُمْ فَتَبَيَّنُوٓا۟ ۚ إِنَّ ٱللَّهَ كَانَ بِمَا تَعْمَلُونَ خَبِيرً [2] - އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّهގެ މަގުގައި ދަތުރުފަތުރުކޮށް އުޅޭހިނދު، ފަހެ (ކަންކަމުގެ) حقيقة ބަލައި އޮޅުންފިލުވާށެވެ! އަދި، ދުނިޔޭގެ ދިރިއުޅުމުގައި ލިބޭ ފައިދާއާއި، މުދަލަށް ތިޔަބައިމީހުން އެދޭ حال ގައި (إسلام دين ގެ سلام ން) ތިޔަބައިމީހުންނަށް سلام ކޮށްފިމީހަކަށް ތިބާއަކީ مؤمن އެއް ނޫނޭ ތިޔަބައިމީހުން ނުބުނާހުށިކަމެވެ! ފަހެ، ގިނަވެގެންވާ ފައިދާތައް ވަނީ اللَّهގެ حضرةގައެވެ. ތިޔަބައިމީހުން މީގެކުރިން ތިބިފަދައިންނެވެ. ދެން اللَّه، ތިޔަބައިމީހުންގެ މައްޗަށް ދަރުމަވަންތަވެ ވޮޑިގަތެވެ. ފަހެ، ތިޔަބައިމީހުން (ކަންކަމުގެ) حقيقة ބަލައި އޮޅުންފިލުވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން ކުރާ عمل ތައް މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ.))[3]

އެހެން މީހުން ކާފިރުކުރުމާ ދުރުހެލިވުމަށް އަންގަވައި ކައު ނަބިއްޔާ ޙަދީސްކުރެއްވިއެވެ. ((أَيُّمَا امْرِئٍ قَالَ لِأَخِيهِ يَا كَافِرُ فَقَدْ بَاءَ بِهَا أَحَدُهُمَا إِنْ كَانَ كَمَا قَالَ وَإِلَّا رَجَعَتْ عَلَيْهِ[4] -އެއްވެސް މީހަކު އޭނާގެ އަޚާއާ ދިމާއަށް އޭ ކާފިރާއޭ ބުނެފި ނަމަ، ހަމަކަށަވަރުން އޭގެ ތެރެއިން އެކަކަށް އެ ބަސް ޙައްޤު ވެއްޖެކަން ކަށަވަރެވެ. އެފަދަ މީހެއްކަމުގައި ނުވާ ނަމަ އެ ބަސް ބުނިމީހާއަށް އެ ކަން ރައްދުވެއްޖެއެވެ.)) ނަބިއްޔާގެ އެހެން ބަސްފުޅެއްގައި ވެއެވެ. ((وَمَنْ رَمَى مُؤْمِنًا بِكُفْرٍ فَهُوَ كَقَتْلِهِ[5] - މުއުމިނަކު ކާފިރެއްކަމަށް ތުހުމަތުކޮށްފި ނަމަ، ފަހެ އެ މީހާ ޤަތުލުކުރި ފަދައެވެ.))

އެހެންވީމާ، މީހުން ކާފިރުންކަމުގައި ތުހުމަތުކުރުމަކީ ވަރަށް ނުބައި ޖަރީމާއެކެވެ. މުސްލިމުން ކާފިރުކުރާ މީހާއަށް އެ ކަމުގެ ސަބަބުން ތަރައްތުބުވެގެންދާ ކަންތައްތައް އެނގޭ ނަމަ، އޭނާ އެ ފަދަ ކަމެއް ނުކުރާނެތެވެ. މުސްލިމަކު ކާފިރުވެއްޖެނަމަ:

1-        އޭނާގެ ލޭ އޮހޮރުވުން ހުއްދަވާނެއެވެ.

2-        އޭނާގެ މުދާތައް ހިފުން ހުއްދަވާނެއެވެ.

3-        އޭނާ ކަތިލާ އެއްޗެއް ކެއުން ޙަލާލެއްނުވާނެތެވެ.

4-        އޭނާގެ އަނބިމީހާއާ އޭނާއާ ވަކިކުރެވޭނެއެވެ.

5-        އޭނާއަށް ވާރުތަ މުދަލެއް ނުލިބޭނެއެވެ.

6-        އޭނާގެ ފުށުން ވާރުތައެއް ނުވާނެއެވެ.

7-        އޭނާ މަރުވުމުން އޭނާ ހިނެވުމެއް ކަފުންކުރުމެއް އަދި އޭނާގެ މައްޗަށް ކަށުނަމާދު ކުރުމެއް  ނެތެވެ.

8-        މުސްލިމުންގެ ޤަބުރުސްތާނެއްގައި އޭނާ ވަޅެއް ނުލެވޭނެއެވެ.

އެހެންކަމުން މީހުން ކާފިރުކުރުމަކީ، އޭނާގެ ބޮލުގައި ކުފުރުގެ ތުހްމަތު އެޅުވުމަކީ ކިހައި ނުބައި ކަމެއްތޯއެވެ. މި ކަމުގެ ސަބަބުން މުޖުތަމަޢު ގަޑުބަޑުވެ މުޖުތަމަޢުގެ ދޭދޭ ފަރުދުންގެ އަޚަވީ ގުޅުން ކެނޑިގެންދެއެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމުގައި ރެނދު އެޅިގެންދެއެވެ. މިފަދަ މީހަކު އެ ފަދަ ޚަބަރަކާއިގެން އަތުވެއްޖެ ނަމަ އެ މަސްއަލަ ރަނގަޅަށް ބަލަންޖެހޭނެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن جَآءَكُمْ فَاسِقُۢ بِنَبَإٍ فَتَبَيَّنُوٓا۟ أَن تُصِيبُوا۟ قَوْمَۢا بِجَهَٰلَةٍ فَتُصْبِحُوا۟ عَلَىٰ مَا فَعَلْتُمْ نَٰدِمِينَ  [6] - އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެގާތަށް فاسق އަކު خبر އަކާއިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދުބަލައި، حقيقة ހޯދާށެވެ! (އެއީ) ނޭނގިތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުންދެވިދާނެތީއެވެ. ފަހެ، އެހެންވެއްޖެނަމަ، ތިޔަބައިމީހުން ކުރިކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެތެވެ.))

މީހުން ކާފިރުކުރެވެނީ ކީއްވެ ؟

މީހުން ކާފިރުކުރުމުގެ ބަލި ޖެހި ފެތުރި ފުޅައުވެގެން ގޮސްފައިވަނީ އަދި މިއަދު ވެސް ދަނީ އެތައްއެތައް ސަބަބުތަކަކާހެދިއެވެ. އޭގެ ތެރޭގައި:-

1- ކުފްރުކުރުމުގެ މައްސަލަތަކާ ބެހޭ ގޮތުން މުރައްކަބު ޖާހިލުކަން: ކުފްރުގައި ބޮޑު ކުފްރާއި ކުދި ކުފްރު ހިމެނެއެވެ. މި ދެ ކުފްރުގެ ތަފާތު ވަކިކުރާން އެނގިވަޑައިގަންނަވާނީ ދަންނަބޭކަލުންނަށާއި ދީނުގެ ޢިލްމުތަކުގައި ޚާއްޞަކޮށް ފިޤްހުގެ ދާއިރާގައި ފުންނާބުފުޅު އުސް ބޭކަލުންނަށެވެ. މީހުން ކާފިރުކުރުމުގެ ނުބައި ފިތުނަ ފެށީ ޚަވާރިޖުންނެވެ. އެ މީހުންނަކީ ކީރިތި ރަސޫލާގެ ބޮޑެތި އެތައް ޞަޙާބީންނެއް ކާފިރުކޮށްފައިވާ ބަޔެކެވެ. ޢަލީގެފާނު ފަދަ ސުވަރުގެވަންތަވެރީން ވެސް ވަނީ ކާފިރުކޮށްފައެވެ. ޚަވާރިޖުންގެ ސިފަތައް ބަޔާންކުރައްވައި ކައު ރަސޫލާ ޙަދީސްކުރެއްވިއެވެ. ((يَحْقِرُ أَحَدُكُمْ صَلَاتَهُ مَعَ صَلَاتِهِمْ؛ وَصِيَامَهُ مَعَ صِيَامِهِمْ؛ يَقْرَءُونَ الْقُرْآنَ لَا يُجَاوِزُ تَرَاقِيَهُمْ؛ يَمْرُقُونَ مِنْ الْإِسْلَامِ كَمَا يَمْرُقُ السَّهْمُ مِنْ الرَّمِيَّةِ [1]-ތިޔަބައިމީހުންކުރެ މީހަކު އޭނާގެ ނަމާދު އެބައިމީހުންގެ ނަމާދަށް ވުރެ އަދި އޭނާގެ ރޯދަ އެބައިމީހުންގެ ރޯދައަށް ވުރެ ދެރަކަމަށް ދެކޭނެތެވެ. އެބައިމީހުން ޤުރްއާން ކިޔަވާނެތެވެ. މި ޤުރްއާން އެމީހުންގެ އަރުތެރެއިން އެތެރެނުވާނެތެވެ. ޝިކާރައިގެ ތެރެއިން  ދުނިދަނޑި ބޭރަށް ނުކުމެގެންދާ ގޮތަށް އެބައިމީހުން އިސްލާންދީނުން ބޭރުވާނެތެވެ.))   

2- ވަކި ޖަމާޢަތަކަށް ނުވަތަ ޕާޓީއަކަށް ނިސްބަތްވުން: މި ޕާޓީއަކީ ނުވަތަ ޖަމާޢަތަކީ އެ މީހުންގެ ޚިޔާލަށް ތާއީދުނުކުރާ މީހުން ކާފިރުކޮށް ބަދަލުހިފުމަށް އުޅޭ ބަޔެކެވެ. މިއަދު މުސްލިމުންގެ ތެރެއިން އަލަށް ފާޅުވަމުންދާ ޖަމާޢަތްތަކަކީ އެއް ޖަމާޢަތް އަނެއް ޖަމާޢަތް ކާފިރުކޮށް ހަނގުރާމަކުރާ ބަޔެކެވެ. އިސްލާންދީނުގެ ޙަޤީޤީ ދުޝްމަނުންނާ ހަނގުރާމަނުކޮށެވެ. މުސްލިމުންގެ މައްސަލަތައް ޙައްލުކުރުމަށް އަހައްމިއްޔަތުނުދީއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((إِنَّ الَّذِينَ فَرَّقُوا دِينَهُمْ وَكَانُوا شِيَعًا لَسْتَ مِنْهُمْ فِي شَيْءٍ إِنَّمَا أَمْرُهُمْ إِلَى اللَّهِ ثُمَّ يُنَبِّئُهُمْ بِمَا كَانُوا يَفْعَلُونَ [2] -  ހަމަކަށަވަރުން، އެއުރެންގެ ދީން ބައިބައިކޮށް، ބައިތަކެއްކަމުގައިވީ މީހުންގެ ތެރެއިން، އެއްވެސް ކަމެއްގައި، ކަލޭގެފާނު ނުވަމުއެވެ. އެއުރެންގެ ކަންތައް އޮންނާނެކަން ކަށަވަރީ، اللَّهގެ حضرةއަށެވެ. ދެން އެއުރެން ކޮށްއުޅުނު ކަންތަކުގެ ވާހަކައިން، އެކަލާނގެ، އެއުރެންނަށް خبر އަންގަވާނެތެވެ.))

3- ތަޖުރިބާ މަދުކަމާއި ޙިކްމަތްތެރިކަމެއްނެތް ޣައިރަތްތެރިކަން: އިސްލާމީ އުންމަތުގެ ވަރަށް ގިނަ ޒުވާނުން މިއަދު ވަނީ ޙައްދުފަހަނަޅައިދިޔުމުގެ އޮއިވަރުގައި ޖެހި މެދުމިނުން ކައްސައިލައިފައެވެ. މި ފަދަ ޒުވާނުންނާ ބެހޭގޮތުން ނަބިއްޔާ ޙަދީސްކުރެއްވިއެވެ. (( يَأْتِي فِي آخِرِ الزَّمَانِ قَوْمٌ حُدَثَاءُ الْأَسْنَانِ سُفَهَاءُ الْأَحْلَامِ يَقُولُونَ مِنْ خَيْرِ قَوْلِ الْبَرِيَّةِ يَمْرُقُونَ مِنْ الْإِسْلَامِ كَمَا يَمْرُقُ السَّهْمُ مِنْ الرَّمِيَّةِ لَا يُجَاوِزُ إِيمَانُهُمْ حَنَاجِرَهُمْ فَأَيْنَمَا لَقِيتُمُوهُمْ فَاقْتُلُوهُمْ فَإِنَّ قَتْلَهُمْ أَجْرٌ لِمَنْ قَتَلَهُمْ يَوْمَ الْقِيَامَةِ [3] – ފަހު ޒަމާނުގައި ތަޖުރިބާ މަދު ޙިކުމަތްރިކަމެއް ނެތް ޒުވާން ބަޔަކު އަންނާނެއެވެ. އެބައިމީހުން އެންމެ ހެޔޮ ނަބިއްޔާގެ ބަސްފުޅުތައް ކިޔާނެއެވެ. ޝިކާރައިގެ ގައިން ތީރު ނުކުމެގެންދާ ގޮތަށް އެބައިމީހުން އިސްލާންދީނުން ބޭރަށް ނުކުންނާނެތެވެ. އެބައިމީހުންގެ އީމާންކަން އެބައިމީހުންގެ ލަގޮނޑި ފަހަނަޅައި އެތެރެއަކަށް ނުދާނެތެވެ. ފަހެ ތިޔަބައިމީހުންނާ އެބައިމީހުންނާ ބައްދަލުވާ ކޮންމެ ތަނަކުން އެބައިމީހުން މަރާށެވެ. ފަހެ ހަމަކަށަވަރުން އެބައިމީހުން މެރުމަކީ ޤިޔާމަތްދުވަހުން އެކަމަށް ސަވާބު ލިބޭނޭ ކަމެކެވެ.))

4- ބާޠިލު ފަތުވާތަކަށް ތަބާވުން: މިއީ ދީނީ މައްސަލަތަކުގައި ވާހަކަދައްކާ މީހުން އެ ކަމާ މެދު، ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެ ކަމެކެވެ. ފަތުވާދިނުމުގެ މަސައްކަތަކީ ވަރަށް ބުރަކަމެކެވެ. އިމާމު މާލިކުގެފާނު ވިދާޅުވިއެވެ. [އެއްދުވަހަކު މީހަކު ރަބީޢަތު ބުނު އަބީ ޢަބްދުއްރަޙްމާނުގެ އަރިހަށް ދިޔައިރު އެކަލޭގެފާނު އިންނެވީ ކީރިތިކުރައްވާށެވެ. އޭނާ ދެންނެވިއެވެ. ކަލޭގެފާނު ކީރިތިކުރައްވަނީ ކީއްވެގެންތޯއެވެ؟ ކަލޭގެފާނާ ކުރިމަތިވެވަޑައިގަތް މުޞީބަތަކާ ހެދިތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. ނޫނެކެވެ. އެހެނަސް ޢިލްމު ލިބިފައިނުވާ މީހުން ފަތުވާދޭތީއެވެ.]  

ތިބާ ދޭ ފަތުވާއާ އެއްގޮތަށް ޢަމަލުކުރާ މީހުންގެ ޢަމަލުތަކާ މެދު ތިބާ ޖަވާބުދާރީވާން ޖެހޭނެއެވެ. އެ މީހުންގެ ފާފަތައް ތިބާއަށް އުފުއްލާންޖެހޭނެއެވެ.

 

 

މަރުޖާ:

[1]  - أخرجه البخاري (٦١٦٣)، ومسلم (١٠٦٤)

[2]  - الأنعام: 159

[3]  -  أخرجه البخاري (٣٦١١)، ومسلم (١٠٦٦)  و النسائي (٤١٠٢) وأبو داود (٤٧٦٧


[1]  -   أخرجه البخاري (٤٢٦٩)   و مسلم ( 96 )

[2]  -  النساء : 94

[3]  -  أخرجه ابن حبان (٤٧٥٢)  و الترمذي (٣٠٣٠) وأحمد (٢٤٦٢)

[4]  - أخرجه البخاري (٦١٠٤)، ومسلم (٦٠)، وأحمد (٥٢٥٩

[5]  - أخرجه البخاري (٦٦٥٢)، ومسلم (١١٠

[6]  - الحجرات: 6

[7]  - أخرجه البخاري (٦١٦٣)، ومسلم (١٠٦٤)

[8]  - الأنعام: 159

[9]  -  أخرجه البخاري (٣٦١١)، ومسلم (١٠٦٦)  و النسائي (٤١٠٢) وأبو داود (٤٧٦٧)

ކޮމެންޓު