ad_banner
ކުރު ވާހަކަ: ވަގުންގެ ޖަމާއަތެއްގެ ތަޖުރިބާ

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

7 އޭޕްރިލް 2025

އެންމެން ބަންޑުން އޮށޯވެ، ލޯމަރައިގެން

ބޭންކަކުން ވައްކަންކުރާން އުޅުމުގެ މަސައްކަތުގައި، ވަގުންގެ ތެރެއިން އިސްކޮށް ހުރި މީހާ ބޭންކުން ޚިދުމަތް ލިބިގަންނާން ގޮސް ތިބި މީހުންނާ މުޚާތަބުކޮށް ބުންޏެވެ. ބޭންކުގެ ހުރި ފައިސާގެ ޒިންމާ ނަގާނީ ބެންކުންނެވެ. އެ ފައިސާ ގެއްލުމަކުން ކަލޭމެންނަކަށް ގެއްލުމެއް ނުވާނެއެވެ. ނަމަވެސް، ކަލޭމެންގެ ފުރާނައަކީ ކަލޭމެންގެ އެއްޗެކެވެ. އެ ފުރާނައަށް ކަލޭމެން ރައްކާތެރިވާން ޖެހޭނެއެވެ. އެހެންވެ، އެންމެން ބަންޑުން އޮށޯވެ، ލޯމަރައިގެން ތިބޭށެވެ! ދެން، ވަގުން އެދުނު ގޮތަށް އެ މީހުން ކަންތައް ކުރިއެވެ.

މިއިން އެނގެނީ ކޮން ކަމެއްހެއްޔެވެ؟ ވިސްނުން ބަދަލުކޮށްލާ ގޮތާއި ބަދަލު ކޮށްލެވުނު ތަނެވެ! މީހުން ބިރުގަންނަވައިލުމުން، ކޮންމެ ފަދަ، ނުރަނގަޅު ކަމެއްކުރުމަށް ވެސް، މަގު ފަސޭހަވެގެންދާކަމެވެ. ހަމައެކަނި ވިސްނައިދޭން ޖެހޭނީ އެ މީހެއްގެ އަމިއްލަ ސަލާމަތް އޮތީ ކިހިނެއްކަމެވެ. ދެން، ކޮންމެ ފަދަ، ޖަރީމާއެއް ހިންގައިލުމަށް، މަގުފަހިކޮށްލުމަށް ޓަކައި މީހުންގެ ފިކުރު ބަދަލުކޮށްލެވޭނެއެވެ. މިސާލަކަށް ވަޒީފާ ގެއްލުމުގެ ބިރު ހީވުމުން، ފެންނަ ނުރަނގަޅު ހުރިހައި ކަމެއް ނުފެންނަކަމަށް ހަދައިލެވެއެވެ. ބައެއް ނޫސްތަކުން ވެސް މި ކަމުގެ ރަނގަޅު މިސާލުތައް ފެނެއެވެ. ގައުމު ވިއްކައިލުމަކީ ވެސް ހަމަ އެންމެ ރަނގަޅުކަމެއްކަމުގެ ބަހަނާ ދައްކައި، އެ ކަމާ އިދިކޮޅު ހަދާ ކޮންމެ މީހަކީ ނުރަނގަޅު މީހަކަށް ހަދައި މީހުންގެ ފިކުރު، ގައުމު ވިއްކައިލުމަކީ ރަނގަޅު ކަމެއްކަން ގަބޫލުކުރުމަށް އަނބުރައިލުމުގެ މަސައްކަތްކޮށް، އެކަން ކާމިޔާބު ވެސް ކުރެއެވެ.

ވަގުން ބޭންކުން ވައްކަންކޮށް ނިމުމުން، ވަގުންގެ ލީޑަރާ މުޚާތަބުކޮށް ވަގުންގެ ތެރެއިން ޒުވާން އެކަކު ބުންޏެވެ. އަވަހަށް ފައިސާ ގުނައިލަމާ އަންނާށެވެ. މިހެން ބުނި މީހަކީ ޑިގުރީއަށް ކިޔަވައިގެން، ސަނަދު ލިބިފައި ހުރި މީހެކެވެ. އެ ވަގުތު، އިބްތިދާއީ މަދަރުސާ ވެސް ނުނިންމައި ހުރި، ނަމަވެސް މެދު އުމުރު ފަހަނައަޅައިފައިވާ ވަގުންގެ ލީޑަރު ބުންޏެވެ. ކަލެއަކީ މޮޔައެކެވެ. އަހަރުމެން މިހައި ގިނަ ފައިސާ ވަގަށް ނަގައިފައިވާ އިރު، އެ ގުނާން ވަރަށް ގިނަ ވަގުތު ހޭދަވާނެއެވެ. މިރޭ ޓީވީއިން، ޚަބަރު ކިޔާ އިރު، އަހަރުމެން ވަގަށް ނެގި ފައިސާގެ އަދަދު އެނގޭނެއެވެ. އެހެންވެ، އަވަހަށް މި ތަނުން ނިކުންނަމާ އަންނާށެވެ!

މިއިން ފެނިގެންދަނީ ކޮން ކަމެއްހެއްޔެވެ؟ ބައެއް ފަހަރު، ހޯދާ އިލްމީ ސަނަދަށް ވުރެ، ތަޖުރިބާ މުހިންމު ކަމެވެ. މި ދުވަސް ވަރު، އަހަރުމެންނަށް ފެންނަނީ އިލްމީ ސަނަދުތަކަށް ވުރެ ބޮޑަށް ތަޖުރިބާއަށް އިސްކަން ދެވޭ ތަނެވެ. ވައްކަންކުރުމުގައި ތަޖުރިބާގެ ފައިދާއާއި އެ ކަމުގެ މުހިންމުކަން ބޮޑުވީމައެވެ. ކިޔަވައި، ކަންކަންކުރުމުގެ ހުނަރުތައް ލިބިގަނެ، މަތީ ފާސްތައް ނެގުން މުހިންމުވަނީ ގައުމު ބިނާކުރުމުގެ މަސައްކަތަށެވެ. ވައްކަންކުރުމާއި ފޭރުމުގެ މަސައްކަތަށް އެ ފަދަ ހުނަރާއި ފާސްތަކެއް ބޭނުމެއް ނުވެއެވެ.

ވަގުން ފޭރިގަތް ފައިސާ ހިފައިގެން އެ މީހުން ދިޔުމުން، ބޭންކުގެ އިސް މެނޭޖަރު ބުންޏެވެ. އަވަހަށް ފުލުހުންނަށް މައްސަލަ ރިޕޯޓުކުރާށެވެ. މިހެން ބުނުމުން، ފަރުއީ މެނޭޖަރަކު ބުންޏެވެ. އަދި މަޑުޖައްސާލާށެވެ. އިތުރަށް އަހަރުމެން ވެސް 10 މިލިޔަން ޑޮލަރު ނަގަމާ އަންނާށެވެ. ދެން، ކުރީން އަހަރުމެން ނަގައިފައިވާ 70 މިލިޔަން ޑޮލަރު ވެސް، ހިމަނައި، މި ހުރިހާ ފައިސާއެއް ވަގުންގެ ބޮލުގައި އަޅުވަމާ އަންނާށެވެ. މިއީ ރަނގަޅު ޚިޔާލެއްކަމުގައި އިސް މެނޭޖަރު ވެސް ގަބޫލުކޮށް، އެ މީހުން ވެސް ބޭންކުން ވައްކަންކުރިއެވެ. އަދިވެސް އިތުރަށް އޭނާ ބުންޏެވެ. ކޮންމެ މަހަކު އެއް ފަހަރު ބޭންކުން ވައްކަންކުރުމުގެ ފުރުސަތު ވަގުންނަށް ދޭންވާނެއެވެ. ރާއްޖޭގެ ކުންފުންޏެއްގެ ތިޖޫރީ ތިން ފަހަރު ފަޅައިލި ވާހަކަ ވެސް ތަންކޮޅެއް ކުރީން އެހީމު ނޫންހެއްޔެވެ؟

މި ކަމަށް ކިޔަނީ ކީކޭހެއްޔެވެ؟ ޖެހޭ ވަޔާ އެއް ގޮތަށް ދޯނި ދުއްވުމެވެ. އަދި، ފުރުސަތުގެ ބޭނުންކޮށް ތިމާގެ އަމިއްލަ މަސްލަހަތު ވެސް ރައްކާތެރިކުރުމެވެ. އެހެންވެ، ފުރުސަތު ލިބުމުން، ވައްކަމާއި ފަސާދައިގެ އަމަލުތައް ހިންގައި، އެ ކަން ވަގުންގެ ބޮލުގައި، ކުރީ ސަރުކާރުތަކުގެ ބޮލުގައި، އެޅުވީމާ ނިމުނީއެވެ! މި ގޮތަށް ކަންތައް ނުކުރާނީ މޮޔައިންނޭ ވެސް ބުނެއުޅޭ ނޫންހެއްޔެވެ؟

ދެން އަނެއް ދުވަހުގެ ޚަބަރުގައި ވަގުންގެ ބަޔަކު ބޭންކަށް ވަދެ، ބޭންކުން ސަތޭކަ މިލިޔަން ޑޮލަރު ފޭރިގަތް ވާހަކަ ގޮވިއެވެ. މި ވާހަކަ އަޑު އަހައި، އެންމެ ފުރަތަމައިން، ވަގުންގެ މީހުންނަށް ހިސާބަކަށް އޮޅުން އެރިއެވެ. އެއީ އެމީހުން ފޭރިގަތް ފައިސާ އެތައް ފަހަރަކު ގުނުމުން ވެސް، އެ މީހުން އަތުގައި އޮތްކަމަށްވީ ވިހި މިލިޔަން ޑޮލަރެވެ. ދެން، ފަހުން، އެމީހުންނަށް ވެސް ވެގެން އުޅޭ ގޮތް ސާފުވިއެވެ. ބޭންކުގެ މީހުން ވެސް ވައްކަންކުރިކަމެވެ.

މި ކަން ރޭކާލުމުން، ވަގުންގެ މީހުން ވަރަށް ބޮޑަށް ރުޅިއައެވެ. އަދި ބުންޏެވެ. އަހަރުމެންގެ ފުރާނަ ނުރައްކަލަށް ހުށަހަޅައިލައިގެން، ނިސްބަތުން، އަހަރުމެންނަށް މި ލިބުނީ ދާދި ކުޑަ އެއްޗެކެވެ. ބޮޑު ބައި މި ނަގަނީ ބޮޑެތި މަގާމުތަކުގައި ތިބޭ ބޮޑެތި ސިޔާސީ ވެރީންނެވެ. އެހެންވެ، ދެން، މި މަސައްކަތް ދޫކޮށްލާފައި ސިޔާސީ ޕާޓީއަކާ ގުޅި ބޮޑު މަގާމެއް ލިބޭތޯ މަސައްކަތްކުރުން މާ ބުއްދިވެރިއެވެ.

މިއަށް ކިޔަނީ ކީކޭ ހެއްޔެވެ؟ ތަންދޮރު ދެނެގަނެ ހޭލުންތެރިވުމެވެ. ތަނުގެ ސަގާފަތް އެނގުމެވެ. ދެން އޮތީ ތަނުގައި އަށަގެންފައި އޮތް ސަގާފަތާ އެއް ގޮތަށް މަސައްކަތް ކުރުމެވެ. ޖެހެމުންދާ ވަޔާއި ދެމެމުންދާ އޮއިވަރާ އެއް ގޮތަށް ހަޔާތުގެ ނައު ދުއްވުމެވެ. އޭރުން، ތިމާމެންގެ ފުރާނަ ނުރައްކަލަށް ހުށަނާޅައި ވައްކަންކޮށް މުއްސަނދިވުމުގެ ފުރުސަތުތައް ހުޅުވިގެންދާނެއެވެ!

މިފަދަ ޖާހިލީ ސަގާފަތެއް އަށަގެންފައިވާ ތަނެއްގެ ސަގާފަތް ބަދަލުކޮށް ރަނގަޅު ކުރެވިދާނެހެއްޔެވެ؟ ތާރީޚުގެ އަލީގައި ބުނާން ޖެހެނީ އެ ކަން ކުރެވިދާނޭކަމެވެ. ސަލާމާއި ސަލަވާތްލެއްވި އިތުރު ރަސޫލާ ބަދަލުކޮށްލެއްވި ހަމަ މި ފަދަ ޖާހިލީ ސަގާފަތެކެވެ. އެންމެ ފުރަތަމަ އެ ކަން ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން ވިސްނައި ފިކުރުކުރެއްވިއެވެ. އިންޝިރާޙު ސޫރަތުގައި މި ކަމަށް އިޝާރަތްކުރެވިފައި ވެއެވެ. ދެން، ވަރަށް ސާފު ސަރީހަ ބަހުން އެކަލޭގެފާނުގެ ދައުވަތުގެ ވާހަކަތައް ދެއްކެވިއެވެ. ހަމައެކަނި މާތްﷲއަށް އީމާންވެ، އެކަލާނގެއަށް އަޅުކަންކުރުމަށެވެ. ދޮގު ނުހެދުމަށެވެ. ވައްކަންނުކުރުމަށެވެ. ޒިނޭ ނުކުރުމަށެވެ. ސިހުރުގެ އަމަލުތަކާ ދުރުވުމަށެވެ. އާދޭހެވެ! ކުރު ގޮތަކަށް މި ކަންކަމަށް އިޝާރަތް ކުރައްވައި ހަދީސްފުޅުކުރެއްވީ މާތްﷲއަށް އީމާންވުމަށް ފަހު، އަޚުލާގީ ގޮތުން މީހާ ސީދާވުމަށެވެ. މި ވާހަކަތައް ޚުލާސާ ގޮތެއްގައި މުމްތަހީނާ ސޫރަތުގައި ބަޔާން ކުރެވިފައި ވެއެވެ. މި ޖައުހަރީ އަގުތައް ބަލައިގަނެ، ގަބޫލުކުރި މީސްމީހުންގެ ހިތްތަކުގައި، އެއްވެސް ހާލަތެއްގައި، މި ކަންކަމާ ޚިލާފުނުވާނޭ ދަރަޖައަށް މި ކަންކަން އަށަގަތުމުން، ދެން، އެ މީހުންނަށް ޓަކައި، ހަމަހަމަކަމާއި އަދުލުވެރިކަމުގެ މައްޗަށް ބިނާވާ ދައުލަތަކާއި މުޖުތަމައެއް ބިނާކުރެއްވިއެވެ. އާދޭހެވެ! މި ވާހަކަތަކުގެ ތަފުސީލުތަކުގެ މައްޗަށް ނަޒަރު ހިންގައިލުމުން ފެންނަނީ ޖާހިލީ ސަގާފަތެއް، ހެޔޮ ގޮތުގައި ބަދަލުކޮށްލެވޭ ތަނެވެ. އެއީ ކުރެވިދާނޭ ކަމެއްކަމެވެ.

ކޮމެންޓު