އަބާ މުޙަންމަދު
8 އޭޕްރިލް 2025
މީގެ ސާދަ ސަތޭކަ އަހަރު ކުރީން ޖާހިލިއްޔަ ޒަމާނުގައި މައްކާގައި އޮތް ޙާލަތަށް ވުރެ ދަށް ޙާލަތަކަށް މިއަދު ދުނިޔެ ވެއްޓިފައިކަން ދަންނަނީ ކާކުހެއްޔެވެ؟ އަދުލުއިންސާފެއް، އިންސާނިއްޔަތުކަމެއް ދުނިޔެއަކު ނެތެވެ. ބާރުގަދަ މީހާ ހިތަށް އެރިހައި ކަމެއް ކުރާންވީއެވެ. މުސްލިމުންގެ ޢަދަދު ޔަހޫދީންނަށް ވުރެ އެތައް މިލިޔަނެއް ގިނަޔަސް މުސްލިމުން މިއަދު މި ތިބީ އޮޔާދެމޭ އޮއިކުނިތަކެއް ފަދަ ނިކަމެތިކަމުގައެވެ. މުސްލިމުންގެ އެންމެ މުގައްދަސް އެއް ބިންކަމުގައިވާ ފަލަސްތީނު އިސްތިއުމާރުކޮށްގެން އުޅޭ ނުބައި ނުލަފާ ސަހުޔޫނީ ޔަހޫދީން ފަލަސްތީނުގެ ރައްޔިތުންނަށް މިހާރު ބާކީ އޮތް ކުޑަ ބިންކޮޅު ފޭރިގަނެ ފަލަސްތީނު ރައްޔިތުން އެކީއެކަށް މަރައި ހުސްކުރުމުގެ އަނިޔާވެރި ޢަމަލު ހިންގަމުން އެ ގެންދަނީ ފާޅުގައެވެ. މުޅި ދުނިޔެ އެ މަންޒަރު ބަލަމުން ގެންދަނިކޮށެވެ.
ދުނިޔޭގެ ސުލްޙައަށް ޓަކައޭ ކިޔައިގެން، އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގެ މަސްލަހަތަށް ޓަކައި އުފައްދައިގެން އުޅޭ އދ. އޮތީ ވާގިނެތިފައެވެ. ވަރަ ބިނދިފައެވެ. އަތްފައި ވާވެފައެވެ. މި ހާލަތުގައި މުޅި ދުނިޔެ އޮތް އިރު މުސްލިމުންގެ ނަގައި ކިޔާ ގައުމުތައް ތިބީ ޣާފިލުކަމުގައެވެ. ކާފިރުންނާ ދެކޮޅަށް ކިރިޔާ ވެސް އެއްޗެކޭ ބުނެލައި، ކަމެއް ކޮށްލާން ކެރޭ، އަދި މިހައިތަނަށް ފަލަސްތީނުގެ ހައްގުގައި އެންމެ އުންޑަގަނޑެއް ވެސް ދިއްކޮށްލާން ކެރުނު އީރާނަށް ޙަމަލާދޭން އެމެރިކާ ތައްޔާރުވަނީއެވެ. މި ކަމުގައި ވެސް އިސްލާމުންނޭ ކިޔައިގެން އުޅޭ އެތައް ގައުމަކުން އެމެރިކާއަށް އެހީވާނެއެވެ. ދުނިޔޭގެ އަނެއް ބިތުގައި އޮންނަ އެމެރިކާއަށް، ދުނިޔޭގެ އެހެން ގައުމެއްގެ އެހީއާ ނުލައި އީރަނަށް ހަމަލާއެއް ނުދެވޭނެއެވެ.
އެކަން އެނގޭތީ އެމެރިކާއިން މާ ކުރީއްސުރެ ވިލާތާއި މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ވަނީ ގާއިމުކޮށްފައެވެ. ވިލާތުގެ މެދުތެރޭކަނޑުގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ގާއިމުކޮށްފައިވާތާ އެތައް އަހަރެއް ވެއްޖެއެވެ. ތުރުކީވިލާތުގެ ދެ ސަރަހައްދެއްގައި އެ މީހުންގެ މަރުކަޒު އެބަހުއްޓެވެ. ކުވައިތުގައި އެތައް މަރުކަޒެއް އެބަ ހުއްޓެވެ. ބަޙުރައިނާއި ޤަޠަރާއި އަރަބި އިމާރާތުގައި ވެސް އަސްކަރީ މަރުކަޒުތައް ވަނީ ގާއިމުކޮށްފައެވެ. މި ދެންނެވި މަރުކަޒުތަކަކީ ސީދާ އެމެރިކާގެ ފުރިހަމަ ކޮންޓުރޯލު އޮތް އަދި މިހާރު ވެސް ތައްޔާރީ ހާލަތުގައި ވާ ތަންތަނެވެ. ސީދާ އެމެރިކާގެ ފުރިހަމަ ކޮންޓުރޯލް ނެތަސް، ޢުމާނާއި ސުޢޫދީ ޢަރަބިއްޔާއާއި އުރުދުނާއި ސޫރިއާއާއި ސައިޕްރަސް ފަދަ އެތައް ގައުމެއްގައި އެމެރިކާ ސިފައިން ގާއިމުވެ އެބަތިއްބެވެ. އެމެރިކާ މީހުން ތިބި ގިނަ ގައުމުތަކުގެ ސަރުކާރުތައް އެމެރިކާއިން ވަނީ ފިތުނަވެރިކޮށް އީރާނާ ދުޝްމަނުކޮށްފައެވެ. ސަބަބަކީ އީރާނު ފިޔަވައި އިސްލާމީ އުންމަތަށް ޓަކައި މަސައްކަތެއް ކުރާ އެއްވެސް އެހެން ބަޔެއް ނުފެންނާތީއެވެ. އީރާނަކީ މުސްލިމުންގެ ބާރަކަށް ވެދާނެތީއެވެ. މީގެ ކުރީން މުސްލިމު އުންމަތަށް ޓަކައި ކިރިޔާ ވެސް މަސައްކަތެއް ކުރި ޢިރާގާއި ލީބިޔާއާއި ސޫރިއާ އެ އޮތީ ގިއްގަޅުވައިލައި ހަލާކުކޮށް ސުންނާފަތިކޮށްލައިފައެވެ.
ތަފާތު ފިރުޤާތައް ހެދުމަކީ ސަލާމާއި ޞަލަވާތްތެއްމި އިތުރުއެކަލޭގެފާނު ގެނެސްދެއްވި އިސްލާމް ދީން ތަރުހީބުދޭ ކަމެއްކަމަށް ނުވިޔަސް މުސްލިމުންނޭ ސުންނީންނޭ ކިޔާ ބަޔަކު މި ވަނީ އީރާނަކީ ކާފަރުންނަށް ވުރެ ނުބައި ޝީޢީންކަމަށް ބުނެ އެ މީހުންނާ ގިނަ މުސްލިމުން ޢަދާވާތްތެރިކޮށްފައެވެ. ޔަހޫދީންނާއި އެމެރިކާގެ މަކަރުވެރިކަމުގެ މޮޅުކަމުންނެވެ. މުސްލިމުންގެ ޣާފިލުކަމުގެ ސަބަބުންނެވެ. ވެރިކަމުގައި ގިނަ ދުވަހު ތިބެވޭނީ އެމެރިކާގެ ރުހުން ލިބިގެންކަމަށް ހީކޮށްގެންނެވެ.
މިއީ މިއަދުގެ އިސްލާމީ އުންމަތުގެ ޙާލެވެ. މިއަދުގެ ހަގީގަތަކީ، އެމެރިކާއާއި އިސްރާއީލާއި ބާރުގަދަ ގައުމުތަކުން އިސްލާމީ ގައުމުތަކަށް އަރައި ޢުދުވާނު ހިންގައި ތަޅައި ސުންނާފަތިކޮށްލިޔަސް އެ ކަމާ ދެކޮޅަށް ޗުއްޕު ވެސް ކިޔާނެ މުސްލިމު ގައުމެއް ދުނިޔޭގައި އީރާނު ނޫނީ ނެތްކަމެވެ.
މިހާރު މި ދިޔަ ރޯދަމަހުން ފެށިގެން އާދަޔާ ޚިލާފަށް ޣައްޒާގައި ހިންގާ ޢުދުވާނުތަކާ ދެކޮޅަށް އެއްޗެކޭ ބުނެފާނެކަމަށް ފެންނާތީ ޔަމަންގެ ޙޫޘީންނަށް މެދުކެނޑުމެއް ނެތި އެމެރިކާއިން ލަދެއް ހަޔާތެއް ނެތި ބޮން އަޅަނީއެވެ. އަނެއްކޮޅުން އީރާނަށް ބޮންއަޅާނެކަމަށް ސާފު ސަރީޙަ ބަހުން އެމެރިކާއިން ބުނެ އެ ކަމަށް އެ ގެންދަނީ އުޅަދުތަކާއި ހަރިތާރުތައް ޖަމާކުރަމުންނެވެ. މި ކަމުގެ މަސްތުގައި މެދުއިރުމަތީގެ ގައުމުތައް ޖެއްސުމަށް ފަހު، ފަލަސްޠީނުގެ ކުޑަކުޑަ ސިޓީއެއްކަމަށްވާ ޣައްޒާގެ ތިންބައި ކުޅަ ދެބައިން ގަދަކަމުން މީހުން ހުސްކޮށް، އެ ބިންތައް ޔަހޫދީން ފޭރިގަނެ، އެ މުގައްދަސް ބިމުގައި ޔަހޫދީން ސަލާމަތީ މަރުކަޒުތައް ގާއިމުކުރަމުން އެ ގެންދަނީއެވެ.
މިހާރު ޣައްޒާގެ އުސްބިންތަކަށް ވެރިވެގަނެ، އެ ބިންތަކުގައި އުސް މަރުކަޒުތައް ހަދައިގެން މުޅި ޣައްޒާއަށް ޙަމަލާދީ އެކީއެކަށް ބިން ސާފުކޮށްލަނީއެވެ. އެ މީހުންގެ ބާރުގެ ދަށަށް އެ ސަރަޙައްދުތައް ގެންގޮސްފައިވާ ކަމަށް އދ.އިން ވެސް އެއްބަސްވެއެވެ.
ފާއިތުވި ދެ ހަފުތާގެ ތެރޭގައި ޣައްޒާގެ ރަފަޙުން އެކަނި ވެސް 140،000 މީހުން ގަދަކަމުން ބޭރުކޮށް އެ ސިޓީއަކީ ޔަހޫދީންގެ ތަނަކަށް މިހާރު އެ ވަނީ ހަދައިފައެވެ. އެއީ ކުރީން ތިން ލައްކައެއް ހައި މީހުންގެ އާބާދީއެއް އޮތް އަވަށެކެވެ. އެ އެންމެން ވަނީ އެ މީހުންގެ ގެދޮރުން ބޭރުކޮށް ގެދޮރު ތަޅައި ސުންނާފަތިކުރުމަށް ފަހު، ފޯރިމަރާ އުސް ތަންތަން އެ ސަރަހައްދުގައި ހަދައި މަރުކަޒުކޮށްފައެވެ.
މި ކަންކަން މިހެން ހިނގަމުން ދާ އިރު ވެސް އެމެރިކާއިން މުސްލިމު ގައުމުތަކަށް އިންސާނީ ހައްގުތަކާއި ނިރުބަވެރި ހަމަލާތަކަށް ދެކޮޅަށް މަސައްކަތްކުރާނެ ގޮތް ދަސްކޮށްދޭން ގޮސް ދައްކާ ވާހަކަތައް މުސްލިމުން ދެމިޔަކަނުންސޮނި ބާލައިގެން ހެވިދިލިފައި އަޑުއަހާން ތިބޭނެއެވެ. ފަހެ މުސްލިމުންގެ ސިކުނޑިތަކަށް ވެފައި މިވަނީ ކީއްބާވައެވެ!؟