އަބާ މުޙަންމަދު
9 އޭޕްރިލް 2025
ރާއްޖޭގައި ގެންގުޅޭ ފުއްލޮނަށް ފުރެއްދެ ލޮނޭ ކިޔަނީ އެއީ ރާއްޖޭން ބޭރުން ގެންނަ އެއްޗަކަށް ވާތީކަމަށް ބެލެވެއެވެ. އެހެނީ ދިވެހިބަހުން "ފުރެއްދެ"ގެ މާނައަކީ "ރާއްޖެއިން ބޭރު"ކަމަށްވާތީއެވެ. ނަމަވެސް ދެން އަޅުގަނޑުމެން ފުރެއްދެ ލޮނާ އަލްވަދާޢުކިޔާންވީ ވަގުތު ވަދެއްޖެއެވެ.
ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި 15000 އަކަފޫޓުގެ ބިމެއްގައި ފުއްލޮނު ނުވަތަ ކުނޑިލޮނު އުފައްދާ ކާރުޚާނާއެއް އެމް.ޑީޕް ކިޔާ ކުންފުންޏަކުން ބިނާކޮށް އެ ތަން ހުޅުވައި ލޮނު އުފައްދާން އިއްޔެ ފެށި ޚަބަރަކީ ދިވެހި އިޤުތިޞާދާ މެދު ވިސްނާ މީހުންގެ މޫނުމައްޗަށް ހިނިތުންވުން ގެނުވި ޚަބަރަކަށް ވާނެއެވެ. ހުރިހައި މޫސުމެއްގައި ގަދަ އަވި ލިބޭ، އަދި ކޮންމެ ރަށެއްގެ ވަށައިގެން ކަނޑު އޮންނަ މި ދިވެހިރާއްޖޭގައި ލޮނު ނޫފައްދަނީ ކީއްވެގެންތޯ މީހުން ސުވާލު އުފައްދައެވެ.
ނަމަވެސް ލޮނު އުފައްދާ ކާރުޚާނާއެއް ރާއްޖޭގައި ޖަޕާނުގެ ކުންފުންޏަކާއި ދިވެހިރާއްޖޭގެ އަމިއްލަ ކުންފުންޏެއް ގުޅިގެން ގާއިމުކުރިކަމީ ހަމަގައިމު ދެ ނަޒަރަކުން އުފާވެރިކަން ލިބުނު ކަމެކެވެ. އެއީ ޤައުމިއްޔަތަށް ވެސް ލިބުނު ދިރުމެކެވެ. އަދި ވަކީން ޚާއްޞަކޮށް ދިވެހި އިޤުތިޞާދަށް އެ ކަމުން ފޯރާނެ ހެޔޮ އަސަރު އިޙުސާސްކުރެވުމުން އަޅުގަނޑު އެކަނި އިނދެ ވެސް އުފަލުން ހިނިތުންވެލެވުނެވެ. ރާއްޖޭގައި ލޮނު އުފައްދާ ކާރުޚާނާ ޖަޕާނުގެ ކުންފުންޏަކާ ގުޅިގެން ބިނާކުރީ އެމް. ޑީޕް އިންވެސްޓްމަންޓް ކިޔާ އަމިއްލަ ކުންފުންޏަކުން، ހއ. ދިއްދޫ ކައުންސިލާ ގުޅިގެންނެވެ.
މި މަސައްކަތް ރާއްޖޭގައި ދެމެހެއްޓެނިވި ގޮތަކަށް ކުރެވިއްޖެ ނަމަ، ރާއްޖޭގެ ރަށްރަށާއި ރިސޯޓުތަކުގައި ބޭނުންކުރާ ލޮނު އުފެއްދި އޭގެ ސަބަބުން ރާއްޖެއިން ބޭރުން ލޮނު އެތެރެކުރާން ބޭރުކުރާ ބޭރުފައިސާ ރާއްޖޭގައި ހިފެހެއްޓި އޭގެ ސަބަބުން އިޤުތިޞާދަށް ހެޔޮ އަސަރެއް ފޯރާނެއެވެ. އަދި މި މަސައްކަތަކީ ފަތުރުވެރީންގެ މެދުގައި ވެސް މަޤުބޫލު މަސައްކަތަކަށްވެ، ފަތުރުވެރީންނަށް ދައްކައިލާނެ އިތުރު ޚާއްސަ ތަނެއް ވެސް ރާއްޖޭގައި އުފެދުނީއެވެ.
މި ކާރުކާނާ ރާއްޖޭގައި ބިނާކުރުމުގެ މަސައްކަތް ޖަޕާނުގެ ކުންފުންޏަކާ ގުޅިގެން ފަށައިފައިވަނީ ރާއްޖޭގެ ކަނޑުގެ ލޮނުގެ ފެންވަރު (މޮޅުދެރަ މިން) ޖަޕާނުގައި ތަހުލީލުކުރުމަށްފަހުއެވެ. މި ތަޙުލީލުތަކުގެ ނަތީޖާއިން އެނގުނީ އެހެން ޤައުމުތަކުގެ ކަނޑުގެ ލޮނާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ލޮނަކީ، ވިސަޑު ނުވާ، ފެންވަރު ރަނގަޅު، ސިއްޙަތަށް ފައިދާހުރި މާއްދާތަކުގެ މިންވަރު މަތި ލޮނެއްކަމަށެވެ. މި ކާރުޚާނާ ތަރައްޤީކޮށްފައިވަނީ އިރުގެ އައްޔާއި ހޫނު ބޭނުންކޮށްގެން ލޮނުފެން ގުދުރަތީގޮތުން ހިއްކައިގެން، ލޮނު އުފައްދާ ގޮތަށެވެ.
މި ކާރުޚާނާގައި ފުރަތަމަކޮޅުގައި ހައެއްކަ މުވައްޒަފުން މަސައްކަތްކުރާނެއެވެ. ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވެފައިވާ ގޮތުގައި މިއީ ދިއްދޫ ކައުންސިލާއި ޖަޕާނުގެ ކުންފުންޏަކާ ގުޅިގެން ގާއިމުކުރެއްވި ވަސީލަތެކެވެ. އަދި "މި ވަސީލަތް ގާއިމުކުރެވިފައއިވާ ބިމުގެ ކުލި ސީދާ ކައުންސިލްގެ އިދާރާއަށް ލިބުމުގެ އިތުރަށް މުޅި މި މަޝްރޫޢު ފަރުމާކުރެވިފައިވަނީ ރަށުގެ މީހުންނަށް ވަޒީފާގެ ފުރުސަތު ލިބޭ ގޮތަށް ކަމަށް" ވެސް ދިއްދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި ހިޔާދޭ ބިޔަ ގަސްތައް އެންމެ މަދު އެންމެ ހޫނު ގަދަ އެއް ރަށްކަމަށްވާ ދިއްދޫގައި ތަރައްޤީކުރި މި ކާރުޚާނާގައި ދެތިން ބާވަތެއްގެ ލޮނު އުފައްދާނެއެވެ. މީގެ ތެރޭގައި އާންމުކޮށް ކެއިންބުއިމަށް ބޭނުންކުރާ (އަޔޮޑިން) ލޮނާއި އެހެން ޚާއްސަ ބާވަތްތައް ހިމެނޭނެކަމަށް އެނގިފައިވެއެވެ. މި ކާރުޚާނާއިން ލޮނު އުފެއްދުމަށް ފަހު، ރާއްޖޭގެ ރިސޯޓްތަކަށާއި، މީހުން ދިރިއުޅޭ ރަށްރަށަށް އިޝްތިހާރުކޮށް ފުޅާ ދާއިރާއެއްގައި މާރުކޭޓުކުރާނެއެވެ. ލޮނު ތައްޔާރުކުރާން ކޮންމެ ބުރެއްގައި ވެސް ހަފުތާއެއްހާ ދުވަސް ހޭދަވާނެއެވެ. ހިކި ލޮނު ތައްޔާރުކުރާނީ މޫދުން ނަގާ ލޮނު ފުރާނައިގެން ސާފުކުރުމަށްފަހުގައެވެ. އަދި މި ލޮނު މާރުކޭޓުކުރުމުގެ ކުރީން ރާއްޖެއާއި ޖަޕާނުގައި ވެސް ތަޙުލީލުކުރާނެއެވެ. އެނގިފައިވާ ގޮތުގައި ދިއްދޫގައި މި ގާއިމުކުރި ކާރުޚާނާގެ މަސައްކަތް ކާމިޔާބުކަމާ އެކު ހިންގައިގަނެވިއްޖެ ނަމަ، އިތުރު ހަތަރު ކާރުޚާނާއެއް ރާއްޖޭގެ އެކި ސަރަހައްދުގައި ޤާއިމުކުރާން މި މަސައްކަތްކުރާ ކުންފުނީން އުންމީދުކުރެއެވެ. މިއީ ކާރުޚާނާއެއްގެ ގޮތުގައި ރާއްޖޭގައި ޤާއިމްކުރި މި ފަދަ ފުރަތަމަ ކާރުޚާނާއެވެ.
ފަރަގު ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި 1983ވަނަ އަހަރު ފެބުރުވަރީ މަހު ތިން ވަނަ ދުވަހު ވެސް ފުށް ލޮނު އުފެއްދުމުގެ މަސައްކަތެއް ރާއްޖޭގައި އަޖުމަބެލިކަމަށް ވެއެވެ. އަދި 1950ގެ ތެރޭގައި ވެސް މި ފަދަ މަސައްކަތެއް ކުރެވޭތޯ ބެއްލެވިކަމަށް އެނގިފައިވެއެވެ. ނަމަވެސް އޭރު އެ މަސައްކަތްތައް ކާމިޔާބު ނުވީ މާ ބޮޑު ދިރާސާއެއް (ފީސިބިލިޓީ ސްޓަޑިއެއް) ނަހަދައި ފެށުމުގެ ސަބަބުން ޚަރަދު ބޮޑުވެގެންނެވެ. ނަމަވެސް މި ފަހަރު މި ކަންތައް މި ފެށީ ދުނިޔޭގެ ކުރިއަރައިފައިވާ ގައުމެއްގެ ކުންފުންޏަކުން ދިރާސާ ކުރުމަށް ފަހު ނަތީޖާ ރަނގަޅަށް ދެއްކީމައެވެ. މިހާރު މި ކުންފުނީގެ ފުއްލޮނު ޖަޕާނަށް ފޮނުވާން ވެސް ފަށައިފިއެވެ.
މި ކާރުޚާނާ އިއްޔެ ހުޅުވި ޚަބަރު ދިއްދޫގެ ގިނަ ރައްޔިތުންނަށް އަދި ހއ. އަތޮޅު ކައުންސިލަށް ވެސް ލިބުނީ މީސްމީޑީއާގެ ޒަރީޢާއިންކަމަށް އެނގިފައި ވެއެވެ. ނަމަވެސް މި ފަދަ މަސައްކަތެއް ފުރަތަމަ އިފުތިތާޙުކުރުން ރަނގަޅީ މިއަށް ވުރެ ބޮޑުކޮށް ރަސްމީކޮށްކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވެއެވެ. ރާއްޖޭގެ އިގުތިސާދާ ބެހޭ ވަޒީރަކީ ޚުދު ދިއްދޫގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒުން ފުރަތަމަ ތަޢުލީމު ޙާޞިލުކުރެއްވި ދަރިވަރަކަށް ވާތީ، މި ފަދަ މުހިންމު ރަސްމިއްޔާތަކުން އެ މަނިކފާނު ވެސް ފެނުނު ނަމަ، މި ކަމުގެ ހައިބަތު އިތުރުވީސްކަން ކަށަވަރެވެ.
ކޮންމެއަކަސް ރާއްޖޭގައި މި ގާއިމުކުރި ފުއްލޮނު އުފައްދާ ކާރުޚާނާ އިފުތިތާޙުކޮށް އެ ތަނުން މިހާރު ޖަޕާނަށް ފުއްލޮނު ބޭރުކުރާން ފަށައިފިކަމަށް ފަރަގު މީޑީއާއަށް މަޢުލޫމާތު ލިބިފައިވެއެވެ. މިއީ ހަމަ ގައިމު ވެސް ދިވެހިރާއްޖެއަށް ޚާއްޞަކޮށް ދިވެހި އިގުތިސާދަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމަކަށް ވާނޭކަން ކަށަވަރެވެ.
ލަފުޒެއްގެ މާނަ:
ވިސަޑުވުން މ. އިތުރު މާއްދާއެއްގެ ސަބަބުން ވައި ނުވަތަ ފެން ފަދަ ޠަބީޢީ އުންސުރެއްގެ ސާފުކަން ގެއްލުން ނުވަތަ ތަޣައްޔަރުވުން.