އަލްއުސްތާޒު އަޙުމަދު މާޖިދު
10 އޭޕްރިލް 2025
ހުޅަނގުގެ ދައްޖާލީ ފަލްސަފާއާއި ނިޒާމުތަކުގެ ތެރެއިން، އަހަރެމެންގެ ސިކުނޑިތަކަށް އަޅައި ހަރުލައްވައިފައިވާ އެންމެ ވިހަ އެއް ވިސްނުމަކީ، ޤައުމެއްގެ އިޤްތިޞާދީ ތަރައްޤީއަކީ ބޮޑެތި ވިޔަފާރިތައް އުފެދި، އެ މީހުންގެ ވިޔަފާރިތައް ފުޅާވެ، ކޮންމެ ވިޔަފާރިއަކުން ވެސް އުފައްދާ ނުވަތަ ވިއްކާ މިންވަރު ގިނަވެ، އެ މީހުންގެ އަތުން މީހުން ވީހައި ގިނަ ތަކެތި ގަނެ، އެ މީހުންގެ އަހަރީ ފައިދާ ވީހައި ބޮޑުވެ، އެ މީހުންގެ ޙިއްޞާގެ އަގު ޙިއްޞާގެ ބާޒާރުގައި ބޮޑުވުން ފަދަ ކަންކަން ކަމުގެ ވިސްނުމެވެ.
ފޮށިގަނޑުގެ ބޭރުން ވިސްނާން އަހަރެމެން އެންމެން ވެސް ދަސްކުރާން ޖެހެއެވެ.
ހަގީގީ އިގުތިސާދީ ތަރައްޤީއަކީ މި ދެންނެވި ކަންތަކެއް ނޫނެވެ.
ޙަޤީޤީ އިޤްތިޞާދީ ތަރައްޤީއަކީ ކޮންމެ ފަރުދެއް ނުވަތަ ކޮންމެ ޢާއިލާއެއް، އަމިއްލަ މަސައްކަތުން، އެއްޗެއް އުފައްދައިގެން ނުވަތަ ޚިދުމަތެއް ފޯރު ކޮށްދީގެން ނުވަތަ ވިޔަފާރިއެއް ކޮށްގެން ނުވަތަ ވަޒީފާއެއް އަދާ ކޮށްގެން، އެ މީހަކަށް ނުވަތަ އެ ޢާއިލާއަކަށް ފުދޭ ވަރުގެ އާމުދަނީއެއް ލިބިގެން، ނުދަރައި، އުޅެވޭއުޅެވުމެވެ. އެހެން ގޮތަކަށް ދަންނަވަންޏާ، ޙަޤީޤީ އިޤްތިޞާދެއް ބިނާވަނީ އެންމެން އިޤްތިޞާދުގައި ޙިއްޞާވުމާއި، އެންމެންނަށް ވެސް އިންޞާފުވެރި ގޮތެއްގައި މުޖުތަމަޢުގެ އިޤްތިޞާދީ ވަސީލަތްތަކުން ފައިދާ ލިބުމާއި، "ކުމެވި" (ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރި)އޭ މި ކިޔާ ބާވަތުގެ ވިޔަފާރިތައް ގިނަވެ، ރަނގަޅު ގޮތުގައި އެ ވިޔަފާރިތައް ހިނގާހިނގުމުގެ މައްޗަށެވެ.
ޙަޤީޤީ އިޤްތިޞާދީ ތަރައްޤީއަކީ ބޮޑެތި ވިޔަފާރިތަކުގެ ފައިދާ ބޮޑުވެ، އެ މީހުންގެ ޙިއްޞާގެ އަގު މަތިވެ، އެމީހުންގެ މުއްސަނދިކަން އިތުރުވެ، އެމީހުން "ވިއްކާ މިންވަރު" ބޮޑުވެގެން "ޖީޑީޕީ" މަތިވުން ފަދަ ގޮތްގޮތްވުންކަމަށް ވިސްނައިދެނީ، މުއްސަނދީންގެ ބާރުގައި ޤާއިމުކޮށްފައިވާ، މުއްސަނދީން އިތުރަށް މުއްސަނދިކުރުމުގެ އިބްލީސީ ފަލްސަފާގެ ތެރެއިންނެވެ. މިލިއަނަރުންގެ މިލިއަންތައް ގިނަވާ އިރު، މެދުފަންތީގެ މީހުންނާއި ފަޤީރުން އަބަދުވެސް މުއްސަނދީންގެ ޖީބުތަކަށް ފައިސާ ސަޕްލައިކޮށްދޭ "ރިސޯރސް" (ވަސީލަތް)އެއްގެ ގޮތުގައި ބެއިތިއްބުމުގެ ފަލްސަފާގެ ތެރެއިންނެވެ.
ވީހައި ގިނަ އެއްޗެތި އުފައްދައި، ވީހައި ގިނައިން ވިއްކައި، ވީހައި ގިނައިން މީސްތަކުން އެއްޗެހި/ޚިދުމަތްތައް ގަނެ ބޭނުންކުރުމަކީ މާ މޮޅު ނުވަތަ މާ ރަނގަޅު ކަމެކޭ އެ މީހުން އަހަރެމެންގެ ސިކުނޑިތަކަށް އަޅައިފައި ހުއްޓަސް، އެއީ ގޯހެކެވެ. އޭގެ ގެއްލުން އިންތިހާއަށް ބޮޑެވެ. މައިގަނޑު ކަންތަކަށް ބަލަންޏާ:
1) ތިމާޔަށް ބޭނުން ނުވާ މިންވަރަށް ގިނަ ތަކެތި ގަނެ ބޭނުން ކުރުން - އިސްތިހްލާކިއްޔަތު (consumerism) - އަކީ އިންސާނާ ހަލާކު ކޮށްލައި، ދަހިވެތިކަމުގެ (greed) އަޅަކަށް އޭނާ ހަދައި، އޭނާގެ ރޫޙާނިއްޔަތާއި އަޚްލާޤިއްޔަތު ފަނާ ކޮށްލާ ބޮޑު ވަބާއެކެވެ.
2) އިންސާނުންނަށް ބޭނުންވާ ވަރަށް ވުރެ ގިނައިން ތަކެތި އުފައްދައި އިސްތިޢުމާލުކުރުމަކީ ފައިސާ އިސްރާފުކުރުމެވެ.
3) އިންސާނުންނަށް ބޭނުންވާ މިންވަރަށް ވުރެ ގިނައިން، ބޭނުންވާ ތަކެއްޗަށް ވުރެ ގިނަ ތަކެތި އުފެއްދުމަކީ ދުނިޔޭގެ ވަސީލަތްތައް ދާދި އަވަހަށް ހުސްވެދާނޭ ސަބަބެކެވެ.
4) އިންސާނުންނަށް ބޭނުންވާ މިންވަރަށް ވުރެ ގިނައިން، ބޭނުންވާ ތަކެއްޗަށް ވުރެ ގިނަ ތަކެތި އުފެއްދުމަކީ ހިމަނައިނުގަނެވޭ ފަދަ ގެއްލުން ތިމާވެށްޓަށް ލިބޭ ކަމެކެވެ.
މި ނޫން ގޮތަކަށް އިޤްތިޞާދު ތަރައްޤީ ކޮށްދޭނަމޭ ބުނެ އަންނަ "ސިޔާސީ އިސްވާރުންނަކީ" ޙަޤީޤީ ސިޔާސީ އިސްވާރުންނެއް ނޫނެވެ. އެއީ މިލިއަނަރުންގެ ގޮނޑިކޮއްކޮއިންނެވެ.