އަބާ މުޙަންމަދު
6 އޭޕްރިލް 2025
ދިވެހިރާއްޖޭގައި އިލެކްޓްރިސިޓީގެ ޚިދުމަތް ފޯރުކޮށްދެނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑު (ސްޓެލްކޯ)އިންނާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުންނެވެ. ރާއްޖޭގެ ބައެއް އަތޮޅުތަކުގެ ބައެއް ރަށްރަށުގައި ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށް ދިނަސް އަތޮޅުތަކުގެ ގިނަ ރަށްރަށުގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެނީ ފެނަކައިންނެވެ. ކުރީން ރަށްރަށުގެ ރައްޔިތުން ހިންގަމުން އައި އިންޖީނުގެތައް ސަރުކާރަށް ނެންގެވުމަށް ފަހު 24 ގަޑި އިރުގެ ކަރަންޓު ޚިދުމަތް ޔަގީންކޮށްދިނީ ފެނަކައިންނެވެ.
ތަފާސްހިސާބަށް ބަލާ އިރު ރާއްޖޭގެ އަތޮޅުތަކުގެ 157 ރަށަކަށް ފެނަކައިން ގެންދަވަނީ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެއްވަމުންނެވެ. އެ ރަށްރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވައި ދެވޭ ކަރަންޓުގެ މިންވަރު އިތުރުކުރެއްވުމަށް ޓަކައި އެ ކުންފުނިން ގެންދަވަނީ ކެނޑިނޭޅި މަސައްކަތްކުރައްވަމުންނެވެ.
މިއީ ބުރަބޮޑު އަދި އުނދަގޫ ޚިދުމަތެއްކަމަށް ވިޔަސް އެ ކުންފުނީން ކުރައްވާ ޚިދުމަތަކީ ބަލައިގަންނާން ޖެހޭ މުހިންމު ޚިދުމަތެކެވެ. ދެމެހެއްޓެނިވިގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޓަކައި އެ ކުންފުނީން ކުރައްވާ މަސައްކަތްޕުޅުގެ ދަށުން މިދިޔަ އަހަރު ނިމުނު އިރު 53 ރަށަކަށް އިތުރު 61 ޖަނަރޭޓަރު އެ ކުންފުނީން ވަނީ ގެންދަވައި ޚިދުމަތުގައި ބޭނުންކުރާން ފަށައިފައެވެ.
1995 ވަނަ އަހަރުން ފެށިގެން ޢާންމު ޚިދުމަތެއްގެ ގޮތުގައި ކަރަންޓުގެ ޚިދުމަތް ދެންފެށި، ހައްދުންމަތީ މާވަށުގައި ވެސް 2009ވަނަ އަހަރުން ފެށިގެން ކަރަންޓުގެ ޚިދުމަތް ދެއްވަމުން ގެންދަވަނީ، ފެނަކަ ކޯޕަރޭޝަނުންނެވެ. އެއީ އެ ރަށުގައި ރައްޔިތުން ޚިދުމަތްދެމުން ގެންދިޔަ "މާވަށު ރައްޔިތުންގެ ހަކަތަ"އިގެ ހުރިހައި ހަރުމުދަލަކާއި ވަސީލަތެއް ސަރުކާރަށް ނެންގެވުމަށް ފަހުގައެވެ. އެއީ އޭރު އުފެއްދެވި ޔުޓިލިޓީ ކުންފުންޏަކުންނެވެ. ފަހުން 2012ހައި ތާނަގައި ހުރިހައި ޔުޓިލިޓީ ކުންފުނިތައް އެއްކޮށްލައްވައި ފެނަކަ ކޯޕަރޭޝަން އުފެއްދެވީއެވެ. މިހާރު ގިނަ ރަށްރަށުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެނީ އެ ކުންފުނީންނެވެ. އެ ކުންފުނީން ވިދާޅުވާ ގޮތުގައި ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ދެއްވުމަށް ޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރެއިން މާވަށުގެ ކަރަންޓުގެ ޙާލަތުގެ ރަނގަޅުކުރުމުގެ ގޮތުން ކަރަންޓު ދެވޭ މިންވަރު އިތުރުކުރުމަށް ޓަކައި އައު އިންޖީނެއް އެ ރަށަށް އިއްޔެ ވަނީ ގެންދަވައިފައެވެ.
އިއްޔެ މާވަށަށް ގެންދެވީ 800 ކިލޯވޮޓުގެ މުޅީން އައު އިންޖީނެއްކަމަށާއި މިހާރު އެ އިންޖީނު (ޖަނަރޭޓަރު) އިންޖީނުގޭގައި ބެހެއްޓުމުގެ މަސައްކަތްކުރަމުން އެބަ ގެންދަވާކަމުގައި މާވަށު ކައުންސިލްގެ ރައީސް އަލްފާޟިލް އަޙުމަދު މޫސާ ވިދާޅުވިއެވެ.
ފެނަކައާ ޙަވާލާދެއްވައި އަޙުމަދު ވިދާޅުވީ ކުރިއަށް އޮތް ހަފުތާއެއްހައި ދުވަހުގެ ތެރޭގައި އިންޖީނު ބެހެއްޓުމުގެ މަސައްކަތް ނިންމައި އެ ޖަނަރޭޓަރުން ޚިދުމަތް ދޭން ފެށޭނެކަމަށް ލަފާކުރެއްވޭ ކަމަށެވެ.
އިތުރު ތަފުސީލުދެއްވަމުން އަޙުމަދު ވިދާޅުވީ، މިއީ މާވަށުގެ ތާރީޚުގައި ވެސް މިހައި ކިލޯވޮޓު މަތި (ބޮޑު) އިންޖީނެއް މާވަށް ގެނެވުނު ފުރަތަމަ ފަހަރުކަމަށެވެ. އަދި މިހައި ތަނަށް މާވަށުގައި ހުރި އެންމެ އެންމެ ބޮޑު އިންޖީނުގެ ކިލޯވޮޓަކީ 600ކަމަށެވެ. އެހެންކަމުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި 800 ކިލޯވޮޓުގެ އިންޖީނެއް މާވަށަށް ގެންގޮސް ބެހެއްޓޭކަމީ މާވަށު ރައްޔިތުންނަށް ކަރަންޓުގެ ޔަގީންކަން ލިބުމުގެ ސަބަބުން ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށް ވެސް އަޙުމަދު ވިދާޅުވިއެވެ. މި ކަމަށް ޓަކައި ސަރުކާރަށް، ޚާއްޞަކޮށް ފެނަކަ ކޯޕަރޭޝަށް ޝުކުރުއަދާކުރައްވާކަމަށް ވެސް އަޙުމަދު ވިދާޅުވިއެވެ. މި މަޢުލޫމާތު ފަރަގު މީޑީއާއާ ޙިއްސާކުރެއްވި އިރު، އުފާފުޅުން އަޙުމަދުގެ އަޑުފުޅަށް ވެސް ބަދަލު އައިސްފައިވާކަން ފާހަގަކުރެވުނެވެ.