ad_banner
އެމެރިކާގެ ދިފާޢީ ވަޒީރު ސެގްހެތުގެ "ޑިއުސް ވުލްޓް" ގޮވައިލުމުގެ ޙަޤީޤަތް

އަލްއުސްތާޒު އަޙުމަދު މާޖިދު

6 އޭޕްރިލް 2025

ހެގުސެތުގެ އަތުގައި "ކާފިރް" މި ލަފުޒުގެ ޓެޓޫއެއް ޖެހުމަށް ވުރެ ވެސް ބޮޑަށް މުސްލިމުން ސަމާލުކަމަށް އަންނާން ޖެހެނީ އޭގެ މަތީގައި އޭނާ ޓެޓޫ ކޮށްފައި އޮތް ޢިބާރާތާ މެދުގައެވެ.

ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ދިފާޢީ ވަޒީރުގެ މަޤާމުގައި ހުރި ޕީޓު ހެގުސެތު، އޭނާގެ ކަނާއަތު މުލައްދަނޑީގައި ޢަރަބި ބަހުން "ކާފިރް" މި ލަފުޒުގެ ޓެޓޫއެއް ޖަހައިފައި ހުރި މަންޒަރު ފެންނަ ފޮޓޯއެއް މި ދޭތެރެއިން މީސްމީޑިއާގައި ވިރަވިއެވެ. އެ ފޮޓޯގެ ވާހަކަ އަޅުގަނޑުމެންގެ ތެރޭގައި ވެސް ވަރަށް ބޮޑަށް ދެކެވުނެވެ. ނަމަވެސް، "ކާފިރް" މި ލަފުޒުގެ މަތީގައި ލެޓިން އަކުރުން ދެން އޮތް ޢިބާރާތަށް އެ ހައި ބޮޑު ސަމާލުކަމެއް ދެވުނު ތަނެއް ނުފެނެއެވެ. އަޅުގަނޑުގެ ނަޒަރުގައި ހެގުސެތުގެ އަތުގައި "ކާފިރް" މި ލަފުޒުގެ ޓެޓޫއެއް ޖެހުމަށް ވުރެ ވެސް ބޮޑަށް މުސްލިމުން ސަމާލުކަމަށް އަންނާން ޖެހެނީ އޭގެ މަތީގައި އޭނާ ޓެޓޫ ކޮށްފައި އޮތް ޢިބާރާތާ މެދުގައެވެ. އެ ޢިބާރާތަކީ [Deus Vult]  މިއެވެ. މިއީ ލެޓިން ޢިބާރާތެކެވެ. މާނަ އަކީ "އެއީ ކަލާނގެ އިރާދަފުޅު"، ނުވަތަ "ކަލާނގެ އެކަމަށް އެދިވޮޑިގަންނަވާ" މިއެވެ.

ހެގުސެތު މި ދައްކަނީ ކަލާނގެ ކޮން ކަމަކަށް އެދިވޮޑިގަންނަވާ، ނުވަތަ އިރާދަކުރައްވާ ވާހަކަހެއްޔެވެ؟ -- ތާރީޚުގެ ޞަފުޙާތަކުން ލިބޭ ޖަވާބަށް ބެލުމުން އެނގޭ ގޮތުގައި، އޭނާ އެ ބުނަނީ ހުޅަނގުގެ ނަޞާރާ ލަޝްކަރުތައް މުސްލިމުންގެ ބިންތަކަށް އަރައި، އެ ބިންތައް ހިފައި، މުސްލިމުން މަރައި އަޅުވެތިކޮށް ފަނާކުރުމަށް ކަލާނގެ އެދިވޮޑިގެން އަމުރުފުޅުކުރައްވާ ވާހަކައެވެ. އޭނާ އެ ކަމަށް ނިޔަތްގަނެ ގަސްތުކޮށްގެން ހުރި ވާހަކައެވެ.

މި ދެންނެވި ތާރީޚީ ޞަފުޙާ އޮތީ، ޔޫރަޕުގެ ނަޞާރާ ބޮޑު ފައްޅީން (އިޓަލީ ވިލާތުގެ ރޯމުގައި ހުންނަ ކެތަލިކު ބޮޑު ފައްޅި) އިސްލާމީ އުންމަތާ ދެކޮޅަށް، މީލާދީން 1095ވަނަ އަހަރު އިޢުލާނުކުރި ވަރުގަދަ ޢުދުވާނީ ޙަމަލައިގެ ފެށުމުގެ ވާހަކަތައް ހިމެނޭ ބާބުގައެވެ. އެ ޞަފުޙާ ބަލައިލަމާ ހިންގަވާށެވެ!

*****

މީލާދީން 1095ވަނަ އަހަރާ ހަމަޔަށް އައި އިރު، ރޯމުގެ ކެތަލިކު ފައްޅީގެ ޕޯޕަކީ (ޔޫރަޕުގެ ކެތަލިކު ނަޞާރާއިންގެ އެންމެ ބޮޑު ދީނީ ލީޑަރު) އުރްބާނޫސް ދެވަނަ (Pope Urbanus II) އެވެ. އޭނާ ޕޯޕުގެ މަޤާމުގައި ހުރެގެން ކުރި އެންމެ މުހިންމު ކަމަކީ، އިސްލާމީ އުންމަތާ ދެކޮޅަށް ޔޫރަޕުގެ ނަޞާރާއިން ގުޅިގެން ކުރާ ވަރުގަދަ ހަނގުރާމައެއް ފެއްޓެވުމުގެ މަސައްކަތެވެ. އެއީ އޭނާގެ ކުރީން ވެސް ކެތަލިކު ބައެއް ޕޯޕުން ދުށް ހުވަފެނެކެވެ. އެ ކަމަށް ކުރީގެ ބައެއް ޕޯޕުން ވަރަށް ބޮޑަށް މަސައްކަތް ވެސް ކުރިއެވެ. އެކިއެކި ސަބަބުތަކާ ހުރެ، އެކަމަށް ޢަމަލީ ސިފަ ނުގެނެވި އޮތީއެވެ.

އުރްބާނޫސްގެ ބެލުމުގެ ދަށުން، އިސްލާމީ އުންމަތަށް ޙަމަލަދޭނޭ ވަރުގަދަ ލަޝްކަރެއްގެ ވިސްނުން ރަސްމީކޮށް އެންމެ ފުރަތަމަ ހާމަކުރެވުނު އެއް މަންސައަކީ، މީލާދީން 1095ވަނަ އަހަރު އިޓަލީގެ ޕިއަޗެންޒާގައި ބޭއްވުނު "ޕިއަޗެންޒާގެ މަޝްވަރާ މަޖިލިސް (Council of Piacenza) އެވެ. އެ މަޖިލީހުގައި ކޮންމެވެސް ވަރަކަށް މައްސަލައާ މެދު ވާހަކަދެކެވުމަށް ފަހު، ފަސް ވަރަކަށް މަސް ފަހުން، އުރްބާނޫސް ފަރަންސޭސި ވިލާތަށް ދިޔައެވެ. އެ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައެވެ. މަޑުކުރީ ލީ ޕައި (Le Puy) އެވެ ކިޔުނު ޝަހަރުގެ ފައްޅީގައެވެ. އެ ތަނުގައި ހުންނަވައިގެން އޭނާ ފަރަންސޭސި ބިންތަކާއި ކައިރި އެހެނިހެން ބައެއް ސަރަޙައްދުތަކުގެ ބައެއް ފައްޅިތަކުގެ އިސް ފަރާތްތަކަށާއި ބިންވެރި އަމީރުން (Feudal Princes) ނަށް ސިޓީތަކެއް ފޮނުވިއެވެ. އެ ސިޓީތަކުގައި އަންގަވައިފައި ވަނީ ނޮވެންބަރު މަހު ފަރަންސޭސި ބިންތަކުގެ އިރުދެކުނުގެ ޝަހަރެއް ކަމުގައިވާ ކްލާރމޮންޓް (Clermont) ގައި ފައްޅީގެ ޢާންމު މަޝްވަރާ މަޖިލިހެއް ބާއްވާން ހަމަޖެހިފައި ވާ ކަމެވެ.

ސެޕްޓެމްބަރު މަހާއި އޮކްޓޯބަރު މަސް އޭނާ ހޭދަކުރީ ފަރަންސޭސި ރަސްކަމުގެ އެކި ސަރަޙައްދުތަކުގެ ފައްޅިތަކަށް ޒިޔާރަތްކޮށް، ކްލާރމޮންޓުގެ މަޝްވަރާ މަޖިލިހާ (Council of Clermont) މެދުގައި މަޝްވަރާތަކާއި ސައްލާތައްކުރުމުގައެވެ. މި ބުރުޖަހައި ނިންމައިލުމަށް ފަހު، އޭނާ ކްލާރމޮންޓަށް އައީ ނޮވެންބަރު މަހުގެ މެދުތެރޭގައެވެ. އެއިރު މަޝްވަރާ މަޖިލިހުގެ ތައްޔާރީތައް އޮތީ ފުރިހަމަ ވެފައެވެ. މަޖިލިސް ފެށުނީ ނޮވެންބަރު 18ގައެވެ. ނިމުނީ އެ މަހުގެ 28 ގައެވެ. މަޖިލީހުގައި ކެތަލިކު ނަޞާރާއިންގެ (ފާދިރީން، ރާހިބުން ފަދަ) ދީނީ މީހުންނާއި ނަޞާރާ ބިންވެރި އަމީރުންނާއި ރަށްތަކުގެ ވެރީންނާއި، ކަމުވޮށިގެންވާ ލީޑަރުންގެ 300 ވަރަކަށް މަންދޫބުން ބައިވެރިވިއެވެ. މަޖިލިހުގެ ފުރަތަމަ ދެތިން ދުވަހު ކުރެވުނު އެންމެ މުހިންމު އިޢުލާނަކީ، މަޖިލިހުގެ ފަހު މަރުޙަލާގައި ޕޯޕް އުރްބާނޫސް ވަރަށް މުހިއްމު ތަޤްރީރެއް ދެއްވާނޭކަމުގެ އިޢުލާނެވެ. އެ ތަޤްރީރަކީ މުޤައްދަސް ބިމާ – އަލްޤުދުސްގެ ބިމާއި އެ ބިމުގެ ވަށަވަށައިގެން ހުރި ސަރަޙައްދުތައް – ބެހޭ ވަރަށް ޙައްސާސް މައުޟޫޢަކަށް ދެއްވާ ވަރަށް މުހިންމު ތަޤްރީރެއްކަން ވެސް އެންގުނެވެ.

މި ދެންނެވި އިޢުލާނާ ގުޅިގެން، ކައުންސިލުގެ ފަހު ދުވަސްތަކާ ހަމަޔަށް އައި އިރު، މަޖިލިހުގެ ބައިވެރީންގެ 300 ވަރަކަށް މީހުންގެ އިތުރަށް، އުރްބާނޫސްގެ ޚާއްޞަ ތަޤްރީރު އަޑުއެހުމުގެ ޝައުޤުވެރިކަމުގައި ކްލާރމޮންޓަށް އިތުރު އެތައް ހާސް ބަޔަކު ކައިރި ހިސާބުހިސާބުން ވެސް އައިސް ޖަމާވެފައި ތިއްބެވެ.

އުރްބާނޫސްގެ ބޮޑު ތަޤްރީރު ދެވުނީ 27 ނޮވެންބަރުގައެވެ. އެ ތަޤުރީރަކީ ނަޞާރާ ކެތަލިކު ފައްޅީން އިސްލާމީ އުންމަތާ ދެކޮޅަށް ޞަލީބީ ހަނގުރާމަ އިޢުލާންކުރުމުގެ ތަޤުރީރެވެ. ތަޤުރީރު އަޑު އެހުމަށް ޓަކައި ކްލާރމޮންޓަށް ޖަމާ ވެތިބި މީސްތަކުންގެ ގިނަކަމުން، ޝަހަރުގެ ބޮޑު ފައްޅީގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ތަޤްރީރުގެ ބައްދަލުވުން، ޝަހަރުގެ އިރުމަތީ ދޮރޯށްޓާ ދިމާއިން ރަށްބޭރުގެ ހުސް މައިދާނަކަށް ބަދަލު ކުރެވުނެވެ. ބުނެވޭ ގޮތުގައި، ޖުމުލަ ހާހެއްހައި މީހުން އެ މައިދާނަށް ޖަމާ ވެ، އުރްބާނޫސްގެ ވާހަކަ އަޑުއެހިއެވެ.

އުރްބާނޫސްގެ ތަޤުރީރުގައި ދެއްކީ ޝާމުކަރައިގެ ބިމުގެ މައްޗަށް ("ޝާމުކަރަ" އަކީ މިހާރު ފަލަސްޠީން، ސޫރިޔާ، އުރްދުން، އަދި ލުބްނާން މި ޤައުމުތައް އޮންނަ ސަރަޙައްދަށް އިހުގައި ކިޔާ ނަމެކެވެ.) ވެރިވެގަނެގެން އުޅޭ "ޝައިޠާނީ ބައިގަނޑެއްކަމުގައިވާ އިސްލާމުން" ނަޞާރާއިންނަށްކުރާ ބޮޑެތި އަނިޔާތަކުގެ ވާހަކައެވެ. އެމީހުން ޤުދުސްގައި ހުންނަ ނަޞާރާއިންގެ އެންމެ މުޤައްދަސް ފައްޅިއަށް އިހާނެތިކޮށް ހިތާ ވާހަކައެވެ. މި ގޮތުން، ތާރީޚުގެ އަލީގައި ކަނޑައެޅިގެން ދޮގު ޕްރޮޕެގެންޑާކަން ސާބިތުވާ އެތައް އެއްޗެތިތަކެއް ބުނެ، އެއްވެ ތިބި މީހުން ކައްކުވައިލުމަށް ފަހު އޭނާ ގޮވައިލީ، އިސްލާމުންނާ ދެކޮޅަށް މުޅި ކެތަލިކް ދުނިޔެ އެކަތިގަނޑަކަށް ވުމަށެވެ. އެއިރު ކެތަލިކުންގެ އެންމެ ވަރުގަދަ ރަސްކަމެއްގެ ގޮތުގައި އޮތް ފަރަންސޭސީން ނުވަތަ ފަރަންގީންގެ (Franks) ޒަޢާމަތުގެ ދަށުގައެވެ. އަދި ވަރުގަދަ ލަޝްކަރެއް އެކުލަވައިލައިގެން، މުސްލިމުންނާ ދެކޮޅަށް ހަނގުރާމަޔަށް ނުކުތުމަށެވެ. އެ ލަޝްކަރުގައި ބައިވެރި ވާ ސިފައިންނަށް، އެމީހުން ކޮންމެ ފަދަ އަދި ކިތަންމެ ބޮޑު ފާފައެއް ކޮށްފައި އޮތަސް އަދި ކުރިމަގުގައި ކޮންމެ ފަދަ އަދި ކިތަންމެ ބޮޑު ފާފައެއް ކުރިޔަސް މަޢާފު ލިބިގެންވާ ވާހަކަ އޭނާ އިޢުލާން ކުރިއެވެ. އެ މީހުން ކުރާ އެއްވެސް ކަމަކާ މެދު އެ މީހުންނާ ކަލާނގެ ސުވާލުނުކުރައްވާނޭ ވާހަކައާއި، ސުވާލެއް ކަލާމެއް ނެތި އެމީހުންނަށް ސުވަރުގެ ވަދެވޭނޭކަން އިޢުލާންކުރެއްވިއެވެ.

އުރްބާނޫސްގެ ތަޤްރީރުގެ ފަހުކޮޅާ ހަމަޔަށް ދިޔަ އިރު، އެއް ވެތިބި މީސްތަކުންގެ ތެރޭގައި ޝުޢޫރުތަކާއި ޖަޒުބާތުތައް ކެކި އަރައި، ދެ އަތް އުފުލައި "ޑިޔުސް ވުލްޓް"(Deus Vult) ގެ ނަޢުރާ ނުވަތަ ގޮވެލީގެ އަޑު ވައިގައި ހިއްޕައިލިއެވެ. މާނަޔަކީ، "ތިޔައީ ކަލާނގެ އެދިވޮޑިގެންވާ ގޮތް" މިއެވެ. މުރާދަކީ، އުރްބާނޫސްގެ ވާހަކައާ އެ މީހުން ހިތުންނާއި ލޮލުން ބޮލުން އެއްބަސް ވެ، އޭނާގެ ގޮވައިލުމަށް އިޖާބަ ދޭނޭ ވާހަކައެވެ. މުސްލިމުންނާ ދެކޮޅަށް ވަރުގަދަ ހަނގުރާމަޔަކަށް މުޅި ކެތަލިކް ދުނިޔެ ތައްޔާރުވާނޭ ވާހަކައެވެ.

މީސްތަކުންގެ ގޮވެލީގެ އަޑު މަޑުވެ ހިމޭން ވެލުމުން، އުރްބާނޫސް އަނެއްކާ ވެސް އޭނާގެ ތަޤްރީރު ކުރިޔަށްގެންދިޔައެވެ. ތަޤްރީރުގެ ފަހުބައި ފުރިހަމަ ކުރިއެވެ. ތަޤްރީރު ނިންމަވައިލީ ދެ ފަހަރު "ޑިއުސް ވުލްޓް" މި ޢިބާރާތް ތަކުރާރުކޮށް ގޮވައިލަމުންނެވެ. އޭނާގެ ފަހަތްޕުޅުން، އެއް ވެތިބި ހާހެއްހައި މީހުން އަނެއްކާވެސް އެ ޢިބާރާތުގެ އަޑު ޖައްވު ތުރުތުރު އަޅައިގެންދާހައި ބާރަށް ގޮވަމުން ގެންދިޔައެވެ.

މިއީ ޞަލީބީ ހަނގުރާމައިގެ ފެށުމެވެ. އެ ހަނގުރާމަ ފެށުނީ "ޑިއުސް ވުލްޓް"ގެ ނަޢުރާއިންނެވެ. އެމެރިކާގެ ދިފާޢީ ވަޒީރުގެ އަތުގައި ލިޔެފައި ވާ "ޑިއުސް ވުލްޓް" މި ޢިބާރާތުން ދޭހަ ކޮށްދެނީ ކޮން ކަމެއްކަން، އޭނާ އިޖާބަ އެ ދެނީ ކޮން ގޮވައިލުމަކަށްކަން، އެކާވީސް ވަނަ ސައްތައިގެ ނަޞާރާ ދުނިޔެއަށް އޭނާ އެ ގޮވައިލަނީ ކޮން ކަމަކަށްކަން ސާފެއް ނޫންތޯއެވެ؟

*****

ޕޯޕް އުރްބާނޫސްގެ ތަޤްރީރަށް ފަހު، ޞަލީބީ ލަޝްކަރުގެ ކޮންމެ ހަނގުރާމަވެރިއަކު ވެސް ހަނގުރާމައިގެ ހެދުމުގެ މެއިމަތީގައި ރަތް ފޭރާމުން ހަދައިފައި ވާ ޞަލީބުގެ ބައްޓަމެއް ހަރުކުރާ ގޮތަށް ހަމަޖެއްސުނެވެ. އަދި، އުރްބާނޫސް، މަޖިލިހުގައި ތިބި ނަޞާރާ ފާދިރީންނާއި ލީޑަރުންނަށް ޚާއްޞަ އިރުޝާދުތަކެއްދިނެވެ. އެ އިރުޝާދުތަކުގައި އެންގެވީ، އެ ބެއިފުޅުން ފަރަންސޭސި، އިޓަލީ، އަދި މެދުތެރޭ ޔޫރަޕުގެ އެހެނިހެން ބިންތަކުގައި ދަތުރު ކުރައްވައި، ޞަލީބީ ލަޝްކަރަށް ހަނގުރާމަވެރީންނާއި އެހެނިހެން އެހީތަކާއި ވަސީލަތްތައް ހޯއްދެވުމުގެ މަސައްކަތް ވަގުތުން ފެއްޓެވުމަށެވެ. އޭނާގެ ވާހަކަފުޅުގައި ވިދާޅުވި އެންމެ ފާހަގަ ކުރެވޭ އެއް ޖުމުލައަކީ މިއެވެ – "ދުޢާ ކުރުމާއި ޢަމާލިޤުންނާއި ހަނގުރާމަ ކުރުމަކީ ތިޔަބައިމީހުންގެ ވާޖިބެކެވެ. ތިޔަބައިމީހުން ކުރިޔަށް އަރައި ހިތްވަރުގަދަ އަދި ބިރުކުޑަ ހަނގުރާމަވެރީން ފަދައިން ކަނޑިތަކުން ޢަމަލު ކުރާ އިރު، އަހަރެމެން މޫސާގެފާނާ އެކު އުޑުގައިވާ ފަރާތަށް ވަރުބަލިކަމެއްނެތި ދުޢާ ދަންނަވާނަމެވެ."

މިހާރު ޣައްޒާގައި ޒައިނިސްޓް އިސްރާއީލުން ހިންގަމުން ދާ ޤަތުލުޢާންމާއި އަނިޔާވެރި ލެއި އޮހޮރުވުމުގެ ސިލްސިލާ، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ފެށި އިރު، ނަތަންޔާހޫ "ޢަމާލިޤުންނާ ދެކޮޅަށް ހަނގުރާމަ ކުރާށޭ" ބުނެ ދެއްކި ވާހަކަތައް ހަނދުމަފުޅު އެބަހުރިތޯއެވެ؟

*****

ކޮންމެއަކަސް، އުރްބާނޫސްގެ ގޮވައިލުމާ އެކު ފެށުނު ޙަރަކާތުގައި، ދާދި އަވަހަށް ނަޞާރާ ޞަލީބީންގެ ވަރުގަދަ ލަޝްކަރެއް އެއްކުރެވުނެވެ. މީގެ ހައެއްކަ ދުވަސް ކުރީން ފޭސްބުކްގައި އަޅުގަނޑު ލިޔުނު ލިޔުމެއްގައި ދެންނެވި ފަދައިން، އެ ލަޝްކަރު އޭޝިޔާ މައިނާރގެ ތެރެއިން އިސްލާމީ ދުނިޔޭގެ ސަރަޙައްދަށް ވަދެގެން ދަތުރުކޮށްފައި އައީ މުސްލިމުންގެ ޝަހަރުތަކާއި އަވަށްތަކާ ދިމާކުރަމުން، އެ ތަންތަން ހިފަމުން، އެތައް ތަނެއް ސުންނާފަތިކޮށް ހަލާކުކުރަމުންނެވެ. އެ މީހުން ހިންގި ޖަރީމާތަކަކީ، އެ ޖަރީމާތަކުގެ ވާހަކަ، ކިޔާ ބަޔެއްގެ ބުއްދިތައް އުދުއްސައިލާ ފަދަ ޖަރީމާތަކެކެވެ. ޝަހަރުޝަހަރާއި އަވަށްއަވަށުގެ މުޅި އާބާދީ، އަންހެނުންނާއި ޅަކުދީންނަށް ދާންދެން، ކަތިލައި ފަނާކުރުމާއި، އަންހެނުން ރޭޕުކުރުމުން ފެށިގެން ގޮސް، ޝަހީދުވެފައި ތިބޭ މުސްލިމުންގެ މަސް ކައްކައިގެން ކެއުން ފަދަ ޢަމަލުތަކާ ހަމަޔަށް އެމީހުންގެ ވަޙުޝިއްޔަތާއި ބަރުބަރިއްޔަތު ދިޔައެވެ. އެ ލަޝްކަރު ފަލަސްޠީނަށް ވާޞިލުވެ، ޤުދްސް ހިފީ މީލާދީން 1099ވަނަ އަހަރުގެ ތެރޭގައެވެ.

ޤުދުސް ހިފުމަށް ފަހު، އެ ޝަހަރުގައި ނަޞާރާ ޞަލީބީން ހިންގި ލެއި އޮހޮރުވުމާއި އަނިޔާގެ ބާބަކީ އިންސާނީ ތާރީޚުގެ އެންމެ އަނދިރި އެއް ބާބެވެ. ޞައްޙަ ތާރީޚުތަކުގައި އޮންނަނީ، މަސްޖިދުލްއަޤްޞާ އާއި މަސްޖިދު ޤުއްބަތުއްޞަޚްރާ ހުންނަ ޙަރަމްފުޅުގެ ސަރަޙައްދު ފަދަ ސަރަޙައްދުތަކުގައި މުސްލިމުންގެ ލެއިން ފެން ބޮޑުވެ، އަސްތަކުގެ ކަކުލާ ހަމަޔަށް ލޭގެ ފެންގަނޑު އޮތްކަމަށެވެ. މި ދެންނެވި ޙަރަމްފުޅުގެ ތެރޭގައި ޝަހީދު ކުރެވުނު މުސްލިމުންގެ ޢަދަދު އެކަނި ވެސް 10،000އަށް އަރައެވެ. މުޅި ޝަހަރުން ކަތިލެވުނު މުސްލިމުންގެ ޢަދަދު 70،000އަށް ވުރެ ގިނައެވެ. ކިރުބޯ ޅަކުދީން މަރަމުން ގެންދިޔައީ ފައިގައި ހިފައި ހިލައިގެ ފާރުތަކުގައި ތަޅައި ޗިސްޗިސްކޮށްގެންނެވެ. އެތައް ހާސް އަންހެން ކުދީން އަނިޔާވެރި ގޮތްގޮތަށް ރޭޕުކުރެވި ޝަހީދުކުރެވުނެވެ. ރޭޕުކުރެވުނު މުސްލިމު އަންހެން ކުދީން ގިނަކަން އެނގޭ އެއް ކަމަކީ، އެ މީހުން ޞަލީބީ ފިރިހެނުންނަށް ވިހެއި ދަރީން އެތައް ހާހަކުން ގުނޭ އިޖުތިމާޢީ ބޮޑު ޖަމާޢަތަކަށްވެ، އެ މީހުންނަށް ވަކި ނަމެއް ވެސް އެއް ދުވަސްވަރެއްގައި ދެވިފައި އޮތުމެވެ. މީގެ ތަފުޞީލުތައް ތާރީޚު ފޮތްތަކުގައި ހުންނާނެއެވެ. ޞަލީބީން އަލްޤުދުސްގެ ޔަހޫދީ އާބާދީއަށް ހެދި ގޮތަކީ ވެސް ތާރީޚުގެ ޞަފުޙާތަކުގައިވާ އެންމެ ބިރުވެރި ބާބުތަކުގެ ތެރެއިން ބާބެކެވެ. ހުރިހައި ޔަހޫދީން (އަންހެނުން، ފިރިހެނުން، މުސްކުޅީން، ކުޑަކުދީން، ޒުވާނުން) ސަލާމަތަށް އެދި ވަދެ ތިބީ ޤުދުސްގައި ހުރި އެންމެ ބޮޑު ޔަހޫދީ ފައްޅީގެ ތެރެޔަށެވެ. ޞަލީބީން އެ ހުރިހައި އެންމެން މަރައިލީ، ފައްޅީގެ ބޭރުން ހުރިހައި ފަރާތަކުން ދަރުގެ "އަނގޮޓިއެއް" އަޅުވައި، އެ ދަރުތަކަށް ތެޔޮ އަޅައި އަލިފާން ރޯ ކޮށް، މުޅި ފައްޅި އެތެރޭގައި ތިބި މީހުންނާ އެކު އަންދައިލައިގެންނެވެ.

ޔޫރަޕުގެ ނަޞާރާއިން މުސްލިމުންނާ މެދު ކަންކުރާ ގޮތް، އެއިރެކޭ މިހާރެކޭ އެއްވެސް ތަފާތެއް އެބަހުރިތޯއެވެ؟ އެމެރިކާއާއި ޔޫރަޕް ޢިރާޤަށް އަރައި ހިންގި ޖަރީމާތައް، އަފްޣާނިސްތާނުގައި ހިންގި ޖަރީމާތައް، އަދި ފަލަސްޠީނާއި އެހެން މުސްލިމް ބިންތަކުގައި މިއަދާ ހަމަޔަށް ހިންގަމުން ދާ ޖަރީމާތައް، އެއްވެސް ގޮތަކުން ތަފާތުތޯއެވެ؟

މުސްލިމުން ހެއި އަރާނޭ ނަމައެވެ! މުސްލިމުންގެ ތެރެއިން ޞަލާޙުއްދީނުލް އައްޔޫބީއެއް އަނެއްކާވެސް ތެދު ވާނޭ ނަމައެވެ!

 

ލަފުޒެއްގެ މާނަ:

ވިރަވުން    މ.    ޚަބަރެއް ނުވަތަ ވީޑިއޯއެއް ނުވަތަ ފޮޓޯއެއް ފަދަ އެއްޗެއް ޖާލުގެ ޒަރީއާއިން (އިންޓަނެޓުގައި) ހަލުވިކޮށް ފެތުރިގެން ދިއުން.

ކޮމެންޓު