އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
5 އޭޕްރިލް 2025
އަޅުގަނޑު މި ލިޔުން މި ލިޔަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 27ވަނަ މާއްދާއިން ބާރު ލިބިގެންނެވެ. އެ މާއްދާގައި އޮންނަނީ، [މިނިވަންކަމާ އެކު، ފިކުރުކުރުމާއި އިސްލާމް ދީނުގެ އަސްލަކާ ޚިލާފު ނުވާ ގޮތެއްގެ މަތީން އެ މީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް، ދުލާއި ގަލަމުން އަދި މި ނޫން ވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.] މިހެންނެވެ. އެހެންކަމުން އަޅުގަނޑުގެ ދިފާޢަކީ ޤާނޫނުއަސާސީގެ މި ދެންނެވި މާއްދާއެވެ.
އާދޭހެވެ! ގިނަ ބަޔަކު ގަބޫލުކުރާ ގޮތާ ޚިލާފަށް، ދިވެހި ކާބަފައިންނަކީ ޢިލްމުވެރި ބަޔެކެވެ. ދިރިއުޅުމަށް ބޭނުންވާ ހުރިހައި ޢިލްމަކާއި ހުނަރެއް އެ މީހުން އައީ، ތަޙުގީގާއި ތަޙުލީލާއި ތަޖުރިބާއިން ހޯދައި ޢަމަލުކުރަމުން، އެއް ޖީލުން އަނެއް ޖީލަށް އެ ޢިލްމު ވާޞިލުކޮށްދެމުންނެވެ.
ދިވެހީން ކުރިއަރައިފައިވާކަމަށް ބެލެވޭ އަދި ފެންނާން ހުރި ބައެއް ޢިލްމުތަކަކީ:
މަސްވެރިކަމާއި، މަސްވެރިކަމާ ބެހޭ ޢިލްމު (ފިޝަރީ އެންޑް މެރިން ސައެންސް)
އޮޑިދޯނިފަހަރު ބަނުން ނުވަތަ ކިއްސަރު ވަޑާން (ބޯޓު ބިލްޑިންގ)
ތެދުއުއިވަޑާން (ކާރޕެންޓްރީ އެންޑް ވުޑްވަރކްސް)
ނިޔަމިކަމާއި ފިލާއެޅުން (ނެވިގޭޝަން)
ކަނޑުތަކާއި ފަރުތަކާ ބެހޭ ޢިލްމު (ޖިއޮގްރަފީ)
ގެދޮރު ބިނާކުރުން (ކޮންސްޓްރަކްޝަން)
މޫސުން ނިމުތުކުރުން (މީޓިއޮލިޖީ)
އިޖުތިމާޢީ ތަރައްގީއާއި ކުރިއެރުން (ސޯޝަލް ޑިވެލޮޕްމެންޓް)
ކާއްޓާއި ރުއްދަނޑު ބަލަހައްޓައި އާލާކުރުން (ކޮކޮނަޓް ހަޒްބަންޑަރީ)
މި ނޫނަސް ދިރިއުޅުމަށް ބޭނުންވާ ހުރިހައި ދާއިރާއަކުން އަޅުގަނޑުމެންގެ ކާބަފައިން ވަނީ ޢިލްމުވެރިވެފައެވެ. އަދި އިޖުތިމާޢީ ގުޅުންތަކާއި ރީތި އުޅުންތަކާއި އެއްބައިވަންތަކަން ދެމެހެއްޓުމަށް ޓަކައި ބޭނުންވާ ހުރިހައި ޢިލްމެއް އެ މީހުން އައީ އުނގެނި ތަޠުބީޤުކުރަމުންނެވެ. ދީނީ ގޮތުން އެނގިފައިވާ އެނގުންތައް ތަޠުބީޤުކޮށް އާދަޔާ ޚިލާފަށް އިސްލާމް ދީނަށް ލޯބިކުރަމުންނެވެ. ރީތި އުޅުމާއި އަޚުލާޤާ އެކު، އެއް ބަޔަކު އަނެއް ބަޔަކާ ގުޅިގެން ވަރަށް ޞުލްހަވެރިކަމާ އެކު އައީ ދިރިއުޅެމުންނެވެ. ބޮޑެތި މީހުންނަށް އިޙުތިރާމްކުރާން އެ މީހުން ދަނެއެވެ. ކުޑަކުދީންނަށް އޯގާވެރިވެއެވެ. ވެރީންނަށް ކިޔަމަންގަނެއެވެ.
އޭރު އަޅުގަނޑުމެންގެ ތެރޭގައި މަދީ ލިޔެކިޔުމެވެ. މި ދެންނެވި ހުރިހައި ޢިލްމަކާއި އަދި އެ ނޫނަސް ދިވެހީން ލިބިގަނެ ޢަމަލުކުރަމުން އައި ޢިލްމުތައް ކަރުދާހަށް ތިރިކުރެވި، ފުރޭފުކުރެވި މި ޒަމާނުގައި މި ކިޔާ ފަދަ ރީތި ނަންތައް ކިޔައިފައި ނެތީއެވެ. އޭރު މި ފަދަ ނަންނަން ކިޔައި، ނިޒާމީ ގޮތެއްގައި ކިޔަވައިދޭނެ މަދަރުސާތަކާއި ކޮލެޖުތަކާއި ޔުނިވަރސިޓީތައް ނެތީއެވެ. އެ ބައިމީހުން އެ ޢިލްމު އެއްޖީލުން އަނެއް ޖީލަށް ނަގުލުކުރަމުން ގެންދިޔައީ ނަކަލުކޮށްގެންނެވެ. ތަޖުރިބާގެ ތެރެއިންނެވެ. ޢަމަލީ ގޮތުން އުނގަންނައިދީގެންނެވެ. އަނގަބަހުން ކިޔައިދީގެންނެވެ.
މިއަދު އަޅުގަނޑުމެން މި ތަޖުރިބާކުރަނީ އޭގެ ދިމާ އިދިކޮޅެވެ. މި ހުރިހައި ތަކެތި ކިޔަވައިދޭނެ، އިސްކޫލުތަކާއި ކޮލެޖުތަކާއި ޔުނިވަރސިޓީތައް އެބަ ހުއްޓެވެ. ރީތި ޢިބާރާތްތަކުން ލިޔެވިފައިވާ މަންހަޖުތަކާއި މުޤައްރަރުތައް އެބަ ހުއްޓެވެ. ނިޒާމީ ގޮތެއްގައި ކިޔަވައިދޭނެ އެދުރުން އެބަ ތިއްބެވެ.
ކިޔަވާ ކުދީން އެހައި ގިނައެވެ. އަޅުގަނޑުމެން ފަޚުރުވެރިވާ ހައި މަތީ ފެންވަރުގައި، ދުނިޔޭގެ ފެންވަރުގައި، ފާސްވާ ކުދީން އެބަ ތިއްބެވެ. ދިރިއުޅުމަށް ބޭނުންވާ ހުރިހައި ދާއިރާއަކުންނެވެ.
ނަމަވެސް އަޅުގަނޑުމެންގެ މުޖުތަމަޢުން މި ކަންކަން، މި ނަތީޖާ، ފެންނަލެއް ހާދަހާ މަދެވެ. ރީތި އަޚުލާޤާއި ސުލޫކު ހުންނަ، އަދި ރީތިކޮށް އެކަކު އަނެކަކާ މުޢާމަލާތުކުރާން އެނގޭ މީހުން ހާދަހާ މަދެވެ. ކުށެއް ނެތި ދިވެހިބަހުން މުޢާމަލާތުކޮށްލާން އެނގޭ މީހަކު ހާލަކުން ނޫނީ ނުފެނެއެވެ.
އިސްކޫލުން ނިންމާ ކުއްޖެއްގެ (މި ދަންނަވަނީ އިސްތިސްނާއާ އެކު، ޖުމުލަކޮށް ގިނަ ކުދީންގެ ވާހަކައެވެ.) ގާތު ސިޓީއެއް ލިޔެދޭށޭ ބުނާ އިރަށް ބުނަނީ ނޭނގޭނެއޭއެވެ. ފޯމެއް ފުރާކަށް ނޭނގެއެވެ. އިސްލާމް ދީނުގެ ޢަމަލީ ބައިތައް، ނަމާދު ޤަޞްރު/ޖަމްޢުކުރުން، ހިނައިގަތުމުގެ ފަސޭހަ ގޮތްތައް، ރޯދަ ހިފުން ޙަރާމް ދުވަސްތައް، ގިނަ ކުދީންނަށް އެނގޭކަމަކަށް ނުވެއެވެ. ރީތި އަޚުލާޤާއި ސުލޫކު، ގިނަ ކުދީންގެ ކިބައަކުން ނުފެނެއެވެ. ޢަމަލީ މައިދާނުގައި އެ ކަންކަން ތަޠުބީޤެއް ނުކުރެވެއެވެ. މަހެއް ބާނާކަށް، މަހެއް ހިފާކަށް، ފަތާކަށް، ފީނާކަށް ގިނަކުދީންނަކަށް ނޭނގެއެވެ. ކާއްޓެއް ހެހޭކަށް ކާށްޓެއް ބިންނާކަށް ހުނިގާނާކަށް، ރޮށިދަމާކަށް، ރިހަކައްކާކަށް، ގަރުދިޔަ ކައްކާކަށް ނޭނގެއެވެ. ބޮޑެތި މީހުންނަށް އިޙުތިރާމްކުރާކަށް ނޭނގެއެވެ. ވެރީންނަށް ކިޔަމަންގަތުމަކީ ދީނީ ވާޖިބެއްކަން ޢަމުދުން ނުވެސް ދަނެއެވެ.
އެހެން މިސާލެއް ދަންނަވައިލާނަމެވެ. ގްރޭޑް 10ގައި ކޮމާސް ދާއިރާއިން ކިޔަވައިގެން އަންނަ ކުދީން ފައުންޑޭޝަން ކޯހެއް ހަދައިލައިގެން ނަރުސްކަން އެބަ ކިޔަވައެވެ. އަދި ސައެންސް ސްޓްރީމުން އޯލެވެލް ނިންމާ ކުދީން ވެސް އެކައުންޓިން ދާއިރާއިން އެބަ ކިޔަވައެވެ. މި ކަމުން ދޭހަވާ މާނަކީ ކޮބައިތޯއެވެ؟ އަމިއްލަފުޅަށް ޖަވާބުދެއްވާށެވެ! އަޅުގަނޑު އެއްޗެއް ދަންނަވާކަށް ނެތީމެވެ.
ރައްޖޭގައި ފަންނު (އާޓުސް) ދާއިރާއިން ކިޔަވާ މަދު ކުއްޖަކަށް ވެސް އިސްލާމީ ތާރީޚެއް، ދިވެހި ތާރީޚެއް ކިޔަވައެއް ނުދެއެވެ. ކިޔަވައިދެނީ ދިވެހީންނަށް އަދި މުސްލިމުންނަށް މުހިންމު ނޫން އެހެން ތާރީޚެކެވެ. އެ ކުދީންނަކަށް ޚުލަފާއުއްރާޝިރޫނެއް، މަޝްހޫރު ޞަޙާބީންނެއް، އިސްލާމީ ޤާޢިދުންނެއް، މުސްލިމުން ހޯދައިފައިވާ މަތިވެރި ކުރިއެރުންތަކެއް ނޭނގެއެވެ. މިއަދު ހުޅަނގުން ދިރާސާކޮށްގެން ހޯދާ ގިނަ ކަންތައް، ޤުރުއާނާއި ސުންނަތުގައި ހުރިކަމެއް ރޭކައި ވެސް ނުލައެވެ. ޤައުމީ އަބުޠާލުންނެއް، އެ އަބްޠާލުންގެ ޚިދުމަތުގެ އަގު ވަޒަންކުރާކަށް ނޭނގެއެވެ. ގައުމީ ދުވަހެއް، މިނިވަންދުވަހެއް، ނަޞްރުގެ ދުވަހެއް ވަކިކުރާކަށް ނޭނގެއެވެ. އަތޮޅުތަކަށް ކިޔާ ނަންތަކެއް ނޭނގެއެވެ. މީހުން އުޅޭ ރަށްރަށުގެ ނަންތައް ޢަމުދަކުން ނޭނގެއެވެ. ދިވެހިބަހުން ގުނާކަށް ނޭނގެއެވެ. ހަފުތާގެ ދުވަސްތަކެއް ނޭނގެއެވެ. އިސްލާމީ ކަލަންޑަރުގައި ހުންނަ (ހިޖުރީ) މަސްތަކުގެ ނަންތަކެއް ނޭނގެއެވެ. އަޅުގަނޑުމެންގެ އިޖުތިމާއީ ގިޔަމުތަކެއް ނޭނގެއެވެ. މާފުކުރެއްވުން އެދެމެވެ. މި ވާހަކަތައް މި ދަންނަވަނީ ބައެއް މަދު އިސްތިސްނާއަށް ޖާގަދެމުންނެވެ.
ނަމަވެސް މިއީ ލިޔެކިޔުމުގެ ޒަމާންކަމަށް ވާތީ، ދިވެހިރާއްޖޭގެ ތަޢުލީމުގެ ޤައުމީ މަންހަޖުގައި ދިވެހިރާއްޖޭގެ އިސްކޫލުތަކުގައި އުނގެނުމާއި އުނގަންނައިދިނުން ރޭވިފައިވާ ގޮތްތައް ވަރަށް ރީތިކޮށް ވަރަށް ފުރިހަމައަށް ތަފުސީލުކޮށް ބަޔާންކޮށްފައިވެއެވެ. އަދި ތަޢުލީމުގެ ހުރިހައި މަރުހަލާއެއްގައި ތައުލީމު ކުރިއަށް ގެންދަންވީ ގޮތުގެ މައުލޫމާތު ވެސް ހިމަނައިފައި ވެއެވެ. މަންހަޖުގެ ޒަރީއާއިން މައުލޫމާތު އުނގަންނައިދިނުމާއި ދެވޭ ތައުލީމުގެ ބޭނުން، ދިރިއުޅުމުގައި ހިފާނެ ގޮތުގެ (ނުވަތަ ލިބޭ ތަޢުލީމާއި މައުލޫމާތު ޢަމަލީ މައިދާނުގައި ތަޠުބީޤުކުރާނެ ގޮތުގެ) ހުނަރުވެރިކަން ހޯދައިދިނުމަށް މި މަންހަޖުން ދަރިވަރުންނަށް އެހީތެރިވެދޭނެކަމަށް ވެސް އޮވެއެވެ. ނަމަވެސް . . .
ހިތާމައާ އެކު ދަންނަވާން ޖެހެނީ ތަޢުލީމުގެ ހަގީގީ ބޭނުން ވެސް މިހާރު ގިނަ ބަޔަކަށް އޮޅިފައިވާކަމަށް ހީވާ ހިސާބަށް ކަންތައް ވަނީ ގޮސްފައެވެ. ދަރިވަރުން ވެސް، ބެލެނިވެރީން ވެސް، އިސްކޫލުތަކުން ވެސް ހަމައެކަނި އަމާޒު ހިފައިފައިވަނީ އަކުރުތަކެއް ހޯދާށެވެ. އޭތަކެކެވެ. އޭ އިސްޓާރތަކެކެވެ. އެ ލިބެނިކޮށް ނިމުނީއެވެ. ކުދީންގެ ކިބައިގައި ޢިލްމާއި ހިކުމަތާއި އަޚުލާޤާއި ހުނަރުވެރިކަން އަށަގަންނާކަށް ނޫނެއެވެ. މަތީތަޢުލީމުގައި ވެސް ކަންތައް ހުރީ މި ކަހަލަ ގޮތަކަށެވެ. ތަފާތު ނަންނަމުގެ ސަނަދުތައް ބޮނޑިބޮޑިއަށް ޙާސިލުކުރައްވައިފައިވާ (ގިނަ) ބޭފުޅުންގެ ބަސްމަގާއި ޢަމަލުން އެ ޙާޞިލުކުރެއްވި ސަނަދެއް ރިވެއްޔެއް ނުވެއެވެ.
ވީމާ، ދިވެހިރާއްޖޭގެ ޤައުމީ މަންހަޖުގެ މަގުސަދު އެބަ ހާސިލުވޭތޯއެވެ! ވީމާ، މާދަމާ ނޫން އަނެއް ދުވަހު، ދިވެހިރާއްޖޭގެ ތަޢުލީމުގެ، އާ އަހަރެއް އިސްކޫލުތަކުގައި ފަށާ އިރު، މި ކަންކަމާ މަސްއޫލުވާ ފަރާތަތަކުން ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ވިސްނައިލާކަށް ނޫވޭތޯއެވެ!
އާދޭހެވެ! ދިވެހިރާއްޖޭގައި ތަޢުލީމުދިނުން ޕްރީ-ސްކޫލުން ފެށިގެން އަދި ވަކީން ޚާއްޞަކޮށް ގްރޭޑް އަށަކުން ފެށިގެން މިސްރާބުޖަހަނީ ސާނަވީ ތަޢުލީމުގެ މަރުޙަލާ ނިންމައި ހަދާ ބޭރުގެ އިމްތިހާނަކަށެވެ. އެއީ މި ޒަމާނަށް، މިހާރު އައިސްފައި ހުރި ބަދަލުތަކާ ބީރައްޓެހި ބޯދާ އިމްތިހާނެކެވެ. ގަބޫލުފުޅުކުރެއްވިޔަސް ނުކުރެއްވިޔަސް ހަގީގަތަކީ މިއީއެވެ. ވީމާ، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއިން ނުވަތަ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން ތައްޔާރުކުރާ އަމިއްލަ ގައުމީ އިންތިޙާނަކަށް އަޅުގަނޑުމެން ހިޖުރަކުރާކަށް އަދިވެސް ނުވޭތޯއެވެ!
ތެދުފުޅެކެވެ. ދުނިޔެއަށް އައިސްފައިވާ، އަންނަމުންދާ، އަދި އަންނާނެކަމަށް ލަފާކުރާ ވަރަށް ގިނަ ބައިތައް ފަހުގެ ގައުމީ މަންހަޖުގައި އެބަ ހުއްޓެވެ. އެކަމަކު އެ މަންހަޖު ފުރިހަމައަށް ތަންފީޒުކޮށްގެން އިސްކޫލަށް، އިސްކޫލާއި ކުއްޖާގެ ނަތީޖާއަށް، މާއްދީ ގޮތުން ނުވަތަ މައުޟޫޢީ ގޮތުން ފެންނަ ބަދަލެއް އަންނާނެ ކަމެއްކަމަށް ނުވާތީ އެ މަންހަޖުގައިވާ ގައުމީ މަގުސަދުތައް ހާސިލުކުރާކަށް އެއްވެސް އިސްކޫލަކުން އަޅައެއް ނުލައެވެ. މި ކަން ރޭކައިލަނީ މުޖުތަމަޢުގެ އާންމު ދިރިއުޅުމަށް އެ ކުއްޖާ ނުކުތީމައެވެ. ވަޒީފާއަށް ދާން ފެށީމައެވެ. މަތީތައުލީމުގެ ތެރެއަށް ވަދެވުނީމައެވެ. ވީމާ، ގައުމު ބިނާކުރުމަށް ޓަކައި ކުރިމަގުގެ ޖީލަށް ޓަކައި ދިވެހިރާއްޖޭގެ ގައުމީ މަންހަޖު ފުރިހަމައަށް ތަންފީޒުކުރެވޭނެ ގޮތެއް އެބަ ހޯދާންޖެހެއެވެ. ދިވެހީންގެ ދިރިއުޅުމާއި ބޭނުންތަކަށް ފެތޭ، ޒަމާނީ ގައުމީ އިމްތިޙާނެއް އެބަ ތަޢާރަފުކުރާން ޖެހެއެވެ.
_________________________________
ބައެއް ލަފުޒުގެ މާނަ
ނިމުތު ނ. (1) ކުރާ ލަފާ ނުވަތަ އަނަދާޒާ. (2) ވާންހުންނަ ކަން. (3) ނީމުތު
މީޔާރު ނ. (1) އާންމު ހަމަ. (2) އާންމުކޮށް ބަލައިގަނެވޭ ވަރަށް ފޭރާން ހެޔޮ ނުވަތަ ފެންވަރު ރަނގަޅު. (3) އިޚުތިޔާރު ލިބިގެންވާ ފަރާތަކުން އެއްޗަކާމެދު ނުވަތަ ކަމަކާމެދު ކަނޑައަޅައިފައިވާ ފެންވަރު ވަޒަންކުރުމުގެ މިންގަނޑު. (4) މާލީ ނިޒާމުގައި ތަކެތީގެ އަގު ކަނޑައެޅުމަށް ގެންގުޅޭ މިންގަނޑު ނުވަތަ އަސާސް.
ފުރޭފު ނ. ލިޔާ ލިޔުން
ގިޔަމު ނ. ސަގާފަތާއި އާދަކާދައާއި އިޖުތިމާއީ ގުޅުންތަކުގެ ތެރެއިން މުޖުތަމަޢެއްގައި ބަލައިގެންފައިވާ އަޚުލާޤީ މީޔާރުތައް ނުވަތަ އާންމު މިންގަނޑުތައް.