ރާއްޖެއާއި ރާއްޖޭން ބޭރުގެ ތައުލީމީ ނިޒާމުގެ ބައެއް ކަންތައްތަކަށް ނަޒަރު ހިންގައިލުން
ޠާހާ ސަލީމް
އެއްވެސް ކަމެއް ކުރާ ބަޔަކު އެ ކަމެއް ކުރާ ގޮތަށް ވުރެ ރަނގަޅަށް ނުވަތަ އެއަށް ވުރެ މޮޅަށް އެ ކަން ކުރާ ބަޔަކު ހޯދާން ނޫޅުމަކީ އެ ބަޔަކު އެ ކަން ކުރާ ގޮތަށް ވުރެ މޮޅު ގޮތެއް ނެތުމެއް ނޫނެވެ. ނުވަތަ ކަންކަން މޮޅަށް ކުރާ މީހުން ނުވަތަ ގައުމުތައް އެ ކަން ކުރާ ގޮތް އެނގި ތިބެ، އެ ގޮތައް ކަންކަން ބަދަލުނުކޮށް ތިބުމަކީ ކަންފަސޭހަކޮށްލަނީކަމަށް ނުވަތަ ބަދަލެއް ގެންނާން ޖެހިލުންވުންކަމުގައި ބެލެވިދާނެއެވެ. އެކަމަކު އެ ބަދަލަކީ ޓެސްޓުކޮށްފަވާ ކާމިޔާބު ބަދަލެއް ނަމަ، ފުރޮޅު އީޖާދުކުރާން ތިބޭކަށް ނުޖެހެއެވެ. ފުރޮޅު އީޖާދުކޮށްފިއެވެ. އެ ކަމަށް ވަގުތު ބޭކާރުކުރުމުގެ މާނައެއް މިހާރަކު ނެތެވެ. ފާއިތުވާ ކޮންމެ ދުވަހަކީ، އަހަރަކީ، މި ޖީލުގެ ކިޔަވާ ދަރިވަރުންގެ ކުރިމަގަށް އެޅޭ ހުރަހެއްކަމުގައި މެނުވީ ނުވެއެވެ. ސަމާސާކޮށް އުޅޭ އިރު، ރައްޓެހީން ކިޔައިދޭ އިބުރަތްތެރި ހަލީސާއެއް (ޖޯކެއް) އޮވެއެވެ. އެއީ: ދެ ހާސް ފަންސާސްވަނަ އަހަރު ދުނިޔޭގެ ސުޕަޕަވަރަކަށް ވާނީ ކޮން ގައުމެއްހެއްޔޭ ދުނިޔޭގެ ގައުމުތަކުގެ ވެރީންގެ ބައްދަލުވުމެއްގައި އެހީމާ ކޮންމެވެސް ގައުމެއްގެ ވެރިއަކު ވިދާޅުވިކަމަށް ވަނީ އެއީ ދިވެހިރާއްޖެކަމަށެވެ. އެ ކަމާ އަޅުގަނޑުމެންނާ އަވަށްޓެރި ގައުމުތަކުގެ ވެރީން ހިތްހަމަ ނުޖެހި ނުރުހުން ފައުޅުކުރިކަމަށްވެއެވެ. ނަމަވެސް އަޅުގަނޑުމެންގެ ރައީސް އުފަލުން ހިނިފުޅުވަޑުވައި އަތްތިލަބަޑި ޖެއްސެވީއެވެ. އަވައްޓެރި ގައުމެއްގެ ރައީސަކު ސުވާލުކުރައްވާން ފެއްޓެވިއެވެ. ދިވެހިރާއްޖެ ސުޕަޕަވަރަކަށް ވަނީ ކޮންހަމައަކުންތޯއެވެ؟ ޖަވާބުގައި އެ ބޭފުޅަކު ވިދާޅުވިކަމަށް ވަނީ ދުނިޔޭގެ އެހެން ހުރިހާ ގައުމުތައް މިތާގައި ނޫޅޭން ވެގެން އެހެން ފަލަކުތަކަށް ދިރިއުޅުން ބަދަލުކުރާ އިރު ވެސް ދިވެހީން އެ މީހުންގެ ގޮތުގައި މިތާނގައި އުޅޭނެތެވެ. އެހެންވީމާ މިތާގައި އުޅޭ ހަމައެކަނި ގައުމަށް މި ތަނުގެ ސުޕަޕަވަރުކަން ލިބޭނެ ނޫންތޯއެވެ؟ މިއީ ބައެއް ކަހަލަ ކަންތައްތަކުގައި އަޅުގަނޑުމެން ހިފަހައްޓައިގެން ތިބޭ ތިބުމާއި ބަދަލެއް ގެންނާން މަޖުބޫރު ވާއިރު ވެސް އެ ބަދަލެއް ނުގެނެސް ތިބޭ ތިބުމަށް މުނާސަބު ޖޯކެކެވެ.
އަޅުގަނޑުމެންގެ ގައުމުގައި ވެސް ކިޔަވައިދިނުމުގެ ދަންނުގައި ކުރިއެރުންތަކެއް ހޯދައިފިއެވެ. މޮޅު ދަރިވަރުން ވެސް އުފެދިއްޖެއެވެ. އެކިއެކި ސަރުކާރުތަކުން ކުރީ ސަރުކާރުތަކައް ވުރެ ބޮޑެތި ކާމިޔާބީތައް އެ ސަރުކާރުތަކުން ހޯދާ ވާހަކަ އެކިއެކި ޖަލްސާތަކުގައި ވިދާޅުވެއެވެ. ނަމަވެސް އެއީ ކޮންމެވެސް އާ ކަމެއް ތައާރަފުކުރެއްވުމެއްގެ ވާހަކައެވެ. ނުވަތަ އެތައް ހާސް ކުދީން ބައިވެރިވެގެން ހަދާ އިމްތިހާނަކުން ރަނގަޅު ނަތީޖާ ހޯދާ ކުދީން ގިނަވާ ވާހަކައެވެ. އެކަމަކު ފޭލުވި ކުދީންގެ އަދަދާއި، އޭގެ އިންސައްތައެއް އެއިން އެއްވެސް ޖަލްސާއަކުން އަޑެއް ނީވެއެވެ. ހަމަ އެހެންމެ އެ ޖަލްސާތަކުގައި އަޑުއިވޭ ވާހަކަތަކަކީ އެއް ގޮތަކަށް ވެސް އާންމު ކިޔަވައިދިނުމުގައި ރަނގަޅުކުރާން ޖެހިފަވާ ކަންތައްތަކެއްނޫނެވެ. އަދި ސުކޫލުތަކުގެ ހިންގުމުގެ އޮނިގަނޑު ހަރުދަނާކުރުމުގެ ވާހަކައެއް ވެސް ނޫނެވެ. އެ ކަން އޮތީ އެއްގޯސްވެފައޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. އެހެންވީމާ އެ ކަންކަމުގެ ވާހަކައެއް އަޑެއް ނީވޭނެއެވެ.
ދުނިޔޭގެ ގައުމުތަކުގެ ތައުލީމީ ނިޒާމު ބަދަލުވަމުން އައީ ސިނާއީ އިންގިލާބުތަކާ ފައިހަމަކުރަމުންނެވެ. އަދި މި ފަހަކަށް އައިސް މައުލޫމާތާއި، ފަންނިއްޔާތުގެ ޒަމާނުގެ ބަދަލުތަކާ ހުރެ، ގެނެވުނު ބަދަލުތައް ފާހަގަކުރެވެއެވެ. އެއީ އެ ބަދަލުތަކުގެ ގޮންޖެހުންތަކާ ކުރިމަތިލެވޭ ބަޔަކު އުފައްދާން ގެނެވުނު ބަދަލެވެ. އަދި އެ ބަދަލުތަކުގެ ތެރެއިން އެކިއެކި މަސައްކަތްތަކާއި، ވަޒީފާތަކަށް ފައިހަމަކުރެވޭ ބަޔަކު އުފެއްދުމުގެ ބޭނުމުގައެވެ. އެހެން ނޫން ނަމަ، މިހާރުގެ ނިޒާމުތަކަށް ބޭނުންކުރުން ހުއްޓައިލައިފައިވާ ކުރީގެ މޮޑެލްތަކަށް ބޭނުންކުރި އެކި އެއްޗެތި އަދިވެސް އުފައްދާނެތާއެވެ. އާދޭހެވެ! ކުރީ ޒަމާނަށް ކިޔަވައިދޭން އުފެއްދި މަންހަޖުތައް މިހާރު ބޭނުންކޮށް، އޭރުގެ އިމްތިހާނުތައް މިހާރު ދިނުމަކީ، ކުރީން ބޭނުންކޮށް މިހާރު ބޭނުންކުރުން ހުއްޓައިލައިފައިވާ "ޗިޕެއް" އުފައްދަމުން ދިޔުން ކަހަލަ ބޭކާރު ކަމެކެވެ.
ކިޔަވައިދިނުމުގެ ނަމޫނާ ގައުމުތަކުގެ ގޮތުގައި ބަލާ ސިންގަޕޫރާއި ފިންލޭންޑު ފަދަ ގައުމުތަކުގެ ކިޔަވައިދިނުމަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެ ބަދަލުތަކަކީ ގައުމު މުއްސަނދިވެގެން ފައިސާ ހުރެގެން ގެނައި ބަދަލުތަކެއް ނޫނެވެ. ދުނިޔެއަށް އައި ބަދަލުތަކަށް ރިއާޔަތްކޮށް ގެނައި ބަދަލެވެ. ފުރިހަމަ، ވަށައިޖެހޭ ތައުލީމެއް ދިނުމަށް ޓަކައި ގެނައި ބަދަލެކެވެ. ސިންގަޕޫރަކީ މީޔާރުކުރެވިފައިވާ (ސުޓޭންޑަޑައިޒްޑް) އިމްތިހާނަށް ކުދީން ތައްޔާރުކުރުމުގައި ކުރީން ނަން މަޝްހޫރު ގައުމެކެވެ. 'ކޮޕީކެޓް' ގައުމެކެވެ. ވިސްނައި ފިކުރުކުރާން ނޭނގޭ، އެކަމަކު އިމްތިހާނަށް ތައްޔާރުވެ، މޮޅު ނަތީޖާ ހޯދާން މަޝްހޫރު ބަޔެކެވެ. ގައުމުގެ ތައުލީމީ ނިޒާމުން ސައިންޓިސްޓަކު އުފެދިފައި ނެތް ވާހަކަ އެ ގައުމުގެ ނޫސްތަކުގައި ލިޔެފައި ހުއްޓައި ފެނުނެވެ. ނަމަވެސް މިހާރު ސަމާލުކަން ދެނީ ދިރިއުޅުމަށް ޓަކައި އުނގެނުމަށެވެ. ("ލާނިންގ ފޮރ ލައިފް"އަށެވެ.) ކޮންމެ ގޮތެއް ހަދައިގެން ވެސް އިމްތިހާނުން މޮޅު ނަތީޖާ ހޯދާކަށް ނޫނެވެ.
ފަސް މަރުހަލާއަކަށް ބަހައިލައިގެން މި ގެނެވުނު ބަދަލުތަކަކީ މަތީން ތިރިއަށް ސަރުކާރު ކޮންޓުރޯލްކުރާ މަންހަޖަކުން، ސުކޫލުތަކަށް ވަރަށް ބޮޑު އިޚްތިޔާރެއް ދީގެން ކުރާ ކަމަކަށް ހެދުމާއި؛ އެއީ ތިރިން މައްޗަށް ކުރާކަމަކަށް ހެދުމާއި؛ މަރުކަޒީކޮށް ވަކިވަކި ކަންތައްތަކަށް ސަމާލުކަން ދީގެން ކުރުމުގެ ބަދަލުގައި މުޅި ނިޒާމު ގުޅި ލާމެހިގެން ގެންދިޔުމަށް ގެންނަންޖެހޭ ބަދަލު ގެނައުމާއި؛ ޓީޗަރު ކިޔަވައިދޭ އުސޫލަކުން، ކުދީން ކިޔެވުމަށް އަމިއްލަ ތަރީގާ ނުވަތަ ގޮތްތައް ބޭނުންކޮށްގެން ކިޔެވުމާ ދިމާއަށް ދިޔުމާއި؛ އަދި ސުކޫލުތައް ގިނައިން އެޅުމާއި، ބައިވަރު ވަސީލަތް ހޯދުމުގެ ވިސްނުމަށް ވުރެ ކިޔަވައިދިނުމުގެ ފެންވަރަށް އިސްކަންދީ އެ ދިމާއަށް މުޅި ނިޒާމު ދީލައިލުމެވެ.
މަންހަޖަށް އެންމެ ފަހުން ގެނެވުނު ބަދަލު ('ލާރން ފޮރ ލައިފް-2020')ގައި އެންމެ ބޮޑު އަހައްމިއްޔަތެއް ދީފައި ވަނީ، ކުރީން ވަރަށް ބޮޑު ސަމާލުކަމެއް ދެވުނު ތައުލީމީ ކާމިޔާބީއަށް 'މާ' ބޮޑަށް ބާރުއެޅުމާ ދުރަށް ދިޔުމަށްފަހު، ގުޅިގެން އެއްބާރުލުންދީގެން މަސައްކަތް ކުރުމާއި، އުފެއްދުންތެރި އަދި ކެތްތެރިކަން އިސްކުރުމަށް މަންހަޖުގައި ބާރުއެޅުމަށެވެ. މި ބަދަލުތަކާ އެކު ވެސް ޕްރޮގުރާމް ފޯ އިންޓަނޭޝަނަލް ސުޓޫޑެންޓްސް އެސެސްމަންޓް (ޕީސާ)ގައި ދުނިޔޭގަ ގަދަ ދިހަ ގައުމުގައި ސިންގަޕޫރު ހިމެނުމަކީ ތައުލީމީ ކާމިޔާބަށް މާ ބޮޑަށް ބާރުއެޅުމާ ދުރަށް ޖެހި، ވަށައިޖެހިފައިވާ މަންހަޖަކާއި، ލާމަރުކަޒީކޮށްގެން ސުކޫލުތަކަށް ވަރަށް ބޮޑު އިޚުތިޔާރުދިނުން ކަހަލަ ކަންތައްތަކަކީ މިއީ ކޮންމެހެން ގެންނާންޖެހޭ ބަދަލެއްކަމުގެ ހެތްކެކެވެ. އަދި މި ގޮތަށް ކިޔަވައިދިނުމުން އެހެން ހުނަރުތައް ވެސް ލިބި ނަތީޖާ ވެސް ރަނގަޅުވާކަން ސާބިތުވާ ކަމެވެ.
ފިންލޭންޑް އިސްކޫލެއްގެ ދަރިވަރުންކޮޅެއް<br>
ސިންގަޕޫރަށް ވުރެ ބޮޑަށް ތައުލީމީ ދާއިރާގެ އެންމެ ނަމޫނާ ގައުމަކަށް ބަލަމުން އަންނަނީ ފިންލޭންޑެވެ. ފިނިޝް ތައުލީމީ ނިޒާމު ބިނާވެފައި ވަނީ ސުކޫލުގެ ހުރިހާ ކަމެއްގެ ނާރެހަކަށް ދަރިވަރުން ހަދައި ޓީޗަރުންގެ ފެންވަރަށް ވަރަށް ބޮޑަށް އިސްކަންދޭ، އަދި ސުކޫލަށް ވަރަށް ބޮޑަށް އިޚުތިޔާރު ދެވިފައިވުމުގެ މައްޗަށެވެ. ކުދީންގެ ޅަ އުމުރުގައި ދެލިގަނޑުން މައުލޫމާތު ދަސްކުރުމާ ދުރު، އަދި އުމުރުން ހަތް އަހަރުގައި ގުރޭޑް އެކެއް ފަށައި ގުރޭޑް ނުވައަކުން ކިޔެވުމުގެ ފަށާތަޢުލީމާއި ސާނަވީތަޢުލީމުގެ ކިޔެވުން ނިމޭ ނިޒާމެކެވެ. ސުކޫލަށް ވަނުމުގެ ކުރީން ޕުރީ ސުކޫލުގެ އެއް އަހަރު ފުރިހަމަ ކުރާން މަޖުބޫރެވެ. އެއީ ގުރޭޑް އެކަކަށް ވަންނަ އިރު، ކުއްޖާގެ ކިބައިގައި ހުންނާންޖެހޭ ފެންވަރާއި މައުލޫމާތު (ޕްރީ ރިކުއިސިޓް) ލިބި ދިނުމަށް ޓަކައެވެ. ރަސްމީ ނިޒާމެއްގައި ނޫޅުނަސް އެ މަގުސަދުތައް ހާސިލްވާ ހަރަކާތްތަކުގައި ބައިވެރިވުމުން ވެސް ފުދެއެވެ. މި އުމުރުފުރާގައި ވެސް އަދި ފަށާތައުލީމުގެ އުމުރުފުރާގައި ވެސް ކިޔަވައިދިނުމުގައި މައިގަނޑު އަމާޒަކީ މުސްތަގުބަލަށް ކުއްޖާ ތައްޔާރުކުރުމެވެ. އެގޮތުން ޕުލޭ-ބޭސްޑް ލާނިންގ (ކުޅިވަރާއި މަޖަލުގެ ތެރެއިން ކިޔެވުން) ނުވަތަ އެކި ކަހަލަ ހަރަކާތްތަކުގެ ތެރެއިން މަގުސަދު ހާސިލްކުރުމާއި ކަންކަން ދަސްކުރާން ބާރުއެޅެއެވެ. ޕްލޭބޭސްޑް ލާނިންގއަކީ ކުއްޖާގެ ޖިސްމާނީ، ނަފްސާނީ، އަދި އުނގެނުމުގެ ގާބިލްކަން އިތުރުކުރާ، އަދި ކުއްޖާ ޝައުގުވެރިކުރުވާ ކިޔެވުމުގެ ތަރީގާއެކެވެ. ޅައުމުރުގައި ފޮތުން އެކަނި އުނގެނުމުން ކިޔެވުން މައްޗަށް ދާ ވަރަކަށް އުނދަގޫ ހާލަތްތަކެއް ދިމާވުން އެކަށީގެންވެއެވެ. ޅަފަތުގައި ޕްލޭބޭސްޑް ލާނިންގ ބޭނުންކުރުމާއި، އަދި ރަސްމީ ތައުލީމު ފަށާ އުމުރު، ފަސްކުރުމަކީ ފިންލެންޑުގެ ތައުލީމީ ނިޒާމު ކާމިޔާބު ވާ އެއް ސަބަބު ކަމުގައި ދިރާސާތަކުން ދައްކައެވެ (ސަލްބާގް، 2011).
ފިންލޭންޑުގެ އަސާސީ ތަޢުލީމު (ބޭސިކް އެޑިޔުކޭޝަން) ކަމުގައި ބަލާ، ގުރޭޑް އެކަކުން ނުވައަކާ ހަމައަށް ވެސް އިމްތިޙާނުކުރުމުގެ ފިއްތުންތަކެއް ނޯވެއެވެ. ގުރޭޑް ނުވައެއް ނިމިގެން ދެވޭ ގައުމީ އިމްތިހާމު ފިޔަވައި ދެން ދެވޭ، ފެންވަރު ވަޒަންކުރާން ކުރާ މަސައްކަތަކީ ސުކޫލުގެ އިޚުތިޔާރަށް އަދި ސުކޫލުން ޓީޗަރުންގެ އަތްމައްޗަށް ދޫކޮށްލައިފައިވާ ކަމެކެވެ. ބައެއް ފަހަރު ބައެއް ގުރޭޑުތަކުގެ އެސެސްމަންޓްތައް ދެތިން ސުކޫލު ބައިވެރިވެގެން ދޭ ފަހަރު ވެސް އާދެއެވެ. މިއީ ކުދީންނަށް މާ ބޮޑު ފިއްތުންތަކެއް އޮންނަ އެސެސްމަންޓު (އަޖުމަބެލުން) ނުވަތަ ޓެސްޓެއް ނޫނެވެ.
ފިނިޝް ތައުލީމީ ނިޒާމުގައި އެންމެ ފާހަގަކުރެވޭ ކަމަކީ ޓީޗަރުންގެ ފެންވަރު ރަނގަޅުކަމެވެ. ސުކޫލު ނިންމާ ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ގިނަ އަދަދެއްގެ ކުދިން ކިޔަވައިދިނުމުގެ ކޯސްތަކަށް ވަދެއެވެ. ޓީޗަރުންނަކީ މަންހަޖުގައި ވާ ބައިތައް އުނގަންނައިދޭން އަމިއްލައަށް ފިލާވަޅުތައް ހެދުމުގެ ގާބިލުކަން ހުރި އަދި އެމީހުންގެ މަސައްކަތުގެ ފެންވަރަށް އިތުބާރުކުރެވޭ ޓީޗަރުންނެވެ. ޕްރީ ސުކޫލު ޓީޗަރުން ފެށިގެން ވެސް ކޮންމެ ޓީޗަރަކީ މާސްޓަރސް ފެންވަރުގެ ޓީޗަރެކެވެ.
ފިންލޭންޑުގެ ސަރުކާރު ސުކޫލުތަކުގައި ދެވޭ ޚިދުމަތާއި، ކިޔަވައިދޭ ފެންވަރަކީ، ކޮލިޓީ (ފެންވަރު) ޔަގީންކުރެވޭ މަތީ ފެންވަރުގެ ކިޔަވއިދިނުމެވެ. ވަކި ސުކޫލެއް މޮޅުވެ ވަކި ސުކޫލެއް ދަށްވެގެން އުޅޭކަން ނުޖެހެއެވެ. ޕަބްލިކް ސުކޫލުތަކަށް ކިޔަނީ ކޮންޕްރިހެންސިވް ސުކޫލެވެ. މި ސުކޫލުތައް ހިންގަނީ އެ ސިޓިއެއްގެ މުނިސިޕަލް ކައުންސިލުންނެވެ. ކިޔަވައިދޭން ބޭނުންކުރާ ބަހަކީ މާދަރީ ބަހެވެ. ސުވިޑިޝް ބަހުން ވަހަކަދައްކާ އާބާދީތަކުގައި އެބަހުންނެވެ. އިނގިރޭސި ބަސް، މާއްދާއެއްގެ ގޮތަށް ކިޔަވައިދެއެވެ. ސުކޫލުގައި ހޭދަކުރާ ވަގުތު ގިނަކުރުމަށް ވުރެ، އެ މާއްދާއެއް ކިޔަވައިދޭ ގަޑީގައި ކުދިންގެ ބައިވެރިވުމާއި އަދި ކިޔަވައިދޭ އެއްޗެއް ކުދީންނަށް ފަހުމުވެ އެކި ހާލަތްތަކުގައ އެ ކިޔެވި އެއްޗެއް ބޭނުންކުރާން އެނގޭކަން ކަށަވަރުކުރުން މާ މުހިންމެވެ. ގިނަ ގައުމުތަކާ އަޅައި ބަލާ އިރު ފިނިޝް ތައުލީމީ ނިޒާމުގައި ހޯމްވަރކްދިނުމަކީ ވަރަށް މަދުން ކުރާ ކަމެކެވެ. އަދި މިއީ ކޮންމެހެން ކުރާން ޖެހޭ ކަމެއް ނޫނެވެ. އަދި ގިނަ އިރު، ސުކޫލުގައި ކިޔެވުމާއި، ގިނައިން ހޯމްވާކް ދިނުމަކީ ކުއްޖާގެ ފެންވަރު ރަނގަޅުވާކަމުގެ ދަލީއެއް އޮތް ކަމެއް ނޫނެވެ. ސުކޫލުގައި ހޭދަކުރާ ވަގުތު މަދުކޮށް، ހޯމްވަރކް މަދުން ދިނުމުގެ ބޭނުމަކީ ކުއްޖާއަށް ޖިސްމާނީ، ނަފްސާނީ، އިޖްތިމާއީ އަދި މުސްތަގުބަލަށް ބޭނުންވާ އެކި އެކި ހުނަރު ހޯދާން ވަގުތު ހޯދައިދިނުމެވެ.
މަތީގައި ބަޔާންކުރެވުނު ސުކޫލު ނިޒާމުތަކާ އަޅުގަނޑުމެންގެ ނިޒާމު އަޅައި ކިޔައިލާ އިރު އަޅުގަނޑަށް ފެންނަ މައްސަލަތައް ފާހަގަ ކޮށްލާނަމެވެ.
ފެންވަރު ރަނގަޅު ޓީޗަރުން.
އަޅުގަނޑުމެންގެ ޓީޗަރުންނަކީ ވަރަށް ކެތްތެރި އަދި، ކަމަށް ކަމޭ ހިއްތަވައިގެން މަސައްކަތް ކުރައްވާ ބައެއް ކަމާމެދު ޝައްކެއް ނެތެވެ. ނަމަވެސް އަޅުގަނޑުމެންގެ ޓީޗިންގ ފޯސްގެ ގިނަ ބޭފުޅުންނަކީ ސުކޫލުތަކުން ނިކުމެފަވާ 'ކުރީމް' އެއް ނޫނެވެ. އޭގެ ސަބަބެއް ވެސް ނެތީއެއް ނޫނެވެ. ކިޔަވައިދިނުމުގެ ދަންނު (ޓީޗިންގ ޕުރޮފެޝަން)އަށް ދޭން ޖެހުނު ސަމާލުކަން ނުދެވި އަދި ދެވޭ އުޖޫރަ ވެސް ބަދަނަށްވީއެވެ. އޭގެ ސަބަބުން އެ ދަންނު (ޕްރޮފެޝަން)ގެ ހައިބަތު ކުޑަވެ، މީހުންގެ އިހުތިރާމު ލިބުން ވެސް ކުޑަވީއެވެ. އަދި ކިޔަވައިދިނުމުގެ ދަންނު (ޓީޗިން ޕްރޮފެޝަން)ގައި ތިއްބެވި ފެންވަރު ރަނގަޅު ފަރާތްތައް ވެސް މަޑުމަޑުން ނިޒާމުން ދުރަށް ދާން ފެށީއެވެ. އެހެންވީމާ ގިނަ ފަހަރަށް ފެންވަރު ރަނގަޅު ތައުލީމެއް ކުލާސްރޫމުތަކުން ނުދެވި ޓިޔުޝަންގެ ޑިމާންޑު ބޮޑުވީއެވެ. ފްރީ އެޑިޔުކޭޝަނަށް ވެސް ބޮޑު ޚަރަދެއް ކުރާން ޖެހުނީއެވެ. މި ކަމަށް ހައްލު ހޯދުމަށް ޓަކައި ދާދި ފަހުން މުސާރަތަކަށް ހެޔޮ ބަދަލެއް ގެނެވިއްޖެއެވެ. އަދިވެސް ގެންނާންޖެހޭ މުހިންމު ބަދަލު ނުގެނެސް ފެންވަރު ރަނގަޅު މީހުން މި ދާއިރާއަށް ލިބޭނެ ކަމާމެދު ޝައްކެވެ. އަޅުގަނޑު ދެކޭ ގޮތުގައި، މުސާރަ ބޮޑުކޮށް، ހޮނިހިރު ދުވަހު ވެސް ސުކޫލަށް ނިކުމެ، ސޮއިކުރާން ޖެހުމަކީ މި ކަމަށް އޮތް ހުރަހެކެވެ. ހަމަ އެހެންމެ ސުކޫލުތަކުން ދަންފަޅިތަކުގެ ބޭރުން ހިންގާ އިތުރު ހަރަކާތްތަކާއި، ޖަލްސާތަކާއި، މީޓިންތައް ސުކޫލު ދަންފަޅީގެ ތެރެއަށް ވައްދާން ޖެހެއެވެ. ގިނަ ވަގުތު ސުކޫލުގައި އުޅޭން ޖެހުމަކީ ކޮންމެހެން ފެންވަރު ރަނގަޅު (ކޮލިޓީ) މަސައްކަތެއް ކުރެވޭ ސަބަބެއް ނޫނެވެ. އަދި ގިނަ މަސައްކަތް ކުރެވޭކަން ޔަގީންވާ ކަމެއް ވެސް ނޫނެވެ. މިހެން މި ކަންކަން ބަދަލުކުރެވިއްޖެ ނަމަ، ކިޔަވައިދިނުމުގެ ދާއިރާގެ 'ޑިމާންޑް' ބޮޑުވާނެކަމާ މެދަކު ޝައްކެއް ނެތެވެ. އިންޓަރސުކޫލު މުބާރާތްތައް އަދި ޔުނިފޯމު ހަރަކާތްތައް އަލުން ތަރުތީބު (ރިސްޓްރަކްޗަރ)ކުރާން ޖެހެއެވެ. ކުޅިވަރު ކުލަބުތަކާއި، އެކަޑަމީތަކާއި އަމިއްލަ ފަރާތްތަކުން ކުރާ ކަމަކަށް މި ކަން ވާންޖެހެއެވެ. ކިޔަވައިދިނުމަށް ޓަކައި ޓީޗަރުން މުޅީން ހުސްކޮށް، އާއިލާއަށް ވަގުތު ދެވޭ، ރަނގަޅު މުސާރައާއި އިނާޔަތް ދެވޭ ނަމަ، މައްސަލަ ހައްލުވާނެ ކަމަށް ދެކެމެވެ.
މަރުކަޒީ ކުރުމުން ލާމަރުކަޒީ ކުރުމަށް.
2000 ވަނަ އަހަރު ވެސް އަޅުގަނޑު ހިތައް އެރި ސުވާލެކެވެ. ސުކޫލުތައް ހިންގުން ލާމަރުކަޒުކޮށް ހިންގާނެ ގާބިލް މީހުން ނުލިބޭ ވާހަކަ، އޭރުގެ މާސްޓަރ ޕްލޭންގައި ލިޔެވިފަ އޮތީމާ ހިތަށް އެރި ސުވާލެކެވެ. މިއީ އޭގެ ތޭވީސް އަހަރު ފަހެވެ. އަދިވެސް އެހެންތޯއެވެ؟ މިހާރުގެ ހާލަތަށް ބަލާ ނަމަ، އެއިރު ސުކޫލުތަކަށް އޮތް އިޚުތިޔާރަށް ވުރެ މިހާރު އެ އިޚުތިޔާރު މާ ހަންޏެވެ. ސިނަގަޕޫރާއި، ފިންލޭންޑުގެ ތައުލީމީ ނިޒާމުގެ ބައެއް ކަންކަން މަތީގައި ލިޔެފައި އޮތް އިރު، އެއިން ފެންނަ ހަގީގަތަކީ ސުކޫލު ހިންގާން ތިބޭ ފަރާތްތަކަށް އަދި ސުކޫލުގެ ޓީޗަރުންނަށް އެ ގައުމުތަކުގައި ދެވިފައިވާ އިޚުތިޔާރު ބޮޑުކަމެވެ. ޒިންމާވާން ޖެހޭ ގޮތަށެވެ. ގާބިލް، ތައުލީމީ އަދި އުފެއްދުންތެރި މީހުންނަކީ މައިކުރޯ މެނޭޖްކުރާ ތަންތާނގައި މަސައްކަތްކުރާ ހިތްވާ ބަޔަކަށް ނުވެއެވެ. ސުކޫލުގެ އެސެމްބްލީއަށް އަދި ދަންނީ ތަރައްގީ (ޕުރޮފެޝަނަލް ޑިވެލޮޕްމެންޓް) ދަންފަޅިއެއް ނަގާނެ މީހަކަށް ހުއްދަ ދެނީ ވެސް މައި ސަރުކާރުގެ މިނިސްޓުރީއަށް ގުޅައި، މެއިލް ފޮނުވައިގެން ކަމުގައި ވާނަމަ މި ނިޒާމު ދާނީ ފަހަތަށެވެ. ކުލާހުގައި ހުންނަ ކުއްޖާގެ ބެލެނިވެރިޔާގެ ޝަކުވާ މަރުކަޒީ އިދާރާއަށް ދިޔުމާއެކު އެ ކުއްޖާ ބަދަލުކުރާންވީ ކުލާސް ވެސް ސުކޫލަށް އަންގަނީ މަރުކަޒީ މިނިސްޓުރީން ކަމުގައި ވާ ނަމަ، ސުކޫލުތަކަށް ފެންވަރު ރަނގަޅު މީހުން ބޭނުމެއް ނުވާނެއެވެ. ސުކޫލުތައް ވަރަށް ބޮޑަށް ލާމަރުކަޒީވާން ޖެހެއެވެ. ޒިންމާދާރުކުރައްވާށެވެ! މޮނިޓަރިންގ ވަރުގަދަކުރައްވާށެވެ. ސުކޫލުތައް ބާރުވެރި (އެމްޕަވަރ)ކުރައްވާށެވެ!
ސިންގަޕޫރު އިސްކޫލެއްގެ ދަރިވަރުންކޮޅެއް<br>
މުޅި ނިޒާމު ގުޅި ލާމެހުން
ވަކިވަކި ކަންތައްތަކަށް ސަމާލުކަން ދީގެން ކުރުމުގެ ބަދަލުގައި މުޅި ނިޒާމު، ގުޅި ލައިމެހިގެން ގެންދިޔުން މުހިންމެވެ. އަބަދުވެސް ފެންނަނީ ކޮންމެވެސް ބަޔަކު ކުރާ ކަމެއް އެއްވެސް ރޭވުމެއް ނެތި، ހިނގަމުންދާ މަންހަޖާ ގުޅި ލައިމެހިގެން ގެންދިޔުމުގެ ބަދަލުގައި ފަސް އަހަރުގެ ޓާމަކަށް ކުރާ ކަމެއްގެ ގޮތުގައެވެ. ބޮޑެތި ޚަރަދުތަކެވެ. އެތައް ބައިވަރު ވަގުތަކަކާއި ހަކަތައެވެ. ކިޔަވައިދޭ ގަޑީގެ މުހިންމު ވަގުތެވެ. މި ޕުރޮގުރާމުތައް ދެމެހެއްޓެނިވި ގޮތަކަށް ގެންދެވޭތީއެއް ނުފެނެއެވެ. މޮނިޓަރިނގ މެކޭނިޒަމެއް އޮތަސް މަސައްކަތްކުރާ ތަނެއް ނުފެނެއެވެ.
ގައުމީ މަންހަޖު ތަންފީޒުކުރުން.
ވަރަށް ބުރަ މަސައްކަތް ކޮށްގެން ވަރަށް ގިނަ ދުވަސްތަކެއްގެ މަސައްކަތަށް ފަހު، އެކުލަވައިލި މަންހަޖު ލިޔެވިފައި އޮތީ ފުރިހަމަ އަށެވެ. ރަނގަޅުކުރާން ޖެހޭ ކަމެއް ނެތެކޭ ނޫނެވެ. ހަމަ އެހެންމެ ކިޔަވައިދޭނެ ބަހަކާ މެދު އޮތް އަރައިރުން ނިމުނީއެކޭ ވެސް ނޫނެވެ. ނަމަވެސް މަންހަޖުގައި މަންހަޖުގެ ވިސްނުމަކީ ލިޔެވިގެން ގެންދާ ފިލާވަޅުތަކާއި ބޭނުންކުރާ ތަރީގާ ތަފާތު ކޮށް ގެންދިޔުންކަމުގައި ވާ ނަމަ، އަދި ފުރިހަމައެއް ނޫނެވެ. ގައުމީ މަންހަޖުގެ މަފުހޫމަކީ ކުލާސްރޫމުގެ ހަތަރު ފާރުތެރެ ކަމުގައި ވިސްނިފައި އޮންނަ އޮތުން ބަދަލުވާން ޖެހެއެވެ. ބާއްވާ ހަރަކާތްތަކާއި، ދެކެވޭ ވަހަކަތަކާއި، މުބާރާތްތަކާ މެދު ދެކޭ ގޮތާއި، ކުދީންގެ މެދުގައި ބާއްވާ ހަރަކާތްތަކާއި މި ހުރިހާ ކަމެއް މަންހަޖުގެ ޑައިމެންޝަންތަކަށް ފެތި އަގުތަކާ ހަމަތައް މުޅި ސުކޫލުގެ ހުރިހާ ކަމެއްގައްޔާއި މުޅި ތައުލީމީ ނިޒާމުގެ ހުރިހާ ކަމެއްގައި ހިފެހެއްޓެން ޖެހެއެވެ. އެހެން ނޫން ނަމަ، އަމަލުކުރެވެމުންދާ މަންހަޖާއި ލިޔެވިފަ އޮތް މަންހަޖާ ދިމައެއްނުވާނެއެވެ. މިސާލަކަށް ދަންނަވާ ނަމަ، ސުކޫލު ކުދީންނަށް އެއްކަމު ޕުލާސްޓިކު (ސިންގަލް ޔޫސް ޕްލާސްޓިކް) ކޮތަޅު މަނާކުރެވިފައި ސުކޫލުގެ އެހެން ކަންތައްތަކުގައި ބޭނުންކުރުމާއި، ދުފުމަކީ ސިއްހަތައް ގެއްލުން ހުރި ކަމެއް ކަމުގައި ކިޔަވައިދީފައި ސުކޫލުގެ ބެލެނިވެރީން ނުވަތަ މުވައްޒަފުންގެ ހަރަކާތްތަކުގައި ދުފާ ތަކެތި ސިއްރުން ނަމަވެސް ބޭނުން ކުރާނަމަ، މަންހަޖު ތަންފީޒެއް ނުކުރެވެއެވެ. ހަމަ އެހެންމެ ލީޑަޝިޕަކީ މަންހަޖުގައި މުހިއްމު އަސާސެއް ނަމަވެސް ޕުރިފެކްޓުން / ސުޓޫޑެންޓް ލީޑަރުން ހޮވުން ފިޔަވައި މުޅި ސުކޫލު ހަޔާތުގައި ރޭވިގެން ހުރިހާ ކުދިންގެ ލީޑަޝިޕް ކުރިއަރުވާން ކުރެވޭ މަސައްކަތްތަކެއް ނުފެނެއެވެ.
މީޔާރު ވަޒަންކުރުން / ރަނގަޅުކުރާންވީ ކަންތައްތައް ކިޔައިދިނުން އަދި ތަވާޒުރު ތަޢުލީމަކަށް
މުޅި މަންހަޖުގެ ވިސްނުމަކީ އިމްތިހާނުކުރުމާއި ތައުލީމީ ކާމިޔަބަށް ދެވިފައި އޮތް ސަމާލުކަން ބެލެންސްޑް މަންހަޖަކަށް ބަދަލުކުރުން ކަމުގައި ވީ ނަމަ ވެސް އަދިވެސް ފެންނަނީ ވަރަށް ބޮޑަށް ތައުލީމީ ކަމިޔާބީއަށް ސަމާލުކަން ދެވި، އެހެން ބައިތަކަށް އެކަށީގެންވާ އަޅައިލުމެއް ނުދެވޭ ތަނެވެ. އަދި ފޯމޭޓިވް އެސެސްމަންޓު އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިޔުމުގައި ވަރަށް ބޮޑަށް މަސައްކަތް ކުރާން ޖެހޭ ތަނެވެ. އެންމެ ބޮޑު މަސައްކަތެއް ކުރާން ޖެހެނީ ރިޕޯޓްކުރުމާ ފީޑްބެކްދިނުމުގައެވެ. ބެލެނިވެރީންގެ ބައްދަލުވުމުގައި ދަރިވަރު އެއްގޮތަކަށް ވެސް ވާހަކަ ނުދައްކައޭ، ނުވަތަ މާ ގިނައިން ސުވާލުކުރަނީއްޔޭ ނުވަތަ، ވަރަށް މޮޅޭ އެކަމަކު އެސެސްކުރި އިރު ވަރަށް ދަށޭ ބުނާ އިރު، މައިންބަފައިން ދަރީން ސުކޫލަށް ފޮނުވަނީ މި މައްސަލަތަކަށް ހައްލު ހޯދާށެވެ. ވީމާ، ޓީޗަރަކީ މި ކަމަށް ހައްލު ހޯދުމުގައި ތަޖުރިބާއާ ތައުލީމު ހުރި މީހެކެވެ. ބުނެދޭންވީ މި ކަމަށް ހައްލު ހޯދާން މިހާރު ކުރާ ކަންތައްތަކާއި އަދި ގޭގައި ވެސް ކުރެވިދާނެ ކަންތައްތަކެވެ. އަދި ފީޑްބެކް ދޭންވީ އިލްމީ، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ތަވާޒުނުކޮށެވެ. ހަމަ އެކަނި ކިޔެވުމުގެ ވާހަކަ އެކަންޏެއް ނޫނެވެ. ކުދީން ތިބޭ އިރު، ދައްކާން ނުޖެހޭ ބައެއް ވާހަކަތައް ހުންނާނެކަމާއި، އެ ވާހަކަތައް ބެލެނިވެރިޔާއާ ވަކީން ދެއްކިދާނެއެވެ.
ޖީސީއީ އޯލެވެލަށް ތައްޔާރުކުރާން ފެށުމާއެކު، މަންހަޖު ބަދަލުވެގެން އެ ދަނީ އިމްތިހާނަށެވެ. ބައެއް ސުކޫލުތަކުގައި ދެ އަހަރު ތިން އަހަރު ކުރީން ކުދީންގެ ކިޔެވުމަކީ އިމްތިހާނުކަމަށް ބަލައިގެން މަސައްކަތް ކުރުމަކީ ފެންނަ މަންޒަރެކެވެ. މިހާރު އަޅުގަނޑުމެންނަށް އާދެވިފައި ވާ ހިސާބުން ރާއްޖޭގެ އަމިއްލަ (ލޯކަލް) އިމްތިހާނަކަށް ނުގޮސް މި ކަމުން ސަލާމަތް ނުވާވަރު ވެފައިވާކަމަށް ފެނެއެވެ. ފިންލެންޑުގެ މިސާލުން އެނގެނީ އަމިއްލަ ބަހުން ކިޔަވައިދިނަސް އަދި އިމްތިހާނުކުރުން މަދުވެފައި އެ އިމްތިހާނުގެ ކާމިޔާބީއަށް ޓަކައި ހުރިހާ ކަމެއް ނުހުއްޓިއަސް 'ޕީސާ' އެސެސްމެންޓު ފަދަ ދުނިޔޭގެ ފެންވަރުގައި ގައުމުތަކުގެ ކިޔަވައިދިނުމުގެ ފެންވަރު ވަޒަން ކުރާއިރު ،ފިނިޝް ކުދީން ކުރީގައި އުޅޭކަމެވެ. އަދި ސުޓޭންޑަޑައިޒް އިމްތިހާނުތަކުގެ ސަބަބުން އެ ކުދިންގެ ސްޓްރެސް ލެވެލް މަތި ނުވެ، އެއް ކުއްޖަކު އަނެއް ކުއްޖަކާ ވާދަކުރުމުގެ ބަދަލުގައި އެ ކުއްޖެއްގެ އަމިއްލަ ނަފުސު ކުރިއަރުވާން މަސައްކަތްކުރާ ތަނެވެ.
އަޅުގަނޑު އެދެނީ އަޅުގަނޑުމެންގެ ތައުލީމީ ދާއިރާގެ ސިޔާސަތު ކަނޑައަޅުއްވާ ބޭފުޅުން، ޚާއްސަކޮށް އާ ސަރުކާރުގެ ވަޒީރުން މި ކަންކަމާ މެދު ވިސްނައި ވަޑައިގެން ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނެކަމަށެވެ.
___________________________
ބައެއް ލަފުޒުގެ މާނަ:
މީޔާރު: އާންމު ހަމަ
ތަވާޒުނު: ވަކިކޮޅަކަށް ނުވަތަ ވަކި އަތަކަށް ބުރަނުވެ ހަމައަށް ހުންނަ ހުރުން ނުވަތަ އޮންނަ އޮތުން
ފަންނިއްޔާތު: (1) ސައިންސާއި ފަންނާއި ސިނާއަތު ފަދަ ރޮނގުރޮނގުން އިންސާނީ މުޖުތަމައަކަށް ލިބިގެންވާ ހުނަރާއި އިލްމު (2) ސައިންސާއި ފަންނާއި ސިނާއަތު ފަދަ ރޮނގުރޮނގުން އަމަލީ ބޭނުންތަކަށް އުފައްދާ އާލަތްތައް