އަބާ މުޙަންމަދު
4 އޭޕްރިލް 2025
ހައްދުންމަތީ މާވަށުން ފުރައިގެން ކޮޅުމަޑުލުން މާލެއަށް ދަތުރުކުރި [ހޮޅުދޫ ބޯޓު] ތ. ކަނޑޫދޫކައިރީން ރޯވެ އަނދައި ހުލިވި ޚަބަރު އެހީ އިއްޔެ ނޫން އިހައް ދުވަހު (ބުދަދުވަހުގެ ރޭގަނޑު)އެވެ. އެކެއްގެ ފުރާނަ ގެއްލި އެތައް ބަޔަކަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބުނު ހިތާމަވެރި ބިރުވެރި ހާދިސާއެކެވެ.
މި ހިތާމައިގައި އަޅުގަނޑުމެން ހިމޭނުންތިއްބައި ރޭ ފަތިހު އަޅުގަނޑުމެން ސިއްސުވައިލީ، 40 މީހުންގެ ޖާގައިގެ ލާންޗެއް، އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ބަނދަރުގައި އަނދައި ހުލިވި ޚަބަރެވެ. މި ފަހަރު އެންމެންގެ ފުރާނަ ސަލާމަތް ވިޔަސް މާލީ ގޮތުން މިއީ ކިހައި ބޮޑު ގެއްލުމެއްތޯއެވެ!
އއ. ހިމަންދޫ ބަނދަރުގައި (ފަޅުތެރޭގައި) އަޅައިފައިވާ "ކައެލް ވިންގް" ނަމަކަށް ކިޔާ މި ލާންޗު ވަނީ މުޅީން އަނދައި ހުލިވެފައެވެ. މި ހާދިސާ ހިނގި ވަގުތު ރަށުތެރެއަށް ވަރަށް ބާރު އެއްޗެއް ގޮވި އަޑެއް އިވުނު ކަމަބުނެވެއެވެ. އެއީ ރަށު ތެރެއިން އެއްޗެއް ގޮވި އަޑުކަމެއް ނުވަތަ ލާންޗުގެ އިންޖީނު ގޮވި އަޑުކަމެއް އަދި ކަށަވަރުވާ ގޮތެއް ނުވެއެވެ.
މި ހާދިސާ ރޭ ފަތިހު 5:30ގައި ފުލުހުންނަށް އަންގައި، އާންމުންނާއި ފުލުހުންނާއި ރަށު ކައުންސިލާ ގުޅިގެން ހެނދުނު 6:30 އެ ހައިކަން ހައި އިރު ވަނީ އަލިފާން ނިއްވައިލައިފައެވެ. ނަމަވެސް އަލިފާން ނިއްވައިލެވުނު އިރު ލާންޗުގެ ބޭނުމެއް ނެތެވެ.
މި ހާދިސާ ހިނގި ވަގުތު ލާންޗުގެ ކައްޕިއާއި ދެ ފަޅުވެރިއަކާއި ކުޑަކުއްޖަކު ލާންޗުގައި ތިބިކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ. ނަމަވެސް ފުލުހުންނާ ޙަވާލާދީ މީޑީއާ ރިޕޯޓުތައް ބުނާ ގޮތުގައި ﷲގެ ރަޙުމަތުގެ ސަބަބުން، މިއިން އެއްވެސް މީހަކަށް ބޮޑު ހާނީއްކައެއް ގެއްލުމެއް ލިބިފައެއް ނެތެވެ.
ލާންޗުގައި ފުރަތަމަ ރޯވެފައިވަނީ ލާންޗުގެ ފަހަތުން އިންޖީނާ ދިމާއިންކަމަށް މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެނެއެވެ. އަލިފާން ހިފި ވަގުތު ލާންޗުގެ ފަހަތުން ތަންގަނޑެއް ފަޅައިގެން ގޮސް ހުއްޓައި ފެނެއެވެ.
މި ލާންޗަކީ އެ އަތޮޅު ފެރިދުވާއި މާޅޮހާއި ހިމަންދޫން އެ ރަށްރަށުން މާލެއާ ދެމެދު ދަތުރުކުރާ ފެރީ ލާންޗެކެވެ.
މިއީ ކިހިނެއް ކޮން ސަބަބަކާ ހުރެ ހިނގި ހާދިސާއެއްކަމެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް މައްސަލަ އިތުރަށް ސާފުކުރުމަށް ޓަކައި މި ހާދިސާ ފުލުހުން ތަހުޤީޤުކުރައްވަމުން ގެންދަވާކަމަށް ޚަބަރު ލިބިފައިވެއެވެ.
މި ބާވަތުގެ ހިތާމަވެރި ޚަބަރުތައް ލިބުމުން ޚިޔާލަށް އަންނަނީ ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ތިބުމާއި، އިންޖީލުލީ އުޅަނދުފަދަ ތަކެތި ގެންގުޅެ ބޭނުންކުރާ އިރު، ފަރުވާތެރިވެ ސަމާލުކަން ދޭން ޖެހޭ ކަންތައްތަކެއް ހުންނަކަން އެނގުމަކީ މުހިންމު ކަމެއްކަމަށެވެ. މި ފަދަ ނުކުތާތަކަށް ސަމާލުކަން ދޭ ނަމަ، މި ފަދަ ހިތާމަވެރި ހާދިސާތައް ހިނގުން ހަމަ ގައިމު ވެސް މަދުވާނެކަން ކަށަވަރެވެ.
ދެ ލަފުޒެއްގެ މާނަ:
ތަހުގީގުކުރުން މ. ކަމެއްގެ ހަގީގަތް ހޯދައި ބެލުން
ލާންޗު ނ. ދުވެލި ބާރު ކަނޑުމަތީ އުޅަނދެއް. މީގެ ކުދި އެއްޗެއްސާއި ބޮޑެތި އެއްޗެހި ހުރެއެވެ.