ad_banner
ކުޅިވަރު މުބާރާތްތައް މެދުކަނޑައިލުމަށް ފަހު މިއަދު ވެސް މުޅި މާވަށް ހިތާމައިން ކަރުނައަޅަނީ!

ހުސައިން ނައުޝާދު

3 އޭޕްރިލް 2025

މާވަށުގެ ބަނދަރުމަތި: ހަމަހިމޭންކަމުގައި ކަރުނައަޅަނީ (ފައިލް ފޮޓޯ: މާޒީ)

މާވަށާއި މާލެއާ ދެމެދު ދަތުރުކުރާ މުދާ އުފުލާ ބޯޓެއްގައި އަލިފާން ރޯވެ އަނދައި ހުލިވެ، ރަށުގެ އަގުހުރި ޒުވާނަކު ގެއްލުމާ ގުޅިގެން މާވަށް އަދިވެސް އޮތީ ހަމަހިމޭންކަމުގައެވެ. މާވަށުގައި ފޯރިއާއެކު ކުޅެމުން ދިޔަ އީދުކުޅިވަރުތައް، ބޯޓުގައި އަލިފާން ރޯވެ އަނދަމުންދާ ޚަބަރު ލިބުމާއެކު، ހަމަވަގުތުން ހުއްޓައިލާން ކައުންސިލުން އަމުރުކުރިއެވެ. އެ ހުއްޓައިލި ގޮތަށް އަދިވެސް މާވަށް އޮތީ ހިމޭންކަމުގައެވެ.

އާދޭހެވެ! ހައްދުންމަތީ މާވަށާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓެއްކަމަށްވާ [ހޮޅުދޫބޯޓު] ތ. އަތޮޅު ހިރިލަންދޫން ފުރައިގެ މާލެއަށް މިސްރާބުޖަހައިފައި ވަނިކޮށް ރޭ އަނދައި ހުލިވި ހާދިސާއަކީ ހަމަގައިމު ވެސް މި އަހަރުގެ ތެރޭގައި ހިނގި އެންމެ ނުރައްކާތެރި ހާދިސާއެވެ. އެ ބޯޓުގައި އަލިފާން ރޯވިކަމަށް ބެލެވެނީ ގާތްގަނޑަކަށް ރޭ އެއްދަން ހުސްވެ ނުވައެއް ޖެހި ފަހުންނެވެ.  އަލިފާން ރޯވާން ދިމާވި ސަބަބެއްކަމަށް އަދި މައުލޫމާތު ލިބެނީ އިލެކްޓްރިކް ޖަނަރޭޓަރަށް ދިމާވި މައްސަލައެއްކަމަށެވެ.

ބޯޓު ވަނީ ރޭ މެންދަމުން އަލިވި ފަހުން އަޑިއަށް ގޮސްފައެވެ. އެތައް ބަޔެއްގެ ދިރިއުޅުމަށް ބޮޑު ގެއްލުމެއް ލިބުމާއެކީގައެވެ. އާދޭހެވެ! ބޯޓުގެ އަގު މިލިޔަނުންމިލިޔަނުން ވިޔަކުރާން ޖެހޭ އިރު، ހައްދުންމައްޗާއި ކޮޅުމަޑުލުން އެ ބޯޓަށް އަރުވައިފައި ހުރި މުދަލަކީ ވެސް މިލިއަނުން އަގުކުރެވޭނެ މުދަލެވެ.

މި ހުރިހައި ގެއްލުމަކީ ވެސް ހިތްވަރާ އެކު، ބުރަ މަސައްކަތުން އަނބުރައި ފޫބެއްދިދާނެ ގެއްލުންތަކެކެވެ. ނަމަވެސް ދުވަހަކު ވެސް އެ އުނިކަން ފޫނުބެއްދޭނެ ގެއްލުމަކީ ޒުވާން ފުރާނައެއް ގެއްލުމުގެ ހިތާމައެވެ. އެ ހާދިސާގައި ގެއްލި، މިހާރު ފެނުމުގެ އުންމީދު ވަރަށް ކުޑަވެފައިވާ ޒުވާން ޢަލީ މުޝްފިޤު ޝަރީފު ގެއްލުމަކީ މާވަށަށް ލިބުނު ވަރަށް ބޮޑު ގެއްލުމެވެ.

މުޝްފިގް ގެއްލުމުގެ ހިތާމަ މުޅި މާވަށުގައި ވެސް އެބަ އޮތެވެ. މުޅި ރަށް އޮތީ ހިމޭންވެފައެވެ. ކުރީން ވެސް ދެންނެވި ފަދައިން ބޯޓުގައި އަލިފާންރޯވި ޚަބަރު ލިބުމާ އެކު، ކުޅިވަރު މުބާރާތްތައް މެދުކަނޑައިލި ގޮތަށް ރައްޔިތުން ތިބީ ހިތާމައިގައެވެ. ބޯޓުން ސަލާމަތްކުރެވުނު މީހުން ރަށަށް ގެނެވެންދެން ރޭ ރަށުގެ ރައްޔިތުން ތިބީ ބަނދަރުމަތީގައެވެ. ލޮލުފިޔައެއްވެސްޖަހައިނުލައެވެ.

ޢަލީ މުޝްފިޤު ގެއްލުމަކީ މާވަށުން ހަމައެކަނި މީހެއް ގެއްލުމެއް ނޫނެވެ. ޢަލީ މުޝްފިޤު ގެއްލުމުގެ ހިތާމަ "ނުކުތާ" ނޫހާ ޙިއްސާކުރައްވަމުން މާވަށު ކައުންސިލުގެ ރައީސް އަލްފާޟިލް އަޙުމަދު މޫސާ ވިދާޅުވެފައިވަނީ ވަރަށް ބޮޑު ތެދެކެވެ. [އެ ގެއްލުނީ މާވަށު ހަމައެކަނި 'މީހެއް' ނޫނެވެ.] [އެއީ މާވަށުން ގެއްލުނު ޖަވާހިރެކެވެ.]

ތެދުފުޅެކެވެ! އެއީ ރީތި ރާގަށް ޤުރުއާން ކިޔަވާ ކުޅަދާނަ ޒުވާނެކެވެ. ހެޔޮލަފާ ޒުވާނެކެވެ. މުޞްޙަފުން ބޮޑު ބައެއް މިހާރު އޮތީ ހިތުން ދަސްކޮށްފައެވެ. މުޝްފިޤުގެ ބައްޕައަކީ މާވަށު [މަސްޖިދު ބިލާލު]ގެ އިމާމުކަމަށްވުމާ އެކު، ގިނަ ރޭރޭ ބައްޕަގެ ބަދަލުގައި ފަތިސްނަމާދު އިމާމުވެ ކޮށްދެނީ ވެސް މުޝްފިޤެވެ. އެއީ އޭނާގެ ޤުރުއާން ކިޔެވުން ރީތިވީމައެވެ. އޭނާގެ ޤުރުއާންކިޔެވުމަކީ ރައްޔިތުންގެ ގާތުގައި ވަރަށް މަޤުބޫލު ކިޔެވުމެކެވެ. އޭނާ ދުނިޔޭގައި ހުރި ނަމަ، ދާދި އަވަހަށް އޭނާ ޒުވާން ޚަޠީބަކަށާއި ޒުވާން އިމާމަކަށާއި ޒުވާން ޙާފިޡަކަށް ވީހެވެ. ޢަލީ މުޝްފިޤަކީ މަޑުމައިތިރި، ޚުލްޤު ހެޔޮ އަދި މީހުންނާ ގުޅޭ މިޒާޖުގެ ޒުވާނެކެވެ.

ބޯޓުން ދަތުރުކުރި 18 މީހުންގެ ތެރެއިން 17 މީހުން ހެޔޮ ޙާލުގައި ފެނު އިރު، މުޝްފިޤު އަދި ވަނީ ނުފެނިއެވެ. ދިރިހުއްޓައި ފެނުމުގެ އުންމީދު ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ. މި ހާދިސާ ހިނގިތާ މިހައި ގިނަ ވަގުތު ހޭދަވެފައިވުމާއެކު މިހާރު ބޮޑަށް ބެލެވެނީ އޭނާ ﷲގެ ރަޙުމަތަށް، ދެމި އޮތުމުގެ ޢާލަމަށް، ދަތުރުކުރީކަމަށެވެ.

މުޝްފިގް ދަތުރުކުރީ އޭނާގެ އެއްބަނޑު އެއްބަފައި ކޮއްކޮ އަޙުމަދު މިންޝާވީއާ އެކުގައެވެ. މިންޝާވީއާ ހަވާލާދީ، އެ ހާދިސާގެ މައުލޫމާތު ގާތުން ލިބި ހުރި، ތ. ކަނޑޫދޫ މީހަކު ކިޔައިދިން ގޮތުގައި ބޯޓުގައި ރޯވާން ފެށުމާ އެކު، ދެ ޒުވާނުން ވެސް ލައިފް ޖެކެޓެއް ހޯދައި ލިބިގަތެވެ. މިންޝާވީގެ ލައިފުޖެކެޓުގެ ތަންޑުތައް ރަނގަޅަށް އަޅުވައިލެވުނަސް މުޝްފިޤަށް ލައިފުކެޓު ނޭޅި އުޅެނިކޮށް ބޯޓުގެ ފަޅުވެރިޔަކު މުޝްފިޤުއަތުން އެ ލައިފުޖެކެޓު ޖަހައިގަތީއެވެ. އެ ވަރުން ވެސް މިންޝާވީއެއް އޭނާގެ ބޭބެ ދޫކޮށެއްނުލައެވެ. ދެބޭން ފުއްމައިލީ އަތުގައި ވެސް ހިފައިގެން އެކީގައެވެ. ދެބޭން ތީބީ ވެސް އެކީގައެވެ. 

ކަންދިމާވި ގޮތުން ދެބޭންނަށް ފުންމައިލެވުނީ ބޯޓުގެ ވައިދަށް ފަރާތަށެވެ. އެހެންކަމުން ބޯޓު ދިޔައީ ގަދަ އޮއިގައި އެ ދެބެއިންނާ ދިމާއަށް ލައްވަމުންނެވެ. މުޝްފިޤަށް ރަނގަޅަށް ފަތާން ނޭނގުމާ އެކު. ދިޔައީ ކޮއްކޮގެ ގައިގައި ހިފައި ސަލާމަތްވާން މަސައްކަތްކުރަމުންނެވެ. ކުއްލިއަކަށް ބޯޓު އައިސް ދެބެއިންގެ ގައިގައި ޖެހޭން ކައިރިވުމުން މިންޝާވީ ބޯޓުގައި ފައި ވިއްދައި ބޯޓުކޮއްޕައިލީއެވެ. އެ ހިސާބުން މުޝްފިޤަށް މިންޝާވީގެ ގައިން އަތްދޫވީއެވެ. އެހައި ތަނުން ދެބޭން ވަކިވީއެވެ. އޭގެ ފަހުން މުޝްފިޤުގެ ޚަބަރެއް ނޭނގެއެވެ. ރޭ ދަންވަރު މާވަށުން ފުރައިގެން، އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ދިޔަ ދެ ލާންޗުގައި ގޮސް ސަލާމަތުން ތިބި 17 މީހުން ވަނީ މާވަށަށް ގެންގޮސްފައެވެ. އެއިން ލާންޗަކުން އެ ސަރަހައްދަށް ދަތުރުކުރެއްވި (މުޝްފިޤުގެ ބައްޕަ) މުޙަންމަދު ޝަރީފު ވެސް ރޭ އެނބުރި މާވަށަށް ދުރުވިއެވެ.

"ހޮޅުދޫ ބޯޓް"ގައި ރޯވެފައިވާ އަލިފާން ނިއްވުމުގެ މަސައްކަތުގައި ތ. އަތޮޅު ޕޮލިސް އިސްޓޭޝަނުގެ ފަރާތުން ވަރަށް ބޮޑަށް އެހީތެރިވިކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަދި މިހައި ތަނަށް ނުފެނިވާ ޢަލީ މުޝްފިޤް ހޯދުމުގެ މަސައްކަތުގައި ވެސް ތ. އަތޮޅު ޕޮލިސް އިސްޓޭޝަނުގެ ފަރާތުން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑަށް ވަރަށް ބޮޑު އެހީތެރިކަމެއް ދެއްވަމުން އެބަ ގެންދަވާކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީއާއި "އެފްއައިސީ މާފަތް"އާއި "އެޗްޕީ 114"އާއި ޑައިވަރުންނާއި އެއަރ ކޯރގެ ޑްރޯންތަކާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ގުޅިގެން ޢަލީ މުޝްފިޤް ޝަރީފް ހޯދުމުގެ މަސައްކަތް، ކަނޑުމަތީންނާއި ޑައިވްކޮށްގެން އަދި ވައިގެ މަގުން، މިހާރު ވެސް ކުރަމުން އެބަ ގެންދެއެވެ.

ކޮމެންޓު