ad_banner
"އަހަންނަށް ތިޔަ ފައިސާގެ ބޭނުމެއް ނެތެވެ." - ސައީދު ބިން އަލްމުސައްޔިބު

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

3 އޭޕްރިލް 2025

ސައީދު ބިން އަލްމުސައްޔިބުގެ ޚިޔާލީ ކުރެހުމެއް

މިއީ ސައީދު ބިން މުސައްޔަބުގެ ވާހަކަ ކޮޅެކެވެ. ސައީދު ބިން މުސައްޔިބަކީ ކޮން ބޭކަލެއްހެއްޔެވެ؟ ސައީދު ބިން މުސައްޔަބީ ތާބިއީންގެ ބޭކަލެކެވެ. މުސްލިމުންގެ ދެވަނަ ޖީލުގެ ބޭކަލުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. މުސްލިމުންގެ ފުރަތަމަ ޖީލަކީ، އެންމެންނަށް ވެސް އެނގޭނޭ ފަދައިން، ސަލާމާއި ސަލަވާތްލެއްވި އިތުރު އެކަލާގެފާނާއި އެކަލޭގެފާނުންގެ އަސްހާބު ބޭކަލުންގެ ޖީލެވެ.

ސައީދު ބިން މުސައްޔިބު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރީ ސަނަތުން 15ވަނަ އަހަރު މަދީނާގައެވެ. އަވަހާރަވީ ހިޖުރައިން 94ވަނަ އަހަރު ހަމަ މަދީނާގައެވެ. ސައީދު ބިން އަލްމުސައްޔިބާ ބެހޭ ވާހަކަތައް، ތަބަރީގެ ތަބަގާތުގައްޔާއި ޛަހަބީގެ ސިޔަރަތު ފޮތުގައި ބަޔާންކުރެވިފައި ވެއެވެ.

ސައީދު ބިން މުސައްޔަބުގެ އުފަން ތާރީޚަށް ބަލައިލާ އިރު، އެނގެނީ އެ ދުވަސްވަރަކީ އުމުރުގެފާނުގެ ޚަލީފާވެރިކަމުގެ ދުވަސްވަރުކަމެވެ. އާދެ، ޚުލަފާއުއްރާޝިދީންގެ ދެވަނަ ޚަލީފާގެ ވެރިކަމުގެ ދުވަސްވަރެވެ. މި ހިސާބުން އިސްލާމީ ތާރީޚުގެ މައި އަސްރުތަކުގެ ވާހަކަ ނަންގަނެލާނަމެވެ. މައުލޫމާތަށް ޓަކައެވެ.

އިސްލާމީ ތާރީޚު ދިރާސާކުރާ އިރު، އެންމެ ފުރަތަމަ ބަލައިލެވެނީ ޖާހިލިއްޔަ ޒަމާނަށެވެ. އެއީ ސަލާމާއި ސަލަވާތްލެއްވި އިތުރު ރަސޫލާ ރަސޫލުކަމާއިގެން ވަޑައިގަތުމުގެ 150 އަހަރު ކުރީން ފެށިގެން، އެކަލޭގެފާނުގެ އިސްލާމީ ދައުވަތު ފެށުމާ ހަމައަށެވެ. ދެން، އައި ތޭވީސް އަހަރަކީ ނުބުއްވަތުގެ ނުވަތަ އެކަލޭގެފާނުގެ ނަބީކަމުގެ ދުވަސްވަރެވެ. ދެން، ހިޖުރައިން އެގާރަވަނަ އަހަރުން ފެށިގެން 40ވަނަ އަހަރާ ހަމައަށް އޮތީ ޚުލަފާއުއްރާޝިދީންގެ ދުވަސްވަރެވެ. އަބޫބަކުރުގެ ފާނާއި (ޚަލީފާކަން ކުރެއްވީ 11-13އަށް)، އުމަރުގެފާނާއި (ޚަލީފާކަން ކުރެއްވީ 13-22އަށް)، އުސްމާނުގެފާނާއި (ޚަލީފާކަން ކުރެއްވީ 22-36އަށް)، އަލީގެފާނުގެ (ޚަލީފާކަން ކުރެއްވީ 36-40އަށް) ޚިލާފަތުގެ ދުވަސްވަރެވެ. މި ދުވަސްވަރު ބެލެވެނީ އިސްލާމީ އުންމަތުގެ ވެރިކަން އިސްލާމީ އުސޫލުތަކާ އެއްގޮތަށް އޮތް ދުވަސްވަރު ކަމުގައެވެ. އަދި، ވަކިން ޚާއްސަ ގޮތެއްގައި ފުރަތަމަ ދެ ޚަލީފާއިންގެ ދުވަސްވަރެވެ. ފަހުގެ ދެޚަލީފާއިންގެ ދުވަސްވަރު، ދިމާވި ސިޔާސީ އަދި އިގުތިސާދީ ބައެއް ސަބަބުތަކާ ހުރެ އުންމަތް ބައިބައިވެ ގޮސް އަހުލީ ހަގުރާމަ ކުރެވުނެވެ.

އިސްލާމީ އުންމަތުގެ ބައިބައިވުން ނިމުމަކަށް އައީ މުއާވިޔަތުގެ ފާނުންގެ ޒައާމަތުގެ ދަށުގައި 40ވަނަ އަހަރު އުމަވީ ދަރިކޮޅުގެ ދައުލަތް ގާއިމުކުރެވިގެންނެވެ. މި ދައުލަތުގެ ވެރިކަމުގައި، އިސްލާމީ ވެރިކަމުގެ މަރުކަޒު، މަދީނާއިން ދިމިޝްގަށް ބަދަލުކުރެވުނެވެ. އުމަވީ ދަރިކޮޅުގެ ވެރިކަން 132ވަނަ އަހަރާ ހަމައަށް އޮތެވެ. ސާދަ ޚަލީފާއިން އެ ވެރިކަމުގައި ވެރިކަންކުރެއްވިއެވެ. މީގެ ތެރެއިން، 99ވަނަ އަހަރުން 101 އަހަރާ ހަމައަށް ވެރިކަން ކުރެއްވި އުމަރު ބިން ޢަބްދުލްޢަޒީޒުގެ ވެރިކަން ޚާއްސަ ގޮތެއްގައި ފާހަގަކުރެވި، އޭނާއަކީ ހެޔޮގޮތުގައި ވެރިކަން ކުރެއްވި، އެބަހީ އިސްލާމީ އުސޫލުތަކާ އެއް ގޮތަށް ވެރިކަންކުރެއްވި ޚަލީފާއެއްކަމުގައި ކަނޑައަޅައިލެވި، އޭނާއަކީ ފަސްވަނަ ޚަލިފާކަމުގައި ހިމަނައިލެވެއެވެ.

އުމަވީ ވެރިކަން 132ގައި ނިމުމަށް ފަހު، ދެން އައީ އައްބާސީ ދައުލަތުގެ ވެރިކަމެވެ. މި ވެރިކަން ހިޖުރީ ސަނަތުން 656އާ ހަމައަށް ދެމިގެން ދިޔައެވެ. މި ދަރިކޮޅުގެ ވެރިކަމުގެ މަރުކަޒު އޮތީ ބަޣުދާދުގައެވެ. އައްބާސީ ދައުލަތުގެ ދުވަސްވަރު، ވަކީން ޚާއްސަކޮށް އައްބާސީ ދައުލަތް ބަލިކަށިވެގެން އައުމާއި ވިދިގެން، އިސްލާމީ އުންމަތް ބައިބައިވާން ފެށިއެވެ. އިސްޕޭންގައި ވަކި އިސްލާމީ ދައުލަތެއް އުމަވީންގެ އަތްމަތީގައި ގާއިމުކުރެވުނެވެ. އަދި، އުތުރު އެފްރިކާއާއި ދެކުނު އިޓަލީގައި އަޣާލިބުންގެ ވެރިކަން ގާއިމުވެގެން ދިޔައެވެ. މީގެ އިތުރަށް ސަފަވީންގެ ވެރިކަމެއް ފާރިސްކަރާއިގައި ވެސް ގާއިމުވިއެވެ. އަދި ހަމަ އެހެންމެ، މިސުރުގައި ފާތިމީންގެ ދައުލަތެއް ވެސް ގާއިމުވެގެން ދިޔައެވެ.

އައްބާސީ ދައުލަތް ވެއްޓުމަށް ފަހު، ދެން ފެނިގެން ދިޔައީ ކުދިކުދި ވަކި އިސްލާމީ ދައުލަތްތަކެއް އުފެދިގެން ދިޔަތަނެވެ. މި ގޮތުން އެންމެ ބާރުގަދަ ބަޔެއްގެ ގޮތުގައި ފާހަގަކުރެވުނީ ބުވައިހިދުންނާއި ސަލްޖޫކީންނެވެ. ދެން، ސަލްޖޫކީންގެ ތެރެއިން، އިސްލާމީ އެންމެ ފަހުގެ ވަރުގަދަ ދައުލަތް އުފެދިގެން ދިޔައެވެ. މީލާދީ ސަނަތުން 1299 ފެށިގެން 1923ވަނަ އަހަރާ ހަމައަށް، - ހަސަތޭކަ އަހަރެއްހާ ދުވަހު - ދެމިއޮތް އުސްމާނީ ދައުލަތެވެ.

ޗާޓުގައި ގަދަ ފެހިކުލައިން ފާހަގަކުރެވެނީ އުމަވީ ދައުލަތް އޭގެ އެންމެ ބާރުގަދަ ގޮތުގައި އޮތް އިރު، އެ ދައުލަތުގެ ވެރިކަން ފެތުރިފައި އޮތް ތަންތަން އަންގައިދޭ ޗާޓެކެވެ.

އާދޭހެވެ! ދެން ސައީދު ބިން މުސައްޔިބުގެ ވާހަކައަށް އެނބުރިލަމާހެއްޔެވެ؟ ސައީދު އުފަންވެވަޑައިގަތީ ކުރީން ވެސް ނަންގަތްހެން، ޚުލަފާއުއްރާޝިދީންގެ ދުވަސްވަރުއެވެ. ހެޔޮ ގޮތުގައި ވެރިކަން ކުރެއްވި ވެރީންގެ ދުވަސްވަރުއެވެ. ނަމަވެސް އެކަލޭގެފާނު ބޮޑުފުޅުވެ، ކިޔަވައިވިދާޅުވެ، މަދީނާގެ ބޮޑެތި އިލްމުވެރީންގެ ތެރޭގައި ހިމެނި ވަޑައިގަތް އިރު (އެކަލޭގެފާނަކީ މަދީނާގެ ހަތް ފިގުހުވެރިންގެ ތެރެއިން އެއް ބޭކަލެވެ.) ވެރިކަންކުރައްވަމުން ގެންދެވީ އުމަވީ ދައުލަތުގެ ޚަލީފާއިންނެވެ. މި ޚަލީފާއިންގެ ތެރޭގައި، ސައީދު ދެކެވަޑައިގަތް ގޮތުގައި ހައްގަށް ނަސްރު ނުދެއްވާ ޚަލީފާއިން ތިއްބެވިއެވެ. އަދި އެ ފަދަ ޚަލީފާވެރި ބޭކަލުންނަށް ބައިއަތުހިފައި ތާއީދުކުރުން އޭނާ ހުއްޓަވައިލެއްވިއެވެ.

ސައީދު ބިން މުސައްޔިބު ބައިތުހިއްޕެވުމުން ދުރުވެވަޑައިގެން، އެ ޚަލީފާވެރި ބޭކަލުންނަށް ތާއީދުނުކުރައްވާން ނިންމެވި ޚަލީފާއިންގެ ތެރޭގައި ޔަޒީދު ބިން މުއާވިޔަތާއި އަބްދުﷲ ބިން ޒުބައިރާއި އަލްވަލީދު ބިން މަރުވާނާއި އަދި ސުލައިމާނު ބިން މަރުވާން ހިމެނިވަޑައިގަތެވެ. އަދި އެ ކަމަށް ސައީދު އުޒުރުދެއްކެވިއެވެ. އިސްލާމީ އުސޫލުތަކާއި އެ ބޭކަލުންގެ ވެރިކަންކުރެއްވުނު ދުރުވުމެވެ. އަދި، އޭގެ ތެރެއިން ބައެއް ބޭކަލުންނީ، ސައީދު ދެކިލެއްވި ގޮތުގައި، ވެރިކަން ކުރުމުގެ އަހުލުވެރި ބަޔަކަށް ވެސް ނުވުމެވެ.

މި ކަމުގެ ސަބަބުން، ސައީދު ބިން އަލްމުސައްޔިބަށް ތަފާތު އަނިޔާތައް ކުރެވުނެވެ. އޭނާގެ ގައިކޮޅުގައި ތެޅުނެވެ. ޖަލުގައި ބަންދުކުރެވުނެވެ. އަދި، ޔަޒީދުގެ ލަޝްކަރުގެ ވެރިޔާއާއި އަލްވަލީދު ބިން އަބްދުލްމަލިކު ސައީދު އަވަހާރަކޮށްލާން ވެސް ނިންމެވިއެވެ. ނަމަވެސް، މަދީނާގެ މީހުން އެ ކަމަށް ހުރަސްއެޅުމުން އެ ކަން ނުވީއެވެ.

ސައީދު ބިން އަލްމުސައްޔިބުގެ ތާއީދު ހޯދުމުގެ ގޮތުން އެހެން ކަންތައްތައް ވެސް ކުރެވުނެވެ. ޚަލީފާވެރި ބޭކަލެއްގެ ދަރިކަލަކާއި ސައީދުގެ އަންހެން ދަރިކަނބަލަކާ ކައިވެނީގެ ގޮތުން ގުޅުވޭތޯ މަސައްކަތްކުރެވުނެވެ. ނަމަވެސް، މި ކަމަށް ވެސް ސައީދު އިންކާރުކުރެއްވިއެވެ. ދެން، އެކި ފަހަރު މަތިން، ފައިސާގެ އަދަދުތައް ވެސް އޭނާއަށް ހުށަހެޅުނެވެ. މި އަދަދު، ތިރީހަކަށް ހާސް ދީނާރަށް އެރިކަމަށް ބުނެވެއެވެ. ނަމަވެސް، އެ ފައިސާއަށް ހިއްޕެވުމަށް ވެސް އިންކާރުކުރައްވައި އޭނާގެ މަޝްހޫރު ބަސްފުޅު ސައީދު ވިދާޅުވިއެވެ. [އަހަންނަކަށް ތިޔަ ފައިސާގެ ބޭނުމެއް ނެތެވެ.]

ސައީދު އަލްމުސައްޔިބަކީ ފަހަރެއްގައި ވެސް، ވެރިކަމާ އިދި ކޮޅަށް ބަޣާވަތެއް ހިންގަވާން އުޅުއްވި ބޭކަލެއް ނޫނެވެ. ނަމަވެސް، ބާތިލުކަންތަކާއި އަނިޔާވެރިކަމަށް ތާއީދުކުރުމަކީ އޮތް ގޮތެއް ނޫންކަން، ފިސާރި ކެރި ހުންނަވައިގެން، އޭނާ ސާބިތުކޮށްދެއްވިއެވެ. ހައްގަކީ ހައްގުކަން ދެކެވަޑައިގެން، އެ ގޮތުން އޭނާ އެއްކިބާވެއްޖެ ނަމަ، އޭނައަކީ އާންމު މީސްތަކުން މިސާލެއްގެ ގޮތުގައި ދެކޭ ބޭކަލަކަށް ވެފައި އޮތުމުން، މީސްތަކުންނަށް ވެސް ހައްގާއި ބާތިލު އޮޅިގެން ދާނޭކަން އޭނާ ވިދާޅުވެފައި އޮވެއެވެ.

ސައީދު ބިން އަލްމުސައްޔިބުގެ ސިޔަރަތުން އަޅުގަނޑުމެންނަށް ލިބެނީ ކޮން ފިލާވަޅެއްހެއްޔެވެ؟ އޭނާގެ ސިޔަރަތުން އަޅުގަނޑުމެންނަށް ފެންނަނީ ހައްގު ގޮތުގައި ފައިތިލަ ސާބިތުކޮށްގެން ހުރުމުގެ މަތިވެރި ރީތި މިސާލެކެވެ. ހުރިހައި ހާލަތެއްގައި ވެސް، އޭނާ ގަބޫލުފުޅުކުރައްވާ އުސޫލުތަކަށް ތަބާވެ ހުންނެވި، ކެތްތެރި ނަމޫނާ ވެރި ބޭކަލެކެވެ. އާދޭހެވެ! އޭނާގެ ސިޔަރަތުން ފެނިގެންދަނީ ރިވެތި އުސޫލުތަކަށް ތަބާވެގެން، ހައްގު ގޮތުގައި ތިބުމަށް ހިތްވަރު ލިބޭ އަގުހުރި ފިލާވަޅެކެވެ.

ކޮމެންޓު