އަބާ މުޙަންމަދު
2 އޭޕްރިލް 2025
ދުނިޔޭގެ މަސްރަޙުން ލިބޭ ޚަބަރުތަކަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅުން ހަނދުމަފުޅުހުންނާނޭ ފަދައިން އީރާނުން އެ މީހުންގެ މަދަނީ ބޭނުންތަކަށް ޔޫރޭނިއަމް ފައްކާކުރާން ފެށުމުން އެއީ ނިޔުކްލިޔަރު ހަތިޔާރުއުފައްދާން ކުރާ ކަމެއްކަމަށް ތުހުމަތުކޮށް، އީރާނާ ވާހަކަދައްކައިގެން އެ ކަމާ ބެހޭ އެއްބަސްވުމެއް އެކުލަވައިލައިފައި ވެއެވެ. މި އެއްބަސްވުމުގައި ބައިވެރިވީ ހުޅަނގުގެ ނަގައިކިޔާ ގައުމުތަކާއި އެމެރިކާއާއި އީރާނެވެ.
އީރާނުން މި ކަމަށް އެއްބަސްވީ އެ ގައުމާ ދެކޮޅަށް ހުޅަނގާއި އެމެރިކާއިން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބޮޑު ލުޔެއް ލިބޭތީއެވެ. އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ ގޮތުން މި އެއްބަސްވުން އެކުލަވައިލީ 2015ވަނަ އަހަރުގެ ތެރޭގައެވެ. މި އެއްބަސްވުމަށް އީރާނުންނާއި ދުނިޔޭގެ ގައުމުތަކުން ގެންދިޔައީ ޢަމަލުކުރަމުންނެވެ. ނިޔުކުލިޔަރު ހަކަތައާ ބެހޭ ބައިނަލްއަގުވާމީ އިދާރާތަކުން އީރާނަށް އައިސް އެ މީހުންގެ މަސައްކަތްތައް ގެންދިޔައީ މުރާގަބާކުރަމުންނެވެ. ނަމަވެސް، އެމެރިކާއިން އެ އެއްބަސްވުމާ ޚިލާފުވެ، 2018ވަނަ އަހަރު ވަނީ އެ އެއްބަސްވުމުން އަމިއްލައަށް ނުކުމެ ޢަމަލުކުރުން ހުއްޓައިލައިފައެވެ. އެއީ، ޓުރަންޕުގެ ވެރިކަމުގެ ކުރީގެ ދައުރުގައެވެ. އެއަށްފަހު، ޓުރަންޕު ވަނީ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ. މި ކަމުގެ ނަތީޖާއެއްގެ ގޮތުން އީރާނުން ވަނީ ނިއުކްލިޔަރު ޕުރޮގުމާރުގެ ދަށުން ޔުރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތްތައް އެތައް ގުނައަކަށް ފުޅާކޮށްފައެވެ. މި ކަމާ އިސްރާއީލާއި އެމެރިކާގެ އިތުރަށް ހުޅނގުން ވެސް މޭކެރިއެވެ.
އެމެރިކާއާއި ހުޅަނގުން އީރާނާ ދެކޮޅަށް އެޅި މި ހަރުކަށި ފިޔަވަޅުތައް މިހެން އޮއްވައި، ޓުރަންޕު ދެވަނަ ފަހަރަށް ވެރިކަމަށް އައެވެ.
ވެރިކަމަށް އައިސް އަލުން އޭނާ ބުނާ ގޮތަކަށް ނިޔުކްލިޔަރުގެ އެއްބަސްވުމެއް އެކުލަވައިލައި އޭގައި ސޮއިކުރާން އީރާނަށް ޓުރަންޕު ހުށަހެޅިއެވެ. އަދި އެމެރިކާއާ އެކު، މި ކަމުގެ ރަސްމީ ވާހަކަތަކެއްދައްކާން ވެސް އެދުނެވެ. އެ ޕުރޮގުރާމާ ގުޅޭ ގޮތުން އެމެރިކާއާ އެކު އެއްބަސްވުމެއް އެކުލަވައިލުމަށް ދެ ޤައުމުގެ ދެމެދުގައި ސީދާ މަޝްވަރާތައް ބާއްވާން ހުށަހަޅައި، މާރިޗު މަހުގެ ކުރީކޮޅު ޚާމަނާޢީއަށް ޓުރަންޕު ވަނީ ސިޓީއެއް ވެސް ފޮނުވައިފައެވެ. އަދި، އެ ކަމާ މެދު ގޮތެއް ނިންމާން ދެ މަސް ދުވަހުގެ މުއްދަތެއް ވެސް ދިނެވެ.
ޓުރަންޕުގެ މި ހުށަހެޅުމަށް އީރާނުން ބުނީ ކަނޑައެޅިގެން ނޫނެކޭއެވެ. ސަބަބަކީ އީރަށް އެކި ފާޑުގެ ފުރައްސާރަކުރަމުން ދަތިކުރުމުގެހަރުކަށި ފިޔަވަޅުތައް އަޅައިގެން އެ ކަން ދަމަހައްޓައިގެން އޮތް އެމެރިކާއާ އީރާނުން ވާހަކަދައްކާން ޖެހޭ ސަބަބެއް ނެތީމައެވެ.
އެމެރިކާ ހިތުން އެމެރިކާއަކީ ދުނިޔޭގެ ވެރިޔާއެވެ. އެހެންވެ އެމެރިކާއިން ހުށައަޅާ ހުށަހެޅުމަކަށް ކޮންމެ ގައުމަކުން ވެސް އާނއެކޭ ބުނާން ޖެހޭނެއެވެ. އެހެންކަމުން އީރާނުން ދިން ޖަވާބަކީ އެމެރިކާ ނިކަމެތިކޮށްލުމުގެ އިޖާބައެއްކަމަށް ބަލައި، ޓުރަންޕު ރުޅިގަދަވެގެން ވަނީ އީރާނަށް ހަރުކަށި އިންޒާރުތަކެއް މި ހުސްވި މާރިޗު މަހުގެ 30ވަނަ ދުވަހު ދީފައެވެ.
ޓުރަންޕު ބުނީ އޭނަ ހުށަހަޅައިފައިވާ އެއްބަސްވުމުގައި އީރާނުން ސޮއިނުކޮށްފި ނަމަ، އީރާނަށް ބޮންއަޅާނެކަމަށެވެ. ބޮމުގެ ވަރުގަދަ ޙަމަލާތަކެއް އީރާނަށް ދޭނެކަމަށެވެ. އަދި މިއީ އީރާނަށް ދުވަހަކު ވެސް ފެނިފައިނުވާ ފަދަ ނުރައްކާތެރި ބޮމުގެ ޙަމަލާއަކަށް ވާނޭކަމަށް ވެސް އޭނާ ބުންޏެވެ. އަދި، އެ ޤައުމާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް ހަރުކަށިކުރާނެކަމަށް ވެސް ވަނީ ބުނެފައެވެ.
ޓުރަންޕުގެ މި ހަރުކަށި އިންޒާރުތަކާ ގުޅިގެން އީރާނުން ހީކަރުވައެއްނުގަތެވެ. އެމެރިކާއިން އީރާނަށް ޙަމަލާދީފި ނަމަ، އޭގެ ބަދަލު ހިފުމުގެ ގޮތުން އެމެރިކާއަށް ނުރައްކާތެރި ޙަމަލާތަކެއް ދޭނެ ކަމަށް އީރާނުގެ އެންމެ މަތީ ވެރިޔާ، ރޫޙީ އިސްވާރު އާޔަތުالله ޢަލީ ޚާމަނާޢީ އެމެރިކާއަށް ރައްދުދެއްވައި ވަރުގަދަ އިންޒާރެއް ދެއްވިއެވެ. ޓުރަންޕުގެ އިންޒާރަށް ރައްދުދެއްވައި ވާހަކަފުޅުދައްކަވަމުން ޚާމަނާޢީ ވިދާޅުވެފައިވަނީ، އެމެރިކާގެ އަސްކަރިއްޔާއިން ޓުރަންޕުގެ އިންޒާރާ އެއް ގޮތަށް އަމަލުކޮށް، އީރާނަށް ބޮންއަޅާން ފަށައިފި ނަމަ، އެމެރިކާއާ ދެކޮޅަށް އީރާނުން ވެސް ނުރައްކާތެރި ޙަމަލާތަކެއްދޭން ފުރިހަމައަށް ތައްޔާރީ ޙާލަތުގައި އީރަން އޮތް ކަމަށެވެ. މި ކަން ހާމަކޮށް، އީރާނުން ވަނީ ސްވިޓްޒަލެންޑަށް އިންޒާރުގެ ސިޓީއެއް ރައްދުކޮށްފައެވެ. އީރާނާއި އެމެރިކާއާ ދެމެދު މިހާރު ހިނގަމުންދާ ނުރަސްމީ މަޝްވަރާތަކުގައި ސްވިޓްޒަލެންޑުން ދަނީ މެދުވެރިއެއްގެ ދައުރު އަދާކުރަމުންނެވެ.
"އެމެރިކާއާއި އިސްރާއީލުގެ އަދާވާތްތެރިކަން [އީރާނަށް] އަބަދު ވެސް އޮވޭ. އަޅުގަނޑުމެންނަށް [އީރާނަށް] ޙަމަލާދޭނެކަމަށް އެ މީހުން ގެންދަނީ އިންޒާރުދެމުން. ނަމަވެސް އެއީ ކުރެވިދާނެ ކަމެއްކަމާ މެދު ޝައްކު. ނަމަވެސް އެ މީހުން އެ ފަދަ ނޭއްގާނި ކަމެއް ކޮށްފި ނަމަ، އޭގެ ބަދަލުހިފާނަން. އަދި، ފާއިތުވި އަހަރުތަކޭ އެއް ފަދައިން އީރާނުގެ އެތެރޭގައި ހަމަނުޖެހުން އުފައްދާން މަސައްކަތްކޮށްފި ނަމަ، އެ ކަމާ ދެކޮޅަށް އީރާނުގެ ރައްޔިތުން ތެދުވެ، ފިޔަވަޅުއަޅާނެ!....." ޚާމަނާޢީ ވިދާޅުވިއެވެ.
އެމެރިކާއާ އެކު، ސީދާ މަޝްވަރާތައް ބޭއްވުމަށް ހުށަހަޅައިފައިވާ ދަޢުވަތަށް އީރާނުން ވަނީ ނޫނެކޭ ބުނެ އެ ދައުވަތަށް ރައްދުދީފައެވެ. އެމެރިކާއާ އެކު ސީދާ މަޝްވަރާތައް ބޭއްވުމަކީ އެ ޤައުމުގެ ސިޔާސަތެއް ނޫންކަމަށާއި، ސަބަބަކީ، އީރާނާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކާއި، އެ ޤައުމަށް ޙަމަލާދޭނެކަމުގެ އިންޒާރުތައްކަމުގައި ވެސް އީރާނުން ބުންޏެވެ. އަދި، އެމެރިކާއާ އެކު، މަޝްވަރާތަކުގައި ބައިވެރިވާނީ އެ ހާލަތު ބަދަލުކޮށްފި ނަމަކަމުގައި ވެސް އީރާނުން ހާމަކުރިއެވެ.
މާރިޗު 30ވަނަ ދުވަހު ވާހަކަފުޅު ދައްކަވަމުން އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން ވެސް ވަނީ މި ސިޔާސަތު ތަކުރާރުކުރައްވައިފައެވެ. "އެމެރިކާއާ އެކު ސީދާ މަޝްވަރާތައް ބޭއްވުމަށް ވާނީ [އީރާނުން] އިންކާރު ކޮށްފައި. ނަމަވެސް [އެހެން ބަޔަކު މެދުވެރިކޮށްގެން] ނުސީދާކޮށް ބާއްވަމުންދާ މަޝްވަރާތަކުގައި އީރާނުން ގެންދަނީ އަބަދު ވެސް ބައިވެރިވަމުން. އަދި މިހާރު، އެންމެ މަތީ ވެރިޔާ [ޚާމަނާއީ] ވަނީ ނުސީދާކޮށް މަޝްވަރާތައް ކުރިއަށް ގެންދަވާނެކަން ފާހަގަކުރައްވައިފައި"ކަމަށް ރައީސް މަސްޢޫދު ވިދާޅުވިއެވެ.
އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބުޣާއީ ވެސް ވަނީ ޓުރަންޕުގެ އިންޒާރުތަކާ ދެކޮޅަށް ވާހަކަފުޅުދައްކަވައިފައެވެ. "[މިނިވަން] ޤައުމަކަށް ބޮންއަޅައި ޙަމަލާދޭނެކަމުގައި އެހެން ދައުލަތެއްގެ ވެރިޔަކު ބުނުމަކީ ބައިނަލްއަޤުވާމީ ސުލްޙައާއި ހަމަޖެހުމުގެ ޤަދަރު ކެނޑުމުގެ [ގާނޫނާ ޚިލާފު] ޢަމަލެއް. ހަމަނުޖެހުމަކުން އުފަންކުރެވޭނީ އިތުރު ހަމަނުޖެހުން. ސުލްޙަ ޤާއިމުކުރެވޭނީ ސުލްޙައިން." އޭނާ ވިދާޅުވިއެވެ.
އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ގެ ވައިގެ ސިފައިންގެ ކޮމާންޑަރު އަމީރު ޢަލީ ޙާޖީޒާދާ ވެސް ވަނީ އެމެރިކާއަށް އިންޒާރު ދެއްވައިފައެވެ. "މި ސަރަޙައްދުގައި [މެދުއިރުމަތީގައި] އެމެރިކާގެ 10 ވަރަކަށް އަސްކަރީ މަރުކަޒު ގައިމުކޮށްފައި އެބަ އޮވޭ. އެ ތަންތަނުގައި ބައިލައްކައްހާ ސިފައިން ތިބޭ"ކަން ފާހަގަކުރައްވައި އޭނާ ވަނީ "ބިއްލޫރި ގެއެއްގައި ތިބެގެން އެހެން މީހުންނާ ދިމާއަށް ގާއުކުމަކީ ބުއްދިވެރިކަމެއްނޫން"ކަމަށް ވިދާޅުވެ އެމެރިކާއަށް އިންޒާރުގެ މެސެޖެއް ދެއްވައިފައެވެ.
ޓުރަންޕުގެ ބިރުދެއްކުމުގެ ބަސްތަކާއި އިންޒާރަށް ރޫސީވިލާތުން ވެސް ވަނީ ރައްދުދީފައެވެ. އީރާނާއި އެމެރިކާއާ ދެމެދު، ހަނގުރާމައެއް ފެށިދާނެ ފަދަ މޭރުމަކުން އެތައް ބައިވަރު އިންޒާރުތަކެއް ދެވެމުންދާ މި ދުވަސްވަރު، ރޫސީ ނާއިބު ޚާރިޖީ ވަޒީރު ސަރްގިއޭ ރިއަބްކޯފު އިންޒާރުކޮށްފައިވަނީ އީރާނުގެ ނިޔުކުލިޔަރު ބިނާރަށް އެމެރިކާއިން ހަމަލާދިނުމަކީ އެމެރިކާއިން ހީނުކުރާ ފަދަ ނުރައްކާތެރި ނަތީޖާއަކާ ކުރިމަތިލާން ޖެހިދާނެ ކަމެއްކަމަށެވެ.
އީރާނާއި އެމެރިކާއާ ދެމެދު ހަނގުރާމައެއް ފެށިދާނެ ފަދަ ނުތަނަވަސްކަމެއް މިހާރު ވަނީ އުފެދިފައެވެ. އެއް ގައުމުން އަނެއް ގައުމަށް ދޫދިނުމެއް ނެތި ގެންދަނީ ކޮންމެ ދުވަހަކު ވެސް ރައްދު ދެމުންނެވެ. ނަތޖާއަކީ ކޮބައިބާވައެވެ؟؟؟!!!
ލަފުޒެއްގެ މާނަ:
ބިނާރު ނ. ގައުމަކަށް ނުވަތަ ރަށަކަށް ނުވަތަ ސަރަހައްދަކަށް ބޭނުންވާ މާއްދީ ތަރައްގީގެ އަސާސީ އޮނިގަނޑު. މީގެ ތެރޭގައި މަގުތަކާއި އިމާރާތް ތަކާއި ބަނދަރުތަކާއި ކަރަންޓު ނިޒާމު ފަދަ މި ބާވަތުގެ ހުރިހާ ޚިދުމަތްތަކެއް ދިނުމަށްޓަކައި ގާއިމްކުރާ މާއްދީ ވަސީލަތްތައް ހިމެނެއެވެ.