އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
1 އޭޕްރިލް 2025
ރަމަޟާން މަހުގެ ފަރުޟު ރޯދަހިފުމަށް ފަހު ޝައްވާލު މަހުގައި ހަރޯދަ ހިފުމަކީ ސުންނަތްކަން ގަދަވެގެންވާ އަޅުކަމެކެވެ. އެއީ މުއުމިނުންނަށް ހެޔޮ ޢަމަލުތަކުގައި ކުރިއަށް ދިޔުމަށް ޓަކައި މާތްﷲ ދެއްވައިފައިވާ އިތުރު ފުރުޞަތެކެވެ. އެކަލާނގެ އެދިވޮޑިގަންނަވަނީ އެކަލާނގެ އަޅުން އެކަލާނގެއަށް އަޅުކަންކުރުން މަތީ އަބަދުވެސް ދެމި ތިބުމަށެވެ. ލޮބުވެތި ރަސޫލާ ޝައްވާލު މަހުގެ ހަރޯދަ ހިފުމަށް ހިތްވަރުދެއްވަމުން އެ ކަމަށް ޝައުޤުވެރިކުރައްވަމުން ޙަދީސްކުރެއްވިއެވެ. (( مَن صامَ رَمَضانَ ثُمَّ أتْبَعَهُ سِتًّا مِن شَوّالٍ، كانَ كَصِيامِ الدَّهْرِ.[1] ރަމަޟާންމަހު ރޯދަހިފައި އެ ކަމާ ވިދިގެން ޝައްވާލު މަހުން ހަ ދުވަހު ރޯދަހިފި މީހާ މުޅި އަހަރު ރޯދަހިފި ފަދައެވެ.)) ކިހައި ބޮޑު ސަވާބެއްތޯއެވެ؟
މުޅި އަހަރު ރޯދަހިފި ފަދައެވެ.
1- ހަރޯދައަކީ މާތް ﷲ ރަމަޟާން މަހުގައި ރޯދަހިފުމުގައި ދެއްވި ހެޔޮ ތައުފީޤަށް ޝުކުރު އަދާކުރުމެކެވެ. އެއީ އަޅާ އޭނާގެ ވެރިރަސްކަލާނގެ ދެކެ ލޯބިވާ ކަމުގެ ދަލީލެކެވެ. އެއީ ޞާލިޙު ޢަމަލުތަކުގެ މަގުގައި ކުރިއަށް ދިޔުމަށް އޭނާ ޢަޒްމު ކަނޑައަޅައިފައިވާ ކަމުގެ ހެއްކެކެވެ. ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި ރަމަޟާންމަހު ފަރްޟު ރޯދަހިފުމަށް ފަހު ރޯދަހިފުން މަތީ ދެމި ހުރުމަކީ އޭނާ ރަމަޟާންމަހު ހިފި ރޯދަތައް ﷲ ތަޢާލާ ޤަބޫލުކުރެއްވި ކަމުގެ ޢަލާމާތެކެވެ. މިއާ ޚިލާފަށް ހެޔޮ ކަމެއް ކުރުމަށް ފަހު ނުބައި ކަމެއް ކުރުމަކީ އެ ކުރި ހެޔޮކަން ﷲ ބަލައިނުގަންނަވާ ކަމުގެ އިޝާރާތެކެވެ.
2- ﷲ ތަޢާލާގެ ބަސްފުޅުތަކަށް ބަލާއިރު ރަމަޟާންމަހު ރޯދަހިފުމަށް ފަހު އެކަލާނގެއަށް ޝުކުރުކުރުމަށް ވަނީ އަމުރުކުރައްވައިފައެވެ. ހަރޯދައަކީ ﷲއަށް އަދާކުރަން އަންގަވައިފައިވާ މި ޝުކްރު އަދާކުރުމެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((وَلِتُكَبِّرُوا۟ ٱللَّهَ عَلَىٰ مَا هَدَىٰكُمْ وَلَعَلَّكُمْ تَشْكُرُونَ[2] - އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް اللَّه އަށް تكبير ކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔަބައިމީހުން (އެކަލާނގެއަށް) شكر ވެރި ވުމަށްޓަކައެވެ.))
3- ހަރޯދައަކީ ރަމަޟާން މަހު ހިފި ފަރްޟު ރޯދައިގައި ޖެހުނު ކިލާތަކާއި ލައްގަނޑުތަކުން އެ ރޯދަތައް ސާފުކޮށް ޠާހިރުކޮށްދޭނެ ބުރާސޯއެކެވެ. ކައްފާރާއެކެވެ. އެއީ ފަރްޟު ފަސްނަމާދުގެ ރަވާތިބު ސުންނަތްތަކާ އެއްފަދަ ކަމެކެވެ.ކީރިތި ރަސޫލާ ﷺ ބަސްފުޅުތަކުން އެކަން ވަރަށް ސާފުކޮށް އެނގެއެވެ.އެކަލޭގެފާނު ޙަދީސް ކުރެއްވިއެވެ. (( إنَّ أوَّلَ ما يُحاسَبُ بِهِ العبدُ يومَ القيامةِ من عملِهِ صلاتُهُ، فإن صلُحَتْ فقد أفلحَ وأنجحَ، وإن فسدَت فقد خابَ وخسرَ، وإن انتقَصَ من فريضتِهِ، قالَ اللَّهُ تعالى انظُروا لِعَبدي من تطوُّعٍ يُكَمَّلَ به ما انتَقصَ منَ الفريضةِ، ثمَّ يَكونُ سائرُ عملِهِ عَلى ذلِكَ[3] -ހަމަކަށަވަރުން ޤިޔާމަތްދުވަހުން އަޅާގެ ޢަމަލުތަކުގެ ތެރެއިން އެންމެ ފުރަތަމަ ހިސާބު ބެލެވޭނީ އޭނާގެ ނަމާދެވެ.ނަމާދު ރަނގަޅުވެއްޖެނަމަ ހަމަކަށަވަރުން އޭނާއަށް ކާމިޔާބު ލިބި ނަޖާވެވިއްޖެއެވެ.ނަމާދު ނުރަނގަޅުވެއްޖެނަމަ ނާއުންމީދުވެ ގެއްލުން ލިބިއްޖެއެވެ.އޭނާގެ ފަރްޟުތަކުން އެއްޗެއް އުނިވެފައިވާނަމަ ﷲ ތަޢާލާ ވަޙީކުރައްވާނެތެވެ.ތިޔަބައިމީހުން އޭނާގެ ފަރްޟު ކަންތަކުގައި ހުރި އުނިކަންތައްތައް ފޫބައްދައިދޭނެ ސުންނަތް ނަމާދެއް ކޮށްފައިވޭތޯ ބަލާށެވެ!އެއަށްފަހު އޭނާގެ އެހެން ޢަމަލުތަކާ މެދު ވެސް މި މޭރުމުން ޢަމަލުކުރެވޭނެއެވެ.))
4- ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި ރަމަޟާންމަހު ފަރްޟު ރޯދަހިފުމަށް ފަހު ރޯދަހިފުން މަތީ ދެމި ހުރުމަކީ އޭނާ ރަމަޟާންމަހު ހިފި ރޯދަތައް ﷲ ތަޢާލާ ޤަބޫލުކުރެއްވި ކަމުގެ ޢަލާމާތެކެވެ. މިއާ ޚިލާފަށް ހެޔޮ ކަމެއް ކުރުމަށް ފަހު ނުބައި ކަމެއް ކުރުމަކީ އެ ކުރި ހެޔޮކަން ﷲ ބަލައިނުގަންނަވާ ކަމުގެ އިޝާރާތެކެވެ.
5- ހަރޯދައަކީ ރަމަޟާންމަހު ރޯދަހިފުމަށް ފަހު ކުރެވިދާނެ ހެޔޮ ޢަމަލުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު އެއް އަޅުކަމެވެ. ކީރިތި ރަސޫލާގެ ޢަމަލުފުޅުތަކަށް ބަލާއިރު އެއީ ދާއިމީ ކަމެކެވެ. އެކަލޭގެފާނު އެއްވެސް އަޅުކަމެއް މެދުކަނޑުއްވައެއްނުލައްވައެވެ. އެކަލޭގެފާނުގެ ޢަމަލުފުޅުތަކާ ބެހޭގޮތުން އައްސައްޔިދާ ޢާއިޝަތުގެފާނަށް ދެންނެވުމުން އެކަމަނާ ވިދާޅުވި ގޮތުގައި އެކަލޭގެފާނު ވަކި ކަމެއް ވަކި ދުވަހަކަށް ޚާޢްޞައެއް ނުކުރައްވައެވެ. ((هلْ كانَ رَسولُ اللَّهِ ﷺ يَخْتَصُّ مِنَ الأيّامِ شيئًا؟ قالَتْ: لا، كانَ عَمَلُهُ دِيمَةً[4] – ރަސޫލާ ﷺ އެއްވެސް ކަމެއް ވަކި ދުވަހަކަށް ޚާޢްޞަ ކުރެއްވިތޯއެވެ؟ ވިދާޅުވިއެވެ. ނޫނެކެވެ. އެކަލޭގެފާނުގެ ޢަމަލުފުޅުތަކަކީ ދާއިމީ ކަމެކެވެ.))
ހަރޯދައިގެ ޙުކުން
އިސްވެ ބަޔާންކުރި ޙަދީސުން އެނގޭގޮތުގައި ޝައްވާލު މަހުގެ ހަ ރޯދައަކީ ވަރަށް މުސްތަޙައްބު ސުންނަތެކެވެ. ރަމަޟާން މަހުގެ ރޯދައަށް ފަހު ޝައްވާލު މަހު ހަ ދުވަހު ރޯދަހިފުމުން އޭނާއަށް ޖުމްލަ 36 ރޯދަ ނުވަތަ 35 ރޯދަ ހިފުނީއެވެ. ކޮންމެ ހެޔޮ ޢަމަލަކަށް 10 ހެޔޮކަމުގެ ސަވާބު ދެއްވާތީ އެއީ 360 ނުވަތަ 350 ހެޔޮ ޢަމަލެވެ. މުޅި އަހަރު ރޯދަހިފުމޭ ޙަދީސްކުރެއްވީ މިހެންވެގެންނެވެ.
ޝާފިޢީންނާއި ޙަންބަލީން ވިދާޅުވާ ގޮތުގައި ހަރޯދައަކީ ސުންނަތްކަން ބޮޑުވެގެންވާ ރޯދަތަކެކެވެ. އަލްއިމާމުއްޝާފިޢީ ވިދާޅުވާ ގޮތުގައި މީހަކު ނުކުރިއަސް ސުންނަތުން ސާބިތުވެފައިވާ ކަމެއް ކުރުން ސުންނަތްވާނެއެވެ. ޝާފީޢީން ވިދާޅުވާ ގޮތުގައި ހަރޯދަ ހިފުން ސުންނަތްވެގެންވަނީ ވިދިވިދިގެންނެވެ.
އިބްނުލްމުބާރަކު ވިދާޅުވާ ގޮތުގައި އެއީ ކޮންމެ މަހަކު ތިން ދުވަހު (މެދު ފޮއި ރޯދަ) ހިފުމާ އެއްފަދަ ކަމެކެވެ.
އަލްއިމާމު ޙަސަނުލް ބަޞްރީ ވިދާޅުވާ ގޮތުގައި އެއީ ﷲގެ ޙަޟުރަތުގައި މުޅި އަހަރު ރޯދަހިފުމާ އެއްވަރު ކަމެކެވެ.
ހިފާނީ ވިދިވިދިގެންތަ؟
ޝައްވާލުމަހުގެ ހަ ރޯދަ ހިފުމަށް ވަގުތު ތަނަވަސްވެގެންވާ މީހާއަށް ވިދިވިދިގެން މި ހަ ރޯދަހިފިދާނެއެވެ. އަދި ވަކިވަކިން ވެސް - އޭނާއަށް ލުއިފަސޭހަވެގެންވާ ގޮތަކަށް - ހަރޯދަ ހިފިދާނެއެވެ.
އިބްނު ބާޒާއި ޢުޘައިމީން ފަދަ ބޭބޭކަލުން ވިދާޅުވާ ގޮތުގައި ހޯމަ ބުރާސްފަތިދުވަހު ނުވަތަ މެދުފޮއި ރޯދައިގެ ދުވަސްތަކާ ހަރޯދަ ހިފާ ދުވަސްތައް ދިމާވެއްޖެ ނަމަ، ހަރޯދަ ހިފުމަށާއި މި ސުންނަތް ރޯދަ ހިފުމަށް ނިޔަތްގަންނާނީއެވެ. އޭރުން މާތް ﷲ މި ދެ ރޯދައިގެ ސަވާބު ދެއްވާނެއެވެ.
އެންމެ ރަނގަޅުގޮތަކީ ވަޅުޢީދު ދުވަހުން ފަށައިގެން ގޮސް ހަ ދުވަހު ރޯދަހިފުމެވެ. رسول الله صلى الله عله وسلم ޙަދީޘް ކުރެއްވިއެވެ.(( مَنْ صام رمضان ثم أَتْبَعَهُ سِتًّا مِن شوال كان كصيام الدهر[5] –ރަމަޟާންމަހު ރޯދަހިފުމަށްފަހު އެކަމާ ވިއްދައިގެން ޝައްވާލުމަހުން ހަ ދުވަހު ރޯދަހިފިމީހާ މުޅިއަހަރު ރޯދަ ހިފި ފަދައެވެ.))
އިސްކަންދޭނީ ރަމަޟާން މަހުގެ ރޯދަތައް ޤަޟާކުރުމަށްތަ؟
ފުރަތަމަ ހިފާނީ ރަމަޟާން މަހުގައި ނުހިފުނު ރޯދަތައްތޯ ނުވަތަ ހަރޯދަތޯ؟ މިއީ ވަރަށް ގިނަ ބަޔަކު ކުރާ ސުވާލެކެވެ. ބައެއް ބޭކަލުން ވިދާޅުވާ ގޮތުގައި އިސްކަންދޭން ޖެހޭނީ ފަރުޟު ރޯދަތައް ޤަޟާކުރާށެވެ. އެހެނަސް ޖުމްހޫރު ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ހަރޯދައިގެ ވަގުތަކީ ނުތަނަސް ވަގުތަކަށް ވެފައި ރޯދަ ޤަޟާކުރުމުގެ ވަގުތު ތަނަވަސްވެގެން ވާތީ އިސްކަންދޭންޖެހޭނީ ހަރޯދައެވެ. އައްސައްޔިދާ ޢާއިޝަތުގެފާނުގެ ޢަމަލުފުޅަށް ބަލާ އިރު، އެ ކަމަނާ ރަމަޟާން މަހުގެ ބައެއް ރޯދަފުޅުތައް ޝަޢުބާން މަހާ ހަމައަށް ޤަޟާކުރެއްވުން ފަސްކުރައްވައިފައި ވެއެވެ. އެ ކަމަނާއަކީ ވަރަށް ބޮޑު ފިޤްހު ޢިލްމުވެރިއެކެވެ. ޚާއްޞަކޮށް އަންހެނުންނާ ބެހޭ މަސްއަލަތަކުގައި ރަސޫލާގެ މާތް ޞަޙާބީން ވެސް އެ ކަމަނާ އަރިހަށް ވަޑައިގެން ދީނުގެ މަސްއަލަތައް ސާފުކުރައްވައިފައި ވެއެވެ. އެހެންކަމުން އަންހެންބޭފުޅުންނަށް ރަނގަޅުވާނީ ހަރޯދަ ހިއްޕެވުމަށް އިސްކަންދެއްވުމެވެ. އެހެންނޫނީ ޝައްވާލު މަސް ހުސްވެގެން ހިގައިދާނެތެވެ.
___________________________________
މުހިންމު މަޞްދަރުތައް:
1- النووي، المنهاج: شرح مسلم، دار إحياء التراث العربي، بيروت.
2- ملا على القاري، مرقاة المفاتيح شرح مشكاة المصابيح، دار الفكر، بيروت.
3- كتاب 21 فائدة في صيام 6 شوال.
4- الدكتور محمد مصلح الزعبي، بحث بعنوان صيام ست من شوال، دراسة حديثية فقهية، قسم أصول الدين جامعة آل البيت.
މަރުޖާ
1 - أخرجه مسلم (١١٦٤)، وأبو داود (٢٤٣٣)، والترمذي (٧٥٩)، والنسائي في ((السنن الكبرى)) (٢٨٦٢)، وابن ماجه (١٧١٦)، وأحمد (٢٣٥٦١)
2 - البقرة : 185
3 - أخرجه الترمذي (٤١٣) واللفظ له، وأخرجه أبو داود (٨٦٤) والنسائي (٤٦٥)
4 - أخرجه البخاري (٦٤٦٦)، ومسلم (٧٨٣) و أحمد (٢٤٢٨٢)، والبيهقي (٨٥٤٨) ، وأبو داود (١٣٧٠)، وابن خزيمة (١٢٨١)
5 - رواه مسلم