އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
1 އޭޕްރިލް 2025
ކެމްބޯޑިއާއަކީ ޢަޖާއިބެއް ކަހަލަ ގައުމެކެވެ. ބުދު ދީނުގެ ބޮޑު އަޣުލަބިއްޔަތެއް އޮންނަ، އަދި މުސްލިމުންގެ އެންމެ ދެ އިންސައްތައިގެ ކުޑަކުޑަ އަޣުލަބިއްޔަތެއް އޮންނަ މި ގައުމުގައި މުސްލިމުން އެ މީހުންގެ ދީނާއި ސަގާފަތަށް ސަރުކާރުން ވަރަށް ބޮޑު އިޙުތިރާމަކާއި ގަދަރެއް ދެއެވެ.
ކެމްބޯޑިއާ (އެ މީހުން އަދިވެސް ކިޔާ ގޮތުން ކެމްޕޫޗިއާ)އަށް ރަމަޟާން މަސް ނިމި އިއްޔެ ކުލަގަދަކޮށް ފިޠުރު ޢީދު ފާހަގަކުރުމުން ފާހަގަވީ ހަމައެކަނި އުފަލާއި ޝުކުރުވެރިކަމެއް ނޫނެވެ. އެކަމަކު ފާހަގަވި އެއް ކަމަކީ އެ ގައުމުގައި އިތުރުވަމުން އަންނަ މުސްލިމު އާބާދީގެ ތިން ލައްކައެއް ހައި މީހުންނަށް އެ މީހުންގެ ދީނީ އިޙުތިފާލުތައް ބާއްވާން ސަރުކާރުން ދިން ފުރިހަމަ އެއްބާރުލުމެވެ.
ތަފާތު ދީންތަކުގެ މީހުން ޝަރަފުވެރިކަމާ އެކު، އެ މީހުންގެ ދީނީ ޙަރަކާތްތައް ހިންގުމަށް ޓަކައި ފާހަގަކޮށްލެވޭ ފަދަ ފިޔަވަޅުތަކެއް ކެމްބޯޑިއާ ސަރުކާރުން ވަނީ އަޅުއްވައިފައެވެ. އަމާންކަމާއި ހަމަޖެހުމާ އެކު، ހުރިހައި ޢަޤީދާއެއް މީހުންނަށް ވެސް އެބައިމީހުންގެ ދީން ވުޖޫދުގައި އޮތުމަށް ޓަކައި ދުޅަހެޔޮ މާޙައުލެއް ވަނީ ތަނަވަސްކޮށްދެއްވައިފައެވެ. 97 އިންސައްތަ ބުދު ދީނުގެ އަޣުލަބިއްޔަތެއް އެ ގައުމުގައި އޮތްނަމަވެހެވެ.
ކެމްބޯޑިއާގައި އިސްލާމް ދީން ފެތުރެމުން އަންނަކަން ރަމްޒުކޮށްދެނީ އެ ގައުމުގެ ސަރުކާރުން ސަގާފީ ސިންދަފާތަށް ދޭ އިޙުތިރާމުގެ ކަށަވެތިކަމެވެ.
ސަގާފީ އަދި ދީނީ ވުޒާރާގެ ޚާއްޞަ މުޝީރު ޑރ. ޙުސައިން މުޙަންމަދު ފަރީދު، ބަރްނާމާ ނިއުސް އެޖެންސީއަށް މަޢުލޫމާތުދެއްވަމުން ވިދާޅުވި ގޮތުގައި ކެމްބޯޑިއާގައި ދީންތައް ތަޙައްމަލުކުރުމުގެ އާދަޔާ ޚިލާފު ސަގާފަތެއް ވަނީ ސަރުކާރުން އުފައްދަވައިދެއްވައިފައެވެ. މުސްލިމުންނަކީ ކުޑަކުޑަ އަޣުލަބިއްޔަތެއް އޮތް މުޖުތަމަޢެއް ނަމަވެސް ބުދުދީނުގެ އަޚުންނާއި އުޚުތުންނާ އެކު، އެކުވެރިކަމާއި ސުލްހަވެރިކަމާ އެކު، ދިރިއުޅުމަށް ވަނީ އުފާވެރި މުޖުތަމަޢެއް ގާއިމުކޮށްދީފައެވެ.
މި ދިޔަ ފެބްރުވަރީ މަހު ކެމްބޯޑިއާގައި ބޭއްވި ރާބިޠަތުލްޢާލަމުލްއިސްލާމީގެ އިސްލާމް – ބުޑިސްޓު ސަމިޓު އިފްތިތާޙުކޮށްދެއްވަމުން ބޮޑުވަޒީރު ހުން މަނެޓު ވިދާޅުވެފައިވަނީ އެ ގައުމުގައި ދިރިއުޅޭ މުސްލިމު އަޚުންނާއި އުޚުތުންނަކީ ވެސް އެ ގައުމުގެ ލޮބުވެތި ރައްޔިތުންކަމަށް ވާތީ، އެބައި މީހުންނަށް ވެސް ކެމްބޯޑިއާގައި އެ ބައިމީހުންގެ ދީނާއި ސަގާފަތަށް ޢަމަލުކުރުމުގެ ފަހި މާޙައުލެއް އޮންނާނެކަމަށާއި އެ ކަމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަން އަބަދު ވެސް ދެއްވާނެކަމަށެވެ. އަދި ކެމްބޯޑިއާއަކީ ތަފާތު ދީންތަކާ އެކު އެންމެ ސުލްޙަވެރިކަމާއި، އެކުވެރިކަމާ އެކު ދިރިއުޅޭ ގައުމުކަން ދުނިޔެއަށް ސާބިތުކޮށްދެއްވާނެކަމަށެވެ.
ބޮޑުވަޒީރު ހުން މަނެޓުގެ ސަރުކާރުން ގެންދަވަނީ އެ މަނިކުފާނުގެ އެ ސިޔާސަތު ސާބިތުކޮށްދެއްވަމުންނެވެ. ފެބްރުވަރީ މަހު ބޭއްވި ރާބިޠާގެ "އިސްލާމް – ބުޑިސްޓް ސަމިޓު"ގައި ބައިވެރިވެވަޑައިގަތް މަންދޫބުން ތިއްބެވި ކޮންމެ ހޮޓަލެއްގެ ކޮންމެ ކޮޓަރިއެއްގައި މުޞްޙަފަކާއި ނަމާދުކުރާނެ މުސައްލައެއް އޮތެވެ. އަދި ޤިބުލަ ފާހަގަކޮށްދިނުމަށް ޓަކައި ވަނީ ޤިބުލައިގެ މިޞްރާބު ކުރެހުމުން ދައްކައިދީފައެވެ. ޚުދު އަޑުގަނޑުގެ ލޮލުން މި ކަން ތަޖުރިބާކުރީމެވެ.
"މި ވޭތުވެ ދިޔަ އަހަރުތަކުގައި ސަރުކާރުން ވަނީ މުސްލިމުންގެ މުހުތާދުތަކަށް އިސްކަންދެއްވައިފައެވެ. އަޅުގަނޑުމެންނަކީ އަޣުލަބިއްޔަތު ކުޑަ މުޖުތަމަޢެއްކަމަށް ވިޔަސްވެހެވެ. އަޅުގަނޑުމެން މި ލޮބުވެތި ޤައުމުގައި މި ދިރިއުޅެނީ އުފަލާއި ޝަރަފާ އެކު، އަދި ޚާއްޞަ އިމްތިޔާޒުތަކެއް ވެސް ލިބިގެންނެވެ." ޑރ. ޙުސައި މުޙަންމަދު ފަރީދު ވިދާޅުވިއެވެ.
"މިއަދު އަޅުގަނޑުމެންގެ ސަރުކާރުން، އަޅުގަނޑުމެންނަކީ ޚުމާރ ދަރިކޮޅުގެ މުސްލިމު ރައްޔިތުންކަމަށް ބަލައިގަނެއެވެ. ސަރުކާރުން މުސްލިމުންނަށް ޓަކައި އިސްކޫލުތަކާއި މިސްކިތްތައް ބިނާކޮށްދެއްވައެވެ. އަދި ބުރުގާ އަޅައިގެން ނަގާ ޕާސްޕޯޓު ފޮޓޯ ވެސް ސަރުކާރުން ގަބޫލުކުރެއެވެ." ސަގާފަތާއި ދީނާ ބެހޭ ވުޒާރާގެ ޚާއްޞަ މުޝީރުގެ އިތުރަށް ކެމްބޯޑިއާ ޔުނިވަރސިޓީ އޮފް މެނޭޖުމެންޓް އެންދް ޓެކްނޮލޮޖީ (ސީއެމްޔޫޓީ)"ގެ ރައީސްކަން ވެސް ކުރައްވާ ޑރ. ޙުސައިން ވިދާޅުވިއެވެ.
ކެމްބޯޑިއާގެ ވެރިރަށް ނޮމްޕެންގައި ހުންނަ ސީއެމްޔޫޓީއަކީ އެ ގައުމުގެ ފުރަތަމަ މުސްލިމް ޔުނިވަރސިޓީއެވެ. އެ ޔުނިވަރސިޓީގައި 300 މުސްލިމު ދަރިވަރުން މަތީތަޢުލީމު ޙާޞިލުކުރަމުން އެބަ ގެންދެއެވެ.
ކެމްބޯޑިއާގެ މުސްލިމުން ގައުމުގެ އެކި ކަންކޮޅުތަކުގައި – ސިޓީތަކާއި ރަށްފުށުގައި – ފަޚުރުވެރިކަމާއި އުފާ ފާގަތިކަމާ އެކު، - އެ މީހުންގެ މުއްސަނދި ސަގާފަތާއި އާދަކާދަތަކާ އެކު - އިއްޔެ ވަނީ ފިޠުރު ޢީދު ކުލަގަދަކޮށް ފާހަގަކޮށްފައެވެ.
ބޮޑުވަޒީރު ހުން މަނެޓް ވަނީ މާރިޗު 24ވަނަ ދުވަހު މުސްލިމުންގެ ރޯދަވީއްލުމެއް ވެސް ޝަރަފުވެރިކޮށްދެއްވައިފައެވެ. މި ރޯދަވީއްލުމުގައި 6000 (ހަ ހާސް) މުސްލިމުން ބައިވެރިވިއެވެ. މި އިޙުތިފާލަކީ މިހާރު ކެމްބޯޑިއާ ސަރުކާރުގެ ކަލަންޑަރުގައި ހިމަނައިފައިވާ ޙަރަކާތެކެވެ.
މި އިފުތާރު (ރޯދަވީއްލުމު)ގެ ޙަރަކާތަކީ އެކި ޕްރޮވިންސަތަކުގައި ބުދު ދީނުގެ އިސްވާރުންނާއި މުސްލިމު އިސްވާރުން ގުޅިގެން އިންތިޒާމުކުރާ ޙަރަކާތެކެވެ. ބޭނުމަކީ އެއް ބަޔަކު އަނެއް ބަޔަކާ އެކުލަވައިގެން ސުލްޙަވެރިކަމާއި އެއްބައިވަންތަކަމާ އެކު، ދިރިއުޅުމުގެ ފުރުޞަތު ފަހިކޮށްދީ ގުޅުން ބަދަހިކުރުމެވެ.
މުސްލިމުންނާ އެކު، ވެރިރަށް ނޮމްޕެންގައި ބޮޑުވަޒީރު ބައިވެރިވެވަޑައިގަތް ޚާއްޞަ އިފުތާރުގައި ވާހަކަފުޅުދައްކަވަމުން ބޮޑުވަޒީރު ވިދާޅުވެފައިވަނީ ކެމްބޯޑިއާގެ މުސްލިމުންގެ އެއްބައިވަންތަކަން އިތުރަށް ބަދަހިކުރުމަށް ޓަކައި ސަރުކާރުން ޚާއްޞަ ތަދުބީރުތަކެއް ރާއްވައިފައިވާކަމަށެވެ. "ޚުމަރ – މުސްލިމު އިސްވާރުންނާއި އެންމެހައި މުސްލިމުންގެ ކިބައިން (ސަރުކާރުން) އެދެނީ އެބައިމީހުންގެ ތާއީދާއި އިތުބާރު ޝާހީ ސަރުކާރާއެކު ދެމެހެއްޓުމަށެވެ. އޭރުން ކެމްބޯޑިއާގެ މުސްލިމު މުޖުތަމަޢުގެ ދީނީ ޙައްގުތައް ފުރިހަމައަށް ކަށަވަރުވެފައި އޮންނާނެއެވެ. އެކި ދީންތަކާއި އެކި ގަބީލީ ތަފާތުތަކާ އެކު، އެކުވެރި ސުލްހަވެރި މުޖުތަމަޢެއްގެ ގޮތުގައި ކެމްބޯޑިއާގެ ރައްޔިތުންނަށް ދިރިއުޅުމުގެ ކަށަވަރުކަން އޭރުން ގާއިމުވެފައި އޮންނާނެއެވެ." ބޮޑުވަޒީރު ވިދާޅުވިއެވެ.
ކުއަލާ ލުމްޕޯރްގައި ހުންނެވި ރާބިޠާ އަލްޢާލަމް އަލްއިސްލާމީގެ މުޝީރު، ދާތޫ ވަން މުޙަންމަދު ޝައިޚު ޢަބްދުލްޢަޒީޒު ވިދާޅުވި ގޮތުގައި "ކެމްބޯޑިއާއާއި މެލޭޝިއާއަކީ ތަފާތު ދީންތަކާއި ތަފާތު ސަގާފަތްތަކާ އެކު، ސުލްޙަވެރިކަމާ އެކު، ދިރިއުޅެވޭނެކަން ދުނިޔެއަށް ސާބިތުކޮށްދެމުން އަންނަ ދެ ގައުމެވެ." ކެމްބޯޑިއާއަކީ ބުދު ދީނުގެ އަޣުލަބިއްޔަތު އޮންނަ ބުޑިސްޓު ގައުމެކެވެ. މެލޭޝިއާއަކީ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ އިސްލާމީ ގައުމެކެވެ.
"ލާދީނީ (ސެކިޔުލާރ) ސަރުކާރުތަކުން، އެ ގައުމުތަކުގެ މުސްލިމުންނާ މެދު ޢަމަލުކުރުމުގައި ކެމްބޯޑިއާ ފިޔަވަޅުތަކަށް ތަބާވާކަށް ލަދުގަންނާކަށް ނުޖެހެއެވެ." ދާތޫ ވަން މުޙަންމަދު ޝައިޚު ޢަބްދުލްޢަޒީޒު ވިދާޅުވިއެވެ.
"ކެމްބޯޑިއާއާއި މެލޭޝިއާ ގުޅިގެން، އާސިއާންގެ އެހެން ގައުމުތަކުގެ ތާއީދާ އެކު، މި ސަރަހައްދުގެ ސުލްޙައާއި އަމާންކަން ދެމެހެއްޓޭނެކަމުގެ ޔަގީންކަން އެބަ އޮތެވެ. ދުނިޔޭގެ ބައިވަރު ސަރަހައްދުތަކަކީ މިއަދު އިސްސާނުން ދިރިއުޅޭން އަމާން ސަރަހައްދުތަކެއް ނޫނެވެ." ސީޔޫއެމްޓީގެ މުޝީރުކަން ވެސް ކުރައްވާ ވަން މުޙަންމަދު ވިދާޅުވިއެވެ.
ކެމްބޯޑިއާގައި މިއަހަރު ފިޠުރު ޢީދު ފާހަގަކުރީ ދިވެހިއްޖެއަށް ވުރެ އެއް ދުވަސް ފަހުން އިއްޔެ (ހޯމަ ދުވަހު)އެވެ.
ބައެއް ލަފުޒުގެ މާނަ:
ކަށަވެތިކަން ނއނ. (1) ޒިންމާދާރުކަމާއި ޝައުގުވެރިކަމާއެކު ކަމެއް ކުރުމުގެ ސިފަ. (2) ކަމެއް ކުރާނެކަމަށް ދޭ ކަށަވަރުކަން ނުވަތަ ވާ ވައުދު.
ސިންދަފާތު ނ. އިންސާނުންނާއި އެއްޗެއްސާއި ކަންކަމާއި ތަންތަނުގެ ނިސްބަތުގައި، މައިގަނޑު ގިންތިއެއް ނުވަތަ ޖަމާޢަތެއްގެ ތެރޭގައި ހިމެނޭ ބާވަތްތަކާއި ވައްތަރުތައް ނުވަތަ ގޮތްތައް ތަފާތުވެ ގިނަގުނަ ވެގެންވާ ވުން.