އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
31 މާރިޗް 2025
އިސްލާމީ ޝަޚުޞިއްޔަތަކީ މުސްލިމުންގެ ހިތްތަކުގައި ވަރަށް ޢިއްޒަތްތެރި، ވަރަށް ޝަރަފުވެރި މަޤާމެއް ލިބިފައިވާ ކަމެކެވެ. އިސްލާމީ ޝަޚުޞިއްޔަތަކީ އޭނާ ﷲއަށާއި ރަސޫލާއަށާއި އިސްލާންދީނަށާއި އިސްލާމީ ޢަޤީދާއަށް ނިސްބަތްވާ ނިސްބަތްވުން ދޭހަކޮށްދޭ ޢަލާމަތެވެ. ރަމްޒެކެވެ. މާތްﷲ ވަނީ މި ދީން ފުރިހަމަކުރައްވައިފައެވެ. އެކަލާނގެ ވަނީ މި ދީން މެދުމިން ދީނެއްކަމުގައި ލައްވައިފައެވެ. އެކަލާނގެ ވަނީ މި ދީން އެންމެ ހެޔޮ ދީންކަމުގައި ވެސް ލައްވައިފައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ((كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ [1] - މީސްތަކުންނަށް ޓަކައި ނެރުއްވި، އެންމެ ހެޔޮ أمّةކަމުގައި ތިޔަބައިމީހުން ވީމުއެވެ. ))
މިހެންވެ ޙަކީމުވަންތަ ރަސްކަލާނގެ މުސްލިމުންނަށް މި ޝަޚުޞިއްޔަތުގައި ހިފެހެއްޓުމަށް ގޮވައިލެއްވިއެވެ. މި ކަމަށް ޓަކައި ޤުރްއާނާއި ސުންނަތުގައި ހިފެހެއްޓުމަށް ﷲއާއި އެކަލާނގެ ރަސޫލާ އެންގެވިއެވެ. ﷲ سبحانَهُ وتعـالى ވަޙީކުރެއްވިއެވެ. (( فَاسْتَمْسِكْ بِالَّذِي أُوحِيَ إِلَيْكَ إِنَّكَ عَلَى صِرَاطٍ مُسْتَقِيمٍ * وَإِنَّهُ لَذِكْرٌ لَكَ وَلِقَوْمِكَ وَسَوْفَ تُسْأَلُونَ [2] - ފަހެ، ކަލޭގެފާނަށް އިއްވަވާ وحىއެއްގައި ކަލޭގެފާނު ހިފަހައްޓަވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނުވަނީ، ސީދާވެގެންވާ ތެދުމަގެއްގެ މަތީގައެވެ. އަދި ހަމަކަށަވަރުން، އެ قرآنއަކީ ކަލޭގެފާނަށާއި، ކަލޭގެފާނުގެ قومގެ މީހުންނަށް ލިބުނު شرفއެކެވެ. އަދި ނިކަންހުރެ ތިޔަބައިމީހުންނާ سؤال ކުރައްވާނެތެވެ.)) ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((تَرَكْتُ فِيكُمْ مَا إِنِ اعْتَصَمْتُمْ بِهِ فَلَنْ تَضِلُّوا أَبَدًا كِتَابَ اللَّهِ وَسُنَّةَ نَبِيِّهِ [3]- ތިޔަބައިމީހުންގެ ތެރެއަށް ތިމަންކަލޭގެފާނު ދޫކުރައްވައިފައި މި ވަޑައިގަންނަވަނީ އެ އެއްޗެއްގައި ތިޔަބައިމީހުން ވަރުގަދައަށް ހިފަހައްޓައިފި ނަމަ ތިޔަބައިމީހުން ދުވަހަކު ވެސް މަގުފުރެދިގެން ނުދާނޭ އެއްޗެކެވެ. އެއީ ﷲގެ ފޮތާއި އެކަލާނގެ ނަބިއްޔާގެ ސުންނަތެވެ.))
އަޅުގަނޑުމެންގެ ޢިއްޒަތާއި ޝަރަފު ގެއްލެނިވެގެން ނުދާނީ ﷲގެ ފޮތާއި އެކަލާނގެ ރަސޫލާގެ ޠާހިރު ސުންނަތުގައި ހިފެހެއްޓި މިންވަރަކުންނެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ((وَلِلَّهِ ٱلْعِزَّةُ وَلِرَسُولِهِۦ وَلِلْمُؤْمِنِينَ [4]- عزّة ވަނީ، اللَّهއަށެވެ. އަދި އެކަލާނގެ رسولއާއަށާއި، مؤمن ންނަށެވެ.))
ޢިއްޒަތް އަޅުގަނޑުމެންނަށް ލިބޭނީ އަޅުގަނޑުމެންގެ ދީން ޢިއްޒަތްތެރިކޮށްގެންނެވެ. އަޅުގަނޑުމެންގެ އިސްލާމީ ޝަޚުޞިއްޔަތުގައި ވަރުގަދައަށް ހިފަހައްޓައިގެންނެވެ. މާތްﷲ ރުއްސުންލެއްވި ޢުމަރު ބުނުލްޚައްޠާބު ވިދާޅުވިއެވެ. ((إِنَّا كُنَّا أَذَلَّ قَوْمٍ؛ فَأَعَزَّنَا اللَّهُ بِالْإِسْلَامِ ، فَمَهْمَا نَطْلُبُ الْعِزَّةَ بِغَيْرِ مَا أَعَزَّنَا اللَّهُ بِهِ أَذَلَّنَا اللَّهُ [5] - ހަމަކަށަވަރުން އަހުރެމެން އެންމެ ނިކަމެތި މީހުންކަމުގައިވީމުއެވެ. ފަހެ ﷲ އަހުރެމެން އިސްލާންދީނުން ޢިއްޒަތްތެރިކުރެއްވިއެވެ. ﷲ ޢިއްޒަތްތެރިކުރެއްވި އެއްޗަކުން ނޫން އެއްޗަކުން ޢިއްޒަތް ހޯދާން އަހުރެމެން ކިތަންމެ ވަރަށް މަސައްކަތްކުރިއަސް ﷲ އަހުރެމެން ނިކަމެތި ކުރައްވާނެތެވެ.))
ރަސޫލާ eގެ ވަށައިގެން ޞަޙާބީން އިރުމަތީންނާއި ހުޅަނގުން، އުތުރުންނާއި ދެކުނުން ޖަމާކުރި ބާރަކީ މި އިސްލާމީ ޝަޚުޞިއްޔަތެވެ. ބަހާއި ކުލައާއި ގައުމު ތަފާތުވެފައިވާ ބަޔަކު އެއްބަޔަކު އަނެއް ބަޔަކު ދެކެ ލޯބިވާ އަޚުންތަކެއްކަމުގައި ހެދީ މި ދީނެވެ. الله عزوجل ވަޙީކުރެއްވިއެވެ. (( إِنَّمَا ٱلْمُؤْمِنُونَ إِخْوَةٌ [6] - مؤمنން ވާކަން ކަށަވަރީ، أخންތަކެއް ކަމުގައެވެ.)) އަލްއިމާމު ފަޚުރުއްރާޒީ އެކަލޭގެފާނުގެ ތަފްސީރުގައި ވިދާޅުވިއެވެ. "ﷲ ތަޢާލާ މި ބަސްފުޅުގައި إخوانގެ ބަދަލުގައި إخوة ގެންނެވުމުން މުސްލިމުންގެ މެދުގައިވާ އަޚުވަންތަކަމަކީ ނަސަބުގެ ސަބަބުން ލިބިފައިވާ އަޚުވަންތަކަމާ އެއް ފަދަ ކަމެއްކަން އެނގެއެވެ. އިސްލާންކަން ބަފައެއް ފަދައެވެ. ކޮންމެ މުއުމިނަކީ އަނެއް މުއުމިނާގެ އަޚެކެވެ. އެންމެހައި މުސްލިމުންނަކީ އެއް ހަށިގަނޑެއްގައިވާ ގުނަވަންތަކެކެވެ. މި ހަށިގަނޑު ދުޅަހެޔޮވެއްޖެ ނަމަ ހުރިހާ ގުނަވަންތަކަށް ދުޅަހެޔޮކަން ލިބެއެވެ. އެއިން ގުނަވަނެއް ބަލިވެއްޖެ ނަމަ އެހެން ހުރިހައި ގުނަވަންތަކެއް މި ބަލީގެ ވޭން ބަރުދާސްތުކުރެއެވެ.
رَسُولُ اللَّهِ ﷺ ޙަދީސްކުރެއްވިއެވެ. ((مَثَلُ الْمُؤْمِنِينَ فِي تَوَادِّهِمْ وَتَرَاحُمِهِمْ وَتَعَاطُفِهِمْ مَثَلُ الْجَسَدِ إِذَا اشْتَكَى مِنْهُ عُضْوٌ تَدَاعَى لَهُ سَائِرُ الْجَسَدِ بِالسَّهَرِ وَالْحُمَّى[7] – ލޯތްބާއި އޯގާވެރިކަމާއި ހަމްދަރްދީގައި މުއުމިނުންގެ މިސާލީ އެއް ހަށިގަނޑެއްގެ މިސާލެވެ. އެ ހަށިގަނޑުން ގުނަވަނެއް ބަލިމަޑުކަމުގެ ޝަކުވާއެއްކޮށްފި ނަމަ މި ހަށިގަނޑުގެ އެހެން ހުރިހާ ގުނަވަންތަކެއް ހުންއައުމާއި ހޭލައިހުރުމުގައި މި ގުނަވަނާ ބައިވެރިވެތެވެ.))
ސަލްމާނުލްފާރިސީގެފާނު ފާރިސްކަރައިގެ ބޭކަލެއްކަމުގައި ވިޔަސް އިސްލާމްދީނުގެ ސަބަބުން މާތް ﷲ ވަނީ އެކަލޭގެފާނުގެ ދަރަޖަ މަތިވެރިކުރައްވައި، ޢިއްޒަތްތެރިކުރައްވައިފައެވެ. މި ކަން ބަޔާންކުރައްވައި ކައު ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((سَلْمَانُ مِنَّا أَهْلَ الْبَيْتِ[8] -ސަލްމާނަކީ ތިމަންކަލޭގެފާނުގެ އަހްލު ބައިތުންގެ މީހެކެވެ.))
ބިލާލުއްޙަބަޝީގެފާނަށް މުޝްރިކުން ހަރުކަށިކަމާ އެކު، އަނިޔާކޮށް ހެދި އިރުގައި ވެސް އެކަލޭގެފާނު އިސްލާމީ ޢަޤީދާ ދޫކޮށެއް ނުލައްވައެވެ. އިސްލާމީ ޝަޚުޞިއްޔަތުން ބޭރަކަށް ނުކުމެވަޑައެއްނުގަންނަވައެވެ. އިބްނު އިސްޙާޤު ވިދާޅުވެފައިވާ ގޮތުގައި "ބިލާލުގެފާނުގެ ސާހިބާ އުމައްޔަތު، މެންދުރުގެ އެންމެ އަވިގަދަ ވަގުތުގައި މައްކާގެ ސަހަރާ ތެރެއަށް އެކަލޭގެފާނު ނެރެ އެކަލޭގެފާނުގެ މޭފުޅުމައްޗަށް އަވީން ހޫނުވެ ދޮންވެފައިވާ ބޮޑެތި ހިލަތައް އަރުވައި އެކަލޭގެފާނަށް އަދަބުދެއްކިއެވެ. "މުޙައްމަދުގެފާނަށް ކާފަރުވަންދެން ނުވަތަ މަރުވަންދެން ކަލޭ އަވީގައި ބާއްވާނަމޭ" ކިޔައި ހަޖޫޖަހައި އުޅުނެވެ. އެހެނަސް ބިލާލުގެފާނު "أَحَدٌ أَحَدٌ" ނޫން ބަސްފުޅެއް ވިދާޅުނުވެތެވެ.
ޙަބްޝްކަރައިގެ ކަޅު މި އިންސާނާ އިސްލާމްދީނުގެ ސަބަބުން ޝަރަފު މަތިވެރިވެގެން ދިޔައެވެ. މައްކާ ފަތަޙަކުރެއްވި ދުވަހު ބިލާލުގެފާނު ގެފުޅު މައްޗަށް އަރައިވަޑައިގެން ބަންގި ދެއްވުމުން ޤުރައިޝުންގެ ބައެއް މީހުން ރުޅިގަދަވިއެވެ. މި މަންޒަރު ދުށް މުޝްރިކަކު ބުންޏެވެ. "އަހުރެންގެ ބައްޕައަށް މި މަންޒަރު ފެނުމުގެ ކުރީން އޭނާ މަރުވިކަން ހާދަ ރަނގަޅެވެ. ޙަބަޝާގެ ބަބުރު އަޅަކު ގެފުޅުމައްޗަށް އެރުމަކީ ހާދަހާވާ ބޮޑު ކަމެކެވެ."
އިސްލާމީ ޝަޚުޞިއްޔަތުތަކުގެ ތެރެއިން ހެޔޮ ނަމޫނާގެ ތެރޭގައި ޞުހައިބުއްރޫމީ ވެއެވެ. އެކަލޭގެފާނު މަދީނާއަށް ހިޖުރަކުރައްވާން އުޅުއްވުމުން މުޝްރިކުން އެކަލޭގެފާނަށް ހުރަސްއެޅިއެވެ. ކާފަރުން އެކަލޭގެފާނަށް ބުންޏެވެ. "ތިބާ އަހުރެމެންގެ ގާތަށް އައީ ހުސްއަތާއެވެ. މިހާރު ތިބާ ވަނީ މުއްސަނދިވެފައެވެ. ތިބާ ތިޔަ އުޅެނީ އެ މުދާތައް ހިފައިގެން މަދީނާއަށް ދާށެވެ! ހަމަ ހިލާ ތިޔަ ކަންތައް ކުރާކަށް އަހުރެމެން ތިބާ ދޫކޮށެއް ނުލާނަމެވެ. ޞުހައިބުގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ މުދާތައް ތިޔަބައިމީހުންނަށް ދެއްވައިފި ނަމަ، މަދީނާއަށް ވަޑައިގަންނަވާން ދޫކޮށްލާނަންހެއްޔެވެ؟ އެމީހުން އާދޭހޭ ދެންނެވުމުން ޞުހައިބުގެފާނު އެކަލޭގެފާނުގެ ހުރިހައި މުދާތަކެއް މުޝްރިކުންނަށް ދެއްވައިފައި މަދީނާއަށް ހިޖުރަކުރެއްވިއެވެ. رَسُولَ اللَّهِ ﷺއަށް މި ޚަބަރު ލިބިވަޑައިގަތުމުން ޙަދީސްކުރެއްވިއެވެ. ((رَبِحَ صُهَيْبٌ، رَبِحَ صُهَيْبٌ – ޞުހައިބުގެފާނު ފައިދާ ހޯއްދަވައިފިއެވެ. ޞުހައިބުގެފާނު ފައިދާ ހޯއްދފަވައިފިއެވެ.)) މި ކަމާ ބެހޭ ﷲ ތަޢާލާ ވަޙީބަސްފުޅު ބާވައިލެއްވިއެވެ. ((وَمِنَ النَّاسِ مَن يَشْرِي نَفْسَهُ ابْتِغَاءَ مَرْضَاتِ اللَّهِ ۗ وَاللَّهُ رَءُوفٌ بِالْعِبَادِ[9] - އަދި اللَّهގެ ރުހިވޮޑިގަތުން އެދި (އެކަލާނގެއަށް) ތިމާގެ نفس ދޫކޮށްލާ މީހުން ވެސް މީސްތަކުންގެ ތެރެއިން ވެއެވެ. اللَّه އީ، އަޅުތަކުންނާ މެދު، ނުހަނު އޯގާވަންތަ ރަސްކަލާނގެއެވެ.))
އަޅުގަނޑުމެން މުސްލިމުން ހަރުދަނާ ބަޔަކަށް ވާންޖެހޭނެއެވެ. ކާފަރުންގެ ގޮތްތަކަށް ތަބާވާ ބަޔަކަށް ވެގެންނުވާނެއެވެ. رَسُولُ اللَّهِ ﷺ ޙަދީސްކުރެއްވިއެވެ. ((مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ[10] - ބަޔަކު މީހުން އުޅޭ ގޮތަށް އުޅޭ މީހަކީ އެ މީހުންގެ މީހެކެވެ.)) ކީރިތި ރަސޫލާ eގެ އެހެން ބަސްފުޅެއްގައި ވެއެވެ. ((لَا تَكُونُوا إِمَّعَةً، تَقُولُونَ: إِنْ أَحْسَنَ النَّاسُ أَحْسَنَّا، وَإِنْ ظَلَمُوا ظَلَمْنَا، وَلَكِنْ وَطِّنُوا أَنْفُسَكُمْ، إِنْ أَحْسَنَ النَّاسُ أَنْ تُحْسِنُوا، وَإِنْ أَسَاءُوا فَلَا تَظْلِمُوا[11] – ތިޔަބައިމީހުން އިއްމަޢާއަކަށް ނުވާށެވެ! ތިޔަބައިމީހުން އޭރުން ބުނާނެތެވެ. މީސްތަކުން ރަނގަޅަށް ކަންތައްކުރާ ނަމަ، އަހުރެމެން ވެސް ރަނގަޅަށް ކަންތައް ކުރާނަމެވެ. އެބައިމީހުން އަނިޔާވެރިވާ ނަމަ، އަހުރެން ވެސް އަނިޔާވެރިވާނަމެވެ. އެހެނަސް ތިޔަބައިމީހުންގެ ނަފުސުތައް ހާނުވާށެވެ. މީސްތަކުން ރަނގަޅަށް ކަންތައް ކުރާނަމަ ރަނގަޅަށް ކަންތައް ކުރާށެވެ. އެބައިމީހުން ނުރަނގަޅުކޮށް ކަންތައް ކުރިއަސް ތިބައިމީހުން އަނިޔާވެރިނުވާށެވެ!)) މިހެންވެ މުބާރަކުފޫރީ ވިދާޅުވިއެވެ. މި ބަސްފުޅުން ޢަޤީދާއާއި ޢިބާދާތުގައި ކޮޕީކުރުމާއި ނަކަލުކުރުން ނަހީކުރައްވައިފައިވާ ގޮތަށް އަޚުލާޤާއި ސުލޫކުގައި ވެސް ކޮޕީކުރުން މަނާކުރައްވައިފައިވާކަން އެނގެއެވެ.
އިސްލާމީ މުޖްތަމަޢުގެ ޚާއްޞަ މަލަތަކަށާއި ސިފަތަކަށާއި އެހެން މުޖުތަމަޢުތަކާ ޚިލާފު ކަންތައްތަކަށް މުސްލިމުން ރައްކައުތެރިވާން ޖެހޭނެއެވެ. މި ޝަޚުޞިއްޔަތަށް ފަޚުރުވެރިވުމަކީ ނަފުސަށް އިތުބާރު ގެނެސްދޭނެ ބާރެކެވެ. އަމިއްލަ ނަފުސަށް އިތުބާރުނުކުރެވޭ މީހަކީ ގުނބޯލަ ހެއްދިދާނެ މީހެކެވެ. އޭނާ ކިޔާ ހައި ލަވައަކަށް ނަށާނެއެވެ. ބައެއް ފަހަރަށް އިރުމައްޗަށް ދީލައިލާނެއެވެ. އަނެއް ބައި ފަހަރަށް ހުޅަނގަށް ދީލައިލާނެއެވެ.
ރޯދަވެރިޔާއަކީ ރޯދައިން ޙާޞިލުކުރެވޭ ތަޤްވާވެރިކަމުގެ ސަބަބުން ﷲގެ މަގުގައި ސާބިތުވެގެން ހުންނަ އަމިއްލަވަންތަ މީހެކެވެ. އޭނާއަކީ ރޯދައިގެ ސަބަބުން މިނިވަން ޝަޚުޞިއްޔަތެކެވެ. އޭނާ އާޚިރަތްދުވަހުން ﷲއާ ބައްދަލުވާ ހިނދު އުފާފާޅުކުރާނެތެވެ. ރަސޫލާ މި އުފާވެރިކަން ތަޞްވީރުކޮށްދެއްވައި ޙަދީސް ކުރެއްވިއެވެ. ((لِلصَّائِمِ فَرْحَتَانِ يَفْرَحُهُمَا إِذَا أَفْطَرَ فَرِحَ بِفِطْرِهِ وَإِذَا لَقِيَ رَبَّهُ فَرِحَ بِصَوْمِهِ[12] - ރޯދަވެރިޔާއަށް ދެ އުފަލެއް ވެއެވެ. ރޯދަވީއްލުމުން ލިބޭ އުފަލަކާއި އޭނާގެ ވެރިރަސްކަލާނގެއާ ބައްދަލުވާ އިރު ލިބޭ އުފަލެކެވެ.))
ﷲ އަންގަވައިފައިވާ ފަދައިން ރޯދަހިފާ މީހާގެ އިސްވެދިޔަހައި ފާފަތައް ފުއްސަވައިދެއްވާނެތެވެ. އެހެންކަމުން ރޯދަވެރިޔާ މަތިވެރި އަޚުލާޤުގެ ވެރިއަކަށް ވާންޖެހޭނެއެވެ. އޭނާގެ ފަތް އޭގެ ހުދުކަންމަތީގައި ދެމެހެއްޓުމަށް ޓަކައެވެ. އޭނާގެ ދުލުން މީހުންނަށް އުދަނގޫކޮށްގެން ނުވާނެއެވެ. އޭނާގެ ދުލުން މީހުންނަށް މަލާމާތްކޮށްގެން ނުވާނެއެވެ. އޭނާގެ ދުލުން މީހުންނާ ދިމާއަށް ވަނަންތަކުން ގޮވައިގެން ނުވާނެއެވެ. ރޯދައިގެ މާތްކަމާއި ޝަރަފުވެރިކަން ބަޔާންކުރައްވައި ނަބިއްޔާ ﷺ ޙަދީސްކުރެއްވިއެވެ. ((قالَ اللَّهُ عَزَّ وَجَلَّ: كُلُّ عَمَلِ ابْنِ آدَمَ له إلَّا الصَّوْمَ، فإنَّه لي وأنا أجْزِي به [13] - ﷲ ޢައްޒަ ވަ ޖައްލަ ވަޙީކުރެއްވިއެވެ. އާދަމުގެދަރިޔާގެ ކޮންމެ ޢަމަލެއް އޭނާއަށް ލިބިގެންވެއެވެ. ރޯދަ މެނުވީއެވެ. ފަހެ ހަމަކަށަވަރުން އެއީ ތިމަންރަސްކަލާނގެއަށް ލިބިވޮޑިގެންވާ ކަމެކެވެ. އަދި އެ ކަމަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަމެވެ.))
އެހެންކަމުން ރޯދައަކީ މުސްލިމުންގެ އިސްލާމީ ޝަޚުޞިއްޔަތު ހަރުދަނާކޮށްދޭ އަޅުކަމެކެވެ. އެއީ އެތައްއެތައް ކަމެއްގައި މުސްލިމުންނާއި ޣައިރުމުސްލިމުން ތަފާތުކޮށްދޭ އަޅުކަމެއް ވެސް މެއެވެ.
މަލަ ނ. (1) ދުރުން ފެންނަ ރަށެއްގެ ގަސްކަރަ. (2) އަވަސް (3) ހަލުވި.
ގުނބޯލަ ނ. (1) ހިރަފުސް ވެލި ހުންނަ ތަންތާނގައި ވަޅުލެވިގެންއުޅޭ ގަދަ އަޅިކުލައެއްގެ ފަނިފަކުސައެއް. (2) ގުނބޯ
މަރުޖާ
[1] - آل عمران : 110
[2] - الزخرف: 43-44
[3] - أخرجه الحاكم (٣١٨)، والبيهقي في ((دلائل النبوة)) (٥/ ٤٤٩)
[4] - المنافقون: 8].
[5] - أخرجه ابن المبارك ((الزهد والرقائق)) (٥٨٤)، وأبو داود في ((الزهد)) (٦٦)، والحاكم (٤٤٨١)، وأبو نعيم في ((حلية الأولياء)) (١/ ٤٧)
[6] - الحجرات : 10
[7] - أخرجه البخاري (٦٠١١)، ومسلم (٢٥٨٦)
[8] - أخرجه الطبراني (٦/٢١٣) (٦٠٤٠)، والحاكم (٦٥٤١)، وأبو نعيم في ((تاريخ أصبهان)) (١/٨٠)
[9] - سورة البقرة: 207
[10] - أخرجه أبو داود (٤٠٣١) وأحمد (٥١١٤)
[11] - سنن الترمذي ( ٢٠٠٧ (
[12] - أخرجه البخاري (٧٤٩٢) ومسلم (١١٥١)
[13] - أخرجه البخاري (5927)، ومسلم (1151)