ad_banner
ޝައިޠާނާއާ އަޅުގަނޑުމެން މާ ބޮޑަށް ދޯޅުވެފައިވަނީބާވައެވެ!

އަބާ މުޙަންމަދު

31 މާރިޗް 2025

ހުޅުމާލޭ މަސްޖިދު ޢަޒީޒާ މޫސާގައި އިއްޔެ އިމާމުވެ ޢީދު ނަމާދުކުރި ބިދޭސީ ޚަޠީބު (ފޮޓޯ: މީސްމީޑިއާ)

ރޯދަމަސް ނިމުނީ މާރިޗު މަހު 29ވަނަ ދުވަހުއެވެ. އިއްޔެއަކީ ފިޠުރު ޢީދު ދުވަހެވެ. ރަމަޟާން މަސް އަންނަނީ ނަފުސު ހޭލައްވައިލައި ނަފުސުގައި ހުރި އުނިކަންތައް ފިލުވައިލައި ޠާހިރުކުރުމަށް ޓަކައެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ، ރޯދައިގެ އެންމެ މަތިވެރި ޙިކުމަތަކީ މުސްލިމުން ތަޤުވާގެ މަގަށް އަނބުރައި ގެނައުމެވެ.

ރޯދަމަހު އަޅުގަނޑުމެން 29 ދުވަސް ވަންދެން ތިބީ ހަށިގަނޑު އެންމެ ބޮޑަށް އެދޭ އެދުންތަކުން ދުރުހެލިވެގެންނެވެ. އެއީ ކެއުމާއި ބުއިމެވެ. ޖިންސީ ޣަރީޒާތަކެވެ. މި ކަންކަން ދޫކޮށް އެއް މަސްދުވަސް ވަންދެން އަޅުގަނޑުމެން ނަފުސު ތަމްރީނުކުރީމުއެވެ. ރުޅި މަތަކޮށްގެންނެވެ. ދޫރައްކާތެރިކޮށްގެންނެވެ. ރޯދައަށް އުނިކަން އަންނަ ފަދަ އާޑަ ފުރައްސާރައާއި ނެތިމޮށުމާއި ޣީބަބުނުމާއި ޖަދަލުކުރުމާއި ވަނަންކިޔުން ފަދަ ކަންކަމުން އަޅުގަނޑުމެން ތިބީ ދުރުވެގެންނެވެ. އެ ކަމުގެ ތަމްރީނު ލިބިގަތުމަށް ޓަކައެވެ.

ﷲއަށް ޓަކައި އިޚުލާޞްތެރިކަމާ އެކު، އެއް މަސް ދުވަސް ވަންދެން މި ކަންކަން ކުރެވުނު ނަމަ، މި ގޮތަށް ރޯދަހިފުނު ނަމަ، އެއްވެސް ޝައްކެއް ނެތް ގޮތުގައި އަޅުގަނޑުމެންނަށް ތަޤުވާގެ ތަމްރީނު ލިބުނީހެވެ. ނަމަވެސް ބައެއް މީހުން ރޯދަ ހިފައިފައި ވަނީ ހަމަ އެކަނި ކަރުހިއްކުމާއި ބަނޑުހައިހޫނުކަން ލިބިގަންނާންކަމަށް ވާތީ، އެ ތަމްރީނު އެ ފަދަ މީހުންނަށް ނުލިބިދާނެއެވެ.

މި ވާހަކަ މިހެން މި ދެންނެވީ ވަރަށް މުހިންމު ސަބަބަކާ ހުރެއެވެ. އިއްޔެ – ފިޠުރު ޢީދު ދުވަހު – ހުޅުމާލޭ "މަސްޖިދު ޢަޒީޒާ މޫސާ"ގައި ޢީދު ނަމާދު ކުރާނޭ ދިވެއްސަކު ނެތި ބިދޭސީއަކު އަރައި ޢީދުކުރި މައްސަލައިގައި އިސްލާމީ ކަންތައްތާ ބެހޭ ވަޒީރަށާއި މުޅި ދިވެހި ސަރުކާރަށް ހެއްދެވި ނެހެއްދެވިއަށް ގޮވައި މީސްމީޑިއާއާއި މާސްމީޑިއާގައި ތަފާތު ލިޔުންތަކާއި ބަޔާންތަކާއި ކޮމެންޓުތައް ލިޔެ، ހަގީގަތް ބެލުމެއް ނެތި އެތިވަރު ގޮވައިފައިވާތީއެވެ.

މި ފަދަ ކޮމެންޓުތަކާ ގުޅިގެން އެއީ ކިހިނެއް ހިނގި ކަމެއްތޯ އަދި އެއީ ތެދެއްތޯ ބަލާން، އެ ދުވަހު އެ މިސްކިތަށް ހަމަޖައްސަވައިފައިވާ ޚަޠީބަށް ފަރަގު މީޑީއާގެ ފަރާތުން ގުޅައިލިއެވެ. އޭނާގެ ވާހަކަފުޅުތަކުން އެނގުނީ، ހުކުރު ޙަވާލުކުރެއްވި އިރު، ދެ ތާވަލެއްގައި، - "ވާރޭވެހޭ ނަމަ، ޢަމަލުކުރައްވާންވީ ތާވަލަކާއި ވާރޭނުވެހޭ ނަމަ ޢަމަލުކުރައްވާންވީ ތާވަލެއްގައި – ލިޔުއްވައިފައިވާތީ، އެ ޚަޠީބަށް ބެއްލެވުނު ތާވަލު ގޯސްވީކަމަށެވެ. އެހެންވެ ވާރޭ ނުވެހޭ ނަމަ، ޢަމަލުކުރައްވާންވީ ތާވަލުގެ ބަދަލުގައި ވާރޭ ވެހޭ ނަމަ، ޢަމަލުކުރައްވާން އޮތް ތާވަލަށް ބައްލަވައިގެން އެހެން މިސްކިތަކަށް ވަޑައިގެންނެވުނީއެވެ. އިއްޔެ އެ ގަޑީގައި ވާރޭ ނުވެހޭތީ ޢަމަލުކުރައްވާން ޖެހޭނި ވާރޭ ނުވެހޭ ނަމަ، ޢަމަލުކުރައްވާން ޖެހޭ ތާވަލަށެވެ. ނަމަވެސް ޚަޠީބަށް ވަޑައިގެންނެވުނީ ވާރޭ ވެހޭ ނަމަ، އެ ޚަޠީބު ޢީދުކުރައްވާން އޮތް މިސްކިތަށެވެ. ވާރޭ ނުވެހޭ ދުވަހަކަށް ވާތީ އެ މިސްކިތުގައި އިއްޔެ ޢީދު ނަމާދެއް ނުކުރެއެވެ. ބޮޑު ޖަމާޢަތުގައި ޢީދުކުރާތީ ޢީދުކުރާ މިސްކިތްތައް ވަނީ މަދުކޮށްފައެވެ. އެހެންކަމުން އެ މިސްކިތަކަށް އެކަކު ވެސް ނަމާދަކަށް ނުދެއެވެ. ދެން ޚަޠީބު ވަޑައިގަތީ ބޮޑު ޖަމާޢަތަށެވެ. ބޮޑު ޖަމާޢަތަށް ވަޑައިގެން އެ ޖަމާޢަތުގައި މައުމޫމުވެ ޢީދު ނަމާދުކުރެއްވީއެވެ.

ޚަޠީބަށް ވަޑައިނުގެންނެވޭ ފަދަ ޙާލަތެއް ދިމާވެއްޖެ ނަމަ، އިމާމުވެ ޢީދުނަމާދުކުރައްވާން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބަދީލަކު ވެސް ހަމަޖައްސަވައިފައި އޮތެވެ. އެ ބަދީލަކީ އެ މިސްކިތުގެ ދާއިމީ އިމާމެވެ. އޭނާއަށް ޢީދު ނަމާދަށް ވަޑައިނުގެންނެވޭނެކަމަށް ޚަޠީބު އަރިހަކު ވިދާޅުވެފައެއް ނެތެވެ. ގުޅުއްވައިލެއްވީ ވެސް ޢީދުނަމާދު ނިމުނު ފަހުންނެވެ. ނަމަވެސް އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތު ކުށްކަމުގައި ނުވާ ނަމަ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މިސްކިތްތަކާ ބެހޭ ސެކުޝަނުގެ އިސް ބޭފުޅަކަށް އެ ވާހަކަ ދަންނަވައިގެން އޭނާގެ ބަދަލުގައި އެހެން ބަދީލަކު ވެސް ހަމަޖައްސަވައިފައިވާކަމަށް ވެއެވެ. ބަދީލަކަށް ހަމަޖެއްސެވީ ޒުވާން އެހެން ޚަޠީބެކެވެ. އޭނާ ވިސްކިތަށް ވަޑައިގަތްކަމަށް ވެސް ވެއެވެ. ނަމަވެސް އޭނާގެ އަތްޕުޅަކު ޚުޠުބާއެއް ނެތެވެ. ފޯނުން ޚުޠުބާ ޑައުންލޯޑުކުރެވޭން އޮތަސް އެ ކަން އެ ބޭފުޅަކަށް ކުރައްވާކަށް ހަނދުމަފުޅެއް ނުވިއެވެ. މިއީ މި ކަން ހިނގައިފައިވާ ގޮތެވެ.

ދަންނަވާން މި އުޅޭ ވާހަކައަކީ، ހުރިހައި މިސްކިތަކަށް ވެސް ޚަޠީބުންނާއި ބަދީލުން ހަމަޖައްސަވައި އެ ބޭބޭފުޅުންލައްވައި އެ މިސްކިތްތަކަށް ވަޑައިގަންނަވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ސޮއިކުރުވައި ޚުޠުބާ ޙަވާލުކުރައްވައިފައިވާ ވާހަކައެވެ. ވީމާ، އެ ވުޒާރާގެ އިހުމާލެއް އޮތްކަމަކަށް ފެންނާކަށް ނެތެވެ.

ވީމާ، ކޮންމެވެސް ބަޔަކަށް ޒިންމާދާރުވާންވީ ވަރަށް ޒިންމާދާރުވެވަޑައިނުގެންނެވިގެން ނުވަތަ އިހުމާލަކުން ނަމަވެސް މަސްޖިދު ޢަޒީޒާ މޫސާގައި ދިވެއްސަކަށް ޢީދު ނަމާދުނުކުރެވުނީއެވެ. އެހެންކަމުން ޚުޠުބާދިނީ ޢަރަބިބަހުންކަމަށް ވެއެވެ. މިއީ ނަމާދު ބާޠީލުވާނެ ސަބަބެއް ވެސް ނޫނެވެ. އެހެނީ ޚުޠުބާއަކީ ޢީދު ނަމާދު ޞައްހަވުމުގެ ޝަރުޠެއް ނޫނެވެ. އަނެއްކޮޅުން ދިވެހިރާއްޖެ އިސްލާންވީއްސުރެ ފެށިގެން 1950ގެ އަހަރުތަކާ ހަމައަށް އަންނަންދެން ދިވެހިރާއްޖޭގައި ހުކުރުނަމާދާއި ޢީދު ނަމާދުގައި ޚުޠުބާ ކިޔައި އުޅުނީ މުޅީން ވެސް ޢަރަބި ޚުޠުބާއެވެ. އަލްއަމީރު ޙަސަން ފަރީދުގެ އަމުރުފުޅަށް ދިވެހިބަހުން ފުރަތަމަ ޚުޠުބާއެއް ލިޔުއްވީ އައްޝައިޚު ޙުސައިން ޞަލާހުއްދީން (ރަޙިމަހުﷲ)އެވެ. އެހެންވީމާ، މަސްޖިދު ޢަޒީޒާ މޫސާގައި (މި ފަދަ ކަމެއް ދިމާވެގެން) ޢަރަބިބަހުން ޢީދުޚުޠުބާ ކިޔުމަކީ މައްސަލައެއްކަމަކަށް އަޅުގަނޑަކަށް ނުފެނެއެވެ. 

މި ކަން މި ގޮތަށް ދިމާވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރާއި ރައީސުލްޖުމްހޫރިއްޔާގެ އިހުމާލެއް ނެތެވެ. ކޮންމެވެސް ބަޔެއްގެ އިހުމާލެއް ނެތެކޭ ނުދަންނަވަމެވެ. އަޅުގަނޑުގެ އަސްލު ނުކުތާއަކީ އިންސާނުންކުރާ މި ބާވަތުގެ ކަންކަމުގައި "އަތްދަށުންދާ" މި ކަހަލަ ކަމެއް ދިމާވާ ކޮންމެ ފަހަރަކު ނުވަތަ މި ފަދަ ކަމެއް ދިމާވުމުން ވަޒީރާއި ރައީސުލްޖުމްހޫރިއްޔާއަށް އަދި މުޅި ސަރުކާރަށް އެތިވަރުގޮވާން މީހުން އަވަސްވެގަންނަކަމީ ހިތާމަހުރިކަމެކޭ ދަންނަވައިލުމެވެ. މި ކަމުގައި އާޑަކިޔާން މީހުން އަވަސްވެގަތް މިންވަރަކީ އެ ކަން ދިމާވި މިސްކިތުގެ ނަމާއި ފޮޓޯ ވެސް ބައެއް ނޫސްތަކުގައި ނުބައިކޮށް ލިޔެފައިވުމެވެ. ކަންވީ ގޮތް ސާފުކުރާން ބޭނުން ނުވާތީއެވެ. މަސްޖިދު ޢަޒީޒާ މޫސާއަށް ބައެއް ނޫސްތަކުގައި "އަޒީޒިއްޔާ މިސްކިތޭ" ވެސް ލިޔުއްވައިފައި ހުއްޓެވެ. އަދި "މަސްޖިދުއްޝައިޚު ޤާސިމް ބިން މުޙަންމަދު އާލްޘާނީ"ގެ ފޮޓޯ ޖައްސަވައިފައި އެއީ "މަސްޖިދު ޢަޒީޒާ"އޭ ވެސް ލިޔުއްވައިފައި ހުއްޓެވެ.

އަޅުގަނޑު ހިތަށް އަރަނީ ރޯދައިގެ ސަބަބުން އަޅުގަނޑުމެންނަށް ލިބުނު ތަމްރީނަކީ ކޮބައިބާވައެވެ. މީހުންނަށް ބަދުބަސްބުނުމާއި އާޑަފުރައްސާރަކުރާން އަޅުގަނޑުމެން މިހައި ބޮޑަށް ޝައުގުވެރިވަނީ އަދި އަވަސްވެގަންނަނީ، އެ ކަމުން ކޮން ފައިދާއެއް ލިބޭތީބާވައެވެ. ވީމާ، ކަމެއް، ހާދިސާއެއް، ހަމަ ހިނގާ އިރަށް މައުލޫމާތު ސާފުކޮށްލުމަކާ ނުލައި، ކަމާ ނުވެސް ބެހޭ ބަޔަކަށް ހެއްދެވި ނެހެއްދެވިއަށް ގޮވާން އަޅުގަނޑުމެންގެ ގިނަ މީހުންގެ ހިތްތަކުގައި ޝައުގުވެރިކަން މި އުފައްދަނީ ޝައިޠާނާއާ އަޅުގަނޑުމެން ދޯޅުވެފައިވާލެއް ބޮޑުކަމުން ނޫންބާވައެވެ.

________________________________

ބައެއް ލަފުޒުގެ މާނަ

ޚަޠީބު       ނ.    (1) ހުކުރުކުރާ މީހާ (2) ޚުޠުބާ ކިޔާ މީހާ (3) ކަތީބު

ބަދީލު       ނ.    (1) ކަމަކަށް ކަނޑައެޅިފައިވާ މީހާގެ ނުވަތަ އެއްޗެއްގެ ބަދަލު.

އާޑަފުރައްސާރަ ނ.    (1) މަލާމާތް (2) އާޑަ

ޣީބަބުނުން    ނ.    ނެތިމޮށޭ މޮށުން

މާސްމީޑިއާ    ނ.    ޓީވީއާއި ރޭޑިއޯ ހިމެނޭހެން ޚަބަރާއި މަޢުލޫމާތު ފަތުރާ އެންމެހައި ވަސީލަތްތައް

މީސްމީޑިއާ    ނ.    ގިނަ ބަޔެއްގެ މެދުގައި މައުލޫމާތާއި ޚިޔާލު ބަދަލުކޮށް، ގުޅުންތައް އުފައްދައި ދަމަހައްޓާން ބޭނުންކުރާ އިންޓަނެޓުގެ ވަސީލަތްތައް.

ދޯޅުވުން      މ.    (1) ގައިގޯޅިވެގެން އުޅުން (2) އޮޅުވުން.

ކޮމެންޓު
ކޮމެންޓުތައް
ޝާނީޒް
31 މާރިޗް 2025 14:31
ވަޒީރު އަޅުއްވާން ވިދާޅުވި ފިޔަވަޅު އަޅުގަނޑަށް ވަރަށް ކަމުދެއެވެ. ސަބަބަކީ މިއީ ކުޑަ ކަމެކޭ ހީވިޔަސް ބޮޑު މައްސަލައެކެވެ. ނަމަވެސް އެއ ދެ އިމާމުން ކުރެ އެއްވެސް ބޭފުޅަކު އެ ކަމާ ދެރަފުޅުވުމުގެ ބަދަލުގައި އަދިވެސް މީސްމީހުންގެ ގާތުގައި ބަހުސްކުރައްވަނީ އެހެންމީހުން ކުށްނަމު އެޅުވޭތޯއެވެ. ހަގީގަތަކީ ކިތަންމެ ފުންނާބު އުހަސް މި ކަން ހިނގައިފައި މިވަނީ ޒިންމާދާރަުވާންވީ ވަރަށް، އަދި ބަލަން ވީ ވަރަށް އިމާމުންނާއި ޚަޠީބުން ޒިންމާދާރުނުވީތީއެވެ.
މަރީ
31 މާރިޗް 2025 14:26
ވަކި މީހަކާ ދިމާނުކޮށް ޣީބަނުބުނެ ވެސް ފާޑުކިޔޭކަން މި ލިޔުމުން އެނގިގެން ހިނގައްޖެ.
އަޙުމަދު ޢަލީ
31 މާރިޗް 2025 08:07
ވަޒީރު ވެސް މި މައްސަލައިގައި ބައްލަވާންވާ ވަރަށް ނުބައްލަވައި ޢާންމު ރައްޔިތުންގެ ރުހުން ހޯދުމަށް ނަމަހީވެސް މާއަވަހަށް ފިޔަވަޅު އެޅުއްވިކަމަށް ޤަބޫލުކުރެވޭ. ތިހުރިހާ ކަމެއް ބައްލަވާފައި ފިޔަވަޅެއް އެޅުއްވިނަމަ 2 އިމާމުންގެ ޤަދަރުވެސް މިހާބޮޑަކަށް މުޖުތަމަޢުގައި ނުވެއްޓޭނެ. އަނެއްކާ ޚަތީބާއި މެދު އެވަރު ފިޔަވަޅެއް ތަންފީޒު ކުރެވިދާނެ ކަމަކަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ. އެއަށްވުރެ މާފުންނާބު އުސްބޭފުޅެއް އެއީ.