ad_banner
عيد الفطر

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

30 މާރިޗް 2025

ބޮޑު ޖަމާޢާތުގައި ޢީދު ނަމާދުކުރަނީ

ޢީދުލްފިޠުރިއަކީ އިސްލާންދީނުގެ ޝަޢީރާތައް ފާޅުކުރުމަށާއި އުފާ ފާޅުކުރުމަށް ޓަކައި ﷲ ތާޢާލާ ލެއްވި ދުވަސްތަކުގެ ތެރެއިން ކޮންމެ އަހަރަކު އަންނަ ދުވަހެކެވެ. މިއީ އިސްލާންދީނުގެ ސަމާޙަތާއި ލުއިފަސޭހަކަމާއި މުޖުތަމަޢީވަންތަކަން ހާމަކޮށްދޭ މުނާސަބަތެކެވެ. މާތް ﷲ މުސްލިމުންނަށް އުފާ ފާޅުކުރުމަށާއި މި ދެންނެވި މަޤްޞަދުތައް ޙާޞިލުކޮށްދެއްވުމަށް ޓަކައި ދެ ޢީދެއް ލެއްވިއެވެ. އެއީ ފިޠުރު ޢީދާއި އަޟްޙާ ޢީދެވެ.

އިސްލާންދީނުގައި ޢީދަށް ވަރަށް މަތިވެރި މަޤާމެއް ލިބިފައިވެއެވެ. މުސްލިމު އިންސާނާ ފެންވަރައި ޠާހިރުވެ އަތުގައި އޮންނަ އެންމެ ރީތި ހެދުމަކުން ނަލަހެދެއެވެ. ޢީދަށް ޓަކައި އައު ހެދުން ވެސް ހޯދައެވެ. އެއަށް ފަހު އޭނާ ތަކްބީރުގެ މަތިވެރި ބަސްފުޅުތަކުން ޢީދުވިލޭރެއާއި ޢީދު ދުވަސް ޒީނަތްތެރިކޮށް ﷲގެ މަތިވެރިކަން ހާމަކުރެއެވެ. އެއަށްފަހު ޢީދުނަމާދު ކުރެއެވެ.

މުސްލިމުން ފިޠުރުޢީދު ފާހަގަކުރަނީ ރަމަޟާންމަހުގައި މުސްލިމު އަޅާ މާތްﷲ އަށް އަދާކުރި ޠާޢަތާއި ކިޔަމަންތެރިކަން އަދާކުރެވުނީތީއެވެ. ރަމަޟާންމަހަށް ފަހުގައި ވެސް އޭނާ މި ކިޔަމަންގަތުމުގައި ކުރިއަށްދާނެކަމުގެ ކަށަވެތިކަން ދެއްކުމަށް ޓަކައެވެ.

ޢީދުނަމާދަކީ ރަމޟާންމަހުގައި ރޯދަހިފުމަށާއި ރޭ އަޅުކަންކުރުމަށާއި ހެޔޮ ޢަމަލުތައް ކުރުމުގައި ދެއްވި ހެޔޮ ތައުފީޤަށް ޓަކައި މާތް ﷲއަށް އަދާކުރާ ޝުކްރެކެވެ. ޢީދުގެ ދުވަސްތަކުގައި މުސްލިމުންގެ މެދުގައިވާ އިޖްތިމާޢީ އެއްބައެއްވަންތަކަން އައުވެގެންދެއެވެ. ފިޠުރި ޒަކާތަކަކީ ފަޤީރުންނާއި މިސްކީނުން ޢީދުގެ އުފަލުގައި ބައިވެރިކުރުވުމަށް ދެވޭ އެހީއެކެވެ.   ޢީދު ދުވަހު  ބަދަލުކުރެވޭ ތަހްނިޔާއާއި އެކަކު އަނެކަކަށް ކުރާ ޒިޔާރަތްކޮށް ބައްދަލުކުރާކުރުމުގެ ސަބަބުން އިޖްތިމާޢީ ގުޅުން އއުވެގެންދެއެވެ. ޢީދު ފާހަގަކުރުމުގެ އާދަކާދަތައް ތަފާތުވިޔަސް އެކަމުގެ މަޤްޞަދުތަކަށް ބަދަލެއް ނާދެއެވެ.

މުސްލިމުން އެއއްބަޔަކު އަނެއް ބަޔަކާ ބައްދަލުކޮށް އުޅޭ ކޮންމެ ދުވަހަކީ ޢީދެކެވެ. ހުކުރުދުވަސް ހަފުތާ ޢީދުދުވަހަށް ވަނީ މިހެންވެގެންނެވެ. ޢީދު މި ބަސް އައިސްފައި ވަނީ ޢަރަބިބަހުގެ  عَود މި ލަފުޒުންނެވެ. ކޮންމެ އަހަރަކު ވެސް މި ދުވަސް ބުރުޖަހައިފައި އަންނާތީއެވެ. އިބްނުލް ޢަރަބީ ވިދާޅުވާ ގޮތުގައި ޢީދޭ ކިޔުނީ ކޮންމެ އަހަރަކު ވެސް މުސްލިމުންގެ ގާތަށް އުފާވެރިކަމާއެކު މި ދުވަސް އަންނާތީއެވެ. އުފާވެރިކަން އައުވެގެންދާތީއެވެ. އިބްނު ޢާބިދީން ވިދާޅުވާގޮތުގައި މި ދުވަސްތަކުގައި އިޙްސާންތެރިކަމާއި ހެޔޮއެދުމާއި ހެޔޮފޯރުވުންތައް އަނބުރާ އަންނާތީއެވެ. އުފާފާޅުކުރުމުގެ މަޒާހިރުތައް އެނބރިއަންނާތީއެވެ. ރަމަޟާންމަހުގައި ނުކައިނުބޮއި ތިބެފައި އަލުން ކެއިންބުއިމަށް އެނބުރިދާތީއެވެ.

ލަންކާގައި ތިބި ދިވެހީން ޢިދު ފާހަގަކުރަނީ (ފައިލް ފޮޓޯ/ ޕީއެސްއެމް)

ޣައިރު މުސްލިމުންގެ ޢީދުތަކާ ޚިލާފަށް އިސްލާމީ ޢީދުތަކަކީ މާތްﷲ ޝަރްޢު ކުރައްވާފައިވާ ޢީދުތަކެކެވެ.މި ދުވަސްތައް ބަދަލު ކުރުމުގެ ބާރު އެހެން އެއްވެސް ފަރާތަކަށް ލިބިގެން ނުވެއެވެ. އަދި މި ޢީދުތައް އިތުރު ކުރުމުގެ ޙައްޤު ވެސް އެހެން ފަރާތަކަށް ލިބިގެން ނުވެއެވެ. އިސްލާމީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ޢީދުކުރުމަށް ޓަކައި ޖާހިލީ ޒަމާނުގައި އޮތް ޢީދުތައް އުވައިލެއްވިއެވެ.

ފިޠުރު ޢީދަށް ބަލާއިރު އެއީ މާތްﷲ ފަރުޟުކުރެއްވި ރަމަޟާން މަހުގެ ރޯދައާ ގުޅިފައިވާ ޢީދެވެ. މި އަޅުކަން އަދާކުރެވުނީތީ އެ ކަމަށް ޝުކުރުކޮށް ފިޠުރު ޒަކާތް ނެރޭ ދުވަހެވެ. އެއީ ރަމަޟާން މަހުގައި ރޯދަ ހިފި މީހުންނަށް މާތްﷲ އިނާމުދެއްވާ ދުވަހެވެ. ޔައުމުލް ޖާއިޒާގެ ނަމުން ނަންދެވިފައިވާ ދުވަހެވެ. ރޯދައިގެ ވިދާރާއިން ދަސްވެނިވި މީހުންނަށް އިނާމުދެއްވާ ދުވަހެވެ.

އިސްލާމީ ޢީދުތަކުގައި ރޯދަ ހިފުމެއް ނެތެވެ. އެހެނީ އެ ދުވަސްތަކަކީ ރަޙްމާންވަންތަ ﷲގެ  މެހްމާންދާރީގެ ދުވަސްތަކެކެވެ. އެއީ މާތް ﷲ ހަނދުމަކޮށް އިސްރާފު ކުރުމެއް ނެތި، ކެއުމާއި ބުއިމާއި ދީނުގައި ކަނޑައަޅުއްވައިފައިވާ އިމުގެ ތެރޭގައި މަޖާކުރުމާއި ކުޅިވަރު ކުޅުމުގެ ދުވަސްތަކެކެވެ.

އިސްލާމީ ޢީދުތައް ފެށެނީ އިސްލާމީ ބޮޑު ބައްދަލުވުމަކުންނެވެ. މިއީ މާތް ﷲއަށް ޝުކުރު ދެންނެވުމަށް ޓަކައި ބޭއްވޭ ޢީދު ނަމާދުގެ ބައްދަލުވުމެވެ. މި ބޮޑު ބައްދަލުވުމުގެ ސަބަބުން އެއް ބަޔަކު އަނެއް ބަޔަކާ  ބައްދަލުވެ، ސަލާންގަލާންކޮށް ތަހުނިޔާ ބަދަލުކުރުމުގެ ފުރުޞަތު ތަނަވަސްވެގެން ދެއެވެ. އެކަކު އަނެކަކާ ބައްދަލުކޮށް ކޮންމެ މީހަކު ވެސް އެ މީހެއްގެ ހިތުގައިވާ  އިސްލާމީ އުޚުއްވަތްތެރިކަމާއި ގާތްތިމާގެކަމުގެ ޝުޢޫރުތައް ފާޅުކުރެތެވެ.

އިސްލާމީ ޢީދުތަކަކީ އެ ކަމުގައި އެންމެން ބައިވެރިކުރުވާން ޖެހޭ އިޙުތިފާލުތަކެކެވެ. އެ ދުވަސްތަކުގައި އުފާ ފާޅުކުރާންވީ ހަމަ އެކަނި ތަނަވަސްކަން ލިބިގެންވާ މީހުންނެއް ނޫނެވެ. ތަނަވަސްކަން ލިބިގެންވާ މީހުން ، މި ތަނަވަސްކަން ފަޤީރުންނަށާއި މިސްކީނުންނަށް ފޯރުކޮށްދީ ޢީދުގެ އުފަލުގައި ބައިވެރި ކުރުވަން ޖެހޭނެއެވެ. ފިޠުރު ޢީދު ދުވަހު، ޢީދު ނަމާދުގެ ކުރީން ފިޠުރު ޒަކާތް އަދާ ކުރުމަށް އަންގަވައިފާ ވަނީ މިހެން ވެގެންނެވެ. މި ކަމުގެ ސަބަބުން ފަޤީރުންނަށް ސަލާންނުޖަހައި ދިރިއުޅެވޭ ވަރުގެ ތަނަވަސްކަމެއް  ލިބޭނެތީއެވެ.

ހައްދުންމަތީ މާވަށުގައި މި ފިތުރު ޢީދަށް ދިއްލި ދިއްލުމުގެ ތެރެއިން ރަށުގެ ބުރިޖު ސަރަހައްދު

އިސްލާމީ ޢީދުތަކަކީ ޒީނަތްތެރިވުމުގެ މުނާސަބަތެކެވެ. މިހެންވެ ޢީދު ދުވަހަށް ޓަކައި ހިނައިގަތުން ސުންނަތްވެގެންވެއެވެ. އެ މީހެއްގެ އަތުގައި އޮތް އެންމެ ރީތި ފޭރާމެއް ލުން ސުންނަތްވެގެންވެއެވެ. ހުވަދުލުމާއި މީރުވަސް ދުވާ އެއްޗެހީގެ ބޭނުންކުރުމަކީ އިސްލާމީ އަދަބެކެވެ. ކީރިތި ރަސޫލާގެ ޞައްޙަ ޙަދީޘްފުޅުތަކުން އެނގޭ ގޮތުގައި،  އިސްލާމްދީން މަނާކުރަނީ އެ ކަމުގައި  ބޮޑާކަމާއި، ކަންދެއްކުމާއި، އޭނާއަށް ވުރެ ތިމާގެ މަތިވެރިކަން ދެއްކުމާއި، ތިމާވަންތަކަން އިސްކުރާ ކަންތައްތައް ހިމެނޭ ކަންތައްތައް ކުރުމެވެ.

މި ފަދަ އުފާވެރި ދުވަހެއްގައި ހަނދާނަށް ގެންނާންޖެހޭ އެންމެ މުހިންމު ކަމަކީ އަޅުގަނޑުމެންގެ މާތް ޢަޤީދާއަށް ރައްކައުތެރިވުމަށް ޓަކައި ދޭންޖެހޭ އަހައްމިއްޔަތެވެ. އަޅުގަނޑުމެންގެ ޤައުމުގެ އިސްލާމީ ޝަޚުޞިއްޔަތަކީ އަޅުގަނޑުމެންގެ އެކުވެރިކަމާއި، މިނިވަންކަމާއި އިސްތިޤުލާލުގެ މައިގަނޑު ރުކުނެވެ. ކުރިއަށް އޮތް ޖީލުތަކަށް މި މަތިވެރި ޢަޤީދާ ފޯރުކޮށްދީ ޤައުމުގެ އިސްލާމީ ޝަޚުޞިއްޔަތު ރައްކާތެރިކޮށް ދެމެހެއްޓުމަށް ޓަކައި މަސައްކަތްކުރުމަށް މިއަދު ޢަޒްމު ކަނޑައަޅާންޖެހޭނެއެވެ. އަޅުގަނޑުމެންގެ ލޮބުވެތި ވަޠަން ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި އަބަދުގެއަބަދަށް ދެމެހެއްޓުމަށް ޓަކައި އަޅުގަނޑުމެންގެ ދަރީންނަށް އިސްލާމީ ހަރުދަނާ ތަރުބިޔަތާއި ތަޢުލީމު ދޭންވާނެއެވެ.

މިއަދު ހުރިހާ ނީހަތަކަކުންނާއި ޙަސަދަވެރިކަމަކުން އަޅުގަނޑުމެންގެ ހިތްތައް ސާފުކުރަމާ ހިނގާށެވެ! ބައިބައިނުވެ އެއްގަލަކަށް އަރަމާ ހިނގާށެވެ! އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކު ވެސް އަނެކާގެ ޙައްޤު އަދާކުރަމާ ހިނގާށެވެ! މައިންބަފައިންގެ ޙައްޤުތަކުން ފަށަމާ ހިނގާށެވެ! މިއަދު މައިންބަފައިންގެ ތެރެއިން ހަމަ އެކަކުވެސް ހިތުގައި ނުޖައްސަމާ ހިނގާށެވެ! ރަޙިމުގެ ގުޅުން ވާޞިލުކުރުމަކީ މައިންބަފައިންގެ ޙައްޤުތަކާ ގުޅިފައިވާ ކަމެކެވެ. މިއަދު ގާތްތިމާގެ މީހުންނަށް ޒިޔާރަތްކޮށް ހެޔޮފޯރުވާށެވެ!  ޢީދުގެ ތަހްނިޔާއާއި ހެޔޮ އެދުންތައް ފޮނުވާށެވެ. މިއަދުގެ ދުނިޔޭގައި މި ކަމަކީ ވަރަށް ފަސޭހައިން ކޮށްލެވިދާނެ ކަމެކެވެ. އެކަމަށް ހޭދަކުރާން ޖެހޭނީ ކުޑަކުޑަ ހިނދުކޮޅެކެވެ. މީސްމީޑިއާގެ ތަފާތު ވަސީލަތްތައް ބޭނުންކޮށްގެންނެވެ. އެމީހުން ތިބާއާ ގުޅުން ނުބޭއްވިޔަސް ތިބާ އެމީހުންނާ ދުރަށް ނުދާށެވެ! ކައު ރަސޫލާ  r  ޙަދީޘްކުރެއްވިއެވެ. ((لَيسَ الوَاصِلُ بِالمُكَافِئِ، وَلَكِنِ الوَاصِلُ الَّذِي إِذَا قَطَعَتْ رَحِمُهُ وَصَلَهَا - أخرجه البخاري (٥٩٩١)- އެއްޗެއް ދިނުމުން ގުޅުން ވާޞިލުކުރުމަކީ ގުޅުން ވާޞިލުކުރުމެއް ނޫނެވެ. އެހެނަސް ގުޅުން ވާޞިލުކުރާ މީހަކީ ގުޅުން ކެނޑިއަސް  ގުޅުން ވާޞިލުކުރާމީހާއެވެ.))

ކޮމެންޓު