ad_banner
ރަމަޟާންމަހަށް އަލްވަދާޢުކިޔުން

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

29 މާރިޗް 2025

ފަނާވެ ނުގޮސް ތިބައާ އެކުގައި ވާނީ ދެމިހުންނަނިވި ޞާލިޙު ޢަމަލުތަކެވެ.

މި ދުނިޔެއަށް އަންނަ ކޮންމެ އެއްޗެއް ނެތިވެދާ ބީދައިން ރަމަޟާން މަސް އައިސް އަޅުގަނޑުމެންނާ ވަކިވެ ދަނީއެވެ. ކޮންމެ ދިރޭ އެއްޗެއް މަރުވާނެތެވެ. އަޅުގަނޑުމެން ވެސް ނެތިވެ ދާނެތެވެ. މިކައުނުގައި ވާ ކޮންމެ އެއްޗެއް ފަނާވެދާނެއެވެ. މިއަދު މި ބިންމަތީގައިވާ ކޮންމެ އެއްޗެއް މާދަމާ ވާނީ މި ބިމުގެ ފަސްގަނޑު ދަށުގައެވެ. މިއީ ޙަޔާތުގެ ޠަބީޢަތެވެ. ފަނާވެ ނުގޮސް ތިބައާ އެކުގައި ވާނީ ދެމިހުންނަނިވި ޞާލިޙު ޢަމަލުތަކެވެ. ﷲގެ ވަޖްހުފުޅަށް ޓަކައި ކުރެވުނު ކަމެކެވެ. "كُلُّ مَنْ عَلَيْهَا فَانٍ  ، وَيَبْقَىٰ وَجْهُ رَبِّكَ ذُو ٱلْجَلَـٰلِ وَٱلْإِكْرَامِ [1]- އެ ބިންމަތީގައިވާ ކޮންމެ އެއްޗަކީ، ފަނާވެދަނިވި އެއްޗެކެވެ.އަދި ކަލޭގެފާނުގެ ވެރި، ކީރިތިވަންތަކަމާއި، މާތްވަންތަކަމުގެ ވެރިރަސްކަލާނގެ ޛާތުފުޅު ދެމިވޮޑިގެންވެއެވެ."

އަޅުގަނޑުމެންނަށް ﷲ އެންގެވި ގޮތަށް އެކަލާނގެ ވަޖްހުފުޅު އަދައިގެން ރޯދަ ހިފުނު ބާވައެވެ! ރަމަޟާން މަހުގައި ކުރަން ވާޖިބު ކުރެއްވި ރޯދަ ހެޔޮ ގޮތުގައި ހިފުނު މީހާއަށް އުފާވެރިކަން ހުށްޓެވެ. ލޮބުވެތި ނަބިއްޔާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. "لِلصَّائِمِ فَرْحَتَانِ يَفْرَحُهُمَا إِذَا أَفْطَرَ فَرِحَ وَإِذَا لَقِيَ رَبَّهُ فَرِحَ بِصَوْمِهِ[2]- ރޯދަވެރިޔާއަށް ދެ އުފަލެއްވެއެވެ. ރޯދަވީއްލާއިރު އޭނާ އުފާވެއެވެ.އަދި އޭނާގެ ވެރިރަސްކަލާނގެއާ ބައްދަލުވާ ދުވަހު ރޯދައިގެ ސަބަބުން އުފާވެއެވެ."  ރޯދަވެރިޔާއަށް މާތްﷲ މި ދެއްވަނީ ދެ އުފަލެކެވެ. ދުނިޔެމަތީގައި ދެއްވާ ވަގުތީ އުފަލަކާއި އާޚިރަތްދުވަހުން ދެއްވާ ދާއިމީ އުފަލެކެވެ. ދުނިޔެމަތީގައި ލިބޭ އުފަލަކީ އޭނާގެ ވެރިރަސްކަލާނގެ އެންގެވި ގޮތަށް ރޯދަ ހިފުނީތީ ލިބޭ ހިތްހަމަޖެހުމުގެ އުފަލެވެ. އެކަލާނގެ ކުރަން އެންގެވިކަމެއް ކުރެވުނީތީ ހިތަށް ލިބުނު ފިނިކަމެވެ. ރޯދައިގެ ސަބަބުން ހަށިގަނޑަށް ލިބުނު ލޮޑުކަމާއި  ވަރުބަލިކަމުން  އަވަދިވީތީ ލިބުނު އުފަލެވެ. އެއީ ﷲ ދެއްވި ތައުފީޤުގެ ސަބަބުން ﷲގެ އަމުރުފުޅަށް ކިޔަމަން ގަނެވުނީތީ ވާ އުފަލެވެ.

ރަމަޟާން މަހުގައި ﷲގެ ވަޖްހުފުޅު އަދައިގެން ހެޔޮ ގޮތުގައި ރޯދަ ހިފައި، ރޭ އަޅުކަންކޮށް، ހެޔޮ ޢަމަލުތައް ކުރެވުނު މީހާ ފަހެ އެކަންތައްތަކާ މެދު ބޮޑާވެ ނުގަންނަ ހުށްޓެވެ. އެމީހާ މި ކަންތައްތައް ޤަބޫލު ކުރައްވާތޯ ﷲއަށް ދަންނަވާ ހުށި ކަމެވެ. މިހެންވެ މާތްﷲ އެކަލޭގެފާނަށް ރުއްސުންލެއްވި ޢަލީގެފާނު ވިދާޅުވިއެވެ. "ތިބާ އެކަމަކާ މެދު ފޮނިވެ ބޮޑާވެވޭ ހެޔޮ ކަމަކަށް ވުރެން ، ތިބާ ނުބައި ކަމެއް ކަމުގައި ދެކޭ ނުރަގަނޅު ކަމެއްގެ ހެޔޮކަން  މާ ރަނގަޅެވެ." އެހެނީ މި ފަދަ މީހާ އޭނާއަށް ކުރެވުނު ނުބައިކަމާ މެދު ހިތާމަކޮށް ދެރަ ވާނެތެވެ. މިއާ ޚިލާފަށް ހެޔޮ ޢަމަލުތަކެއް ކުރެވުނީތީ ފޮނިވެ ބޮޑާވާ މީހާ އެ ކަމުގެ ސަބަބުން  ހެއްލެނިވެ ގެއްލެނި ވެދާނެތެވެ. އެއް ދުވަހަކު ޞާލިޙު އަޅުންތަކެއް އެ ބޭކަލުންގެ ޝައިޚު އާލާސްކަންފުޅާ އުޅުއްވާތީ އެކަލޭގެފާނަށް ޒިޔާރަތް ކުރެއްވިއެވެ. ޝައިޚު ކީރިތިކުރައްވާތީ އެބޭކަލުން ދެންނެވިއެވެ. ކަލޭގެފާނު ކީރިތިކުރައްވަނީ ކީއްވެ ތޯއެވެ. ކަލޭގެފާނު ވަނީ ހުރިހާ ނަމާދުތަކެއް އެ ނަމާދުތަކުގެ ވަގުތުގައި އަދާކުރައްވައިފައެވެ. ކަލޭގެފާނު ވަނީ ރަމަޟާން މަސްތަކުގައި ރޯދަފުޅުހިއްޕަވައިފައެވެ. ކަލޭގެފާނު ވަނީ ކަލޭގެފާނުގެ މުދާތަކުން ޒަކާތާއި ޞަދަޤާތް ދެއްވައިފައެވެ. ކަލޭގެފާނު ވަނީ އެތައް ފަހަރަކު ޙައްޖަށް ވަޑައިގެން އެތައް ފަހަރަކު ޢުމްރާކުރައްވައިފައެވެ. އެހިނދު ޝައިޚު ވިދާޅުވިއެވެ. "އޭ ލޮބުވެތި ދަރީންނޭވެ! އޭގެ ތެރެއިން ﷲ ޤަބޫލުކުރެއްވީ ކޮން އެއްޗެއް ކަމެއް މަށަކަށް ނޭނގެއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. "إِنَّمَا يَتَقَبَّلُ ٱللَّـهُ مِنَ ٱلْمُتَّقِينَ [3]- اللَّه ޤަބޫލުކުރައްވާކަން ކަށަވަރީ ތަޤްވާވެރީންގެ ކިބައިންނެވެ. މަށަކީ ތަޤްވާވެރީންގެ ތެރޭގައި ވާ މީހެއްކަން އެނގެނީ ކިހިނެއްހެއްޔެވެ؟" މުއުމިނުންގެ ގޮތަކީ މިއީއެވެ. އަބަދުވެސް ތިބޭން ޖެހޭނީ ބިރުގެ މަތީގައެވެ. ﷲގެ ރަޙްމަތަށް އެދިއެދިއެވެ.

ރަމަޟާން މަހުގައި ރޯދަ ހިފައި ހެޔޮ އަމަލުތައްކުރުމުގައި ތައުފީޤު ލިބުނު މީހާ މި ވަނީ ރަމަޟާން މަހުގެ ތަޤްވާވެރިކަމާއި ހެޔޮ ޢަމަލުތަކުގެ ބެޓެރީން  ޗާޖުވެފައެވެ. އޭނާ މި ޗާޖުގެ ބޭނުން ރަނގަޅު ގޮތުގައި ހިފާންވާނެއެވެ. ރަމަޟާން މަސް މި ވަނީ މުޅި އަހަރުގައި ބޭނުން ކުރެވިދާނެ ހަކަތައެއް،  ކޮއްތެއް އޭނާގެ ވަށްޓަށް އަޅައިދީފައެވެ. މި ކޮއްތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފާށެވެ!

ޞާލިޙު ސަލަފުން ރަމަޟާން މަހުގެ ދުވަސްތައް ﷲއަށް ކިޔަމަންގަތުމުގައްޔާއި ހެޔޮ ޢަމަލުތައް ކުރެއްވުމުގައި ބޭނުންކުރެއްވިއެވެ. މާތް ﷲ ރުއްސުންލެއްވި އިބްނު މަސްޢޫދުގެފާނު ވިދާޅުވިއެވެ." އެ ދުވަހެއްގެ އިރުއޮއްސުމުން އަހުރެންގެ ޢުމުރުން ދުވަހެއް މަދުވެ އަހުރެންގެ ޢަމަލަށް އެއްޗެއް އިތުރުނުވާ ދުވަހަކާމެދު އަހުރެން ދެރަވާވަރަށް އެހެންކަމަކާ މެދު އަހުރެން ދެރަނުވަމުއެވެ. " ކީރިތި ރަސލާގެ މިތުރު ޞަޙާބީން ދަހިވެތިވެވަޑައިގެންފައިވަނީ ހެޔޮ ޢަމަލުތައް ކުރެއްވުމަށް ވުރެ ބޮޑަށް އެ ޢަމަލުތައް ﷲގެ ޙަޟްރަތުގައި ޤަބޫލުވެވިގެން އެއްޗަކަށް ހެއްދެވޭތޯއެވެ. އެބޭކަލުންގެ އަރިހުގައި ކުރެވޭ ކަމެއް ޤަބޫލުވުމަކީ އެ ކަމެއް ފުރިހަމަވުމުގެ ޢަލާމަތެކެވެ.Y ވަޙީކުރެއްވިއެވެ. " وَٱلَّذِينَ يُؤْتُونَ مَآ ءَاتَوا۟ وَّقُلُوبُهُمْ وَجِلَةٌ أَنَّهُمْ إِلَىٰ رَبِّهِمْ رَٰجِعُونَ [4]- އަދި އެއުރެންނީ އެއުރެންގެ ވެރިރަސްކަލާނގެ حضرة އަށް، ހަމަކަށަވަރުން، އެއުރެން އެނބުރިދާނޭކަމާމެދު އެއުރެންގެ ހިތްތައް ބިރުވެތިވެގެންވާ حال (صدقاتގެ ގޮތުން) އެއުރެން ދޭއެއްޗެއް ދޭމީހުންނެވެ."

ރަމަޟާން މަސް އަޅުގަނޑުމެންނަށް އަލްވަދާޢު ކިޔަނީއެވެ. ރަމަޟާން މަސް އަޅުގަނޑުމެންނާ އެކުގައި އުޅުމަށް ފަހު އެ ދަނީ އަޅުގަނޑުމެންނާ ބެހޭ ގޮތުން ރިޕޯޓް ލިޔެ ﷲގެ ޙަޟްރަތަށް ހުށައަޅާށެވެ. އެ ރިޕޯޓް އަޅުގަނޑުމެންނާ އެއްކޮޅަށް ލިޔެފައިވާ ނަމަ އަޅުގަނޑުމެންނަށް ބާއްޖަވެރިކަމާއި ކާމިޔާބު ހުށްޓެވެ. އޭރުން އެ ރޯދަ މާތްﷲގެ ޙަޟްރަތުގައި ޤިޔާމަތް ދުވަހު އަޅުގަނޑުމެންނަށް ޝަފާޢަތްތެރިވާނެއެވެ. އޭނާ ސުވަރުގެ ވައްދަވާ ދެއްވުމަށް އެދި ﷲއަށް ދަންނަވާނެތީއެވެ. [يَقُولُ الصِّيَامُ أَيْ رَبِّ مَنَعْتُهُ الطَّعَامَ وَالشَّهَوَاتِ بِالنَّهَارِ فَشَفِّعْنِي فِيهِ وَيَقُولُ الْقُرْآنُ مَنَعْتُهُ النَّوْمَ بِاللَّيْلِ فَشَفِّعْنِي فِيهِ قَالَ فَيُشَفَّعَانِ[5]- ރޯދަ ދަންނަވާނެތެވެ. މިއަޅާގެ ވެރިރަސްކަލާކޯއެވެ! މިއަޅާ ދުވާލުގެ ވަގުތުގައި އޭނާއަށް ކެއިންބުއިމާއި ޝަހަވާތްތައް މަނާކުރީމެވެ. ފަހެ، މިއަޅާއަށްޓަކައި އޭނާއަށް ޝަފާޢަތް ލައްވާނދޭވެ! އަދި ޤުރްއާން ދަންނަވާނެތެވެ. މިއަޅާ އޭނާ ރޭގަނޑުގެ ނިދިން މަޙްރޫމު ކުރީމެވެ. ފަހެ، މިއަޅާއަށް ޓަކައި އޭނާއަށް ޝަފާޢަތް ލައްވާނދޭވެ! ޙަދީޘްކުރެއްވިއެވެ. ފަހެ، އެކަލާނގެ އެދެމީހުންނަށް ޝަފާޢަތް ލައްވާނެތެވެ.]

ޝައްވާލު މަހުގެ ހަ ރޯދައަކީ ވަރަށް މުހިއްމު ސުންނަތެކެވެ. رسول الله صلى الله عله وسلم ޙަދީޘް ކުރެއްވިއެވެ. "مَنْ صامَ رَمَضَانَ ثمَّ أَتْبَعَهُ سِتًّا مِنْ شَوَّال كَانَ كَصِيَاِم الدَهْرِ[6]ރަމަޟާންމަހު ރޯދަހިފުމަށްފަހު އެކަމާ ވިދިގެން ޝައްވާލުމަހުން ހަ ދުވަހު ރޯދަހިފި މީހާ މުޅި އަހަރު ރޯދަ ހިފި ފަދައެވެ. " އެންމެ ރަނގަޅު ގޮތަކީ ވަޅުޢީދު ދުވަހުން ފަށައިގެން ހަ ދުވަހު ރޯދަހިފުމެވެ.

ރަމަޟަން މަހަށް މަރުޙަބާކީ ގޮތަށް އެ މަހަށް އަލްވަދާޢު ވެސް ކިޔާށެވެ. ރޯދަހިފުމަށާއި ޤިޔާމުކުރުމަށާއި ޤުރްއާންކިޔެވުމަށާއި ޞަދަޤާތްކުރުމަށާއި މީހުންނަށް ހެޔޮފޯރުވުން ފަދަ ހެޔޮ ޢަމަލުތަކުން ރަމަޟާން މަސް ދިރުވައި އިޙްޔާކުރި ގޮތަށް މި ޢަމަލުތަކުގެ މަތީގައި ކުރިއަށް ދިޔުމަށް ޢަޒުމުކަނޑައަޅާށެވެ. ﷲއަށް ކިޔަމަންގަތުމުގެ މީރުކަމާއި ލައްޒަތު އެނގުމަށް ފަހު އެ ކަމާ ދުރަށް ނުދާށެވެ. އެ ހެޔޮ އަމަލުތައް ކުރުން މަތީ ދެމިހުންނާށެވެ!. ޙަރާން ކަންތައްތަކާ ދުރުހެލިވެގެން ހުންނާށެވެ. މާތްﷲ ވަޙީކުރެއްވިއެވެ. "وَلَا تَكُونُوا۟ كَٱلَّتِى نَقَضَتْ غَزْلَهَا مِنۢ بَعْدِ قُوَّةٍ أَنكَٰثًا تَتَّخِذُونَ أَيْمَٰنَكُمْ دَخَلَۢا بَيْنَكُمْ أَن تَكُونَ أُمَّةٌ هِىَ أَرْبَىٰ مِنْ أُمَّةٍ ۚ إِنَّمَا يَبْلُوكُمُ ٱللَّهُ بِهِۦ ۚ وَلَيُبَيِّنَنَّ لَكُمْ يَوْمَ ٱلْقِيَٰمَةِ مَا كُنتُمْ فِيهِ تَخْتَلِفُونَ [7] -  އަދި އުއިގުޅައި، ރޮދިއަޅައި ހަރުކުރުމަށް ފަހު، އެތިއެތިކޮޅަށް އެ ކޮށައި ހަލާކުކޮށްލި ކަނބުލޭގެ ފަދައިން، ތިޔަބައިމީހުން ނުވާށެވެ! (އެބަހީ: عهدތަކުގެ ބާރު ލިބިގަތުމަށްފަހު، އެ عهدތައް އުވައިލާ ބަޔަކުކަމުގައި ތިޔަބައިމީހުން ނުވާށެވެ!) ތިޔަބައިމީހުންގެ މެދުގައި، ފަސާދަވެރިކަން އުފެއްދުމަށް ޓަކައި އޮތް އެއްޗެއްކަމުގައި، ތިޔަބައިމީހުންގެ ހުވާތައް ހަދަމުއެވެ. (އެއީ) ތިޔަބައިމީހުންކުރެ އެއް ބަޔަކު، އަނެއް ބަޔަކަށް ވުރެ ގިނަ ބަޔަކުކަމުގައި ވެދާނެތީއެވެ. ހަމަކަށަވަރުން، اللَّه، ތިޔަބައިމީހުން އެ ކަމުން امتحانކުރައްވަތެވެ. އަދި ތިޔަބައިމީހުން، خلافވެ އުޅުނުކަންތައް، قيامة ދުވަހުން އެކަލާނގެ ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވާނެކަން ކަށަވަރެވެ." 

މަރުޖާ:


[1] - الرحمن : 26-27

[2]-    أخرجه البخاري (١٩٠٤)، ومسلم (١١٥١) و النسائي (٢٢١٦)

[3] -المائدة : 27

[4]  - المؤمنون : 60

[5]-   أخرجه أحمد (٦٦٢٦) واللفظ له، والطبراني (١٤/٧٢) (١٤٦٧٢)، والحاكم (٢٠٣٦)

[6] -   أخرجه مسلم (١١٦٤)، وأبو داود (٢٤٣٣)، والترمذي (٧٥٩)، والنسائي في ((السنن الكبرى)) (٢٨٦٢)، وابن ماجه (١٧١٦)، وأحمد (٢٣٥٦١)

[7]  -  النحل :92

ކޮމެންޓު