ad_banner
ރައްޔިތުން ބަލައިގަންނާން ޖެހޭ ނަމޫނާއެއް

އަބާ މުޙަންމަދު

30 މާރިޗް 2025

2023 ނޮވެންބަރު17ވަނަ ދުވަހު ރިޔާސީ ހުވާކުރެއްވުމަށް ފަހު، އެ ރޭ ޖަމާޢަތުގައި މަޣުރިބުނަމާދު ކުރައްވަނީ. (ފައިލް ފޮޓޯ)

އަޅުގަނޑަކީ ސަރުކާރަށް އަދި އެއްވެސް މީހަކަށް އާޑަކިޔާ މީހެއް ނޫނެވެ. އަދި އެއްވެސް މީހަކަށް ނުވަތަ ސަރުކާރަށް ވެސް ސަނާކިޔާ ހިތްވާ މީހެއް ނޫނެވެ. ނަމަވެސް ކަން އޮންނަ ގޮތް ހާމަކުރާކަށް ޖެހިލުމެއް ނުވެއެވެ. އަޅުގަނޑަކީ ސިޔާސީ ވާހަކަދައްކާ ހިތްވާ މީހެއް ވެސް ނޫނެވެ. ނަމަވެސް ގައުމީ ވާހަކަ ނުދައްކައި އަޅުގަނޑަކަށް ނުހުރެވެއެވެ.

ބައެއް މީހުންނަށް ހީވަނީ އަޅުގަނޑުމެން މީސްމީޑިއާގައި މީހުންނާ ދިމާކޮށް ނަހަދާތީ އެއީ އަޅުގަނޑުމެންނަށް އެ ބާވަތުގެ ވާހަކަދައްކާން ނޭނގެނީކަމަށެވެ. ނަމަވެސް ހަގީގަތަކީ އެއީއެއް ނޫނެވެ. އަޅުގަނޑަށް ވެސް މީހުންނަށް އެއްޗެހި ކިޔާން އެނގެއެވެ. ނައްސި ކޮމެންޓުކުރާން ވެސް އެނގެއެވެ. އެއީ އެންމެ ފަސޭހަ ކަންތަކެވެ. ކަންކަމާ އާޑަ ފުރައްސާރަކުރުމަކީ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެކެވެ. ނަމަވެސް އެ ކަން އަޅުގަނޑު ނުކުރަނީ އެ ކަމުން ލިބޭނެ ފައިދާއެއް ނެތީމައެވެ. އަދި ފައިދާއެއް ނެތް ތާނގައި ލިބޭ ގެއްލުން އިންތިހާއަށް ބޮޑުވީމައެވެ. އެންމެ ބޮޑު ގެއްލުމަކީ ﷲގެ ރުހިވޮޑި ނުގަތުމެވެ. ﷲގެ އަމުރުފުޅަކާ ޚިލާފުވެވޭތީއެވެ. ﷲގެ އަމުރުފުޅަށް ތަބާވުމަކީ ވާޖިބެކެވެ. ސަވާބު ލިބެނިވި ޢަމަލެކެވެ. އެ ފަދަ އަމުރުފުޅަކާ ޚިލާފުވުމަކީ ޙަރާން ކަމެކެވެ. ޢަޒާބު ލިބެނިވި ޢަމަލެކެވެ.

ބަޔަކު ގަބޫލުކުރާން ބޭނުން ނުވިޔަސް ގައުމެއްގެ ރައީސަކު އާންމުންނާ އެކު އެއް ސަފެއްގައި ހުންނަވައިގެން މުޅި ރޯދަމަހު ހަމަ ކޮންމެ ރެޔަކު ތަރާވީޙު ނަމާދުގެ 20 ރަކުޢަތާއި ވިތުރިކުރެއްވުމަކީ ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ފާހަގަކުރެވޭ ކަމެކެވެ. އެ ކަމަށް ޚާއްޞަ އިސްކަމެއް ނުދެއްވާ ނަމަ، ނުކުރެއްވޭނެ ކަމެކެވެ. އެހެންކަމުން މި ހުސްވި ރަމަޟާން މަހު ހަމަ ކޮންމެ ރެޔަކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒު ޖަމާޢަތުގައި ތަރާވީޙު ނަމާދު ކުރެއްވިކަން އެއީ ތާރީޚީ ކަމެކެވެ. އަދި މިހާތަނަށް އެއްވެސް ރައީސަކު އެ ގޮތަށް ޢަމަލުކުރައްވައިފައިވާކަން އެނގޭކަށް ނެތެވެ. އެހެންކަމުން މި ކަން މި ފާހަގަކުރަނީ އުފަލާ އެކުގައެވެ. އެއީ ރައްޔިތުން ބަލައިގަންނާން ޖެހޭ ނަމޫނާއެއްކަމަށް ގަބޫލުކުރެވޭތީއެވެ. 

މަޢާފުކުރެއްވުން އެދެމެވެ. މި ކަން ފާހަގަކޮށް، ލިޔާން ރައީސް އެދިވަޑައިނުގަންނަވާނެކަން އެނގެއެވެ. އެ ކަން އެނގެނީ މި ވާހަކަ ދައުލަތުގެ މީޑިއާއިން ގެނެސްދީފައި ނުވާތީއެވެ. ނަމަވެސް މި ކަން ފާހަގަނުކޮށް އަޅުގަނޑަށް ނުހުރެވުނީއެވެ. މާފުކުރެއްވުން އެދެމެވެ. 

މީގެ އިތުރަށް، މި މާރިޗު މަހު 26ވަނަ ދުވަހުގެ ރޭ، ރަމަޟާން މަހު 27 ވިލޭރޭ، ޙާފިޒުންނަށް ޚާއްޞަ ޙަފުލައެއް ބާއްވަވައި ފުރަތަމަ ފަހަރަށް ބޭއްވެވި ޙާފިޒުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅުން ވެސް އެ މަނިކުފާނު ކީރިތި ޤުރުއާނާއި އިސްލާމް ދީނަށް ޚާއްޞަ އަހަންމިއްޔަތެއް ދެއްވާކަން ސާބިތުވިއެވެ. އެ ޖަލްސާގައި އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުން ވެސް ވިސްނާ ބަޔަކަށް ޢިބުރަތެއް ލިބޭނެއެވެ. އެ މަނިކުފާނު އެރޭ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ "ކީރިތި ޤުރުއާނަށް އަމަލުކޮށްގެން މެނުވީ ގެއްލިގެން މި ދާ އިންސާނީ ކަރާމާތް އަނބުރައެއް ނުގެނެވޭނެ"ކަމަށެވެ.

އަދި "ޤައުމު ޤައުމަކަށްވާނީ ކޮންމެ ރައްޔިތަކުވެސް ހިމެނިގެންކަމަށާއި، އެހެންކަމުން އަޅުގަނޑުމެންގެ އަމަލުތައް ހުންނަނީ ކިހިނެއްތޯ ބަލަންޖެހޭ"ކަމަށެވެ. އަދި "މިއީ ސައްތައިން ސައްތަ ޤައުމެއްގައި ދައްކަންޖެހޭ ވާހައެއް"ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ދިވެހީންގެ ތެރޭގައި އަބުރަށް އަރައިގަތުމާއި ނެތިމޮށުންފަދަ ނުބައި ޢަމަލުތައް އިތުރުވެފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެއީ ކީރިތި ޤުރުއާނުގައި ދުރުހެލިވުމަށް އެންމެ ބޮޑަށް ބާރުއަޅާ ކަންކަންކަމަށެވެ. އެހެންކަމުން މުސްލިމު މި ޤައުމުގައި މި ކަން ކުރާނަމަ އެއީ ދެކޮޅު ޖެހޭކަމެއްތޯ ރައީސް ސުވާލުކުރެއްވިއެވެ.

"އަޅުގަނޑުމެންގެ އެކަކު އަނެކަކަށް އަބުރަށް އަރައިގަންނަނީ. ދެބައޮޑުވަނީ. ނެތިމޮށެނީ. ދޮގު ވާހަކަތައް އިންތިހާއަށް ފަތުރަނީ. މިހެންގޮސް އަޅުގަނޑުމެންގެ ތެރޭގައި ނެތް (ގޯސް) ކަމެއް ނެތް. ގޯސް ހުރިހައި އާދައެއް؛ އިސްލާމްދީނުގައި، ކީރިތި ޤުރުއާނުގައި މަނާކޮށްފައިވާ، އެ ކަންކަމާ ދުރަށްދާން އަންގަވައިފައިވާ ހުރިހައި ކަމެއް، ސައްތަންއިންސައްތަ މި ޤައުމުގައި (އެބަ) ކުރޭ. މިއީ ދެކޮޅު ޖެހޭކަމެއްތޯ؟" ރައީސް ސުވާލުކުރެއްވިއެވެ.

މި ކަންކަން އަޅުގަނޑަށް ފާހަގަކުރެވުމާ އެކު، މި ރަމަޟާން މަހު އަޅުގަނޑުމެންގެ ނަފުސުތަކަށް ލިބުނު ރޫޙާނީ ތަރުބިއްޔަތާ އެކު، މި ފަދަ ނުރަނގަޅު ހުރިހައި އާދަތަކަކުން ދުރުހެލިވުމަކީ ކޮންމެ މީހެއްގެ އަމިއްލަ ނަފުސަށާއި ޢާއިލާއަށާއި މުޅި މުޖުތަމަޢަށް ކޮންމެހެން ލާޒިމު ކަމެއްކަމަށް ގަބޫލުކުރާންޖެހެއެވެ.

ކޮމެންޓު
ކޮމެންޓުތައް
ޚާލިދު
30 މާރިޗް 2025 23:34
ވަރަށްރަނގަޅު، ވަރަށްތާއީދު