އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
28 މާރިޗް 2025
ޔަވިޔަނި (ނުވަތަ ޔާ)، އެއް އަކުރު އަނެއް އަކުރުގެ މައްޗަށް ގަދަވެގަތުމަށް ޓަކައި ޒުވާނުން ބައިވެރިކޮށްގެން ހިނގި ކުރިމަތިލުމަށް ފަހު، ޏަވިޔަނި ވަނީ ގިއްގަޅުވައިލައިފައެވެ. ޏަވިޔަނީގެ މަގާމު ވެސް މިހާރު ގިނަ މުނާސަބާތަކުގައްޔާއި ގިނަ "ޖަލްސާތަކުގައި" އަދާކުރާ ތަން ފެންނަނީ ޔާއެވެ. ދޯންޏެއް ނޫނެވެ. ދޯންޔެކެވެ. ހުންނަންޏާއެއް ނޫނެވެ. ހުންނަންޔާއެވެ. ބުނަންޏާ، ބުންޏެވެ، ފަންޏެއް، ހިންޏެއް ފަދަ ލަފުޒުތަކުން "ޏ" އުނިކޮށް އެ މަގާމަށް "ޔ" ލައިފިއެވެ. ބުނަންޔާ، ބުންޔެވެ، ފަންޔެއް، ހިންޔެއް، އަށް ބަދަލުކޮށްފިއެވެ. ގަބޫލުކުރާން އަޅުގަނޑުމެންނަށް ދަތިވިޔަސް މި ހިތާމަވެރި ހަގީގަތާ އެބަ ކުރިމަތިވެއެވެ.
މިއީ މިހާރު މާޒީކަމަށް ބަލަމާތޯއެވެ! މިހާރު އަނެއްކާ މި ފެށިގެން އުޅެނީ އެހެން ހަނގުރާމައެކެވެ. ހުސްނޫނު (ނ) އުނިކޮށް ހުސްނޫނުގެ ވަޒީފާއަށް ނޫނުސުކުން (ން) ވެރިކުރަނީއެވެ. މި ބަދަލު ފެންނަނީ ހަމައެކަނި މީސްމީޑިއާއަކުންނެއް ނޫނެވެ. މާސްމީޑީއާއާއި ލިޔުންތެރީން ތަޞްނީފުކުރާ ފޮތްތަކުން ވެސް މި ކަން ފެންނާން ފަށައިފިއެވެ. މަތީން ތިޔަ ފެނިވަޑައިގަންނަވަނީ ކުޑަކުދީންނަށް ޚާއްޞަކޮށްގެން ޝާއިޢުކޮށްފައިވާ ފޮތެއްގެ ސަފުހާއަކުން ތަންކޮޅެކެވެ. މަސައްކަތް ފުރިހަމަކޮށްލަމާ ހިނގާށޭ ބުނާން ވެގެން އެ އޮތީ "ހިންގާ"އޭ ބުނެފައެވެ. މާނަ ހާދަހާ ތަފާތެވެ.
ތިރީން ތިޔަ ފެނިވަޑައިގަންނަވަނީ އޮންލައިނު ނޫހެއްގައި ލިޔެފައިވާ ޚަބަރެއްގެ އިސްކިރީނުޝޮޓެކެވެ. އެ ފޮޓޯގައިވާ ލިޔުންކޮޅުގައި ރަތް ދަށުރޮނގަކުން ފާހަގަކޮށްފައި އެ ވަނީ ހުސްނޫނު ލިޔާން ޖެހޭ ދެ ތަނެއްގައި ނޫނު ސުކުން ލިޔެފައިވާ ތަނެވެ. މި ފަހަރު މާނައިގެ ތަފާތު މާ ބޮޑީއެވެ. މީހަކަށް ކަމެއް "ނޭނގުމާއި" ކަމެއް "ނޭންގުމަކީ" މުޅީން ތަފާތު ދެ ކަމެކެވެ. ނޭނގުމަކީ ތިޔަ ބޭފުޅުންނަށް ވެސް އެނގިވޑައިގަންނަވާނޭ ފަދައިން ކަމެއް ނުވަތަ އެއްޗެއް "އިޙުސާސްނުވުމެވެ." ނުވަތަ "ދޭހަނުވުމެވެ." ނުވަތަ "ނުވިސްނުމެވެ." ނުވަތަ "މޭރުންނުވުމެވެ." ނަމަވެސް ނޭންގުމަކީ، ދުލުން ނުވަތަ ގަލަމުން ނޫނީ ލިސާނަކުން ނަމަވެސް މީހަކަށް ނުވަތަ ބަޔަކަށް ދޭހަކޮށްދޭން ޖެހޭ ކަމެއް "ދޭހަކޮށް ނުދިނުމެވެ." ނުވަތަ ދޭންޖެހޭ "ޚަބަރެއް ނުދިނުމެވެ." ނުވަތަ ދޭންޖެހޭ "މަޢުލޫމާތެއް ނުދިނުމެވެ."
މީހަކަށް ކަމެއް ނޭނގުމަކީ އެ ކަމެއްގެ މަޢުލޫމާތު އޭނާއަށް ލިބިފައި ނެތުމެވެ. ނަމަވެސް ނޭންގުމަކީ، މަޢުލޫމާތު ނުދިނުމެވެ. މި ގޮތަށް ހުސްނޫނު އޮންނާން ޖެހޭ ކޮންމެ ތަނަކަށް ހުސްނޫނުގެ ބަދަލުގައި ނޫނު ސުކުން އިތުރުކުރާ ނަމަ، ވަރަށް ނުބައި މާނަތަކެއް ދޭހަވެދާނެއެވެ. ތަނެއް "އަނދައި ހުލިވެއްޖޭ" ބުނުމުން ދޭހަވާނީ އޭގެ އަމިއްލަ ޒާތުގައި، މީހެއްގެ އިހުމާލެއް ނެތި (ކުރި މީހަކު ނޭނގި) އެ ކަންވެ ނިމިފައިވާކަމެވެ. ނަމަވެސް އެ ހުސްނޫނުގެ ބަދަލުގައި ނޫނުގައި ސުކުންކޮށްގެން "އަންދައި ހުލިވެއްޖެޔޭ" ލިޔެފި ނަމަ، ގާނޫނީ މައްސަލައެއް ވެސް އެބަ ދިމާވެއެވެ. މީހަކު ނުވަތަ ބަޔަކު އެ ކަން ކުރީކަން އެބަ ދޭހަވެއެވެ.
މުދާ ހިފައިގެން އައި ބަނޑަކުން މީހަކު މޫދަށް ވެއްޓުނު ވާހަކަ ލިޔާންވެގެން މީހަކުން "ބަންޑުން ވެއްޓިއްޖެޔޭ" ލިޔެފި ނަމަ، ދޭހަވާނީ ކޮން މާނައެއްތޯއެވެ! މި ފަދަ މިސާލުތައް ބައިވަރެވެ. ނަމަވެސް ދިގުވެދާނެތީ ކުރުކޮށްލުމުގެ ގޮތުން ދަންނަވަމެވެ.
މި ގޮތަށް މި ދިމާވަނީ ކޮން ސަބަބަކާ ހުރެތޯ ބަލައިލާ އިރު، އަޅުގަނޑަށް ދޭހަވަނީ، ނޭނގުމާއި ނޭންގުމުގެ މައްސަލައެވެ. އެންމެ ފުރަތަމަ މި މައްސަލަ ދިމާވީ ދިވެހިބަސް މީސްމީޑިއާގައި ލެޓިންއަކުރުން ލިޔާން ފެށި އިރު، ދިވެހިބަސް ލެޓިންއަކުރުން ލިޔުމުގެ ގަވާއިދެއް އޮންނަކަން މި ޒަމާނުގެ "ކުދީންނަށް" ނޭނގުނީތީއެވެ. ޏަވިޔަނީގެ އަޑު ރަމްޒުކޮށްދޭން ދިވެހިބަސް ލެޓިން އަކުރުން ލިޔުމުގެ ގަވާއިދުގައި އޮންނަނީ gn ކަން މި ޒަމާނުގެ ކުދީންނަށް ނޭނގި އޮތީމާ އޭގެ ބަދަލުގައި "y" އަކުރު ބޭނުންކޮށްގެން ލެޓިން އަކުރުން ލިޔާން ފެށުނީއެވެ. ދެން އެ ފަދަ ލިޔުންތައް ތާނައަށް ބަދަލުވާއިރު "y" އަކުރުގެ އަޑު ތަމްސީލުކުރާ "ޔ" ބޭނުންކުރާން ފެށުނީއެވެ.
ހަމަ މި ފަދައިން ހުސްނޫނުގެ ބަދަލުގައި ދިވެހިބަސް ލެޓިން އަކުރުން ލިޔުމުގެ ގަވާއިދުގައި އޮންނަނީ އެންއަކުރަކާއި އެޕޮސްޓްރޮފީއެއް (n’) ކަން ނޭނގި ހުސްނޫނުގެ ބަދަލުގައި ވެސް އަދި ނޫނު ސުކުނުގެ ބަދަލުގައި ވެސް ހަމަ އެކަނި އެންއަކުރު (n) ބޭނުންކުރެވޭން ފެށީއެވެ. ދެން މި ފަދަ ލިޔުންތައް ތާނައަށް ބަދަލުވާ އިރު، ނޫނު ސުކުނަކަށް ބަދަލުވަނީއެވެ.
ހަގީގަތުގައި މި ފަދަ ލިޔުންތައް ނުބައިކޮށް ލިޔާ ބަޔަކު އެ ލިޔަނީ ގަސްތުގައި ނުބައިކޮށް ލިޔާކަށް ނޫނެވެ. ނޭނގޭތީއެވެ. އަންގާން ޖެހޭ ބަޔަކު ނާންގައި އޮތީމާ ނޭނގި އޮތީއެވެ. މި ކަމުގައި އެ ލިޔާ ކުދީންނަށް އަޅުގަނޑު ޝަކުވާއެއް ނުކުރާނަމަވެ. ނަމަވެސް މި ބާވަތުގެ ކަންކަން ދަސްފުޅުކުރައްވައިގެން ލިޔުއްވާން އިސްތިމާސްކޮށްލާ ހިތްވެއެވެ.
ދެން ފާހަގަކޮށްލެވޭ އަނެއް ކަމަކީ، ދިވެހިބަސް ލެޓިން އަކުރުން ލިޔާއިރު، ހުސްނޫނާއި ޏަވިޔަނީގެ އަޑު ރަމްޒުކޮށްދޭން ބޭނުންކުރާ ރަމްޒުތައް ނޭނގުނުކަމަށް ވިޔަސް ދިވެހިބަސް ލެޓިންއަކުރުން ލިޔާ އިރު، ދާލުގެ އަޑު ރަމްޒުކޮށްދޭން ބޭނުންކުރަނީ "ޑީއެޗް" (dh)ކަން އެ ފަދަ ލިޔުންތެރީންނަށް އެނގޭކަމެވެ. ނަމަވެސް، ނަމަވެސް މި ފަހަރު ނޭނގި އޮންނަ ކަމަކީ ޑީޗްއަކީ ޢަރަބިބަހުގެ ދާލުގެ އަޑު ރަމްޒުކޮށްދޭން ބޭނުންކުރާ ދެ އަކުރު ނޫންކަމެވެ. ގިނަ ފަހަރަށް ބައިނަލްއަގުވާމީ ބަސްބަހުގައި ޑީއެޗް ބޭނުންކޮށްފައި ހުންނަނީ "ޟާދު" (ض)ގެ އަޑު ރަމްޒުކޮށްދިނުމަށް ޓަކައެވެ. ނަމަވެސް މި ކަން ނޭނގުމުގެ ސަބަބުންނާއި ސުޢޫދީ ޢަރަބިއްޔާގެ ވެރިރަށަށް ކިޔާ ނަން ނޭނގުމުގެ ސަބަބުން އިނގިރޭސި ލިޔުމެއްގައި "Riyadh" ލިޔެފައި އޮއްވައި ފެނުމުން އެއީ "ރިޔާދު"ކަމަށް ނޫސްތަކުގައި ލިޔަނީއެވެ. ނަމަވެސް ހަގީގަތުގައި އެއީ "ރިޔާޟު" (رياض)ކަމެއް އެ ފަދަ ލިޔުންތެރީންނަށް އެނގިފައެއް ނޯވެއެވެ.
މި ފަދަ ކުށްތައް ލިޔެވެނީ އެ ލިޔާ ލިޔުންތެރީންނަށް އެ ކަމުގެ ރަނގަޅު ގޮތް އަންގާން ޖެހޭ ބަޔަކު އަންގާން ޖެހޭ މަގާމުގައި އަންގައިދެވިފައި ނުވާތީއެވެ. އެއީ، ގޭތެރެއިން މައިންބަފައިންކަމަށް ވިޔަސް، އިސްކޫލުތަކުން މުދައްރިސުންކަމަށް ވިޔަސް، ނުވަތަ އެ ކަމާ ބެހޭ މުއައްސަސާއަކުންކަމަށް ވެސް މި މަޢުލޫމާތު ޞައްހަ ގޮތުގައި ޅަފަތުގައި އޮޅުންފިލުވައިދެވި އަންގައިދެވިފައި އޮތް ނަމަ، އެ ކުށްތަކެއް ނުޖެހުނީހެވެ.
މި މަގާމުގައި ފާހަގަކޮށްލާން ޖެހޭކަމަކީ އެކި ބަސްބަހުގައި އެ ބަހުގެ އަޑުތައް ރަމްޒުކޮށްދިނުމަށް ޓަކައި ލެޓިންއަކުރު ބޭނުންކުރާ އިރު، އެކި ބަސްބަހުގައި ބޭނުންކޮށްފައި ހުންނަނީ ތަފާތުއަކުރުތައްކަމެވެ. މިސާލަކަށް އަޅުގަނޑުމެން ދިވެހިބަސް ލެޓިން އަކުރުން ލިޔާ އިރު "ޟ"ގެ އަޑު ރަމްޒުކޮށްދިނުމަށް ޓަކައި ލިޔާން ގަވާއިދުގައި އޮންނަނީ އެލްއެޕޮސްޓްރޮފީ (l’)ކަމަށް ވިޔަސް އެ އަޑު ރަމްޒުކޮށްދޭން މެލޭބަހާއި އިނޑޮނޭޝިއާ ބަހުގައި ބޭނުންކުރާނީ ޑީ (d) އަކުރު ނުވަތަ ޑީއެޗް (dh) އެވެ. އަޅުގަނޑުމެން ދިވެހިބަހުގެ /ޗ/ އަޑު ރަމްޒުކޮށްދޭން ސީއެޗް (ch) ބޭނުން ކުރިޔަސް މި ދެންނެވި ދެ ބަހުގައި ބޭނުންކުރާނީ ހަމައެކަނި ސީ (c) އަކުރެވެ. cat މިހެން ލިޔުނީމާ އިނގިރޭސިބަހުން "ކެޓް" ކިޔަސް މި ދެންނެވި ދެ ބަހުގައި ކިޔާނީ އެއީ "ޗާޓް"ކަމަށެވެ. އަޅުގަނޑުމެން /ޝ/ގެ އަޑު ރަމްޒުކޮށްދޭން /sh/ ލިޔުނަސް މި ދެންނެވި ދެ ބަހުގައި އެ ދެ އަކުރުން ރަމްޒުކޮށްދޭނީ /ޞ/ގެ އަޑެވެ. /ޝ/ގެ އަޑު ރަމްޒުކޮށްދޭން އެ ދެ ބަހުގައި ބޭނުންކުރަނީ އެސްއަކުރާއި ވައި (sy) އަކުރެވެ.
މި ވާހަކަ ވެސް މާދިގުވެދާނެތީ ކުރުކޮށްލުމަށް ފަހު ދަންނަވަމެވެ. 1977ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެރުއްވި "ދިވެހިބަސް އިނގިރޭސި (ލެޓިން) އަކުރުން ލިޔުމުގެ ގަވާއިދު" އަދިވެސް ބާޠިލެއް ނުކުރައްވައެވެ. ވީމާ، ކޮންމެވެސް ބަޔަކު، ޒިންމާދާރު ފަރާތަކުން މި ގަވާއިދު، ނުވަތަ އާ ގަވާއިދެއް ނަމަވެސް، އާންމުކޮށް އެ ގަވާއިދަށް މުޖުތަމަޢު އަހުލުވެރިކުރާން އެބަ ޖެހެއެވެ. ގަބޫލުކުރާން ޖެހޭ ހަގީގަތަކީ މީސްމީޑިއާގެ މި ވަސީލަތްތަކުގައި އަދި މާސްމީޑިއާގައި ވެސް ދިވެހިބަސް ލެޓިން އަކުރުން ލިޔާންޖެހޭ ވަރަށް ގިނަ ޙާލަތު އެބަ އަންނަކަމެވެ. ވީމާ، މި ކަންކަމަށް މީހުން ހޭލުންތެރިކޮށް އަހުލުވެރިކުރުމަކީ ވެސް ދިވެހިބަހަށް ޚިދުމަތްކުރުންކަމަށް ނޫނީ ނުވާނެއެވެ. އެއީ ކޮންމެވެސް "ބަޔަކު" ކުރާން ޖެހޭ ކަމެއްކަމަށް ގަބޫލުކުރާންޖެހެއެވެ.
______________________________________
ބައެއް ލަފުޒުގެ މާނަ:
މީސްމީޑިއާ ނ. ގިނަބައެއްގެ މެދުގައި މައުލޫމާތާއި ޚިޔާލު ބަދަލުކޮށް، ގުޅުންތައް އުފައްދައި ދަމަހައްޓަން ބޭނުންކުރާ އިންޓަނެޓުގެ ވަސީލަތްތައް.
މާސްމީޑިއާ ނ. ޚަބަރު ފަތުރާ އެންމެހައި ވަސީލަތްތަކަށް ޖުމުލަކޮށް ކިޔާ ނަން.