އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
28 މާރިޗް 2025
އެ މީހެއްގެ މައްޗަށް އިރު އަރާ ކޮންމެ ދުވަހަކު ކުޑަ ނަމަވެސް ޞަދަޤާތެއްކުރުމަކީ މުސްތަޙައްބު ކަމެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ މި ކަމަށް ހިތްވަރުދެއްވައިފައެވެ. ކީރިތި ޤުރުއާނާއި ޠާހިރު ސުންނަތުގެ ރިވެތި ބަސްފުޅުތަކުން ވަނީ އެ ކަން ދަސްކޮށްދެއްވައިފައެވެ. އެއީ މުޖްތަމަޢުގެ ދޭދޭ ފަރުދުންގެ މެދުގައި އުޚުއްވަތްތެރިކަމާއި އެއްބާރުލުން ޤާއިމުކޮށް ބަދަހިކުރުމަށް އެހީވެދޭ ބަހާއެކެވެ. މިއީ ޞަދަޤާތްދޭ މީހާގެ ޝުޢޫރުތައް މުހުތާދުވެރީންނާ އެކު، ބަނދެލައިދޭ ވައުފަށެކެވެ. ތިމާގެ އަމިއްލަ ނަފުސަށް އެދޭ ހެޔޮވަންތަކަން އެހެން މީހުންނަށް އެދޭކަން ހާމަކޮށްދޭ ރަމްޒެކެވެ.
ރަމަޟާން މަހަކީ އެ މަހުގައި ކުރާ އެންމެ ހެޔޮ ކަމަކަށް ފަރުޟު ކަމެއްކުރުމުގެ ސަވާބު ދެއްވާ މަހެކެވެ. ކޮންމެ ފަރުޟު ކަމަކަށް އެ ފަދަ ހަތް ދިހަ ފަރުޟުގެ ސަވާބު ދެއްވާ މަހެކެވެ. ޚައިރާތާއި ބަރަކާތުގެ މައްސަރަކަށް ވާތީއެވެ.
ރަމަޟާންމަހަކީ ދީލަތިކަމުގެ މައްސަރުކަމަށް ކައު ރަސޫލާصلى الله عليه وسلم ސިފަކުރައްވައެވެ. މި މަހުގައި ދީލަތިވުމަށް އެކަލޭގެފާނު އަމުރުކުރެއްވިއެވެ. އެހެންކަމުން ރަމަޟާން މަހުގައި ޞަދަޤާތް ދިނުމަކީ އެ މަހުގައި ކުރާން އަންގަވައިފައިވާ ޞާލިޙު ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ކައު ރަސޫލާ عليه الصلاة والسلامއަކީ ވަރަށް ދީލަތި ބޭކަލެކެވެ. ރަމަޟާން މަހުގައި އެކަލޭގެފާނުގެ ދީލަތިފުޅުކަން މާ ބޮޑެވެ. ޢަބްދުﷲ ބުނު ޢައްބާސް رضي الله عنهما ވިދާޅުވާ ގޮތުގައި ރަސޫލާ صلى الله عليه وسلم ރަމަޟާން މަހުގައި މާ ދީލަތިފުޅެވެ. ޚާއްޞަކޮށް ޖިބްރީލުގެފާނާ ބައްދަލުވެވަޑައިގަންނަވާ ވަގުތުގައެވެ. އެކަލޭގެފާނުގެ ދީލަތިފުޅުކަން ސިފަކުރައްވައި ވިދާޅުވަނީ އެކަލޭގެފާނަކީ "ނަލަ ވައިރޯޅި"އެކެވެ. [1]
އިބްނު ޙަޖަރު ވިދާޅުވާ ގޮތުގައި ދީލަތިކަން ޞަދަޤާތްކުރުމަށް ވުރެ މާ ޝާމިލުކަން ބޮޑެވެ. ދީލަތިކަމަކީ ދޭންޖެހޭ ކޮންމެ މީހަކަށް ދޭން ޖެހޭ އެއްޗެއް ދިނުން ކަމުގައިވާތީއެވެ. ރަމަޟާން މަހުގައި މުހުތާދުވެރީންނަށާއި އަނބިދަރީންނަށާއި ގާތްތިމާގެމީހުންނަށް ޞަދަޤާތްދިނުން ގިނަކުރުން ޝަރުޢުކުރެއްވީ ރަމަޟާން މަހުގައި ކުރާ ހެޔޮ ޢަމަލުތަކުގެ ސަވާބު އެތައް ގުނައަކަށް އިތުރުކުރައްވާތީއެވެ.
ރަމަޟާންމަހުގައި ޞަދަޤާތްކުރުން އިތުރުވެގެން ވަނީ މާތް ﷲ އަޅުކަންތައް ކުރުމަށް ޚާއްޞަކުރައްވައިފައިވާ މޫސުމެއްގެ ތެރޭގައި ކުރެވޭ ކަމަކަށް ވާތީ ކަމަށް ޢިލްމުވެރީން ވިދާޅުވެއެވެ. މިހެންވެ ބައެއް ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ތިބާގެ މުދަލު ޒަކާތް ރަމަޟާން މަހުގެ ތެރޭގައި ނެރުން މުސްތަޙައްބުކަން ބޮޑުވެގެން ވެއެވެ. ޒަކާތް ނެރެންޖެހޭ ވަގުތު ނުޖެހުނު ކަމުގައި ވިޔަސްމެއެވެ.
ރަމަޟާންމަހުގައި ޞަދަޤާތް ކުރުމަށް ބަލާއިރު އެއީ:-
1- ޝައިޠާނާގެ ވަސްވާސްތައް ދުރަށްލާނެ ކަމެކެވެ. ނަބިއްޔާ -عليه الصلاة والسلام- ޙަދީސްކުރެއްވިއެވެ.((ما يُخرجُ رجلٌ شيئًا منَ الصدقةِ حتى يَفُكَّ عنها لَحْيَيْ سبعينَ شيطانًا [2]– މީހަކު ޞަދަޤާތުގެ ގޮތުގައި އެއްޗެއް ނެރެފިނަމަ އޭގެ ސަބަބުން ހަތްދިހަ ޝައިޠާނުންގެ ވަސްވާސްތަކުން އޭނާ މިނިވަންނުވެ ނުދާނެތެވެ. ))
2- ޞަދަޤަތް ކުރުމަކީ ހިތްނިޔަތް ރަނގަޅުކަން ދައްކައިދޭ ޢަލާމަތެކެވެ. އެއީ އޭނާ ﷲގެ ރުއްސެވުން ހޯދުމަށް ކުރާ ކަމަކަށް ވާތީއެވެ. އެތައް ގޮތަކަށް ޞަދަޤާތް ކުރެވިދާނެއެވެ. އޭގެ ތެރޭގައި ފަޤީރުންނަށް ކާންދިނުން ވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ((وَيُطْعِمُونَ الطَّعَامَ عَلَى حُبِّهِ مِسْكِينًا وَيَتِيمًا وَأَسِيرًا*إِنَّمَا نُطْعِمُكُمْ لِوَجْهِ اللَّـهِ لَا نُرِيدُ مِنكُمْ جَزَاءً وَلَا شُكُورًا[3] - އަދި އެތަކެއްޗަށް ލޯބި ހުރުމާއެކުވެސް، مسكين ންނާއި، يتيم ންނާއި، ހައްޔަރުވެފައިވާ މީހުންނަށް އެއުރެން ކާތަކެތި ކާންދެތެވެ. (ބުނަމުންނެވެ.) ތިމަންމެން ތިޔަބައިމީހުންނަށް ކާންދޭކަން ކަށަވަރީ، اللَّهގެ وجه ފުޅަށް ޓަކައެވެ. ތިޔަބައިމީހުންގެ ކިބައިން އެ ކަމުގެ އުޖޫރައެއް، އަދި شكرއެއް ވެސް ތިމަންމެން ނޭދެމުއެވެ.)) އޭގެ ތެރޭގައި ރޯދަވެރީންނަށް ރޯދަވީއްލުން ދިނުން ވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. (( من فطَّر صائمًا كان له مثلُ أجره، غير أنه لا ينقصُ من أجر الصائمِ شيئًا [4]- ރޯދަވެރިއަކަށް ފުތޫރެއް ދިން މީހާއަށް އެ ރޯދަވެރިޔާއާ އެއްފަދަ ސަވާބެއް ލިބިގެންވެއެވެ. އެ ރޯދަވެރިޔާއަށް ލިބޭ ސަވާބުން އެއްވެސް އެއްޗެއް އުނިވުމަކާ ނުލައެވެ.))
3- މުދަލާއި ނަފްސު ޠާހިރުވުމާއި މުދާ ހެދިބޮޑުވުން : މާތް ﷲ ވަޙީކުރެއްވިއެވެ. ((خُذ مِن أَموالِهِم صَدَقَةً تُطَهِّرُهُم وَتُزَكّيهِم بِها وَصَلِّ عَلَيهِم إِنَّ صَلاتَكَ سَكَنٌ لَهُم وَاللَّـهُ سَميعٌ عَليمٌ[5] - އޭގެ ސަބަބުން ކަލޭގެފާނު އެއުރެން طاهر ކުރައްވާނޭ، އަދި އެއުރެންނަށް ހެޔޮކަން އިތުރުކޮށްދެއްވާނޭ صدقات އެއް، އެއުރެންގެ މުދަލުން ކަލޭގެފާނު ނަންގަވާށެވެ! )) މިކަން ބަޔާންކޮށް ދެއްވައި ކައު ރަސޫލާ ޙަދީސްކުރެއްވިއެވެ. (( ما نَقَصَتْ صَدَقَةٌ مِن مالٍ، وما زادَ اللَّهُ عَبْدًا بعَفْوٍ إلَّا عِزًّا، وما تَواضَعَ أحَدٌ لِلَّهِ إلَّا رَفَعَهُ اللَّهُ [6] -ޞަދަޤާތް ކުރުމުން މުދާ އުނިނުވާނެތެވެ. ﷲ އަޅަކަށް ދެއްވާ މާފުން އޭނާގެ ޢިއްޒަތް އިތުރުވުން މެނުވީ ނުވާނެތެވެ.މީހަކު ﷲގެ ވަޖްހުފުޅަށް ޓަކައި ތަވާޟުޢުވެރިވުމުން އޭނާގެ ދަރަޖަ މަތިވެރިވުން މެނުވީ ނުވާނެތެވެ. ))
4- އަޅުންގެ ހިތްތަކަށް އުފާވެރިކަން ވެއްދުން : އެއީ އެންމެ ޞާލިޙު ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
5- ރިޒްޤު ތަނަވަސްވުމާއި ބަރަކާތް ލިބުން . މާތް ﷲ ވަޙީކުރެއްވިއެވެ. ((وَمَا أَنفَقْتُم مِّن شَيْءٍ فَهُوَ يُخْلِفُهُ وَهُوَ خَيْرُ الرَّازِقِينَ [7]– އަދި ތިޔަބައިމީހުން (އެކަލާނގެ މަގުގައި) ހޭދަކުރި ކޮންމެ އެއްޗަކަށް، އެކަލާނގެ އޭގެ ބަދަލު ދެއްވަތެވެ. އަދި އެކަލާނގެއީ، رزق ދެއްވާ، އެންމެހެޔޮ ރަސްކަލާނގެއެވެ.))
6- މާތް ﷲ ޞަދަޤާތްކުރާ މީހުންނަށް ޤިޔާމަތްދުވަހުން މަތިވެރި ޖަޒާ ދެއްވުން: ރަސޫލާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((سَبْعَةٌ يُظِلُّهُمُ اللَّهُ يَومَ القِيَامَةِ في ظِلِّهِ، يَومَ لا ظِلَّ إِلَّا ظِلُّهُ...رَجُلٌ تَصَدَّقَ بِصَدَقَةٍ فأخْفَاهَا حتَّى لا تَعْلَمَ شِمَالُهُ ما صَنَعَتْ يَمِينُهُ[8] – ޤިޔާމަތްދުވަހުން ﷲގެ ހިޔާވަހިކަންނޫން ހިޔަވަހިކަމެއް ނެތް ދުވަހުގައި އެކަލާނގެ ހަތް މީހަކަށް ހިޔާވަހިކަން ދެއްވާނެއެވެ. އޭގެ ތެރެއިން އެއް މީހަކީ އޭނާގެ ކަނައަތުން ކުރާ ޞަދަޤާތް އޭނާގެ ވައަތަށް ނޭނގޭ މިންވަރަށް ވަންހަނާކޮށް ޞަދަޤާތްކުރާ މީހާއެވެ.))
ރަމަޟާންމަހު ޞަދަޤާތްކުރުމުގެ މާތްކަން
ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި ރަމަޟާން މަހުގައި ކުރާ ޞަދަޤާތް އިތުރުވެގެންވާ ޢަމަލަކަށް ވީ އެތައް ސަބަބުތަކަކާ ހެދިއެވެ. އެއީ ފަޤީރުންނަށާއި މިސްކީނުންނަށާއި މުހުތާދުވެރީންނަށް ވެވޭ އިޙްސާންތެރިކަމަކަށް ވާތީއެވެ. އެމީހުންނަށް ރޯދަހިފުމުގައި އެހީތެރިވެވޭތީއެވެ. ރޯދަވީއްލުމަށާއި ހާރުކެއުމުގައި އެމީހުންނަށް އެހީތެރިކަމުގެ އަތްދިއްކޮށްލެވޭތީއެވެ.
މީގެއިތުރަށް ރަމަޟާންމަހުގައި ﷲގެ މަގުގައި ހޭދަކުރުމަކީ ދީލަތިވުމުގައި ﷲގެ އަމުރުފުޅަށް ކިޔަމަންގަތުން ހިމެނޭ ކަމެކެވެ. އެއީ ﷲ ދީލަތިވެ ވޮޑިގަންނަވާ މަހެކެވެ. ރަމަޟާން މަހުގެ ކޮންމެ ރެއަކު އެކަލާނގެ އަޅުންގެ ތެރެއިން އެތައް ހާސް ބަޔަކު ނަރަކައިން މުއްތިކުރައްވާތީ މުސްލިމުން ވެސް މި މަހުގައި ދީލަތިވާންވާނެއެވެ. އެކަލާނގެ މުއްތިކުރައްވާ މި އަޅުންގެ ތެރޭގައި ވޭތޯއެވެ.
ރަސޫލުﷲ eގެ ބަސްފުޅެއްގެ މާނައިގައި ވެއެވެ. ((ރަމަޟާންމަހަށް ހަނދުބެލުމާއެކު ގޮވައިލައްވާ ބޭކަލަކު ގޮވައިލައްވާނެއެވެ. އޭ ހެޔޮކަންތައްތައް ކުރުމަށް އެދޭމީހާއޭވެ! ކުރިމަތިލާށެވެ! އޭ ނުބައި ޢަމަލުތައް ކުރުމަށް އެދޭ މީހާއޭވެ! ފުރަގަސްދޭށެވެ! ނަރަކައިން މުއްތިކުރައްވާ ބަޔަކު ﷲއަށް ލިބިވޮޑިގެންވެއެވެ. އެއީ ހަމަ ކޮންމެ ރެއަކުއެވެ.))[9]
ފިޠުރި ޒަކާތަކީ ރަމަޟަން މަސް ނިމުމުން ވާޖިބުވާ ޒަކާތެކެވެ. މި ޒަކާތް ކުޑަކުދީންނާއި މުސްކުޅީންނާއި އަންހެނުންނާއި ފިރިހެނުންގެ ކިބައިން ނެރެންޖެހޭނެއެވެ.ޢާއިލާގެ އިސް ވެރިޔާއަށް ޢާއިލާގެ އެހެން މީހުންގެ ފަރާތުން މި ޒަކާތް ދެއްކިދާނެއެވެ.
މަރުޖާ:
[1] - أخرجه البخاري (٤٩٩٧) ومسلم (٢٣٠٨)
[2] - أخرجه أحمد (٢٢٩٦٢)، وابن خزيمة (٢٤٥٧)، والبزار (٤٤٥٦)
[3] - الإنسان : 8-9
[4] - أخرجه الترمذي (٨٠٧)، والنسائي في ((السنن الكبرى)) (٣٣٣١) وأحمد (١٧٠٣٣)
[5] - التوبة : 103
[6] - أخرجه مسلم (٢٥٨٨)، والترمذي (٢٠٢٩)، وأحمد (٩٠٠٨)، والبيهقي في ((شعب الإيمان)) (٨٣٢٨)
[7] - سبأ : 39
[8] - أخرجه البخاري (٦٨٠٦)، ومسلم (١٠٣١)
[9] - أخرجه الترمذي (٦٨٢)، وابن ماجه (١٦٤٢) وأخرجه البخاري (١٨٩٩) مختصراً بنحوه، ومسلم (١٠٧٩) مختصراً بلفظ مقارب