ad_banner
ޓީބީއަކީ އެންމެންގެ ކަށަވެތިކަމާ އެކު، ނައްތައިލެވިދާނެ ބައްޔެއް

އަބާ މުޙަންމަދު

24 މާރިޗް 2025

ޓީބީއަކީ ފަސޭހަކުރެވޭ އެކަމަކު ނުރައްކާތެރި ބައްޔެކެވެ.

ކޮންމެ އަހަރެއްގެ މާރިޗު މަހުގެ 24ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ޓީބީ ދުވަހުގެ ގޮތުގައެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ ބަލީން ރައްކާތެރިވުމަށް ޓަކައި އާންމު ހޭލުންތެރިކަން އިތުރުކުރުމެވެ.

ޓިއުބަރކިއުލޯސިސް ނުވަތަ ޓީބީއަކީ މައިކްރޯ ބެކްޓީރިއަމް ޓިއުބަރކިއުލޯސިސް ކިޔާ ބެކްޓީރިއާއެއްގެ ޒަރީއާއިން ޖެހޭ ބައްޔެކެވެ. ޢާންމު ގޮތެއްގައި ފުއްޕާމެއަށް ޖެހުނު ނަމަވެސް މި ބަލި ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ޖެހުމުގެ ފުރުޞަތު ވެސް އޮންނަކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. މިއީ ނޭވާލާ ނިޒާމުގެ އެހެން ބަލިތައް ވެސް ފެތުރޭ އުސޫލުން ފެތުރޭ ގައިންގަޔަށް އަރާ ބައްޔެކެވެ.

މަގުސަދު

މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ ބަލީން ރައްކާތެރިވުމަށް އާންމު ހޭލުންތެރިކަން އިތުރުކުރުމެވެ. މީގެ ނަތީޖާއެއްގެ ގޮތުން އިޖުތިމާޢީ އިގުތިސާދީ ދުޅަހެޔޮކަން އިތުރުވެ އުފާވެރި މުޖުތަމަޢަކަށް މަގުފަހިވާނެތީއެވެ..

ތާރީޚީ ގޮތުން ފާހަގަކުރެވޭ ކަންކަން:

މި ދުވަސް ފާހަކުރާން ފަށައިފައިވަނީ، ޓީބީ ޖައްސާ ޖަރާސީމުކަމަށްވާ މައިކްރޯބެކްޓީރިއަމް ޓިއުބަރކިޔުލޯސިސް ހޯދިއްޖެކަން އިޢުލާނުކުރެވުނު ދުވަހަށް ނިސްބަތްކޮށެވެ. ޑރ. ރޮބަރޓް ކޮޗް މި ޖަރާސީމު ހޯއްދެވިއްޖެކަމަށް އިޢުލާނުކުރައްވައިފައިވަނީ 1882 މާރިޗް 24ގައެވެ.

ބައިނަލްއަގުވާމީ އަސަރު

ސައެންސާއި ފަންނިއްޔާތުގެ ގޮތުން ދުނިޔެ ކިތަންމެ ކުރިއަރައިފައިވާކަމަށް އަޅުގަނޑުމެން ގަބޫލުކުރިޔަސް ޓީބީއަކީ ދުނިޔޭގެ އެންމެ ބޮޑު ސިއްޙީ އެއް މައްސަލައިގެ ގޮތުގައި މިއަދު ވެސް ދެމި އޮތް ބައްޔެކެވެ. މުޅި ދުނިޔޭގެ އެތައް މިލިއަން މީހުންނަށް މި ބަލި ކޮންމެ ދުވަހަކު ވެސް ޖެހޭކަމަށް ވެއެވެ.

ޝިޢާރު

މި އަހަރުގެ ޓީބީ ދުވަހުގެ ޝިޢާރަކީ "Yes! We Can End TB: Commit, Invest, Deliver".  ("އާނ! އަހަރެމެންނަށް ޓީބީ ނައްތައިލެވިދާނެ. ކަށަވެތިވެ، ވުނަކޮށް ފޯރުކޮށްދީ!")

ޢަމަލުކުރުމަށް ގޮވައިލުން. 

މި ދުވަސް މިއަދު ފާހަކަކރާ އިރު ސަރުކާރުތަކަށާއ ޖަމުއިއްޔާތަކަށާއި ވަކިވަކި ފަރުދުންނަށް އިސްތިމާސްކުރެވެނީ މި ބަލިމަޑުކަން ދުނިޔެއިން ނައްތައިލުމަށް ޓަކައި މަސައްކަތް ހަލިކޮށް ކަށަވެތިކަން ބަދަހިކޮށް ވަރުގަދަކުރުމަށެވެ.

ޓީބީގެ ޢަލާމާތްތައް:

ޓީބީ ޖެހިފައިވާ މީހުންގެ ކިބައިން އެންމެ އާންމު ގޮތެއްގައި ފެންނަ ޢަލާމާތްތަކުގެ ތެރޭގައި ކުއްލިއަކަށް ހަށިގަނޑުގެ ބަރުދަން ލުއިވުން، ވަރުދެރަވުން، ހީކެރުވުން، އާދަޔާ ޚިލާފަށް ދާހިއްލުން، ހުންއައުމާއި އަދި މޭގައި ރިއްސުމާއި ކެއްސާފައި އަންނަ ދަވައިގައި ލޭހުރުން ހިމެނޭކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި މިބަލި ޖެހިފައިވާ މީހަކު 2 ހަފްތާއަށްވުރެ ގިނަ ދުވަހު ކެއްސުމުގެ އުނދަގޫ ކުރިމަތިވެދާނެކަމަށް އެޗްޕީއޭއިން ފާހަގަކުރައްވައެވެ.
ބަލިޖެމުގެ ހިރާސް:

އެންމެ އަވަހަށް މި ބަލި ޖެހުމުގެ ފުރުސަތު އޮތް މީހުންގެ ތެރޭގައި ދިގު މުއްދަތަކަށް ބޭސް ބޭނުންކުރާ ފަރާތްތަކާއި ބީސީޖީ ވެކްސިން ފުރިހަމަ ނުކުރެވޭ ކުދީންގެ ތެރެއިން ފަސް އަހަރުން ދަށުގެ ކުޑަކުދީންނާއި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނާއި، އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ. ވީމާ، މި ފަދަ އެންމެން ބައްޔަށް ހުށަނޭޅޭނެ ގޮތަށް ބެލެނިވެރީން ސަމާލުކަން ދިނުން މުހިންމެވެ.

ޓީބީއަށް އަސަރު ނުކުރާ ބޭސް

ބަލީގެ ބޭސް ބޭނުންކުރެވޭ ގޮތަކުން ބަލީގެ ޖަރާސީމު، ބައްޔަށް ހޭނި، ބޭހުން ޖަރާސީމަށް އަސަރުނުކުރާ ގޮތް ވުމަކީ މިއަދު ކުރިމަތިވެފައިވާ އެންމެ އުނދަގޫ އެއް މައްސަލައެވެ. އެހެންކަމުން އިތުރުވަމުންދާ މި މައްސަލައަށް ސަމާލުކަން ދީ މި ކަން ހައްލުކުރާނެ ގޮތުގެ މަސައްކަތް ހަލުވިކުރާންޖެހެއެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތައް

މި ބަލީން ރައްކާތެރިވުމަށް ޓަކައި ކުރާންޖެހޭ އެންމެ މުހިންމުކަމަކީ ބަލި ހުރިތޯ ނެތްތޯ ބަލާން ޓެސްޓުކުރުމެވެ. އަދި ބަލި ޖެހިފައިވާ މީހަކު ގޭގައި އުޅޭ ނަމަ ގޭތެރޭގައި ވައި ދައުރުވާނެހެން ހެދުމެވެ. މީގެ އިތުރަށް ބަލި ޖެހިފައިވާ މީހުން ކެއްސައި ކިނބިހިއެޅުމުގައި ސަމާލުވުމަށާއި އެ ފަދަ ފަރާތްތަކުން ބޭނުންކުރާ ޓިޝޫ ރައްކާތެރިގޮތުގައި ނައްތައިލުން ހިމެނެއެވެ.

މިހާރު ކުރިއަށްދާ އެއްބާރުލުން:

ދުނިޔޭގެ ޓީބީ ދުވަހަކީ ހަގީގަތުގައި ރަށުފެންވަރުގައްޔާއި ގައުމީ ފެންވަރުގައްޔާއި ބައިނަލްއަގުވާމީ ފެންވަރުގައި މި މަސައްކަތަށް ހުރި ކަށަވެތިކަން ވަރުގަދަކުރުމަށް އޮތް ފުރުސަތެކެވެ.

ރާއްޖެއިން އަޅާ ފިޔަވަޅުތައް:

ބައްޔާއި ދެކޮޅަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއާއި ގުޅިގެން ރާއްޖެއިން ވެސް ގެންދަވަނީ ފިޔަވަޅުތައް އަޅުއްވަމުންނެވެ. އަދި 2030ވަނަ އަހަރު އަންނައިރު މި ބައްޔަކީ އޭގެ ސަބަބުން ރާއްޖޭގައި އާންމު ސިއްޙަތަށް ނުރައްކާނުވާ މިންވަރަށް މަދުކުރެވިފައިވާ ބައްޔެއްކަމަށް ކަނޑައެޅޭ ވަރަށް މި ބަލީގެ ނުރައްކާ ކުޑަކުރެވޭތޯ ރާއްޖެއިން އަންނަނީ މަސައްކަތްކުރަމުންނެވެ.

މި މަސައްކަތުގެ ދަށުން ރާއްޖޭގެ 100 ރަށެއްގައި ޓީބީ ނައްތައިލެވިފައިވާކަމަށް ކަނޑައެޅުމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި ރާއްޖެއިން މުޅީން ޓީބީ ނައްތައިލުމަށް ޓަކައި ކުރާ މަސައްކަތުގެ ދަށުން 2018 ވަނަ އަހަރު އިސްތިރާޖީ ތަދުބީރެއް އެކުލަވައިލައި، އެ ކަމަށް ބޭނުންވާ އުސޫލުތަކާއި އިޖުރާތުތައް ތައްޔާރުކުރެވިފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ބައެއް ލަފުޒުގެ މާނަ:

ކަށަވެތިކަން   މ.   (1) ޒިންމާދާރުކަމާއި ޝައުގުވެރިކަމާއެކު ކަމެއް ކުރުމުގެ ސިފަ. (2) ކަމެއް ކުރާނެކަމަށް ދޭ ކަށަވަރުކަން ނުވަތަ ވާ ވައުދު.

އިސްތިރާޖީ   ނއ.  މަގުސަދު ނުވަތަ ލަނޑުދަނޑި ހާސިލުކުރުމުގައި ރޭވުންތެރި ނުވަތަ ހިކުމަތްތެރި.

ތަދުބީރު     ނ.   (1) ކަމެއްގެ މައްޗަށް ފުންކޮށް ވިސްނައި ރާވާރޭވުން. (2) ޙިކުމަތް.

 

ކޮމެންޓު