އަބާ މުޙަންމަދު
24 މާރިޗް 2025
އިސްރާއީލުންގެ އަޅުވެތިކަމާއި އިސްތިޢުމާރީ ވެރިކަމަށް ކެތްނުކުރެވިގެން 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަތްވަނަ ދުވަހު ޙަމާސްގެ މުޖާހިދުން ދީފައިވާ ޙަމަލާއެއްގައި އިސްރާއީލަށް ނިސްބަތްވާ 250އެއްހާ މީހުން ރަހީނު ކޮށްގެން ޙަމާސަށް ގެނައެވެ. ހަމަ އެ ދުވަހު އިސްރާއީލުން ވަނީ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތް ނައްތައިލުމުގެ ނަމުގައި ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދޭން ފަށައިފައެވެ.
އެއް އަހަރާއި ހަތަރު މަސް ދުވަސް ވަންދެން އިސްރާއީލުން ޣައްޒާއަށް ކެނޑިނޭޅި ދިން ޙަމަލާތަކުގައި ޣައްޒާގެ 61،000އަށްވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދު ކޮށްލައިފައެވެ. ހަނގުރާމައިގެ ޙާލަތުގައި މައުސޫމު ކުޑަކުދިންނާއި އަންހެނުން ކަތިލެވެމުން ދިޔައިރު ވެސް ޙަމާސުން ދިޔައީ އިސްރާއީލުންގެ ޝަރުތުތަކަށް އެއްބަސްނުވެ ގޮތުގައި ހިފަހައްޓަމުންނެވެ. މަޖުބޫރުވީ ޙަމާސާއެކު ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކުރާށެވެ. އެހެންކަމުން، ގަޠަރާއި މިސްރުން އިސްދައުރެއް އަދާކޮށްގެން މި އަހަރުގެ ޖަނަވަރީ މަހުގެ 19ވަނަ ދުވަހު އެއްބަސްވުމެއް ގާއިމުކޮށް، އެ އެއްބަސްވުމުގެ ދަށުން ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލުންނަށް ނިޞްބަތްވާ ބައެއް އަސީރުން ދޫކޮށްލައިފައި ވަނީ އިސްރާއީލު ޖަލުތަކުގައި ތިބި ފަލަސްޠީނުގެ އެތައް ސަތޭކަ ރައްޔިތުންނެއް ދޫކޮށްލުމުންނެވެ.
ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުޙާލާ ނިމުމަކަށް އައުމުން އިސްރާއީލުން ވަނީ ދެވަނަ މަރުޙަލާއަށް ދިޔުމަށް ދެކޮޅު ހަދައި އަނެއްކާ ވެސް ޣައްޒާއަށް އަމާޒު ކޮށް ވަރުގަދަ ޢުދުވާނީ ހަމަލާތައް ދޭން ފަށައިފައެވެ. އެ ޙަމަލާތަކުގައި މިހާތަނަށް ޣައްޒާގެ 700އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފިއެވެ. ޝހީދުވ މީހުންގެ ތެރޭގައި ޣައްޒާ ސަރުކާރުގެ އިސް ވެރިޔާ އިސާމުއްދަލީސާއި ދާޚިލީ ސަލާމަތާބެހޭ އިސްވެރިޔާ މުޙަންމަދު އަބޫ ވަޠުފާއާއި ސަރުކާރުގެ އެހެން އިސް ވެރީން ވެސް ހިމެނޭކަމަށް މަޢުލޫމާތު ލިބެއެވެ. ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގެ ރައްދެއްގެ ގޮތުން ޙަމާސުން ވެސް ވަނީ އިސްރާއީލުންގެ ވެރިރަށް ތައްލު އަބީބަށް ވައިގެ ޙަމަލާއެއް ދީ އިސްރާއީލަށް ވެސް ބޮޑެތި ގެއްލުންތަކެއް ދީފައެވެ.
އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާއި ޙަމާސްގެ ވެރީން ޝަހީދުކުރަމުން ގެންދިޔަ ނަމަވެސް ޙަމާސުން ދައްކަމުން ދަނީ ކިތަންމެ ބޮޑު ގެއްލުންތަކެއް ލިބެމުން ދިޔަ ނަމަވެސް އަދި ވެސް ވަރުގަދައަށް ހަނގުރާމަ ކުރުމުގެ ޤާބިލުކަން ހުރި ކަމާއި އެ ޖަމާޢަތަށް ޣައްޒާ ހިންގޭނެކަމެވެ.
ހަނގުރާމައިގެ ޙާލަތުގައި ޙަމާސްގެ އަތުގައި ހުރި ރޮކެޓުފަދަ ހަތިޔާރު މަދުވި ނަމަވެސް ޙަމާސުން ވަނީ އެހެން ގޮތްގޮތުން އިސްރާއީލަށް ދޭ ޙަމަލާތައް ވަރުގަދަ ކޮށްފައެވެ. ޙަމާސްގެ ސަރުކާރު ހިންގާ ގޮތްޕާއި އަސްކަރީ ގޮފީން ވެސް ވަނީ އެއް ތަނުން އަނެއް ތަނަށް ފޮނުވާން ޖެހޭ މެސެޖުތައް ފޮނުވުމަށް އިންޓަނެޓާއި ރޭޑިޔޯފަދަ އާލާތްތައް ބޭނުންކުރުމުގެ ބަދަލުގައި އިންސާނުން މެދުވެރި ކޮށް މުއާމަލާތްކުރާން ފަށައިފައެވެ. އެއީ ޖާސޫސްކުރާ މީހުންގެ ލޯތަކަށާއި ކަންފަތްތަކުން ވަންހަނާވެގެން ތިބުމަށް ޓަކައެވެ.
އިސްރާއީލުން ޣައްޒާއަށް މިހާރު ދެމުންދާ ޙަމަލާތަކުގެ މައިގަނޑު މަޤްސަދަކީ ޣައްޒާގައި އޮންނަ ޙަމާސްގެ ވެރިކަން ބަލިކަށި ކުރުމެވެ. އެ ޙަމަލާތަކުގެ ބަދަލުގައި ޙަމާސުން މިހާތަނަށް ދީފައިވާ ހަމައެކަނި ރައްދަކީ ތެލް އަވީވަށް އަމާޒުކޮށް ފޮނުވާލި ދެ ތިން މިސައިލެވެ. ޙަމާސުން ކުރީން ބުނީ ޣައްޒާއަށް ދެމުންދިޔަ ޙަމަލާތަކަށް ރައްދު ނުދެނީ ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުން އަލުން އިޢާދަ ކުރުމަށް މަސައްކަތް ކުރަމުންދާ ގައުމުތަކަށް އެ ކަން ހާޞިލުކުރުމަށް ފުރުޞަތު ދިނުމަށް ކަމަށެވެ. މިހާރު ބެލެވެނީ އެއީ ވުމަށް ވުރެ ނުވުން ގާތް ކަމެއްކަމަށެވެ.
ޖަނަވަރީ މަހުގެ 19ވަނަ ދުވަހު ޢުދުވާނު ހުއްޓައިލުމުގެ އެއްބަސްވުމެއް ޤާއިމުކުރުމުގެ ކުރީން ފާއިތުވި ހަފުތާތަކުގައި ޙަމާސުން ވަނީ އިސްރާއީލުންގެ ގިނަ ޢަދަދެއްގެ ސިފައިން މަރައިލައިފައެވެ. އެއީ ހަނގުރާމައިގެ ޙާލަތުގައި ޙަމާސުން ދީފައިވާ އެންމެ ވަރުގަދަ ޙަމަލާތަކެވެ. އެ ޙަމަލާތައް ދީފައި ވަނީ ރޮކެޓާއި މިސައިލު ބޭނުންކުރުމުގެ ބަދަލުގައި ސީދާ ޙަމާސްގެ މުޖާހިދުން ދިން ޙަމަލާތަކެއްގެ ގޮތުގައެވެ. އެއްގަމު މަގުން އިސްރާއީލު ފައުޖު އަނެއްކާ ވެސް ޣައްޒާއަށް އަރަމުންދާ އިރު، ޣައްޒާގެ ތެރެއަށް ސިފައިން ވަނުމުން މުޖާހިދުންނާ އެކު، ޙަމަލާތައް ބަދަލުކުރާނެކަމަށާއި އެ ޙަމަލާތަކުގައި ގިނަ ޢަދަދެއްގެ އިސްރާއީލު ސިފައިން ވެސް މަރުވާނެކަމަށް މަސްރަހު ދިރާސާކުރާ ތަޖުރިބާކާރުން ގަބޫލުކުރެއެވެ.
އިސްރާއީލުން ގަބޫލުކުރާ ގޮތުގައި ޣައްޒާއަށް ދެމުންދިޔަ ޢުދުވާނީ ޙަމަލާތަކުގައި ޙަމާސް ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. އެއީ ހަގީގަތެކެވެ. އަދި ޙަމާސްގެ ހަތިޔާރާއި ސިފައިން ވެސް ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް އިސްރާއީލުން ބުނެއެވެ. ޙަމާސްގެ 20،000އަށް ވުރެ ގިނަ ހަނގުރާމަވެރީން ޝަހީދުކޮށްލައިފައިވާކަމަށް އިސްރާއީލުން ބުނި ނަމަވެސް ޙަމާސުން އެ ކަން ދޮގުކުރެއެވެ. އިސްރާއީލުގެ ތަޖުރިބާކާރުން ވެސް ވަނީ ޙަމާސް ޖަމާޢަތުން މަދުވާ ހަނގުރާމަވެރީންގެ ބަދަލުގައި އައު މުޖާހިދުން އެ ޖަމާޢަތާ ގުޅެމުންދާކަން ފާހަގަކޮށްފައެވެ. އެއީ ވެސް ތެދެކެވެ. އެހެންކަމުން ޙަމާސް ނައްތައިލެވޭނީ ފަލަސްތީނުގެ މުޅި އާބާދީ އެއްކޮށް ވުޖޫދުން ފޮހެލައިގެންނެވެ. އެމެރިކާއާއި ހުޅަނގުން އިސްރާއީލު ލައްވައި ކުރެވޭތޯ އެ އުޅެނީ އެ ކަންތަކެވެ.
ޙަމާސަށް ހަތިޔާރު އެތެރެކުރެވާނެ މަގުތައް ބަންދުވެފައިވީ ނަމަވެސް އަދި ޣައްޒާގައި ހަތިޔާރު އުފައްދާ މަރުކަޒުތަކަށް އިސްރާއީލުންގެ ޙަމަލާތައް އަމާޒުކުރި ނަމަވެސް، އިސްރާއީލުން އިކައި ނުގޮވައި ހުންނަ ބޮން ފަދަ ތަކެތި ބޭނުންކޮށްގެން ޙަމާސުން ގެންދަނީ ހަތިޔާރު އުފައްދައި، އިސްރާއީލަށް ނުރައްކާކުރަމުންނެވެ.
ނަމަވެސް ފަލަސްތީނުގެ ބިން ފޭރިގަތުމަށް ކުރާ މަސައްކަތަކީ ހުޅަނގުން ހުއްޓައިލާނެ މަސައްކަތެއް ނޫނެވެ. އިސްރާއީލު ލައްވައި ފަލަސްޠީނަށް ހަމަލާދެނީ ހުޅަނގުންނެވެ. އެމެރިކާއިންނެވެ. ސަބަބަކީ މެދުއިރުމަތީގައި އެ މީހުންގެ ވުޖޫދު އޮންނާން ކޮންމެހެން ވެސް އެ މީހުން ބޭނުންވާކަމެވެ. މެދުއިރުމަތީގެ ތެލާއި ގޭހުގެ ފުރިހަމަ ކޮންޓުރޯލު އެ މީހުންގެ އަތުގައި ބާއްވާން އެ މީހުން ބޭނުންވެއެވެ. މިހާރު ސޫރިއާގެ ގާނޫނީ ސަރުކާރު ވައްޓައިލުމަށް ފަހު އެމެރިކާއާއި ހުޅަނގުން އުފައްދައިފައިވާ (އިސްލާމީ ނަމެއް ކިޔާ) ޖަމާޢަތަކުން ސޫރިއާގައި އެ ވަނީ ގޮނޑިކޮއްކޮ ސަރުކާރެއް ގާއިމުކޮށްފައެވެ. މި ކަމުގެ ނަތީޖާއެއްގެ ގޮތުން ސޫރިއާގެ ތެލުގެ މުޅި ކޮންޓުރޯލު މިހާރު އޮތީ އެމެރިކާގެ އަތުގައެވެ. ސޫރިއާގެ ބިމުގެ ކޮންޓުރޯލު އޮތީ ޔަހޫދީންގެ އަތްމަތީގައެވެ.
ތެލާއި ގޭހުގެ އިތުރަށް މެދުއިރުމައްޗަކީ އެހެނިހެން ވަސީލަތްތަކުން މުއްސަނދި ސަރަހައްދެކެވެ. އަދި އޭޝިއާއާއި އެފުރިކާއާއި ވިލާތުގެ ވިޔަފާރީގެ މައި މަގުތައް ދެމިގެން އަންނަނީ މި ސަރަހައްދުގެ ތެރެއިންނެވެ. އެހެންކަމުން އިސްރޢީލު ފަދަ އަގަލެއް ކުލުނެއް ސުލޫކެއް އަޚުލާގެއް އިންސާނިއްޔަތުކަމެއް ނެތް ޖަނަވާރު ބަޔަކު މެދުއިރުމަތީގައި ފަލަސްޔީނުގެ ބިމެއް ފޭރިގަނެ އެތާނގައި "އިންދީ" އެހެންވެގެންނެވެ. އެ މީހުން މެދުވެރިކޮށް މުޅި ފަލަސްތީނާއި އެ ނޫނަސް މެދުއިރުމަތީގެ ބިންތަކަށް ވެރިވެގަންނާށެވެ.
މި ކަމުން މުސްލިމުންނަށް ޚާއްޞަކޮށް މެދުއިރުމައްޗަށް ސަލާމަތްވެވޭނީ މި ކަންކަމަށް ހޭލުންތެރިވެ، އަމިއްލަ އެދުމަށް ވުރެ ބޮޑަށް މުޅި އިސްލާމީ އުންމަތުގެ ހައްގުގައި އިސްލާމީ ގައުމުތައް އެއްބައިވަންތަވެގެންނެވެ. އެހެން ނޫންނަމަ، އިތުރު އިރާގަކާއި އިތުރު ލީބިޔާއަކާއި، އިތުރު ސޫރިއާއެއް މެދުއިރުމަތީން ފެނުމަކީ ދުރުގައި އޮންނާނޭ ކަމެއް ނޫނެވެ.
މިހާރު ތުރުކީގައި ފެށިގެން ހިނގަމުން އެ ދާ ހަމަނުޖެހުމުގެ އަޑީގައި ވެސް ތިބޭނީ މި ދެންނެވި ހުޅަނގާއި އެމެރިކާގެ ނުބައި ޝައިޠާނީ އަތްތަކެއްކަމާ މެދަކު ޝައްކެއް ނެތެވެ.
ލަފުޒެއްގެ މާނަ:
ނިހާއީ ނއ. ބަދަލުނުކުރެވޭ ގޮތަށް، އެންމެ ފަހުން ނިމިފައިވާ.