ad_banner
ވަޤުފު ނުވަތަ އައުޤާފުގެ މައްޗަށް ކުރުކުރުކޮށް ބަލައިލުމެއް

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

22 މާރިޗް 2025

މާލޭގައި ބިނާކޮށްފައިވާ ވަގުފު ޢިމާރާތް - ދާރުލް އީމާން: ހުޅުމާލޭގައި އިތުރު ދެ ޢިމާރާތް އެޅުމުގެ ތައްޔާރީތައް އިސްލާމީ ކަންތައްތްކާ ބެހޭ ވުޒާރާއިން މިހާރު ކުރިއަށް އެބަ ގެންދަވައެވެ.

ތަމްހީދު:

ވަޤުފު (وَقْف)ގެ ގިނަ ގޮތަކީ އައުޤާފު (أَوْقَاف)އެވެ. މި ނަމުގެ ބަދަލުގައި ޙަބްސް (حَبْس)އާއި ޙުބޫސް (حُبوس) ނުވަތަ އަޙުބާސް (أَحْباس) މި ލަފުޒުތައް ވެސް ބޭނުންކުރާކަމަށް ބައެއް ޢިލްމުވެރީން ވިދާޅުވެއެވެ. ނަމަވެސް ދިވެހި ސިޔާގުގައި ވަޤުފު (وَقْف)ގެ ބަދަލުގައި މި ފަދަ ނަމެއް ބޭނުންކޮށެއް ނޫޅެއެވެ. އިސްލާމީ ގިނަ ގައުމުތަކުގައި ވެސް ބޭނުންކުރަނީ ވަޤުފު (وَقْف)އާއި އައުޤާފު (أَوْقَاف)އެވެ. ޙުބޫސް (حُبوس)އާއި އަޙުބާސް (أَحْباس)އަކީ ޙަބްސް (حَبْس)ގެ ޖަމްޢެވެ. ގިނަ ގޮތެވެ. އިނގިރޭސި ބަހުގައި ނަމަ ޕްލޫރަލެވެ.

ތަޢާރުފު:

ވަޤުފަކީ ޚާއްޞަ ދީނީ މަގުސަދެއްގައި ނުވަތަ ޚައިރާތުކުރުމުގެ ނިޔަތުގައި އެ ކަމަށް ތަޚުޞީޞްކޮށްގެން ގަނެފައިވާ ނުވަތަ ޞަދަޤާތްކޮށްފައިވާ (ބިމާއި އިމާރާތްތަކާއި ނުވަތަ މި ނޫނަސް މިލްކުވެރި) ހަރު މުދަލެވެ. މި ފަދަ ހަރު މުދަލަކީ، ދަރުމައަށް ޓަކައި އާންމުންނަށް ބޭނުންކުރެވޭ ނުވަތަ އޭގެ ނަފާ މުޖުތަމަޢަށް ލިބޭ ގޮތަށް، ވަކި ޚާއްޞަ މަގުސަދެއްގައި ދެމިގެންވާ ޞާދަޤާތެއްގެ ގޮތުން (ޞަދަޤަތުން ޖާރިޔަތުން) ދަމަހައްޓާން ޖެހޭ އެއްޗެކެވެ. ﷲގެ ދަރުމައާއި ސަވާބަށް އެދިގެންނެވެ. މި ފަދަ ހަރު މުދަލުގެ ގޮތުގައި ފައިސާ ވެސް ހިމެނޭނެކަމަށް ބައެއް ޢިލްމުވެރީން ވިދާޅުވެއެވެ. އެއީ ފައިސާކަމުގައި ވިޔަސް އެ ފައިސާ އުނިނުވެ ދެމެހެއްޓެނިވި ގޮތެއްގައި އެއިން ލިބޭ ނަފާ މުޖުތަމަޢުގެ ބޭނުމަށް ޓަކައި ނުވަތަ އެ ތަޚުޞީޞްކުރެވޭ ބަޔަކަށް ބޭނުންކުރެވޭ ގޮތަށް އޭގެ އަސްލު އުނިނުވެ ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓާން ޖެހޭނެއެވެ. މިސާލަކަށް ޢިމާރާތެއް ވަޤުފުކޮށްފިކަމަށްވާ ނަމަ، އެ ޢިމާރާތެއް މުޖުތަމަޢުގެ އަފުރާދުންނަށް ބޭނުންކުރެވޭ ގޮތަށް ދަމަހައްޓާން ޖެހޭނެއެވެ. މިސާލަކަށް: ހޮސްޕިޓަލެއް، އިސްކޫލެއް ފަދަ ތަނެއް ނަމަ، އެ ތަނެއް މުޖުތަމަޢުން ބޭނުންކުރެވޭ ގޮތަށް ޚިދުމަތުގައި ދަމަހައްޓާން ޖެހޭނެއެވެ. ނުވަތަ ވަޤުފު ޢިމާރާތެއް ކުއްޔަށް ދީގެން ލިބޭ އާމްދަނީއަކުން ފަގީރުންނާއި މިސްކީނުންނާއި އެ ނޫން ވެސް މުހުތާދުވެރީންގެ ބޭނުންތަކަށް ބޭނުންކުރެވޭން ޖެހޭނެއެވެ. 

ކުރުކޮށް ދަންނަވާ ނަމަ، ދިވެހި ސިޔާގުގައި ވަޤުފޭ މި ކިޔަނީ، އޭގެ އަޞްލު ސަލާމަތުން އޮތުމާ އެކު، އެއިން މަންފާއެއް ލިބިދާނޭ މުދަލެއް މާތްރަސްކަލާންގެ ރަސްކަންފުޅަށް ޓަކައި ވަކި ފަރާތަކަށް ދޫކުރެވޭ ގޮތަށް ހިފެހެއްޓޭ ހިފެހެއްޓުމަށެވެ.

މަގުސަދު:

ވަގުފަކީ މުސްލިމް މުޖުތަމަޢެއްގެ ފައިދާއާއި ލާބައަށް ޓަކައި އެ ވަޤުފުކުރާ މުދަލެއްގެ ލާބައާއި މަންފާ، އެ ވަގުފުކުރާ މީހަކު ދުނިޔެ ދޫކުރާ ފަހުން ވެސް ދެމެހެއްޓެނިވި ގޮތެއްގައި (ޞަދަޤަތުން ޖާރިޔަތުންގެ ގޮތުގައި) ބޭނުން ހިފޭ ގޮތަށް ހުންނަ އެއްޗެއްކަމުގައި ވުމަކީ ވަގުފުގެ ހަގީގީ މަގުސަދެވެ. ވަޤުފެއް ނަމަ އޭގެ އަޞްލު ސަލާމަތުން އޮވެ، އެއިން މަންފާއެއް ލިބިދާނޭ މުދަލެއް މާތްރަސްކަލާންގެ ރަސްކަންފުޅަށް ޓަކައި މުޖުތަމަޢަށް ނުވަތަ މުޖުތަމަޢުގެ ވަކި ގިންތިއަކަށް ތަޚުޞީޞްކުރަނީ އެހެންވެގެންނެވެ. ނިޔަތަކީ ދެމި ހުންނަނިވި ޞަދަގާތެއްކަމުގައި އެ ކަންތައް ވުމެވެ.

ވަޤުފުގެ ބާވަތްތައް:

ވަޤުފަކީ ތަފާތު ބޭނުންތަކާއި ތަފާތު މަގުސަދަށް ޓަކައި ޤާއިމުކުރެވިދާނެ އެއްޗެކެވެ. މީގެ ތެރޭގައި:

·     އިމާރާތްތަކާއި މަރާމަތުކޮށް އަބަދުވެސް ބަލަހައްޓާ މިސްކިތްތަކާއި، އިސްކޫލުތަކާއި ހަސްފަތާލުތަކާއި އަދި މިނޫނަސް އާންމުން އެ ތަންތަނުން ފައިދާ ލިބިގަންނަ ނުވަތަ ބޭނުން ހިފޭނޭ ފަދަ (ފެންވަޅާއި ފާޚާނާ ބަރިއާއި ޕާކުފަދަ) ތަންތަން.

·         ދަރުމައަށް ތަޢުލީމު ފޯރުކޮށްދިނުމާއި ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމާއި އިޖުތިމާޢީ މާލީ އެހީތެރިކަން ފޯރުކޮށްދިނުން.

·     ދީނީ ޢިލްމުވެރީންނާއި ދީނީ ޙަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.

·     ތާރީޚީ އަދި ސަގާފީ ތަންތަން ޙިމާތްކޮށް ރައްކާތެރިކުރުން.

ވަޤުފުގެ ވައްތަރުތައް:

ވަގުފާ ބެހޭ ގޮތުން ވަރަށް ގިނަ ތަފުޞީލީ ފޮތްތައް އެކި ބަސްބަހުން ލިޔެވިފައި އެބަހުއްޓެވެ. މި ފަދަ ހުރިހައި ފޮތެއްގައި ވެސް ވަގުފުގެ އޮންނަނީ މައިގަނޑު ދެ ބާވަތެއްކަމަށް ލިޔެފައި ހުރެއެވެ. އެއީ ވަޤުފު ޚައިރީއާއި ވަޤުފު އަހުލީއެވެ. ވަޤުފު އަހުލީއަށް "ވަޤުފު ޛުއްރީ"އޭ ވެސް ކިޔައެވެ. މި މަގާލުގައި މި ކަމުގެ ތަފުސީލަށް ދާކަށް ނެތީމެވެ. މާ ދިގުވެދާނެތީއެވެ.

ތާރީޚީ ސިޔާގު:

ވަގުފު ނުވަތަ އައުޤާފުގެ މަފުހޫމުގެ މޫތައް ފަޅައިފައިވަނީ ސަގާފަތުގެ ތެރެއިންނެވެ. މުސްލިމު މުޖުތަމަޢުތައް ތަރައްގީކޮށް ކުރިއެރުވުމަށް ޓަކައި ބޭނުންވާނޭ ވަސީލަތްތަކާއި މުއައްސަސާތައް ގާއިމުކޮށް އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް ވަޤުފުން އަދާކޮށްފައި ވެއެވެ. މިއީ މީހަކު މަރުވުމަށް ފަހުން އޭނާއަށް ސަވާބު ލިބޭނޭ ޢަމަލެއްކަމަށް ވާތީ މި މަގުސަދަށް ޓަކައި ދެވޭން ފެށުނު ދެމެހެއްޓެނިވި ޞަދަޤާތެކެވެ. ޞަދަޤަތުން ޖާރިޔާއެވެ.

ތާރީޚީ ގޮތުން ބަލާ އިރު ވަޤުފުގެ މަފުހޫމުގައި ގާނޫނީ މުއައްސަސާތައް އުފެދި ތަރައްގީވާން ފަށައިފައިވަނީ އިސްލާމް ދީނުގެ ފުރަތަމަ ތިން ޤަރުނުގެ ތެރޭގައެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނީ ޙުކޫމަތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ވެސް ކިޔައިފައިވަނީ "ވުޒާރަތުލްއައުޤާފު"އެވެ. އެހެންކަމުން ވަޤުފުގެ މަފުހޫމަކީ ދިވެހީންނަށް އައު މަފުހޫމެއް ނޫންކަން ވަރަށް ރަނގަޅަށް އެބަ ދޭހަވެއެވެ. 

ގާނޫނީ އޮނިގަނޑު:

ވަގުފުގެ އެންމެހައި އިދާރީ ކަންކަން ބަލަހައްޓާނީ އިސްލާމީ ޝާރީޢަތާ އެއްގޮތްވާ ގޮތުގެ މަތީން ޤާއިމުކުރެވޭ ނިޒާމެއްގެ ތެރެއިންނެވެ. މި ފަދަ ނިޒާމުތައް ބަލަހައްޓާ އިދާރާތަކަކީ ވަކި ގާނޫނީ ޝަޚުޞެއްކަމަށް އިސްލާމީ ވަރަށް ގިނަ ގައުމުތަކުން ވަނީ ބަލައިގެންފައެވެ. އަދި އެއީ ޝަރަފުވެރި ގަދަރުވެރި އިދާރާތަކެކެވެ.

އިދާރިއްޔަތު:

ވަގުފުގެ ހަރުމުދާ ނުވަތަ މާލިއްޔަތު ހިންގައި ބަލަހައްޓާނީ އެ ކަމަށް ކަނަޑައެޅިފައިވާ މުތަވައްލީ (ޓްރަސްޓީ)އެކެވެ. އެ ވަޤުފަކުން ލިބޭ ނަފާ ބޭނުންކުރެވޭނީ އެ ކަމަށް ކަނޑައެޅި ނިމިފައިވާ މަގުސަދާ އެއް ގޮތަށްތޯ ބަލައި ކަށަވަރުކުރުމަކީ އޭނާގެ ޒިންމާއެކެވެ. އަދި އެ ކަމަށް އޭނާ ޖާމިނުވާން ޖެހޭނެއެވެ.

މިސާލެއް:

ދިވެހިރާއްޖޭގައި ގާއިމުކުރެވިފައިވާ ދާރުލްއީމާން ޢިމާރާތަކީ ވަގުފު ޢިމާރާތެކެވެ. އެ ތަނުން ލިބޭ އާމްދަނީއަކުން އެ ޢިމާރާތް މަރާމާތުކޮށް ބެލެހެއްޓުމަށް ފަހު، ލިބޭ ފައިދާއިން ފަގީރުންނާއި މިސްކީނުންނާއި އެ ނޫނަސް ޙާޖަތްތެރިވެފައިވާ، ނުވަތަ މުހުތާދުވެފައިވާ މުސްލިމުންނަށް އެހީތެރިވެއެވެ. މި ކަން ހިންގައި ބަލަހައްޓަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ގާއިމުކޮށްފައިވާ ޚާއްޞަ ފަންޑަކުންނެވެ. ޖެރޫސަލަމްގައި ހުންނަ މަސްޖިދުލްއަޤުޞާ އެކުވެނި ހިންގައި ބަލަހައްޓަނީ ވެސް ވަޤުފަކުންނެވެ. "ޖެރޫސަލަމް ވަޤުފު" ކިޔާ މި ޚާއްޞަ ޝަޚުޞަކީ މިތާގެ އިދާރިއްޔަތު ބަލަހައްޓާ ޚާއްޞަ ޝަޚުޝެވެ.

ޒަމާނީ ހައިސިއްޔަތު:

މި ޒަމާނުގައި ވެސް ޞަދަޤާތެއްގެ ގޮތުގައި ދެވޭ ޚައިރާތެއްގެ ގޮތުގައްޔާއި މުޖުތަމަޢުގެ ތަރައްޤީއަށް ޓަކައި އެހީވެދޭ މުހިންމު ނިޒާމެއްގެ ގޮތުގައި ވަގުފުގެ ނިޒާމު ދެމިގެން އެބަ އާދެއެވެ. މީގެ އިތުރަށް ވަގުފުގެ މަފުހޫމަކީ މުޖުތަމަޢުގެ ލާބައާއި މަންފާއަށް ޓަކައި މުހިންމު ނިޒާމެއްކަމަށް މުސްލިމު ގިނަ ގައުމުތަކުން ގަބޫލުކޮށް ވަޤުފުތައް އުފައްދައި ތަރައްގީކުރުމުގެ ހަރަކާތް ވަރަށް ބާރަށް ކުރިއަށް އެބަ ދެއެވެ. ދިވެހިރާއްޖޭގައި ވެސް މި ކަމަށް މިހާރަކަށް އައިސް ވަރަށް ޚާއްޞަ އަހަންމިއްޔަތެއް ދޭކަން ފާހަގަކުރެވެއެވެ. ޑރ. މުޙަންމަދު ޝަހީމް ޢަލީ ސަޢީދުގެ ވިސްނުންފުޅާ އެއް ގޮތަށް ބިނާކޮށް ތަރައްގީކޮށްފައިވާ "ދާރުލްއީމާން"ގެ ކާމިޔާބީ މިހާރު އަންނަނީ ފެންނަމުންނެވެ. އެހެންކަމުން ހުޅުމާލޭގައި "ދާރުއްސަލާމް"އާއި "ދާރުލްއަރުޤަމު"ގެ ނަމުގައި ދެ އިމާރާތެއް ވަގުފުގެ ގޮތުގައި ބިނާކޮށް ތަރައްގީކުރާން ވަރަށް އަވަހަށް ފަށާނެކަމަށް "ފަރަގު" މީޑިއާއަށް  މަރުޖާއަކުން ޚަބަރުލިބިފައި ވެއެވެ.

އިސްލާމީ ވަގުފާއި ހުޅަނގުގެ ހިލޭ އެހީއާ ހުރި އެއް ގޮތް ކަންތައް:

މުސްލިމު އައުގާފުގެ މަފުހޫމާ އެއް ގޮތަށް އާންމުންނަށް ހިލޭ ޚިދުމަތްދޭނެ ނިޒާމުތައް ހުޅަނގުގެ ގައުމުތަކުގައި ވެސް އުފައްދައިފައި ހުރެއެވެ. އެއީ ވަކި ޚާއްސަ ހަރުމުދަލަކުން ވަކި ކަމަކަށް ތަޚުޞީޞްކޮށްފައިވާ ތަފާތު ހަރުމުދާތަކެވެ. ހޮސްޕިޓާތަކާއ މަދަރުސާ ފަދަ ތަންތަނެވެ. އެ މީހުން މި ކަން ކުރަނީ މީހުންގެ ރުހުން ހޯދައި މަގުބޫލުކަން ހޯދާންކަމަށް ވެދާނެއެވެ. އަދި ޢާއިލާގެ ޝަރަފު ދަމަހައްޓާންކަމަށް ވެސް ވެދާނެއެވެ. ނަމަވެސް އިސްލާމީ ވަގުފަކީ ވަގުފުކުރާ މީހާ މަރުވާ ފަހުން ވެސް ދާއިމީ ގޮތެއްގައި ﷲގެ ދަރުމައާއި ސަވާބަށް އަދައިގެން އެ ނިޔަތުގައި ދަރުމައަށް ކުރެވޭ ޞަދަގާތެވެ. ނިޔަތާއި މަގުސަދު ފިޔަވައި މި ދެ ނިޒާމުގައި ވެސް މާ ބޮޑު ތަފާތެއް އަޅުގަނޑަކަށް ނުފެނުނެވެ. ހަގީގަތުގައި ވަގުފުގެ މުޅި މަގުސަދަކީ މާތް ﷲގެ ރުހިވޮޑިގަތުމާއި އެކަލާނގެ ދަރުމައާއި ސަވާބު އަބަދު ވެސް ލިބިލިބި ހުންނާނެ ފަދަ ހެޔޮ ޢަމަލެއް ކުރުމެވެ. ކީރިތި ރަސޫލާގެ ބަސްފުޅުގައިވާ ފަދައިން އިންސާނާ މަރުވުމަށް ފަހު ވެސް ތިން ކަމަކުން އޭނާއަށް ސަވާބު ލިބޭތީއެވެ. އެއީ އޭނާއަށް ހެޔޮ ދުޢާކުރާ ދަރިއަކާއި، މީސްތަކުންނަށް މަންފާކުރާނެ ޢިލްމެއް ދޫކޮށްފައި ދިޔުމާއި ގިނަ ބަޔަކަށް ފައިދާ ލިބޭ ފަދަ ދެމިގެންވާ ޞަދަގާތެއްކުރުމެވެ. "ޞަދަޤަތުން ޖާރިޔަތުން"އެވެ. އެހެންވީމާ، ވަޤުފުގެ ނިޒާމަކީ އިސްލާމީ ޝަރީޢާގެ ގިޔުގަނޑުގައި ހިމެނޭ މަފުހޫމެކެވެ. އެހެންކަމުން އިސްލާމް ދީނުގެ ކަންކަމުގައި ފަތުވާ ދީފައިވާ އެއްވެސް ފިރުޤާއެއްގައި ނުވަތަ މަޒުހަބެއްގައި ވެސް "ވަޤުފު"ގެ މަފުހޫމާ ދެކޮޅު ހަދައިފައެއް ނެތެވެ. އެހެނީ އެއީ ރަސޫލާ ޙަދީސްކުރައްވައިފައިވާ "ޞަދަޤަތުން ޖާރިޔާ"އެވެ.

(ބައެއް މަޢުލޫމާތު: މޮނިކާ އެމް. ގައުދޮއޯސީ (1988) އިސްލާމިކް ލޯވ އޮފް ވަޤުފު)

ކޮމެންޓު
ކޮމެންޓުތައް
ޝާރިފު
22 މާރިޗް 2025 04:51
ކުރު ނަމަ ވެސް މަޢުލޫމާތު މުއްސަނދި އާޓިކަލެއް.ޝުކުރިއްޔާ!