އަލްއުސްތާޒު އަޙުމަދު މާޖިދު
21 މާރިޗް 2025
ނުބައި ނުލަފާ ޖައްބާރު ސަހުޔޫނީން ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ގެންދާ ބިރުވެރި ލެއިއޮހޮރުވުމާއި ޤަތުލުޢާންމާއި ނަސްލުހޭދާ ބެހޭ ގޮތުން ވަރަށް ގިނަ ބަޔަކަށް އޮޅުން އަރައިފައި އޮންނަ ދެ ކަމެއް އޮވެއެވެ.
1. ފުރަތަމަ ކަމަކީ، މިއީ އިސްރާއީލު ނުވަތަ ޞަހުޔޫނީންގެ އަތުގައި މާ ވަރުގަދަ ބާރުތަކެއް އޮވެގެން، އެ މީހުން ޔޫރަޕާއި އެމެރިކާ ކޮންޓްރޯލްކޮށްގެން ތިބެ ހިންގާ ޢަމަލުތަކެއްކަމަށް މީސްތަކުންނަށް ވިސްނިފައި އޮންނަ ނުރަނގަޅު ވިސްނުމެވެ. އެމެރިކާއާއި ޔޫރަޕާއި އެ މީހުންގެ ބައިވެރީންކަމުގައި ވާ އޮސްޓްރޭލިޔާއާއި ކެނެޑާއާއި ނިއު ޒިލޭންޑް ފަދަ ޤައުމުތައް އިސްރާއީލުގެ އަނިޔާވެރި ޤަތުލުޢާއްމުތަކާއި ނަސްލުހޭދާއި ބިން ފޭރުމުގެ ޢަމަލުތަކަށް ތާއީދުކުރަނީ ހިތުން ނުރުހި ތިބެ، ޞަހުޔޫނީންގެ ފައިސާއާއި ނުފޫޒުގައި އެ ޤައުމުތަކުގެ ސަރުކާރުތައް ތާށިވެ ގޮތް ހުސްވެފައި ތިބެ މަޖުބޫރުވެގެންކަމަށް މީހުންނަށް ވިސްނިފައި އޮންނަ އޮތުމެވެ.
މި ކަމުގެ ޙަޤީޤަތަކީ މިއީއެއް ނޫނެވެ. ޙަޤީޤަތުގައި މި ހުރިހައި ނުބައެއް މި ހަދަނީ "ހުޅަނގު"ންނެވެ.
"ހުޅަނގު" މިއީ މި ސިޔާގުގައި މާނަކުރުން ވަރަށް އުނދަގޫ ނަމެކެވެ. ސަބަބަކީ "ހުޅަނގު"ގައި މި އަނިޔާވެރިކަމާއި އިސްތިޢުމާރީ ޖަރީމާތަކާ ދެކޮޅު އެތައް މިލިއަން މުސްލިމުން، އެތައް މިލިއަން ޔަހޫދީ-ނަޞާރާ ރައްޔިތުން، އަދި މި އަނިޔާވެރިކަމާ ދެކޮޅަށް އިންސާނިއްޔަތުކަމާއި ޢަދުލުއިންޞާފު ކުރިޔަށް ނެރެމުން ދާ ޤައުމުތައް - އަޔަރލޭންޑް ފަދަ - ހުރިކަމެވެ. ނަމަވެސް، މި ފަރާތްތައް އިސްތިސްނާކުރުމާ އެކު، ޖުމުލަކޮށް "ހުޅަނގު" މި ނަން ބޭނުން ނުކޮށް ވެސް ވާކަށް ނެތެވެ. ސަބަބަކީ، ފަލަސްޠީނުގެ ބިން އިސްތިޢުމާރުކޮށް، އެ ބިމުގެ އަހުލުވެރީން މަރައި ނުވަތަ ފަހައި ހުސް ކޮށް، އެ ބިމަކީ އިސްލާމީ އުންމަތުގެ މައްޗަށް ނަޞާރާ/ލިބަރަލް ސެކިޔުލަރ ހުޅަނގުގެ އާރާއި ބާރު ފަތުރައި މުގޫކުރުމަށް ބޭނުންކުރާ މަރުކަޒަކަށް ހެދުމުގެ ޕްލޭނަކީ ހުޅަނގުގެ ސަރުކާރުތަކާއި ޢިލްމީ، ފިކުރީ، އިޖުތިމާޢީ، އިޤްތިޞާދީ، ޢަސްކަރީ، ފަންނީ ލީޑަރޝިޕްގެ ރޭވުމަކަށް ވުމެވެ. އަދި ހުޅަނގުގެ ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތެއްގެ ތާއީދު މި ޕްލޭނަށް އޮތުމެވެ. ސައިކްސް-ޕީކޯ އެއްބަސްވުމުން ފެށިގެން މިއަދާ ހަމަޔަށް، މިއީ ނަޞާރާ-ލިބަރަލް/ސެކިޔުލަރ ހުޅަނގުގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މުސްކުޅި ލީޑަރަކީ އިނގިރޭސި ވިލާތެވެ. ދެވަނަ ބޮޑު ހަނގުރާމަޔަށް ފަހު، ލީޑަރޝިޕްގައި އިސްކޮށް އޮންނަނީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއެވެ.
އެހެން ވީ އިރު، މި ހިނގަމުން ދާ ކަންތައްތަކުގައި ޞަހުޔޫނީ އިސްރާއީލުގެ ޙައިޘިއްޔަތަކީ އަދި ދައުރަކީ ކޮބައިހެއްޔެވެ؟
ޞަހުޔޫނީ އިސްރާއީލަކީ ހުޅަނގުން ބޭނުން ކުރާ ހަތިޔާރެކެވެ. އަމިއްލަ ޒާތުގައި އެއްވެސް ޙަޤީޤީ އާރެއް ބާރެއް ނެތް، ހުޅަނގުން ބޭނުން ކުރާ "އިސްތިޢުމާރީ ވަސީލަތެކެވެ." "ދައުލަތެއްގެ" ސިފައިގައި ހުޅަނގުން، އިސްލާމީ އުންމަތުގެ "ހިތުގައި" ޤާއިމުކޮށްފައިވާ ޢަސްކަރީ އައުޓްޕޯސްޓެކެވެ. ޞަހުޔޫނީ އިސްރާއީލަށް ލިބިގެންވާ ކޮންމެ ބާރަކީ، ހުޅަނގުން ދީފައިވާ ބާރެކެވެ. އެއީ އިޤްތިޞާދީ ބާރުކަމުގައި ވިޔަސް، ޓެކްނޮލޮޖީކަމުގައި ވިޔަސް، ހަތިޔާރުކަމުގައި ވިޔަސް ވެހެވެ. މި ގޮތުގެ މަތީން، އިސްރާއީލަކީ އެ ހަތިޔާރަކުން ފަލަސްޠީނުގެ މުސްލިމުން މަރައި، އެ ބިން ހުސްކޮށް، ހުޅަނގުން އިސްލާމީ އުންމަތް އެކީ އިސްތިޢުމާރުކުރުމުގެ ބޮޑު މަޝްރޫޢުގެ ފުރަތަމަ މަރުޙަލާ ކުރިޔަށް ގެންދިޔުމަށް ހުޅަނގުން ބޭނުން ކުރާ ހަތިޔާރެކެވެ. ވަސީލަތެކެވެ. އިސްރާއީލުން ކޮންމެ ކަމެއް ކުރިޔަސް، ހުޅަނގުން ތަނެއްދޮރެއް ނުބަލައި އިސްރާއީލަށް ހަތިޔާރާއި ފައިސާ އޮއްސާ ސަބަބަކީ، އަދި ޑިޕްލޮމެޓިކް މަންސަތަކުގައި އިސްރާއީލު ދިފާޢުކޮށް، މީޑިއާގެ ޒަރީޢާއިން އިސްރާއީލު ޙިމާޔަތްކުރުމަށް ދޮގު ޕްރޮޕެގެންޑާތައް ހިންގާ ސަބަބަކީ މިއެވެ. ހުޅަނގުގެ ހުރިހައި ޤައުމަކުން، އިސްރާއީލާ އެކު، އިޤްތިޞާދީ އަދި އިޖުތިމާޢީ ގުޅުންތައް ޢާންމު ޙާލަތެކޭ އެއްފަދައިން ކުރިޔަށް ގެންދާ ސަބަބަކީ ވެސް މިއީއެވެ. އާދޭހެވެ! އިސްރާއީލުން އެ ކުރާ ކަންތައްތަކަކީ "އެ މީހުންގެ މަސައްކަތެއް"ކަމުގައި ވުމެވެ.
ޔޫރަޕާއި އެމެރިކާއިން އިސްރާއީލަށް އެހީތެރިވަނީ ޔަހޫދީ ޞަހުޔޫނީންގެ ބާރުގަދަކަމާއި މުއްސަނދިކަމުން، އެމީހުންގެ މާ ވަރުގަދަ ލޮބީއެއް އެމެރިކާގައި އޮވެ އެ ލޮބީގެ ބާރުގައިކަމަށާއި، މަޖުބޫރުވެގެން އެހެން ގޮތެއް ނެތިގެން ކަމުގެ ދޮގު ޕްރޮޕެގެންޑާއަކީ، ފަލަސްޠީނުގައި މުސްލިމުންގެ ލެއި އޮހޮރާ ޙަޤީޤީ މުޖުރިމު (ނަޞާރާ/ސެކިޔުލަރ-ލިބަރަލް ހުޅަނގު)ގެ މޫނު ފޮރުވައި، ކަމުގެ ޙަޤީޤަތް އޮޅުވައިލާން ބޭނުންކުރާ ފަރުދާއެކެވެ.
ވީމާ، އޮޅުންތައް ދުރުކުރާން ޖެހެއެވެ. ކަމުގެ މި ދެންނެވި ޙަޤީޤަތް އެންމެން ވެސް ދެނެގަންނާން ޖެހެއެވެ. ހަމަ އެހެންމެ، މި ކަން ހުއްޓުވޭނީ ކިހިނަކުންކަން ވެސް، މި ޙަޤީޤަތް ދެނެގަތުމުން އެނގެއެވެ! އެ ގޮތަކީ، މުސްލިމުން އަދި މުސްލިމުންނާ އެކު، އިންސާނީ އުޚުއްވަތުގެ ގުޅުން ބާއްވާ އެހެނިހެން ޤައުމުތައް ގުޅިގެން ހުޅަނގާ (ޔޫރަޕް، އެމެރިކާ، ކެނެޑާ، އޮސްޓްރޭލިއާ، ނިއު ޒިލޭންޑާ) ހުރިހައި ގުޅުމެއް ކަނޑައިލުމެވެ. އެ މީހުންގެ ސެޓެލައިޓާއި އިންޓަރނެޓުން ފެށިގެން އެމީހުންގެ ކޮކާ ކޯލާއާ ހަމަޔަށް، އެ މީހުންގެ ހުރިހައި އެއްޗެއްސެއް ބޮއިކޮޓްކުރުމެވެ. އެ މީހުންގެ މުޤައްރަރުތަކުން ކިޔެވުމާއި އެމީހުންގެ ޔުނިވަރުސިޓިތަކަށް ދަރީން ފޮނުވުމުން ފެށިގެން ގޮސް އެ މީހުންގެ ޤައުމުތަކަށް ޒިޔާރަތްކުރުމާ ހަމަޔަށް، އެ މީހުންނާ ހުރިހައި ގުޅުމެއް ކަނޑައިލައި، އިޤްތިޞާދީ، އިޖުތިމާޢީ، އަދި ޑިޕްލޮމެޓިކް ދާއިރާގައި ޓޯޓަލް ބޮއިކޮޓެއް ތަންފީޒުކޮށް، އެ މީހުންގެ އަނިޔާވެރިކަން ހުއްޓައިލުމުގެ ކުރީން މި ގުޅުންތައް އަލުން ފެށުމަށް އިންކާރު ކުރުމެވެ.
މިހެން ހެދުމުގެ އަގު ވަރަށް ބޮޑު ވާނެއެވެ. އެކަމަކު މުސްލިމް ފަލަސްޠީން، މުސްލިމް ލޭ ރައްކައުތެރިކޮށް ޙިމާޔަތްކުރެވޭނޭ އެހެން ފޯމިޔުލާއެއް ނެތެވެ. ނެތްކަން މި ދިޔަ ހަތްދިހަ އެތައް އަހަރެއްގެ ތެރޭގައި ވަނީ އެނގި ފެނިފައެވެ! އޮތް ހައި ސުވާލަކީ، އެ ހައި ހިތްވަރު، އެ ހައި އީމާންކަން، އެހައި ޢަޒުމާއި އިންސާނިއްޔަތުކަން، އަދި ﷲގެ ރަސްކަންފުޅަށް އެހައި މިންވަރަށް ވަކީލުކުރުމުގެ ސިފަ އަހަރެމެންގެ ކިބައިގައި އެބަހުރިތޯ މިއެވެ. އަހަރެމެންގެ މުސްލިމް އަޚުންގެ ޙައްޤުގައި އަހަރެމެންނަށް ދުނިޔޭގެ މާއްދީ ފައިދާތަކަށް ފުރަގަސްދީ ޤުރުބާންވާން ކެރޭނެތޯ، ޢަދުލުއިންޞާފާއި އިންސާނިއްޔަތުގެ ޙައްޤުގައި އަހަރެމެންނަށް ފައިތިލަ ސާބިތުކުރާން ކެރޭނޭތޯ މި ސުވާލެވެ. މި ސުވާލުތަކަށް ޖަވާބު ދޭންވީ އަހަރެމެންގެ އަމިއްލަ ނަފުސުތަކަށެވެ. ޖަވާބު ދިނުމުގެ ކުރީން، މި އާޔަތްތައް ކިޔައި މީގެ މައްޗަށް ވިސްނައިލާށެވެ!
وَمَا لَكُمْ لَا تُقَـٰتِلُونَ فِى سَبِيلِ ٱللَّهِ وَٱلْمُسْتَضْعَفِينَ مِنَ ٱلرِّجَالِ وَٱلنِّسَآءِ وَٱلْوِلْدَٰنِ ٱلَّذِينَ يَقُولُونَ رَبَّنَآ أَخْرِجْنَا مِنْ هَـٰذِهِ ٱلْقَرْيَةِ ٱلظَّالِمِ أَهْلُهَا وَٱجْعَل لَّنَا مِن لَّدُنكَ وَلِيًّۭا وَٱجْعَل لَّنَا مِن لَّدُنكَ نَصِيرًا – ("އަދި، اللَّهގެ މަގުގައްޔާއި، އަދި ފިރިހެނުންނާއި، އަންހެނުންނާއި، ކުޑަކުދީންގެ ތެރެއިން، ނިކަމެތި ވެގެންވާ މީހުން ސަލާމަތްކުރުމުގެ މަގުގައި، ތިޔަބައިމީހުން ހަނގުރާމަނުކުރާންވީ ކީއްވެގެންހެއްޔެވެ؟ އެއުރެންނަކީ، (މި ފަދައިން) دعاءކުރާ މީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އެ ރަށުގެ أهلވެރީން އަނިޔާވެރިވެގެންވާ މި ރަށުން އަޅަމެން ނެރުއްވައިފާނދޭވެ! އަދި، އިބަރަސްކަލާނގެ حضرةން ވާގިވެރިޔަކު އަޅަމެންނަށް ލައްވައިފާނދޭވެ! އަދި، އިބަރަސްކަލާނގެ حضرةން نصرވެރިޔަކު އަޅަމެންނަށް ލައްވައިފާނދޭވެ!") ) سورة النساء: 75(
وَلَنَبْلُوَنَّكُم بِشَىْءٍۢ مِّنَ ٱلْخَوْفِ وَٱلْجُوعِ وَنَقْصٍۢ مِّنَ ٱلْأَمْوَٰلِ وَٱلْأَنفُسِ وَٱلثَّمَرَٰتِ ۗ وَبَشِّرِ ٱلصَّـٰبِرِينَ – ("ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން امتحان ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ خبر، ކަލޭގެފާނު ދެއްވާށެވެ!") (سورة البقرة: 155)
قُلْ إِن كَانَ ءَابَآؤُكُمْ وَأَبْنَآؤُكُمْ وَإِخْوَٰنُكُمْ وَأَزْوَٰجُكُمْ وَعَشِيرَتُكُمْ وَأَمْوَٰلٌ ٱقْتَرَفْتُمُوهَا وَتِجَـٰرَةٌۭ تَخْشَوْنَ كَسَادَهَا وَمَسَـٰكِنُ تَرْضَوْنَهَآ أَحَبَّ إِلَيْكُم مِّنَ ٱللَّهِ وَرَسُولِهِۦ وَجِهَادٍۢ فِى سَبِيلِهِۦ فَتَرَبَّصُوا۟ حَتَّىٰ يَأْتِىَ ٱللَّهُ بِأَمْرِهِۦ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلْفَـٰسِقِينَ – ("ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ މައިންބަފައިންނާއި، ދަރިންނާއި، أخންނާއި، އަނބިންނާއި، ގާތްތިމާގެ މީހުންނާއި، ތިޔަބައިމީހުން ހޯދާފައިވާ މުދާތަކާއި، ގެއްލުންވެދާނެކަމަށް ތިޔަބައިމީހުން ބިރުގަންނަ ވިޔަފާރިއާއި، ތިޔަބައިމީހުން ހިތްރުހޭ ގެދޮރާއި (މިހުރިހައި ތަކެތި) اللَّهއާއި، އެކަލާނގެ رسولއާއާއި، އެކަލާނގެ މަގުގައި جهادކުރުމަށްވުރެން، ތިޔަބައިމީހުންނަށް ލޯބިވެތި ކަމުގައިވާނަމަ، اللَّهގެ އަމުރުފުޅު އަތުވެއްޖައުމަށް ދާނދެން ތިޔަބައިމީހުން ބަލަބަލައި ތިބޭށެވެ! فاسقވީ މީހުންނަށް، اللَّه ތެދުމަގެއް ނުދައްކަވާނެތެވެ. ") (سورة التوبة: 24)
2. ގިނަ ބަޔަކަށް އޮޅުން އަރައިފައި އޮންނަ ދެވަނަ ކަމަކީ، ހުޅަނގުން މުސްލިމުންނާ މެދު މި އަނިޔާވެރި ލެއިއޮހޮރުވުމާއި ޢުދުވާން، އެއްވެސް ރަޙުމެއް ނެތި، ދުވާލަކު އެތައް ސަތޭކަ ތުއްތު ކުދީންނަށް ދާންދެން ކަތިލަމުން، އިންސާނުން ޢަޖާއިބު ވެ އަންތަރީސް ވާފަދަ ބޭރަޙުމަކާ އެކު މި ހިންގަނީ ކީއްވެގެން ހެއްޔޭ މި ސުވާލުގެ ޖަވާބެވެ.
މި ސުވާލަށް ދިގުކޮށް ޖަވާބު ދެންޏާ، އާދަމް ޢަލައިހިއްޞަލާތު ވައްސަލާމަށް ސަޖިދަ ކުރުމަށް އިބްލީސް އިންކާރު ކުރި ވަގުތާއި އެ ޙާދިސާއިން ލިބޭ ޢިބުރަތްތަކުން ފެށިގެން، އެތައް ޞަފުޙާތަކެއް ފުރައިލެވޭހައި ދިގު ވާހަކަތައް ދެއްކިދާނެއެވެ.
ވީމާ، ކުރު ޖަވާބަކުން ފުއްދައިލާނަމެވެ!
· ފުރަތަމަ ސަބަބަކީ، ޞަހުޔޫނީ ޔަހޫދީންނާއި، ނަޞާރާއިން ކުރެ ގިނަ މީހުންނާއި، ހުޅަނގުގެ ލިބަރަލް ވާތު ފިޔައިގެ މީހުންނާއި، ކޮންޒަރވޭޓިވް އަދި ނިއޯ-ކޮން ކަނާތު ފިޔައިގެ މީހުން ހިމެނޭ ގޮތުން، ޔޫރަޕުގެ ސިޔާސީ، ޢިލްމީ، ފިކުރީ، އިޤްތިޞާދީ، އިޖުތިމާޢީ އެންމެހައި ދާއިރާއެއްގައި ޢާއްމު ވެފައިވާ "އިސްލާމް-ހޭޓް"ގެ ވަރުގަދަ ޝުޢޫރެވެ. ޔޫރަޕުގެ ސަގާފީ ތަރިކަޔަކަށް ވެފައިވާ "އިސްލާމް ދީނާއި މުސްލިމުންނަށް އިންތިހާ ދަރަޖަޔަށް ނަފުރަތު ކުރުމުގެ" ސިފައެވެ. އެ ރުޅިވެރިކަމާއި ޙަސަދަޔާއި ނަފުރަތުގެ ސަބަބުން، އިސްލާމް ދީނާއި އިސްލާމީ އުންމަތަކީ ހުޅަނގު ދެކޭ ގޮތުގައި އެ މީހުންގެ އެންމެ ބޮޑު، އެންމެ ނުބައި ދުޝްމަނެވެ. އިސްލާމީ އުންމަތަށް ވެރި ވެގަނެ، މުސްލިމުން މަރައި، މުސްލިމުން އިނދަޖައްސައި ނިކަމެތިކޮށް، މުސްލިމުން މަރައި ސުންނާފަތިކުރާން ހުޅަނގުން ފޫގަޅައިގެން އުޅޭ މައިގަނޑު އެއް ސަބަބަކީ މިއީއެވެ.
· ދެވަނަ ސަބަބަކީ، މުޅި ދުނިޔޭގެ މައްޗަށް "ވައިޓް-ސުޕްރެމަސިސްޓް ހެޖެމޮނީ"އެއްގެ ގޮތުގައި ހުޅަނގުގެ އާރާއި ބާރާއި މަނަސް ފަތުރައި ދެމެހެއްޓުމަށް، ހުޅަނގުގެ ލީޑަރުން އެދުންވެރިވުމެވެ. އެ ކަމަށް ޓަކައި އިސްލާމީ ދުނިޔޭގެ ހިތްކަމުގައި ވާ "މެދުއިރުމަތި" އެ މީހުންގެ ބާރުގެ ދަށުގައި ބާއްވާން ބޭނުން ވަނީ، އެ ސަރަޙައްދުގެ "ޖިއޯޕޮލިޓިކަލް" މުހިންމުކަމުގެ ސަބަބުންނެވެ. އެއީ ޖިއޯޕޮލިޓިކަލީ ދުނިޔޭގެ މަރުކަޒު ނުވަތަ ހިތްކަމުގައި ވާތީއެވެ.
· ތިންވަނަ ސަބަބަކީ، ދުނިޔޭގެ އިޤްތިޞާދީ އެންމެ ބޮޑު ބާރުގެ ގޮތުގައި، އަދި ދުނިޔޭގެ އެންމެ މުއްސަނދި ބައެއްގެ ގޮތުގައި ތިބޭން ހުޅަނގު އެދުންވެރި ވާވުމެވެ. އެ ގޮތުން، މެދުއިރުމަތީގެ ތެލާއި ގޭހުގެ ފުރިހަމަ ކޮންޓުރޯލު އެ މީހުންގެ އަތުގައި ބާއްވާން ހުޅަނގު ބޭނުންވެއެވެ. ޞުލްޙައިގެ ޙާލަތުގައި ވެސް، އަދި ހަނގުރާމައިގެ ޙާލަތުގައި ވެސް މިއީ އެ މީހުން ކޮންމެހެން ބޭނުންވާ ކަމެކެވެ. ތެލާއި ގޭހުގެ އިތުރަށް، މެދުއިރުމައްޗަކީ އެހެނިހެން ވަސީލަތްތައް ވެސް އޮތް ތަނެކެވެ. އެޔަށް ވުރެ ވެސް ބޮޑަށް، އޭޝިޔާއާއި އެފުރިކާ އާއި ޔޫރަޕުގެ ޤައުމުތަކުގެ ވިޔަފާރީގެ މައިމަގުތައް ދެމިފައި އޮތީ މެދުއިރުމަތީގެ ސަރަޙައްދުގެ ތެރެއިންނެވެ.
މި މައިގަނޑު ސަބަބުތަކަކީ، ހުޅަނގުން ފަލަސްޠީނާއި މެދުއިރުމަތީގެ އެހެން މުސްލިމް ޤައުމުތައް ވެސް ކޮންޓުރޯލު ކުރާން ބޭނުން ވާ ސަބަބުތަކެވެ. އަހަރެމެން މުސްލިމުންނަށް، ކުރިމަތިވަމުން މި ދާ އަނިޔާވެރިކަމާއި ބިރުވެރިކަމުން ސަލާމަތް ވެވޭނީ، ﷲގެ ހެޔޮ ރަޙުމަތްޕުޅާ އެކު، މި ކަންކަމަށް ހެއިލުންތެރިވެވި، މި ކަންކަމަށް އީޖާބުދެވޭ ފަދަ ފިޔަވަޅުތަކެއް އެޅިގެންނެވެ.
މި ކަންކަމަށް ވުރެ، އަހަރެމެންނަށް އަހަރެމެންގެ ދުނިޔޭގެ ކަންކަން ލޮބުވެތި ވެފައި މުހިންމު ނަމަ، މިހާރު މި ތިބެވޭ ގޮތުގައި ތިބޭން ވީއެވެ. އެކަމަކު، ތިބޭން ވާނީ ﷲގެ ނިޔާފުޅު އަންނަ ދުވަހާ މެދު އިހުމާލު ވެ އަޅައިނުލައި ތިބެވޭހައި ބާރު ހޯދައި، އެ ދުވަހަކުން ސަލާމަތް ވާން އަރާނޭ ފަރުބަދައެއް ވެސް ހޯދައި ތައްޔާރު ވެގެންނެވެ. އެކަން ކުރެވޭނީ ކާކަށްހެއްޔެވެ!!
ބައެއް ލަފުޒުގެ މާނަ
ނަސްލުހޭދު ނ. އިންސާނީ ނަސްލެއް ނައްތާލުމަށް ޓަކައި ގަސްތުގައި މަރައި ހުސްކުރުމުގެ ޢަމަލު.
މަލަސް ނ. ކޯދު
ގަތުލުއާންމު ނ. ރަހުމުކުޑަ ގޮތެއްގައި ނުވަތަ އަނިޔާވެރިކޮށް އެތައް ބައިވަރު ބަޔަކު މަރައިލުމުގެ ޢަމަލު.
ސިޔާގު ނ. ލަފުޒެއްގެ ނުވަތަ އިބާރާތެއްގެ މާނަ ދޭހަކޮށްދޭ ވެށި ނުވަތަ ހާލަތު.