ޢަބްދުﷲ ސަޢީދު
27 މާރިޗް 2025
(2025 މާރިޗު 20 ވަނަ ދުވަހު ޝާއިޢުކުރެވުނު ބައާ ގުޅޭ)
"އަޅުގަނޑުމެންނަށް ލިބުނު މަޢުލޫމާތަށް ބަލާ އިރު، މަސްކަޓުގެ އުޅަނދުފަހަރު މި ތަނަށް (ދިވެހިރާއްޖެއަށް) އާދޭ. އެމީހުން އަންނަ އިރު، އާންމުކޮށް މުދަލުގެ ގޮތުގައި އަޅުން ގެނެއެވެ. ފަސް އަހަރު ކުރީން، އެއް އުޅަނދު އައިސް 25 ކުދީން ވިއްކިއެވެ. އެވްރެޖްކޮށް ކޮންމެ ކުއްޖަކަށް 80 ރުފިޔާ ލިބުނެވެ."
އިރުމަތީ އެފުރިކާއިން ރާއްޖެއަށް ތަޢާރަފު ވެފައިވާ ސަގާފީ ކުޅިވަރުތަކުގެ ތެރޭގައި ބޮޑުބެރު ޖެހުން ހިމެނެއެވެ. ބޮޑުބެރު ޖަހާއިރު ކިޔާ "ބަބުރު ލަވަ" ދިވެހީން ކިޔައި އުޅެއެވެ. މިއީ އާންމު ދިވެހި ބޮޑުބެރު ރާގުތަކާއެކު ކުޅެވޭ ލަވައެކެވެ.
ދިވެހީން ޤަބޫލުކުރާ ގޮތުގައި ބޮޑުބެރު ޖެހުމާއި ލަވަކިޔުމުގެ މި އުސްލޫބު ރާއްޖެއަށް ތަޢާރަފުކޮށްފައިވަނީ 12 ވަނަ ޤަރުނުގައި އެފުރިކާގެ ވަޒަންވެރީންނާއި އަޅުންނެވެ. ބޮޑުބެރު ޖަހަނީ ތިން ބެރާއި، ކުޑަ ރަނގަބީލަކާއި، ފަތިގަނޑާއެކުގައެވެ. ފަތިގަނޑު ޖެހުމަކީ ދެ އޮނު ފަތިކޮޅު އެއް އަތުގައި ބާއްވައިގެން އެ ދެ ފަތިކޮޅު ޖެހޭގޮތް ހަދައިގެން އަޑު ނެރުމެވެ. ތިން ބެރުޖަހަން ތިބޭ ބެރުވެރީންނާއި މައި ލަވަކިޔާ ނަގާކިޔާ މީހާއާއި ޒުވާބުކިޔާ މީހުން (ކޯރަސް)އާ އެކު 15 މީހުން ބޮޑުބެޑު ގުރޫޕެއްގައި ބެރުޖަހާން ބައިވެރިވެއެވެ.
ބޮޑުބެރު ފެށެނީ ލަސް ލަވައަކުންނެވެ. މި ލަސް ރިދަމާއެކު އެ ލަސްކަމުގައި ނަށާ މީހުން ނެށުން އޮވެއެވެ. ލަވަތަކުގެ ފޯރި ގަދަވަމުން އަވަސްވަމުން ދާއިރު އެކަކު ނުވަތަ ދެމީހުން ހަލުވި ހަރަކާތްތަކުން ނަށަމުންދެއެވެ. އަދި ބައެއް ފަހަރު ވަޖިދުވާ ހިސާބަށްދެއެވެ. ބޮޑުބެރުގެ ލަވަތައް ހުންނަނީ ތަފާތު ޓެމްޕޯތަކުގައެވެ. ބޮޑުބެރުގެ ލަވަތަކުގެ ތެރޭގައި ދިވެހި ލަވައާއި ޢަރަބި ލަވައާ އަދި ދިވެހިން މަޢުލޫމާތު ދޭގޮތުގައި އިރުމަތީ އެފުރިކާގެ ބައެއް ބަސްތަކުން ހުންނަ ލަވަތައް ވެސް ހިމެނެއެވެ. ނަމަވެސް މިދާއިރާގައި އަދިވެސް ގިނަ ދިރާސާތަކެއް ކުރަން ޖެހެއެވެ.
އިރުމަތީ އެފުރިކާއަށް ފޯރިކަމަށް ބެލެވޭ ދިވެހީންގެ ނުފޫޒުތައް:
ދިވެހީންގެ ފަރާތުން އިރުމަތީ އެފުރިކާގެ ތާރީޚަށް ކޮށްފައިވާ ކަމަށް ބެލެވޭ ހިއްސާ، ދިވެހި ބޮލީގެ ވިޔަފާރި ފިޔަވައި، އަދިވެސް އޮތީ އަނދިރީގެތެރޭގައެވެ. އަދި މިކަން ދެނެގަތުމަކީ، ދިވެހިރާއްޖެއަށް އެފުރިކާއިން ކުރި އަސަރުތައް ދެނެގަތުމަށްވުރެ މާ އުނދަގޫ ކަމެކެވެ. ތުންތުންމަތީން އައިސްފައިވާ ސަވާހިލީ ތާރީޚުގައި ބުނާގޮތުން، އިރުމަތީ އެފުރިކާގެ ސަރަހައްދުތަކެއް ހިފި ކަނޑުދަތުރުވެރި ބައެއް ކަމުގައިވާ ވަދީބާއިންނަކީ ދިވެހީންކަމަށް ވަރަށް ބޮޑަށް ލަފާކުރެއެވެ. އެބައިމީހުން ޓެންޒޭނިޔާގެ ޒެންޒިބާރު ސަރަހައްދުގައި އޮންނަ ޕެމްބާ އާއި ކެންޔާގެ މޮމްބާސާ ވެސް ހިފިކަމަށް ބުނެވެއެވެ. (ސަވާހިލީންނަކީ ހުޅަނގު އެފުރިކާގެ އައްސޭރިފަށުގެ ރަށްތަކުގެ އަހުލުވެރީންނެވެ. އޭގެ ތެރޭގައި ޓެންޒޭނިޔާއާއި ކެންޔާއާއި ބޮޒަންބީގު ހިމެނެއެވެ. އަދި ޔުގެންޑާއާއި ރުވަންޑާއާއި ބުރުންޑީއާއި ކޮންގޯއާއި ސޯމާލިޔާގެ ބައެއް ސަރަހައްދުތަކުގައި އުޅޭ މީހުން ވެސް ސަވާހިލީންގެ ތެރޭގައި ގުނައެވެ. ޓެންޒާނިޔާއާއި ކެންޔާގެ ރަސްމީ ބަހަކީ ސަވާހިލީ ބަހެވެ.)
ވަދީބާއިންގެ ނަމުގެ މާނައަކީ "ޖަޒީރާތަކުން" ނެވެ. މިއީ ސަންސްކްރިތު ބަހުގައި ޖަޒީރާއަށް ކިޔާ "ދްވީޕާ" އިން ނެގިފައިވާ ލަފުޒެކެވެ. މެދުޒަމާނުގެ ޢަރަބި ކަނޑުދަތުރުވެރީން ދިވެހިރާއްޖެއާއި ލަކްޝަދީބަށް ކިޔާ ނަން ކަމަށް ބެލެވެއެވެ. (މެދު ޒަމާނުގެ އަރަބި ކަމަށް ބުނެފައި އެވަނީ، ތާރީޚުގައި ގާތްގަނޑަކަށް 7 ވަނަ ޤަރުނާއި 16 ވަނަ ޤަރުނާ ދެމެދުގެ ދުވަސްވަރަށެވެ.)
މީލާދީން 15 ވަނަ ޤަރުނުގެ ފަހުކޮޅާއި 16 ވަނަ ޤަރުނުގެ ކުރީކޮޅުގައި ޕެމްބާ އޮތީ ވަދީބާއިންގެ ވެރިކަމުގެ ދަށުގައި ކަމަށް ބެލެވެއެވެ. ބައެއް ވާހަކަތަކުގައި ކިޔާގޮތުން ޕެމްބާގެ ޕުޖިނީގައި ދިރިއުޅެ އެތަން ބިނާކުރި ކަމަށް ބެލެވޭ މަޝްހޫރު މްކާމެ މްދޫމެ (ކިރުދޭ މީހާ) އަކީވެސް ވަދީބާއިންގެ މީހެކެވެ. އޭނާގެ އަސްލު ނަމަކީ މުހައްމަދު ބިން އަބްދުއް ރަހްމާން ކަމަށް ބުނެވެއެވެ. އޭނާއަކީ މުސްލިމެއްކަން ކަށަވަރެވެ. އަދި އޭނާ ފާހަގަ ކުރެވިފައި ވަނީ ދީނަށް ވަރަށް ބޮޑަށް ތަބާވި މީހެއްގެ ގޮތުގައެވެ.
ވަދީބާއިން އާންމުކޮށް، އަދި ޚާއްސަކޮށް މްކާމެ މްދޫމެ ހަނދާންކުރަނީ އިސްލާމްދީން ފަތުރައި، މިސްކިތްތައް އިމާރާތްކޮށް، އަދި ލަކުޑިން ފަންނުވެރިކަމާއެކު އޮޑިދޯނިފަހަރު ބަނުމުގައި ހުނަރުވެރި ބައެއްގެ ގޮތުގައެވެ. މި ހުރިހާ ކަމަކީ ވެސް ވަދީބާއިންނަކީ ދިވެހީންކަން ދައްކުވައިދޭ ކަންތައްތައްކަމުގައި ވެދާނެއެވެ. ނަމަވެސް ވަދީބާއިންގެ ފަރާތުން އެންމެ ބޮޑަށް ފާހަގަކުރެވޭ އެމީހުންގެ ނުރައްކާތެރިކަމާއި އަނިޔާވެރިކަމުގެ ސަބަބުން އެ މީހުންނަކީ ދިވެހިން ނޫންކަން ދޭހަވެއެވެ.
ދިވެހިންނަކީ ވަރަށް މަޑުމައިތިރި އަދި އެހާމެ ހިތްހެޔޮ ބައެއް ކަމުގައި ވާތީއެވެ. އިބްނު ބަޠޫޠާގެ ޒަމާނުގައި ވެސް އެކަން އެގޮތަށް އޮތެވެ. ވައްކަމެއް ކުރި މީހެއްގެ އަތްކެނޑުމަށް މޮރޮކޯގެ ޤާޟީ އިބްނު ބަޠޫޠާ ޙުކުމް ކުރެއްވުމުން އެ މަޖިލީހުގައި ތިބި މީހުންގެ ދެބައިކުޅައެއްބައި މީހުން ހޭނެތުނު ކަމަށް އިބްނު ބަޠޫޠާ ލިޔުއްވައިފައިވެއެވެ. ހަމައެއާ އެކު ދިވެހީންނަކީ އެއްވެސް އިރެއްގައި އެހެން ސަރަޙައްދުތަކަށް ހަމަލާ ދީފައިވާ ބައެއްނޫނެވެ. ހަމައެކަނި މަދު ފަހަރެއްގެ މަތީން ލަކްޝަދީވްއަށް ހަމަލާދިނުން ފިޔަވައެވެ. ދިވެހީންނަކީ ބޭރުގެ ޙަމަލާތަކުން ޤައުމު ދިފާޢުކުރުމުގެ ޤާބިލުކަމާއި ޝައުޤުވެރިކަން ހުރި ނަމަވެސް، އާންމުގޮތެއްގައި އިންސާނުންނާއި ޖަނަވާރުން މަރާ ހެދުމަށް އެއްވެސް ވަރަކަށް ޝައުޤުވެރިކަން ހުންނަ ބައެއް ނޫނެވެ.
ކެންޔާގެ ލާމޫ ސަރަޙައްދުގައި ކިޔާ އުޅޭ އެހެން ސްވާހިލީ އަނގަބަހުގެ ރިވާޔަތެއްގައި، މްކާމެ މްދޫމެގެ ވާހަކައަށްވުރެ މާ ބޮޑަށް ވަދީބާއިންނާއި ދިވެހިންނާ ގުޅުވޭ ގޮތަށް ވާހަކަ ކިޔައެވެ. އެ ވާހަކައިގައި ބުނެވެނީ، 16 ވަނަ ޤަރުނުގެ ކުރީކޮޅު ލާމޫގެ އުތުރުން 35 މޭލު ދުރުގައިވާ ކެންޔާގެ ކިވާޔޫ ރަށުގެ ކައިރީގައި ބޭރުގެ އުޅަނދުތަކެއް ފަރަށް އަރައި ހަލާކުވިއެވެ. މި ހާދިސާއިން ސަލާމަތްވި މީހުންނަށް ވެސް ވަދީބާއިން ނުވަތަ "ރަށްވެހިން" ގެ ނަން ދެވުނެވެ. އެ ސަރަޙައްދުގެ ބަޖޫން މީހުން މެހެމާންދާރީ އަދާކޮށް އަދި ފަހުން އެ މީހުންނާ ކައިވެނިކުރިއެވެ. (ބަޖޫން މީހުންނަކީ އެފުރިކާގެ ކެންޔާއާއި ސޯމާލިއާގެ އައްސޭރިފަށުގައި ދިރިއުޅޭ މީހުންނެވެ.) ލާމޫގެ ރިވާޔަތުގައި ދެން ބުނަނީ ވަދީބާއިން ބަޖޫންއަށް، ރުއް ލަކުޑިން (ނިރޮޅުން) އޮޑިދޯނިފަހަރު ބަންނަން ދަސްކޮށްދީފައިވާ ކަމަށެވެ. އެ ހާތަނަށް ބަޖޫންގެ މީހުންނަކީ ކެނޯ ފާޑު ކުދިކުދި އުޅަނދުތައް ހަދައިގެން ދިރިއުޅުނު ބައެކެވެ. ބަޖޫންނަށް ވަދީބާއިން ދަސްކޮށްދިން އޮޑިދޯނިފަހަރުގެ އައު ޑިޒައިން ވަރަށް ކަމުދިޔައެވެ. އަދި އަސްލު ވަދީބުންގެ އުޅަނދުފަހަރު ބަނދެފައިވާ ކަމަށް ބުނެވޭ ރުއްލަކުނޑީގެ ބަދަލުގައި ކަނޑޫ ބޭނުންކުރަން ފެށިއެވެ.
ވަދީބުންނާ ބެހޭ ގޮތުން ތުންތުންމަތީން ދައްކަމުން އަންނަ ލާމޫ ރިވާޔަތުގައި އެއްވެސް ޙަޤީޤަތެއް އެކުލެވޭނަމަ، ނައުފަހަރު ހަލާކުވެގެން އައި ދިވެހި ދަތުރުވެރީން ބަޖޫންގެ ނައުފަހަރަށް ބައެއް ކުރިއެރުންތައް ގެނެސްދިން ކަމަށް ނުބެލެވޭނެ ސަބަބެއް ނެތެވެ. ޚާއްޞަކޮށް ހަތަރެސްކަން ރިޔާ ބޭނުންކުރުމުގައި، ކުދި ދިވެހި އުޅަނދުފަހަރާއި އިރުމަތީ އެފުރިކާގެ ސުވާހިލީގެ އެމްޓެޕޭ (ސުވާހިލީ ބަހުން އޮޑިދޯނިފަހަރު) އާ ދެމެދު ވަރަށް ގިނަ އެއްގޮތްތަކެއް ހުރެއެވެ. ދިވެހިންނަކީ ހިތްވަރުގަދަ ނެވިންގެ ގޮތުގައި އަބަދުވެސް މަޝްހޫރުވެފައިވާ ބައެކެވެ. އެ މީހުންގެ އާދަވެފައިވާ ކަނޑުދަތުރުފަތުރުގެ ވިޔަފާރީގެ މަގުތަކުގައި ސިންގަޕޫރު، ބަންގާޅު، އަރަބި ޖަޒީރާ އަދި މޮރިޝަސްއަށް ދަތުރުކުރެއެވެ. އަދި އިރުމަތީ އެފުރިކާގެ އައްސޭރިފަށް އެމީހުންގެ އާންމު ވިޔަފާރީގެ ދާއިރާއިން ބޭރުގައި އޮތް ނަމަވެސް، މޫސުމާއި އާދަކާދައިގެ ސަބަބުން ބެހިގެން ދިވެހިރާއްޖޭގެ އުޅަނދުފަހަރު އިރުމަތީ އެފުރިކާއަށް ދިޔަ ގިނަ ހާދިސާތައް ރެކޯޑުކުރެވިފައިވެއެވެ. (ނިމުނީ)