ad_banner
ރަމަޟާން މަހުގައި އިސްރާފުނުކުރުމުން ވެސް ރޯދަހިފަމާތޯއެވެ!

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

19 މާރިޗް 2025

މީހަކު ބާޒާރުކުރަނީ

އަތްމަތި ތަނަވަސްވުމުގެ ސަބަބުން އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް މިއަދު ވަނީ ޟަރޫރިއްޔާތުތަކާއި މުހުތާދުތަކާއި ވިލާސަތައް ފަރަގުކުރާން ދަތިވެފައެވެ. ހުރިހާ އެއްޗެއްސެއް މި ވަނީ ޟަރޫރިއްޔަތަށް ބަދަލުވެފައެވެ. އެންމެންގެ ޝިޢާރަކަށް ވެފައިވަނީ "އާދެ! ހިތްކިޔާ އެއްޗެއް ގަންނަނީއެވެ." އަމީރުލްމުއުމިނީން ޢުމަރު ބުނުލްޚައްޠާބަށް ޞަޙާބީއަކު ބާޒާރުން މަސްކޮޅެއް ބައްލަވައިގަތް ތަން ފެނިވަޑައިގަތުމުން ކުރެއްވި ސުވާލަށް ދެއްވި ޖަވާބު ފަދައެވެ.

ހިތްކިޔާ ކޮންމެ އެއްޗެއް ނުގަންނަ ރަމަޟާނަކަށް މި ރަމަޟާން ހަދަމާތޯއެވެ! ރަމަޟާންމަހު ދުވާލު ނުކައިނުބޮއި ތިބެގެން ރޯދަހިފާ ގޮތަށް އިސްރާފުނުކުރުމުން ވެސް ރޯދަހިފަމާތޯއެވެ!

މި ކަން ކުރެއްވުމަށް ނަސޭހަތްކޮޅެއް އެރުވޭތޯ ބަލާނަމެވެ.

1-     ބާޒާރުކުރައްވާން ވަޑައިގަންނަވާ އިރު ބައްލަވައިގަންނަވާން ބޭނުންފުޅުވާ އެއްޗެހީގެ ލިސްޓެއް ލިޔުއްވައިގެން ވަޑައިގަންނަވާށެވެ. ލިސްޓުގައި ނެތް އެއްޗެއް ބައްލަވައިނުގަންނަވާށެވެ. ބޭނުންފުޅުވާ އެއްޗެއްސާއި މުހުތާދުވެވަޑައިގަންނަވާ އެއްޗެހި ތަފާތުކުރައްވާށެވެ! ބައްލަވައިގަންނަވާނީ މުހުތާދުވެވަޑައިގަންނަވާ އެއްޗެއްސެވެ.

2-      މުޅި މަހަށް ބޭނުންފުޅުވާނެކަމަށް އަންދާޒާކުރައްވާ އެއްޗެހީގެ އަގު ކަނޑައަޅުއްވައި ބަޖެޓުކުރައްވާށެވެ! ފިހާރަތަކުން ކިތަންމެ ރީތި އެއްޗެހިތަކެއް ހުށައެޅިޔަސް ރަތްރޮނގު ފަހަނަޅައިވަޑައިނުގަންނަވާށެވެ!

3-     ބަނޑުހައިފުޅުވެފައިވާ ވަގުތެއްގައި ކާބޯތަކެތި ބައްލަވައިގަންނަވާން ވަޑައިނުގަންނަވާށެވެ! އޭރުން ފަރިއްކުޅުއްވާ ހިތްޕުޅުވާ ކޮންމެ އެއްޗެއް ބައްލަވައިގަންނަވާން ބޭނުންފުޅުވެދާނެއެވެ. ރަމަޟާންމަހު ދުވާލު ޚާއްޞަކޮށް މެންދުރު ފަހުން ކާބޯތަކެތި ބައްލަވައިގަންނާން ވަޑައިނުގަންނަވާންވީ މިހެންވެގެންނެވެ.

4-     ބާޒާރުކުރައްވާން ވަޑައިގަންނަވާ އިރު ޑެބިޓު ކާޑު ހިއްޕަވައިގެން ވަޑައިނުގަންނަވާށެވެ. އޭރުން އަގަށް ސަމާލުކަންނުދެއްވި ބައިވަރު އެއްޗެހިތަކެއް ބައްލަވައިގެންނެވިދާނެއެވެ.

5-     މުއްސަނދިކަން ދައްކަވާން ބާޒާރުކުރައްވާ ބޭފުޅަކަށް ވެވަޑައިނުގަންނަވާށެވެ! މި މަޅީގައި ޖެހިވަޑައިނުގެންނެވުމަށް ޓަކައި އެކުވެރީންނާ އެކު ބާޒާރަށް ވަޑައިނުގަންނަވާށެވެ!

6-     މޯލްތަކުގައި ބާޒާރުކުރައްވާ އިރު، ބައްލަވައިގަންނަވާ އެއްޗެހި އަޅުއްވާން ގާނޑިޔާ ބޭނުންފުޅުނުކުރައްވާށެވެ! އޭރުން އަތްޕުޅަށް ބަރުވާ ވަރު އެނގިވަޑައެއް ނުގަންނަވާނެއެވެ.

7-     ބާޒާރުކުރައްވާ އިރު، އަގުހެޔޮކޮށްފައި ހުންނަ މުދަލަށް ސާމާލުކަން ދެއްވާންވާނެއެވެ. ބައެއް ފަހަރަށް އަގުހެޔޮކޮށްލަނީ އެ މުދަލުގެ މުއްދަތު ހަމަވާތީއެވެ. އެހެނަސް އަނެއްބައި ފަހަރަށް މުދާއަގުހެޔޮކޮށްލަނީ ވާދަވެރިކަމުގެ ތެރެއިންނެވެ. ނުވަތަ އިޝްތިހާރުކުރުމަށް ޓަކައެވެ.

8-     ރޯދަ ވީއްލުމަށާއި ހާރަށް ކާބޯތަކެތި ތައްޔާރުކުރައްވާ އިރު، އިސްރާފުނުވާނެ މިންވަރަށް އެ ތަކެތި ތައްޔާރުކުރައްވާން ސަމާލުކަން ދެއްވާށެވެ! އުކާލަންޖެހޭ މިންވަރަށް ކާބޯތަކެތި ތައްޔާރުކުރުމަކީ ވަރަށް ބޮޑު އިސްރާފެކެވެ.

9-     ކަރަންޓާއި ފެނުގެ ޚަރަދުތައް ކުޑަކުރެއްވުމަށް އަބަދުވެސް ވިސްނަވާށެވެ! ބިލް އައީމާ ކަންބޮޑުވެވަޑައިގަތުމުގެ ބަދަލުގައި ބޭނުންފުޅުނުވާ ބޮކިތަކާއި ފަންކާތަކާއި އެއަރކޯންތައް ނިއްވައިލައްވާށެވެ! ޢާއިލާގެ ހުރިހައި ބޭފުޅުން ވެސް މި ކަމަށް ވިސްނައިވަޑައިގަތުމަށް ނަސޭހަތް ދެއްވާށެވެ! ހަމަ މި މޭރުމުން ފެން ބޭނުންކުރެއްވުމުގައި ވިސްނައި ވަޑައިގަންނަވާށެވެ. ވުޟޫކުރާއިރު ވަރަށް ގިނައިން ފެން އިސްރާފުކުރެވެއެވެ. ފެންވަރާއިރު ސައިބޯނިލާ ވަގުތު ނުވަތަ ޝެންޕޫލާ ވަގުތު، ޝަވަރު ބަންދުކޮށްލައިފި ނަމަ، ފެން އިސްރާފުވުން ކުޑަވެގެންދާނެއެވެ. އަދި އަތް ދޮންނަވާ ވަގުތުގައި ވެސް ސައިބޯނިލައްވާ ވަގުތު އިސްކުރު ބަންދުކުރައްވާން ހަނދުމަފުޅުކުރައްވާށެވެ!

ބައެއް ލަފުޒުގެ މާނަ:

ވިލާސަ    ނއ.    (1) ޚިދުމަތެއްގެ މަތީ ފެންވަރު. (2) ތަނެއްގެ ނުވަތަ އެއްޗެއްގެ މޮޅު ފެންވަރު.

ކޮމެންޓު