ad_banner
ކުރު ވާހަކަ: ދުޢާ

އަސްމާ އަބޫބަކުރު

16 މާރިޗް 2025

އަންހެނަކު ދުޢާކުރަނީ!

ދުޢާއަކީ މުއުމިނުންގެ ހަތިޔާރެވެ. މި ހަތިޔާރުގެ ބޭނުން ރައުދާގެ ޙަޔާތުގައި ހިފައިފައެއް ނުވެއެވެ. އޭނާގެ ދިރިއުޅުން ބައްޓަންކުރީ އެހެން ގޮތަކަށެވެ. މިއަދު ރައުދާ ދުޢާކުރާން ފެށީ އަލަށެވެ. ރައުދާގެ އިނގިލިތައް ތުރުތުރުއަޅަމުން ދަނީއެވެ. މުސައްލަ މަތީ އިން އިރު، ރައުދާގެ ދެއަތް ތުރުތުރުއަޅަމުން ދިޔައެވެ. މާޒީގައި ކުރެވިފައިވާ ފާފަތަކާ މެދުއެވެ. ދުޢާގެ ކޮންމެ ބަހަކީ ހަނގުރާމައެއް ފަދައެވެ. ދުޢާކޮށް ނިމުމުން ހިތަށް ހަމަޖެހުން ލިބެއެވެ. މުސައްލަ މަތީ އިނދެ ރައުދާއަށް މާޒީ ހަނދާންވަމުން ދިޔައެވެ.

ކޮންމެ ދުވަހަކު ވެސް ބަންގި ގޮވާ އަޑުއިވެއެވެ. އެކަމަކު ރައުދާއަށް އެ އަޑު ދުވާލަކު ފަސް ފަހަރު ގޮވިއަސް މީގެ ކުރީން އިވުނުކަމަކަށް ނުވިއެވެ. އެހެންނަމަވެސް މިއަދުގެ ފަތިސް ނަމާދު ބަންގީގެ އަޑު ރައުދާއަށް އިވުނީ ސަލާމަތާއި ރައްކާތެރިކަމަށް ގޮވާ ގޮވުމެއްގެ ގޮތުގައެވެ. ފުރަތަމަ ފަހަރަށެވެ. ބަންގީގެ އަޑު އިވުމާ އެކު، ގެއްލިފައިވާ އީމާންތެރިކަން އަލުން އަނބުރައި އައި ކަހަލައެވެ. ރައުދާއަށް ކެތްމަދުވެފައިވާ ގޮތަކަށް ހުއްޓައި ސަލާމަތްތެރިކަން ލިބުނު ކަހަލައެވެ.

ރައުދާ ދުޢާ ކުރީ އެންމެ ކަމަކަށެވެ. އޭނާގެ ބައްޕަގެ ހިމާޔަތަށެވެ. އެއީ މީގެ ކުރީން އޭނާ ދެކޭ ގޮތުގައި އުފަލުން ފުރިފައިވާ ކުޑަކުޑަ ޢާއިލާއެވެ. މަންމައާއި ބައްޕަގެ ހިމާޔަތުގައި ބޮޑުވަމުން ދިޔަ ރައުދާއަށް ބަދަލު އައީ ސިއްރުން ރައުދާގެ ޙަޔާތަށް އައި ދާނިމްގެ ސަބަބުންނެވެ. ދާނިމް ފެނުމާ އެކު، ރައުދާއަށް މަޑުމަޑުން ގެއިން ނިކުންނާން ފެށުނެވެ. ދާނިމުގެ ކޯލުތަކުގައި ގިނަ ވަގުތު ހޭދަކުރުމާއި ބޭރުން ކުރެވޭ ބައްދަލުވުންތައް އިތުރުވަމުން ދިޔައެވެ.

"ހިނގާ އަހަރެމެން މެރީކުރާން" ރައުދާއަށް ދާނިމް ގާތު ބުނެވުނެވެ.

"ތިޔަ ކަން ކުރެވިދާނެ. ރައުދާގެ ބައްޕަ ގަބޫލުވާނެތަ؟" ދާނިމު ކުރި ސުވާލުން ރައުދާ މޫނުގެ ކުލަ އޮއްސިއްޖެއެވެ. ތެދެކެވެ. އޭނާގެ ބައްޕައަށް ދާނިމުގެ ވާހަކަ ބުނި ދުވަހު ވެސް އޮތީ ނުރުހުން ވެފައެވެ. ބައްޕައަށް ދާނިމު ކަމު ނުދަނީއެވެ. ދާނިމު މުއްސަންޖެވެ. ސްމާޓެވެ. ރައުދާއަށް ނުލާހިކު އޯގާތެރިއެވެ. ދެން ބައްޕަ ގަބޫލު ނުވާންވީ ސަބަބެއް ރައުދާއަކަށް ނުވިސްނުނެވެ. އެއް ދުވަހަކު ބައްޕަ ގާތުގައި ރައުދާ ކުސްތެޅިއެވެ. އެއީ ޢާންމުކޮށް ވެސް ބައްޕަ ގާތުގައި ބޮޑާހާކާ އިރަށް އެ ކަމެއް ކޮށްދޭތީއެވެ.

"ބައްޕާ. ދާނިމާ އަހަރެން މެރީކުރަން އެއްބަސްވާންވީނުން." ރައުދާގެ ސުވާލު ނުނިމެނީސް ނާހިދު ގާތަށް ރުޅިއަތުވެއްޖެއެވެ.

"ކިތައްފަހަރު ބުނާނީ. ދަރިފުޅު އޭނަޔާ ވާހަކަ ނުދައްކާށޭ. ކީއްވެތަ އަޑު ނީވެނީ؟" މި ފަހަރު ރައުދާ ވެސް ރުޅި އަތުވެއްޖެއެވެ.

" ބައްޕާ ކޮބައިހޭ ދާނިމްގެ މައްސަލައަކީ." ރައުދާއަށް ބައްޕަ ރުޅި އަންނަ ގޮތެއް އަދި ވެސް ނޭނގެއެވެ.

"ދާނިމުގެ މުއްސަނދިކަމަކީ ކިހިނެއް ކޮންގޮތަކަށް ހޯދި އެއްޗެއްކަން ރައުދާއަށް ނޭނގިދާނެ. މި ރާއްޖޭގެ އެންމެ ދަންނަ ކަމެއް އެ ދާނިމު ކިޔަވާން ލަންކާގައި ހުރި އިރު ކުރި ކަންތައްތަކަކީ. އެ ކަމުގެ ސަބަބުން އޭނާއަށް ލިބުނު މުއްސަނދިކަން ނޫސްތަކުގެ ފަލަ ސުރުޚީތަކަށް އެރި." ބައްޕަގެ ވާހަކަ ރައުދާއަށް މި ފަހަރު ގަބޫލެއް ނުކުރެވުނެވެ.

އެއީ ބައްޕަގެ ވައްތަރެވެ. ބައްޕައަށް ވުރެ އެހެން މީހަކު އަތްމަތި ތަންވަސްވާން ބައްޕަ ވެސް ނޭދެނީއެވެ. އެއީ ރައުދާއަށް ދާނިމު ނަގައިދިން ފިލާވަޅެވެ. ރައުދާ އެންމެ ފަހުން ބައްޕައާ ދެކޮޅަށް ތެދުވެއްޖެއެވެ. ލޯތްބަށް ޓަކައެވެ. ރައުދާގެ ކުރިމަގަށް ޓަކައެވެ. ރީތި ދިރިއުޅުމެއް އުޅުމުގެ މަގުސަދުގައެވެ. ރައުދާ ބޭނުންވާ ގޮތަށް އުޅުމުގެ ފުރުސަތު އޮތްކަމުގައި ނާހިދު ބުނީ ހިތާ ދެކޮޅަށެވެ. ދާނިމަށް ޓަކައި ރައުދާ ގެއިން ފިޔަވަޅު އަޅާ ވަގުތުން ފެށިގެން ރައުދާއަށް ޓަކައި އެ ޢާއިލާ މަރުވީކަމުގެ އިންޒާރު ނާހިދު ދިނެވެ. އެކަމަކު ރައުދާ ބޭނުމީ ދާނިމްގެ ލޯތެބެވެ. އެހެން ހުރިހައި އެއްޗެއް ދާނިމަށް ޓަކައި ދޫކޮށްލީކަމުގައި ބުނަމުން ގެއިން ނިކުތީއެވެ. 

އުޅެ ބޮޑުވި ގެއާއި ޢާއިލާ ދޫކޮށްފައި ދިޔަ ދުވަހު ރައުދާގެ ހިތަކަށް އެއްވެސް އުނދަގުލެއް ނުވެއެވެ. އެ ދުވަހު ވެސް ރުއީ މަންމައާއި ބައްޕައެވެ. ރައުދާގެ ހަގަށް ހުރި ފިރިހެން ކޮއްކޮ ވެސް ހުރީ ދެރަވެފައެވެ. ރައުދާ ވީ ފާޑެއްގެ އުފަލެކެވެ. ގައިދުޚާނާއަކުން ނިކުމެވޭތީ ވެވޭ އުފަލެވެ. ރައުދާ އޮފީހަކަށް ވަނުމަށް ފަހު މާގިނަ ދުވަހެއް ވެސް އަދި ނުވެއެވެ. ދާނިމް ބުނެގެން އޮފީހުން ވެސް ކެނޑުނެވެ. ކައިވެނި ކުރާނީ ލަންކާއަށް ގޮސްކަމުގައި ދާނިމް ބުނަމުން ދިޔައެވެ.

"ރައުދާ. ލަންކާއަށް ދާން ފުރާން ހަމަޖެހިފައި އޮތީ މާދާމާ. ތައްޔާރުވޭ އަވަހަށް." އަތުގައި އޮތް ދެ ޓިކެޓް ރައުދާ އަތަށް ދެމުން ދާނިމް ބުންޏެވެ.

"އަހަރެން މި ހުރީ ތައްޔާރުވެފައި. އިތުރަށް ވާނެ ތައްޔާރެއް ނެތް." އުފަލުން ގޮސް ރައުދާއަށް ބުނާނެ އެއްޗެއް ވެސް ނޭނގުނެވެ. ދާނިމްގެ ރަނގަޅުކަމުންނެވެ. އެ ރެއަކީ ހަނދުވަރުދޭ ރެއެއްކަމުން ދާނިމް ދިޔައީ ރައުދާ ގޮވައިގެން ހިނގައިލާށެވެ. އޭގެ ފަހުން އޮތީ އެކަކު އަނެކަކަށް ވަޢުދުވުމެވެ. އެތައް ވަޢުދެއްވީ ރޭގނޑު ތަރިތައް ހެކިކޮށެވެ. އެކަކު އަނެކަކަށް ދޮގު ނުހެދުމާއި ޢުމުރަށް އެކީގައި އުޅުމަށެވެ.

ލަންކާއަށް ގޮސް އެތައް ދުވަހެއް ވެއްޖެއެވެ. ދާނިމް ކައިވެނި ކުރާކަށް ވެސް ނޫޅެއެވެ. ދާނިމް އުޅުން ބަދަލުވަމުންދާކަން ރައުދާއަށް އެނގެއެވެ. ދާނިމާ އެކީގައި މުސްތަގުބަލް ހޯދާން ކުރި ދަތުރު ތަކުލީފަށް ވެދާނެތީ ރައުދާ ކަންބޮޑުވެއްޖެއެވެ. ޢާއިލާގެ ރުހުމާ ދެކޮޅަށް އެ މީހުންނަށް ފުރަގަސް ދީފައި އާދެވުމުން އެ ކަމާ ހިތާމަކުރާން ނުޖެހޭނެ ބާއޭ ރައުދާގެ ހިތަށް އަރަމުން ދިޔައެވެ. ހެނދުނުގެ އަލި އުދަރެހުން ފާއްދާލާފައި އަރައިގެން ދާފަދައިން ދާނިމްގެ ލޯބި އަރައިގެންދާކަށް ރައުދާ ނޭދެއެވެ. ކުރި ވަޢުދުތައް ކަނޑުގައި އަޅާ ރޮނގެއްގެ ގޮތުގައި ފަނޑުވެގެން ދާން ފަށާކަށް ވެސް ނޭދެއެވެ. ރައުދާ ހިތްވަރާ އެކު މަސައްކަތް ފެށިފެއެވެ. ހަޔާތް ބިނާކުރެވޭތޯއެވެ. ކައިވެނި އަވަސްވޭތޯއެވެ. ދާނިމް ދިޔައީ ފަހަރަކު ބަހަނާއެއް ދަށްކަމުންނެވެ.  

އެއްދުވަހަކު ދާނިމް ގެއަށް އައީ އުފާވެފައި ހުރެގެންނެވެ. މޫޑު ރަނގަޅު ދުވަހެއް ކަމަށް ވެދާނެއެވެ. ރައުދާއަށް މިހާރު މާގިނަ ވާހަކަ ދެއްކޭކަށް ނޯވެއެވެ. ދާނިމްގެ ރުޅި ސައްތައިގައި ހުންނާތީއެވެ.

"ހިނގާ މިރޭ ތަނަކަށް ޖައްސާލަމާ." ފޫހިވެފައި ގޭތެރޭގައި އިން ރައުދާއަށް ހީވީ އުދުހި ގަންނާން އުޅެވޭހެންނެވެ. ވަގުތުން އެއްބަސް ވެއްޖެއެވެ. ކައިވެނިކުރާ ވާހަކަ މިހާރު ދާނިމް ނުދައްކާތީ ރައުދާއަށް އެ ވާހަކަ ދައްކާކަށް ވެސް ނުކެރެއެވެ. އެންމެ ފަހުން ރޭގަނޑު ނުވައެއް ޖެހުމާއެކު ރައުދާ ގޮވައިގެން ދާނިމް ދިޔައީ ނައިޓް ކުލަބަކަށެވެ. އެ ތަނަށް ވަދެވުމާއެކު ރައުދާއަށް ކޮޅުކޮޅު މައްޗަށް ލޯ ހިންގައިލެވުނެވެ. މުޅި ހޯލު ތެރެއިން ދުވަނީ ފާޑެއްގެ ވަހެކެވެ. ޖޯޑުޖޯޑަށް އަތުގުޅުވައިގެން ތިބެ މީހުން ނަށަމުން ދިޔައެވެ.

އެތެރެއަށް ވަދެ ފުރަތަމަ ފެށީ ދާނިމާ އެކު ނަށާށެވެ. އިރުކޮޅަކުން ލަވައިގެ ރާގާއެކު ޑާންސް ކުރާ ގޮތް ބަދަލުވެއްޖެއެވެ. އެހެން މީހެއްގެ އަތު ތެރެއަށް ރައުދާ ވަންނަން ޖެހިއްޖެއެވެ. އެކަމާ ރައުދާ ލަދުގަނެ ޖެހިލުންވިއެވެ. މުޅި މީހާ ދާހިއްލާން ފަށައިފިއެވެ. އެހެންނަމަވެސް ދާނިމުގެ ލޮލުގެ އިޝާރާތުން ހަމަޖެހުމަށް ބުނަމުން ދިޔައެވެ.

މާގިނަ ދުވަހެއް ނުނަގައެވެ. ނައިޓް ކުލަބަށް ރައުދާ ހޭނިއްޖެއެވެ. ކޮންމެ ރެއަކު ރޭގަނޑު ގެއިން ނިކުންނަ ގޮތަށް ގެއަށް ވަންނަނީ ފަތިހުއެވެ. އެ ދިރިއުޅުމަށް އާދަވާން ފަށައިފިއެވެ. ދާނިމާ އެކު ވަގުތު ހޭދަވަނީ އެ ގޮތުގައެވެ. ދުވާލު ނިދައިފައި ރޭގަނޑު ފޮޅިފައިވާ މަލެއްގެ ގޮތުގައި ރައުދާ ފަރިވާން ފަށައިފިއެވެ. އެއްރެއަކު ނައިޓު ކުލަބަށް ގޮސް ވަކިން ހުރި ބޮޑު ކޮޓަރިއެއްގައި މީހަކާ ބައްދަލު ކުރުވައިފިއެވެ. ރައުދާ އަށް ހީކުރެވިފައި އޮތީ އެ ޚާއްޞަ މީހާއާ ދާނިމް ބައްދަލުކުރީ ވިޔަފާރި ކަމެއްގައެވެ. އެހެންނަމަވެސް ކުއްލިއަކަށް ދާނިމަށް އައި ކޯލަކުން ދާންޖެހިއްޖެއެވެ.  

ދާނިމް ދިއުމުން އެމީހާ ރައުދާއާ ވާހަކަ ދައްކަން ފެށިއެވެ. އެއީ ނައިޓް ކުލަބުގެ ވެރިމީހާކަމަށް އޭނާ ބުންޏެވެ. ނީލަމުގެ ބާޒާރުގައި ރައުދާ ވިއްކައިލީކަމަށް އޭނާ ބުނަމުން ދިޔައެވެ. ރައުދާއަށް ރޮއިގަނެވިއްޖެއެވެ. އަދި އޭނާގެ ނަމަކީ ކުމާރުކަމާއި ރައުދާއަށް ދާނިމްގެ ގޮތް އެނގޭތޯ ވެސް ކުމާރު އެހިއެވެ. ރައުދާއަށް ބުނެވުނީ ހަމައެކަނި އެއީ ރައްޓެހިވެގެން އިންނަ އުޅޭ ކުއްޖާކަމުގައެވެ.

އުދުހެމުން ދިޔަ ރައުދާއަށް ހަމަ ބިމަށް އާދެވިއްޖެއެވެ. ރައުދާ ރޯން ފެށުމުން ކުމާރު ކަންބޮޑުވެއްޖެއެވެ.

"ދާނިމް ތިޔަ ގޮތަށް ބައިވަރު ކުދީން ގެނޭ. އެކި ގައުމުތަކުން ކުދީން ގެނެސް މިތާ ވިއްކައިލަނީ. އޭނާ ބޭނުންވަނީ ފައިސާ އެކަނި." ކުމާރު ކިޔައިދިން ވާހަކަތަކުން ރައުދާއަށް ދާނިމަކީ ރަނގަޅު މީހެއް ނޫންކަމަށް މި ފަހަރު ގަބޫލު ކުރެވިއްޖެއެވެ. ކުމާރަކީ ރުޅިގަދަ މީހެއް ނޫނެވެ. ރައުދާ ވިސްނަމުން ދިޔައީ ކުމާރު ގާތުން ސަލާމަތްވެވޭނެ ގޮތަކަށެވެ. ރައުދާ ހުރީ ކުމާރު ގަނެފައިކަން އެނގުމުން ހެދޭނެ އިތުރު ގޮތެއް ނެތިފައެވެ. ކުމާރުގެ ހިތަށް ރަޙުމު ވަނީ ކަންނޭގެއެވެ. ރައުދާއަށް ޓަކައި ކުމާރު ވީ ގާތް އެކުވެރިއަކަށެވެ.

"އަހަރެން ރާއްޖެ ފޮނުވައިދީ. ކުމާރު އަހަރެން ގަތް ފައިސާ އަނބުރައި ކުމާރަށް ދޭނަން." ރޮމުން ގިސްލަމުން ރައުދާއަށް ބުނެވުނެވެ. ފައިސާ ލިބޭނެކަމުގެ ޔަގީންކަމެއް އޮވެގެންނެއް ވެސް ނޫނެވެ. ބައްޕައާ ދެކޮޅަށް އައީ ހުރިހާ އެއްޗެއް ދޫކޮށްލައިފައެވެ.

"ރައުދާ ކިހިނެއް ފައިސާ ދޭނީ؟ ރައުދާ އަތުގައި އެބަހުރިތަ ދޭނެ އެއްވެސް ފައިސާއެއް؟"

"އަހަރެން ބައްޕަ ގާތުގައި އާދޭސް ކޮށްގެން ވެސް ފައިސާ ހޯދާނަން." ރައުދާއަށް ރޮމުން ބުނެވުނެވެ.

"އެއީ ނާހިދުތަ؟ އޭނާ އަތުގައި މިހާރު ނެތް ފައިސާއެއް؟" ރައުދާ ސިހިގެން ދިޔައެވެ.

"ކިހިނެއް އެނގުނީ އަހަރެންގެ ބައްޕައަކީ ނާހިދު ކަން." ރައުދާ އެހީ ހައިރާންވެހުރެއެވެ.

"މީގެ ދެ ދުވަސް ކުރީން މާލޭގެ މީހަކަށް ދާނިމް ގުޅިކަމާއި، އެ ދުވަހު ރައުދާ އެކްސިޑެންޓް ވެގެން ހޮސްޕިޓަލްގައި އޮތްކަމުގައި ބުނެ ރައުދާގެ ޙާލު ވަރަށް ދެރަކަމުގައި ވެސް ބުނިކަމަށްވޭ. އަދި އޮޕަރޭޝަނަށް ވަރަށް ބޮޑު ޚަރަދެއް ހިނގާނެކަމަށާއި ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރަން ބޭނުން ނަމަ އަވަހަށް ފައިސާ ޖަމާކުރާން ބުނިކަމަށް އަހަރެންގެ ރައްޓެއްސަކު ބުނި. ކޮންމެ މީހަކު ވެސް އެ މީހެއްގެ ދަރިއަކަށް ޓަކައި ގުރުބާން ވާނެ. އަހަންނަށް ފަހުން ދާނިމް ފަރާތުން އެނގުނު އެއީ ނާހިދު ކިޔާ މީހެއް ކަމާ، އެއީ ރައުދާގެ ބައްޕަކަން ވެސް އެނގުނު." ކުމާރުގެ ވާހަކަތައް އަޑު އިވުމުން ރައުދާއަށް އިތުރަށް ރޮއިގަނެވިއްޖެއެވެ.  

ރައުދާ ރޯން އިނީ އެނދުކައިރީ އިށީދެނގެންނެވެ. އެހެން އިންދައި ފަތިސް ނަމާދުގެ ބަންގީގެ އަޑު އިވެން ފެށިއެވެ. އެ ހިސާބުގެ ކައިރީގައި ހުރި މީރާ މިސްކިތުންނެވެ. ފުރަތަމަ ފަހަރަށް މުސްލިމެއްކަމުގެ އިޙްސާސް ރައުދާއަށް ކުރެވުނެވެ.

"އަހަރެން ނަމާދުކުރާން ބޭނުން." ރައުދާ ފާޚާނާއަށް ވަދެ ވުޟޫކުރިއެވެ. އެއަށް ފަހު މިސްކިތަށް ގޮސް ފަތިސް ނަމާދުކުރިއެވެ. އެތައް އިރެއްވަންދެން ދުޢާކުރުމުގައި އިނެވެ. ދުޢާކުރާން އިނދެގެން ރައުދާ ހިތަށް އަރަމުން ދިޔައީ އަހަރެންގެ ދުޢާ މާތްﷲ ގަބޫލު ކުރައްވާނެހެއްޔެވެ؟ އަދި ބައްޕަގެ އަތުން ހިމާޔަތް ލިބޭނެ ހެއްޔެވެ؟ މާޒީގެ ފުސްކަމުގެ ތެރެއިން ނިކުމެ މަޑުމަޑުން ރައުދާ ހިނގައިގަތީ ނައިޓު ކުލަބާ ދިމާއަށެވެ. އޭރު ކުމާރު ހުރީ ރައުދާގެ އިންތިޒާރުގައެވެ.

އޭގެ ދެ ދުވަސް ފަހުން ކުމާރުގެ މަސައްކަތުން ރައުދާ ރާއްޖެ ފޮނުވައިފިއެވެ. ގެއަށް ދެވުމާ އެކު، ދޮރުގައި ޓަކިޖެހުމުން ދޮރު ހުޅުވީ ނާހިދެވެ. ބުނާނެ އެއްޗެއް ނޭނިގައި ނާހިދަށް ވެސް ހުރެވުނެވެ. އަދި އެ ވަގުތު ރައުދާ އަށް ރޮއިގަނެވިއްޖެއެވެ. ނާހިދުގެ ލޮލުން ވެސް ކަރުނަ ފައިބާން ފަށައިފިއެވެ. ގެއިން ނިކުމެގެން ދާށޭ ބުނިކަމުގައިވިއަސް މިއަދު ނާހިދުގެ ދެއަތް ހުލުވައިލިއެވެ.

"ބައްޕާ. އަހަންނަށް މާފުކުރޭ." ރައުދާ ބުނަމުން ދިޔައެވެ. އެވަގުތު ރައުދާ ހިތަށް އެރިއެވެ. އަހަރެންގެ ދުޢާ މާތްﷲ އިޖާބަ ކުރައްވައިފިއެވެ. އަދި ތެދުމަގު ދައްކަވާން ހުރި ފަރާތަކަށް ތެދުމަގު ދައްކަވާނެކަން އެނގި އެ ކަން ސާބިތުވެއްޖެއެވެ. (ނިމުނީ)

ކޮމެންޓު