ad_banner
ޕުޓިން ވެސް ހުންނެވީ ގޮތްދޫކުރައްވާ ގޮތަކަށް ނޫން.

އަބާ މުޙަންމަދު

15 މާރިޗް 2025

ޓުރަންޕާއި ޕޫޓިންގެ ހިޔަނި ފޮޓޯއެއް (ފޮޓޯ: ޓައިމްސް އޮފް އިންޑިއާ)

މި ދިޔަ ބުރާސްފަތި ދުވަހު، ރޫސީ ރައީސް ވުލަޑިމީރް ޕޫޓިން ވިދާޅުވެފައިވަނީ ރޫސީންނާއި ޔޫކުރޭނާ ދެމެދު ހިނގަމުންދާ އަސްކަރީ ކުރިމަތިލުން ނިމުމަކަށް ގެންނާން އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަންޕު ހުށަހަޅުއްވައިފައިވާ ހުށަހެޅުއްވުމަށް އުސޫލެއްގެ ގޮތުން ރޫސީވިލާތުން އެއްބަސްވާކަމަށެވެ. ނަމަވެސް މި އެއްބަސްވުމުގެ ދަށުން ހަމާލަތައް ހުއްޓުން، ވާންޖެހޭނީ ދާއިމީ ގޮތެއްގައި ސުލްހަ ގާއިމުކުރެވޭނެ އެއްބަސްވުމަކަށްކަމަށް ޕޫޓިން ވިދާޅުވިއެވެ. އަދި މި ހަމަނުޖެހުންތައް ފެށޭން މެދުވެރިވި އަސްލު ސަބަބު ނައްތައިލެވޭންވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ އެ އިޝާރާތްކުރަނީ ހުޅަނގުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ)ގެ މެންބަރުކަން ހޯދުމަށް ޔޫކްރެއިނުން ކުރަމުންދާ މަސައްކަތްތަށެވެ. އެ މަސައްކަތް މުޅީން ހުއްޓައިލާން ޖެހޭނެކަމަށް ޕޫޓިން ގަބޫލުކުރައްވައެވެ.

މި ބަޔާން ޕޫޓިން ދެއްވައިފައިވަނީ ބެލަރޫސްގެ ރައީސް އެލެގްޒެންޑަރ ލުކަޝެންކޯއާ އެކު، ބުރާސްފަތި ދުވަހު ބޭއްވި ނޫސްކޮންފަރެންސެއްގައެވެ.

2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހު ފެށި ރޫސީ - ޔޫކްރޭނު ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް މަސައްކަތްކުރަމުން ދަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަންޕުގެ އިސްނެންގެވުމުގެ މަތީންނެވެ. އެއީ އޭނާގެ ރިޔާސީ ވަޢުދެކެވެ.

ބުދަދުވަހު ޓުރަންޕު ވިދާޅުވެފައިވަނީ މިހާރު ހަނގުރާމަ ހުއްޓައިލައި ސުލްހައިގެ ވާހަކަތައްދައްކާން ފަށާން އެ މެރިކާއިން އެ އޮތީ ހުށަހަޅައިފައިކަމަށާއި އެ ކަމަށް ރޫސީންނަށް ފިއްތުންތައް ކުރިމަތިކުރާކަމަށެވެ. އެހެންކަމުން މިހާރު ބޯޅަ އޮތީ ރޫސީންގެ ކޮޅުގައެވެ. ނަމަވެސް ޕުޓިން ވިދާޅުވީ، ޓުރަންޕްގެ ހުށަހެޅުމަށް އޭނާ ތާއީދުކުރެއްވި ނަމަވެސް، ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް ޓަކައި ރޫސީންގެ ޝަރުޠުތަކެއް ހުރިކަމަށެވެ. އަދި، ވޮޝިންގޓަނާ ގުޅިގެން ހުށަހެޅުންތައް އިތުރަށް ފުރިހަމަ ކުރަން ބޭނުންފުޅުވާކަމަށާއި، މި ކަމާ ގުޅޭ ގޮތުން ޓުރަންޕާ އެކު، އިތުރަށް މަޝްވަރާކުރައްވާން ބޭނުންފުޅުވާކަމަށެވެ.

ބާރާއި ނުފޫޒު ގަދަކުރާން ނޭޓޯއިން ކުރަމުންދާ މަސައްކަތްތަކަކީ ރޫސީވިލާތުގެ ދެމިއޮތުމާއި ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ރޫސީވިލާތުން ދެކެއެވެ. "ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ ހުށަހެޅުމަށް އަޅުގަނޑުމެން އެއްބަސްވަން. އެއީ އެންމެ ރަނގަޅު ވިސްނުން. އެ ކަމަށް ފުރިހަމައަށް ތާއީދުކުރަން،" ޕުޓިން ވިދާޅުވިއެވެ.

އެހެންނަމަވެސް، ޕޫޓިން ވިދާޅުވި ގޮތުގައި "ކުރިއަށްދާންވާނީ ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމަކީ، ދެމެހެއްޓެނިވި ގޮތެއްގައި ސުލްޙަ ގާއިމުކުރެވޭނެ ގޮތަކަށް ކުރެވޭ ކަމެއްގެ ގޮތުގައި"ކަމަށާއި "މި ހަމަނުޖެހުންތައް ފެށޭން މެދުވެރިވި ސަބަބު ވެސް ނައްތައިލައިގެން،"ކަމަށެވެ. ސުލްޙަ ގާއިމުކުރައްވާން އިސްކަންދެއްވި ރައީސެއްގެ ގޮތުގައި ތާރީޚުގެ ތެރެއަށް ވެދެވަޑައިގަންނަވާން ޓުރަންޕު ބޭނުންފުޅުވާ އިރު، ޕުޓިން ވަނީ ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓަކައި ޓުރަންޕު ފައްޓަވައިފައިވާ މަސައްކަތްޕުޅުތަކަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވައިފައެވެ.

ރޫސީވިލާތާއި އެމެރިކާއިން ވެސް މިހާރު ގަބޫލުކުރާ ގޮތުގައި ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ނުގެނެވިއްޖެ ނަމަ، ތިންވަނަ ބޮޑު ހަނގުރާމައެއް ފެށުމުގެ ބިރު އެބަ އޮތެވެ. ޓުރަންޕުގެ ހުށަހެޅުއްވުމަށް ތާއީދުކުރައްވައި ޕުޓިން ވާހަކަފުޅުދެއްކެވުމުން ޓުރަންޕު ވެސް ވަނީ އެ ކަމަށް މަރުޙަބާވިދާޅުވެފައެވެ. އަދި، ޕުޓިނާ ފޯނުން ގުޅުއްވައި އިތުރު މަޝްވަރާތައްކުރެއްވުމަށް ތައްޔާރަށް ހުންނެވިކަން ވެސް ޓުރަންޕް ހާމަކުރެއްވިއެވެ. ރަޝިޔާގެ އޮފިޝަލުންނާ އެކު، މިހާރު ވެސް އެމެރިކާއިން މަޝްވަރާތައް ބާއްވަމުންދާކަމުގައި ވެސް ޓުރަންޕް ވިދާޅުވިއެވެ.

މި ހަނގުރާމައިގައި އެތައް ސަތޭކަ ހާސް ބަޔަކު މަރުވެ، ޒަޚަމުވެފައިވާ އިރު، އެތައް މިލިޔަން ބަޔަކު ވަނީ ގެދޮރު ނެތިފައެވެ. އަދި، ޔޫކްރެއިންގެ ބޮޑު ސަރަޙައްދެއްގެ އިތުރަށް ރޫސީވިލާތުގެ ބައެއް ސަރަޙައްދުތައް ވެސް ވަނީ ސުންނާފަތިކޮށްލައިފައެވެ. މި ހަނގުރާމަ ފެށުމާ އެކު، އެމެރިކާއާއި ހުޅަނގުން ވަނީ ޔޫކުރޭނު ފަޅިއަށް އަރައި، އެ ގައުމަށް ހަތިޔާރާއި އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭން ފަށައިފައެވެ. ހަނގުރާމަ ނިމުމަކަށްގެނައުމުގެ މަސައްކަތް ފަށައިފައި މި ވަނީ ޖަނަވަރީ 20ވަނަ ދުވަހު އެމެރިކާގެ ރައީސްކަމުގެ މަގާމާ ޓުރަންޕު ޙަވާލުވެވަޑައިގަތުމަށް ފަހުގައެވެ.

ރޫސީވިލާތުން ވަނީ ޔޫކްރެއިންގެ ބިމުން %18އަށް އަތްގަދަކޮށްފައެވެ. އޭގެ ތެރޭގައި، އިރުމަތީ ދޮންބާސްގައި ހިމެނޭ ލުހާންސްކާއި ދޮންޏެސްކުގެ ބޮޑު ސަރަޙައްދެއްގެ އިތުރަށް ދެކުނުގައި އޮތް ޒަޕޮރީޜިޔާގެ ގިނަ ރަށްތަކާއި އަވަށްތައް ވެސް ހިމެނެއެވެ. މީގެ އިތުރަށް، 2014ވަނަ އަހަރުން ފެށިގެން ޔޫކްރެއިންގެ އެންމެ ދެކުނުގައި ވަކީން އޮތް ކުރައިމިޔާ ވެސް އޮތީ ރޫސީންގެ ބާރުގެ ދަށުގައެވެ.

ކޮމެންޓު