އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
14 މާރިޗް 2025
(ކުރީގެ އަދަދާ ގުޅޭ)
މިސްކީނުންނަށް "ރަމަޟާން ވަށި"
ޖަޒާއިރަށް ބަލާ އިރު ރަމަޟާން މަހަށް ހަނދުބެލުމުގެ ހަފުތާއެއްހައި ދުވަހުގެ ކުރީން ޖަޒާއިރުގައި މިސްކިތްތަކުގެ ބޭރު ފެންޑާތަކާއި ހަރިންމަ ތެރެ ސާފުކޮށް ދޮވެއެވެ. ކުޑަކުދީން ކޮތަޅުތައް ހިފައިގެން ނުކުމެ މިސްކިތްތައް ހުންނަ މަގުތައް ސާފުކޮށް ކުނިތައް އުކައިލައެވެ. އެއީ ރަމަޟާންމަހުގައި މިސްކިތަށްދާ މީހުން ގިނަކަމުން މިސްކިތް ފުރިގެން ސަފުތައް ދެމިގެންގޮސް މަގުމައްޗާ ހަމައަށް ދެމިގެންދާތީއެވެ. މިސްކިތްތަކާ އެއްގޮތަށް ގޭތެރެ ސާފުކޮށް ކުލަ ލައި ޒީނަތްތެރިކުރެއެވެ. އަންހެންވެރީން ބާޒާރަށް ގޮސް ގެއަށް ބޭނުންވާ ކަންވާރުގަނެއެވެ. އަދި ބާވަތްބާވަތުގެ ހަވާދާއި އަސާރަ ގަނެއެވެ. މިރުހާއި ޒައިތޫނީގެ އަސާރަ ގޭގައި ތައްޔާރުކުރެއެވެ. މަގުމަތި ސާފުކުރެއެވެ. ކެއުމަށް ބޭނުންވާ ރޮށި ފިހާނީ އަންހެންވެރީންނެވެ.
ޖަޒާއިރުގެ ނޫސްވެރިއެއް ކަމުގައިވާ ނަވާލު ވިދާޅުވާ ގޮތުގައި ރަމަޟާން މަހުގައި އެންމެ ފާހަގަކުރެވޭ އެއް ކަމަކީ "قفة رمضان" – ނުވަތަ ރަމަޟާން ވަށި - އެވެ. މިއީ ތަނަވަސް މީހުން ފަޤީރު ޢާއިލާތަކަށް އެހީވުމަށް ޓަކައި ކޮންމެ ދުވަހަކު ދޭ ޞަދަޤާތެކެވެ.
ރަމަޟާން މަހުގައި އަންހެނުންނަށް ޚާއްޞަ ދުޢާވެރިކަމެއް އޮވެއެވެ. މި ކަމަށް ކިޔަނީ " ބޫޤާލާ" އެވެ. ރޭގަނޑު އަންހެންވެރީން އެއްވެ ހޭލައި ތިބެގެން މި ދުޢާތައް ކުރާއިރު ސައިބުއިމާއި ތަފާތު ބާވަތްތަކުގެ ނަޓު އަޅައިގެންހަދައިފައިހުންނަ ޙަލްވާ ކާނެތެވެ. މި ދުޢާގައި ކޮންމެ މީހަކު ވެސް އޭނާ ބޭނުންވާ ކަންތައްތަކަށް އެދި ދުޢާކުރާނީއެވެ.
މިޞްރުގައި ރަމަޟާން ފާނޫޒު
މިޞްރުގެ އާސާރިއްޔާތާ ބެހޭ ޢާލިމެއް ކަމުގައިވާ ޑރ. ޢަބްދުއްރަޙީމު ރައިޙާން ވިދާޅުވާ ގޮތުގައި ރަމަޟާން މަހަށް ޓަކައި މިޞްރުގެ ވެރިރަށް ޤާހިރާއާއި އެހެން ސަހަރުތައް ދެ ހަފުތާ ކުރީން ތައްޔާރުވާން ފަށާނެތެވެ.
ކަދުރާއި، ޤަމަރުއްދީނާއި، މިޝްމިޝިއްޔާއާއި، ބަރްޤޫޤާއި، ހެލެނބެއްޔާއި ޚައްރޫބާއި ހިކިމޭބިސްކަދުރާއި ބަދަނާއި ތަފާތު ބާވަތްބާވަތުގެ މަދު (ނަޓު) ގަނެގެން ގެއަށް ޖަމާކުރާނެތެވެ.
ރަމަޟަން ފާނޫޒަކީ މިޞްރުގައި ވަރަށް މަޝްހޫރު އެއްޗެކެވެ. މިއަދު މި ފާނޫޒު ދިއްލަނީ ބެޓެރީންނެވެ. ފާނޫޒު ހަދަނީ ކުލަކުލައިގެ ބިއްލޫރިކޮޅުކޮޅުންނެވެ. ޤާހިރާގައި މި ފާނޫޒު ހަދާ އެންމެ މަޝްހޫރު ހިސާބަށް ކިޔަނީ "ބާބުލްޚަލްޤު"އެވެ. ބޮޑެތި ފާނޫޒު ދިއްލައިފައި ހުންނާނީ ބޮޑެތި ޢިމާރާތްތަކާއި ހޮޓާތަކާއި ފިހާރަތަކުގައެވެ. ކުދިކުދި ފާނޫޒުތައް އެލުވަނީ ގޭގޭގެ ބެލްކަނިތަކުގައެވެ. ވަރަށް ކުދިކުދި ފާނޫޒުތައް ހަނި މަގުތަކުގައްޔާއި ގޯޅިތަކުގައި މަގު ހުރަސްކޮށް އެލުވައެވެ.
ޑރ. ރައިޙާން ވިދާޅުވާ ގޮތުގައި ކުޑަ ކުދީން އަމިއްލައަށް ފައިސާ އެއްކޮށްގެން ކުލަ ކަރުދާސް ފަދަ އެއްޗެހި ގަނެގެން މަގުތައް ޒީނަތްތެރިކުރުމުގެ މަސައްކަތުގައި ބައިވެރިވެއެވެ. މި ޒަމާނުގައި މަގުތައް ޒީނަތްތެރިކުރުމުގައި ކުލަ ބޮކިފަތިތައް އެލުވައި ދިއްލައެވެ. އޭނާ ވިދާޅުވާ ގޮތުގައި ރަމަޟާން މަހަށް ހަނދު ބަލައި ރޭ ކާއެއްޗެހި ގަތުމަށް ޓަކައި މީހުން ބައިބަޔަށް ނުކުތުމުގެ ސަބަބުން ޤާހިރާގެ މަގުތައް ތޮއްޖެހި ބާރުވެގެންދާނެއެވެ.
އެ ރޭ މަޣުރިބު ނަމާދަށް ފަހު އެންމެން ވެސް ގޭގައި ތިބޭނީ ހަނދުބެލުމުގެ އިޙުތިފާލު ކުރިއަށްދާ ގޮތް ބަލާށެވެ. ހަނދު ފެނިއްޖެކަމަށް ދާރުލްއިފްތާއިންނާއި އަޒުހަރުން ވިދާޅުވެއްޖެ ނަމަ، ބޮޑެތި މީހުންނާއި ކުޑަކުދީން ޢިޝާނަމާދަށް މިސްކިތަށް ދާނެއެވެ. ތަރާވީޙު ނަމާދަށް ޓަކައި މިސްކިތްތައް އޮންނާނީ ފުރިފައެވެ.
ހަނދު ފެނިއްޖެ ނަމަ، އެ ކަން އިޢުލާނުކުރުމަށް ޓަކައި ބަޑިޖަހާނެއެވެ. މި އިޢުލާނާ އެކު، މީހުން ރަމަޟާނީ ތަހުނިޔާ ކިޔާން ފަށާނެއެވެ. އަދި ރަމަޟާނީ އިފުތާރުތަކުގެ މިވާދުތައް އެކަށައަޅައި ތާވަލުކުރާނެއެވެ.
ޑރ. ރައިޙާން ވިދާޅުވާ ގޮތުގައި މުލަރޯދަ ދުވަހު އެކަކު ވެސް އެކަނި ރޯދަނުވީއްލާނެތެވެ. އެ ދުވަހު ޢާއިލާގެ ވަރަށް ގިނަ ބަޔަކު ޢާއިލާގެ އިފުތާރު މޭޒުގައި ބައިވެރިވެވޭތޯ ބަލާނެއެވެ.
ޑރ. ރައިޙާން ވިދާޅުވާ ގޮތުގައި ރަމަޟާންމަހުގެ ޚާއްޞަ ބުއިންތަކަކީ ހެލެނބެއްޔާއި ތަފާތު ބާވަތްބާވަތުގެ ކަދުރާއި ޚައްރޫބާއި ސޫބިޔާއާއި ޢިރްޤުސޫސް ފަދަ އެއްޗެހިން ހަދާ ބުއިންތަކެވެ. މި ބުއިންތައް ހަދަނީ އެއަށް ކިރާއި މިޝްމިޝިއްޔާ (އެޕްރިކޮޓުން ތައްޔާރުކުރާ އެއްޗެއް)އާއި ޕުރޫން ފަދަ އިތުރު މޭވާތައް އަޅައިގެންނެވެ. އިރުއޮއްސުމުން ގިނަ ބަޔަކު ރޯދަވީއްލާނީ ކަދުރުފަނީންނެވެ. އެއަށް ފަހު މިސްކިތަށް ގޮސް މަޣުރިބު ނަމާދުކޮށްގެން ގެއަށް އައިސް އިފްތާރަށް ފަށައިގަންނާނެއެވެ. އިފުތާރުގައި ހުންނާނީ ބަތާއި މަކަރޯނީއާއި މުލޫޚިޔާއާއި ބާމިޔާއެވެ. ތަފާތު ބާވަތްބާވަތުގެ ހެދިކާ ހުންނާނެއެވެ. މި ހެދިކާ ހަދާނީ މޭބިސްކަދުރު ފަތް ނުވަތަ ސަލާދުފަތް ނުވަތަ ބޮޑުމިރުސް ފަތް ނުވަތަ ކޫސާ ފަތް ފަދަ މީރު ފަތަކަށް މަހާއި ވިލާތުބަށްޓާއި ފިޔައާއި ދިރިއާއި ލޮނުމެދު ފަދަ ހަވާދުގެ ބާވަތްތައް އަޅައިގެންނެވެ. ރަމަޟާންމަހާ ގުޅިފައިވާ ފޮނި ކާއެއްޗެއްސަކީ ކުނާފާއާއި ޤަޠީފާއި ބަސްބޫސާއެވެ.
ޑރ. ރައިޙާން ވިދާޅުވާ ގޮތުގައި ތަރާވީޙު ނަމާދަށް ފަހު، ޒުވާނުން މަންޠިޤަތުލްޙުސައިނަށް (ޙުސައިނުގެފާނު މިސްކިތް ކައިރީގައި އޮންނަ ސަރަޙައްދެއް) އެއްވެ އުއްމު ޢަލީ ނުވަތަ މަޙްލަބިއްޔާ[1] ނުވަތަ ގެރިކިރުބަތް ފަދަ ފޮނި އެއްޗެއް ކައިލާނެއެވެ.
ރަމަޟާން މަސް ނިމޭކޮޅުގައި ޢީދަށް ޓަކައި ރަމަޟާން ކޭކު ނަމަކަށް ޚާއްޞަ ކޭކެއް މިޞްރު މީހުން ހަދާނެއެވެ.
ޑރ. ރައިޙާން ވިދާޅުވާ ގޮތުގައި ރަމަޟާން މަހުގައި ސީނާގެ އަހުލުވެރީންނަށް ތަފާތު ރަހަތަކެއް ވެއެވެ. ސީނާ މީހުން ހަނދުބެލުމަށް ޓަކައި އުސް ފަރުބަދަތައް މައްޗަށް އަރާނެއެވެ. ހަނދާ ބެހޭ ގޮތުން ސީނާގެ އަހުލުވެރީންގެ މަޝްހޫރު ބަހެއް އޮވެއެވެ. އެއީ "خامس الصوم صوم"އެވެ. މާނައަކީ އިންސާނަކު މި ދިޔަ އަހަރު ރޯދަ ހިފާން ފެށި ހޮނިހިރު ދުވަހެއްގައި ނަމަ މިއަހަރު އޭނާއަށް ރޯދަމަސް ފަށާންޖެހޭނީ އޭގެ ފަސްދުވަސް ފަހުންނެވެ. އެބަހީ މި އަހަރު ރަމަޟާން މަސް ފެށޭނީ ބުދަދުވަހުއެވެ.