ad_banner
ކޮން މީހެއް؟ (4)

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

19 މާރިޗް 2025

ކޮން މީހެއް (4)

(2025 މާރިޗު 12ގެ އަދަދާ ގުޅޭ)

"އަން! މިއީ ނީނާއަށް. ނީނާ ބާޒާރުކޮށްލަން." ދާއޫދު ބުނެލިއެވެ. "އެކަމަކު މާދަން ރޭ ހުސްކުރާތި! މާދަމާ ޝޮޕިނގ ކޮށް ނިންމާންވާނެ. މާދަން ރޭ އޮންނާނީ ސިނަމާއަކަށް ދިޔުން. ދެ މީހުން އެކީގައި. ޝްވެކް ސިނަމާއިން ދެ ޓިކެޓް ލިބޭނެ މާދަމާ. އެއީ ސެވެންޑީ ސިނަމާއެއް."

މިހެން ބުނުމާއެކު ނީނާގެ ޖަވާބަކަށް އިންތިޒާރުކުރުމެއް ނެތި އެ ކޮޓަރީން ނުކުމެ ދޮރުލައްޕައިލުމަށް ފަހު ދާއޫދު ދިޔައީ ސިޑީން އޭނާގެ ކޮޓަރިއަށެވެ. ސާދަވަނަ ބުރިއަށެވެ.

ދާއޫދުގެ ކަންތަކާ އިތުރަށް ފިކުރުކުރާން ނީނާއަށް ޖެހިއްޖެއެވެ. އަލޫފާއި ދާއޫދުގެ ތަފާތު ވަރަށް ވެސް ބޮޑެވެ. ޢުމުރުގެ ތަފާތު ކަން ނޭނގެއެވެ. ނުވަތަ ލިބިފައި ހުރި ތަރުބިޔަކާއި ތަހުޒީބު، ގެންނަ ބަދަލަކަށް ވެސް ވެދާނެއެވެ. ހަރުދަނާކަމާއި ދޯދިޔާކަމުގެ ތަފާތެވެ. ކެތްތެރިކަމާއި އަމިއްލަ އެދުމުގެ ތަފާތެވެ. ދާއޫދަކީ ކިހައި މާތް އިންސާނެއް ހެއްޔެވެ! ހުރިހައި ގޮތަކުން ފުރުޞަތު ދިނީމާ ވެސް ނީނާގެ އަތުކުރީގައި ބީހިލާކަށް ވެސް ދާއޫދު ބޭނުމެއް ނުވިއެވެ. ނުސީދާކޮށް އެތައް ގޮތަކުން އެތައް ފަހަރަކު ދަޢުވަތު ދިނީމާ ވެހެވެ. އަލޫފާ އެކަހެރިކޮށް ބައްދަލުވެވިއްޖެ ކޮންމެ ފަހަރަކު އޭނާ އަވަސްވެގަންނާނީ އޭނާގެ ނަފުސުގެ ކަރުހިއްކުން ފިލުވޭތޯއެވެ. ދާއޫދުގެ އެ ކަހަލަ އެއްވެސް ނިޔަތެއް ނެތެވެ. ކިހާ މާތް އިންސާނެއް ހެއްޔެވެ...... މިފަދަ ޚިޔާލެއްގައި އޮއްވައި ނީނާއަށް ލޮލުފިޔަ ޖެހުނީ ކިހައި އިރެއް ވީ ފަހުންކަމެއް ވެސް ނޭނގެއެވެ.

ޕުރޮގުރާމްގައިވާ ފަދައިން އަނެއް ދުވަސް ހޭދަކޮށް ރޭގަނޑު ފިލްމަކަށް ހިނގައްޖެއެވެ. ފިލްމު ބަލާން ވެސް ތިބީ ހަމަ ސީރިއަސްކޮށެވެ. ނީނާގެ ގައިގެ ތަނެއްގައި ބީހިލުމުގެ ޚިޔާލެއް ވެސް ދާއޫދުގެ ނެތް ކަހަލައެވެ. ސިނަމާއިން އެނބުރި އައިސް ހޮޓަލަށް ހިނގައްޖެއެވެ. އެ މީހަކު ދިޔައީ އެ މީހެއްގެ ކޮޓަރިއަށެވެ.

ނީނާ ވެސް ކޮޓަރިއަށް ވަދެ ފާޚާނާކޮށް ހެދުން ބަދަލުކޮށްލައި ނައިޓީލައިގެން އޮށޯވެލުމާ އެކު، ކޮޓަރީގައި ޓަކި ޖަހައިލައިފިއެވެ. ދެފަހަރު ޓަކި ޖަހައިލައިފިއެވެ. ދޮރުފަތުގެ "ޑޯރވީވަރ"އިން ބޭރު ބަލައިލި އިރު، ޓީޝަރޓަކާއި ޝޯޓެއްލައިގެން އެހެރީ ދާއޫދެވެ. ތަފާތު މަސްހުނި ޚިޔާލެއްގައި ހުރެ ދޮރު ހުޅުވައިލައިފިއެވެ.

"މޭ އައި ކަމް އިން" ދާއޫދު ބުނެލިއެވެ.

އޮފްކޯރޒް" ނީނާ ހީނލަމުން ޖަވާބު ދިނެވެ. "ޔުއާރ އޯލވޭޒް ވެލްކަމް ފޮރ އެނީތިންގ، ދާއޫދު!"

"މިއައީ މާދަމާގެ ދަތުރުގެ އިންފޮރމޭޝަން ޝެއަރކޮށްލަން" ދާއޫދު އެތެރެއަށް ވަދެ ކޮޅަށް ހުރެ ވާހަކަ ފެށިއެވެ. "މިރޭ ނިދާންވާނީ ޕެކިންގ ނިންމާފަ. ލަސްވެގެން ފަތިހު ހަތަރެއް ޖެހުމުގެ ކުރީން އެއަރުޕޯޓަށް ދާންޖެހޭނެ. ޑިޕާރޗަރ'ޒް އެޓް ޝާޕް ފައިވް."

"ނޯ ޕްރޮބްލަމް" ނީނާ ޖަވާބް ދިނެވެ. "ވައިޑޯންޑް ޔޫ ސިއްޑައުން ޕްލީސް!"

"ނޯ ތޭންކްސް" ދާއޫދު އަވަސް އަވަހަށް ބުނެލިއެވެ. "މޭ އައި އާސްކް ޔޫ ފޮރ ސަމްތިންގ؟"

"ޔެސް ޕްލީޒް" ނީނާ ޖަވާބު ދިނެވެ. "ވަޓްކެނައި ޑު ފޮރޔޫ؟"

"ފިލްމަށް ގޮސް ނީނާ ގާތު އިން އިރު ވަރަށް މީރު ސެންޓެއްގެ ވަސް ދުވި. މިއަދު ގަތް ސެންޓެއްތަ؟"

"ނޫން. ސެންޓެއް ނުގަންނަން. ސެންޓެއް ނުވެސް ޖަހަން." ދާއޫދު މި ދައްކަނީ ކޮން ވާހަކައެއްކަން ނުވިސްނޭ ހާލުގައި ނީނާ ބުނެލިއެވެ. "ވޮޓް ހެޕަންޑް، ދާއޫދު؟"

"އިޓްސް ނަތިންގ." ދާއޫދު ބުނެލިއެވެ. "އުނގުޅައިފައި ހުރި ލޯޝަންގައި މީރުވަސް ދުވައިތޯ ބަލައިލިޔަސް އޯކޭތަ؟"

ނީނާއަށް ދާއޫދުގެ މަޤުޞަދު ވިސްނިއްޖެއެވެ. އަދި ފާޑަކަށް ރަކިވެފައި ނީނާއަށް ހުރެވުނީއެވެ.

ދާއޫދު މަޑުމަޑުން ނީނާގެ ކަރަށް އަތް ވައްޓައިލުމަށްފަހު ނީނާގެ ދެކޮލުގައި އުނގުޅައިގައި ހުރި ލޯޝަންގެ ވަސްބަލައިލައިފިއެވެ. ފަހަރަކު ފަރާތަކުންނެވެ. ހަމަ ކުއްލިއަކަށެވެ. އަދި އަވަސް އަވަހަށް ދުރަށް ޖެހިލައިފައި ނުކުންނާން ހިނގައިގަތެވެ.

"ހާދަ އަވަހަކަށް" ނީނާ ބުނެލިއެވެ. "އައިމް ޕްލީޒްޑް ޓު އޮފަރ ޔޫ މޯރ."

"ހެހެހެ. ތޭންކްސް" ދާއޫދު ބުނެލިއެވެ. "އަދި ސުވާލެއް ކޮށްލަންތަ؟"

"ޔެސް، ޕްލީޒް" ނީނާ ވަރަށް އަވަހަށް ބުނެލިއެވެ. "ކޮންމެ ސުވާލެއްވެސް ކުރަންވީ ހަމަ."

"އަސްލު ތިޔަ އުނގުޅާ ލިޕްސްޓިކުން ރަހައެއް ނުލައިތަ" ދާއޫދު ސުވާލުކޮށްލިއެވެ. "މި ބުނީ ހިތިރަހަ ނުވަތަ ނުބައި ރަހައެއް؟"

"ދައްކާވާހަކަ! ރަހަބެލީމަތާ ދާއޫދަށް އެނގޭނީ." މާނަވީ ޖަވާބެއް ނީނާދިނެވެ. "ދުވަހަކު ވެސް ނުބަލަންތަ"؟

"ތިޔަ ރަހައެއް ވެސް ބަލައިލާން ބޭނުން. ވަސް ބަލައިލެވުނު ގޮތަށް." ދާއޫދު ވެސް ލާނެއް ފާޑަކަށް ޖަވާބު ދިނެވެ." އެކަމަކު..................."

ދާއޫދު މިހެން ބުނުމާއެކު އަވަސް އަވަހަށް ކޮޓަރީން ނުކުމެގެން ދަމުން ނީނާގެ ލަގެޖް ބޭރަށް ނެރެދީފައި ވަރަށް ބާރަށް ތިރިއަށް ހިނގައްޖެއެވެ. އޭރު ލަގެޖް ބަލައި ހޮޓަލުގެ އިސްޓާފެއް ކޮޓަރީގެ ބޭރުގައި ހުއްޓެވެ.

ފަސްގަޑި ތިރީހުގައި އިހައްދޫ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސި ކިޔޫ ޓޫ 701 ފްލައިޓުން ދާއޫދާއި ނީނާ އެނބުރި އަތުވެއްޖެއެވެ. ދާއޫދުގެ ރީތި ވިޓާރާގައި ބާރު އިސްޕީޑްގައި ގޮސް ކަންމަތީ ފިހާރަ ކައިރިއަށް ފޭބި އިރު ރަށުގެ އެއް ވެސް މީހަކަށް ނުފެނެއެވެ.

"ވަރަށް ބޮޑަށް ޝުކުރިއްޔާ! ވަރަށް އުފާވެރި ޗުއްޓީއެއް މީ ހޭދަކޮށްލެވުނީ." ކާރުން ފައިގެން ގެޔާ ދިމާއަށް ހިނގައިގަންނަމުން ނީނާ ބުނެލިއެވެ. "އަޅުގަނޑު އެއްޗިހި ދާއޫދުގެ ފޮށީގައި ބަހައްޓަވާ! ފަހުން ގެންދާނީ! އަޅުގަނޑު ގެންދާނީ ހެމްބޭގް އެކަނި."

"މީ ޓޫ." ދާއޫދު ބުނެލިއެވެ. "ތޭންކްސް ފޮރ ދަ....................."

ދެ މީހުންގެ ހިނިތުންވުމާއެކު ދެ މީހުން ދެ މީހުންނަށް އަތްހޫރައިލައި ސަލާމްކޮށްލިއެވެ. "ބާއި." ނީނާ މިހެން ބުނެލައި އަނގަމަތީގައި އަތުގެ ހަތަރު އިނގިލި ޖައްސައިލައި އަނގަ އޫކޮށް ދާއޫދާ ދިމާއަށް އިނގިލިތަކުގެ ކޮޅު ގުދުކޮށް ދިއްކޮށްލިއެވެ. މީގެ ރައްދުގައި ދާއޫދު ވެސް އެ އިޝާރާތްކޮށްލިކަމަށް ވެއެވެ.

(6)

ނިހާންޓޭ

މުންޑޫގެ އާންމު ޙާލަތު ދުވަހުން ދުވަހަށް އަންނަނީ ކުރިއަރަމުންނެވެ. މުންޑުވަކީ މިއަދު ރާއްޖޭގައި އެންމެ ބޮޑަށް ކުރިއަރަމުން އަންނަ އެއް ރަށެވެ. ރަށުން ބޭރުގައި އުޅުނު ކިތަންމެ ޢާއިލާއެއް އެނބުރި މުންޑުވަށް އަތުވެއްޖެއެވެ.

ކަންމަތީ ފިހާރަ ވެސް އާދައިގެ މަތީން ހިންގަމުން އާދެއެވެ. ކަންމަތީ ފިހާރައިގެ ޖެނެރަލް މެނޭޖަރަކީ މިހާރު ނީނާއެވެ. ނީނާއަކީ މުޅި އަތޮޅުގައި ވެސް ވަރަށް މަޝްހޫރު އަދި މަޤުބޫލުކަން ލިބިފައިވާ ޝަޚުޞިއްޔަތެވެ. އާދަކާދައިގެ މަތީން ނީނާ އިނީ ކަންމަތީ ފިހާރައިގެ ޝޯރޫމްގައެވެ. ކަސްޓަމަރުންނަށް ބިލްތައް ދޫކުރުމަށް ފަހު، ހުސްވަގުތުކޮޅެއް ލިބުނީމާ މީސްމީޑިއާއަށް ވަދެ ޚަބަރުތައް ކިޔައިލިއެވެ. 

ނީނާއަށް ލިބުނީ ކުއްލި ޙައިރާންކަމެކެވެ. އާދަޔާ ޚިލާފު ޚަބަރެއް "ފަރަގު" ނޫހުން ފެނިއްޖެއެވެ. "ނާއިބު ރައީސަކަށް ޒިހުނީ އަޙުމަދު ޢައްޔަންކުރައްވައިފި: މިނިސްޓަރ އޮފް ހޯމްއެފެއަރޒް އެންޑް ރޫރަލް ޑިވެލޮޕްމެންޓްގެ މަޤާމުގައި ހުންނެވި އަލްފާޟިލް ޒިހުނީ އަޙުމަދު ދާދި ދެންމެއަކު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އިސްކުރެއްވުމާ ގުޅިގެން މަޤާމުގެ ހުވާ ކުރައްވައިފިއެވެ. އެ މަނިކުފާނު މަޤާމުގެ ހުވާކުރެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޙަސަން ސަވީދުގެ ކުރިފުޅުމަތީގައެވެ. ޒިހުނީ އަޙުމަދު އެ މަޤާމަށް އައްޔަންކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މަޤާމުގައި ކުރީން ހުންނެވި ޒައިޝާން އަކުބަރު، މަތީންދާބޯޓު އެކްސިޑެންޓެއްގައި މިދިޔަ ބުރާސްފަތި ދުވަހު އަވަހާރަވުމާ ގުޅިގެނެވެ. ޒިހުނީ އަޙުމަދަކީ ކޮމިޔުނިޓީ ޑިވެލޮޕްމެންޓްގެ ދާއިރާއިންނާއި ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓަރސް ޙާޞިލުކުރައްވައިފައިވާ ބޭފުޅެކެވެ."

މި ޚަބަރު ދެ ފަހަރަކު ނީނާއަށް ކިޔައިލެވުނީ މީގެ ހަފުތާއެއްހާ ދުވަސް ކުރީން ޒިހުނީ އަޙުމަދަކާ ބައްދަލުވެފައިވާތީއެވެ. އަދި އެއީ މިނިސްޓަރެކެވެ. މިއީ ހަމަ އެ ޒިހުނީތޯ ކަށަވަރު ކުރާން ބޭނުންވީއެވެ. ޚަބަރުގެ ފޮޓޯތައް ބަލައިލުމުން އެކަން ޔަގީން ވެއްޖެއެވެ.

ނީނާ ޚިޔާލެއްގެ ތެރެއަށް ގެއްލިއްޖެއެވެ. ޒިހުނީ އެހާ ކުއްލި ގޮތަކަށް ދާއޫދާ ބައްދަލުކުރީ ކީއްކުރާންބާވައެވެ. އޭރު ކުރީގެ ނާއިބު ރައީސް ޒައިޝަން އަޙުމަދު އަވަހާރައެއް ނުވެއެވެ. ޒިހުނީއާއި ދާއޫދާ އޮންނަނީ ކޮން ގުޅުމެއްބާވައެވެ؟........ އޭނާގެ އަތުގައި އޮތް އަގުބޮޑު ގަޑި ދާއޫދަށް ދިނީ ކީއްވެބާވައެވެ............. ޒިހުނީ ގެނައި ބްރީފުކޭހުގައި ހުންނާނީ ކޮން އެއްޗެއް ބާވައެވެ.......... އެ ބްރީފްކޭސް ދާއޫދުގެ ގާތުގައި ބަހައްޓައިފައި ދިޔައީ ކީއްވެބާވައެވެ!........... އަދި ޒިނުނީ އައި ވާހަކަ އެއްވެސް މީހެއް ގާތު އެއްވެސް މިންވަރަކަށް ނުދައްކާން ވަޢުދުކުރުވީ ކީއްވެބާވައެވެ.................! މި ކަހަލަ އެތައް ސުވާލުތަކެއް ނީނާގެ ސިކުނޑީގައި އެނބުރެމުންދެއެވެ. ނަމަވެސް މި ވާހަކަ އެއްވެސް މީހަކާ ޙިއްޞާކުރެވޭކަށް ނެތެވެ. ނީނާ ވަނީ ޒިހުނީ އަރިހު އެ ކަމަށް ވަޢުދުވެފައެވެ.

ދާއޫދާ އެކީ އެރޭ ބްރީފިންގ ނިންމައިލުމަށް ފަހު، ޒިހުނީގެ ވާހަކަ އަހައިލާން ގަސްތުކޮށް ވަރަށް ޖެހިލުންވެ އިނދެ އަހައިލައިފިއެވެ.

"ޒިހުނީއަށް ނާއިބުރައީސްކަން ލިބިވަޑައިގެންފިކަން އެނގޭތަ؟" ނީނާ ސުވާލުކުރިއެވެ. މާލެ ދަތުރަށް ފަހު ނީނާ ދާއޫދާ ވާހަކަދައްކަނީ ވަރަށް އާދައިގެ ބަހުންނެވެ. "ޒިހުނީއަކީ ދާއޫދުގެ ރައްޓެއްސެއްނު؟"

"އެހެންތަ؟" ފަރުވާ ކުޑަ ގޮތަކަށް ދާއޫދު ވެސް ކޮށްލީ ސުވާލެކެވެ. "ޒިހުނީއަކީ މަގޭ ރައްޓެއްސެއް ނޫން. އެއީ ކަސްޓަމަރެއް."

"ނަސީބު ގަދަ ބޭފުޅެއް." ނީނާގެ ޚިޔާލު ހާމަކޮށްލިއެވެ. "މިހާރު އެ ލިބިވަޑައިގަތީ ނާއިބު ރައީސްކަން."

ދާއޫދު އެ ކަމަށް މާބޮޑު ސަމާލުކަމެއް ނުދީ ގުޓްނައިޓް އޭ ބުނެލަމުން އޭނާގެ ޖަގަހައަށް ހިނގައްޖެއެވެ. ނީނާ ވެސް ފިކުރުގެ ކަނޑަކަށް ޣަރަޤުވެގެން އިރުކޮޅަކު އިނުމަށްފަހު ނުކުމެގެން އައީ އެވެ.

ޖެހިގެން އައި ދުވަހު ހެނދުނު ނުވައެއް ޖަހާ އެހާކަންހާއިރު ކަންމަތީ ފިހާރައިގެ ޝޯރޫމްގައި ނީނާ އިންދައި ޒުވާން ފިރިހެނަކު އަތުވެއްޖެއެވެ. އޭނާގެ ކޮނޑުގައި ބެކްޕެކެއް އަޅުވައިފައި އޮތެވެ. އެއް ކަންފަތުގައި ކަންފަތު މުންޖެއް ލައިފައިވެއެވެ. އަދި އެއް އަތުގައި ބައިވަރު ޕެކިންގތަކެއް އަޅައިފައި، އެއް ފައިގައި ގަތައިފައިވާ ނަނުކޮޅެއް އައްސައިފައި ވެސް އޮތެވެ. ލައިގެން ހުރީ ފިނި މޫސުމުގައިލާ ފާޑުގެ، ބޮލުގައި އަޅުވާ ކަހަލަ އަތްދިގު ސްވީޓަރު ފާޑުގެ ލިބާހެކެވެ. ތިރީން ލައިފައި ހުރީ އެކި ތަންތަނުން ބާހެދި ކުލަވެއްޓިފައިވާ ޖީންސެކެވެ. އަރައިގެންހުރީ ފެންފައިވާނަކަށެވެ. ބޮލުގައި ނުއަތަށް ތޮތްޕެއް އަޅައިފައި ހުރިއިރު ހުރީ އަވި އައިނެއް ވެސް އަޅައިގެންނެވެ. އޭނާ ހާސްވެފައި ހުރި ވަރުން ކަމެއް ބޮޑުވެގެން އުޅޭ ވައްތަރު ޖަހައެވެ. އެހެންވެ ނީނާ ހިސާބަހަށް ޖެހިލުންވިއެވެ. ނަމަވެސް އާދަކާދައިގެ މަތީން ނީނާ އެނާއާ ސަލާމް ކޮށްލިއެވެ.

"އައްސަލާމު ޢަލައިކުމް." ނީނާ ސަލާމްގޮވައިލިއެވެ. " ކޮން ކަމަކުތޯ، ކޯއްޗެއްތޯ ތިޔަ ހޯއްދަވަނީ؟ ވިދާޅުވޭ!"

"މިއައީ ދާއޫދާ ބައްދަލުކުރަން." ސަލާމަށް ޖަވާބު ދިނުމެއް ނެތި އެ މީހަކު ވާހަކަ ފަށައިގަތެވެ. "ކޮބާ ދާއޫދު؟"

"ތިޔަ ބޭފުޅާއަށް ކިޔަނީ ކޮން ނަމެއްތޯ"؟ ނީނާ ސުވާލުކޮށްލިއެވެ. "ތިޔަ ބޭފުޅާ ވަޑައިގަންނަވާނެކަން ދާއޫދަށް އެނގިވަޑައިގަންނަވާނެތޯ؟"

"ނޭނގެ އެނގޭނެ ކަމެއް. ބުނެގެން އައީ." އެ މީހަކު ވާހަކަދައްކަނީ ވަރަށް އަދަބުކުޑަކޮށެވެ. " ކޮބައިތަ އެ ޅއ ކޮޓަރި؟"

"ކޮން ނަމެއްތޯ ކިޔަނީ؟" ނަން އޮޅުން ފިލުވާން ދެވަނަ ފަހަރު ނީނާ ސުވާލުކޮށްލިއެވެ. "އަޅުގަނޑު ދާއޫދަށް ދަންނަވައިލާނަން."

"މަށަށްކިޔަނީ ނިހާން. ހުސައިން ނިހާން". އޭނާގެ ނަން ބުނެދީފިއެވެ. "ބުނޭ ނިހާންޓޭ އައިސް ހުރި ވާހަކަ އޭރުން އެ ޅއ އަށް އެނގޭނީ؟"

ނިހާންގެ ވާހަކަ ހުރި ބަހުރުވައާއި އޭނާގެ އަޚުލާޤު ހުރި ގޮތާއި އެ ފެންވަރުގެ މީހަކު ދާއޫދު ފަދަ މީހަކާ ބައްދަލުކުރާން އައިމާ ނީނާ ވަރަށް ހައިރާންވެ ހުރެ، ދާއޫދަށް ގޮވައިލާން ސިޑިއާ ހަމައަށް ދިޔައިރު ދާއޫދު މިހިރަ ފައިބަނީއެވެ. 

"ޙުސައިން ނިހާނު ކިޔާ ބޭފުޅަކު އެބަ ހުންނެވި" ނީނާ ބުނެލިއެވެ. "ވަޑައިގަންނަވާން ދަންނަވާން ވީތޯ؟"

ދާއޫދު އެއްޗެއް ނުބުނެ ފިހާރައަށް ވަދެ ޙުސައިން ނިހާން ގޮވައިގެން ދާއޫދު އޭނާގެ ޚާއްޞަ ދިރާސާތަކާ ބެހޭ އޮފީހަށް ހިނގައްޖެއެވެ.

ނީނާގެ ފިކުރު ހައްތާ ވެސް ދަނީ ބޮޑުވަމުންނެވެ. ދާއޫދު މި ކުރަނީ ކޮން ކަމެއް ބާވައެވެ. ނިހާނާ ބައްދަލުކުރާން ކުރީން ވަޑައިގަތީ މިއަދު ދިވެހިރާއްޖޭގެ ނާއިބު ރައީސަކަށް ހުންނެވި ޒިހުނީއެވެ. ނަމަވެސް މިއަދު ހަމަ އެ ކޮޓަރިއަށް ދާއޫދާ އެކު، އެ ވަނީ މުޅިން އެހެން ގިންތިއެއްގެ މީހެކެވެ. ދެ މީހުންގެ ފެންވަރާއި ގިންތިއާއި އުޅުމާއި ހައިސިއްޔަތު އުޑާއި ބިމާހައި ތަފާތެވެ. ނަމަވެސް ދެ މީހުންނާ މެދު ވެސް ދާއުދު ކަންތައް ކުރީ އެއް ގޮތަކަށެވެ. ... އެ މީހުން އެ އަންނަނީ ކީއްކުރާންބާވައެވެ.... ދާއޫދު ގާތު އަހައިލާން ވީ އެވެ.....

މިފަދަ ޚިޔާލުތަކެއްގައި ފުރުޞަތެއް ލިބުނީމާ އެ ވާހަކަދައްކައިލާނަމޭ ހިތައި މަޑުކޮށްގެން އިންދައި ދިހަ ވަރަކަށް މިނިޓްގެ ތެރޭގައި ހުސައިން ނިހާނު ނުކުމެއްޖެއެވެ. އޭނަޔާ އެކީ ދާއޫދެއް ނުނުކުމެވެ. ނިހާން ނުކުތް އިރު، ނީނާއަށް ކަމެއް ފާހަގަވިއެވެ. ނިހާން ގެންދިޔަ މުށިކުލައިގެ ބެކްޕެކްގެ ބަދަލުގައި ކަޅުކުލައިގެ ބެކްޕެކެއް ހިފައިގެން ނުކުތްކަމެވެ. 

ނީނާ ވަރަށް ޝައުޤުވެރިކަމާއެކު "އެކްސްކިޔުޒްމީ!" އޭ ގޮވައިލިއެވެ. އޭނާ ބަލައިލުމާއެކު "ބައްލަވާ! އޮޅިގެން އެހެން ދަބަހެއް ދެއްތޯ؟" އޭ ބުނެލިއެވެ.

"ތިޅއއާ ކޮން ބެހޭ ކަމެއް؟ މީ ހާދަ އަނގަގަދަ މަންޖެގަނޑެކޭ! މާ ފުއްޕަންޏާ ދާއޫދު ގާތު ބުނެގެން ތިޔަ ތަނުން ބޭރުއަރުވައިލައިފާނަން. އެހެން ނޫނީ ތި ޅއ ހޭއަރުވައިލަފާނަން. ކަލެޔަކާ ކޮން ބެހޭ ކަމެއް........" ނިހާން ވަރަށް ރުޅިވެރިކަމާއެކު ބަލައިލުމަށްފަހު އެތިވަރު ގޮވަމުން ސައިކަލުގައި ބޮޑުމަގުން ދެކުނަށް ނައްޓައިލައިފިއެވެ.

ނީނާގެ ޚިޔާލުގެ އަސް އިތުރަށް ދުވެލި ބާރުކޮށްފިއެވެ. ދާއޫދާ ބައްދަލުކުރާން އަންނަ ކޮންމެ މީހަކު ގެންނަ ފޮށި ނުވަތަ ދަބަސް ދޫކޮށްފައި ނުވަތަ ބަދަލުކޮށްފައި އެނބުރި ދަނީ ކީއްވެބާވައެވެ!...... އަނެއްކާ....... 'ދާއޫދު ގާތު ބުނެގެން ތިޔަ ތަނުން ބޭރު އަރުވައިލައިފާނަމޭ' ބުނުމުން އިތުރަށް ވިސްނައިލާން ޖެހެއެވެ. އެކަން އޭނާއަށް ނުކުރެވުނަސް އެ ބުނުމުން ދޭހަވި އިތުރު މާނައެއް އެބަ އޮތެވެ. އެއީ ދާއޫދާ އޭނާ އޮންނަ ބަދަހި ގުޅުމެވެ. އެހެން ނޫންނަމަ އެހެންނެއް ނުބުނީހެވެ......... އެފަދަ މީހަކާ... ދާއޫދު ފަދަ ޑީސެންޓް މީހަކާ އެހާ ބޮޑު ގުޅުމެއް އޮތުމަކީ ނީނާއަށް ވަރަށް ބޮޑު ކަމަކަށްވިއެވެ. ހަގީގަތުގައި ވެސް އެއީ އާދައިގެ ކަމެއް ނޫނެވެ. ޢާންމުކޮށް އެއް ޚިޔާލާއި އެއް ގިންތިއެއްގެ މީހުންގެ ނޫނީ އެހާ ގުޅުމެއް ބޮޑެއް ނުވާނެއެވެ. ނުވަތަ އެއް ކަމެއް ކުރާ އެއް ގިންތިއެއްގެ ބައެއްގެ މެދުގައި ނޫނީ އެ ފަދަ ގާތް ގުޅުމެއް ނޯންނާނެއެވެ.

ނީނާ ފިކުރުގެ ކަނޑަކަށް ޣަރަޤުވެފައި އިންދައި، ދާއޫދު ނުކުމެގެން އަތުވެއްޖެއެވެ. މި ކަންތަކުގެ ވާހަކަ ދައްކައިލާން ރަނގަޅު ފުރުޞަތެކޭ ހިތައި ވަރަށް އުފަލުން ދާއޫދާ ދިމާއަށް "ހައި" އޭ ބުނެލިއެވެ.

""ނީނާ...!" ނީނާ ހީކުރި ގޮތާ ޚިލާފަށް ވަރަށް ސީރިއަސްކޮށް ދާއޫދު ބުނެލިއެވެ. 

"އާދެ!" ނީނާއަށް ބުނެލެވުނީ މި މިންވަރަށެވެ. "......................

"ނީނާ އިށީނދޭ!" ދާއޫދު އަމުރުވެރި ފާޑަކަށް ބުނެލިއެވެ. "މިއައީ ވާހަކައެއް ބުނެލަން."

"ކޮން ވާހަކައެއް؟" ނީނާ ސުވާލުކޮށްލިއެވެ. "ބުނެބަލަ!"

"ދެންމެ މަށާ ބައްދަލުކުރާން އައެއްނު މީހެއް؟" ދާއޫދު ވާހަކަދައްކާން ފެށީ ސުވާލަކުންނެވެ. "އެއީ ވަރަށް މަޝްހޫރު ކުޅުންތެރިއެއް. އެއީ ޤައުމީ ޓީމުގެ ކުޅުންތެރިއެއް. އޭނާ މަށާ ބައްދަލުކުރާން އައި ވާހަކައާއި އަދި އޭނާގެ ވާހަކަ އެކަކުގެ ގާތުގައި ވެސް ނުބުނާތި!؟"

"އެކަމަކު.........؟" ނީނާ ސުވާލެއް އުފައްދާން އުޅުނެވެ.

"އިތުރު ވާހަކަ ނުދައްކާތި!" ނީނާގެ ވާހަކަ ހުއްޓުވައިފައި ދާއޫދު ބުންނެވެ. "ބުނާ ގޮތަށް ހަދާ!" (ނުނިމޭ)

ކޮމެންޓު