ad_banner
ކޮން މީހެއް؟ (3)

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

12 މާރިޗް 2025

ކޮން މީހެއް (3)

2025 މާރިޗު ވަނަ ދުވަހުގެ އަދަދާ ގުޅޭ)

ނަމަވެސް އެއްވެސް މީހަކު ދާއޫދު ދިރިއުޅޭ ގެޔަށް ގޮހެއް ނޫޅެއެވެ. ދައުވަތު ވެސް ނުދޭތީއެވެ. އަދި ދާއޫދު ވެސް ގޭގެއަށް ގޮހެއް ނޫޅެއެވެ. މީހަކު ދަޢުވަތު ދިނަސް ވަރަށް ޝުކުރު އަދާކޮށްފައި ބިޒީކަމުގެ ބަހަނާގައި އެ ގެޔަކަށް ނުދެއެވެ. 

ދާއޫދަކީ ރަށުގެ ތާރީޚާއި ސަގާފަތަށް ވަރަށް ލޯބިކުރާ މީހެކެވެ. ވަރަށް ރަނގަޅަށް ރަށުގެ ހުރިހައި ތަނަކާއި އަތިރިމައްޗާއި ޒިޔާރަތާއި ރަށުގެ އާސާރީ ތަންތަން ބަލައި ދިރާސާކުރިއެވެ. ނަމަވެސް ބަލައިލާން ވެސް މިސްކިތަށް ދިޔަ ތަނެއް އެއްވެސް މީހަކު ނުދެކެއެވެ. ދާއޫދަށް ރަށު މީހުން ކުރާ އިޙުތިރާމެއްގެ ސަބަބުން އެ ކަމާ ސުވާލުކުރާކަށް ވެސް ނުކެރެއެވެ. އެކަމަކު މިސްކިތަކީ އެ ރަށުގައި މިހާތަނަށް ޢިމާރާތްކުރެވިފައިވާ އެންމެ ރީތި ބިނާ ވެސް މެއެވެ.

ދާއޫދު ދިރިއުޅެނީ ކަންމަތީގޭގައި ވަކީންނެވެ. އޭނާ ނިދާކޮޓަރި ހަދައިފައި ހުންނަނީ ގޭގައި ތައްޓުއަޅައިގެން ހަދައިފައިވާ މަތީބުރީގައެވެ. މަތީ ތައްޓުގައެވެ. ކައިބޮއި ހަދަނީ ވެސް އަމިއްލައަށެވެ. ކަނީ ކޮން އެއްޗެއްކަމެއް ކިހިނެއްކަމެއް އެކަކަށް ވެސް ނޭނގެއެވެ.

ގޭގެ މަތީ ތައްޓަކީ ދާއޫދު ދިރިއުޅޭ ސަރަހައްދެވެ. ތިރީބުރީގައި ބޮޑުބައި ޚާއްޞަކޮށްފައިވަނީ ފިހާރައަށެވެ. ފިހާރައިގެ ބިއްދޮށަށް ވާގޮތަށް ތަންކޮޅެއް ބޮޑު ކޮޓަރިއަކާއި ކުޑަކޮޓަރިއެއް ހަދައިފައި ހުރެއެވެ. ބޮޑުކޮށް ހުންނަނީ ފިހާރައިގެ ބައެއް ސާމާނު ބަހައްޓާ ކޮޓަރިއެވެ. ސްޓޮކް ރޫމެވެ. އަނެއް ކޮޓަރީގައި "ޚާއްޞަ ދިރާސާތަކާއި ބޮޑެތި  އޯޑަރުތަކާ ބެހޭ އޮފީސް" މި ގޮތަށް ހަރުކޮށްފައިވާ ނަންބޯޑެއް ހުރެއެވެ. އޭގެ ތިރީގައި "ހުއްދަ ނެތި ވަނުންމަނާ" މިހެން ލިޔެފައި ވެއެވެ. އަދި އިނގިރޭސިން "ކީޕް އައުޓް" މިހެން ލިޔެފައި ވެސް ވެއެވެ.

ކުރީން ވެސް ބަޔާންކުރި ފަދައިން މިހާރު މުންޑޫއަކީ ވަރަށް ކާރޫބާރޫ ބޮޑު ރަށެކެވެ. ކަނޑުމަގުންނާއި އެއްގަމުމަގުން ވިޔަފާރިކުރާން އަންނަ އުޅުންދުފަހަރުން އޮންނަނީ ފުރިހައެވެ. މުންޑޫއަށް މީހުން ޒިޔާރަތްކުރާ އަދަދު ގިނަކަމާއެކު އެ ފަދަ މީހުންނަށް ބޭނުންވާނޭ ޚިދުމަތްތައް ވެސް، ހިސާބަކަށް ފައިސާކޮޅު ގެންގުޅޭ މީހުން ވިޔަފާރި އުޞޫލުން ފަށައިގަނެފިއެވެ. ފެންވަރު ރަނގަޅު ދެ ރެސްޓޮރަންޓަކާއި ތިން ކެފޭ މިހާރު މުންޑޫގައި ހުރެއެވެ. ފެންވަރު ރަނގަޅު ތިން ގެސްޓް ހައުސް މިހާރު ވަނީ ޚިދުމަތްދޭން ފަށައިފައެވެ. ނަތީޖާއެއްގެ ގޮތުން މުންޑޫގައި ރޭކޮށްލާން އަތޮޅުގެ އެކި ހިސާބުތަކުން ވިޔަފާރިކޮށްލާން މީހުން އާދެއެވެ. އަދި ބަރެސްދޫ އިންޓަރގްރޭޓެޑް ޓުރިސްޓް ރިސޯޓަށާއި އަތޮޅުގެ އެހެން ރިސޯޓްތަކަށް އަންނަ ފަތުރުވެރީން ވެސް ހިސާބަކަށް މުންޑޫއަށް އާދެއެވެ. މަތީންދާބޯޓްގެ ދަތުރަކަށް ހުރަސް އެޅިގެން ބަޔަކަށް ބޯހިޔާވަހިކަން ދޭންޖެހިއްޖެ ނަމަ، ގިނަ ފަހަރަށް މިހާރު އެންމެ ފެންވަރު ރަނގަޅު އެކޮމަޑޭޝަން ވެސް ލިބޭން ހުންނަނީ މުންޑޫންނެވެ. ރަށުން ބޭރުގައި ވަޒީފާ އަދާކުރި ބައެއް މީހުން ވެސް ރަށަށް ބަދަލުވެ އެކި ބާވަތުގެ މަސައްކަތުގައި މަޝްޣޫލުވެގެން އުޅޭން ފަށައިފިއެވެ. 

***

ހުރިހައި ކަމެއް ވެސް އާދައިގެ މަތީން ހިނގަމުން އާދެއެވެ. ފިހާރައިގެ މަސައްކަތް ރޭގަނޑު އަށެއް ޖަހާ އިރު، ނިމުނަސް ހަވީރު ހަތަރެއް ޖަހާއިރު ނީނާގެ މަސައްކަތް ނިމެއެވެ. ނަމަވެސް އާދައިގެ މަތީން ރޭގަނޑު ނުވައެއް ޖަހާއިރަށް ދުވަހުގެ މަސައްކަތުގެ ބްރީފިންގ ދިނުމަށްޓަކައި ނީނާ ފިހާރައަށް އާދެއެވެ. ނީނާއަށް ވެސް ދާއޫދުގެ ކޮޓރިއަށް އަދި ޚާއްޞަ ދިރާސާތަކާއި ބޮޑެތި އޯޑަރތަކާ ބެހޭ އޮފީހަކަށް ވަންނާކަށް ހުއްދައެއް ނޯވެއެވެ. އެހެންކަމުން ބްރީފިންގ އޮންނަނީ ކަންމަތީ ފިހާރައިގައެވެ.

ކަންމަތީ ފިހާރައިން ވަކިވަކި ކުދިކުދި އެއްޗިހި ވިއްކިޔަސް މިހާރު ފިހާރަ މަސައްކަތްކުރަނީ "ޝޯރޫމެއް"ގެ ގޮތުގައެވެ. ހޯލްސޭލް ވިޔަފާރި ކުރާ ފަރާތްތަކާއި އަގުބޮޑެތި ތަކެތި ގަންނަ ފަރާތްތަކުން ފިހާރައަށް ފައިސާ ދެއްކުމުން ބިލު ހަދައި މުދާ ދޫކުރާން އަންގައި ނީނާ ސޮއިކޮށް ތައްގަނޑު ޖަހައިފައިވާ ބިލު ހިފައިގެން ފިހާރައިގެ ގުދަނަށް ދިޔައިމާ މުދާ ދޫކުރާނީ އެތަނުންނެވެ. ގުދަން ހުންނަނީ ފިހާރައާ ޖެހިގެން އެއްގެ ދޫކޮށްފައި އޭގެ ބިއްދޮށަށެވެ. އެހެންކަމުން ގުދަނަށް ދާކަށް އެކަކަށް ވެސް އުނދަގުލެއް ނޫނެވެ. ގުދަނެކޭ ދެންނެވިޔަސް އެއީ ރީތި ޝޮޕިންގ މޯލެއް ފަދަ ބޮޑު ތަނެކެވެ. ބޮޑު ބައި ހުންނަނީ އެއަރކޯން ކޮށްފައެވެ. އެތާނގެ މަސައްކަތްތައް ސީސީ ޓީވީގެ ޒަރީޢާއިން ނީނާއަށް އަބަދުވެސް ފެނެއެވެ. އަދި ޝޯރޫމާއި ގުދަން ދާއޫދު ކޮންމެ ތާކު ހުއްޓަސް އިންޓަރނެޓްގެ އެހީގައި ފެންނާނެހެން ވަނީ ޒަމާނީ ހުރިހައި ވަސީލަތެއް ޤާއިމުކޮށްފައެވެ.

އާދަކާދައިގެ މަތީން ނުވައެއް ޖަހާއިރު އޮންނަ ޚާއްޞަ ބައްދަލުވުމަކަށް ތަންކޮޅެއް އަވަހަށް އާދެވުނު ރެޔެކެވެ. 8:45 ގައި ޝޯރޫމް ނުވަތަ ފިހަރަ ހުޅުވައިލައިގެން ނީނާ ވަދެ ހަމަޖެހިލިތަނާ ދޮރުމައްޗަށް މީހަކު އައިސް ކަންމަތީ ފިހާރައަކީ މިއީތޯ ސުވާލުކޮށްފިއެވެ. އެއީ ވަރަށް ރީތިކޮށް ހެދުންއަޅައިގެން ހުރި ސާޅީހަކަށް އަހަރުގެ ފިރިހެނެކެވެ. ލައިގެން ހުރި ގަމީހާއި އަތުކުރީގައި އޮތް އަގުބޮޑު ގަޑީގެ ސަބަބުން އެއީ އާދައިގެ މީހެއް ނޫންކަން ނީނާއަށް ވިސްނުނެވެ. 

"ވަދެވަޑައިގަންނަވާ!" ނީނާ އޭނާއަށް އިޙުތިރާމް އަދާކުރުމުގެ ގޮތުން ދައުވަތު ދިނެވެ. "ނަމަވެސް މިހާރު ފިހާރަ ބަންދު".

"މިއައީ އެއްޗެއް ގަންނާކަށް ނޫން. ދާއޫދުގެ ފައިންޕުޅުދެކެލާން". އެ މީހަކު ވަރަށް ހާސްވެފައި ހުރެ ބުނެއިއެވެ. "ދާއޫދު އުޅުއްވައިތޯ؟"

"އާދެ! އެބަ އުޅުއްވާ! ދާއޫދު އުޅުއްވަނީ މަތީބުރީގައި. ޖެހިގެން އެހެރަ ދޮރުން ގެޔަށް ވަދެވަޑައިގެންނެވޭނީ" ނީނާ އޮޅުންފިލުވައިދިނެވެ. "ދަންނަވައިލާންވީތޯ؟ ވަޑައިގަންނަވާނެކަން އެނގިވަޑައިގަންނަވާނެތޯ؟"

ތިޔައީ ކޮން ބޭފުޅެކޭތޯ ދަންނަވާނީ؟"

"ޒިހުނީ"އޭ ދަންނަވާ! އޭނާ ނަން ބުނެލިއެވެ. "ޒިހުނީ އަޙުމަދު".

"އޯހ! ތިޔައީ މިނިސްޓަރ ޒިހުނީ ތޯ....؟" ކުޑަކޮށް ޖެހިލުންވެ ހުރެ ނީނާ އަށް ސުވާލުކޮށްލެވުނެވެ.

"އާނ!" ވަރަށް ހާސްވެފައި ހުރި ފަދަ ގޮތަކަށް އެ މީހަކު ޖަވާބު ދިނެވެ. "ދާއޫދަށް އަޅުގަނޑު އަންނާނެކަން އެނގިވަޑައިގަންނަވާނެ. އަވަހަށް ދަންނަވާ!"

"އާދެ! އާދެ!......"އޭ ކިޔަމުން ސިޑީގެ މައްޗާ ހަމައަށް ނީނާ ގޮސް ހުއްޓުނުތަނާ ދާއޫދު ސިޑިން ފައިބަން އެބަހަރަ އާދެއެވެ! 

"ސާރ! މިނިސްޓަރ ޒިހުނީ..... ޒިހުނީ ވަޑައިގެން އެބަ އިންނެވި." ވަރަށް މަޖާވެލައިފައި ނީނާ ބުނެލިއެވެ. "ބްރީފްކޭހެއް ވެސް ހިއްޕަވައިގެން ހުންނެވީ! މިރޭ މި ކޮޅުގައި މަޑުކުރައްވަނީކަން ނޭނގެ. ވަޑައިގަތް ކާރެއް ވެސް ނެތް".

ދާއޫދު ވަކި އެއްޗެއް ނުބުނެ ހީނލުމަށްފަހު ތިރިއަށް ފައިބައްޖެއެވެ. އަދި ޒިހުނީއާ ދިމާއަށް ބަލައިލުމަށް ފަހު ނީނާއާ މުޚާޠަބުކޮށް ބުނެލިއެވެ. "ނީނާ ދެން ފިހާރަ ތަޅުލައިފައި މިރޭ ދޭ. މާދަން ބްރީފިންގ ބާއްވާނީ. މާ ބޮޑަށް ލަސްވެދާނެ."  މިހެންބުނެފައި ނުކުމެ ޒިހުނީ ގޮވައިގެން "ޚާއްޞަ ދިރާސާތަކާއި ބޮޑެތި  އޯޑަރުތަކާ ބެހޭ އޮފީހަށް" ވަދެއްޖެއެވެ.

ނީނާގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދުނެވެ. ރޭގަނޑު ކުއްލި ގޮތަކަށް މިނިސްޓަރަކު ދާއޫދާ ބައްދަލުކުރާން ވަޑައިގަތީ ކީއްވެބާވައެވެ! "ޚާއްޞަ ދިރާސާތަކާއި ބޮޑެތި  އޯޑަރުތަކާ ބެހޭ އޮފީހަށް" އެ ދެ މީހުން އެ ވަނީ ކޮން ކަހަލަ ދިރާސާއެއް ހަދާންބާވައެވެ! ނުވަތަ ކޮން ކަހަލަ ޚާއްޞަ އޯޑަރެއް ދެއްވާންބާވައެވެ. މިރޭ މިނިސްޓަ ރޭކުރައްވާނީ މި ރަށުގައިބާވައެވެ. ކައުންސިލްގެ މުވައްޒިފަކު ނެތި އަދި ސެކިޔުރިޓީއަކާ ވެސް ނުލައި ގިނިކަންޏާ މިނިސްޓަރަކު ދާއޫދާ ބައްދަލުކުރާން ވަޑައިގަތީ ކީއްވެބާވައެވެ! ........ މިފަދަ ކިތަންމެ ސުވާލެއް ނީނާގެ ހިތަށް އުނދަގޫކުރަމުން ދިޔައެވެ. އެހެންކަމުން ޒިހުނީ ނުކުންނަ އިރެއް ބަލާން ނުވަތަ ނުކުމޭތޯ ބަލާން މަޑުކޮށްލާނީއޭ ހިތައި ފިހާރަ ނިއްވައިލައިގެން މަޑުކޮށްލައިފިއެވެ.

ވިއްސަކަށް މިނިޓް ފަހުން ޒިހުނީ ނުކުމެވަޑައިގެންފިއެވެ. ދާއޫދެއް ބޭރަކަށް ނުނުކުމެއެވެ. ޒިހުނީ ނުކުމެވަޑައިގަތީމާ، ސިޑިން މައްޗަށް އަރައިގެން ދިޔަ އަޑު އިވުނެވެ.

ޒިހުނީ ހުންނެވީ ވަރަށް ބޮޑަށް ހާސްވެވަޑައިގެން ދާހިއްލައިފޯވެފައެވެ. އެ ވަގުތު އައި ކާރަކާ ދިމާއަށް ހިންގަވައިގަތެވެ. އޭރު ކުރީން އަތްޕުޅުގައި އޮތް އަގުބޮޑު ގަޑިއެއް އަތްޕުޅަކު ނެތެވެ. އަދި ގެންނެވި ބްރީފްކޭހެއް ވެސް ނުގެންނަވައެވެ. ނީނާއަށް މި ކަން ފާހަކަކުރެވިގެން ފިހާރައިން ނުކުމެ ޒިހުނީއާ މުޚާޠަބުކޮށް ދެންނެވިއެވެ.

"ބައްލަވާ! މަޑުކޮށްލަބައްލަވާ!" ނީނާ މިހެން ދެންނެވުމާއެކު ޒިހުނީ ކުޑަކޮށް ހުއްޓިވަޑައިގެން ނީނާއަށް ބައްލަވައިލެއްވިއެވެ. 

"ބައްލަވާ، ކަމެއް ހަނދުމަފުޅުނެތީހެން ހީވާތީ މި ދަންނަވައިލީ." ވަރަށް ޖެހިލުންވެ ހުރެ ނީނާ ބުނެލިއެވެ. "މަނިކުފާނުގެ ބްރީފް ކޭސްމަތި ހަނދުމަފުޅު ނެތީތޯ؟

"ހަނދާނ ނެތިގެނެއް ނޫން." މިހެން ވިދާޅުވެފައި ކުރިޔަށް ހިންގަވައިވަޑައިގަތެވެ. "އެއީ ދާއޫދުގެ އެއްޗެއް."

އަނެއްކާ ފަހަތަށް އެނބުރިވަޑައިގެން ނީނާއާ މުޚާޠަބުކޮށް މިނިސްޓަރު ވިދާޅުވިއެވެ.

"އަހަރެންނާ ބެހޭ އެއްވެސް ވާހަކައެއް އެއްވެސް މީހެއް ގާތު ނުބުނާތި!" އަމުރުވެރި ރާގަކަށް މިނިސްޓަރ ވިދާޅުވިއެވެ. "ޒިހުނީ މި ރަށަށް އައިވާހަކަ ވެސް ބުނެގެން ނުވާނެ."

"އާދެ! އާދެ!" ނީނާއަށް ބުނެލެވުނީ ހަމައެކަނި މި މިންވަރަށެވެ. އެއާއެކު ޒިހުނީ ވަރަށް ބާރަށް ވަޑައިގެން ގޯޅީ އަނެއް ކަންމަތީގައި އޮތް ކާރަށް އަރައިވަޑައިގެންފިއެވެ. އަދި ދާލަން މަތީން އިސްދޫއާ ދިމާއަށް ވަރަށް ބާރަށް ކާރު ގޮސް އޮބައިލައިފިއެވެ. ނީނާއަށް ލަފާކުރެވުނީ އިހައްދޫ ވައިގެ ބަނދަރުން މިރޭ ޒިހުނީ މާލެ ވަޑައިގަންނަވާން ވެފައިވާތީ އެހާ އަވަހަށް ވަޑައިގަތީ ކަމުގައެވެ.

ނީނާ ހުރީ ޒިހުނީގެ ކުއްލި ޒިޔާރަތުގެ ވާހަކަ ގޭ މީހުންނާއި ރައްޓެހީން ގާތުގައި ވެސް މާޖާ ކަމަކަށް ހަދައިފައި ދާއްކާން ގަސްތުކޮށްގެންނެވެ. ނަމަވެސް އެ ވާހަކަ ނުދައްކާން ވަޢުދުވެވުނީމާ އެ ޚިޔާލުގައި ހުރެ ނީނާ ވެސް އެ ރޭ ގެޔަށް ހިނގައްޖެއެވެ.

 

(5)

އުފާވެރި ހަފުތާ ބަންދު

އަނެއް އަހަރުގެ އިރުވައި މޫސުން ލައިގަތީއެވެ. ވިލާތުގެ ފިނި މޫސުމާއެކު ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރީން އިތުރުވެއްޖެއެވެ. މިއީ ފަތުރުވެރިކަމުގެ ދާއިރާގެ މީހުން ކިޔާ "ހައި ސީޒަނެވެ." މި އަހަރަކީ ދިވެހި ސަރުކާރުން "ވިޒިޓް މޯލްޑިވްސް" ގެ ނަމުގައި މުޅިއަހަރު ފާހަގަކުރާން ޚާއްޞަ ޕްރޮގްރާމްތަކެއް ރާވައިފައިވާ އަހަރެކެވެ. ތިން މިލިއަން ފަތުރުވެރީން ގެނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފައިފައެވެ. ހަތް ލައްކަ މީހުންނަށް ޚިދުމަތް ދެވޭ ވަރަށް މީގެ އެތައް އަހަރެއްގެ ކުރީން ދިވެހި ރާއްޖޭގައި ޤާއިމުކޮށްފައިވާ ވައިގެ ބަދަރާއި ގިމަތައިގެ ބޭނުންތެރިކަން މިއަދު ދިވެހީންނަށް ވިސްނިއްޖެއެވެ. ވެލާނާ ބައިނަލްއަޤުވާމީ ވައިގެ ބަނދަރަކީ ދިވެހީންގެ ފަޚުރެކެވެ. ދެކުނު އޭޝިއާގެ އެންމެ ރީތި ވައިގެ ބަނދަރެވެ.

ދިވެހިރާއްޖެއަށް ގިނަ ފަތުރުވެރީން އައުމުގެ ފައިދާއާއި މި ކަމުގެ އަސަރު ހައްދުންމައްޗަށް ވެސް ވަރަށް ބޮޑަށް ފެނެއެވެ. ގަންފޮނަދޫ ސިޓީއާއި މުންޑޫ ގެސްޓް ހައުސްތައް ވެސް ފުރޭ ރޭރޭ މިހާރު އެބަ އާދެއެވެ. ކަންމަތީ ފިހާރައިގެ ވިޔަފާރި ވެސް ވަރަށް ރަނގަޅެވެ. މުންޑޫގެ އުފެއްދުންތައް ވެސް ވަރަށް ރަނގަޅަށް ފަތުރުވެރީންނަށް ވިކެއެވެ. މުންޑޫ ރައްޔިތުން އުފަލުން ފޮޅެނީއެވެ. ދާއޫދުގެ ރަނގަޅުކަމާއި ނީނާގެ ހިންގުންތެރިކަމާމެދު ތަޢުރީފު ނުކުރާ ދުލެއް މުންޑުވަކު ނެތެވެ.

ނަމަވެސް..... ނީނާ މިހާރަކަށް އައިސް ހުންނަނީ ވަރަށް ބޮޑު ފިކުރެއްގެ ތެރޭގައެވެ. އޭނާގެ ކިބައަކުން އުފާވެރިކަމުގެ ކުލައެއް ވެސް ނުފެނެއެވެ. ނީނާ އަބަދު ވެސް ފިކުރުކުރަނީ މިނިސްޓަރ ޒިހުނީގެ ކުއްލި އަދި ސިއްރު ޒިޔާރަތާ މެދުގައެވެ. 

"ކީއްވެބާ އެހާ ކުއްލި ގޮތަކަށް ވަޒީރަކު ވަޑައިގެން ދާއޫދާ ބައްދަލުކުރެއްވީ؟ ކީއްވެބާ އެ ކަން ސިއްރުކުރައަވާން ނީނާއަށް އެހާ ބޮޑަށް ބާރުއަޅުއްވައި ވަޢުދުކުރުވީ؟ ޒިހުނީ ގެންނެވި ބްރީފުކޭސް ނުގެންދެވީ ކީއްވެބާ؟ އޭގައި ހުރީ ކޮން އެއްޗެއްބާ.........؟" މި ފަދަ އެތައް ސުވާލަކުން ޒިހުނީ ހުންނަނީ އަބަދު ވެސް ހާސްކުރުވައިފައެވެ. 

އެހެން މައްސަލައެއް ވެސް މިއަދު ނީނާއަށް ވަނީ ދިމާވެފައެވެ. ނީނާ ވަނީ މުންޑޫގެ ޒުވާނަކާ ލޯބީގެ ގޮތުން ގުޅި ކާވެނިކުރާން ނިންމައިފައެވެ. އެ ރަށު ވީނަސްވިލާ އިބްރާހީމް އަލޫފެވެ. އަލޫފަކީ ވަޑިނޮޅު ރިސޯޓްގައި ވަޒީފާއަދާކުރާ ޒުވާނެކެވެ. ރަށަށް އާދެވެނީ ކޮންމެ ހަތް ދުވަހަކަށް ފަހު އެންމެ ދުވަހަކަށެވެ. އެ މީހުންކިޔާ ގޮތުން ނަމަ އޮފަށެވެ. މި ގޮތަށް އަންނަ އޮފު ދުވަސްދުވަހު ވެސް އަލޫފު ގިނައިން އުޅެނީ ޒުވާނުންނާއެކީ ކުޅިވަރުގައެވެ. ނީނާއާ ބައްދަލުވަނީ ހުކުރު ހޮނިހިރަކާ ދިމާނުވެއްޖެ ނަމަ، ރޭގަނޑު ނުވައެއްގެ ބްރީފިންގ ގަޑިއަށްފަހު ނީނާ ގެޔަށް ދިޔައިމައެވެ. އެހެންކަމުން ނިދުމާ ދޭތެރޭ ލިބެނީ ވަރަށް ކުޑަ ވަގުތުކޮޅެކެވެ. އެ ފަދަ ވަގުތުކޮޅެއް ވެސް އެކަހެރިކޮށް ލިބިއްޖެ ނަމަ....... މިއީ ވެސް ނީނާގެ ހިތާމައިގެ ސަބަބެކެވެ. ނީނާ އިންތިހާއަށް އަލޫފު ދެކެ ލޯބިވެއެވެ. އަދި އަންނަ އަހަރު ކާވެނިކުރެވޭނެކަމަށް އުންމީދު ވެސް ކުރެއެވެ. 

އަނެއްކޮޅުން މިހާރަކަށް އައިސް ދާއޫދާ ވެސް ނީނާ ވަރަށް ގަޔާވެއެވެ. ގިނައިން މި އުޅެވެނީ ވެސް ދާއޫދާ އެކީގައެވެ. ދާއޫދަކީ ތަނަވަސް ފައިސާވެރިއެކެވެ. ނީނާ ބޭނުން އެއްޗެއް އޭނާ ދެއެވެ. އަލޫފަކީ މުންޑޫގެ ފަގީރު ޢާއިލާއެއްގެ ނިކަމެތި ކުއްޖެކެވެ. މައިންބަފައިންނަށް ޚަރަދުކޮށްފައި ނީނާއަށް ދޭނެ އެއްޗެއް އަލޫފަކަށް ނުލިބެއެވެ. ދާއޫދު ނީނާއަށް ވުރެ ފަނަރަ އަހަރު ދޮއްޓެވެ. ނަމަވެސް އެއީ އޭނާއަށް ވަރަށް ކަމުދާ ފިރިހެނެކެވެ. ރަށުގެ ހުރިހައި ޒުވާން އަންހެން ކުދީން ވެސް ތިބެނީ ދާއޫދުގެ އިޝާރާތަކަށް ބަލަބަލައެވެ. ނަމަވެސް ދާއޫދުގެ އެއްވެސް އިޝާރާތެއް ހަމަ އެންމެ ކުއްޖަކަށް ވެސް ނުލިބެއެވެ.

މި ގޮތުގެ މަތީން ދެ އަތަށް ކިރެމުން ބޮޑު ފިކުރެއްގައި ނީނާ ދުވަސްތައް ވޭތުކުރަމުން އަންނަނިކޮށް އެއް ދުވަހަކު ދާއޫދު އޭނާ ހައިރާންކޮށްލައިފިއެވެ.

ބުދަދުވަހުގެ ރޭ ބްރީފިންގ އަށް ފަހު 9:30 އެހާކަންހާއިރު ފިހާރަ ލައްޕާން ނީނާ ތައްޔާރުވަނީއެވެ. ބޮކިތައް ނިންވަން ފަށައިފިއެވެ. އެހެން ރޭރޭ، ވަރަށް އަވަހަށް ދާއޫދު ފިހާރައިން ނުކުމެގެން އޭނާގެ އެޕާޓްމަންޓަށް ދާނެއެވެ. މިރޭ ނުކުންނާކަށް ނޫޅުނެވެ.

"ނީނާ!" ދާއޫދު ނީނާއަށް ގޮވައިލިއެވެ. "ބޮކިތައް ނުނިއްވައި އިހަށް ދިހަވަރަކަށް މިނިޓް މަޑުކޮށްލަފާނަންތަ؟"

ނީނާ އެކައްޗެއް ވެސް ނުބުނެ ހައިރާންކަމާއެކު ދާއޫދަށް ބަލައިލިއެވެ. "ކިހިނެއްތޯ ހަދާންވީ؟"

"ހާދަ ހާސްވެފައި". ދާއޫދު  ހީނލިއެވެ. "އައިސްބަލަ ކުޑައިރުކޮޅަކު މިތާ އިށީނދެލާން. އަދި އެހާ ދަމެއް ވެސް ނުވޭނު!"

"އާދެ!" ކިޔަމަންތެރި ޖާރިޔާއަކުހެން އަލުން ބޮކިތައް ދިއްލުމަށް ފަހު ނީނާގެ ގޮނޑިގައި އިށީނދެއްޖެއެވެ. "ކިހިނެއްތޯ ވީ؟ އަޅުގަނޑަށް ގޯސް ކަމެއް ވީތޯ؟"

"ހެހެހެހެހެ!" ދާއޫދު ހީނލިއެވެ. އަދި ދެ މާނައެޅޭ ގޮތަކަށް ބުނެލިއެވެ. "ނީނާ ގޯސްކަންތައް ވެސް ކުރަންތަ؟"

"ނޫން! މި ދެންނެވީ ނުރަނގަޅު ކަމެއް ކުރެވުނީތޯއޭ!" ނީނާ އަވަސްއަވަހަށް ކުށެއް ނުކުރާ ކަން ބުނެދޭން މަސައްކަތްކުރިއެވެ.

"މިއަދު ބުދަތަ؟" ދާއޫދު ތާކުންތާކު ނުޖެހޭ ސުވާލެއް ކޮށްލިއެވެ.

"އާދެ!" ނީނާ ވަރަށް ހާސްވެ ހައިރާންކަމާއެކު ބުނެލިއެވެ. "މިއަދަކީ ބުދަ ދުވަސް."

"ކޮން އިރަކު ކާވެނި ކުރަނީ؟"

"ނޭނގެ." ނީނާ ވަރަށް ލަދުގަތެވެ. "އަދި ތާރީޚެއް ކަނޑައެއް ނާޅާ".

"މި ހަފުތާ ބަންދުގައި ނީނާ ކީއްކުރާން އޮތީ؟" ދާއޫދު މުޅީން އެހެން ކަހަލަ ސުވާލެއް ކޮށްފިއެވެ. "ހުކުރު ހޮނިހިރުގައި އަލޫފު މި ރަށުގައި އުޅޭނެތަ؟"

"އަނެއްހެން ވަކި ކަމެއް ކުރާކަށް ނެތް." ނީނާ ހަމަ ގަސްތުގައި އަލޫފުގެ ވާހަކަ އިވުނު ކަމަކަށް ވެސް ނެހެދިއެވެ. "އެއްޗިހި ދޮވުން އޮންނާނީ."

"އަލޫފް ކޮބާ؟" ނީނާ ގަސްތުގައި އަލޫފުގެ ވާހަކަ ނުދެއްކީމާ ދާއޫދު ސީދާ ސުވާލުކޮށްލިއެވެ. "ކޮން އިރަކުން އޭނާ އަންނާނީ؟"

"ވީ ރިސޯޓްގައި." ނީނާ ޖަވާބު ދިނެވެ. "އިއްޔެ އެ ދިޔައީ އޮފް ނިންމައިފައި. ދެން އޮފަށް އަންނާނީ އަންނަ ހަފުތާގެ ބުދަ ދުވަހު."

"މަށާ އެކީ މި ހަފުތާ ބަންދު ހޭދަކޮށްލާންވީނު؟" ނީނާ އުންމީދު ވެސް ނުކުރާ ފަދަ އެއްޗެއް ދާއޫދު އަހައިލައިފިއެވެ؟ "ކެރޭނެތަ؟"

"ތިޔަ ވިދާޅުވީ ވީކެންޑްގައި ވެސް މަސައްކަތްކުރައްވާނެ ވާހަކަތޯ؟"

"ނޯ، މައި ޑިއަރ!" ވަރަށް ލޯބިން ދާއޫދު މުޚާޠަބުކޮށްލިއެވެ. "މިބުނީ މާލެ ގޮސްލާން ވީނޫންހޭ؟"

ނީނާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނަސް އެ ގޮތަށް މީގެ ކުރީން ދުވަހަކު ވެސް ދާއޫދު މުޚާޠަބެއް ނުކުރެއެވެ. އަދި އެ ހުށަހެޅި ހުށަހެޅުން ގަބޫލުކުރާން ކިތަންމެ ބޭނުންވިޔަސް އެއީ ވަރަށް އުނދަގޫ ކަމެކެވެ. އަލޫފަށް އެނގިއްޖިއްޔާ މުޅިން ކަންތައް ގޯސްވީއެވެ.

"ކީއްވެ އެއްޗެކޭ ނުބުނީ؟" ނީނާ އެއްޗެކޭ ނުބުނެ ގިނަ އިރު ވާން ފެށުމުން ދާއޫދު އަނެއްކާ ސުވާލުކޮށްލިއެވެ. "ކަމޯން. ސޭ ސަމްތިންގ، ޑިއަރ!"

"ދެވިދާނެ. ބަޓް......" ނީނާ ޝަރުޠެއް ކަނޑައަޅަން އުޅެފައި މަޑުކޮށްލިއެވެ.

"އަލޫފް ދެކެ ބިރުން ދޯ؟" ދާއޫދު ބޭނުންވަނީ ސީދާ ޖަވާބެކެވެ.

"ބިރަކުން ނޫން. ބަޓް... އެނގިއްޖިއްޔާ ބްރޭކްވާނެތީ!" ނީނާ ސަބަބު ހާމަކޮށްލިއެވެ.

"މޮޔަ ކުއްޖާފުޅާ! ނީނާ ގެންދާނީ އެކަކަށް ވެސް ނޭނގި. ހޮނިހިރު ދުވަހުގެ ރޭ މާލެއިން އެނބުރި އާދެވޭނެ. އަލޫފް ރަށަށް އަންނާނީ ތިޔަ ބުނީ ބުދައިގަޔޭ" ދާއޫދުގެ ޕްލޭން ހާމަކޮށްލިއެވެ. "ދެން ކޮބާ މައްސަލައަކީ؟"

"އޯކޭ... އެންމެ ރަނގަޅު.... އެކަމަކު އަޅުގަނޑު ވާނެ ފިޝް މާރކިޓް މެންހަތަން ރެސްޓޮރަންޓަށް ގެންދާން. އަދި ސެވެންޑީ ސިނަމާއަކަށް ވެސް ގެންދާން." ޝަރުޠަކާއެކު ނީނާ އެއްބަސްވެއްޖެ އެވެ.

"ޔަގީނެއްނު." ދާއޫދު ވަރަށް އަވަހަށް ޝަރުޠުތައް ގަބޫލުކޮށްލިއެވެ. "ނީނާ ބޭނުން ތާކަށް ދެވޭނެ. ބޭނުން އެޗެއް ލިބޭނެ. އަދި ބޭނުންކަމެއް ވެސް ........."

ދާއޫދު ފަހުން މި ބުނި ޖުމުލައިން ދާއޫދު ގަސްތުކުޅަ މާނަޔާ މެދު ނީނާ ހިނތުންވެލިއެވެ. އޭނާ ހިތަށް އެރިއެވެ. ނީނާ ބޭނުންވާ ކަމެއް ކޮށްދެވޭނީ އެނގިގެންތާއެވެ. އެނގޭނީ ބުނެގެންތާއެވެ. ނީނާއަކަށް ބުނާކަށް ނުކެރޭނެއެވެ.

ހުކުރުވިލޭރޭ ދަންވަރު އިހައްދޫ އިނޓަރނޭޝަނަލް އެއަރޕޯޓުން ފުރި ކިޔޫޓޫ 167ގެ ފްލައިޓުން ނީނާއާއި ދާއޫދު މާލެ ހިނގައްޖެއެވެ. އޭރު އެއަރޕޯޓްގައި އެ މީހުން ބަލައި ޑްރައިވަރަކު ކާރުގައި ގޮސް އޮތެވެ.

އެއަރޕޯޓުން ސަލާމަތްވެގެން ސީދާ ދިޔައީ ސަންސެޓް މާލެވިއު ހޮޓަލަށެވެ. މިއީ ހުޅުމާލޭ ޔޫތުސިޓީގެ ހުޅަނގު އުތުރު ގައި ހުންނަ މުޅި ސަރަހައްދުގެ އެންމެ އަގު ބޮޑު ހޮޓެލެވެ. މުއްސަނދި ފަތުރުވެރީންނަށް ޚާއްޞަ ހޮޓަލެކެވެ. އެހެންކަމުން ދިވެއްސަކު އެ އިމާރާތުން ފެނުމަކީ ހަމަ ވަރަށް ނާދިރުކަމެކެވެ.

ނީނާ ހީކުރި ގޮތާ ޚިލާފަށް ހޮޓަލުގައި ތިބޭން ހަމަޖައްސައިފައި ވަނީ ވެސް ދެމީހުން ދެ ކޮޓަރީގައެވެ. ނީނާ ހީކޮށްގެން ހުރީ ނީނާގެ ރީތިކަމުގެ އަވާގައިޖެހިގެން ދާއޫދު އެކަމުގެ ޝައުޤުގައި މާލެ އައީކަމަށެވެ. ހަގީގަތުގައި މި ދަތުރުގައި އަންނާން ނީނާ އެއް ބަސްވި އެއް ސަބަބަކީ ނީނާގެ ހިތުގައި ވެސް ދާއޫދާމެދު ޝައުޤު އޮންނާތީ އެ ފުރުޞަތު އެއް ފަހަރު ނަމަވެސް ތަޖުރިބާކޮށްލާން މިހާރު ހިތް އެދުމެވެ.

ހޮޓަލަށް ގޮސް ނީނާއަށް ޚާއްޞަކުރެވިފައިވާ ކޮޓަރިއަށް ނީނާ ހިނގައްޖެއެވެ. ދާއޫދު ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ނީނާ ހުންނާން ހަމަޖެހިފައި ވަނީ 1307 ނަންބަރު ކޮޓަރީގައެވެ. ދާއޫދު ހުރީ 1410 ނަންބަރު ކޮޓަރީގައެވެ. ފަތުރުވެރިކަމުގެ ހައި ސީޒަންކަމަށްވާތީ ހޮޓާތައް ވަނީ ފުރިފައެވެ. އެހެންވެ އެއް ތައްޓަކުން ދެ ކޮޓަރި ލިބޭ ގޮތް ނުވީއެވެ.

ނީނާ ކޮޓަރިއަށް ގޮސް ވަނުމާއެކު ކޮޓަރީގެ ފޯނު ރަނގަބީލުވާން ފަށައިފި އެވެ.

"ގުޑް މޯރނިންގ. ދިސްޒް 1307. ނީނާ'ޒް ސްޕީކިންގ" ނީނާ އިނގިރޭސިން ވާހަކަދެއްކިއެވެ.

"ހޭއި. އިޓްސްމީ ހިޔަރ، ދާއޫދު." ދާއޫދު ވެސް ވާހަކަ ފަށައިގަތީ އިނގިރޭސިބަހުންނެވެ. "ނީނާ އިންގލިޝް އިން ވާހަކަދައްކާލެއް ވަރަށް ސަޅި."

"ހެހެހެހެ...." ނީނާ ހިނިތުންވެލިއެވެ. "ތޭންކް ޔޫ ސަރ!"

"ދިސް'ޒް ނޮޓް ސަރ، އައެމް ނޮޓަ ސަރ. އައިމް ދާއޫދު. ޔޫކޭން ކޯލްމީ ދާއޫދު" ދާއޫދުގެ ހަރުކަށި ރާގުގައި ޤަރާރެއް އިއްވިއެވެ. "އަންޑަރސްޓޭންޑް".

"ޔެސް ސަރ!" ނީނާ ބުނެލިއެވެ. "ތުކި! އާދެ! ދާއޫދު!"

"މި ގުޅައިލީ ބްރީފިންގ ދޭންވެގެން". ދާއޫދު ބުންޏެވެ. ދާއޫދުގެ އަޑުގައި ޢިޝްޤީ ގޮތެއް ނެތެވެ. އެ އަޑުގައި ވަނީ ހަމަ އާދައިގެ މަތީން އޭނާގެ ރަސްމީވަންތަކަމެވެ. "ރަށުގައި ބްރީފިންގ ދެނީ ނީނާއެއްނު.  އެކަމަކު މިހާރު ދާއޫދު. ހައްހައް! މިއަދު ހެނދުނާއި މެންދުރު ނީނާގެ ކާއެއްޗިހި ކޮޓަރިއަށް ގެންދާނެ. މިރޭ ކާންދާނީ ނީނާ ބޭނުންވާ މެންހަޓަންއަށް. އަށެއް ޖަހާ އިރަށް ތައްޔާރުވެގެން ހުންނާތި! މާދަން ފިހާރަތައް ހުޅުވާނީ. އެހެންވީމާ މިއަދު ރެސްޓްކޮށްލާ!"

ނީނާ އެއްވެސް އެއްޗެކޭ ނުބުނެއެވެ. ހީކުރިގޮތާ ޚިލާފަށް ދާއޫދު ނީނާގެ ކޮޓަރިއަކަށް ވެސް ނައެވެ. އަދި ދާއޫގެ ކޮޓަރިއަށް ދާކަށް ނީނާއަކަށް ދަޢުވަތެއް ވެސް ނުދެއެވެ. ހުކުރުދުވަހު ހެނދުނުގެ ނާސްތާއާއި މެންދުރު ކެއުން ނީނާގެ ކޮޓަރިއަށް ގެނެވުނީ ކީއްވެ ކަމެއް ވެސް ނޭނގެއެވެ. ކޮޓަރީގައި ސަޔާއި ކޮފީއާއި ބިސްކޯދު ލިބެން އަބަދު ވެސް ހުރެއެވެ. ބްފޭ ބްރެކްފާސްޓަކީ ހިލޭ އޮންނަ އެއްޗެކެވެ. ކޮޓަރީގެ އަގުގެ ތެރޭގައި އެބައި ވެސް އޮންނަނީ ހިމަނައިފައެވެ. ނަމަވެސް މީހުންގެ ތެރެއަށް ނީނާ ދާން ދާއޫދު ބޭނުންނުވީކަމަށް ވެދާނެއެވެ.

ހޮނިހިރު ވިލޭރޭ އިރު އޮއްސި އަށެއްޖެހި ތަނާ ނީނާގެ ކޮޓަރީގެ ތެލިފޯނު ރަނގަބީލުވާންފަށއިފިއެވެ. "ހެލޯ! ނީނާ ވާހަކަދައްކަނީ!" ނީނާ ބުނެލިއެވެ.

"އަރ ޔޫ ރެޑީ؟" އަނެއްކޮޅުން އަޑުއައެވެ. އެއީ ދައޫދުގެ އަޑެވެެ.

"ޔެސް ދާއޫދު، އައިމް ރެޑީ!" ނީނާ ރައްޓެއްސަކާ ވާހަކަދައްކާ ގޮތަށް ދާއޫއޫދަށް ޚާއްޞަ މެސެޖެއް ދިނެވެ. "ފޮރ އެވްރީތިންގ."

"އަރ ޔޫ ޝުއަރ" ދާއޫދު ވަރަށް ޢިޝްޤީ ގޮތެއް ދައްކަމުން ބުނެލިއެވެ. "ސޯ ކަމް ޓު މައި ރޫމް ނައު. ރައިޓް ނައު."

ނީނާ ހީކުރީ އަލޫފާއެކީ އެކަހެރި ވެލެވޭ ކޮންމެ ފަހަރަކު އަލޫފުގެ ނަފުސުގެ މުހުތާދުތައް ފުއްދައިދޭން ޖެހޭ ގޮތަށް ދާއޫދުގެ ބޭނުންތައް ވެސް ފުއްދައިދޭން ޖެހޭނެ ކަމަށެވެ. ނީނާ ހުރީ ފުރިހަމަ މާނައިގައި އެކަމަށް ތައްޔާރުވެގެން ވެސް މެއެވެ.

ނީނާ ގޮސް ދޮރުގައި ޓަކިޖެހުމާއެކީ ދާއޫދު ނުކުމެއްޖެއެވެ. އަޅައިގެން ހުރީ ވަރަށް ރަސްމީ ހެދުމެކެވެ. ހީވަނީ ކާވެންޏަކަށް ތައްޔާރުވެގެން ހުރިހެންނެވެ. ނީނާ ހުރީ ކޮޓަރިއަށް ވަންނާން ބުނާނެ ކަމަށެވެ. ނަމަވެސް ނުކުތުމާއެކު ކޮޓަރި ތަޅުލައި ނީނާއާ ދިމާއަށް އެނބުރިލައިފައި ބުނެލިއެވެ.

"އޯވ! ޔޫ ލުކް އޯވސަމް!" ނީނާގެ ރީތިކަމަށް ތަޢުރީފުކުރަމުން ދާއޫދު ބުނެލިއެވެ. "ލެޑްސް ގޮޑައުން. ޑްރައިވަރޒް ވެއިޑިންގ ފޮރަސް."

މެންހަތަންގެ ޢިޝްޤީ މާޙައުލުގައި ދެމީހުން ހޭދަކުރީ ވަރަށް އުފާވެރި ވަގުތު ކޮޅެކެވެ. ގަޔަށް ބާރު ކުރު މަތިކޮޅަކާއި ޖީންސެއްލައިގެން ނީނާ އިން އިރު ހީވަނީ އެ މާހައުލަށް އައިސް އިން ފިލްމުސްޓާރެއްހެންނެވެ. ލައިގެން ހުރި މަތިކޮޅުގެ ކުރުކަމުން ޖީންސާއި މަތިކޮޅާ ދޭތެރެއިން ބައެއް ފަހަރު ބަނޑާއި ފޫޅު ވެސް ފެނެއެވެ. މޭމަތީން ފެންނާން ހުރި ބައެއްގެ ރީތި ވަނާތަކާއި ދޮންކަން ފެނިއްޖެއް މީހަކު ނަމަ، އެ މީހެއްގެ ޢިޝްޤީ ޙިއްސުތަކުގައި ވިންދު ޖަހާނެއެވެ. ނަމަވެސް އާދައިގެ ދުނިޔޭގެ ވާހަކަ ނޫން ވާހަކައެއް ދާއޫދެއް ނުދައްކައެވެ. ގިނައިން ދެއްކީ ވިޔަފާރީގެ ވާހަކައެވެ. ދެން މާޙައުލުގެ ހިތްގައިމު ވާހަކައެވެ.

ނިމިގެން އެއްވެސް ތާކަށް ނުގޮސް އެނބުރި ހޮޓަލަށް ދެވުނީ އެހާރަ ޖެހި ތަނާއެވެ. އެލިވޭޓަރުން ދިޔައީ ސީދާ ނީނާގެ ކޮޓަރިއަށެވެ. ނީނާގެ ކޮޓަރިއަށް ދާއޫދު ވަނުމުން ނީނާ ދޮރުގައި ތަޅުލިއެވެ. ދާއޫދު ޖީބުން ފައިސާ ދަބަސް ނަގައި އެއް ހާސް ރުފިޔާގެ ފަސް ނޫޓާއި ފަސް ސަތޭކަ ރުފިޔާގެ ދިހަ ނޫޓް ނީނާއަށް ދިއްކޮށްލަމުން ދާއޫދު ބުނެލިއެވެ.

"އަން! މިއީ ނީނާއަށް. ނީނާ ބާޒާރުކޮށްލަން." ދާއޫދު ބުނެލިއެވެ. "އެކަމަކު މާދަން ރޭ ހުސްކުރާތި. މާދަމާ ޝޮޕިނގ ކޮށް ނިންމާންވާނެ. މާދަން ރޭ އޮންނާނީ ސިނަމާއަކަށް ދިޔުން. ދެ މީހުން އެކީގައި. ޝްވެކް ސިނަމާއިން ދެ ޓިކެޓް ލިބޭނެ މާދަމާ. އެއީ ސެވެންޑީ ސިނަމާއެއް." (ނުނިމޭ)

 

ކޮމެންޓު
ކޮމެންޓުތައް
މަރީ
12 މާރިޗް 2025 09:10
މި ވާހަކަ މިހާރަު ހާދަ ރޮމެންޓިކް ވެއްޖެޔޭ، ސަރ! އިންޓަރެސްޓިންގ.