އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
13 މާރިޗް 2025
މަތީގައި އެ ވަނީ ރާއްޖޭގައި ވަރަށް މަޝްހޫރު އަދި އެހައިމެ ޙަރަކާތްތެރި ނޫހެއް ނުވަތަ ވެބުސައިޓެއްގައި ރޭ ފަތިހު ޝާއިޢުކޮށްފައިވާ ޚަބަރެއްގެ ސުރުޚީއެވެ. މި ދެންނެވި ނޫހަކީ ނުވަތަ ވެބުސައިޓަކީ ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންފުޅުކުރައްވާން ވަރަށް ޚާއްޞަ އިސްކަމެއް ދެއްވާ، އަދި އަލަށް ތަޢާރަފުވާ ލަފުޒުތައް ވެސް ވީވަރަކުން ލިޔުންތަކުގައި ބޭނުންފުޅުކުރައްވާ ނޫހަކަށް ވާތީ، މި ނޫހުގައި ދިވެހިބަހުގެ ހަމައިގެ މަތީން ވަރަށް އާންމު ކުށްކުށް ތަކުރާރުވާތީ ވަރަށް ދެރަވެއެވެ. އެއީ ގިނަ ބަޔަކަށް އެ ކަންކަން ފާހަގަކުރެއްވިފައި ނުހުންނަކުށްކުށެވެ. ވީމާ، އަޅުގަނޑަށް ވިސްނުނީ މި ކަމާ ބެހޭ ގޮތުން އެއްޗެއް ދަންނަވައިލުން މުހިންމު ކަމަށެވެ.
އެންމެ ފުރަތަމަ ސުރުޚީގައި އޮތް ތަންކޮޅެއް ރަނގަޅުކޮށްލާނަމެވެ. ޚަބަރުގެ ސުރުޚީގައި އޮތީ [ޤައުމީ ސަލާމަތާއި ގުޅުން ހުރި ޚާއްސަ އޮޕަރޭޝަނެއްގައި ބަޔަކު ހައްޔަރުކޮށްފި] މިހެންނެވެ. މި ޢިބާރާތުން ރަނގަޅުކޮށްލާން ޖެހޭ ދެ ތަންކޮޅެއް ފާގަހަކުރެވެއެވެ. ފުރަތަމަ ތަނަކީ "އާއި" މި އަކުރު ބޭނުންކުރާން ނުޖެހެ ތަނެއްގައި އެ އަކުރު ބޭނުންކޮށްގފއި އޮތުމެވެ. "އާއި" މި އަކުރަކީ އެކަތި އަނެކައްޗާ އެއް ނަން އަނެއް ނަމާ ގުޅުމަށް ޓަކައި ބޭނުންކުރާ ލަފުޒެކެވެ. މި އަކުރު ބޭޏުންކުރާނީ ހަމައެކަނި މި ބޭޏުމަށް ޓަކައެވެ. ވީމާ ޖުމުލައިގައި އެ އޮތް "ސަލާމާތާއި (ސަލާމަތް+އާއި) މި ތަނުން "އާއި އުނިކޮށް، "އާ" އިތުރުކުރާން ޖެހެއެވެ. އެހެނީ އެއްޗަކާ ބެހޭ ގޮތުން ނުވަތަ އެއްޗަކަށް ނިސްބަތްކޮށް ލިޔެ ވާހަކަ ދައްކައި ހަދާއިރު ބޭނުންކުރާނީ "އާ"އެވެ. "އާއި"އެއް ނޫނެވެ.
މިސާލަކަށް: (1) އޭނާއާ ގުޅުން ހުރި، (2) އެ ރަށާ ބެހޭ ގޮތުން، (3) ގައުމީ ސަލާމަތާ ގުޅުން ހުރި.
މި ފަދަ ތަންތަނުގައި "އާއި" ބޭނުންކުރުމަކީ "ހަމަ" ގޮތެއް ނޫނެވެ.
ސުރުޚީއިން ދެން ފާހަގަކޮށްލެވުނީ ލަފުޒު ދުރުކުރުމުގެ ހަމަތަކަށް ބައްލަވައިގެން ރަނގަޅަށް ލިޔުއްވައިފައިވާ ކަމެވެ. މިއީ އުފާކުރުން ހައްގު ކަމެކެވެ. ދެން ފާހަކުރެވޭ "ކުށަކީ" ހަގީގަތުގައި "ކުށެއް"ނޫނެވެ. "ގުޅުންހުރި" މި ލަފުޒެގެ ފަހަށް ގުޅުވައިގެން މަހައިލެވިފައިވާ "ހުރި" މި ލަފުޒު ދުރުކުރާން ޖެހޭނެކަމަށް ބައެއް ބޭފުޅުން ހީފުޅުކުރައްވައިފާނެއެވެ. ސަބަބަކީ "ހުރި" އެއީ ބައެއް ޙާލަތުގައި ދުރުގައި އޮންނާން ޖެހޭ ލަފުޒަކަށް ވާތީއެވެ. ނަމަވެސް، ސުރުޚީގައި އެ އޮތީ "ގުޅުންހުރުން" މި މަސްދަރުން އުފެދިފައިވާ ކަމެކެވެ. އެއީ މުސްތަގިއްލު "ހުރި"އެއް ނޫނެވެ. ދިވެހިބަހުގެ ރަދީފުގައި "ގުޅުންހުރުން" މި މަސްދަރު އެބަ އޮތެވެ. މި ލަފުޒުގެ ތިން މާނައެއް އެބަ އޮތެވެ. އެއީ: "ގާތްކަން އޮތުން"، "ގުޅުން އުފެދިފައި ވުން"، "އެކުވެރިކަން އޮތުން"، މި ތިން މާނައެވެ. އެހެންކަމުން، ސުރުޚީގައި "އާއި" ބޭނުންކުރައްވައިފައިވާ ގޮތުގައި ނޫނީ އެއްވެސް ކުށެއް ނެތެވެ. ލަފުޒު ދުރުކުރުމުގެ ގަވާއިދަށް ވަރަށް ބޮޑަށް އިޙުތިރާމްކުރައްވައިގެން ސުރުޚީ ލިޔުއްވައިފައިވާތީ، ލިޔުންތެރިޔާއަށާއި މުޙައްރިރަށް ތަހުނިޔާއާއި ޝުކުރުދަންނަވަމެވެ.
މި ދެންނެވި ޚަބަރުގެ ފުރަތަމަ ޢިބާރާތް އަޅުގަނޑު ނަކަލުކޮށްލާނަމެވެ. "ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށްގެންދާ ގައުމީ ސަލާމަތާއި ގުޅުންހުރި ހާއްސަ އޮޕަރޭޝަނެއްގައި ބައެއް ތަންތަން ބަލައި ފާސްކޮށް، 3 މީހަކު ހައްޔަރުކޮށްފިއެވެ." މި ޖުމުލައިގައި ވެސް ސުރުޚީގައި އޮތް ކުށް ފިޔަވައި ދެން އޮތީ އެންމެ ކުށެކެވެ. އަނެއްކާ ވެސް ތަހުނިޔާއެވެ. އަޅުގަނޑު މި ފާހަގަކުރާ ކުށަކީ 2024ވަނަ އަހަރު އެޕުރީލުމަހު 14ގައި ދިވެހިބަހުގެ އެކެޑަމީއިން ޝާއިޢުކުރައްވައިފައިވާ "ތާނައިގައި ހުރި ނުކުތާޖެހި އަކުރުތައް ބޭނުންކުރާނޭ ހަމަ" މި ފޮތުގެ ނުވަވަނަ ސަފުހާގެ ތިންވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އުސޫލާ ޚިލާފަށް އެ އިބާރާތުގައި "ހާއްސަ" މިހެން ލިޔުއްވައިފައިވާތީއެވެ. އޮންނާން ޖެހޭނީ "ޚާއްޞަ" ނުވަތަ "ޚާއްސަ" މިހެންނެވެ. ސަބަބަކީ އެ ނަންބަރުގައި ބަޔާންކޮށްފައިވަނީ /ޣ/އާއި /ޚ/އާއި، /ޝ/ މި ތިން އަޑު އެއްވެސް ހާލަތެއްގައި ދޫނުކޮށް އެ ތިން މަޚުރަޖު ރަމްޒުކޮށްދޭ ނުކުތާޖެހި އަކުރު އަބަދު ވެސް ބޭނުންކުރާންވާނެކަމަށެވެ. ގަވާއިދަކީ އެއީކަމަށެވެ.
ދެން ދަންނަވައިލާން އޮތީ އައިބައިފިލީގެ ވާހަކައެވެ. އަޅުގަނޑު އެންމެ ގިނައިން ދައްކާ ވާހަކައެވެ. ލިޔާ ވާހަކައެވެ.
އިސްވެ މި ދެންނެވި އިބާރާތުގައި ބެލުމާއި ފާސްކުރުމާއި މި ދެ ކަންތައް ބަޔާންކުރުމަށް ޓަކައި ފުރަތަމަ އޮތް، ކަމުގެ ފަހު އަކުރުގައި އައިބައިފިލި ޖަހައިފައިވަނީ ރަނގަޅަށެވެ. އެ ކަމަށް ޓަކައި ވެސް ތަހުނިޔާ ދަންނަވަމެވެ.
ނަމަވެސް ހިތާމައަކީ މިހައި ރަނގަޅަށް ބަހުގެ ހަމަތަކާ އެއް ގޮތަށް ލިޔުއްވާން މަސައްކަތްކުރެއްވުމަށް ފަހު، އެ ޚަބަރުގެ ފަހަތަށް ހުރި ކުރުކުރު ތިން ޕެރެގުރާފުގައި އެ ލަފުޒު ފަސް ފަހަރު ނުބައިކޮށް ލިޔުއްވައި "ބަލާ"އަށް ބަދަލުވެފައި ހުރިކަމެވެ. ފަހު ތިން ޖުމުލައިގައި މުޅީން ވެސް ހުރީ "ބަލާ" ފާސްކުރި ވާހަކައެވެ. ބަލައި، ފާސްކުރި ވާހަކައެއް ނޫނެވެ.
މި ހަމަ އެ ލިޔުންތެރިޔާއަށް ރަނގަޅަށް އެނގިވަޑައިގަންނަވާކަން ފުރަތަމަ ޕެރެގުރާފުން ސާބިތުވެއެވެ. ޚަބަރުގެ ފަހު ބައިގައި އެ ވަނީ އަވަސްއަރުވައިލައްވައިފައެވެ. ނޫނީ ފަރުވާކުޑަކޮށްލެއްވިފައެވެ.
އެހެންކަމުން މި ގަވާއިދަކީ ފަސޭހަ ގަވާއިދަކަށް ވާތީ، މި ފަދަ ލަފުޒުތަކުގެ ފަހު އަކުރުގައި ދަމާ ފިލި ޖެހީމާ އަންނަ ބަދަލު ކިޔުންތެރީންގެ ހަނދުމަފުޅު އާކޮށްލެއްވުމަށް ޓަކައި ދަންނަވައިލާނަމެވެ.
އާންމު ގޮތެއްގައި ކަމެއްގެ ކުރީގައި އޮންނަ ކަމުގެ ފަހު އަކުރުގައި އާބާފިލި ޖަހައިފި ނަމަ، އެ ކަން އެ ބަދަލުވާނީ ކޮންމެވެސް އެއްޗަކަށް ކިޔާ ނަމަކަށެވެ. ބަލާ ފާސްކުރިއޭ ބުނުމުން ދޭހަވަނީ ބަލާ ކިޔާ އެއްޗެއް ފާސްކުރި މާނައެވެ. އެއީ ކަމެއްގެ ގޮތުގައި ބާއްވައި އެއް ފަރާތަކުން ކުރި ދެ ކަމެއްގެ ގޮތުގައި ލިޔާ ނަމަ ޖެހޭނީ ކުރީ ލަފުޒުގެ ފަހު އަކުރުގައި އައިބައިފިލި ޖަހާށެވެ. އިސްވެ ދެންނެވުނު ޚަބަރުގެ ފުރަތަމަ ޕެރެގުރާފުގައި ލިޔުންތެރިޔާ ލިޔުއްވި ފަދައިންނެވެ.
މި ދެންނެވި ފަދައިން ނަމެއްގެ ކުރީގައި އޮންނަ ކަމުގެ ފަހު އަކުރުގައި އާބާފިލި ޖަހައިފި ނަމަ، އެ، ކަން އެ ޖުމުލައިގައި އަދާކުރާނީ ނަންއިތުރެއްގެ ދައުރެވެ. ނަމަވެސް މި މަގާލުގެ ބޭނުމަކީ އަޅުގަނޑަށް އިއްޔެ ފެނުނު ޚަބަރެއްގައި ހުރި ރަނގަޅު ކަންކަން ފާހަގަކުރުމާ އެކު، އިސްލާޙުކޮށްލާން ހުރި ބައެއް ކަންކަމުގެ ވާހަކަދައްކައިލުމެވެ. އަދި އެ ޚަބަރުގައި އޮތް "ބެލުން"، "ބަލާ"އަކަށް ބަދަލުވި ވާހަކަ ދައްކައިލުމެވެ. އެހެންވެ، އެ ވާހަކަ ދައްކައިލެވިއްޖެއަތީ ކުރުކޮށްލަމެވެ.
ބައެއް ލަފުޒުގެ މާނަ:
ބަލާ ނ. ބޮޑެތި އާފާތް.
ބަލާ ކ. (1) ބެލުމަށްކުރާ އަމުރު. (2) ބެލުން، މި މަސްދަރުން އުފެދިފައިވާ ވާކަން.
ގުޅުންހުރުން މ. (1) ގާތްކަން އޮތުން. (2) ގުޅުން އުފެދިފައިވުން. (3) އެކުވެރިކަން އޮތުން.
ގުޅުން މ. (1) އެކުލެވުން. (2) އެއްކޮށްލުން. (3) އެއްޗެއް އަނެކައްޗަކާ ލައިމެހުން. (4) އެކުވެރިވުން.