ޢަބްދުﷲ ސަޢީދު
12 މާރިޗް 2025
ނޯޓު: މިއީ، ޔުނިވަރސިޓީ އޮފު ލަންޑަންގެ ދަރިވަރެއްކަމަށްވާ އެންޑްރޫ ފޯބްސް އާއި ސައުތު އެމެރިކާގެ ޤައުމެއް ކަމަށްވާ ގަޔާނާގެ ޓީޗަރެއް ކަމުގައިވާ ފައުޒިއްޔާ ޢަލީ، "ދަ މޯލްޑިވް އައިލެންޑްސް އެންޑް ދެއަރ ހިސްޓޮރިކަލް ލިންކްސް ވިތު ދަ ކޯސްޓް އޮފު އީސްޓަން އެފުރިކާ" މި ލިޔުން އަސްލަކަށް ބަލައިގެން ބައެއް އުނިއިތުރާއެކު ލިޔެފައިވާ ލިޔުމެކެވެ. 1980 ވަނަ އަހަރު މި ދެ ލިޔުންތެރިން ލިޔެފައިވާ މި ލިޔުން ވަނީ ސަބިނެޓް އެފުރިކަން ޖާނަލްގައި 2013 ވަނަ އަހަރު ޝާއިޢުކޮށްފައެވެ.
________________________________________
ދިވެހިރާއްޖެ އޮންނަނީ (އެފުރިކާގެ ޤައުމެއްކަމަށްވާ ކެންޔާގެ) މޮމްބާސާގެ އިރުއުތުރުން ގާތްގަނޑަކަށް 2،500 މޭލު ދުރުގައި އަދި ސްރީލަންކާގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 400 މޭލު ދުރުގައި އިންޑިއާ ކަނޑުގެ މެދުތެރޭގައެވެ. އުތުރުން ދެކުނަށް 470 މޭލުގެ ދިގުމިނުގައި (އަދި ފުޅާ މިނުގައި އިރުން ހުޅަނގަށް 70 މޭލު ހުންނަ މި ރާއްޖޭގައި މުރަކައިގެ ޤުދުރަތީ 26 އަތޮޅު އޮވެއެވެ.) މި ރާއްޖެއަކީ އީކުއޭޓަރ (خط الاستواء) މަތީގައި އޮތް ޖަޒީރާ ޤައުމެކެވެ.
ދިވެހިރާއްޖޭގެ އަތޮޅުތައް އެކުލެވިގެން ވަނީ ކުދިކުދި 1،200 ވަރަކަށް ރަށުގެ މައްޗަށެވެ. މީގެ ތެރޭގައި ތިންހަތަރު އަކަމޭލު ހުންނަ ވަރުގެ ބޮޑެތި ރަށްރަށެއް ނެތެވެ. މިއީ މެދުނުކެނޑި ކަނޑު އުޅަނދުފަހަރަށް ނުރައްކާތަކާ ކުރިމަތިލާން ޖެހޭ ފަރުތަކާއި ގިރިތައް ގިނަ ޤައުމެކެވެ. (އެކަމަކު މި ކަނޑުފަޅުތަކަށް ދިވެހީން ފަރިތައެވެ. އެވޭލާ ޒަމާނުގައި ބޭރު މީހުންގެ ފަރާތުން ދިވެހީންނާއި ދިވެހިރާއްޖޭގެ ދިފާޢުކޮށް ސަލާމަތްކޮށްދިނުމުގައި ޤުދުރަތުގެ މި "ބުރުޒުތައް" އަދާކުރި ދައުރު ބޮޑެވެ.)
ދިވެހިރާއްޖޭގެ ބިމުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 115 އަކަ މޭލުކަމުގައި ވިޔަސް ހަގީގަތުގައި ރާއްޖޭގެ ސަރަޙައްދު ކުޑައެއް ނޫނެވެ. ( ދިވެހިރާއްޖޭގެ ކަނޑުފަޅުތަކާ އެކު ރާއްޖޭގެ ބޮޑު މިނަކީ ގާތްގަނޑަކަށް 35،000 އަކަ މޭލެވެ.) އިންޑިއާ ކަނޑުގެ މެދުތެރޭގައި ބޮޑު ސަރަހައްދަކަށް ދިވެހިރާއްޖޭގެ ޚާއްޞަ އިގުތިސާދީ ސަރަހައްދު ފެތުރިފައިވެއެވެ. މި ދިރާސާ ހެދި އެންޑްރޫ ފޯބްސް އާއި ފައުޒިއްޔާ ޢަލީ (1980) ބުނެފައި ވަނީ އެންމެ ފަހުގެ ބޯހިމެނުމުގައި ދިވެހިރާއްޖޭގެ އާބާދީ 150،000 އަށް ވުރެ ކުޑަ ކަމަށެވެ. (2022 ވަނަ އަހަރުގެ ބޯހިމެނުމުން ދައްކާގޮތުގައި ދިވެހީންގެ އާބާދީއަކީ 515,132 އެވެ.)
ދިވެހީންގެ އާބާދީ ވަނީ މުޅި ރާއްޖެއަށް ފެތުރިފައެވެ. ދިވެހީންގެ ގިނަ ބަޔަކު ދިރިއުޅުމަށް ޓަކައި ކާށީގެ ދަނޑުވެރިކަމާއި މަސްވެރިކަން ކުރަމުންދާ އިރު، ދިރިއުޅެމުން ދަނީ ރާއްޖޭގެ އަތޮޅުތަކުގައެވެ. ނަމަވެސް، އާބާދީގެ 20 އިންސައްތަ މީހުން ދިރިއުޅެނީ ތޮއްޖެހިފައިވާ ދިވެހިރާއްޖޭގެ ވެރި ރަށް، މާލޭގައެވެ. (މި ހާލަތު ވެސް މިހާރު ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ދިވެހިރާއްޖޭގެ އިގުތިސާދުގައި މިހާރު ބަރޯސާވެފައި ވަނީ ފަތުރުވެރިކަމުގެ މައްޗަށެވެ. ދިވެހީންނަކީ މިހާރު މިޔަރުގެ މަސްވެރިކަން ކުރާ ބަޔެއް ނޫނެވެ. އަދި ހުޅުމާލެއާއި ވިލިމާލެ އާބާދުކުރުމުގެ ސަބަބުންނާއި، މާލެ ހިމެނޭ ސަރަހައްދުގައި މީހުން އާބާދުކުރުމުގެ ބޮޑެތި ބިޔަ މަޝްރޫޢުތައް ކުރިއަށް ވެސް ހުރުމާ އެކު، މާލެ ހިމެނޭ ސަރަހައްދަށް ދިވެހީންގެ އާބާދީ އަންނަނީ އެއްފަސްވަމުންނެވެ.)
ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ މީހުން ވަޒަންވެރިވެފައިވަނީ މީލާދީން ފުރަތަމަ ސާސްކަފުގެ ގާތްގަނޑަކަށް މެދުތެރޭގައި ކަމަށާއި އެއީ ދެކުނު އޭޝިއާގެ ޑްރެވީޑިއަން މީހުންކަމަށް ބެލެވޭކަމަށް އެންޑްރޫ ފޯބްސް އާއި ފައުޒިއްޔާ ޢަލީ (1980) ބުނެފައިވެއެވެ. (ނަމަވެސް ދިވެހިރާއްޖެއަކީ ބަޔަކު ވަޒަންވެރިވި ތާރީޚެއް، ދުވަސްވަރެއް ކަނޑައެޅިގެން އެނގޭން ނެތް، ރާއްޖެއެކެވެ. ދިވެހިރާއްޖެއަކީ ވަރަށް ދޮށީ ޤައުމެކެވެ. ދިވެހި ދައުލަތަކީ ވަރަށް ދޮށީ ދައުލަތެކެވެ. ދިވެހި ކަނޑު ހުރަސްކުރި ކޮންމެ ބަޔަކު ދެކެފައިވަނީ ދިވެހީން މި ރަށްތަކުގައި ދިރިއުޅެނިކޮށެވެ. މި ފަސްގަނޑު ހުހަށް އޮތް ޒަމާނެއް ތާރީޚުން ފެންނާކަށް ނެތެވެ.)
ދިވެހި ދައުލަތުން އިސްލާމް ދީން ގަބޫލުކުރީ މީލާދީން 1153ވަނަ އަހަރުއެވެ. އެހާ ތަނަށް ދިވެހި ދައުލަތުގެ ދީނަކީ ބުދު ދީނެވެ. މޮރޮކޯ (މަޣުރިބުކަރަ)ގެ ބޭކަލެއްކަމަށްވާ ޢަބުލްބަރަކާތު (ޔޫސުފުލްބަރުބަރީގެ) އަތްޕުޅު މައްޗަށް ދިވެހިރާއްޖޭގެ ރަސްގެފާނު އިސްލާމްވެ ވަޑައިގެތެވެ. (އެއަށްފަހު އެ ރަދުންގެ ނަންފުޅެއްކަމުގައި މުޙައްމަދު ބިން ޢަބްދުﷲ ޚިޔާރުކުރެއްވިއެވެ. ބުދު ފައްޅިތައް ތަޅުއްވައި މިސްކިތްތައް ބިނާކުރެއްވިއެވެ. މާލޭގައި އެންމެ ފުރަތަމަ ބިނާކުރެވުނު މިސްކިތްތަކުގެ ތެރޭގައި ހިމެނޭ ހުކުރު މިސްކިތް މިހާރު ފެންނާން އެހެރަ ގޮތަށް އަލުން ބިނާކުރައްވައި މުންނާރު ބަހައްޓަވައިފައި ވަނީ އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގައެވެ.) 1968 ވަނަ އަހަރާހަމައަށް (ދިވެހީންގެ ޖުމްހޫރީ ދެވަނަ ވެރިކަމާހަމައަށް) މި ރާއްޖޭގައި އިސްލާމީ ރަސްކަމުގެ އަސަރުތައް ދެމިއޮތެވެ.
މިއަދު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއަކީ އދ.ގެ ފުރިހަމަ މެންބަރުކަން ލިބިފައިވާ މިނިވަން ދައުލަތެކެވެ. (ކުރީގައި) ސްރީލަންކާއާއި ސިންގަޕޫރާއެކު ވިޔަފާރީގެ ގުޅުންތައް ގާއިމުކޮށް، ދިވެހީންގެ އިގުތިޞާދީ މިސްރާބު އިރުދެކުނު އޭޝިއާއަށް ހުއްޓަސް، (މިހާރު ދިވެހިރާއްޖެއަކީ މިނިވަން ވިޔަފާރީގެ ގުޅުންތަކާއެކު މުޅި ދުނިޔެއަށް ހުޅުވިފައިވާ ރާއްޖެއެކެވެ. ދިވެހި ދައުލަތަކީ ދުނިޔެއިން އިހުތިރާމު ހޯދައިފައިވާ މުޅި ދުނިޔެ ދަންނަ ފަރިތަ ދައުލަތެކެވެ.)
ދިވެހީންގެ ރޫޙާނީ ޙަޔާތް އިސްލާމީވަންތަކަމާއެކު ގަދަފަދަ ގޮތެއްގައި ދެމިއޮތީ ޕާކިސްތާނާއި ސަޢުދީއަރަބިއްޔާއާއި މިޞްރަށް ގޮސް ޢިލްމު ހާސިލުކުރެއްވި ދީނީ ޢިލްމުވެރީންގެ ޚިދުމަތުންނެވެ. ހުޅަނގުގެ ނުފޫޒު ދިވެހިރާއްޖޭގައި އޮތީ ކުޑަކޮންނެވެ. (ނަމަވެސް މިއަދު އެ ހާލަތު މުޅީން ބަދަލުވެއްޖެއެވެ. ދިވެހީންނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ޢިލްމު އުނގެނެމުންދާ ބަޔެކެވެ. މުއާސަލާތީ ވިއުގައިގެ ތެރެއިންނާއި ޒަމާނީ ދަތުރުފަތުރުގެ ފަސޭހަކަމުގެ ތެރެއިން ދިވެހިރާއްޖެ ވަނީ މުޅި ދުނިޔެއާ ލައިމެހިފައެވެ.)
މީލާދީން 1558 އިން 1573 އަށް ޕޯޗުގީޒުން ދިވެހިރާއްޖޭގެ ވެރިރަށް ހިފައިގެން ތިބި ނަމަވެސް، މުޅި ރާއްޖޭގެ މައްޗަށް ބާރު ފޯރުވިފައެއް ނުވެއެވެ. (ބޮޑުތަކުރުފާނު އިސްވެ ހުންނަވައި) ޕޯޗުގީޒުންނާ ދެކޮޅަށް ފެށްޓެވި ވަރުގަދަ އަދި ދިގު ދެމިގެންދިޔަ ގެރިއްލާ ހަނގުރާމައިން އެންމެ ފަހުން ޕޯޗްގީޒުން ބަލިކުރެއްވިއެވެ. އެ ހިތި ތަޖުރިބާއަށްފަހު ހުޅަނގުގެ އެއްވެސް ޤައުމަކުން ދިވެހިރާއްޖެ އިސްތިޢުމާރު ކުރާކަށް ނޫޅެއެވެ. ނަމަވެސް، 1887 އިން 1965 އަށް އިނގިރޭސީގެ ހިމާޔަތުގެ ދަށުގައި ދިވެހިރާއްޖެ އޮތެވެ. (އިނގިރޭސީން ދިވެހީންނަށް ހުށަހެޅި އެއްބަސްވުމެއް ދަށުން) ހިމާޔަތުގެ ދަށުގައި އޮތް އިރު ދިވެހީންނަށް ޚާރިޖީ މިނިވަންކަން ވަގުތީ ގޮތުން އޮތީ ގެއްލިފައެވެ. (އެކަމަކު ދިވެހީން ބޭނުންވި ހިނދު، އިނގިރޭސީންގެ އަތްދަށުން ފުރިހަމަ މިނިވަންކަން 26 ޖުލައި 1965 ގައި ހޯދިއެވެ.)
ދިވެހީންގެ ޒަމާންވީ ދިގު ތާރީޚުގައި ދިވެހި ރައްޔިތުން ވަނީ ދިވެހީންގެ ޤައުމީ އަދި ސަގާފީ އައިޑެންޓިޓީ (ދިވެހި ޤައުމިއްޔަތު) ގެ ވަރުގަދަ އިޙްސާސެއް ދަމަހައްޓައިފައެވެ. ދިވެހީން ވާހަކަ ދައްކަނީ އަމިއްލަ ބަހެއްކަމުގައިވާ ދިވެހިބަހުންނެވެ. ދިވެހީން ލިޔަނީ އަމިއްލަ އަކުރަކުންނެވެ. ދިވެހީންގެ ނަސްލު އުފެދިފައި ވަނީ އިންޑޯ-ޔޫރަޕިއަން މީހުންނާއި އިރުދެކުނު އޭޝިޔާގެ މީހުންނާއި އަރަބީންނާއި އިރުމަތީ އެފުރިކާގެ އައްސޭރިފަށުގެ މީހުންގެ ނަސްލު ފަދަ އެތައް ނަސްލެއް އެކުވެ، އެތައް ޖީލަކުންނެވެ.
ދިވެހިރާއްޖެއަށް އެފުރިކާ މީހުން ޒިޔާރަތްކުރާތާ ހާހަކަށްވުރެ ގިނަ އަހަރުވެއްޖެއެވެ. ހަމަ މިފަދައިން ދިވެހީން އިރުމަތީ އެފުރިކާއަށް އެތައް ފަހަރަކު ދަތުރުކުރިކަން އެނގެއެވެ. ނަމަވެސް ދިވެހީންނާއި އިރުމަތީ އެފުރިކާގެ އައްސޭރިފަށުގެ ރަށްރަށާ ދެމެދު އޮތް ގުޅުން މިހާތަނަށް ދިރާސާކުރެވިފައެއް ނުވެއެވެ. މި ލިޔުމަކީ އެ ގުޅުންތަކާ ބެހޭ ވަރަށް ކުރު ޚުލާސާއެކެވެ.
ދިވެހިބޮލީގެ ވިޔަފާރި
ދިވެހިރާއްޖެއާއި އިރުމަތީ އެފުރިކާއާ ދެމެދުގައި އޮތް ދިވެހިބޮލީގެ ވިޔަފާރީގެ ގުޅުންތަކަކީ މީގެކުރިން ފާހަގަ ކުރެވިފައިނުވާ ކަމެއް ކަމަށް ވިޔަސް މި ގުޅުމަކީ ހައިރާން ކުރުވަނިވި ގޮތަކަށް ދިގު މުއްދަތަކަށް އޮތް ގުޅުމެކެވެ. މީލާދީން ހަތަރުވަނަ ޤަރުނާއި ފަސްވަނަ ޤަރުނުގެ ތެރޭގައި އިންޑޮނޭޝިއާ (އަސޭކަރަ) އިން އިރުމަތީ އެފުރިކާއާއި މަޑަގަސްކަރައަށް ހިޖުރަކުރި ކަމަށް ބެލެވޭ މީހުން ދަތުރުމަތީގައި ދިވެހިރާއްޖެއާއި ސީޝެލްސްގައި ބަޑަހަޖަހާނެކަމަށް ލަފާކުރެވެއެވެ. ނަމަވެސް މިކަމުގައި އިތުބާރުކުރެވޭ ހަރުދަނާ ހެކިތަކެއް ނުފެންނަހާ ހިނދަކު މި ފަދަ ވާހަކަތައް ހުންނާނީ ހަމައެކަނި ޝައްކު ކުރެވޭ ހެކިތަކެއްގެ ގޮތުގައެވެ. ހަމަ މިފަދައިން، ދިވެހިރާއްޖެ ހިމެނޭ ގޮތަށް އިންޑިއާ ކަނޑުގެ މެދުތެރޭގެ ޖަޒީރާތަކުން ހުޅަނގަށް ދަނޑުގޮވާމުގެ ތަކެތި ފެތުރިފައި އޮތުމަކީ ވެސް ވެދާނެގޮތެކެވެ. ދޮންކޭލާއި ކާށި ފަދަ ބާވަތްތަކެވެ. މި ތަކެތީގެ ވިޔަފާރިއަށް ވުރެ ޔަގީން ކަމަކީ ދިވެހިބޮލީގެ ވިޔަފާރި މުޅި އެފުރިކާއަށް ވެސް މުހިންމުވެފައި އޮތްކަމެވެ.
މީލާދީން ނުވަވަނަ ގަރުނުގެ މެދުތެރޭގައި އަރަބި ވިޔަފާރިވެރިޔާ ސުލައިމާނު ލިޔެފައިވާ ގޮތުގައި އެ ޒަމާނެއްގައި ބަންގާޅާއި، ޗައިނާ (ސީނުކަރަ)އާއި، އިރުދެކުނު އޭޝިއާ އަދި އެފުރިކާގެ ބޮޑެތި ސަރަހައްދުތަކުގައި ވިޔަފާރީގައި ބަދަލުކުރާ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރީ ދިވެހިރާއްޖޭގައި އުފައްދާ ކުދި ބޮއްޔެވެ.
ދިވެހިރާއްޖެއާ އިރުމަތީ އެފުރިކާއާ ދެމެދު ސީދާ ދިވެހި ކުދިބޮލީގެ ވިޔަފާރިކުރިކަން ސާފެއް ނުވެއެވެ. ނަމަވެސް އިރުދެކުނު އޭޝިއާ އިން މާލޭ މަގުން އިންޑިއާ ކަނޑު ހުރަސްކުރާ އަރަބި ބޯޓުތަކުގައި ދިވެހި ކުދިބޮލީގެ ބޮޑު އަދަދެއް ދެކުނު އަރަބިއްޔާގެ ބަނދަރުތަކަށް ގެންދިޔަކަން އެނގެއެވެ. މި ދިވެހި ކުދިބޮލިތައް އަލުން އެފުރިކާއަށް އެކްސްޕޯޓްކޮށްފައިވަނީ ސައިނާއާއި ރަތް ކަނޑާއި ސޯމާލިއާ އަދި ސްވާހިލީގެ އައްސޭރިފަށުގެ ބަނދަރުތަކުންނެވެ. އަދި ސީދާ ދެކުނު އޭޝިޔާއިން އިރުމަތީ އެފުރިކާއަށް ދަތުރުކުރި މީހުން ވިޔަފާރިކުރުމަށް ދިވެހިބޮލި ގެންގުޅުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ޝައްކެއްނެތްގޮތުގައި މޮގަދިޝޫއާއި ލާމޫއާއި މަލިންދީއާއި މޮމްބާސާއާއި ކިލްވާ ފަދަ ބަނދަރުތަކުގައި އަމިއްލަ އުފެއްދުންތައް ދިވެހިބޮއްޔަށް ބަދަލުކުރިއެވެ.
ދިވެހިބޮލީގެ ވިޔަފާރިއަކީ ފައިދާ ބޮޑު ވިޔަފާރިއެއް ކަމުގައި އެ ވިޔަފާރި ޢަމަލީ ގޮތުން ކުރައްވާފައިވާ މޮރޮކޯގެ ދަތުރުވެރިޔާ އިބުނު ބަޠޫޠާ ވިދާޅުވެފައި ވެއެވެ. މީލާދީން 1343+4 ވަނަ އަހަރުގައާއި 1346 ވަނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖެއަށް ޒިޔާރަތްކުރެއްވި އިބްނު ބަޠޫތާ ވިދާޅުވެފައިވާ ގޮތުގައި މާލޭގައި ދިވެހިބޮލި ވިއްކީ ރަން ދީނާރަށް 400،000 އާއި 1،200،000 އާ ދެމެދުގެ އަގަކަށެވެ.
އިސްލާމީ ދަތުރުވެރިޔާ، އިބްނު ބަޠޫޠާ ރާއްޖެއަށް ޒިޔާރަތް ކުރެއްވުމުގެ ހަތް އަހަރު ފަހުން ރަން ދީނާރަށް 1،150 އަށް ދިވެހިބޮލި ފަދަ ބޮލި ވިއްކާތަން ހުޅަނގު އެފުރިކާގެ މާލީން ދެކެވަޑައިގަތެވެ. (ނުނިމޭ)