ad_banner
ރަމަޟާންމަހުގެ ޖައްވު ތުރުކީވިލާތަށް އަނބުރައި އައުން

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

11 މާރިޗް 2025

އައްސުލްޠާން އަޙުމަދު މިސްކިތުގައި 1932ވަނަ އަހަރު ތުރުކީ ބަހުން ޤުރްއާން ކިޔަވަނީ  (އަތާތުރުކު ލައިބްރަރީން)

ތުރުކީވިލާތުގައި ރޯދަހިފުމަކީ ހަމައެކަނީ ދީނީ ޝަޢީރާއެއް ނޫނެވެ. އެ ކަން ވެފައިވަނީ ތުރުކީވިލާތުގެ އިސްލާމީ ޝަޚުޞިއްޔަތު ޙިމާޔަތްކުރާން ޖިހާދުކުރި މީހުންނާއި، ތުރުކީގެ ބިމުން އިސްލާންދީނުގެ ހުރިހައި ކުލަތަކަކާއި މަލަތަކަކާއި ވިސްނުންތަކެއް މުޅިން ފުހެ ނައްތައިލަން ހަނގުރާމަކުރި  އަތާތުރުކުގެ ލާދީނީ އުޞޫލުތަކާ ދެމެދުގައި ހިނގަމުން ދިޔަ ވަރުގަދަ ކުރިމަތިލުންތަކަކަށެވެ. އަތާތުރުކުގެ ލާދީނީ އުޞޫލުތައް ދުށް ގޮތުގައި ރޯދަހިފުމަކީ ކަޓުމުއްލާކަމުގެ ރަމްޒެކެވެ. ރޯދަހިފުން ބޮޑު ކުށެއްކަމުގައި ހެދުމުގެ ސަބަބުން ތުރުކީވިލާތުގެ މުސްލިމުން ރޯދަހިފައިފައި ވަނީ ސަރުކާރުން އަދަބުދީފާނެތީ ސިއްރިއްޔާތުގައެވެ. 

އަތާތުރުކުގެ ސަރުކާރުން ތުރުކީގެ ރައްޔިތުންނަށް ރޯދަހިފުން މަނާކޮށް ރޯދަމަހުގެ އިޙުތިފާލުތައް ނައްތައިލިޔަސް ތުރުކީގެ ރައްޔިތުންގެ ހިތްތަކުގައި ރަމަޟަންމަހާއި ރޯދައަކީ ބިންވަޅުނެގި އޭގެ މޫތައް އަޑިއަށް ފައިބައި ދުރަށް ދެމިގެން ގޮސްފައިވާ ކަމެކެވެ. ތުރުކީގެ ރަމަޟާނީ އާދަކާދަތަކާއި އިޙުތިފާލުތަކާއި ކުލަތައް ޖީލުތަކުން ޖީލުތަކަށް ވާރުތަކުރަމުން ނަކަލުކުރަމުން ދިޔައެވެ. އެ މީހުން ސަރުކާރުގެ ކަސްތަޅުތަކުންނާއި ހަންމުށިތަކުން މި މަލަތަކާއި އާދަކާދަތައް ސަލާމަތްކުރިއެވެ. ތުރުކީން މި ދަތި އަހަރުތައް ހޭދަކޮށްފައިވަނީ ކިހިނެއްހެއްޔެވެ؟ އެ މީހުން ސަރުކާރާ ދެކޮޅަށް ފައިތިލަ ސާބިތުކުރީ ކިހިނެއްހެއްޔެވެ؟ 

 ދަތިކުރުމުގެ ފެށުން

އަތާތުރުކުގެ ތުރުކީ ޖުމްހޫރިއްޔަތު ޤާއިމުކުރެވުނީ 1923ވަނަ އަހަރުއެވެ. އެހެނަސް އޭނާ ދީނާ ކޯޅޭން ފެށީ އޭގެ އެއް އަހަރު ފަހުންނެވެ. 1924ވަނަ އަހަރުގެ މާރިޗުގައި އޭނާ އުޘްމާނީ ޚިލާފަތު އުވައިލިއެވެ. މި ކަމާ ވިދިގެން ވުޒާރަތުއްޝަރީޢަތި ވަލްޤާނޫނި އުވައިލައި ޝަރުޢީ ކޯޓުތައް ނައްތައިލިއެވެ. މި ފިޔަވަޅާ ވިދިގެން އޭނާގެ ޝައިޠާނީ އެޖެންޑާގެ ދަށުން ދައުލަތުން ދީނުގެ ހުރިހައި ކުލަތައް ފުހެލުމުގެ މަސައްކަތަށް ދޮރު ހުޅުވިގެން ދިޔައެވެ.

މުޞްޠަފާ ކަމާލު އަތާތުރުކު އޭނާގެ މަސައްކަތް މި ހިސާބުން ހުއްޓައެއް ނުލައެވެ. ތުރުކީގެ ޢާންމު ޙަޔާތުން އިސްލާންދީން ފުހެލުމުގެ މަސައްކަތުގައި އޭނާ ކުރިއަށް ދިޔައެވެ. މި ކަމާ ވިދިގެން ދީނީ މަދުރަސާތައް އުވައިލިއެވެ. ކިޔަވައިދިނުމާއި އުނގަންނައިދިނުން ދައުލަތުގެ ފުރިހަމަ ބާރުގެ ދަށަށް ގެނައެވެ.

އަތާތުރުކު އޭނާގެ ނުބައި ރޭވުންތަކާ އެއް ގޮތަށް 1926ގައި އިސްލާމީ ކަލަންޑަރު ބޭނުންކުރުން މަނާކުރިއެވެ. ދައުލަތުގެ ހުރިހައި ކަމެއްގައި މީލާދީ ކަލަންޑަރަށް ޢަމަލުކުރާން މަޖްބޫރުކުރިއެވެ. މި ކަމާ ވިދިގެން އިސްލާމީ ހުރިހައި މުނާސަބަތުތަކެއް ދައުލަތުގެ ރަސްމިއްޔާތުން އުވިގެންދިޔައެވެ. ރަމަޟާންމަހެއް ނާދެއެވެ. ޙައްޖުމަހެއް ނުވެއެވެ. މުޙައްރަމު މަހެއް ނާދެއެވެ. ދީނީ އިޙުތިފާލުތައް މީހުން ބާއްވަމުން ފާހަގަކުރަމުން ދިޔައީ ވަގަށެވެ. ދައުލަތުން އެ ކަން ކުރާ މީހުންނަށް އަދަބުދެމުންދާތީއެވެ.

ތުރުކީގެ ތާރީޚު ދިރާސާކުރައްވާ ދާރިސެއްކަމުގައިވާ ބުންޔާމީން ކޫޖާ އޮޣުލޫ ވިދާޅުވާ ގޮތުގައި ތުރުކީ ޖުމްހޫރިއްޔާއިން ފުރަތަމަކޮޅުގައި ރަމަޟާންމަހު ރޯދަހިފުން މަނައެއް ނުކުރެއެވެ. އެހެނަސް އެ ކަމަށް ވަރަށް ގިނަ ހުރަސްތައް ކުރިމަތިކުރިއެވެ. އެއީ އެދެވޭ ކަމެއް ނޫންކަމަށް ސަރުކާރުން ޢާންމުންނަށް ގޮވައިލަމުން ދިޔައެވެ. 1927ވަނަ އަހަރުގެ އަރުޝީފު ލިޔުންތައް ބުނާ ގޮތުގައި ސަރުކާރުގެ މުވައްޒަފުންނަށް އެ މީހުން ރޯދަހިފަމުންދާކަން ފާޅުކުރުން މަނާކުރިއެވެ. ސަރުކާރުގެ އަތްމަތީ ނޯޓެއްގައި އައިސްފައި ވެއެވެ. "މަސައްކަތުގެ ވެށީގައި ރޯދައަށް ހުރިކަން ހާމަކުރުމަކީ އައު ޖުމްހޫރިއްޔާގެ ރޫޙާ އެކަށީގެންވާ ކަމެއް ނޫނެވެ."

މި ކަމާ ވިދިގެން އޮފީސްތަކުގެ ވެރީން މުވައްޒަފުންނަށް ރަމަޟާންމަހުގައި ފާޅުގައި ކެއުމަށް އަމުރުކުރާން ފެށިއެވެ. ރޯދަވެރީންނަށް ފުރައްސާރަކުރުމަށް ޓަކައި ރަމަޟާން މަހު މެންދުރު އޮފީސްތަކުގައި ކެއިންތައް ބާއްވައި ރޯދަވެރީންނަށް ދަޢުވަތުދީ ރޯދަވީއްލުމަށް އެ މީހުންނަށް މަޖްބޫރުކުރިއެވެ.

މަދަރުސާތަކަށް ބަލާ އިރު ދަރިވަރުންނަށް ރޯދަނުހިފުމަށް އަމުރުކޮށް އިސްލާމީ ތަރުބިޔަތާ އެ ކުދީން ދުރުހެލިކުރަމުން ދިޔައެވެ. ދަރިވަރުން ރޯދަ ނުހިފާކަން ކަށަވަރުކޮށްދިނުމަށް ޓަކައި މުދައްރިސުންގެ ކުރިމަތީގައި އެ ކުދީންނަށް ފެން ބޯން މަޖުބޫރުކުރިއެވެ. މުދައްރިސުން ދަރިވަރުންނަށް ރޯދަނުހިފުމަށް ނަސޭހަތްދެމުން ބުންޏެވެ. "ތަޢުލީމު އުނގެނުމަށް ޓަކައި ޖިސްމާނީ އަދި ޢަޤްލާނީ ހަކަތައަށް ބޭނުންވާނެއެވެ. ރޯދަހިފައިގެން މި ހަކަތައެއް ނުލިބޭނެއެވެ."

ޢަސްކަރިއްޔާއަށް ބަލާއިރު ސިފައިން ދީނާ ދުރުހެލިކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ބާރަށް ވަރަށް ހަލުވިކޮށް ވަރަށް ހަރުކަށިކަމާ އެކުގައެވެ. 1931ވަނަ އަހަރުގެ އަރުޝީފުތައް ބުނާ ގޮތުގައި ކެއިންބުއިމުގެ މޭޒުތަކަށް އޮފިސަރުން ވަރަށް ބޮޑަށް ފާރަލަމުންދިޔައެވެ. ސިފައިންގެ މީހަކު ނުކައި އިން ނަމަ ވަގުތުން މަސްއަލަ ތަޙުޤީޤުކޮށް "ޖުމްހޫރީ ލަޝްކަރުގެ ރޫޙާ ޚިލާފު މީހެއްކަމަށް ތުހުމަތުކޮށް" އަދަބުދިނެވެ. މި އަދަބުން ސަލާމަތްވުމަށް ޓަކައި އެ މީހުން ކައި ހެދިއެވެ. އެހެނަސް ބައެއް ސިފައިން ޗުއްޓީ ތެރޭގައި ސަރުކާރަށް ސިއްރުން ރޯދަހިފައިފައި ވެއެވެ.

ނަވާރަ ސަތޭކައިގެ ތިރީހުގެ އަހަރުތަކުގައި ތުރުކީ ސަރުކާރުން މުސްލިމުންނާ ދެކޮޅަށް ގެންގުޅުނު ސިޔާސަތު ވަރަށް ބޮޑަށް ހަރުކަށިކުރިއެވެ. މިސްކިތްތަކާއި ބަންގިއާއި ރަމަޟާނީ އާދަކާދަތައް ފުހެލުމަށް ސަރުކާރުން ފިޔަވަޅުތައް އެޅިއެވެ. މި ކަމާވިދިގެން ސަރުކާރާ ޢާންމު ރައްޔިތުންނާ ދެމެދުގައި ފާޅައި ސިއްރުގައި ކުރިމަތިލުންތައް ހިނގިއެވެ.

ތުރުކީގެ ޖުމްހޫރިއްޔަތު ދުވަހު ނޫސް ބުނެފައިވާ ގޮތުގައި ރޭގަނޑު ހާރުދަމު ސިފައިން ނުކުމެ ހާރުދަމަށް ބެރުޖެހުން މަނާކުރިއެވެ. އެ މީހުން ބުނާ ގޮތުގައި "އެއީ އައު ޖުމްހޫރިއްޔާގެ ރޫޙާ ނުގުޅޭ ބައު އާދައެކެވެ."

ދޮލްމާ ބަހްޖަތު ގަނޑުވަރުގައި ތުރުކީ ބަހުން ބަންގި ގޮވުން (އަތާތުރުކު ލައިބްރަރީ)

ލާދީނިއްޔަތުކަން ރަސްމީކުރުން

1928ވަނަ އަހަރު ތުރުކީގެ ދުސްތޫރު ބަދަލުކުރިއެވެ. މި ޤާނޫނުގައި އިސްލާމް ދީނަށާއި އިސްލާމީ ޝަރީޢަތަށް ޤާނޫނީ ހައިސިއްޔަތުން ވެސް އަދި އިޖުތިމާޢީ ހައިސިއްޔަތުން ވެސް އެއްވެސް މަރުޖައެއް ދީފައެއް ނުވެއެވެ.

"ދައުލަތުގެ ދީނަކީ އިސްލާމްދީން"ކަމަށް ބުނާ ޢިބާރާތް އަތާތުރުކުގެ އައު ޤާނޫނުއަސާސީގައެއް ނެތެވެ. މި ނައްޞުގެ ދަށުން ތުރުކީގެ ދައުލަތަށް ލިބިފައި އޮތް ތާރީޚީ އިސްލާމީވަންތަކަން މަޑުމަޑުން ފުހެލަމުންދިޔައެވެ. މި ދައުލަތް ބަދަލުވެގެން ދިޔައީ އެ ދައުލަތުގެ ހުރިހައި މުއައްސަސާތަކެއް އިސްލާންދީނާ ހަނގުރާމަކުރާ ސިޔާސީ ކިޔާނަކަށެވެ. ޖުމްހޫރިއްޔަތު ދުވަހުނޫސް ބުނެފައިވާ ގޮތުގައި ރަމަޟަންމަހު ސައިހޮޓާތަކާއި ކޮފީޝޮޕުތަކާއި ކާތަންތަން ހުޅުވައިފައި ބެހެއްޓުމަށް ސަރުކާރުން ވަނީ އަމުރުކޮށްފައެވެ. މިއީ ޢުޘްމާނީ ޚިލާފަތުގެ ވެރިކަމުގައި މުޅީން މަނާކަންތައްތަކެކެވެ.

މީގެ އިތުރަށް ރޯދަވެރީންނަށް ޖެއްސުންކުރުމުގެ ގޮތުން ރަމަޟާންމަހު ސަރުކާރުގެ މުވައްޒަފުންނަށް ހިލޭ ކާންދިނެވެ. އަދި މި ކެއިން ކެއުމަށް ވެސް މަޖުބޫރުކުރިއެވެ. މި ކެއިން ކެއުމާ ދެކޮޅުހަދާ މީހަކީ އައު ޖުމްހޫރިއްޔަތުގެ ގިޔަމާ ޚިލާފު މީހެއްކަމަށް ބެއްޔެވެ.

ޝަޚުޞިއްޔަތު އަނބުރައި އައުން

އިސްލާމީ ތާރީޚުގެ ދާރިސެއް ކަމުގައިވާ ފައުޒީ ޔެލްޓިން ވިދާޅުވާ ގޮތުގައި އިސްލާމީ  މަލަތައް  ތުރުކީން އަލުން ފެންނަން ފެށީ ފަންސާހުގެ އަހަރުތަކުގައެވެ. އެއީ ގިނަ ޕާޓީތަކުގެ ސިޔާސީ ޙަޔާތެއް ތުރުކީއަށް އައުމާ ވިދިގެންނެވެ. 1950ގައި ބޭއްވުނު ބަރުލަމާނީ އިންތިޚާބުގައި ޢަދުނާން މެންދަރީސްގެ ޑިމޮކްރެޓިކް ޕާޓީއަށް ވަރަށް ބޮޑު ކާމިޔާބެއް ލިބި ތުރުކީގެ ބޮޑުވަޒީރުކަމަށް މެންދަރީސް އިންތިޚާބުކުރެވުނެވެ. މި ކަމާ ވިދިގެން ތުރުކީގައި ވެރިކަން ކުރަމުން އައި އަތާތުރުކުގެ ޖުމްހޫރީ ޕާޓީ ފުރަތަމަ ފަހަރަށް ބަލިވިއެވެ. މެންދަރިސްގެ ވެރިކަމުގައި ތުރުކީގައި އަރަބިބަހުން އަލުން ބަންގި ގޮވާން ފެށުނެވެ. ހުރިހައި މަދުރަސާތަކެއްގައި ދީނީ ތަރުބިޔަތު މާއްދާ އަލުން ކިޔަވައިދޭން ފެށުނެވެ. ތުރުކީގެ ލާދީނީ ޤާނޫނޫއަސާސީއާ ޚިލާފުވެވަޑައިގަތުމުގެ ކުށުގައި ތުރުކީ ސިފައިން ޢަސްކަރީ އިންޤިލާބެއް ގެނެސް ޢަދުނާން މެންދަރިސްއަށް މަރުގެ އަދަބުދިނެވެ.

ތުރުކީގެ ތަޖުރިބާއިން އެނގެނީ ދީން މަރައިލާން ކިތަންމެ ވަރަށް އުޅުނަސް ދީން މަރައިނުލެވޭނެ ކަމެވެ. އެ ކަމަށް ސަރުކާރުން މަސައްކަތް ކުރިވަރަކަށް ޢާންމު ރައްޔިތުން ދީނުގައި ހިފެހެއްޓުން ވަރުގަދަވެ ދީން ދިފާޢުކުރުމަށް ނުކުންނާނެތެވެ. ތުރުކީ ސަރުކާރުން ކުރީގެ ދަހަރުތަކުގައި މަސައްކަތްކޮށްފައި ވަނީ ދީނުގެ މަލަތަކާއި އާދަކާދަތައް ޢަންމުންގެ ލޯތަކަށް ވަންހަނާކުރުމަށެވެ. ނަތީޖާއަކަށް ވީ އެ ދީން އެމީހުންގެ ޟަމީރުގައި ވަރުގަދައަށް ހެދި ބޮޑުވާން ފެށުމެވެ. އެއްވެސް ސިޔާސީ ކަސްތަޅުއެޅުވުމަކާ ނުލައި އިސްލާންދީން މިއަދު ވަނީ ތުރުކީގެ ފަސްގަނޑަށް އަނބުރައި އައިސްފައެވެ. ތުރުކީގެ އަޞާލަތްތެރި ވަޠަނީ ޝަޚުޞިއްޔަތަކަށް އިސްލާމްދީން ވެފައެވެ.

 

ބައެއް ލަފުޒުގެ މާނަ:

އަރުޝީފު    ނ.    (1) ތާރީޚީ ނުވަތަ އެހެންވެސް ގޮތަކުން އަގުހުރި ލިޔުމާއި ކުރެހުން ފަދަ ތަކެތި ރައްކާކޮށްފައި ބަހައްޓާ ތަން. (2) ތާރީޚީ ނުވަތަ އެހެންވެސް ގޮތަކުން އަގުހުރި ލިޔުމާއި ކުރެހުން ފަދަ ތަކެތި ރައްކާކުރުމުގެ މަސައްކަތް ކުރާ އިދާރާ.

ގިޔަމު      ނ.     ސަގާފަތާއި އާދަކާދައާއި އިޖުތިމާއީ ގުޅުންތަކުގެ ތެރެއިން މުޖުތަމަޢެއްގައި ބަލައިގެންފައިވާ އަޚުލާޤީ މީޔާރުތައް ނުވަތަ އާންމު މިންގަނޑުތައް. 

ކޮމެންޓު