ad_banner
ފަރުޢީ އިޚުތިލާފުގެ ސަބަބުން މުޖުތަމަޢު ބައިބައިނުކުރަމާތޯއެވެ!

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

9 މާރިޗް 2025

މިސްކިތެއްގައި ނަމާދުކުރަނީ

މީގެ އަށްސަތޭކަ އެތައް އަހަރެއްގެ ކުރީއްސުރެ ދިވެހީން މި އަންނަނީ އިސްލާމީ އުޞޫލުތައް ދަމަހައްޓަމުންނެވެ. އިސްލާމް ދީނަށް ތަބާވެ އެ ދީނުގެ ޝިޢާރުތައް ނަގަހައްޓަމުންނެވެ. ﷲ ގެ އުލޫހިއްޔަތާއި ރުބޫބިއްޔަތަށް ފުރިހަމަޔަށް އީމާންވެގެންނެވެ. ތާރީޚުން ފެންނަން އޮތީ ވެސް ދިވެހީންނަކީ އިސްލާމް ދީނަށް ލޯބިކުރާ ބަޔެއްކަމުގައެވެ.

ފުންކޮށް ވިސްނައިފި އެއްވެސް މީހަކަށް ވަންހަނާވެގެން ނުވާނޭ ފަދައިން މުޅި އިސްލާމް ދީން ބިނާވެފައިވަނީ ޞުލްޙަމަސަލަސްކަމާއި އަމާންކަމުގެ މައްޗަށެވެ. ރީތި އަޚުލާޤާއި ސުލޫގެ މައްޗަށެވެ. ފަރުދީ އަދި އިޖުތިމާޢީ މަޞްލަޙަތުގެ މައްޗަށެވެ. މުޅި ޝަރީޢާގެ މަޤާޞިދު ބިނާވެފައިވަނީ މި އަސާސްގެ މަތީގައެވެ.

އާދޭހެވެ! އެއްވެސް ޝައްކެއް ނެތް ގޮތުގައި "އިސްލާމީ ޝަރީޢާގެ މަޤްޞަދަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަން އިންސާނާއަށް ހޯދައިދިނުމެވެ. އެހެންކަމުން މި ޝަރީޢާ އައިސްފައި ވަނީ އިންސާނާގެ މަޞްލަޙަތު ރައްކާތެރިކޮށްދިނުމަށެވެ. ދުނިޔެމަތީގައި އިންސާނާއަށް ހިތްހަމަޖެހުމާއި ފައިދާއާއި ލާބަހުރި އެންމެހައި ކަންކަމަށް މަގުފަހިކޮށްދިނުމާއެކު، ގެއްލުން ހުރި އެންމެހައި ކަންތައްތަކުން އިންސާނާ ސަލާމަތް ކޮށްދިނުމަށެވެ." (ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ).  

މި އަސާސްގެ މައްޗަށް ރިޢާޔަތްކޮށް އެއްޗެއް ދަންނަވާ ނަމަ، މުޅި އިސްލާމީ ޝަރީޢާގެ މައިގަނޑު މަޤްޞަދަކީ އިންސާނީ މަޞްލަޙަތުތައް ޙިމާޔަތްކުރުންކަން އެއްވެސް އޮޅުމެއް ނެތި ހާމަވެއެވެ. އެހެންކަމުން މަޞްލަޙަތަކީ ކޮބައިކަން ދެނެގަތުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.

މަޞްލަޙަތަކީ އެންމެ ސާދާކޮށް ދަންނަވާ ނަމަ، އެއީ އެންމެ ލާބަހުރި ގޮތެވެ. ނުވަތަ ފައިދާހުރި ގޮތެވެ. ނުވަތަ ބޭނުންވާ ގޮތެވެ. ޝައުޤުހުރި ގޮތެވެ. އިނގިރޭސިބަހުން މި ލަފުޒުގެ މާނައެއް ކަމަށް ބުނަނީ interest  ނުވަތަ benefit ކަމުގައެވެ. އަނެއް މާނައަކީ peace  އެވެ. އަމާންކަމެވެ. މިއިން ކޮންމެ މާނައަކީވެސް ސިޔާގަށް (ކޮންޓެކްސްޓަށް) ބަލައިގެން ކުރެވޭނެ މާނައެވެ.

"މަޞްލަޙަތު" މި ލަފުޒުގެ މާނައެއްކަމަށް ދިވެހިބަހުގެ ރަދީފުގައި އޮތީ "ބަޔެއްގެ ތެރޭގައި އޮންނަ ރީތި، އޮމާން، ސުލްހަވެރި، ހަމަޖެހޭ ގޮތް"ކަމަށާއި އެއީ "ކަމެއްގައި ހިމެނޭ މީހެއްގެ މާލީ ނުވަތަ އެހެން ވެސް ފައިދާ ނުވަތަ ހައްގު ނުވަތަ ޒިންމާ"ކަމަށެވެ. އަދި އެ ލަފުޒުގެ އެއް މާނައަކީ "މަސަލަސް"ކަމަށް ވެސް އޮވެއެވެ. ޢަރަބި-އިނގިރޭސި ޑިކްޝަނަރީތަކުގައި މި ލަފުޒު މާނަކޮށްފައި ހުންނަނީ ކުރީން ވެސް ދެންނެވި ފަދައިން "ފައިދާ ހުރި ގޮތް"ކަމުގައެވެ. "އެންމެ ލާބަހުރި ގޮތް"ކަމުގައެވެ. ނުވަތަ "އެންމެ ބޭނުންވާ ގޮތް" ކަމުގައެވެ.
 މުޅި އިސްލާމީ ޝަރީޢާ ބާވައިލެއްވީ ހިތްތަކުގެ ބަލިތަކަށް ތެދު މަގެއް ކަމުގައްޔާއި މުއުމިނުންނަށް ތެދުމަގާއި ރަޙުމަތެއްކަމުގައެވެ. "يَا أَيُّهَا النَّاسُ قَدْ جَاءتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاء لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ"  (سورة يونس: 57). އެހެންކަމުން އިސްލާމީ ޝަރީޢާ ބިނާވެފައިވަނީ އިންސާނީ މަޞްލަޙަތުގެ މައްޗަށްކަމާ މެދަކު ޝައްކެއް ނެތެވެ.

الإمام ابن القيم  ވިދާޅުވެފައިވާ ގޮތުގައި މަޞްލަޙަތަކީ ހިތްހަމަޖެހުމާއި ލައްޛަތެވެ. އަދި ނިޢުމަތާއި އުފާވެރިކަމެވެ. އަދި އެފަދަ ކަންކަމަށް މަގުފަހިކޮށްދޭ ކަންކަމެވެ. އާދެ! "المصلحة هى اللذّة والنّعيم وما يقضى إليه"އެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި ނިޢުމަތާއި އުފާވެރިކަމާއި ހިތްހަމަޖެހުން ލިބޭނީ ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބިގެންނެވެ. ހަމައެކަނި ދުނިޔޭގެ ވަގުތީ އުފާ ލިބުނަސް އެއީ (ޙަޤީޤީ) ހިތްހަމަ ޖެހުމެއް ކަމަށް ނުވާނެއެވެ. އެހެންކަމުން ޙަޤީޤީ މަޞްލަޙަތަކީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމެވެ. މަޞްލަޙަތުގެ މުރާދަކީ ދީނާއި ދުނިޔޭގެ މަޞްލަޙަތެވެ.

ކަންހުރީ މިހެންކަމުގައި ވާއިރު މިއަސާސާ ޚިލާފުވާ ގޮތަށް ކަންކުރުމަކީ ހަމަ އެއްވެސް މީހެއްގެ މައްޗަށް ހުއްދަވެގެންވާނެ ކަމެއްކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އެހެނީ އާދައިގެ މައް މީހަކު އޭނާގެ އާދައިގެ ވިސްނުމަކުން ވިސްނިޔަސް އެއްވެސް ކަމެއްގެ މަޤުޞަދު ޙާޞިލުނުވާ ގޮތަކަށް އެއްވެސް ކަމެއް ކުރުމަކީ ހުއްދަވެގެންވާނެ ގޮތެއް ނޫނެވެ. ދީނުގެ ކަންކަމުގައި އަޅުގަނޑުމެންގެ ތެރޭގައި ޚިލާފު އުފެދިގެން ނުވާނެ ކަންކަމުގައި ވެސް ކުދިކުދި ރަށްރަށުގެ އަހުލުވެރީންގެ މެދުގައި ބައިބައިވުން އުފެދި ފިތުނަފަސާދައަށް މަގުފަހިވެފައި އެބަހުއްޓެވެ. މިއީ ހިތާމަހުރިކަމެކެވެ. މިސާލަކަށް ނަމާދުގައި އަލްޙަމްދާއި ސޫރަތް ކިޔާވާ އިރު ބިސްމި ކިޔުމާއި ނުކިޔުމާއި ބާރަށް ކިޔުމާއި ސިއްރުން ކިޔުމުގެ މައްސަލައެވެ.

އެންމެ މިސާލެއް ދަންނަވައިލާނަމެވެ. ރާއްޖޭގެ ރަށެއްގެ ވަރަށް ރީތި މިސްކިތަކަށް ވަރަށް ފަހުން މި ހުސްވި ފެބްރުވަރީ މަހުގެ ތެރޭގައި ދެވަނަ އިމާމަކު ހަމަޖެއްސެވިކަމަށް ވެއެވެ. އެ މިސްކިތަކީ ވަރަށް ދުރުއްސުރެ މީސްތަކުން އައިސް ކުރީން ހުންނެވި އިމާމުގެ ފަހަތުގައި ވަރަށް އުފަލުން ނަމާދުކުރަމުން އައި މިސްކިތެކެވެ. އެއީ ޒަމާނުއްސުރެ ދިވެހިރާއްޖޭގައި އާދަވެފައިވާ ގޮތަށް ޖަހުރިއްޔަ ނަމާދުތަކުގައި سورةالفاتحة ކިޔަވާ އިރު، އެ ސޫރަތުގެ ހުރިހައި އާޔަތެއް ވެސް ކިޔަވާ ބާރު މިނުގައި އެ ސޫރަތުގެ ފުރަތަމަ އާޔަތްކަމަށްވާ بسم الله الرحمن الرحيمވެސް ކިޔަވާތީ އެ ކަމަށް ޓަކަށް އެ ކަމާ ރުހޭ ގިނަ ބަޔަކު ޖަމާވާ މިސްކިތެކެވެ. ނަމަވެސް ފަހުން މި ވަޑައިގަތް ދެވަނަ އިމާމު އެހެން މީހުންގެ އިޙުސާސްތަކަކަށް ރިޢާޔަތްކުރެއްވުމެއް ނެތި މިޙުރާބުގޭ ތެރެއިން މިސްކިތަށް ވަދެވަޑައިގެން ނުކުމެވަޑައިގެން އިމާމުވެ ނަމާދުކުރައްވާ އިރު، سورةالفاتحةގައި بسم الله الرحمن الرحيم ވިދާޅުވުން (ހަމަ ކަށަވަރުން ވެސް މީހުންނަށް އިވޭ ވަރަށް ވިދާޅުވުން) ހުއްޓަވައިލެއްވީއެވެ. މި މިސްކިތަށް އަންނަ މީހުންގެ 99% މީހުންނަކީ ބާރަށް ބިސްމި ކިޔާތީ މިސްކިތަށް އަންނަ ބަޔެއްކަމަށާއި، އެހެންވީމާ ކުރީން ވެސް މި މިސްކިތުގައި އިމާމުވެ ނަމާދުކުރައްވާ އިމާމާ ނަމާދުކުރައްވާ އިރު، سورةالفاتحة ކިޔާ ގޮތަށް، އެއް އާޔަތް ވެސް އިސްތިސްނާ ނުކޮށް ހުރިހައި އާޔަތެއް ވެސް ބާރަރަށް ވިދާޅުވެދެއްވާންވީ ނޫންތޯ ދެންނެވުމުން އެ މީހުންނާ ވަރަށް ހުތުރުބަހުން މުޢާމަލަތުކުރައްވައި، بسم الله الرحمن الرحيم ބާރަށް ކިޔާނީ ފާސިޤު، ފާސިދު މީހުންނޭ، ތިމަންނާއަކީ ޙަނަފީއެކޭ ވިދާޅުވެ بسم الله الرحمن الرحيم ބާރަށް ކިޔާ މީހުންނާއި އެ ގޮތަށް ރައުޔު ދެއްވައިފައިވާ ހުރިހައި ޢިލްމުވެރީންނާއި އިމާމުންނަށް ހުތުރުބަހުން މުޚާޠަބުކޮށް ހެއްދެވިކަމަށް މި މަންޒަރު ދުށް މީހުން ބުނެއެވެ. އަދި މުޙަންމަދު ޖަމީލުދީދީއާއި މި ނޫނަސް ރާއްޖޭގެ ގިނަ ބަޔެއްގެ ލޯބި ލިބިފައިވާ ބައެއް ޢިލްމުވެރީންނަށް ވަރަށް ހުތުރު ބަސްތައް ރައްދުކުރެއްވިކަމަށް ވެއެވެ. މި ވާހަކަ ކަމާ ބެހޭ އިދާރާތަކުގެ މަޢުލޫމާތަށް ޓަކައި ދެންނެވިކަމަށް ވެސް އެ ހާދިސާ ތަޖުރިބާކުރެއްވި ބައެއް ބޭފުޅުން ވިދާޅުވެއެވެ.

އެހެންނަމަވެސް ދުނިޔޭގެ ބޮޑެތި އެކިއެކި އިސްލާމީ ޤައުމުތަކުގެ ބޮޑެތިބޮޑެތި އިމާމުން، ޖަހުރިއްޔަ ނަމާދުގައި "بسم الله الرحمن الرحيم" ވިދާޅުވަނީ ބާރަށެވެ. ބުރޫނާއި ދާރުއްސަލާމާއި މެލޭޝިއާއާއި އިންޑޮނޭޝިއާއަކީ ވެސް ބޮޑެތިބޮޑެތި ޢިލްމުވެރީން ތިއްބެވި ގައުމުތައްކަމަށް ވާއިރު، އެ ގައުމުތަކުގެ ދީނީ ވަހުދަތު ޙިމާޔަތްކުރެއްވުމަށް ޓަކައި سورةالفاتحة ކިޔަވާ އިރު، ޖަހުރިއްޔަ ނަމާދުތަކުގައި، އެ ސޫރަތުގެ ފުރަތަމަ އާޔަތްކަމަށްވާ بسم الله الرحمن الرحيم ކިޔަވަނީ ބާރަށެވެ. އަދި ޚުދު މައްކާގެ ބައެއް މިސްކިތްތަކުގެ އިމާމުން ވެސް އަޑުއަރުކޮށް بسم الله الرحمن الرحيم މިދާޅުވެއެވެ.

އެހެންވީމާ ތަންކޮޅެއް ތަފުޞީލުކޮށް ބިސްމީގެ ވާހަކަ ދައްކައިލަމާތޯއެވެ؟

އަލްއިމާމުއްޝާފިޢީ ރަޙިމަހުﷲ ވިދާޅުވަނީ އަޑުހަރުކޮށް ކިޔަވާ ނަމާދުގައި އަޑުހަރުކޮށް، އެ ނޫން ނަމާދުތަކުގައި ސިއްރުން ބިސްމި ކިޔާންވާނެކަމުގައެވެ. އެއް ރިވާޔަތެއްގައިވާ ގޮތުން ޢުމަރުގެފާނާއި ޢަލީގެފާނާއި ޢައްމާރުބްނި ޔާސިރު ވިދާޅުވަނީ، ސިއްރިއްޔަ ނަމާދެއްގައި ވިޔަސް ޖަހުރިއްޔަ ނަމާދެއްގައި ވިޔަސް ސިއްރުން ނޫނީ ބިސްމިއެއް ނުކިޔޭނެކަމުގައެވެ. އަހުލުބައިތުންކުރެ ފިޤުހުވެރީންގެ ޖަމާޢަތެއްގެ ބޭކަލުން ވިދާޅުވަނީ ހުރިހައި ނަމާދެއްގައި ވެސް ބިސްމި ކިޔާންވާނީ އަޑުހަރުކޮށެވެ. އިމާމު މާލިކުގެފާނުގެ ކިބައިން ރިވާވެފައިވާ އެއް ރިވާޔަތެއްގައި ވާ ގޮތުން އަޑުހަރުކޮށްވެސް ސިއްރުން ވިޔަސް ބިސްމިއެއް ނުކިޔޭނެއެވެ.

މި ކަމުގައި ފާހަގަކޮށްލާންޖެހޭ ކަމަކީ މިއިން ކޮންމެ ބޭކަލަކު ވެސް އެ ބޭކަލެއްގެ ރައުޔު ނެރުއްވައިފައި ވާނީ، އެ ބޭކަލަކަށް ފެނިވަޑައިގަތް ހެކިތަކެއްގެ އަލީގައި ނުހަނު އިޚުލާޞްތެރިކަމާ އެކު ދީނަށް ޓަކައިކަމެވެ. ވީމާ މި ރައުޔުތަކުގެ ތެރެއިން އެ މީހަކު އެއްވެސް ތަޢައްޞުބެއްނެތި އިޚުލާޞްތެރިކަމާއެކު ބުރަވި ރައުޔަކީ، އަޅުގަނޑު ބުރަވާ ގޮތްކަމަށް ނުވިޔަސް އެއީ ތިމާގެ އަނެއް އަޚާ ކާފިރުކޮށް ފަސާދަ އުފައްދާންޖެހޭނެ ކަމެއްނޫނެވެ. މިއިން އެއްވެސް ގޮތަކީ ގޯސް ގޮތެކޭ އަޅުގަނޑުމެންނަކަށް ނުބުނެވޭނެއެވެ. މި ފަދަ ޙާލަތުގައި ވެސް ދީނުގައި އޮންނަ އުޚުއްވަތްތެރިކަމާއި މުސާވާތުގެ ރީތި އުޞޫލު ދަމަހައްޓާން ޖެހޭނެއެވެ. އަދި ދީނުގެ މައިގަނޑު އެއް އަސާސް ކަމުގައިވާ މަޞްލަޙަތަށް އިސްކަންދޭންޖެހޭނެމެއެވެ.

ވީމާ، ޖަހުރިއްޔަ ނަމާދުތަކުގައި بسم الله الرحمن الرحيم ބާރަށް ކިޔާތީ ނުވަތަ ސިއްރުން ކިޔާތީ އެއީ ޖާހިލުކަމެކޭ ނުވަތަ ފާސިޤުކަމެކޭ ބުނެވޭނެތޯއެވެ؟ ހަމަ ކަށަވަރުން ވެސް ބަސްމަލާއަކީ ސޫރަތުލްފާތިޙާގެ ފުރަތަމަ އާޔަތެވެ. އެ ސޫރަތުގެ އެއް އާޔަތް ބާރަށް ކިޔުމަކީ ފާސިޤުންގެ ކަމަކަށް ވަނީ ކީއްވެބާވައެވެ؟ މި ކަމާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ހަތްވަނަ ފަތުވާ (ނަންބަރު:03/2018/466)ގައި 2018ވަނަ އަހަރު މާރިޗު މަހު ހަވަނަ ދުވަހު އަންނަނިވި ޢިބާރާތުން ވަނީ ފަތުވާ ދެއްވައިފައެވެ.

[بسم الله الرحمن الرحيم އަކީ سورةالفاتحةގެ އެއް އާޔަތްކަން، ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުން ސާބިތުވެއެވެ. ކޮންމެ ނަމާދެއްގައި ވެސް سورةالفاتحة ކިޔެވުމަކީ ފަރުޟެކެވެ. سورةالفاتحة ނުކިޔަވައި އެއްވެސް ނަމާދެއް ޞައްޙަ ނުވާނޭކަމަށް، ކީރިތި ރަސޫލާގެ ސުންނަތުގައި ވާރިދުވެފައިވެއެވެ.

ޖަހުރިއްޔަ ނަމާދުތަކުގައި ސަލާމާއި ޞަލަވާތްލެއްވި ރަސޫލާ، سورةالفاتحة ވިދާޅުވުމަށް ފައްޓަވާ އިރު، بسم الله الرحمن الرحيم ބާރަށް ވިދާޅުވިކަން، އެ ކަލޭގެފާނުގެ ސުންނަތުން ސާބިތުވެއެވެ. އަދި ބައެއް ފަހަރު ސިއްރުން ވިދާޅުވިކަން ވެސް ސާބިތުވެއެވެ.

މި މައްސަލަ މިހާ ސާފުކޮށް އޮޅުމެއް ނާރާ ގޮތަށް އޮތުމުން، ދިވެހިރާއްޖޭގެ ރައްޔިތުން ޒަމާނުއްސުރެ، ފަރުޢީ ޙުކުމްތަކުގައި ޢަމަލުކުރަމުން އަންނަނީ ޝާފިޢީ މަޒުހަބުގައިވާ ގޮތަށްކަމަށް ވާތީ، ދިވެހިރައްޔިތުންގެ ދީނީ ވަޙުދަތު އާލާކޮށް، މުޖުތަމަޢުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް ޓަކައި، އިމާމުވެ ނަމާދުކުރާ ކޮންމެ މީހަކު، ޖަހުރިއްޔަ ނަމާދުތަކުގައި ޢަމަލުކުރުން އެންމެ ރަނގަޅު ގޮތަކީ سورةالفاتحة ކިޔަވާން ފަށާ އިރު، بسم الله الرحمن الرحيم ބާރަށް ކިޔުމެވެ.] 

ދިވެހިރާއްޖޭގެ ފަތުވާއާ ބެހޭ އެންމެ މަތީ މަޖުލީހުން މި އޮތީ ވަރަށް ސާފުކޮށް ޞަރީޙަކޮށް ފަތުވާއެއް ނެރުއްވައިފައެވެ. މިއީ އަޅުގަނޑު ހަދައިގެން ދައްކާ ވާހަކައެއް ނޫނެވެ. މި ފަތުވާ އެ އޮތީ އެ އިދާރާގެ ވެބްސައިޓުގައި އަދި ވެސް ފެންނާށެވެ. ވީމާ ޖާހިލުންނަށް ވަނީ، ނުވަތަ، ފާސިޤުންނަށް ވަނީ މި ފަތުވާއާ އެއް ގޮތަށް ޢަމަލުކުރާ މީހުންތޯ ނުވަތަ ނޫންތޯ ނިންމަވާނީ ތިޔަ ކިޔުންތެރީންނެވެ. 

އެނގިވަޑައިގަންނަވާނޭ ފަދައިން މި ބާވަތުގެ ފަރުޢީ މައްސަލަތަކުގައި ހުންނަ އިޚުތިލާފުތައް މާ ބޮޑު އެއްޗަކަށް ހަދައިގެން އެއް ބަޔަކު އަނެއް ބަޔަކު ކާފިރުކުރާކަށް ހެޔޮ ނުވާނެއެވެ. އަދި ޢަމުދުން ގިނަ ބަޔެއްގެ މެދުގައި މިސްކިތެއްގެ އިމާމަކު މި ފަދަ ވާހަކަތަކެއް ދެއްކެވުމަކީ ވަރަށް ދެރަ ކަމެކެވެ. މި ބާވަތުގެ އިޚުތިލާފީ މައްސަލަތައް އެއީ ބިދުޢައެކޭ ނުވަތަ ޙަރާމްކަމެކޭ ވެސް ނުބުނެވޭނެއެވެ. ބުނެވޭނީ އެއީ އިޚުތިލާފީ މައްސަލައެކޭއެވެ. އެ ވަރުން ޖެހޭނީ ފުއްދައިލާށެވެ. އަދި ޢަމުދުން އިމާމުވެ ނަމާދުކުރައްވާ ބޭފުޅުން ޢަމަލުކުރައްވާން ވާނީ ފަތުވާ މަޖިލީހުގެ ފަތުވާއާ އެއް ގޮތަށްކަމަށް އަޅުގަނޑު ގަބޫލުކުރަމެވެ. މި ފަތުވާ ގަބޫލުފުޅު ނުކުރައްވާ ނަމަ، އިމާމުވެ ނަމާދުނުކުރައްވައި އަމިއްލަފުޅު ރައުޔާ އެއް ގޮތަށް އަމިއްލަފުޅަށް ނަމާދުކުރެއްވިޔަސް މައްސަލައެއް ނޫންތާއެވެ.

މި ބާވަތުގެ އިޚުތިލާފީ މައްސަލަތައް ބައިވަރެވެ. ފަތިސް ނަމާދުގައި ޤުނޫތު ކިޔުމުގެ މައްސަލައެވެ. މޭމަތީގައި ޙަރަމްބަނުމާއި ފޫޅާއި ކަކުލާ ދެމެދުގައި ޙަރަމްބަނުމާއި ފޫޅުން ތިރީގައި ޙަރަމްބަނުމުގެ މައްސަލައެވެ. އައްތަޙިއްޔާތަށް އިންނަ އިރު ހުއްޓުމެއް ނެތި ޝަހާދަތް އިނގިލި ތަޅުވަތަޅުވައި އިންނަ މައްސަލައެވެ. މި ނޫނަސް ކިތަންމެ ކަމެކެވެ.

ފަރުޢީ މައްސަލަތަކުގައި ހުންނަ މި ފަދަ އިޚުތިލާފުތަކަކީ ހަގީގަތުގައި އެއްވެސް މައްސަލައެއް ނޫނެވެ. ރަސޫލާ ދެ ފަހަރަކު ދެ ގޮތަކަށް ޢަމަލުކުރައްވައިފައިވާތީ އެއިން ކޮންމެ ގޮތެއް ވެސް ރަނގަޅުވާނެއެވެ. މައްސަލައަކަށްވަނީ މިފަދަ ކުދިކުދި މައްސަލަތައް ބިޔަ ބޮޑެތި ފަރުބަދަތަކަށް ހަދައިގެން ބައެއް މީހުން އުޅޭތީއެވެ. މި މައްސަލައިގައި ތިމާ ޤަބޫލުކުރާ ގޮތަށް ކަންކުރާ މީހާއަށް ސަނާކިޔައި އަނެކާ ކާފިރުކުރެވޭ ތަން އަންނާތީއެވެ. ހަޤީޤަތުގައި މިއީ މިއިން އެއްވެސް ކަމަކުން ނުތަނަވަސްކަމެއް ހަމަނުޖެހުމެއް އުފެދިގެންނެއް ނުވާނެއެވެ. މިއިން ކޮންމެ ކަމެއްގައި ވެސް އިސްލާމް ދީނުގެ މައިގަނޑު މަޤުޞަދުތަކުގެ މަތީން ހަނދާން ނައްތައިލައިގެންނެއް ނުވާނެއެވެ.

އިސްލާމް ދީނުގެ އަނެއް އަސާސަކީ ލުއި ފަސޭހަކަމެވެ. މާތް ﷲ ވަޙީކުރައްވައިވެއެވެ." يُرِيدُ اللّهُ بِكُمُ الْيُسْرَ وَلاَ يُرِيدُ بِكُمُ الْعُسْرَ ". ("اللَّه، ތިޔަބައިމީހުންނަށް ލުއިފަސޭހަ ގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ.") (سورة البقرة:185). އަދި މި ފަދައިން ވެސް މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "لاَ يُكَلِّفُ اللّهُ نَفْسًا إِلاَّ وُسْعَهَا لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ رَبَّنَا لاَ تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا رَبَّنَا وَلاَ تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا رَبَّنَا وَلاَ تُحَمِّلْنَا مَا لاَ طَاقَةَ لَنَا بِهِ" ("اللَّه، އެއްވެސް نفسއަކަށް، އެ نفسއަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ تكليفއެއް ނުޖައްސަވައެވެ. އެ نفسއެއް ހޯދި ހެޔޮކަމެއް (ގެ ثواب) އެ نفسއަކަށް ވެއެވެ. އަދި، އެ نفسއެއް ހޯދި ނުބައިކަމެއް (ގެ عقاب) އެ نفسއެއްގެ މައްޗަށްވެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެން ހަނދާންނެތިއްޖެނަމަ، ނުވަތަ، قصدއެއްނެތި އަޅަމެންނަށް ކުށެއް ވެވިއްޖެނަމަ (އެކަމަށް) އަޅަމެންނަށް عقوبات ނުދެއްވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކުރިންތިބި މީހުންނަށް އުފުލުމަށް ޖެއްސެވިފަދަ ބުރަކަމެއް އަޅަމެން އުފުލުމަށް ނުޖައްސަވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް އެ ކަމަކަށް ކުޅަދާނަވެގެން ނުވާކަމެއް އުފުލުމަށް އަޅަމެންނަށް ނުޖައްސަވާނދޭވެ!"). (سورة البقرة:286). އަދިވެސް ވަޙީކުރައްވައިފައިވެއެވެ. "وَمَا جَعَلَ عَلَيْكُمْ فِي الدِّينِ مِنْ حَرَجٍ " ("އަދި دينގައި އުނދަގޫވެގެންވާ ދަތިކަމެއް އެކަލާނގެ ތިޔަބައިމީހުންގެ މައްޗަކަށް ނުލައްވަތެވެ.") (سورة الحجّ:78). ޞަޙީޙުލްބުޚާރީގައި ބަޔާންކުރައްވައިފައިވާ ގޮތުން މީސްތަކުންގެ މައްޗަށް ލުއިކުރެއްވުމާއި ފަސޭހަކުރެއްވުމަށް އިތުރު މާތް ނަބިއްޔާ (ޞައްލަﷲ ޢަލައިހި ވަސައްލަމް) ލޯބިކުރައްވައެވެ. އަބޫ މޫސާ އަލްއަޝްޢަރީގެ ކިބައިން ރިވާވެގެންވާ ގޮތުގައި އެކަލޭގެފާނާއި މުޢާޛު އިބްނި ޖަބަލް، ޔަމަންކަރައަށް ފޮނުއްވި ހިނދު ޙަދީޘްކުރެއްވިއެވެ. "ތިޔަބައި މީހުން (މީސްތަކުންނަށް) ފަސޭހަކުރާށެވެ! ދަތިނުކުރާށެވެ! އަދި އުފާވެރިކަމުގެ ޚަބަރުދޭށެވެ! އަދި ނަފުރަތު ނޫފައްދާށެވެ!"  

މާތް ރުއްސުންލެއްވި ޢާއިޝާ (ރަޟިޔަﷲ ޢަންހާ)ގެ އަރިހުން ރިވާވެގެންވެއެވެ. "ކީރިތި ރަސޫލާއަށް އިޚުތިޔާރު ލިބިވަޑައިގެން ދެ ކަމެއް ހުށަހެޅިއްޖެ ނަމަ، ފާފައެއްކަމުގައި ނުވާހާ ހިނދަކު އެކަލޭގެފާނު ޚިޔާރުކުރައްވަނީ އޭގެ ތެރެއިން އެންމެ ލުއި ފަސޭހަ ގޮތެވެ."

ދީނުގެ ޙުކުމްތަކެއް ހަމަ އެކަނި އެންމެ ޙަދީޘެއްގެ މާނަ ބަލައިލައިގެނެއް ނޭގޭނެކަމަށް ޤަބޫލުކުރާންޖެހެއެވެ. އަޅުގަނޑުމެންގެ ތެރޭގައި ގިނަ އިޚުތިލާފުތައް އުފެދިފައި ހުރީ ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކުގެ (އަމުރުފުޅުތަކާއި އިރުޝާދުތަކުގެ) ޙާލަތަށް ރިޢާޔަތްކުރެއްވުމެއް ނެތި، ބައެއް ބައެއްބޭފުޅުން ހަމައެކަނި ޙަދީޘްފުޅުތަކުގެ މާނައަށް ބައްލަވައިގެން ކަންކަން ނިންމަވާތީއެވެ.

ކުރީގެ ބޮޑެތިބޮޑެތި އިމާމުން މި ފަދަ މައްސަލަތަކުގެ ރައުޔު ނެރުއްވައިފައިވާނީ ޤުރުއާނާއި ޙަދީސަށް ބައްލަވައިގެން އެ އާޔަތެއް ބާވައިލެއްވި ސަބަބާއި، ރަސޫލާގެ ޙަދީސްފުޅެއް ޙަދީސްކުރެއްވި ޙާލަތަށާއި އެ ހަދީސްފުޅެއްގެ ނައްޞުގެ ސިޔާގަށާއި، އެ ދުވަސްވަރު މަދީނާގެ ޢުރުފަށް ރިޢާޔަތްކުރައްވައިގެންކަން ކަށަވަރެވެ. އެ ފަދަ ބޮޑެތި އިމާމުންނަކީ (މިސާލަކަށް އެކި މަޛުހަބުތަކުގެ އިމާމުންނަކީ) ވަރަށް ތެދުވެރި ދީންވެރި ޢިލްމުވެރީންނެވެ. ވީމާ އެކި މަޛުހަބުތަކުގައި ހުންނަ ފަރުޢީ ޚިލާފުތަކަކީ ވެސް މަޞްލަޙަތާއި ޙާލަތަށް ރިޢާޔަތްކުރައްވައިގެން ދީނުގެ ޙައްޤުގައި ނެރުއްވައިފައި ހުންނަ ރައުޔުކަމަށް އަޅުގަނޑުމެން ޤަބޫލުކުރާން ޖެހެއެވެ. ވީމާ އެކި އިމާމުން ނެރުއްވައިވައިވާ ރައުޔުތަކުގައި ފަރުޢީ ޚިލާފުތައް ހުއްޓަސް އެއީ އެ ކަމާ އަޅުގަނޑުމެން ދެ ބަސްވެ އަރައިރުންވާންވީ ކަމެއްނޫނެވެ. ކަމެއް ކުރާންވީ ގޮތުގެ ތަފުޞީލެއް ރަސޫލާ ނުދެއްވައި އަދި އެ ކަމެއް ތަރުތީބުކުރާންވީ ގޮތާ މެދު ވަކި ގޮތަކަށް އިރުޝާދު ދެއްވައިފައި ނުވާ ނަމަ، އެ ކަމުގެ ދާއިރާ ފުޅާވެގެންވާކަމަށް ދަލީލު ލިބެއެވެ. އިޚުތިލާފަކީ ރަޙުމަތެކޭ ބުނަނީ އެހެންވެއެވެ.

ކީރިތި ރަސޫލާގެ އަރިހުން އެކި ކަންކަމާ މެދު ސުވާލު ދެންނެވުމުން ގިނަ ފަހަރަށް ޖަވާބު ދެއްވައިފައި ހުއްޓައި ފެންނަނީ އެ ސުވާލު ދަންނަވާ މީހާ އެ ސުވާލެއް ދަންނަވާ ޙާލަތަކަށް ރިޢާޔަތްކުރައްވައިގެންނެވެ. މިސާލެއް ދަންނަވަންތޯއެވެ؟ ކީރިތި މާތް ނަބިއްޔާ (صلى الله عليه وسلم)ގެ އަރިހުގައި މީހަކު އެއް ދުވަހަކު ސުވާލެއް ދެންނެވިއެވެ. އެންމެ މާތްކަން ބޮޑީ ކޮން ޢަމަލެއްތޯއެވެ؟ ރަސޫލާ (صلى الله عليه وسلم) ޙަދީޘްކުރެއްވި އެވެ. "ﷲ ގެ މަގުގައި ޖިހާދުކުރުމެވެ." އެހެން މީހަކު ހަމަ މި ސުވާލު ދެންނެވުމުން އިތުރު އެކަލޭގެފާނު (صلى الله عليه وسلم) ޙާދީޘްކުރެއްވި އެވެ. "(އެއީ) މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ." އަދި އެހެން މީހަކު ހަމަ މި ސުވާލު ދެންނެވުމުން އިތުރު އެކަލޭގެފާނު (صلى الله عليه وسلم) ޙަދީޘްކުރެއްވި އެވެ. "މީސްތަކުންނަށް އުނދަގޫކުރުމުން ދުރުހެލިވުމެވެ." އަދިވެސް އެހެން މީހަކު ހަމަ މި ސުވާލު ދެންނެވުމުން އިތުރު އެކަލޭގެފާނު (صلى الله عليه وسلم) ޙަދީޘްކުރެއްވި އެވެ. "އެންމެ މާތްކަން ބޮޑު ޢަމަލަކީ ފަޤީރުންނަށް ޞަދަޤާތްކުރުމެވެ."

މި ޙާދިސާއަށް ވިސްނައިލުމުން އެނގެނީ، އެ ސުވާލު ދަންނަވާ މީހާއަށް ނިސްބަތްކޮށް އޭނާއަށް ޖަވާބުދެއްވައިފައިވާކަމާއި މި ދެންވުނު ހުރިހައި ޢަމަލަކީ ވެސް ހަމަ އެންމެ ހެޔޮ ޢަމަލުކަމެވެ. ފިނޑި މީހާގެ ފިޑިކަމާއި ހަނގުރާމަކުރުމަށްޓަކައި އޭނާގެ ފިނޑިކަމާ ހަނގުރާމަކުރުމަށް އިރުޝާދުދެއްވީއެވެ. ތިމާގެކަމުގެ ގުޅުން ކުޑަ، އަދި މައިންބަފައިންނަށް ހެޔޮކޮށްހިތުން ކުޑަ މީހަކަށް އެ އަންގަވަނީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށެވެ. އެ މީހެއްގެ ފަރާތުން މީސްތަކުންނަށް އުނދަގޫ ފޯރާ މީހަކަށް އެ އަންގަވަނީ އެ ކަން ނުކުރުމަށެވެ. އަދި ދަހި މީހަކަށް އެ އަންގަވަނީ ދަހިވެތިކަމުގެ ނުބައިކަމުން ސަލާމަތްވުމަށް ޓަކައި ޞަދަޤާތް ދިނުމަށެވެ. މިއީ މިފަދަ ޙަދީޘްފުޅުތަކުން އަލްޙާފިޡު އިބްނި ޙަޖަރު ނަންގަވާ މާނައެވެ. ވީމާ ސުންނަތުން ސާބިތުވާ އެންމެ ހެޔޮ ޢަމަލަކީ މިވެނިކަމެކޭ، އެވެނި ކަމެއް ނޫނޭ އަޅުގަނޑުމެންނަށް ބުނެވޭނެތޯއެވެ!!

ކީރިތި ރަސޫލާ(صلى الله عليه وسلم)ގެ ގިނަ ޙަދީޘުފުޅުތައް ހުންނަނީ ސަބަބާއި ޙާލަތަށް ރިޢާޔަތްކުރައްވައިފައިކަން ދޭހަވާ އެހެން މިސާލެއް ދަންނަވައިލާނަމެވެ. އަލްއިމާމުލްބުޚާރީ ރިވާކުރައްވައިފައިވެއެވެ. "އުޟުޙިޔާއަށް ކަތިލެވޭ ތަކެތީގެ މަހުގެ ތެރޭން އެއްވެސް މިންވަރެއް ތިން ދުވަހަށް ވުރެ ދިގު މުއްދަކަތަށް ރައްކާކޮށްފައި ބެހެއްޓުން އެއް އަހަރަކު ކީރިތި ނަބިއްޔާ (صلى الله عليه وسلم) މަނާކުރެއްވިއެވެ. ދެން އެ އަހަރު ނިމި އަނެއް އަހަރު އައުމުން އެ ފަދަ ތަކެތި، ފަހަށް ރައްކާކޮށްފައި ބެހެއްޓުމާ މެދު މީހުން ވާހަކަދައްކާން ފަށައިފިއެވެ. މި ގޮތަށް މި ކަމާމާ މެދު ވާހަކަދެއްކި މީހުންނާ މުޚާޠަބުކުރައްވައި ނަބިއްޔާ (صلى الله عليه وسلم) ޙަދީޘްކުރެއްވިއެވެ. ތިޔަބައި މީހުން ހިތުހުރި ވަރަކަށް ކެޔަސް އަދި ފަހަށް ރައްކާކުރިޔަސް އެންމެ ރަނގަޅެވެ. ތިޔަބައިމީހުންނަށް މި ދިޔަ އަހަރު ތިމަންކަލޭގެފާނު އެ ކަން މަނާކުރެއްވީ އެއީ މީސްތަކުންނަށް ދިމާވި ތަދުމަޑުކަމުގެ އަހަރެއް ކަމުގައިވާތީއެވެ. ވީމާ ތިމަން ކަލޭގެފާނުގެ ޤަޞްދުފުޅަކަށްވީ އެ ކަމުގައި ތިޔަބައިމީހުން ފަޤީރުންނަށް އެހީތެރިވުމެވެ."

އެހެން މިސާލަކަށް ބަލާ އިރު، ގަޔަށް ޖަހާ ސެންޓުގައި އަލްކަޙޫލްގެ މާއްދާއެއްކަމަށްވާ އިސްފިރޭޓު ހިމެނޭތީ އެއީ ނަޖިހެއްކަމަށް ޤަބޫލުކުރާ ބަޔަކު އެބަ އުޅެއެވެ. އެއީ އެބައިމީހުންގެ ރައުޔެވެ. ޙަރާމްކުރެއްވިގެންވާ ރާއަށް އަސަރުފޯރުވާ ސަބަބަކީ އަލްކަޙޫލްގެ މާއްދާކަމަށް އެ މީހުން ޤަބޫލުކުރާތީއެވެ. މިއީ ދީނަށް އިޙުތިރާމްކުރުމުގެ ގޮތުން ނުވަތަ ބޮޑަށް ރައްކާތެރިވުމުގެ ގޮތުން އެ މީހުން ޢަމަލުކުރާ ގޮތެވެ. އެއީ މައްސަލައެއްކަމަކަށް އަޅުގަނޑެއް ނުދެކެމެވެ. ނަމަވެސް މައްސަލައަކަށް ވަނީ މި ގޮތް ޤަބޫލު ނުކޮށް ސެންޓަކީ ނަޖިހެއް ނޫންކަމަށް ބަލައިގެން ސެންޓުޖަހައިގެން މިސްކިތަށް އަރާ މީހުން ކާފިރުކުރާ ހިސާބަށް ބައެއް މީހުން ގެންދާތީއެވެ. އަލްކަޙޫލް ހުންނަ ސެންޓް އެއީ ނަޖިހެއްކަމަށް ބައްލަވާ ބޭފުޅުން އެ ގޮތަށް ބައްލަވަނީ ވެސް އަޞްލަކަށް ބައްލަވައިގެން ހަމަ ދީނަށް ޓަކައެވެ. ހަމަ އެ ފަދައިން ސެންޓަކީ ނަޖިހެއް ނޫންކަމަށް ދެކޭ މީހުން އެ ގޮތަށް ބަލަނީ ވެސް ޖެއްސުމަކަށް ނޫނެވެ. އަޞްލެއްގެ މައްޗަށެވެ. މިބައިމީހުންނަށް ސާބިތުވެފައިވަނީ ކަމީރުވެފައިވާ ކާނާގެ ބާވަތްތަކަށް އަސަރުފޯރުވާ އެއްޗަކީ ވެސް މި އިސްފިރޭޓުގެ މާއްދާކަމަށް ވެފައި މިއީ ޙަލާލު އެއްޗެއްކަން އެ މީހުން ދަންނާތީއެވެ. މިސާލަކަށް ފުށްގަނޑު ކަމީރުކޮށްގެން ފިހާ ޕާނާއި ބަނަހާއި ޒިލޭބީ ފަދަ ތަކެތި އެއްވެސް މީހަކު ނަޖިސް އެއްޗެއްކަމަކަށް ނުބަލައެވެ. އަދި ޙަރާމް ކޮންމެ އެއްޗަކީ ނަޖިހެއްނޫންކަމަށާއި ކޮންމެ ނަޖިހަކީ މާއްދީ ނަޖިހެއް ނޫންކަން އެ މީހުންނަށް އެނގޭތީއެވެ.

މާފުކުރައްވާށެވެ! މި ދައްކަނީ އަޅުގަނޑުގެ އިސްކޮޅަށްވުރެ މާ އުސް ވާހަކައެއްކަން ވެސް އެނގެއެވެ. އެއްވެސް ޙާލެއްގައި އަޅުގަނޑު ފަތުވާއެއް ދެނީކީ ނޫނެވެ. އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންގެ ސަމާލުކަމަށް ގެނެވޭތޯ މި އުޅެނީ އެކި އިމާމުވެރި ބޭކަލުން ދެއްވައިވައިވާ ރައުޔު ތަފާތު ވިޔަސް އެއީ މައްސަލައެއް ނޫނޭ ދަންނަވައިލުމެވެ. އަދި ޙަދީޘެއްގެ މާނައަށް އެކަނި ބައްލަވައިގެން ކަންކަމުގެ ފަތުވާ ނެރެ ޚިޔާލުފާޅުކުރުމަކީ އިސްލާމްދީނުގެ އޮތް ލުއިފަސޭހަކަމާއި މަޞްލަޙަތަށް އިސްކަންދިނުމުގެ އަސާސްތަކާ ޚިލާފުވެދާނެކަމެކޭ ދަންނަވައިލުންވެސްމެއެވެ. އަދި ފަތުވާދިނުމަކީ އަޅުގަނޑުމެން ޢާންމުންނަށް ކުރެވޭނޭ ކަމެއް ނޫނޭ ވެސް ދަންނަވައިލުމެވެ. އަދި ފަރުޢީ މައްސަލަތަކުގައި ހުންނަ އިޚުތިލާފުތައް ގަބޫލުފުޅުކުރައްވައި ތިމާ ޢަމަލުކުރާ ގޮތް ނޫން ގޮތަކަށް ޢަމަލުކުރާ އެންމެން ތަކުފީރުކުރުމަކީ މުޖުތަމަޢުގައި ބައިބައިވުން އުފެދޭނޭ ކަމެކޭ ދަންނަވައިލުންވެސްމެވެ. ޢިލްމުވެރީންގެ ރައުޔަށް ބަލައިގެން އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ބުރަވެވޭ ގޮތަކަށް ޢަމަލުކުރުމަކީ އެންމެ ރަނގަޅު ގޮތެވެ. އަނެކާ ވެސް އެ ޢަމަލުކުރަނީ އޭނާއަށް އެންމެ ރަނގަޅު ގޮތްކަމަށް ފެންނަ ގޮތަކަށެވެ. މި ފަދަ ކުދިކުދި ފަރުޢީމައްސަލަތައް ބޮޑެތި ފަރުބަދަތައްކަމަށް ހަދައިގެން ބައިބައިވުން ނޫފައްދަމާތޯއެވެ؟

ބައެއް ލަފުޒުގެ މާނަ:

ނައްޞު       ނ.    ލިޔެވިފައިވާ އަސްލު ގޮތް.

މަސްލަހަތު     ނ.     (1) ބަޔެއްގެ ތެރޭގައި އޮންނަ ރީތި، އޮމާން، ސުލްހަވެރި، ހަމަޖެހޭ ގޮތް. (2) ކަމެއްގައި ހިމެނޭ މީހެއްގެ މާލީ ނުވަތަ އެހެން ވެސް ފައިދާ ނުވަތަ ހައްގު ނުވަތަ ޒިންމާ. (3) މަސަލަސް.

ސިޔާގު       ނ.     ލަފުޒެއްގެ ނުވަތަ އިބާރާތެއްގެ މާނަ ދޭހަކޮށްދޭ ވެށި ނުވަތަ ހާލަތު.

ކޮމެންޓު
ކޮމެންޓުތައް
މަރީ
9 މާރިޗް 2025 09:15
ވަރަށް ކިޔާލާ ހިތުން ކިޔާލެވުނު، މައުލޫމާތުން ފުރިގެންވާ ލިޔުމެއް. ފަރަގުގެ ލިޔުންތައް ހަމަ ތަފާތު. ޝުކުރިއްޔާ!