ad_banner
ތައުބާ

އަސްމާ އަބޫބަކުރު

9 މާރިޗް 2025

ރަމީޒު އެމްބިޔުލާންސަށް އަރުވައިފައި.

ދުނިޔެ އޮތީ ކޮންމެ މީހެއްގެ ވެސް ހިތަކަށް ލިބިފައެވެ. އެއް ލާރި ދެ ލާރިއަށް، އެއް ހާސް ދެ ހާހަށް އެއް ލައްކަ ދެ ލައްކައަށް ހެދުމުގައި ގިނަ ބަޔަކު ދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ. ރަމީޒަކީ ވެސް އޭގެ ތެރޭގައި ގުނައިލެވޭ އެކަކެވެ. އެންމެ ޒުވާން ދުވަސްވަރު ބައްޕަ ދުނިޔެ ދޫކުރީ ރަމީޒުގެ އަތްމައްޗަށް ކުޑަ ވަރެއްގެ ފިހާރަގަނޑެއް ދޫކޮށްފައެވެ. އިސްކޫލު ދުވަސްވަރު ބިޒްނަސް ސްޓްރީމް ނެގިކަން ނަސީބެވެ. މަންމަ ބުނެގެން ޑޮކްޓަރަކަށް ވާން އުޅުނު ނަމަ، މިއަދު ވިޔަފާރިވެރިއަކަށް ނުވީހެވެ.

މިއަދު ރަމީޒަކީ ރާއްޖޭގެ ނިސްބަތުން ގުނައިލެވޭ އެކެކެވެ. އެތައް ފިހާރައެއް މުދާ ރައްކައުކުރާ އެތައް ގުދަނެއް ރަމީޒުގެ ވިޔަފާރިއަށް އިތުރުވެއްޖެއެވެ. ވަރަށް ފަރުވާތެރިވެ އެއިން ކޮންމެ ކަމެއް ވަކިވަކީން ބަލައެވެ. ނުކުރެވެނީ އެންމެ ކަމެކެވެ. ކޮންމެ ދުވަހަކު ފަސްފަހަރު ގޮވައިލާ ގޮވައިލުމަށް އިޖާބަދެވޭ ގޮތެއް ނުވުމެވެ. އަބަދު ވެސް މަސައްކަތުގައި އުޅޭން ހަދައިގެން ވަގުތު ނުވަނީއެވެ. އަނބިދަރީން ލޮލަށް ފެންނަނީ ވެސް ރޭގަނޑު ދަންވާ ފަހުން ގެއަށްދާ ވަގުތުއެވެ.

ރަމީޒުގެ ދުވަސްތައް ފާއިތުވަމުން ދިޔައީ ހެނދުނު ތެދުވެ، މަސައްކަތުގައި އަވަދިނެތި އުޅުމާއި ރޭގަނޑު ލަހުން ނިދުމާ ދެމެދުގައި ހޭދަކުރާ ވަގުތުތައް މުޅީން ވިޔަފާރީގެ ކަންކަމުގައި އުޅެމުންނެވެ. އޭނާގެ ހިތުގައި އީމާންކަން ހުރި ނަމަވެސް، އަޅުކަމުގެ ކަންކަމަށް ވަގުތު ނުދެވުނެވެ. ކޮންމެ ފަހަރަކު ބަންގި އިވުމުން، އޭނާ ވިސްނައިލަނީ "މި ފަހަރު ދޫކޮށްލައިފައި، ދެން އަންނަ ނަމާދު ކުރާނަމޭ" އެވެ. އެހެންނަމަވެސް، އެ "ދެން" އަންނަ ވަގުތު އަބަދުވެސް ލަސްވަމުން ދިޔައެވެ.

މުވައްޒަފުން ކުއްލިއަކަށް ކޮޅުކޮޅަށް ދުވާން ފަށައިފިއެވެ. އެންބިއުލާންސަށް ގުޅާން ޒާހިދު އަވަސްވެގަތެވެ. ދެން ތިބި މުވައްޒަފުން ހިތް އަވަސްވެގެން ކުރެވޭ ނުކުރެވޭ ކަމެއް ނޭނގި ބޮސް ވެއްޓުނީއޭ ގޮވާ އަޑު އިވެއެވެ. ދިވެހީންނާއި ބިދޭސީންގެ އަޑު ހުރީ އެކުވެފައެވެ.

"ކިހިނެއް ވެގެންތަ އެންމެން ތެޅިފޮޅެނީ؟" އާލަމް ހުރީ ހިތްހަމަ ނުޖެހިފައެވެ. ވާނުވާ ނޭނގޭ ޙާލުގައި ގިނަ ބަޔަކު ތިއްބެވެ. އެނގޭ މީހުން ކިޔާ އެއްޗެއް ދޭހައެއް ނުވެއެވެ.

"ރަމީޒު ބޮސް ގުދަނުގައި އެބަ އޮތް ވެއްޓިފައި. އަހަރެން މި އުޅެނީ އެންބިއުލެންސަށް ނުގުޅިގެން" އާލަމަށް އެ މީހުންގެ ބޮސް ރަމީޒު ވެއްޓުނީކަން އެނގުނީ ވެސް އަދި ކިރިޔާއެވެ. އާލަމަކީ ރަމީޒުގެ އެންމެ ގާތް އެއް މެނޭޖަރެވެ. މީހުންތައް ކޮއްޕަމުން ރަމީޒާ ހަމައަށް ދެވުނު އިރު އޭނާ އޮތީ ގޮދަނޑިއެއް މަތީގައެވެ.

ރަމީޒު މަޑުމަޑުން ލޯ ހުޅުވައިލިއެވެ.

އެ ހިނދުކޮޅުގައި، ރަމީޒު ހިތަށް އެތައް ޚިޔާލުތަކެއް ވަދެގަތެވެ. އޭނާގެ މުޅި ހަޔާތް އޭނާގެ ލޮލުން ފެންނާން ފެށިއެވެ. އޭނާ ދުށީ އޭނާގެ ކުޑައިރު، މައިންބަފައިން އޭނާއަށް ނަމާދުކުރާން ދަސްކޮށްދިން މަންޒަރެވެ. ޒުވާން އުމުރުގައި ރަނގަޅަށް ނަމާދުކުރަމުން ދިޔަ ދުވަސްތައް ހަނދާންވިއެވެ. ކާމިޔާބު މީހަކަށް ވުމުން ދުނިޔެ މަތީގައި ބޮޑާވެ ގަނެވުނު ހަނދާންތައް ވެސް އާވާން ފެށިއެވެ. އަދި ވިޔަފާރި ފުޅާވަމުން ދިޔަވަރަކަށް، ނަމާދު ދޫކޮށްލަމުން ދިޔަ ގޮތް ވެސް ހަނދާންވިއެވެ.

"ޔާ ﷲ! އަޅުގަނޑު ކުރި ފާފަތަކަށް ފާފަފުއްސަވާނދޭވެ! އަޅުގަނޑަށް އަދި އެއް ފުރުޞަތު ދެއްވާނދޭވެ!" ރަމީޒު ހިތުން ދުޢާކުރިއެވެ. އޭނާގެ ލޮލުން ކަރުނަ އައެވެ. ހިތުގައި ޖެހި ދެރަވިއެވެ. އެ ވަގުތު އޭނާއަށް އިވުނީ އަޞުރު ނަމާދުގެ ބަންގީގެ އަޑެވެ. އެ އަޑު އިވުމާއެކު، އޭނާގެ ހިތަށް ކުޑަކޮށް ހަމަޖެހުން ލިބުނެވެ.

ހަމަ އެ ދަނޑިވަޅުގައި ރަމީޒަށް އިހުސާސްވީ އޭނާގެ ނޭވާލުން ތަންކޮޅެއް ފަސޭހަވާކަމެވެ. އޭރު އޭނާ ވަށައިގެން އެތައް މުވައްޒަފުންތަކެއް ތިބި ތަން ފެނުނެވެ. އެމްބިއުލާންސްގެ އަޑު ވެސް ކައިރިވަމުން އަންނަ އަޑު އިވެން ފެށިއެވެ.

"އަހަރެން... އަހަރެން.. ދެން ނަމާދުކުރާނަން..." ރަމީޒު ބުނެލިއެވެ. މުވައްޒަފުން އޭނާގެ ބަސްތައް އަޑުއަހަން ތިއްބައި، އޭނާ ވަރަށް އުނދަގުލުން ތެދުވެ އިށީނދެ، ވުޟޫކުރުމަށް އެދުނެވެ.

"އެމްބިއުލާންސް އަންނަނީ. ހަމަޖެހިލައްވާ!" އެއް މުވައްޒަފަކު ބުންޏެވެ.

"ނޫން. އަހަރެން މިހާރު ނަމާދުކުރާނަން. އެހެން ނޫނީ ލަސްވެދާނެ. މިއީ ﷲ ދެއްވި ފުރުޞަތެއް." ރަމީޒަށް ވަރަށް އަސަރާއެކު ބުނެވުނެވެ. މުވައްޒަފުން ރަމީޒު އެދުނު ގޮތަށް ފެން ގެނެސްދިނެވެ. އޭނާ ވުޟޫ ކުރުމަށް ފަހު ޢަޞުރު ނަމާދުގެ ހަތަރު ރަކުޢަތްކުރުމަށް ފަހު މާތް ﷲގެ ކިބަފުޅަށް ދުޢާ ދެންނެވިއެވެ. އެއަށްފަހު ހިނިތުންވުމާ އެކު އެންބިއުލާންސްގައި ހޮސްޕިޓަލަށް ދިޔައެވެ. 

"ރަމީޒަށް ވަނީ ހާޓް އެޓޭކެއް ޖެހިފައި. އިތުރު ފަރުވާ އަށް އެޑްމިޓް ކުރާންޖެހޭ." ރަމީޒު ހޮސްޕިޓަލުގައި އޮތީ ހިތްހަމަ ޖެހިގެންނެވެ. އެވަގުތު ރަމީޒުގެ އަންހެނުންނަށް ހޮސްޕިޓަލަށް އާދެވިއްޖެއެވެ. އޭރު ޒަބީނާގެ ލޮލުން ކަރުނަ ފޮހެމުން ގެންދެއެވެ.

"ކިހިނެއްވީ؟" ކުއްލިއަކަށް ހޮސްޕިޓަލަށް ގެނައީ.

"މެޔަށް ތަދެއް އަރާފައި ކުޑަކޮށް ނޭވާލާން އުނދަގޫވީ. މިހާރު ކުޑަކޮށްލުއި. އެކަމަކު ޑޮކްޓަރު އެޑްމިޓު ކުރީ." ޒަބީނާއާއި އެމީހުންގެ ދެ ކުދީން ވެސް ބައްޕައަށް ވަރަށް ރަނގަޅެވެ. ޢާއިލީ ލޯބި ދަސްވީ ވެސް ރަމީޒަށް އަދި ކިރިޔާއެވެ. މަސައްކަތުގައި އުޅޭން ހަދައިގެން ދަރީންނާއި އަނބިމީހާއަށް ވަގުތެއް ނުދެވެއެވެ. އެކަމު މިއަދު އެ އެންމެން ތިބީ އޭނާގެ ޚިދުމަތުގައެވެ. ރަމީޒު އެ ކަމާ ވެސް ވަރަށް ދެރަވިއެވެ. ދެން އެހެން ނުވާނެ ގޮތަކަށް ދިރިއުޅުން ބަދަލުކުރާން ޖެހޭކަމަށް ހިތާހިތުން ބުނެވުނެވެ.

ހޮސްޕިޓަލުގައި އޮވެ، ރަމީޒު އޭނާގެ މުޅި ހަޔާތާ މެދު ވިސްނިއެވެ. އޭނާގެ ދިރިއުޅުނު ގޮތް ހިތަށް ގެންނަމުން ދިޔައެވެ. އޭނާ ނިންމީ މިހާރުން ފެށިގެން އޭނާގެ ދިރިއުޅުމުގައި ބޮޑު ބަދަލެއް ގެންނާށެވެ. ވިޔަފާރީގެ ކަންކަމަށް އިސްކަންދިނުމުގެ ބަދަލުގައި، ދީނީ އަޅުކަންތަކަށް އިސްކަންދޭން ނިންމިއެވެ.

"ރަމީޒޫ. މިހާރު ރަމީޒުގެ އުޅުމަށް ވަރަށް ބޮޑު ބަދަލެއް އަތުވެއްޖެ. އެކަމަކު ވިޔަފާރިކުރާ މީހަކު މުދަލު ޒަކާތް މަތީން ހަނދާންކުރާން ވާނެ." ޒަބީނާ ދެއްކި ވާހަކަ އަޑުއިވުމުން ރަމީޒު ކަންބޮޑުވިއެވެ. މިހާ ދުވަސްވީއިރު މުދަލު ޒަކާތެއް އަދި ފިތުރު ޒަކާތެއް ވެސް އޭނާ ނުދައްކައެވެ. 

" އަހަރެން ނުދައްކަން އެއްވެސް ޒަކާތެއް." ރަމީޒަށް ބުނެވުނެވެ.

"ކޮންމެ އަހަރަކު ރަމަޟާންމަހު ފިޠުރު ޒަކާތް އަހަރެން ދައްކަން." އެއީ ރަމީޒު ގާތު ނުބުންޏަސް އަހަންނަށް ވެސް ކުރެވޭ ވަރުގެ ކަމެއް." ޒަބީނާ ބުންޏެވެ.

އޭނާ ނިންމީ މި ކަމާ ބެހޭ ގޮތުން ދީނީ ޢިލްމުވެރިއަކާ މަޝްވަރާކުރާށެވެ. އެ ޢިލްމުވެރިޔާ ރަމީޒަށް އިރުޝާދު ދެއްވީ ފާއިތުވި އަހަރުތަކުގެ ޒަކާތް ހިސާބުކޮށް، އެ އަދަދު ފަޤީރުންނަށް ދޭށެވެ. ރަމީޒު އެ ކަން އެ ގޮތަށް ކުރިއެވެ. އަދި އޭގެ އިތުރަށް، އޭނާ ނިންމީ އިތުރު ޞަދަޤާތްތައް ވެސް ކުރާށެވެ. އޭނާގެ އަތުގައި ގުނައި އަދަދު ނުކުރެވޭ ވަރަށް ފައިސާ އެބަ އޮތެވެ. އޭނާ އެންމެ ފުރަތަމަ ފެށީ މިސްކިތްތައް މަރާމާތުކޮށް، އާބާތުރަ ފިލުވުމުގެ މަސައްކަތްތަކުގައި އެހީތެރިވާށެވެ. އަދި ޔަތީމުންނާއި މިސްކީނުންނަށް އެހީތެރިވުމަށް ޚާއްޞަ ފަންޑެއް ޤާއިމުކުރިއެވެ.

ރަމީޒުގެ މި ބަދަލު، އޭނާގެ އާއިލާއާއި ރަޙްމަތްތެރިންނަށް ވެސް ފާހަގަކުރެވުނެވެ. އޭނާގެ އަނބިދަރީން އުފާވެ، އެ މީހުން ވެސް ދީނީ ކަންކަމަށް އިތުރަށް ސަމާލުކަން ދޭން ފެށިއެވެ.
ރަމީޒުގެ ވިޔަފާރިއަށް ވެސް މި ބަދަލުގެ ހެޔޮ އަސަރު ކުރިއެވެ. އޭނާގެ މުވައްޒަފުން އިތުރަށް ހިތްވަރު ލިބިގެން މަސައްކަތްކުރާން ފެށިއެވެ. އަދި ކަސްޓަމަރުންގެ އިތުބާރު އިތުރުވެ، ވިޔަފާރި އިތުރަށް ކުރިއަރާން ފެށިއެވެ. ރަމީޒު މިހާރު ޤަބޫލުކުރަނީ މިއީ ﷲގެ ބަރަކާތްކަމުގައެވެ. އޭނާ ދެއްވި ފުރުޞަތުގައި ހިފައި ތަޢުބާވުމުގެ ސަބަބުން އޭނާގެ މުދަލުގައި ވެސް ބަރަކާތް ލެއްވީއެވެ.

އޭގެ އަހަރެއްހައި ދުވަސް ފަހުން، ރަމީޒު ނިންމީ ޙައްޖަށް ދާށެވެ. އޭނާ އާއިލާއާ އެކު، މައްކާއަށް ދަތުރުކޮށް، ޙައްޖުގެ އަޅުކަން އަދާކުރިއެވެ. ގެފުޅުގެ ކުރިމަތީގައި ހުރެ، ރަމީޒު ހަނދާންވީ އެއް އަހަރު ކުރިން އޭނާއަށް ދިމާވި ހާދިސާއެވެ. އޭނާގެ ލޮލުން ކަރުނަ ހިލުނެވެ. އެއީ ޝުކުރުވެރިކަމުގެ ކަރުނައެވެ.

މައްކާއިން އެނބުރި އައުމަށްފަހު، ރަމީޒުއިތުރަށް ހެޔޮ ކަންތައްތައް ކުރުމަށް ނިންމިއެވެ. އޭނާ އިސްލާމީ ތަޢުލީމު ދޭ މަރުކަޒެއް ޤާއިމުކޮށް، ކުޑަކުދީންނަށާއި ބޮޑެތި މީހުންނަށް ހިލޭ ކިޔަވައިދޭން ފެށިއެވެ. އަދި ރަމަޟާން މަހު ފަޤީރުންނަށް ކާންދިނުމުގެ ޕްރޮގްރާމެއް ވެސް ފެށިއެވެ. ޚާއްޞަކޮށް ފަލަސްޠީން، ރޮހިންޔާ، ބަނގުލަދޭޝް ފަދަ ޤައުމުތަކަށް ވެސް އޭނާގެ ވިޔަފާރިން ޞަދަޤާތްކުރަމުން ގެންދިޔައެވެ. 

ރަމީޒުގެ މި ބަދަލު، މުޅި މުޖުތަމަޢުއަށް ވެސް ފާހަގަކުރެވުނެވެ. ގިނަ މީހުން އޭނާއަށް ތަޢުރީފުކޮށް، އޭނާ ފަދައިން ވުމަށް މަސައްކަތްކުރާން ފެށިއެވެ. ރަމީޒު މިހާރު ވަނީ މުޖުތަމަޢުގެ ނަމޫނާ ޝަޚްޞިއްޔަތަކަށް ވެފައެވެ.

ރަމީޒު އުމުރުން ފަންސާސް އަހަރު ފުރުނު ދުވަހު، އޭނާ ވިސްނާލީ ފާއިތުވެ ދިޔަ އަހަރުތަކާ މެދުގައެވެ. އޭނާގެ ހިތަށް އައީ އުފަލާއި ހިތްހަމަޖެހުމެވެ. އޭނާގެ އުމުރުން ބައި ގަރުނު ވޭތުވެ ދިޔައީއެވެ. ރަމީޒު އަބަދު ވެސް  ދުޢާކުރަމުން ދިޔައީ ﷲ އޭނާގެ ތައުބާ ޤަބޫލުކުރައްވައި، އޭނާގެ ފާފަތައް ފުއްސަވައި ދެއްވުމަށެވެ. އަދި މަރުވަންދެން ހެޔޮކަންތައްތައް ކުރުމުގެ ތައުފީޤު ދެއްވުމަށެވެ. (ނިމުނީ)

ކޮމެންޓު