އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
7 މާރިޗް 2025
އިސްލާމް ދީނަކީ އަމާންކަމުގެ ދީނެވެ. ސަލާމަތުގެ ދީނެވެ. ކޮންމެ ބަޔަކާއެކު ވެސް ސުލްޙައާ އެކު ދިރިއުޅުމަކީ މުސްލިމުން ދައްކައިދީފައިވާ ނަމޫނާއެކެވެ. މުސްލިމުންނާއި ޢަދާވަތްތެރިވާ ޙަރުބީ ކާފަރުން ފިޔަވައި ޣައިރުމުސްލިމުންނާ ޞުލްޙަވެރިކަމާ އެކު، އެއް މުޖުތަމަޢެއްގައި ދިރިއުޅުމަކީ އިސްލާމީ އުޞޫލެވެ. އަދި ވަކީން ޚާއްޞަކޮށް ޒިންމީންނާއި މެހުމާނުންނަކީ ވަރަށް ޚާއްސަ ޢިނާޔަތަކާއި ރިޢާޔަތެއް އަބަދުވެސް ދޭން ޖެހޭ ބަޔެކެވެ.
މުސްލިމުން މި ގޮތަށް ޢަމަލުކުރި ނަމަވެސް ޣައިރު މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ބައެއް ގައުމުތަކުގައި އެ ގައުމުތަކުގެ ސަރުކާރުން މުސްލިމުންގެ ނަސްލު ނެތިކޮށްލުމަށް ޓަކައި ނަސްލުހޭދު ހިންގުމަކީ މިއަދު މިދުނިޔޭގައި ވަރަށް ޢާންމުކޮށް ފެންނަ މަންޒަރެކެވެ. މިޔަންމާއިންނެވެ. ޣައްޒާއިންނެވެ. އަވައްޓެރި އިންޑިއާއިންނެވެ. ފަރަސްސޭސި ވިލާތާއި ޖަރުމަނުވިލާތުގައި ވެސް މުސްލިމުންނަށް އެތައް ދުއްތުރާތަކެއް ކުރިމަތިކޮށް ބައިވަރު ތަކުލީފުތައް ޖައްސައެވެ. މި ފަދަ މަންޒަރުތައް ފެންނަ ލޯތައް ދުނިޔޭގައި ވަރަށް މަދެވެ. ދުނިޔޭގެ މީޑިއާ އޮންނަނީ މި ދެންނެވި ފަދަ މުޖުރިމު ސަރުކާރުން އަތްދަށުލައިފައެވެ. އެހެންކަމުން އެމެރިކާއާއި ހުޅަނގުން ހިންގާ ޖަރީމާތައް ފެންނަނީ، އަދި ދައްކާ ދޯހަޅި ވާހަކަތައް އަޑުއިވެނީ ވަރަށް މަދުން ވަރަށް ބަޔަކަށެވެ.
ނަމަވެސް ދުނިޔޭގައި ބުދުދީނުގެ ދައުލަތްތަކުގެ ތެރެއިން އެންމެ ބޮޑު ރަސްކަންކަމުގައިވާ ދަ ރޯޔަލް ކިންގޑަމް އޮފް ކެމްބޯޑިއާގެ ރައްޔިޔުންނާއި ސަރުކާރަކީ މުސްލިމުންނަށް ވެސް އިޙުތިރާމްކުރާ ބަޔެކެވެ.
މި ހުސްވި ފެބުރުއަރީމަހު 27ވަނަ ދުވަހު ކެމްބޯޑިއާގެ ވެރިރަށް ނޮމްޕެންހގައި ވަނީ ވަރަށް މުހިންމު ތާރީޚީ ސަމިޓެއް ބާއްވައިފައެވެ. "އިސްލާމް – ބުޑިޒަމް ސަމިޓް"ގެ ނަމުގައި ބޭއްވި ސަމިޓެކެވެ. ސަމިޓުގައި ޖުމުލަ 40 ގައުމަކުން 200 ވަފުދު ހިމެނޭހެން 1000 ބައިވެރީން ހާޒިރުވެ ތިއްބެވެ. ބައިނަލްއަގުވާމީ މެހުމާނުންނާއި ޑިޕްލޮމެޓުންނާއި ކެމްބޯޑިއާގެ މުސްލިމު މުޖުތަމަޢުން 800 އިސްވާރުން މި ސަމިޓުގައި ބައިވެރިވިކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވެއެވެ. ސަމިޓުގެ އިފުތިތާޙީ ތަޤުރީރުދެއްވީ ޑރ. ޢުޘްމާން ޙަސަނެވެ. އެއީ ކެމްބޯޑިއާގެ އިސްލާމީ ކަންތައްތަކާ ބެހޭ ޚާއްޞަ އިދާރާގެ ވެރިޔާއެވެ. އަދި ސީނިއާރ މިނިސްޓަރެވެ. މީގެ އިތުރަށް އޭނާއަކީ ރާބިޠަތުލްޢާލަމިލްއިސްލާމީގެ އެންމެ މަތީ މަޖުލިސްގެ މެންބަރެކެވެ.
އޭނާގެ ވާހަކައިގައި ބައްލަވައިލެއްވީ މި ސަމިޓުގެ ސަބަބުން ކެމްބޯޑިއާގެ ދީންތަކުގެ މެދުގައި ހަމަޖެހުން ގާއިމުވާނެކަމުގެ މައްޗަށެވެ. ސަގާފީ ދީނީ އަދި ނަސްލީ ހަމަޖެހުމުގެ ނަމޫނާއެއްކަމަށް ކެމްބޯޑިއާ ވާނެކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ދެން ވާހަކަފުޅުދެއްކެވީ ސަމިޓު ރަސްމީކޮށް ހުޅުއްވައިދެއްވުމުގެ ގޮތުން ބޮޑުވަޒީރު ހުން މަނެޓެވެ. އޭނާ ވިދާޅުވީ ޚުމަރ ދަރިކޮޅުގެ މުސްލިމުންނަކީ ވެސް ކެމްބޯޑިއާގެ ފުރިހަމަ ރައްޔިތުންކަމަށާއި އެ މީހުންގެ ދީނީ އަޅުކަންތަކާއި ސަގާފީ އެންމެހައި ހަފުލާތައް ބާއްވާން ގާނޫނުން ފުރިހަމަ ޙައްގު އެ ލޮބުވެތި ރައްޔިތުންނަށް ވެސް ދެވިފައިވާނޭކަމަށެވެ.
އަދި ޚުމަރ-އިސްލާމީ މުއައްސަސާތަކަށް ސަރުކާރުން ފުރިހަމައަށް އެހީތެރިކަމާއި އެއްބާރުލުން ދެއްވާނޭކަމުގެ ޔަގީންކަން ވެސް އެ މަނިކުފާނު ދެއްވިއެވެ. ބޮޑުވަޒީރު ހުން މަނެޓަކީ ކުރީގެ ބޮޑުވަޒީރު ހުން ސެންގެ ދަރިކަލުންނެވެ. ކަން ދިމާވި ގޮތުން ހުން ސެންގެ އަރިހުގައި ފޮޓޯއެއް ނެގުމުގެ ފުރުސަތު އަޅުގަނޑަށް 2012ގައި ވަނީ ލިބިފައެވެ. މި ފަހަރުގެ ސަމިޓުގައި އަޅުގަނޑަށް ބައިވެރިވެވުނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ޚާއްޞަ މަންދޫބެއްގެ ޙައިސިއްޔަތުން އެ މަނިކުފާނު ދެއްވި ފުރުޞަތެއްގައެވެ.
ބޮޑުވަޒީރުގެ ވާހަކަފުޅަށް ފަހު، ދެން އޮތީ މައި ދަންފަޅީގައި ކަނޑައެޅިފައިވާ މައުޟޫޢުތަކަށް ކަނޑައެޅިފައިވާ މުޤައްރިރުން ތަޤުރީރުކުރެއްވުމެވެ.
މައި ދަންފަޅީގެ ޝިޢާރަކީ "އިންސާނީ ޚިދުމަތުގައި ސަގާފަތް ޙިއްސާކުރުން" މި މައުޟޫޢެވެ. މި ދަންފަޅީގައި 12 ވަރަކަށް ޢިލްމުވެރީން ތަގުރީރުކުރެއްވިއެވެ. މީގެ ތެރޭގައި ކެމްބޯޑޯއާއާއި އިންޑޮނޭޝިއާއާއި ސިންގަޕޫރާއި މެލޭޝިއާއާއި އިންޑިއާއާއި ތައިލެންޑާއި ސްރީލަންކާގެ މުޤައްރިރުން ހިމެނިވަޑައިގަތެވެ. އަދި ބައިނަލްއަގުވާމީ ފިޤުހު އެކެޑަމީގެ އަމީން ޢާންމު ޞާހިބުލްމަޢާލީ ޕްރޮފެސަރ އައްދުކްތޫރު ޤުޠުބު ބިން މުޞްޠަފާ ސަނޫ ވެސް ތަޤުރީރުކުރެއްވިއެވެ. މީގެ އިތުރަށް އެކުވެރި ޢަރަބި އިމާރާތުގެ ފަތުވާ ކައުންސިލްގެ ފަރާތުން އައްޝައިޚު ޢަބްދުﷲ ބިން މަޙުފޫޡު އިބްނި ބައްޔާހގެ ރެކޯޑުކޮށްފައި އޮތް ޚިޠާބެއް ވެސް އިއްވުނެވެ. ހުރިހައި މައުޟޫޢެއްގައި ވެސް އެ ބޭފުޅުންގެ ވާހަކަފުޅުތައް އަމާޒުކުރެއްވީ ހުރިހައި ޢަޤީދާއެއްގެ މީހުން އެކުގައި މުޖުތަމަޢުގައި ސުލްޙައާއި އަމާންކަމާއި ކެތްތެރިކަމާ އެކު، އެއް ބަޔަކު އަނެއް ބަޔެއްގެ ގަބޫލުކުރުންތަކަށް އިޙުތިރާމްކޮށްގެން އަމާންކަމާއި އެކުވެރިކަމާ އެކު، ދިރިއުޅުމުގެ މައްޗަށެވެ.
އެންމެ ފަހުން ކެމްބޯޑިއާގައި ބޯހިމެނި ހިސާބުތަކަށް ބަލާ އިރު، ކެމްބޯޑިއާގެ ޖުމުލަ އާބާދީއަކީ 17.8 މިލިއަން މީހުންނެވެ. ސީދަލަށް ދަންނަވާ ނަމަ، މި އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް ބަލާ އިރު، އެ ގައުމުގެ އާބާދީއަކީ 17,201,724 އެވެ. މީގެ ތެރެއިން %97.1 އިންސައްތައަކީ ބުޑިސްޓުންނެވެ. ދެން އެންމެ ގިނައީ މުސްލިމުންނެވެ. އެންމެ ފަހުގެ ހިސާބުތަކަށް ބަލާ އިރު، ކެމްބޯޑިއާގައި ތިން ލައްކައަށް ވުރެ ގިނަ މުސްލިމުން އެ ގައުމުގެ ކަންކޮޅުތަކުގައި އަމާންކަމާއެކު، އެބަ ދިރިއުޅެއެވެ. ނަމަވެސް އެއީ މުޅި އާބާދީގެ އެންމެ %2 އެވެ. ނަޞާރާއީންގެ އާބާދިއަކީ އެންމެ %0.3އެވެ. ބާކީ ދެން ހުރި ހުރިހައި ދީނެއްގެ އާބާދީގެ ނިސްބަތަކީ %0.5އެވެ.
މިއީ ހަގީގަތްކަމަށް ވިޔަސް އެ މީހުން މުސްލިމުންނަށް ހާދަހާ އިޙުތިރާމެއް ކުރެއެވެ. މި ސަމިޓަށް ގޮސް މެހުމާނުން ތިބި ހުރިހައި ހޮޓަލެއްގައި ކީރިތި ޤުރުއާނުގެ މުސްޙަފު ކޮޕީއަކާއި ނަމާދުކުރާނެ މުސައްލައަކާއި ގިބުލަ ފާހަކަކޮށްދޭ ކުރެހުމެއް ފެންނާން ހުއްޓެވެ. އަދި ސަމިޓު އޮތް ސޮކާ ނޮމްޕެންހ ހޮޓަލުގައި ވެސް މުސްލިމުން ނަމާދުކުރުމަށް ޓަކައި ވަރަށް ބޮޑު ކޮޓަރިއެއް ދޫލަ އަޅައި ނަމާދުކުރާން ތައްޔާރުކޮށްފައި ހުއްޓެވެ.
މީގެ އިތުރަށް ބައިނަލްއަގުވާމީ އެއަރުޕޯޓުގައި ނަމާދުކުރާން ޚާއްޞަކޮށްފައިވާ ތަން، ހަމަ ގައިމު ވެސް ރާއްޖޭގައި ބިނާކުރާ މެދުމިނުގެ މިސްކިތަކާ އެއްވަރުވާނެއެވެ.
މި ބައިނަލްއަގުވާމީ ސަމިޓުގެ ނަން ފޮތިގަނޑުގައި އެންމެ ފަލަކޮށް އެންމެ ގަދައަށް ފެންނާން ހުރީ ކެމްބޯޑިއާގެ ބަހެވެ. ދެން ޢަރަތްބެވެ. ދެން އިނގިރޭސިއެވެ. ސަމިޓުގެ މައިގަނޑު ބަހަކީ ވެސް އިނގިރޭސިއެވެ. ދެން ޢަރަތްބެވެ. ނަމަވެސް ކެމްބޯޑިއާ (އެ މީހުން އަދި ވެސް ކިޔަނީ "ކެމްޕޫޗިއާ")ގެ އެންމެން ވާހަކަދެއްކީ ރަށު ބަހުންނެވެ. އިލެކްޓުރޯނިކު ތަރުޖަމާނު ބޭނުންކުރެވޭނެ މަގު ފަހިކޮށްދީފައި ވެއެވެ.
އެހެންކަމުން ކެމްބޯޑިއާއަކީ ކިތަންމެ ބޮޑު ބުޑިސްޓު ވެރިކަމެއް އޮންނަ ގައުމެއް ނަމަވެސް، އެ ގައުމުގައި މުސްލިމުންނަށް އެ ބައިމީހުންގެ ދީނީ އަދި ސަގާފީ ކަންކަން ކުރުމަށް ޓަކައި އެއްވެސް ހުރަހެއް ނެތް އަމާން ނަމޫނާ ގައުމެކެވެ. އަދި ސަރުކާރާއި ރައްޔިތުންތިބީ މުސްލިމުންނަށް ވެސް އެއްބާރުލުން ދީ އެކުވެރިކަމާއެކު ސުލްހަމަސަލަސްކަންމަތީ ދިރިއުޅޭން ތައްޔާރުގައެވެ. ކެމްބޯޑޯއާގައި މުސްލިމުންނަށް ވެސް އަމާންކަމާއި ހިތްހަމަޖެހުން އެބަ އޮތެވެ.
މިއީ ސައްތައިންސައްތައޭ މި ކިޔާ ދިވެހިރާއްޖޭގެ ރައްޔިތުންނާއި ސަރުކާރުން ޢިބުރަތް ލިބިގަންނާން ޖެހޭ ފަދަ ކަންކަމެވެ. ގައުމިއްޔަތޭ ގއުމިއްޔަތު އިޢާދކުރުމޭ ކިޔާ ނަމަ، ޢަމަލީ ގޮތުން ސާބިތުކޮށްދޭނ ޖެހޭ ކަންކަމެވެ. ނަމަވެސް ދިވެހީންގެ ގިނަ ބަތޔަކަށް ހީވަނީ ބޭރުގެ ދެ މީހަކު ބައިވެރިވާ ބައްދަލުވުމެއްގައި ނަމަ، އެ ބައްދަލުވުމެއްގައި ތާނަ އަކުރެއް ބޭނުންކުރުމަކީ ހަރާން ކަމެއްކަމަށެވެ. އަދި އެ ގޮތަށް ޢަމަލުކުރުމުން ބައިނަލްއަގުވާމީ މައިދާނުގައި ޝުހުރަތު ލިބޭނެކަމަށެވެ. ރަށްރަށުގެ ނަންބޯޑުތަކުގައި ވެސް ތާނައަކުރެއް ނެތެި ހަމަ އެކަނި ލެޓިންއަކުރުން ލިޔެފައި ބަހައްޓަނީ ބިދޭސީންނަށް ޓަކައޭ ބުނާތީ އިވެއެވެ. އެ މީހުން މި ތަނަށް އަންނަނީ އެ މީހުންގެ ތެރޭގައި ހުންނަ އެއްޗެއް ދެކޭކަށް ނޫނެވެ. އާ ތަކެއްޗާއި ކަންކަން ދެކި ތަޖުރިބާކުރާށެވެ. ވީމާ، ތާނަ އަކުރުން އެ ފަދަ ލިޔުންތައް ހުންނަ ނަމަ، ލިބޭ ޝުހުރަތު މާ މަތިވެރިވާނެއެވެ.
މިއީ ޗުއްޓީ ހޭދަކޮށްލާން ވެސް ޒިޔާރަތްކޮށްލާން ރަނގަޅު ގައުމެއްކަމަށް ފެނެއެވެ. އަޅުގަނޑަށް ކެމްބޯޑިއާއަށް ދެވަނަ ފަހަރަށް ކުރެވުނު މި ތާރީޚީ ދަތުރަކީ ވަރަށް މަތިވެރި އެހައިމެ ފުރިހަމަ މެހުމާނުދާރީއަކާއި ގިނަ ތަޖުރިބާތަކެއް ލިބުނު އުފާވެރި ދަތުރެކެވެ.
________________________________
ބައެއް ލަފުޒުގެ މާނަ:
ނަސްލުހޭދު ނ. އިންސާނީ ނަސްލެއް ނައްތާލުމަށް ޓަކައި ގަސްތުގައި މަރައި ހުސްކުރުމުގެ ޢަމަލު.